ކާމޭޒުމަތި ތައްޔާރުކޮށްފައި ޖަޒީ އޭނާގެ 7 އަހަރުގެ ލުއައްޔުގާތުގައި ބުނީ އަތަށް ދީފައި އޮތް ދީނިއްޔާތު ފޮތް ބާއްވައިފައި ގޮސް، ކާފަގާތުގައި ކާން އަންނަން ބުނާށެވެ. އެ ސޮރު ބަޑިބަޑިޖަހައިފައި އަޅައި ދުއްވައިގަތެވެ. ފޮތް ވެސް ހިފައިގެންނެވެ.
ޚާލިދަށް މި ރެޔަކީ ވަރަށް އުނދަގޫ ރެއެކެވެ. ހާސްކަން ބޮޑު ނުތަނަވަސް ރެއެކެވެ. އެއް ފަހަރު، ފުރަތަމަ ޑިގްރީގެ ގްރެޖުއޭޝަން ފޮޓޯއަށް، އަނެއް ފަހަރު މާސްޓަރސްގެ ގްރެޖުއޭޝަން ފޮޓޯއަށް ބަލައިލައިފައި، އޭނާ އެ ހިނގަނީ އަނީސާގެ ހިހޫނުވި ލޯބިވެތި ހަނދާންތަކާ ވެސް އެކީގައެވެ.
”ކާފާ! މަންމަ ބުނީ ހިނގާށޯ ކާން“
ލޯބިލޯބި ލުއައްޔުގެ މި އަޑަށް ޚާލިދު ސިއްސައިގެން ދިޔައެވެ. އެއާއެކު ފަރުވާކުޑަ ގޮތަކަށް ބުނެލީ ކާނީ ތަންކޮޅެއް ފަހުން ކަމަށެވެ. ތެދެކެވެ. މާދަމާއަކީ އޭނާގެ ޕީއެޗްޑީގެ އަނގަބަހު އިމްތިހާނު އޮންނަ ދުވަހެވެ. ބޮޑު ދުވަހެކެވެ. އެހެންވީއިރު އެންމެ ބޮޑު އިސްކަމެއް ދެވޭނީ ހަމަ އެ ކަމަށްތާއެވެ!
”ކާފާ! އިސާގެފާނަށް އިންޖީލު، މޫސާގެ ފާނަށް ތައުރާތު، ޒަބޫރުގެފާނަށް ކޮން ފޮތެއް ބާވާލެއްވީ؟“
ކާފަގެ ޖަވާބު ހިފައިގެން މަންމަ ގާތަށް ދާން ސޮއްސައިލި ލުއައްޔު ތަންކޮޅަކަށް ގޮސްފައި އެނބުރި އައިސް ކުރިމަތިކުރި ސުވާލު ނިކަން ބަލާށެވެ.
”މި ވަގުތު ކާފަ ހަނދާނެއްނެތް. އެކަލޭގެފާނަށް ބާވާލެއްވުނު ފޮތެއް ދަރިފުޅާ“
ލުއައްޔު ހީނގަތީ ދެރަވަރުކޮށެއް ނޫނެވެ. ސާމާސާ ލަނޑެއް ކާފަޔަށް ދެވުނީތީއެވެ. ވީ ގޮތް ޚާލިދަށް ރޭކާލީ ދެނެވެ. ކުޑަކޮށް ވިސްނާލެވުމުންނެވެ. އެ ވަގުތު ލުއައްޔު ވެސް ޒަބޫރު އެއީ ރަސޫލުބޭކަލަކަށް ބާވާލެއްވުނު ފޮތެއްގެ ނަންކަން ބުނެދިނެވެ.
”ކިހިނެއް ހަނދާން ހުންނާނީ ދަރިފުޅާ! ކާފަ މި ތައްޔާރުވަނީ އެންމެ ބޮޑު އިމްތިހާނަށް. އެންމެ މަތީ ފެންވަރުގެ އިމްތިހާނަށް. ދަރިފުޅު ތިޔަ ކުރީ ގުރޭޑް 1 ގެ ސުވާލެއް. އެހައި ކުރިން ކިޔެވި އެއްޗެއް މިހާރު ކިހިނެއް ހަނދާން ހުންނާނީ“ ޚާލިދު ހުށަހެޅީ މި ލަދުވެތި އުޒުރެވެ.
”ދެން ކީއްކުރަން ކިޔަވަނީ. ހަނދާން ނުހުންނަންޏާ“ ލުއައްޔު ދުލެއް ނުދިނެވެ.
ކުރުކޮށްލެވޭތޯ އެންމެ ފަހުން ޚާލިދު ބުނީ މަރުވަންދެން ކިޔަވަން ޖެހޭނެކަމަށެވެ.
ތެދެކެވެ. ސީނުކަރައިގެ ބޮޑުފާރުމަތިން އެރުނަސް ލުއައްޔުގެ އަނގައިން އެރުމަކީ ވާނެކަމެއް ނޫނެވެ. އޭނާގެ ހާޒިރު ޖަވާބާއި ތޫނުކަން އެހައި ވެސް ބޮޑެވެ. އަމުދުން ކާފަ ފެނިއްޖެއްޔާ އެ އެއްޗެކޭ މި އެއްޗެކޭ ކިޔައިގެން ކޭލިޖެހިގަތުމަކީ ލުއައްޔުގެ މާ ބޮޑު އުފަލެކެވެ. ދުރަކަށް ނުދާނެއެވެ. ޚާލިދު ވެސް ލުއައްޔާމެދު ބަހައްޓާ ގާތްކަމާއި ވާ ލޯބީގެ ބޮޑުކަމުންނެވެ.
އެންމެ ފަހުން ފޮތް ހިފައިގެން އޭނާ ކާފަ ގޮވައިގެން ސޯފާގައި އިށީނެވެ. ކާފައަށް ކިޔަވައިދޭން ވެސް ތޯއްޗެވެ. ޙަޤީޤަތުގައި ޚާލިދު އެ އިނީ މާދަމާގެ ބޮޑު އިމްތިޙާނަށް ޓަކައި ހުސްވެލަން ވަރަށް ބޮޑަށް ބޭނުންވެފައެވެ.
”ދަރިފުޅާ! މިއީ ކާފަހަދާނެ އެންމެ ބޮޑު އިމްތިހާނު“
ލުއައްޔު އަނެއް ފަރާތަށް ފޮނުވައިލަން ޖާގަ ހޯދަން ފެށި ވާހަކައިގެތެރޭގައި ޚާލިދު ބުނެލިއެވެ. މިހައި ހިސާބުން ލުއައްޔު މާ ބޮޑަށް ލަސްވެގެން ފޯރިހުންނާނެ ވަރު ވިސްނި ޖަޒީ އައިސް ގަދަކަމުން އޭނާ ކިހިލިޖަހައިގެންފިއެވެ.
”އެހެން ވެއްޖެއްޔާ ބޮޑު އިމްތިޙާނު އޮންނާނީ ކޮންތާކު“
އަނގަފެޅިފަހުން ފިސާރި އަނގައެއް އޮންނަ ލުއައްޔު އުފުލައިލައިގެން އޭނާގެ މަންމަ ގެންގޮސް ގެންގޮސް އޮއްވައި މި ދޫކޮށްލި ސުވާލުގައި މާ ބޮޑު މާނައެއް އެބަ އޮތްބާވައެވެ؟
”ދެން ކީއްކުރަން ކިޔަވަނީ…“
ލުއައްޔުގެ މި އިބާރާތް ފިކުރުވެރި ގޮތެއްގައި ޚާލިދު ހިތާހިތާ ކިޔައިލިއެވެ. އޭނާގެ އަންހެނުން އަނީސާ އާއެކު މާލެއިން އޮސްޓްރޭލިއާއަށް އޭނާ ދިރިއުޅުން ބަދަލުކުރީ އެ ދެމަފިރީންގެ ހުރި ހަމައެކަނި ދަރިފުޅު ޢަލީމަށް ކިޔަވައިދޭށެވެ. މާލޭގެ ބިމަކީ ރަން ކަމަށްވާތީ ފައިސާ އެމީހުންނަށް ފެން ފަދައެވެ. ނަސީބު ވާރުތަކޮށްދިން ބިންބިމާއި ގެދޮރު މާލޭގައި އެބަހުއްޓެވެ. އެހެންކަމުން މިއީ އުފާވެރި ތިންމީހެއްގެ އުފާވެރި އާއިލާއެކެވެ. ނަމަވެސް އުމުރުގެ ވަކި ހިސާބަކުން ދެ ބަފައިން އެކަނި ވެއްޖެއެވެ. ކެންސަރު ބަލީގައި އަނީސާ ދުނިޔެދޫކުރުމާ ގުޅިގެންނެވެ. އެއަށް ފަހު ސަހަރާއެއް ކަހަލަ ބޮޑު އެ ހުސްގޭތެރެ ފަޅުވެ މަރުވެފައި ވަނިކޮށް ދިރުން ގެނައި މިޔުޒިކަކީ ކުޑަކުޑަ ލުއައްޔުއެވެ. އެއީ ޢަލީމު ކާވަންޏެއްކޮށް އޭނާގެ އަންހެނުންނާ އެކީ އެ ގޭގައި ފެށި ދިރިއުޅުމުގެ މޭވާއެވެ. އޭނާގެ އަންހެނުންނަކީ ކުރީގައި ރަށްފުށު މަދަރުސާއަކުން ތަޢުލީމު ލިބި އަދަބީ ދީނީ ޙަރަކާތްތަކުގައި އުޅެފައި ހުރި މީހަކަށް ވާތީ، ދަރިފުޅުގެ ކިބައިގައި އެ ހުނަރުތަކާއި އަޚްލާޤު އަށަގެންނެވުމަށް އޭނާ ލޯބިކުރެއެވެ.
ބިރުން ވިރިވިރި އޮތް ހިތަކާއެކު ޚާލިދު އެންމެ ފަހުން އިމްތިހާނާ ކުރިމަތިލައިފިއެވެ. މުޅި ހޯލު އޮތީ ކަޅުކޮށެވެ. ސުވާލުކުރަންތިބި މީހުން ފިޔަވައި އެހެން ތަނެއް އެއްޗެއް ނުފެނެއެވެ. އަނދިރިކަމުން ޙާލަތު ބިރުވެރިއެވެ. ޚާލިދުގައިގައި ވަނީ ނަޞާރާއިންގެ ފާދިރީން ލާ ކަހަލަ ހުދުހެދުމެއް ތޯއްޗެކެވެ. ވަށައިގެން ބަންދުތަކަކުން ވަނީ ބެނދެވިފައެވެ. މި ބޮޑު އިމްތިޙާނުގައި ކޮން ފަދަ ވަރު ގަދަ، ކޮން ފަދަ ކަވި ސުވާލުތަކެއް އަންނާނެބާވައެވެ؟
مَنْ رَبُّكَ؟ وَمَنْ نَبِيُّكَ؟ وَمَا دِيْنُكَ؟
”ކަލޭގެ ކަލަކީ ކޮބާ؟ ނަބިއްޔަކީ ކޮންބޭކަލެއް؟ ދީނަކީ ކޮބާ؟“
ލަޖުނާގައި ތިއްބެވި ބޭފުޅުން ކުރެއްވީ މި ސާދާ ތިން ސުވާލެވެ.
ޚާލިދަށް ހުއްޓުން އެރިއެވެ. ޕީއެޗްޑީ ފުރިހަމަކުރާ އިމްތިޙާނަކަށް ދަސްކޮށްގެން ތައްޔާރަށް ހުއްޓައި ސުވާލު މި އައީ ނާސަރީ މަރުޙަލާގައި ކިޔެވި ކިޔެވެއްޔަކުންނެވެ. ފަހު އިމްތިހާނުގައި އެހައި ދަށު ގުރޭޑެއްގެ ސުވާލުތަކެއް އަންނާނެކަމަށް ހިތަށް ވެސް އަންނާނެހެއްޔެވެ؟
ހެނދުނު ސައިތައްޔާރުކުރަން ޖަޒީ ބަދިގޭގައި ހުއްޓާ ކިޔަވާ ކޮޓަރިތެރޭން ޚާލިދުގެ ފޯނު ޓިކިޓިކިލަވަން ފަށައިފިއެވެ. އެ ހުއްޓުވާތަނެއް ނައެވެ. އިރުކޮޅަކުން ލުއައްޔު އެދިމާއަށް
ދުއްވައިގަތެވެ. ޖަޒީ ވެސް އޭނާ ފަހަތުން ގޮސް އެ ކޮޓަރިއަށް ވަދެއްޖެވެ. ޚާލިދު އެ އޮތީ ރޭގައި ފޮތްތައް، ގާތަށް ލަފައިލައިގެން ސޯފާގައި ދެމިލި ގޮތަށެވެ.
”ކާފާ! ކާފާ! ކޮބާ ޓެސްޓަށް ދާން ގަޑި ޖެހުނު އިރު ތި އޮތީ ނިދާފާ. އެ އޮއް ފޯނު އެލާމުވަނީ. ކާފާ!“
ލުއައްޔު ގޮސް ޚާލިދުގެ ކޮނޑުގައި ހިފައި ތަޅުވައިލީމާ ވެސް ޚަބަރެއް ނުވިއެވެ. ޖަޒީ ޚާލިދުގެ އަތު ކުޑަހުޅުގައި ހިފައިލިއެވެ. ޖަޒީގެ ހިތް ކޮންމެވެސް ކަމެއް ދެނެގެންފިއެވެ. އެ ހިތުގެ ތެޅުން އަވަސްވެއްޖެއެވެ. މޭ ނެގިނެގިފައި ޖެހެންފަށައިފިއެވެ. ނޭވާކުރުވުމާއެކު ލޮލުގެ ކަރުނަތައް ހިފެހެއްޓުމެއްނެތި ބޭރަށް ވެހިގެންފިއެވެ.
ކާފަގާތުގައި ހުއްޓިހުރި ކުޑަކުޑަ ލުއްޔުގެ ސަމާލުކަން ދިޔައީ މޭމަތީގައި ބަންޑުން ބޭއްވިފައި އޮތް ފޮތަށެވެ. ހުޅުވައިލައިފައި އޮތް އެ ފޮތް ނަގައި މަންމައާ ދިމާއަށް ދިއްކޮށްލަމުން ލުއައްޔު ބުންޏެވެ.
”ބަލާ މަންމާ! ކާފަ ފާސްވާނެތަ؟ ބުނި ބޮޑު އިމްތިހާނުގައި އަންނާނީ ބޮޑެތި ސުވާލޭ. އެކަމަކު މޭމަތީ މި އޮތީ އަޅުގަނޑުގެ ދީނިއްޔާތު ފޮތް“
ޖަޒީ ބަޑިފަޅައިގެން ދިޔައެވެ. އޭނާ ލުއައްޔު ގޮވައިގެން ނިކުމެގެން ދުއްވައިގަތެވެ. ނިދާ ކޮޓަރިއަށް ގޮސް އަވަހަށް ޢަލީމަށް ގުޅާށެވެ. އެކަމަކު އަޅާ ތުރުތުރުގައި ދަނީ ބިމުގައި ފައިހަރުލަމުން ނުލަމުންނެވެ. ގޭތެރޭ ފޮތްހަރުތަކުގައި ހުރި ޚާލިދުގެ ފޮތްތަކާ ފޮޓޯތައް ވެސް ރޯއަޑު އިވޭހެން ހީވެއެވެ.
”ދަރިފުޅާ! ކާފަ އިމްތިހާނަކަށް ނުދާނެ. އިމްތިހާނަށް ގެންދަން ޖެހޭނީ“
އޭނާއަށް ބުނެލެވުނީ ހަމައެކަނި މި އިބާރާތެވެ.