މި ރެޔަކީ  ކާއްޓޭގެ 18 ވަނަ އުފަން ދުވަސް ފާހަގަ ކުރެވޭ ރެ އެވެ.   ގިނަ ދުވަސްތަކެއް ވަންދެން ބޭރު ވިލާތެއްގައި ރަސްމީ އިސްމަގާމެއް ފުރުމަށްފަހު، ކާއްޓޭގެ ބައްޕަ ވެސް މި ރެޔަށް  އޭނީ ވަޒަނަށް އެނބުރި އައިހެވެ. ކާއްޓޭ އުފަންވުމަށްފަހު، މިއީ  ނާޝިދު  ރަށަށް އައި  ފަސްވަނަ ފަހަރެވެ.  ގޭ މެދުގެ ތެރޭގައި ހުރި ބޮޑު ސޯފާގައި ދެ މަފިރިން އެ ތިބީ މިރޭ ޤާނޫނީގޮތުން ބާލިޣުވާ ދަރިފުޅުގެ އިންތިޒާރުގައެވެ.  ނާޝިދަށް ނޭނގުނަސް، ކާއްޓޭގެ ބެސްޓު ފުރެންޑް އިބޫ، ކާއްޓޭގެ ކޮޓަރިތެރޭގައި އުޅޭކަން މަރީނާޔަށް އެނގެ އެވެ. ކާއްޓޭ މި ވަގުތު ވެސްވީ  އިބޫ ފޮނުވި ތަނުގައިކަމާއި، ބާރަ ޖަހަންވާއިރަށް އަންނާނޭކަމާއި، ”އަންނަ އިރުން ގެންނާނޭ“ ކަން އިބޫ އަށް ޔަގީންވެ އެވެ.   ގުރޫޕުގެ އެހެނިހެން މެންބަރުން ވެސް އެ ވަގުތައް އެއްތަންވާނެ އެވެ.  މި އިޙްތިފާލަށްޓަކައި ކާއްޓޭގެ ބައްޕަ އައިސް އުޅޭކަން އޭނާއަށް ސިއްރު ކުރެވިފައި އޮތީ، ސަޕްރައިޒެއް ދޭންވެގެންނެވެ.

”ފަހުޒަމާނުކަރަ“އިގެ އެހެނިހެން ބައެއް ގޭގެ ފަދައިން މި ގެޔަކީ ވެސް ބޯދާ އާދަކާދަ ތަކާ މުސްކުޅި ޚިޔާލުތަކަށް ނަފުރަތުކުރާ، މިނިވަންކަމަށް ލޯބިކުރާގެޔެކެވެ.  ވޭނެއް ތަދެއް، ރިހުމެއް ސިހުމެއް ނެތް ދިރިއުޅުމެއްގެ ހުވަފެންތައް  ވިދަމުންދާ،  ހުޅުވިފައިވާ ގަނޑުވަރެކެވެ.

މަރީނާގެ އުމުރު ޒުވާންކަމަށް އަލްވަދާޢު ކިޔައި، މުސްކުޅި ކަމާ ބައްދަލު ކޮށްފައި ނުވިޔަސް، ނާޝިދު އެދަނީ ފަންސާހުގެ އަހަރުތައް ގުނަމުންނެވެ. ދެމަފިރިންނަށް ލިބުނު ހަމަ އެކަނި ފުރާނަ ކަމުގައިވާ މި ދަރިފުޅު  އުފަންވީ ދުވަހު އެކަމަށް  ބޮޑެތި ތައްޔާރުތައް ވެވުނެވެ.  ރީތިކުރާ ސާމާނެވެ.  އެނދުތަންމަތީ ތަކެއްޗެވެ.  ތަންގަނޑު އެންމެންނަށް މަސްބެހޭ ވަރުގެ ރޫފަ ރަނގަޅު ސަމައްތަރު ހެޔޮ  ބަކަރިއެކެވެ.  ނަން އިޚްތިޔާރު ކުރުމަށްޓަކައި ދޮޅަހަކަށް ދަންނަބޭކަލުންގެ އަތުން ނަން ލިސްޓު  ހޯދުނެވެ. އުނިކަމެއް ނެތް  ރީތި ނަންނަމެވެ.  މާނަ   ފުރިހަމަ ނަންނަމެވެ.  ލިބުނު ނަންތަކުގެ ތެރޭން އެންމެ ފުރިހަމަ ނަމަކަށްވީ “ކާމިލު“ އެވެ. ބޮޑު ޝީނެއްގެ އަޑު ނެތުން ފިޔަވައި އެ ނަމުގައި ކުޑަވެސް އުނިކަމެއް ނެތެވެ. މާނަ ފުރިހަމަ އެވެ. އަކުރުތައްމަދެވެ. ކުރު ނަމެކެވެ. ދަރިފުޅަށް އަކުރެއް މަންމަޔަށް އަކުރެއް ބައްޕަޔަށް އަކުރެކެވެ. އެންމެ ތިން އަކުރުގެ ނަމެކެވެ. ކިހައި ބޭނުންތެރި ކަމެއް ހެއްޔެވެ؟ މީގެ އިތުރަށް އެ ނަމުގައި ކާފަގެ ކ.އާއި މާމަގެ މ. ހިމެނިފައި އޮތުމުން ވެސް ނަމެއްގައި ހުންނަންޖެހޭ ވަރަށްގިނަ ޝުރުޠުތައް އެވަނީ ފުރިހަމަ ވެފަ އެވެ.   މި ނަން  ލޯބިން ކިޔާނީ “ކާމީ“ މި ގޮތަށެވެ.   ގާތްތިމާގެ އެންމެން ވެސް ކާމިލަށް ލޯބިން ކިޔައި އުޅުނީ ކާމީ އެވެ.

މި ދަރިފުޅު އަރާމާ އުފަލުގައި ގެންގުޅުމަށް އެ ދެމަފިރިންގެ ހުރިހާ މުދަލެއް ހޭދަ ކުރާނެ އެވެ.  އެ ކުއްޖާފުޅުގެ ހިތަށް ދަތިކަން ލިބޭނެކަމެއް، ލޮލުން ކަރުނައެއް ހިލޭނެ ސަބަބެއް މެދުވެރިވިޔަކަ ނުދޭނެ އެވެ. އެ ދަރިފުޅު ހުންނަންވާނީ އަބަދު ވެސް އުފަލުންނެވެ. ހިތްހަމަ ޖެހިގެންނެވެ. ހީނލަ ހީނލަ އެވެ.  އެއީ މަންމަގެ ވެސް ބައްޕަގެ ވެސް ހިނިތުންވުމެވެ.

ކާމީ، ތުއްތު އުމުރުން ކުޑަކުއްޖެއްގެ އުމުރަށް ބަދަލުވީ މި ގޮތުގަ އެވެ. ކުޑަ ކުއްޖެއްގެ އުމުރުން ފުރާވަރަށް، ފުރާވަރުން ޒުވާންކަމަށް ދަތުރުކުރީ ވެސް ކަރުނައިގެ އެއްވެސް އަޑިގަނޑަކަށް ވަޅުގަނޑަކަށް ނުވެއްޓި އެވެ. ހުރިހާކަމެއް ހުރިހާ މާނައެއްގައި ފުދިގެންނެވެ. ފުރާފުރިހަމަ ވެގެންނެވެ.

އުމުރުން ސޯޅަ ސަތާރަ އަހަރަށް އެޅި އިރު، ރައްޓެހިން ވަރަށް ގިނަވެއްޖެ އެވެ. ކާމިލަށް އާއިލާ މީހުން “ކާމީ“ ކިޔަސް އެއީ ޒަމާނަށް ފެތޭ ނަމެއް ކަމަކަށް އެ ރަށްޓެހިންނެއް ގަބޫލެއް ނުކުރި އެވެ. އެއީ މާ ރަނޑު ނަމެކެވެ.  ކަޑަ ނަމެކެވެ. މި ނަމުގައި އެއްވެސް ގަޓެއް ނެތެވެ. ދެން އޮތީ ފުރިހަމަ ނަންކިޔުމެވެ. ކާމިލު ކިޔުމެވެ. މި ނަން ކިޔަންފަށައިފި ނަމަ އަދި މާ މުސްކުޅި އެވެ. އޭރުން ހީވާނީ  ބޯދާ ޒަމާނު އަހިލަންކައިގެ ގަނޑުވަރުތެރޭ  މަނިއްޕުޅެއް ނުވަތަ  ސީދީއެއްގެ ނަންފުޅުހެންނެވެ.  އެހެންވީމާ ބަކަރިއެއް ކަތިނުލިއެއްކަމަކު، އަލުން ނަމެއް ކިޔަން އެބަ ޖެހެ އެވެ. ރައްޓެހިންދޭ ނަމެކެވެ. ޒަމާނާގުޅޭ ސްޓައިލުގެ ނަމެކެވެ. މޮޑަން ސްޓައިލަށް ފެތެންވާނެ އެވެ. ރައްޓެހިންގެ ތެރޭގައި  ޒަމާނީ ނަންކިޔުމުގެ ފޯމިއުލަރއެއް އޮވެ އެވެ. އެ ފޯމިއުލަރ އިން ބެލީމައި ކާމިލަށް ލިބޭ ނަމަކީ ކާއްޓޭ އެވެ.   މި ނަން ވަރަށް މަޝްހޫރު ވެއްޖެ އެވެ.  ކާއްޓޭއޭ ބުނީމާ މިހާރު ވަރަށް ގިނަ މީހުން ދަންނާނެ އެވެ. ޚާއްޞަކޮށް އޭނާ އެ ގުރޫޕެއްގައި ލީޑު ގިޓަރިސްޓެއްގެ ބައިކުޅޭ  “ސެޓާން“ މިޔުޒިކު ގުރޫޕަކީ އެއް ދުވަސްވަރެއްގައި ދުނިޔޭގައި ބެކްސްޓްރީޓް ބޯއީޒް މަޝްހޫރުވި ފަދައިން،  ފަހުޒަމާނުކަރައިގައި މިއަދު މަޝުހޫރުވެ ކުރިހޯދަމުން އަންނަ ޒަމާނީ މިޔުޒިކު ގުރޫޕެކެވެ. ވީމާ މި ނަން ވަރަށް ގުޅެއެވެ. ނަތީޖާއެއްގެ ގޮތުން،  އާއިލާގެ ވެސް ގިނަ މީހުން މިހާރު އޭނާއާ މުޚާޠަބުކޮށް އުޅޭ ނަމަކީ، ކާއްޓޭ ކަމަށްވެއްޖެ އެވެ. ޒަމާނުގެ އަޣްލަބިއްޔަތުން އެ ނަން ފާސްވީ އެވެ.

ކާއްޓޭ އުފަންވި ފަހުޒަމާނުކަރައަކީ، މިހާރު އާދަޔާ ޚިލާފު ސިފަތަކެއްގެ ވެރިދީބެކެވެ.  އެތަނަށް ފަހުޒަމާނުކަރަ ކިޔަނީ ދެގޮތުން ވެސް ނެތި ފަނާވެދާން ކައިރިވެފައި އޮތީމާ ކަމަށްވެދާނެ އެވެ.   އުފެދި އޮތްގޮތުގެ މައްޗަށް ބަލާއިރު، ދުނިޔޭގެ މޫސުމަށް އަންނަ  ފުރޮޅުންތަކުގެ ތެރޭގައި  އެ ތަނާމެދު އުންމީދެއް ނެތްކަމަށް ސައިންސްވެރިން ބުނަން ފަށައިފި  އެވެ. ތަނުގެ މީހުންގެ ފިކުރާ  އަޚުލާޤިއްޔާތަށް އައި ކިލަނބުކަމުގެ ސަބަބުން،  މުސްތަޤުބަލާމެދު ސުވާލު އުފެދިފައިވާކަމަށް އެތައް ފިލޯސަފަރުންނެއް ޙަކީމުންނެއް ބުނަން ފަށައިފި އެވެ. މި ދުނިޔޭން  ޤިޔާމަތުގެ އަލާމާތްތައް އެންމެ ސާފުކޮށް ތާޒާކޮށް ފެންނަ އެއްތަނަކަށް އެ ކަރަ  ވެފައިވާކަމުގައި އިތުބާރުހުރި އެތައް ދަންނަބޭކަލުންނެއް  “ފަތުވާ“ ނެރެން ފަށައިފި އެވެ.  އެ ތަނުގައި ނުކުރާ ފާފައެއް ނުހިންގާ ޖަރީމާއެއް  މަދެވެ.  އަދީބުންނާއި، ޙިކްމަތްތެރީން މި މޭރުމުން މިވާހަކަތައް  ލިޔެ ހާމަކުރަންފަށައިފި އެވެ.  ނަސޭހަތާއި އިންޒާރުތައް ތަކުރާރު ކުރަންފަށައިފި އެވެ.  މަރު ނިދީގައި އޮތް ތަރުބިއްޔަތުގެ އެއްލޯ ނަމަވެސް ހުޅުވައިލާ ތޯ އެވެ.  ފަހުޒަމާނު ކަރައިގެ މި ޙާލަތާ މެދު ކަންބޮޑުވާ ޅެންވެރިޔަކު ކިޔައިފައި އޮވެ އެވެ.

”ތަރުބިއްޔަތެއް ނެތުމާއެކީ ތަޢުލީމަކީ ލިބެވޭ

ފަރުވާއެކޭ އަދި ބޭހެކޭ ބައްޔަށް ޝިފާ ނުލިބޭ“

އިބޫއަކީ ގުރޭޑު އަށެއްގައި ކާއްޓޭ ކިޔަވަން އުޅެނިކޮށް، މި ކަރައިން އޭނާއާ  ރައްޓެހިކަން އުފައްދައިގަތް  އޭނާގެ  ބެސްޓު ފުރެންޑެވެ. ކާއްޓޭ ފުރަތަމަ އިބޫ ދެކެފައިވަނީ ސައިބަރ ކެފޭއަކަށް ދިޔަ ދިޔުމެއްގަ އެވެ.  ޢުމުރުގެ ގޮތުން ދެ މީހުންގެ ދެމެދުގައި ބޮޑު ތަފާތެއް ހުއްޓެވެ.  އިބޫ މާބޮޑަށް ވެސް ދޮށީ އެވެ.  ނަމަވެސް  ގިނަ ދުވަސްތަކެއް ނުވެ އިބޫއާ ކާއްޓޭގެ ގުޅުން ވަރަށް ގާތްވެގަދަފަދަ ވެއްޖެ އެވެ.  ކާއްޓާއި ނާށްޓަށް ވެއްޖެވެ.

މިހާރު އިބޫ ބުނާ ކޮންމެ ކަމެއް ކާއްޓޭ ކުރާނެ އެވެ. ކާއްޓޭ އެދޭ ކޮންމެ ކަމެއް އިބޫ ވެސް ކޮށްދޭނެ އެވެ. މީގެ ދެ އަހަރެންހާ ދުވަސް ކުރިން  ”ހުޅަނގު ހައުސް“ އަށް ކޭބަލް ޓީވީ ލެވިފައިވަނީ ވެސް އިބޫގެ އިސްނެގުމުގެ މަތިންނެވެ. ހޮލީވުޑުގެ އެންމެ ފަހުގެ ފިލްމުތައް ހޯދާ ނުހޯދާ ގޮތެއް ނޭނގެ އެވެ. ކަޅާ ރަތުގެ ބިރުވެރި ފިލްމުތަކާއި، ރަތާ ނުލުގެ ބިރުހުރި ފިލްމުތަކެވެ. ކާއްޓޭގެ މަންމަ މިހާރު އެ އިންނަނީ އޭގެތެރޭން އޭނާއަތަށް  ދެވޭ ފިލްމުތަކުގެ ތެރޭގަ އެވެ. އެއް ފިލްމަށް ފަހު އަނެއް ފިލްމުގަ އެވެ. ފޫހިވާކަށް ނުޖެހެ އެވެ. ހައްތާ ވެސް އިބޫގެ ހެޔޮ ކަމެވެ.  އިބޫގެ ރަނގަޅުކަމާއި ދީލަތިކަމެވެ.

ނާޝިދު،  އެއް ދަތުރެއްގައި އައިއިރު، ކާއްޓޭގެ މަންމަ ފެންނަލެއް ވަރަށް ތަފާތެވެ. ގޭތެރެ ވެސް ތަފާތެވެ. އެންމެ އަޅައިގަތް ތަފާތަކީ، ކާމިލުގެ ނަމަށް އައި ބަދަލެވެ. ކާއްޓޭއޭ ކިޔަނީ ކީއްވެގެންހެއްޔެވެ؟ އެއީ މި ޒަމާނު ކުދިންގެ ގޮތަކީ ތާ އެވެ؟  އެ ދަތުރު ނާޝިދު  ފުރައިގެން ދިޔައީ އަމިއްލަ ހިތުގައި އުފެދުނު ސުވާލަށް އަމިއްލަޔަށް މި ޖަވާބު ދީފަ އެވެ.

ފާއިތުވި އަހަރުތަކަށް ބަލާއިރު، އިބޫ ވަރަށް ގިނައިން ”ހުޅަނގު ހައުސް“ އަށް އާދެ އެވެ. ހަމަ އެ ގޮތަށް ކާއްޓޭ ވަރަށް ގިނައިން އިބޫއާ އެކު ބޭރުގައި އުޅެ އެވެ. ދެވެރިންގެ ލަޝްކަރު ވެސް ކުޑައެއް ނޫނެވެ. މި ގުރޫޕާއި، އަދި މީގެ ދެކުދިން ލަނީ މުޅީން ވެސް ކަޅުޓީޝާޓެވެ. ކާއްޓޭގެ ބޮލުގެ ކުލަ ވެސް ޒަމާނާ ގުޅުވައިލައިފި އެވެ. ގެރިގުއިކުލައިގެ ހިތްގައިމު އަސަރެވެ. އެންމެ ފައްކާ ފެޝަނެއްގެ ގޮތުގައި ޅިނދުމަތިން ޖިންސު ސޮއްސައިލައިގެން ހިނގައި އުޅެން ފަށައިފި އެވެ. ޖިންސުގެ ފައިކުރިން ކުރުމުށެއްހައިތަން  ފުންނައިބު ދަށަށް ދޫކޮށްލެވިފައި އޮންނަނީ ބިންމަތި ކުނިކަހާ ސާފު ކުރަން ވެސް ތޯއްޗެކެވެ.  މި މަންޒަރުތައް ފެނުމުން މަރީނާ ވަރަށް ހިނި އާދެއެވެ. މި ޒަމާނުގެ ޒުވާނުން މި އުޅޭ ގޮތެއްތާ ދޯ އެވެ.

ނާޝިދުގެ އެހެން ދަތުރެއްގައި  އެހެން ކަމެއް ފާހަގަ ކުރެވިއްޖެ އެވެ.  ކާއްޓޭގެ  އެއްކަލަ ސޮހިފައިވާ ޖިންސްގައި އަޅައިގަތީ އެވެ.  ނަމަވެސް އޭނާގެ ކިޔެވުމާއި އެހެނިހެން ކަންކަން މަރީނާ ބަލަހައްޓާކަން އެނގެ އެވެ. އޯލެވެލް ނަތީޖާ ވެސް ދެރަ އެއް ނޫނެވެ. ވީއިރު، ކަންކަމާ ކޮންމެހެން ސުވާލު ކުރާނެ ކަމެއް ނެތެވެ. މީހާގެ މޮޅު ދެރަ، ރަނގަޅު ނުރަނގަޅު އެއީ ހެދުން އަޅާ ގޮތާ ގުޅިފައި އޮތްކަމެއް ކަމަށް، ލިޔެފައި އޮތީ ކޮންތަނަކު، ކޮންފޮތަކު ކާކު ހެއްޔެވެ؟ ކާމިލަށް އެހެރީ  ފަސްތަރީގެ ފެންވަރުގެ ކޮޓަރިއެއް ވަކިން ހަދައިދީފަ އެވެ. އޭސީ ހަރުކޮށްދީފަ އެވެ. އެޓޭޖް ބަރތުރޫމެވެ. ވައިފައިކޮށް އިންޓަރނެޓު ލިބޭނެ އެވެ. އެޕަލް ލެޕްޓޮޕެވެ. އައިފޯނެވެ. ފޫހިވެއްޖެއްޔާ ގިޓާ އެޔޮތީ އެވެ. ޑްރަމްސެޓާއި ކީބޯޑު ވެސް އެހެރީ އެވެ. ހިތްހަމަ ޖައްސައިލީމައި ނިމުނީ ނޫންހެއްޔެވެ؟ އެ އުމުރުގައި  އެއްފުރާ ކުދިންނާއެކު މަޖާ ވެސް ކުރާނެ އެވެ.

މާ ބޮޑަށް ފިތްތަން ފަށައިފިއްޔާ ކުދިން ރުޅިގަދަވެ މައިންބަފައިންނަށް ނަފުރަތު  ކުރަން ފަށާނެ އެވެ. ކިޔެވުންމަތިން ފޫހިވެދާނެ އެވެ.  އެމެރިކާ، ކެނެޑާ، އިނގިރޭސި ވިލާތް ފަދަ ގައުމުތަކުގައި  ކުދިން ތިބެނީ އެ ކުދިންގެ އަމިއްލަ ފިކުރަށް ވަރަށް ބޮޑަށް ދޫކޮށްލައިފަ އެވެ. އެމީހުންގެ ތެރޭން އެހާ ގިނައިން ބޮޑެތި  ސައިންސްވެރިން އުފެދެނީ އެހެންވެގެންނެވެ.

”ދަރިފުޅު އައިސް ވަންނަ އިރު އަހަރެމެން ދެމީހުން އެކީގައި ސޯފާގައި ތިއްބައި ފެނުނީމާ ވަރަށް ސަޕްރައިޒްވާނެ“  މަރީނާ ބުންޏެވެ.

”ނޭނގޭނެ ދޯ އަހަރެން އައިކަމެއް“ ނާޝިދު އަހާލިއެވެ.

”އާނ! ޔަގީނެއްނު!  މަށެއް ނުބުނަމޭ“ މަރީނާ އިތުރަށް ކަށަވަރުކޮށްދިނެވެ.

ކޮންތަނެއްގަޔޯ މި ވީ؟ ނާޝިދު ބޭނުންވީ އިތުރު ތަފުޞީލެވެ.

”އެވާނީ ރައްޓެހި ގުރޫޕު ކުދިންތައް ބަލައި ގޮސް ވީ ކަމަށް“ މަރީނާ ވާހަކަ ދެއްކީ ހިތުލަފަޔަށެވެ.

’ގުރޫޕު ކުދިން‘  މި ހެން ބުނެލުމާއެކު ނާޝިދު އިސްޖަހައިލައިފި އެވެ.  ޖުމުލައިގެ އަނެއްބައި، ލެނބިގެންދިޔަ ކަރުގެ ގުދުތެރޭގައި  ފިތިބާރުވީ ކަންނޭނގެ އެވެ. ކުރިޔަކަށް ނުދިޔަ އެވެ.  ޢިބާރާތް ފުރިހަމައެއް ނުކުރެވުނެވެ.

ނާޝިދުގެ ފަސްވަނަ ދަތުރު ވެގެން މި ދިޔައީ ވަރަށް ތަފާތު ދަތުރަކަށެވެ. ތަފާތު އިޙްސާސްތަކެއްގެ ދަތުރަކަށެވެ.  ވަޒީފާގެ މަސްއޫލިއްޔަތުގެ ގޮތުން  ވިލާތާއި އެ ނޫން އެތައް ގައުމަކަށް ޒިޔާރަތް ކުރުމުގައި އޭނާ ހޭދަ ކުރި ދިގު މުއްދަތުގައި ބުރެޒީލް، ނައިޖީރިޔާ ފަދަ ތަންތަނުން ދުށް މަންޒަރުތައް މި ފަހަރު އޭނާއަށް  ފަހުޒަމާނުކަރައިން އަލަށް ފެނިފައިވާތީ އެވެ. ކަންކަންމަތިން އޭނާ ދުށީ ނަގުލަންދާށްޓާއި ނާގަ ހަރުފަޔާއި، ކިނބުލާއި،  އާގުބޯޓުފަހަރުގެ ލޮތާރި އަށް ދަންދެން ގައިގެ އެތަން މިތަނުން ދެހަން ދޭތެރޭގައި ފަވައިފައިވާ ޒުވާނުންނެވެ. ނިދި ބުރާނތީގައި ހިނގާ ސޯޅިޔާއިންތަކެއްހެން މަގުމަތީގައި އެއްލެމުން ވިއްސެމުންދާ ދެޖިންސުގެ ޖޯޑު ޖޯޑެވެ.  ގަމުތެރެއަށް އަރައިލުމާއެކު ލޮލުގައި އަޅައިގަންނަނީ  ބިރުވެރި ހޮހަޅަތައް ފަދައިން އޭތި މީތި ކުރަހައިފައިވާ މަގުފާރުތަކެވެ. މައިރަށުތެރޭގައިވަނީ ވަލު ޖަންގަލީ ޓާކޫރުން ހިޞާރުކޮށް މަރުކަޒު ހަދައިފައިވާ ތިނެސްކަން ބުރުތަކާއި ވަށަ ބުރުތަކެވެ.  ހަތަރަނގޮޅިތަކެވެ.  މި ކަންކަމާ މެދު ނާޝިދުގެ ވިސްނުން މިހާރު ހުރީ ކިހިނެއްބާވަ އެވެ. ކޮންމެޔަކަސް އޭނާ ވަރަށް ފިކުރުވެރި ވެއްޖެ އެވެ. އޭނާގެ ތަނަވަސްވެ ޖާގަ ބޮޑުވަމުންދާ ނިތްކުރިއާއި، ރޫއަރައި ޅިޔަޅިޔައަށް ފިތެމުންދާ ދެ ކޮލުން އަންތަރީހުގެ އެތައް މީޓަރެއް އެއްފަހަރާ ސަތޭކަޔަށް އަރައިފައިވާތަން ފެނެ އެވެ. ގުދުގުދު ލައްވައި ގޮށްޖެހިފައިވާ ދެ ބުމައިގެ އިސްތަށިތައް އުފުލިލައިފައި ހުރި ގޮތުން  ދެ ބުމަ ހީވަނީ، ގޯނާއެއްކޮށް ރުޅިއަރުވައިފައިވާ  ދެ ހުވަނިހެންނެވެ.  ބޮލުގައި އަތުރުކޮށް ހުރި އިސްތަށިތަކުގެ މަތިން އުއިދެލީގެ  ކަޅުކަމެއް ފެންނަމުން ދިޔަ ނަމަ ވެސް، އެތެރެޔަށް ބަލައިލީމާ ފެންނަނީ ދެފަސް ބެދިފައިވާ ކަހަލަ މަންޒަރެކެވެ. އީޖާދީ ބޭސްވެރިކަމުގެ ޢިނާޔަތުގައި  އިސްތަށިކޮޅުގެ  މަތިން ކަޅުކަމެއް ދެއްކިޔަސް، ބޮލުއަޑީގައި ހާލިހަދައިފައިވަނީ އަލަށް ކަނޑައިލި އިހުރާމު ފޮށައެއްގެ  ހުދުކަމެކެވެ.

ބޭރު ދުނިޔޭން ފެނުނު ތަންތަނާއި، ޢުމުރުން ދުވަސްވުމުގެ ތަޖުރިބާ އެއްކޮށްލައިގެން އޭނާގެ ހިތް މި ވަގުތު އޭނާ އަށް ވިސްނައިދެނީ ކޮންކަމެއް ބާވައެވެ. މި ދަރަޖަޔަށް ”މިނިވަންކަން“ ނެތަސް ގައުމެއްގައި ސައިންޓިސްޓުންކޮޅެއް އުފެއްދިދާނެކަމަށް  އޭނާގެ ދުވަސްވެ ހަންޓޯޓޯވަމުންދާ،  ޒަމާނީ ޟަމީރު އޭނާއަށް ވިސްނައިދެނީ ބާވަ އެވެ. ހިތާ ނަފުސުން އެކަމަށް އެއްބަސްވެ އިޢުތިރާފުވުމުގެ ސުކޫތެއްގައި މި ވަގުތު ނާޝިދުފަކީރު ހަފުސްވަމުންދަނީބާވަ އެވެ.  ހަމަ ގައިމު ވެސް އޭނާޔަށް ކަށަވަރުވާކަމަކީ ފަހުޒަމާނުކަރަ މިހާރު އޮތްގޮތުން ހެވެއް ނުބައެއް އެޔެއް މިޔެއް ވަކިވާން ނެތްކަމެވެ. އެ ތަން ހަލަބޮލިކޮށް ބައިބޯ ކޮށްފައިވަނީ އެކި ކަހަލަ އެކި ޖަމާޢަތްތަކެވެ. އެކި ސަގާފަތްތަކާއި އެކި އާދަކާދަތަކަށް ލޯބިޖެހި ހެސްގެންފައިވާ  މަސްހުނި މީސްތަކެވެ.  ދޭސީންނާއި ބިދޭސީންނެވެ. ޖިންނި ޝައިޠާނުން ވެސް ނޫޅޭކަމެއް ނޭނގެ އެވެ.

ރޭގަނޑު ބާރައިގެ  ޚަބަރު ކުޑަތަންވަމުން  އަންނާތީ،  މަރީނާ ގޭގެޓީވީ ރަށު ޗެނަލަށް ބަދަލުކޮށްލި އެވެ. އިޝްތިހާރުގެ ވަގުތުކަމަށްވާތީ ޓީވީ މިޔުޓަށް ލި އެވެ.

”ކާމިލުމެން މި ކިޔާ ގޮތަށް ނަމަ މިހާރު އަހަރެމެން ދެމީހުންގެ ނަންވެސް ބަދަލު ވާނެ ދޯ؟“

މަރީނާ އެ ތާހުރި ދުފާތަބަކުން ނާޝިދަށް ބިލެތް އަރިއެއް ދިއްކޮށްލަމުން ސަމާސާ ކޮށްލުމުގެ ގޮތުން  ބުނެލި އެވެ.

”ކިހިނެއް؟“

ނާޝިދު ސުވާލު ކޮށްލީ ދިމާ ބޯކޮޅުވަތަށް އޭނާ އަޑިޔަށް ގޮސްގޮސް އޮތް   ފިކުރުގެ ކަނޑުން ކުއްލިޔަކަށް ބޯހިއްލައިލައި ބޯ ހޫރުވައިގަތުމާއެކުގަ އެވެ.  ހަށިފުރައި ނޭވައެއްލަމުންނެވެ.

”އެ ގޮތަށް ނަމަ އަހަރެމެން ދެމަފިރިން ވާނީ، އެކަކު ނާއްޓޭއަށް އަނެކަކު މަރިއްޓޭ އަކަށްނު!“

ނާޝިދު ނުރުހުންތެރިކަމާއެކު، ފޫހި ގޮތަކަށް ޗޮކެއްކަނޑައިލައިފައި…

”ހޫނ.. ކޮބައިތަ ކޮން އިރަކުންތަ ކާމިލުގެޔަށް އަންނާނީ؟“

ކައްޓާއެއްގެކަށިހެން ދެ އަތަށް ލޮޅެމުން  ހޫރެމުން ދުވަމުން އައި ޒުވާނަކު  ގޭ ސިޓިންގރޫމުތެރެޔަށް ވެއްޓިގަތީ އުޑުތިލަމަތީން ދިމާ އަރިބިތަށެވެ. ނޭވައިލަނީ، ސުއްކަތުރާ ކަނޑުން ބޯހިއްކާލި ވާވޮށިވެލައެއް ހެންނެވެ. މުޅި މީހާ ގުނބުހިލިފަ އެވެ. ވަރުބަލިވެ ލަހިވެފަ އެވެ. ދާ ހިއްލައި ފޯވެފަ އެވެ. ދެލޯހުރީ ދެކާށި ކިބަހެނެއް ނޫނެވެ. ކަޅި އަރައި މުދުނުގައި ވިދިފަ އެވެ. ދެމިޔަކަނުން ސޮނި ފައިބަނީ ފާވެފައިވާ އަލީބޮޚާރީއެއް ފެލައިލީމާ ފޮނިފައިބާ ގޮތަށެވެ.  މީހާ ގުޑުގުޑު އަޅައެވެ. ތުރުތުރު އަޅައެވެ. އަތްފައި ބުޅިކޮށް ހޫރުވަ އެވެ. ދެބަ ދޭތެރޭގައި ވާހަކަ ދައްކާ މީހަކުހެން އެކުލެވުމެއް ނެތް ބަސްތަކެއް ކިޔާކަން އެނގެ އެވެ. ބަނޑުގައި ރިހޭ މާބުރެއްގެ އަޑުންނެވެ.  އެ ކިޔަނީ ކީކޭކަމެއް،  މަހެއްކަމެއް  ކާށްޓެއްކަމެއް ވަތްކެއްނުވެ އެވެ.

ނާޝިދާއި މަރީނާ ފުންމައިގެން ތެދުވި އެވެ. ދަރިފުޅާ ރަންކޮޅާއޭ ކިޔައި ރޮއިގަންނަމުން ކައިރިވެލިވަގުތު، ބޭރުން ގޭތެރެއަށް ވަންނަވައި  ސަލާމް ގޮވައި ލެއްވީ ފުލުހުންގެ ދެ ބޭކަލުންނެވެ.

”އައްސަލާމު ޢަލައިކުމް! އިހަށް އަޅުގަނޑުމެންނަށް ފުރުޞަތެއް ދެއްވިއްޔާ ވަރަށް ރަނގަޅު“

ސަޕްރައިޒު މި ލިބުނީ ކާއްޓޭގެ ފަރާތުން ނާށްޓޭއާ މަރިއްޓޭއަށްތާ އެވެ. ފުލުހުންގެ އެ އިޝާރާތަށް  ދެ މަފިރިންނަށް ވެސް ޖެހުނީ އަދަބުވެރިކަމާއެކު،  އިހަށް ފެޔަށް ޖެހިލާށެވެ.

ނާޝިދުގެ ކުރިމަތީގައި ދުނިޔެ އެނބުރެން ފަށައިފި އެވެ. ދެ ފައިދަށުން ބިންގަނޑު ދެމެންފަށައިފި އެވެ. ގޭ ފަންގިފިލާގައި ހުރި ފަންކާތަކާއި ބިންމަތީ ބެހެއްޓިފައިހުރި ޕްލާސްޓިކު މާގަސްތަކާ ގޭގެ ތަނބުތަކަށް ދާންދެން ނާޝިދާ  ދިމާޔަށް ހަޅޭލަވައި ހޯބޯލަވާހެން އޭނާޔަށް ހީވެ އެވެ.  ސޯފާތަކާއި ގޮނޑިތައް  އެކި ދިމާދިމާޔަށް ދުވެ، ބިތްބިތުގައި ފިސާރިޔަކަށް ޖެހި އަލަމާރިތަކަށް ދާންދެން މުގުރައި ސުންނާފަތިކޮށް މުޅި ފުރާޅު ކުނޑިކުނޑިވެގެން ބޮލަށް ފައިބާން އުޅޭހެން ނާޝިދަށް އިޙްސާސްކުރެވެ އެވެ. ޠޫފާނެއްގެ ތެރޭގައި ރުއްގަސް މުލުންލައި ވަށައިގެން ވާހާތަކެތި އެކަތި އަނެކެއްޗަށް ލެޑި، މުޑިއަރައި އިންދިރާސްވަމުންދާއިރު  އޭގެ މެދުގައި ހުއްޓި ހުރެވޭ ފަދަ އެވެ. އޭނާ ބޯ އަނބުރަންފަށައިފި އެވެ.  ދާހިއްލަން ފަށައިފި އެވެ. ކާއްޓޭއަށް ވެފައި އެ އޮތީ  ކީއްކަން އޮޅުން ފިލުވާކަށް އެހެން  މީހަކު ގާތު އަހާކަށް ނާޝިދަކަށް ނުޖެހޭނެ އެވެ.  ޅަ އުމުރުގައި މީހުންނާ އިނދެ ކުރިން ހޯދުމަކީ ބުއްދިވެރިކަމަކަށް ނުވާތީ ތިރީހުން މައްޗަށް ދިޔަފަހުން ކުރިކާވަނިން ލިބުނު ހަމައެކަނި ދަރިފުޅު މި ހާރު އެ އޮތީ ކޮން ސަންދޯކެއްގައިހެއްޔެވެ؟

ކުޑަ ހިނދުކޮޅަކަށް ފަހު، ފުލުހުންގެ  ދެބޭކަލުން އެ ކުރައްވަންވި ކަމެއް ކުރައްވައިގެން، ބޭރުގައި އޮތް ދުއްވާއެއްޗަށް ކާއްޓޭ  ލައްވައިގެން ނައްޓައިލައްވައިފި އެވެ. ލަހެއް ނުވެ އަޅުގަނޑުމެން އަދި އެބަ އަންނަމޭ ބުނާ ކަހަލަ އެވެ.

ކާއްޓޭގެ ޖީބުން ދެޕަކެޓު ބޮނބި ކުނޑި ކަހަލަ އެއްޗެއް ނަގައި އެ ދެ ބޭކަލުންނަށް ދެއްކި  ހެން ވެސް ހީވި އެވެ.   ފުލުހުންގެ މަރޯޓީގައި ކާއްޓޭގެ އިތުރަށް  ސެޓާން ގުރޫޕުގެ  އިތުރު ދެތިން ކުއްޖަކު ތިބިތަން އެއްލި ކަޅިޔަކުން މަރީނާ ދުށްޓެވެ. ހަމަ ގައިމު ވެސް އޭގެ ތެރޭގައި ބައްޓޭއާއި ތޮއްޓޭ އެބަ ތިއްބެވެ. އުނިވަނީ ގުރޫޕު ލީޑަރު އެކަންޏެވެ.

މަރީނާގެ ދެމަފިރިންނަށް އަނގައިންބުނާނެހައި ހިތްވަރު ވެސް ނުލިބި ގަނޑުވެފައި ތިއްބައި ސިއްރިއްޔާތު ގޮތަކަށް ދަރިފުޅުގެ ކޮޓަރި ތެރޭން ސިޓިންގ ރޫމުތެރެއަށް ފައިއެޅި އަޑު އެ އިވުނީ އިބޫ އެވެ. ސެޓާން މިޔުޒިކު ގުރޫޕުގެ ލީޑަރެވެ. މާސްޓަރެވެ. ޖެހިހައިބެރާއި ނެށިހައި ނެށުމާއި އުޅެވުނުހައި އުޅުމެއްގެ ކޮންޑަކްޓަރެވެ. ކާއްޓޭގެ ބެސްޓުފުރެންޑެވެ.  ”އަޅޭ އިބޫ…“ މަރީނާ ރޮއިހޭރި ގަތެވެ. ފައިބުޑަށް ވެއްޓިގަތެވެ.

ކަރަންޓު ގޮސްފައި ހުރި ރޮބަޓަކަށް ކުއްލިޔަކަށް ކަރަންޓު އައިމާ ޙަރަކާތްކުރަން ފަށާ ބީދައިން، ނާޝިދު ޙަރަކާތްތެރި ވެއްޖެ އެވެ. އޭނާ އިބޫއާ ދިމާޔަށް ކަޅިހިންގައިލި އެވެ. ހުރި ސިފަ ފެނުމުން ވެސް ނާޝިދު މޭ ޖެހިލައިފި އެވެ. ކަންފަތުގައި ބޮޅު އެލުވައިފައި ހުރީމަ އެވެ. ކަޅު ޓީޝާޓުގައި ހުރީމަ އެވެ. ބޮލު އިސްތަށިގަނޑު ލޭނު ނަނުބުރިތަކެއްހެން ހުރީމައެވެ. ޅިނދުމަތިން ޖިންސު ސޮހިފައި އޮތީމަ އެވެ.

ނާޝިދު،   ފުރަތަމަ ފަހަރަށް އިބޫއާ ސުވާލެއް ކުރިއެވެ.  ވަރަށް ކެތްތެރިކަމާއެކީގަ އެވެ.

”މީތަ އިބޫ އަކީ؟ ތިއީ ކޮން ގެއެއްގެ ކޮންކުއްޖެއް؟“ ނާޝިދު އަހާލިއެވެ.

”މިހާރު ތި ސުވާލު ކުރަން މާ ލަސްވެއްޖެ. މިހާރު ދެން ކާށްޓޭއަށް  އެ އޮތީ ވާނެ ފަހެއްޗެއްވެ ނިމިފައިއި.“  އިބޫގެ ޖަވާބު ވަރަށް ސާބިތެވެ.

”އޭނ! ކީކޭ“ (ނާޝިދަށް ހީވީ ދޮން ދަގަނޑުގަނޑަކުން ކަންކަށިމަތީ އަޅައި ވިހެލިގެންނެވެ)

”ހަމަ ތެދަށް މި ބުނަނީ މި ހާރު ވަގުތު ފާއިތު ވެއްޖެ. މި ހުރިހާ އަހަރުތަކެއްގައި  އަހަރެން ކާއްޓޭއާ އެކީގައި އުޅުނު  އިރު ވެސް މަށަކީ ކާކުތޯ، މި ހިރަ މަރިއްޓޭ ވެސް ނާހައެއްނު؟“ އިބޫ އޭނާގެ

ޖެހިލުންކުޑަކަން ތަކުރާރުކުރިއެވެ.

”ލަދުކުޑަ!“ (ނާޝިދު ރުޅިއައިސްގެން  އަނގުރުގަނޑެއްހެން ރަތްވެއްޖެ އެވެ. ހަރުކަށި އަޑުން އޭނާ ފެށީ ވަރުގަދަ ތަޙުޤީޤެކެވެ.) [ކަލޭގެ މައިންބަފައިންނަކީ ކޮންބައެއް؟ ކަލޭގެ ބަފަޔަކީ ކާކު؟ މައިމީހާ އުޅެނީ ކޮންތާކު؟“ ނާޝިދުގެ ޑިޕްލޮމެޓިކް ލެންގްވިޖް މި ވަގުތަށް ބޭނުން ހިފޭ ހަތިޔާރަކަށް ނުވިއެވެ.

”މަށަކު މަޔަކު ބަފަޔަކު ނެތް“ މި ފަހަރު ވެސް އިބޫ ދިނީ ރުންކުރު ޖަވާބެކެވެ.

”މަރީނާ  މީތަ ކަލޭބުނި ބެސްޓު ފުރެންޑު.ކީކޭ އޭނާ އެކިޔަނީ؟ ޔަގީން މި ވެސް މިހިރީ ބޮއިގެން.“ ނާޝިދު ކަންޓްރޯލުން ނައްޓައިލިއެވެ.

އޭނާ މޮޔަޔަކު ފަދައިން ހަޅޭފަޅޭއް ލަވައިގަތެވެ. މާޔޫސްކަމާއެކު ގަދަ ރުޅީގައި އޭނާ ފަޅަފަޅައިގެންދަނީ އެވެ.

”ދެން ސަމާސާ ނުކޮށް ތެދަށް ބުނެ ބަލަ އިބޫ! އިބޫ ތިއީ ކޮންކުއްޖެއް.. އިބޫގެ އަސްލު ދިގު ނަމަކީ ކޮބާ؟“ މަރީނާ މަސްރަޙް ފިނިކުރެވޭތޯ ބޭނުން ޖަވާބު ލިބޭތޯ ޙިކްމަތްތެރިވެލިއެވެ.

”އާނ! މި ބުނަނީ އަޑު އަހާ! އިބޫ އެއީ އަހަރެންގެ ނަމުގެ ކުރު ގޮތް. އެއީ މަގޭ މޮޑަން ނަން. ޒަމާނީ ނަން. އަސްލު މަގޭ ދިގު ނަމަކީ، އިބުލީސް“

”ސުބުޙާނަﷲ އިބުލީސޭ!  މަލްޢޫން! ތިއީ މަޝްހޫރު  އިބު…“ ދެމަފިރިން ފިނިވެގަތެވެ. ބަސްހުއްޓުނެވެ.

”އާނ! މަށަކީ މަޝްހޫރު މަލްޢޫނު އިބުލީސުލްޚަންނާސް! ފުރިހަމަ ނަން އެނގިއްޖެތަ؟“ އިބިލީސް ހަޅޭކުގެ އަޑަކުން ބުންޏެވެ.

ނާޝިދާއި މަރީނާގެ ދެމަފިރިންނަށް  އެއްފަހަރާ އަސްތަޣުފިރުﷲ އޭ ކިޔައި ހަޅޭލައިގަނެވުމާއެކު ގަތްބިރުން މޫނުމަތީގައި އަތް އެޅިއްޖެ އެވެ. އެއާއެކު މާ ބާރަކަށް،  ތިމާމެންގެ  ދަރީންނާ ރައްޓެހި ރަޙްމަތްތެރިކަން އުފައްދާ މީހުންނަކީ ކޮންބައެއްކަން ހަމަ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މައިންބަފައިން ރަނގަޅަށް ދެނެގަންނަން ޖެހޭނެ ނޫންހޭ ގޮވާލެނުއަޑެއް ހީވީ ކަންފަތްބުޑަށް ހޮނު ގުގުރިއެއް ޖެހިހެންނެވެ.  ސިއްސައިގެން ގޮސްފައި ލޯމަތިން އަތް ނައްޓައިލެވުނުއިރު އިބޫގެ ނިޝާނެއް ލިސާނެއް ވެސް ނެތެވެ.

                      (ނިމުނީ)


މިއީ 2009 ވަނަ އަހަރު ލިޔެ ޝާއިޢުކުރެވިފައިވާ ވާހަކައެކެވެ.