01- ވިލާ ރޮއްޖެއްގެ މިންވަރުވެސް ނެތޭ އުޑުގައި އެދުހު މެންދުރު،
ކިލާކޮށްލީ ދިމާ ހުޅަނގުން އެކީ ދަށްއުޑު ފަހުންނެ އަސުރު،
02- ލަހެއްނުވެ ފެނުވަތުން ގުގުރާލިޔޭ ވައިރޯޅި ބާރުވެލައި،
ފަހެއް ޖެހުމަށް ފަހުން ވަކިވެސް ދެނެއް ނުވިޔޭ ދުވާލުގެ އިރު،
03- އެހާ ކުޑަ ބޮއްކުރާ ގަނޑަކަށް އަރައިގެން އެކަނި ފަލި ޖަހަމުން،
އެހާބޭރަށް ޢަލީ ނިކުތީ، ކެޔޮޅުކަމުއޭ ތިނެއްޖެހި އިރު،
04- ކެޔޮޅުކަން ރަށްދަށުން ކުރުމީ، ބޮޑެތި ކުރުމަސް، ހިބަރު މެރުމީ،
ކެޔޮޅު އައްޔަށް ކަމެއް ނޫނޭ އޮތިއްޔާ ހޭމަހާއި ހެތުރު
05- އެކަކު ފެންނަން ނެތަސް އޭނާ ހަވީރު ކަނޑަށް ނިކުމެއުޅެޔޭ
އެކަނިމާއެކަނި ދޮއްދަނޑި ޔާ ހިފައިގެން އޭގެ ތޫނު ކަވަރު
06- އެހެންނަމަވެސް މި އައި ވިއްސާރަޔާޖެހި، މާކަނޑަށް ބެހުމުން،
އެހެން ކަމަކަށް މިހާރުނެތޭ ހިނގާކަށް ބުއްދިޔާއި ފިކުރު
07- އެކުން އޭނާ ނުތަނަވަސްވީ ޙަޔާތުގެ ނޫރު ކަމުގައިވާ،
އެކުޑަކުޑަ ހަ އަހަރުގެ ދަރިފުޅު ވުމުންނޭ ގެނެވިފައި މިދަތުރު
08- އެފަދަ މަޢުޞޫމު ދެލޮލާ މޫނުގައި ފެވެމުން އެދާ ކުލަތައް
މިފަދަ ވަގުތަކު ބަޔާން ނުވެވޭނެހާ ހިތްދަތި މެޔޭ މަންޒަރު
09- ހިނގާ ބައްޕާ ރަށަށް އަވަހަށް، ހިނގާ ބައްޕާ ގެޔަށް އަވަހަށް،
ހިނގާ ބިރު އެބަގަނޭ ބައްޕާ، މިހެން ބުނެލައިފި، ފަސްހަފަހަރު
10- ޖަހާ ކަޅުކޮށް ނަގާ ބޯމަތި ކުރީ ވަރުހުރި ވިލާގަނޑެކޭ،
އެހާ ބާރަށް އެހާބޯކޮށް އަޔޭ ކެރި ވާރެ ވެހިގަތްއިރު
11- ރަށެއް ފިނޮޅެއް، ފަރެއް ގިރިޔެއް ހަލެއް ވަކިވާރެއް ނުވެޔޭ،
އަށެއް ނުވައެއް ޖަހާ މަޣުރިބު، ޢިޝާ ފާއިތުވެގެން ދިޔައިރު
12- ވަށައިގެން ރާޅުތައް ހޮޅިލައި، ދެޔޭ ޙަމަލާ ނުހަނުބިރުވެރި،
ރަށާއި ދުރަށް ވަރަށް ބާރޭ ދަމާލެއް އެހެރަ ގަދަ އޮއިވަރު
13- ފެނަށްލާ ޙައްޖުތާކިހަލެއް މެޝިނުގައި އަނބުރަމުންދާހެން،
ފެނަށްތިލަ ބޮއްކުރާ އުކަމުން ދެޔޭ މުޅި ކަނޑު އުތުރިދާއިރު
14- ވެހޭލެއް ބޯކަމުންވާރޭ އޮޅުން އަރައޭ ކޮނޑާ ކޮނޑުހުޅު
ޖެހޭވައި ފިނިކަމުން އަތްފައި އެކީ އަޅަމުން ދެޔޭ ތުރުތުރު
15- ވަނީ ހަފަރާތުގައި ކަނުއަނދިރިޔާ ބިރުވެރިކަމޭ ނާމާން،
ދަނީ ތަރަތަރަ ޖަހައިގެންނޭ ދެ ލޯ ވެސް އަންނަ ހިނދުވިދުވަރު
16- ބޮޑެތި ފަރުބަދަ މަތިން ދާހެންނެ ރާޅުމަތިން އުޅަނދުއެދަނީ،
ގަނޑެތި ފެންމަތިކުރަންނެރެޔޭ ކަށީގެ މަދުން، ޢަލީ ހިތްވަރު
17- ދުލެއް ނުދެޔޭ ޖަހާ ފައްޔަށް އަތަށްވަރުބަލިކަމެއް ލިބިގެން،
ފުލުން ދިޔަޔަސް ހެވޭ ބުނެލާ ކަހަލައޭ ގެންނަ އާ ބުންވަރު
18- ފަލީގައި ބާރުލައި ހިފިޔަސް، ހަކަތަ އާލާވަމުންދިޔަޔަސް،
އަލީގެ ހިތަށް ލޮޅުން އަރައޭ އެ ދަރިފުޅު ގިސްލަމުން ރޯއިރު
19- މި ކޮޅިގަނޑުގައި ހަފުސްވެ މި ހާލުގައި ނިކަމެތިވަމުންދާއިރު،
އެކޮއި ބަނޑުހައިވެގެންވެސް ވެއްޖެޔޭ ގޮސް ހާންތިވާހާވަރު
20- މުޞީބާތުގެ މި ދަނޑިވަޅުގައި ލިބޭނޭ އެންމެ ބޮޑުގެއްލުން،
ނަސީބުގެ ދެރަކަމުން ދުނިޔޭން ލިބިއްޖޭ ސިކުނޑި މޮޔަވާވަރު
21- އެދުން އިސްކޮށް ސަލާމަތްވުމުގެ މަރުފަލި ޖަހަޖަހާއިންދައި،
މެދުން ހަމަޔަށް ދެފަޅިވިއްޔޭ އަރާއިން ބޮއްކުރާ ކުޑަވަރު
22- ނުހަނު ބިޔަ ރާޅުތަކުގެތެރޭ، ދަމައިގަތް ބާނިތަކުގެތެރޭ
އެހިނދު މަޅުފަތިގަނޑެއް ފައްޔެއް ވިޔަސް ހަމަ ނުވިޔެ އަތުވާވަރު
23- ކޮބައިހޭ ލޯބިވާ ދަރިފުޅު، ކޮބައިހޭ ދަރިފުޅާ ދަރިފުޅު
ނުބައި އަޑަކުން ގޮވައި ލެވުނޭ ޢަލީއަށް ކަނޑުވަމުން ދިޔަރު
24- ފަތާ ފީނާ އެގޮތް މި ގޮތަށް އެ ކަނު އަނދިރީތެރޭ ކަނޑުގާ
ނަތީޖާ އެއް ނެތޭ ލިބިދިން، އަތާ ފައިން ވާގި ހުސްވާއިރު
25- ވަށައިގެން އެކިފަހަރު އެކި ދިމަ ދިމާއިން ހީވެޔޭ ބައްޕާ!
މަށޭ މި އޮތީ ގޮވާހެންވެސް ޢަލީއަށް އެކި އަޑުން އެކިއިރު
26- ރޮމުން ﷲ އަކުބަރު ހަރު އަޑުން ތަކުރާރުކޮށްގޮވަޔޭ
ކަމުން އަތްފައި ދިޔަސް އިޙްސާސް ނުވާނެޔެ މިހިނދު ފެމުނު މިޔަރު
27- ކެކޭ ތެޔޮ ތާހަކަށް ވައްޓާލެވުނު ކުޑަކުޑަ ޅަ ރެއްސެއްހެން،
ދެކޭށޭ ފުށްފުށަށް އުކަޔޭ ޢަލީ އޮވެ ކަނޑުވަމުން ދާއިރު
28- ބައެއް ފަހަރަށް ފެނަށް ގެނބެމުން، ބައެއް ފަހަރަށް އަރާހިކެމުން،
ބައެއް އިރު ލޮނު ބޮމުން ބޮވެމުން، ދެޔޭ ގޮތްހުސްވަމުންދާއިރު
29- ހިތަށް އެވަގުތު އަރާފައިބާ ޚިޔާލާ ހިތުގެ އިޙްސާސްތައް
ކިތަންމެ ވަރަށް ބުނަން އުޅުނަސް ކަމެއް ނޫނޭ އެއީ ވާވަރު
30- ތިރީސްފަސް އަހަރުގައި ކުރެވުނު ޙަޔާތުގެ އަލަތު ކާވަންޏަށް،
ކުރީ ހައަހަރު ފަހުންނޭ ޤުދުރަތުން ހަދިޔާ އެދޭ ހަނދުވަރު
31- އެލޮބުވެތި ދަރިފުޅަށްޓަކައޭ ޢަލީ މި ޙަޔާތުގައި އެވަނީ،
ލޮލުގެ ނޫރޭ އެއީ ރަޙްމަތްފުޅުން ކޮށްދެއްވި މާތް މިންވަރު
32- އެއީ އޭނާގެ އުންމީދޭ، އެއީ ނަފުސާ ހިތުގެވިންދޭ
އެއީ ރޫޙާއި ދިރިހުރުމޭ، އެއިން ލިބިދޭނެ ހެޔޮ މަތިވަރު
33- ވަދާޢުގެ ބަދުނަސީބު ޒަމާން އެކޮއި މަންމަގެ ވިހޭގެތެރޭން،
ހަނދާނަށް ދޫކުރީ އެއްލުނު ހިމުން ދޮންވެލި ދެތިންމުށްވަރު
34- މަދަދުވެރި ލޯބިވެތި ކުލުނުން، އަލީ އެކޮޔަށް ދިރުންގެނައޭ،
ބަދަލުގައި ދިން ޔަތީމު ކަމުން ލޮލުން ހިލުނަސް ކަރުނަ ފޮދުވަރު
35- އުފަންވީއްސުރެ އަލަތު ދަރިފުޅު، ޢަލީ ހުރިހާ ހިތާމަތަކެއް
އުފަލަކަށް ބަދަލު ކޮށްލައިފިޔެ، އެކޮއި ހެދި ބޮޑުވަމުން ދާއިރު
36- ދުނިޔެދޭ ކޮންމެ އަނިޔާ އެއްގެ ފަހަތަށް ދޭކަމުން އުފަލެއް،
މުނިއަވަސް ފިލުވުމެއް ލިބެޔޭ އެކޮއި ހިނިތުންވެ ހީނލާއިރު،
37- އެކޮއި ހެއްވާ އުފާކޮށްލާން، އެކީގައި ކުޅެ މަޖާކޮށްލާން،
ނިކަން އުފަލުން، އަލީ ހުރެޔޭ ރެޔާއި ދުވާލު ހުރިހާއިރު
38- އެކީގައި މިސްކިތަށް ގެންގޮސް، އެކީގައި ނިންދަވައި، ކާންދީ
އެކީ ވާހަކަތަކާ ލަވަޔާ، ކިޔައިދެޔެ ޅެންފަރިހި ރައިވަރު
39- މި ފަދަ ފޮނިފޮނި ހަނދާންތަކުގައި، މި ފުންކަނޑުގައި މުސީބަތުގައި،
އުފެދި ވޭނާއި ހިތްދަތިކަން ޢަލީވެޔެ ރޫޙު ނެތި ދާވަރު
40- ޖަވާބެއް އޭގެ ބޭނުންވާ، ޙަޔާތާ މަރުގެ ދެމެދުންވާ،
ސުވާލެއް އުފެދެޔޭ ހިތުގައި ހިތާ މުޅި ލަގޮނޑި ވިރިދާވަރު
41- ހަޔާތަށް ހަމަޖެހުން ލިބިދިން ހިމޭން އަލި ނޫރު އުންމީދީ،
ވަޔާއެކު ރާޅުތަކުގެ ތެރޭ މި ރޭ ނިވުނީހެ ފުރަ ދަންވަރު
42- އެހެން ކަމުގައި ވަނީ ނަމަ ބޭނުމެއް އަހަރެންގެ އެބައޮތްހޭ؟
މިހެން އޮވެ ދުނިޔެ ދޫކުރުމޭ ބޮޑަށް ރަނގަޅީ ނުބޮއި މަ ޒަހަރު
43- ޚިޔާލާ ބުއްދިޔަށް ރަނގަޅާ ނުބައި އިޙްސާސް ދެޔޭ ކުރަމުން،
ވަޔާ ކެރިޔާއި އޮއިވަރުވެސް ހިމޭންވެޔެ ދަންވަމުންދާއިރު
44- އެހާ ބޯކޮށް އެއައި ވާރޭ ވަރަށް ތުންޏޭ ވެހޭލެއްވެސް،
މިހާރަކު ދެން ނެތޭ އުސް ރާޅު ތައްވެސް ކަނޑުމަތީ ބައިވަރު
45- އެހެންނަމަވެސް އެކަނިވެރިކަންވެޔޭ އަމުދުން ނިހާޔަތުގައި،
މި ހެން އޮވެ މާކަނޑެއްގެތެރޭ މަރާ ހަނގުރާމަ ކުރެވޭއިރު
46- މިޖަޒުބާތުގެ ތެރޭގައިވެސް ޢަލީ ފެތުމަށް ދުލެއް ނުދެޔޭ،
އަޖަލު ޖެހުމެއް ކަމަށް ނުބަލައި، ވަރަށް އެބަ ދައްކަޔޭ ފަންވަރު
47- އަމާޒެއް ކަނޑައަޅައި ވިސްނައި ބަލައިފައި ހިތުގެ ހިތުލަފަޔަށް،
ދިމާއެއް ގަސްތު ކޮށް އޭނާ ފަތައިގަތެ ބަނދެލަމުން އެކަމަރު
48- ރަށެއް އޮންނާނެޔޭ އެ ހިސާބުގައި އޭނާ ދެކޭ ގޮތުގައި،
އަށެއް ނުވަގަޑި އިރުން އަތުވާނެ ފަޅުރަށެކޭ އެއީ މެދުވަރު
49- ފަތާލަން އެއްލި އެއްއަތުގައި ފަތައި އެއްޗެއް އެހިނދު ޖެހުނޭ
އަތާ ސީދާ ވިޔޭ އުޅަނދުގެ އެ ދެފަޅިންކުރެ މެ އެއްފަޅިވަރު
50- ސަލާމަތް ވީކަމަށް ވިސްނޭވަރުގެ ފުން އުފަލެކޭ ލިބުނީ،
ދުލާ ނަފުސުން ކުރީ، އައުދާނަ ރައްބަށް ހާސްފަށުންނެޝުކުރު
51- ނިކަން ކެތްތެރިކަމާއެކުގައި އަރާ އެ ފިލާގަނޑުގެ މައްޗަށް،
ނިކަން ހެޔޮވިސްނުމާ ފިކުރާ އަލީ ހިންގާލިޔޭ ނާދިރު
52- ދުލުންނާ އަދި ހިތުން ޛިކުރާ ދުޢާކޮށް ހިންމެވުން އެދުމުން،
އަލުން ރޫޙެއް އުފައްދައިލިޔެ ހިތުގެ އީމާންކަމުގެ މަޞްދަރު
53- ޝުޢޫރެއް ހިތުތެރޭ ފައިދާ ވިޔޭ އީމާންކަމުގެ ރޫޙުން،
އެއީ މަތިވެރި ފިކުރުތަކެކޭ ހިތަށް ދުވަހަކު ނުވިސްނޭވަރު
54- ވަރަށް ގަދަ ޢަޒުމުގައި ނަފުސުގެތެރޭން ބުނެ އިއްވަމުންދިޔައޭ
ވަރަށް ނިކަމެތި މެޔޭ މާބަނޑުތެެރޭ ނުވަމަސްވެގެން ދިޔައިރު
55- އޭތާވެސް ހުސްފެނެއް ނޫންހޭ؟ މިތާވެސް ހުސްފެނެއްނޫންހޭ؟
ދެތާވެސް ޚާލިޤުލް އަޢުލާގެ ރަޙްމަތް ނޫން ނެތޭ ޤާދިރު
56- ދެއަތް ހުޅުވާށެ ވާފަށުގައި ހިފަން ރަޙްމަތްފުޅުގެ މަތިވެރި،
ނިޔަތް ޚާލިޞް ކުރާ އަޅަކަށް ވަރަށްގާތޭ އެނގޭހެ ނަޞުރު
57- އޮތީ ހަމަ “ ކުން“ މި ކުރުލަފްޒޭ، އެޔާކުވާށިޔޭ “ފަޔަކޫން“
ނަތީޖާ ދައްކަވާނެޔެ ހިތުގެ އީމާނަށް ފިސާރި އިތުރު
58- ކިހާ ނިކަމެތި ކިހާ ހިތްދަތި ކިހާ އަނިޔާ ޔަކަށްފަހުހޭ؟
އެހާ ބޮޑު ކާމިޔާބީގައި އުފުއްލާލީ، ލިވާއު ބަދުރު
59- ހެމުން ބޮޑު މާކަނޑެއްގެތޭން ނަބީ މޫސާ ނަޖާވެލިޔޭ،
ދެމުންދިޔަ ބޮޑެތި އަނިޔާއިން، ނުބައި ފިރުއައުނު އިހުގެ މިޞުރު
60- އުފައްދާށޭ ހިތާ މުޅި ރޫޙުގައި އިހުނެތް އިތުރު ބާރެއް
ނުފުއްދާށޭ ނުކޮށް ހުރިހާ ހިތުގެ އުންމީދުތައް ފައްތަރު
61- ކިޔާތަކުބީރު އަޑުހަރުކޮށް، ދުޢާ މުޅި ހިތުގެ ޚާލިޞްކޮށް،
ޙަޔާތުގެ އެދުމުގައި ފަލިވަޅު އަޅާށޭ ދައްކަމުން ހުރިވަރު
62- މިތަންވަޅު ފެނިލިޔޭ ފަނޑު އަލިކަމެއް ބޮތްކެއް ކަމަށްހީވާ،
ހިތަށް ވިސްނިއްޖެޔޭ ދޯންޏެއްކަމަށް އޮތް ބޭރުގައި ފުށްޓަރު
63- މިއައި ވިއްސާރަޔާގުޅިގެން އެތާ އޮތް ފަޅުރަށުގެ ނިވަލަށް،
ނިޔާމައިގައި ޖެހީކަމަށޭ އެވާނީ ދޯނި މިއަދު ބަނދަރު
64- ޙަޤީޤަތުގައި ޢަލީ ވިސްނާ ގޮތުންނަމަ ފަޅުރަށެއް އޮތުމީ،
ޔަޤީންކަމެކޭ އެދޯނި އެ އޮތް ދިމާގައި ރަށުގެ ދެމިގެން ފަރު
65- ލިޔުއްވައިގެން އެރަށް އެ އުޅޭ ފަރާތުން ކޮންމެ ހަފުތާޔަކު،
ދިޔުންމީ އާންމު ކަމެކޭ ދޫނުކޮށް އެރަށަށް މި ބުދަ ހޮނިހިރު
66- ހިތަށްވެރިވީ އުފާވެރިކަން އެތައް ގުނައެއް އިތުރުވެއްޖޭ
ކިތައް އިޙްސާސްހެ ހިތުގެ ތެރޭ ހިނގާނީ މިންޖުވާންދާއިރު،
67- އެހެންނަމަވެސް ތަސައްލީއެއް ޢަލީގެހިތަށް ލިބޭނޭހޭ؟
ރިހުންތައް އާވެޔޭ ދަރިފުޅުގެ ހަނދުމައިން ކަރުނަ ފޫދޭއިރު
68- އަތުން ފަލިވަޅު އަޅާލާފައި، ފައިންވެސް ބާރުތައްލާފައި،
މިތަންވަޅުގައި ޢަލީ ދާއިރު ނެތޭ ކުޑަވެސް ބިރެއްގެ އަސަރު
69- ދަނީ ހުވަފެންތަކާ އުންމީދުތައް ހިތުގައި އުތުރެމުންނޭ
ވަނީ މި ޚިޔާލަށޭ ހަމަ ހުއްޓިފައި ވިސްނުމުގެ ތޫނު ނަޒަރު
70- ސަލާމަތްކަންމަތީ އަވަހަށް ރަށަށްގޮސް ރަށުގެ އެންމެންނަށް،
މުލާއެކުގައި ބާޔާންކޮށްދޭނަމޭ މުޅި ހާދިސާގެ ޚަބަރު
71- ޙަޔާތުގެ ވިންދުކަމުގައިވާ މަގޭ ދަރިފުޅު ފެނޭތޯ ވެސް،
ލެޔާއި ފުރާނަ ގުރުބާންކޮށް ފަށާނަމެ އެހިނދުގައިމަ ދަތުރު
72- މިކަމުގައި ވާނެޔޭ ބައިވެރި، ވަސީލަތް ރަނގަޅު އަތްމަތިކޮށް،
އެކުވެރިންނާ ރަށުގެ އެންމެން، މަދަދުވެރި ރޫޙުގައިވެ މިތުރު
73- ވަނީ ނެތުމުގެ ތެރޭންނޫންހޭ އެ ނިޢުމަތް އޭރު ދެއްވާފައި،
“ ޣަނީ،“ އަދި ރައްދުކޮށްދެއްވާނެޔޭ އެފުރާނަ މާތް ޠާހިރު
74- ނަޖާކޮށްދެއްވިޔޭ އަލިފާންގަނޑުން ކީރިތިވި އިބްރާހީމް،
އަޖާބެއް ނޫންހެ ފިނި ފިނި ގަނޑު ފެނަށްވީކަން އެހޫނު އަނގުރު
75- މި ބީދައިން ނަޒަރު ހިންގާއިރު، އިލާހީ ރަޙްމަތުގެ ސަބަބުން،
ނަބީންނޫނަސް، ދިނޭ ކަނޑުވެސް ޙިމާޔަތް، ހުއްޓަކަސް މާވަރު
76- ވިޔަސް މާތް މުޢުޖިޒާތްކަމުގައި ބައެއް ފަހަރަށް ބައެއްކަންކަން،
މިޔަށް ވިސްނާލުމުން އެނގެޔޭ ރަނގަޅު އީމާންތެރީންގެ ޤަދަރު
77- ޔަޤީނޭ ކަށަވަރޭ ފެންނާނެޔޭ އަހަރެންގެ ކުޑަ ދަރިފުޅު،
ޢަޤީދާ ޔަށް ލިބޭނެޔެ ހަރުދަނާ ހިތްހަމަޖެހޭނެ އަޖުރު
78- އެދަރިފުޅު ފެނިލުމާއެކުގައި ހެމުން ބޮސްދޭނަމޭ ނިތުގައި،
މި ދިރިއުޅުމާއެކީ އަލިވެއްޖެކަން އަންގާ ގެޔާއި ގެދޮރު
79- ފުރާފުރިހަމަވެގެން އޭނާ ބިނާކޮށްލާނެޔޭ މިޙަޔާތް
ކުރާނެޔެ ދުނިޔެވެސް ހައިރާން އެކޮއިގެ މަސައްކަތާއި ހުނަރު
80- ހިތަށްވެރިވާ އެތައް އިލްހާމު ތަކަކާ ހުވަފެނުގެ މަސްތުން،
އެތައް ގިނަ ކުރެހުމެއް ކުރަހާ ޢަލީ ދެޔެ ފެންކަފާ މި ބަޙުރު
81- މިހެން ފެތުމުގެ ތެރޭ ބައިގަޑިއިރަށްވުރެ ވީފަހުން ގިނައިރު،
އެހެން އޮވެފައި އެ އޮޑި ނައްޓާލިކަން އެނގުނޭ މަތިންގޮސްނެރު
82- ކަފުންކޮށް ކަށްވަޅަށް އެއްލާލުމާ ފަރަގެއްނެތޭ އަސްތާ
މިފުން މާކަނޑުތެރޭން ދެލޮލަށް ނަސީބުގެ ބައްތި ގެއްލޭއިރު
83- ކިހާ އުންމީދަކާ ފޮނި އުފަލަކާ އެކުހޭ މިހާއިރުވީ؟
ނިހާޔަތަށޭ އަލުން ދިޔައީ ޢަލީ ހިތްދަތިވެ ބެދެމުން، އަރު
84- އަރާ އޮތް ފަޅިވަރުން ފައިބައި ކަނޑަށް ދޫކޮށްލުމަށްފަހުގައި،
ފަރާތަށް ދޯނި އޮތް އަވަހަށް ފަތައިގެންފިޔެ އެޔޮއް ފިނިއިރު
85- މިހެން ކަންތައް ކުރީ އަވަހަށް ދެވޭނޭކަމަށެ މާބާރަށް،
ރިހޭފައިމައްޗަށޭ އެހެނަސް އަތުން ސޮހި ވެއްޓުނީ ފޮއިބަރު
86- ބަލަން އޮއްވައި ފަތަން އޮއްވައި، ހިތާ މުޅި ނަފުސު ވެސް ރޮއްވައި،
ލޮލަށް އޮޑި ވަންހަނާ ވެއްޖޭ ހުރަސް ކޮށް ރޭގަނޑުގެ ޗާދަރު
87- އަނެއްކާވެސް އައީ ކަށްވަޅުގެ ކަނުއަނދިރީގެ ފުރުޞަތެކޭ
ނުރައްކާތެރިކަމާ ހާސްކަމުގެ ހިތުގައި ކުރިލަމުން ރޯ ނިރު
88- ހިތުގެ އީމާނަށާ ޢަޒުމަށް އެހެންމަވެސް ބަދަލު ނުގެނެސް،
އަތުގެ ހަރަކާތް އަވަސްކުރިޔޭ ޢަލީ ގާތާއި ބަލަމުން ދުރު
89- ބާރާބަރު ހަގަޑިއިރު މެދުކެނޑުމަކާ ނުމެލައި ފަތާލިފަހުން،
އަރާ ހަމަވެއްޖެކަމުގައި ވިސްނުނޭ މައްޗަށް އެ ފަޅުރަށު ފަރު
90- ލަހެއްނުވެ ފައިޖެހިއްޖޭ ގާގަލާ ހިރިޔާ މުރަކަތަކުގައި
ގަހެއްހެންނޭ ކޮޅަށްޖެހިލީ އަލީ، ނުލަނީސް އެރޭގެ ފަޖުރު
91- އެހެންނަމަވެސް ލިބުނު ހިތްދަތިކަމާ ވަރުބަލިކަމުގެސަބަބުން،
ފަހެއްވެސް ޖެހިފަހުންނޭ އެއްގަމަށް ފޯރީ، ގަނޑެއްހެން ދަރު
92- އަރާ ގުންޑޮޅިމަތީ އަތްފައި ދަމާލައިގެން އޮށޯވެލިއޭ
ފަރާތެއް ނެތެ ފުރޮޅި ނުމެލާ، ވެގެން ހުސް ދެން މިހާރު ގޮހޮރު
93- މި ހާންތިކަމާއި ހިތްދަތިކަމުގެ ހައްދެއް ނެތް ނިހާޔަތުގައި،
ކިހާ ގިނަ ވިސްނުމެއް ވިސްނާނެހޭ ކަށްވަޅުތެރަށް ދާ އިރު
94- މި ރަށަކީ، އަބަދުވެސް ވެލަޔާއި މާހޯރައިގެ ވެސް ރަށެކޭ
ވަރަށް ބޮޑު ހުރަޔަކާ ގުޅިގެން ލިބޭ ހޮވުމަށް އެ ހުދު ޢަންބަރު
95- އަތޮޅު މިހިސާބުގައި އޮއިވަރު ހިނގާޒާތުން ލިބޭ ނަފައިން،
އަތޮޅު އެއްމެން ކިޔާ އުޅެޔޭ މިއޭ މި އަތޮޅުގެ ރަން ހަންދަރު
966- މި ރަށް ވަރުވާކުރާ ހަމަ ކޮންމެ މީހަކު ވެސް އެހެންވީމާ،
ދުރަށް ނަން ފެތުރި، އެއް ފަދަ ވާނެޔޭ އަތޮޅަށް މި އިސްކަންދަރު
97- ވަރަށްގަދަ އައްޔަކަށް، ސިހިގެން އަލީ އަށް ހޭލެވުނު ވަގުތޭ،
ބަރާބަރު ބޮންތިއެއްގެ މިނަށް އަރާ ހުއްޓޭ އަނެއް ދުހު އިރު
98- ދުރުން މާ ދުރު ދުރުން ލޮލުގައި އަޅައިގަތެ އެހިނދު ކަތިރިޔަލެއް،
ދިރުން އައި މައްޔިތެއް ފަދައޭ ދެފައި މައްޗަށް ތެދުވެ ގަތްއިރު
99- އެއާ އެކުގައި ދިމާ ހަމަ އުރަފަށުން ލައްގާ ފިލާގަނޑަކަށް،
މެޔާއި ހިތާ ފުރާނަ އިންވެސް ގޮވައިގަތެ ދޭށެ ތޫނު ނަޒަރު
100- އަލީ ދުވެ އަތިރިޔަށް ފައިބާ ވަށައި އުދަރެސް ބަލައިލައިފާ
ފަލީގައި ހުސް ދެ އަތުގެ ޖަހައިގަތޭ ކުރަމުން ކަލާނގެ ޒިކުރު
101- ނެތޭ ހަމަ ކުޑަ މިނުން ހާފުސް ކޮޅެއްވެސް އުޑުމަތީ މިވަގުތު
ނެތޭ ބީހޭ އޮމާން ރާޅެއް މެ ނޫނީ ކަނޑު ބަލައިލާއިރު
102- އޮތީ މުޅި ކައުނުގައިވެސް އަދު އުޖާލާ ރީތި ރަންކަމެކޭ
މުތީން ފަތުރާލި ސާލެއް ދީފިޔޭ ޖައްވަށް މި ފަރި ކުލަވަރު
103- ދެކޭށޭ ރަނުގެ ވާރޭގައި އުދުހިލާ ދޫނިތައް މި ފަތިހު،
ދެކޭށޭ އޭގެ ރިޒުޤާ ދިރި ހުރުން ހޯދާ ގޮތުގެ ޖައުހަރު
104- އޮތީ އާ ދުވަހަކަށް އެރި އިރުގެ ފޮނި ފޮނި މަރުޙަބާ ނޫންހޭ
އޮތީ ވިސްނާ ޢަޒުމު އާކޮށް އުޅޭ މީ ހުންނަށޭ މި ޢިބަރު