ދިވެހި ބަހުން ލިޔެ ކިޔައި ވާހަކަ ދެއްކުމުގައި ދަރަޖަތަކެއް ހުރެއެވެ. ޒަމާނުއްސުރެ މި ދަރަޖަތައް ބޭނުން ކުރެވިފައި ވެއެވެ. އެކި ދުވަސްވަރު އެކި ބަދަލުތަކާ އެކީގައެވެ. ޙުސައިން ޞަލާޙުއްދީން (1388ހ.) ވިދާޅުވާ ގޮތުގައި އެމަނިކުފާނުގެ ޒަމާނަށް އައި އިރު އެކި މީސް މީހުންނަށް ދަރަޖަ ދީ އުޅުނު ގޮތުގައި ގޯސްތަކެއް ހުށްޓެވެ. ހަމަ އެހެންމެ ދަރަޖަ ދީ މާތް ކޮށް ހިތުމުގައި ބައެއް ތަކެއްޗަށް ނިސްބަތް ކުރެވޭ އިރު ކުށް ގޮތްތައް ބޭނުން ކުރެވިފައި ހުއްޓެވެ.

ދިވެހި ބަހުގެ އިހުގެ ލިޔުންތެރީން، ދަރަޖަ ދީގެން ވާހަކަ ދެއްކުން ހިމަނުއްވައިފައި ވަނީ، ވާހަކަ ދެއްކުމުގެ އަދަބުގެ ތެރޭގައެވެ. ޢަލީ އަޙްމަދު (2013) ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިބަހުން ވާހަކަ ދެއްކުމުގައި ބޭނުން ކުރެވޭ ތިން ދަރަޖައަށް ފަރުވާތެރިވެ އެ ހަމަތަކާ އެއް ގޮތަށް ވާހަކަ ދެއްކުމީ، ވާހަކަ ދެއްކުމުގެ އަދަބުތަކަށް ފަރުވާތެރިވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ދަރަޖަ ދެވޭ ފަރާތްތައް:

ދިވެހިބަހުން ވާހަކަ ދައްކައި ލިޔެ ކިޔުމުގައި ވަކި ޚާއްޞަ ދަރަޖަ ދެވޭ ފަރާތްތައް ބެހިގެން ވަނީ މައިގަނޑު 5 ބައެއްގެ މައްޗަށެވެ. އެއީ:

  1. އަރަހުށި ﷲ
  2. މަލާއިކަތުން
  3. ޙޫރުލްޢީނުން
  4. އިންސާނުން
  5. މުޤައްދަސް ބައެއް ތަންތަން

މި ފަސް ބައިގެ ތެރެއިން، އިންސާނުންގެ ދެ ގިންތިއެއް ފިޔަވައި އެހެން ހުރިހައި ފަރާތްތަކާ ވެސް މުޚާޠަބު ވެވޭ ދަރަޖައަކީ އެންމެ މާތް ދަރަޖައެވެ. އިންސާނުންކުރެ އެންމެ މާތް ދަރަޖައިން މުޚާޠަބު ނުވެވެނީ، އާނ – ހޫނ ގެ ދަރަޖައިން މުޚާޠަބު ވެވޭ ’މީހުން‘ އާއި، ލައްބަ – ދުރުވުމުގެ ދަރަޖައިން މުޚާޠަބު ވެވޭ ’ބޭކަލުން‘ އާ މި ދެ ގިންތިއެވެ.

ދަރަޖަ ދެވޭ ހައިސިއްޔަތު:

މި ޒަމާނުގައި ބަހުގެ ދަރަޖައިގެ ވާހަކަ ދެކެވޭ އިރު، އެންމެ ގިނައިން އުފެދޭ އެއް ސުވާލަކީ، ދަރަޖަ ދެވެނީ ކޮން ހައިސިއްޔަތަކުން، ކީއްވެތޯ އެވެ. އެކަކު މާތް، މޮޅު މީހަކަށް ވެފައި، އަނެކަކު އާދައިގެ ދެރަ މީހަކަށް ވަނީ ކޮން ހަމައަކުންތޯ ކުރެވޭ ސުވާލެވެ. މިއީ ކުރުން މުހިންމު ސުވާލަކަށް ވެދާނެއެވެ. އެކަމަކު މި ކަރުދާހަކީ މި ސުވާލަށް ޖަވާބު ދޭން ތައްޔާރު ކުރެވޭ ކަރުދާހަކަށް ނުވާތީ، އެ ވާހަކަ ތަންކޮޅެއް ކުރުކޮށް ބުނެލެވޭތޯ ބަލާނަމެވެ. އެހެން ރާގަކަށެވެ. އެހެން ނަޒަރަކުންނެވެ.

އަނެކާއަށް މާތް ދަރަޖަ ދީގެން، ކަމޭ ހިތައިގެން  ވާހަކަ ދެއްކުމަކީ، ތިމާގެ ޤަދަރު މަތިވެރި ވާ ކަމެކެވެ. ރީނާ ބަޓްރާ (2011) ވިދާޅުވާ ގޮތުގައި އަނެކާއަށް ކަމޭ ހިތައި، އޭނާގެ ޤަދަރު އުފުލައިގެން ވާހަކަ ދެއްކުމީ ތިމާގެ ނިކަމެތިކަން ހާމަ ވާހަކަމެއް ނޫނެވެ. އަދި ކިއެއްތަ؟ އެ ކަމުން ތިމާގެ ޤަދަރު އުފުލި އެހެން މީހުންގެ ގާތުގައި ތިމާގެ އަގު އަރައިގެންދާނެއެވެ. ޤައުމު ޤައުމާއި މުޖުތަމަޢުތަކުގެ މަތީ މަޤާމުތަކަށް އުފުލިގެންދާ ގިނަ މީހުންނަކީ، އެތައް މިލިޔަން ބައެއްގެ ތެރެއިން ހޮވައިލެވޭ، އަނެކާއަށް ކަމޭ ހިތުމުގައި ކުރި ހޯދައިފައި ވާ މީހުންކަމަށް ދިރާސާތަކުން ދައްކައެވެ.

ދިވެހިބަހުގައި އަނެކާގެ ޢިއްޒަތް މަތިވެރި ކުރުމަށްޓަކައި ބަހުގެ ދަރަޖައިގެ ބޭނުން ހިފެއެވެ. ބަހުގެ ދަރަޖައިގެ ފެށުން ގުޅިފައި ވަނީ ނަސްލީ އިމްތިޔާޒާ ކަމަށް ޢަބްދުލްޙަކީމު ޙުސައިން މަނިކު (2013) އާއި، ޢަލީ އަޙްމަދު (2013) ހާމަ ކުރައްވައެވެ.  ރާއްޖޭގެ އެންމެ މަތީވެރިކަން ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވީ ވިހިވަނަ ޤަރުނުގެ މެދެއްހައި ތާނގައެވެ. މިހާރު މީ އެކާވީސް ވަނަ ޤަރުނެވެ. ރަސްކަމުގެ ’މޫރިތިކަން‘ ނެތި ހިނގައްޖެއެވެ. އޭގެ ސަބަބުން އިންސާނުން ގިންތި ކޮށްފައި އޮތް އޮތުމަށް ވެސް ނިމުން އައިތާ ކިތަންމެ ޒަމާނެކެވެ.

މި ޒަމާނުގައި ދަރަޖައަކީ ވާހަކަ ދައްކާ މީހާ، އޭނާ އަކީ ގޮތް ހުރި ހަރުދަނާ މީހެއްކަން އަނގައިދޭން ބޭނުންކުރާ ހަމައަކަށް ވެއްޖެއެވެ. ހަމަ އެހެންމެ އިޖުތިމާޢީ ހަރުގަނޑުން އެ މީހަކު މައްޗަށް އެރި ނިސްބަތަކުން އެމީހާއީ މީހުން ދަރަޖަ ދޭ ޤަދަރު ހުރި މީހެއްކަމުގައި ބެލެވޭން ފަށައިފިއެވެ. އެހެން ކަމުން މި އަދު އަނެކާއާ މުޚާޠަބުކޮށް ވާހަކަ ދެއްކުމުގައި އޭނާއާ މުޚާޠަބު ކުރާނެ ގޮތެއް ކަނޑައަޅަނީ ވާހަކަ ދައްކާ މީހާއެވެ. ތަހުޒީބު މީހުން ތަރުޙީބު ދޭ ގޮތަކީ ކޮންމެ މީހަކާ ވެސް ރީތިބަހުން ވާހަކަ ދެއްކުމެވެ. ޚާއްޞަކޮށް ސަރުކާރު އޮފީސްތަކުގައެވެ.  ރަސްމީ ބައްދަލުވުންތަކުގައެވެ. ތަޢުލީމު ޔާފުތާއިންގެ  ވެށީގައެވެ.  މި ޒަމާނުގައި ދަރަޖަ ދެވޭ ހައިސިއްޔަތަކީ މިއެވެ.  މުޖުތަމަޢު އެމީހަކު ބަލައިގަންނަ ގޮތެވެ.

މި ކުރެހުމުން މި ފެންނަނީ ވާހަކަ ދެއްކުމުގެ އެންމެ މާތް ދަރަޖައިގައި  އިންސާނުން ބެހެވިގެންވާ މައިގަނޑު ބައިތަކެވެ. މި ހުރިހައި ފަރާތްތަކާ ވެސް މުޚާޠަބު ކުރެވޭނީ އެންމެ މާތް ދަރަޖައިންނެވެ. ނަމަވެސް؛

  1. ރަސޫލުންނާއި ނަބީންނާއި ޞާލިޙުން، ރަސްރަސްކަލުންނަށް ވުރެ، މާނަވީ ގޮތުން، އިސްވެގެންވާ ކަމުގައި، ބެލެވިގެންވެއެވެ. އެހެންކަމުން ރަސްގެފާނާ މުޚާޠަބު ކުރުމުގައި ބޭނުން ނުކުރެވޭ ވަކި ޚާއްޞަ ބައެއް ލަފުޒާއި ބައެއް ޢިބާރާތް، ކައު އިތުރު ރަސޫލާގެ ނިސްބަތުގައި ހުރެއެވެ.
  2. ރަސްގެފާނަކީ ރައީސަށްވުރެ ބާރުވެރި ޝަޚުސެކެވެ. އެހެންކަމުން ރައީސާ މުޚާޠަބު ކުރުމުގައި ބޭނުން ނުކުރާ ބައެއް ލަފުޒުތަކާއި، ޢިބާރާތްތައް ރަސްގެފާނަށް ޚާއްޞަވެފައި ވާތީ ފެނެއެވެ.
  3. ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި އެ ގިންތީގެ އެހެން ބޭފުޅުން އެއް ހަމައެވެ.
  4. ’ޚާއްޞަ ބޭފުޅުން‘ އަކީ ނަސަބާއި ވާރުތައިގެ ފަރާތުން ބޭފުޅުވަންތަކަން ލިބިވަޑައިގެންފައި ވާ މާލޭގެ ބޭފުޅުންނެވެ. މި ބައިގެ ޚާއްޞަކަން މި ޒަމާނުގައި އޮތީ މުޅީންހެން ނެތި ހުލިވެފައެވެ.
  5. އާންމު ބޭފުޅުންނަކީ، އިޖުތިމާޢީ ހަރުގަނޑުން އޭނާއަށް އެރިފައި ވާ އުސްމިނެއްގެ ނިސްބަތުން ކަމޭ ހިތޭ ފަރާތްތަކެވެ.

ދަރަޖަ ރައްދު ވާ ހަމަ:

=ދަރަޖަ ދެވެނީ ޝަޚުޞަށެވެ. މީހާ އަށެވެ. އެހެން ކަމުން އެމީހަކާ ވާހަކަ ދައްކާން އިޚްތިޔާރު ކުރި ދަރަޖައަކުން އެމީހަކާ ވާހަކަ ދައްކާން ވާނެއެވެ. ދަރަޖަ އިޚްތިޔާރު ކުރުމުގައި ޒަމާނުއްސުރެ މުޖުތަމަޢު ބަލައިގެންފައި ވާ އަގުތަކާއި ހަމަތަކަށް ރިޢާޔަތް ކުރާން ވާނެއެވެ.

ޝަޚުޞަށް ނުވަތަ މީހަކަށް ދަރަޖަ ދިނުމުގައި އޭނާއާ ގުޅޭ ތަކެތީގެ ނަމުގެ ފަހަތަށް ދަރަޖަ ދިނުމުގެ ސިފަ ގެނެއެވެ. އޭނާއާ އެންމެ ގާތުން ގުޅޭ ކަންކަމުގެ ފަހަތަށް، ދަރަޖަ ދިނުމުގެ ސިފަ ގެނެއެވެ. އޭނާއާ އެންމެ ގާތުން ގުޅޭ މީހާގެ ނަމުގެ ފަހަތަށް ވެސް މި ފަދަ ބައެއް ބަދަލުތައް އާދެއެވެ.  ތިރީގައި ވާ ކުރެހުން ބަލާށެވެ!

އެހެންކަމުން، މީހާ މާތް ކުރުމަށްޓަކައި، ދަރަޖަ ދިނުމުގެ ސިފަ ދެވެނީ އޭނާއާ އެންމެ ގާތުން ގުޅޭ ތަކެއްޗަށެވެ. ކަންކަމަށެވެ. ސިފައަށެވެ. އަތްޕުޅެވެ. ހިތްޕުޅެވެ. ދަބަސްކޮޅެވެ. ’އެ ބޭފުޅާ ވަރަށް ހިކި ފުޅެވެ.‘ މި ކަންކަމުން މާތް ވުމުގެ ސިފަ ލިބެނީ އެ ކަންކަން ނިސްބަތް ވާ މީހާއަށެވެ. ޝަޚުޞަށެވެ. މިއީ ދަރަޖަ ރައްދު ވާ އެއް ހަމައެވެ.


ދެން އޮތް ފިލާވަޅުގައި:

  • ބަހުގެ ދަރަޖަ (1) ގައި މި ބަލައިލީ ދަރަޖަ ރައްދުވާ ގޮތަށެވެ.
  • ބަހުގެ ދަރަޖަ (2) ގައި ބަލައިލާނީ ދަރަޖައިގައި ބަދަލުނަން ބޭނުން ކުރެވޭ ހަމައަށެވެ.