އެއްނިބޫވުމަކީ، އެއްމާބަނޑުވުމެވެ. އެއްފަހަރާ ގަރުބަ ގަންނަ ދެކުދީންނަކީ، ނުވަތަ އެއަށްވުރެ ގިނަ ކުދީންނަކީ ނީބޫ ކުދީންނެވެ. މި ފަދަ ކުދީން ބޭރުފުށަށް ފެންނަ ފެނުން ވަރަށް އެއްގޮތެވެ. ސޫރައިގައި މާބޮޑު ތަފާތެއް ނުހުރެއެވެ. އެކަމަކު ވިސްނުމާ ޚިޔާލު އެއްގޮތެއް ނޫނެވެ. މާނަވީ ސިފަތަކުގައި ހުންނަ ފަރަގުތައް ބޮޑެވެ.
ނިބޫ ކުދިންގެ ސިފަ އެއްގޮތްކަމުގެ ސަބަބުން، ބޮޑުވެ ފުރާވަރަށް އަރައިގެން އަންނަ ދުވަސްވަރު، ބައެއް ކަހަލަ، ލަދުކަންތައްތައްވެސް ދިމާވެފައި ހުންނަ ކަމަށްވެއެވެ. ދެ ފިރިހެން ކުދީންކަމުގައިވާނަމަ އެކަކު ކާވަންޏަކަށް ތައްޔާރު ވެގެން އުޅޭއިރު، އޭނާ ގުޅިފައިވާ އަންހެން ކުއްޖާއަށް ނޭނގި، އޮޅުމުގައި އަނެއް ނިބޫ ކުއްޖާއާ ބައްދަލު ކުރެވިފައިވެސް އެބަހުއްޓެވެ. އޭގެ ސަބަބުން ހެއްވާ ނަތީޖާތައް ނިކުމެފައި އެބަހުއްޓެވެ.
ބަހުގެތެރޭގައިވެސް ހިމެނޭ އެއްގޮތް ލަފުޒު ތަކަކީ މި ފަދަ ލަފުޒު ތަކެކެވެ. އޭގެ ބޭރުފުށުން ވަރަށް ކުޑަ ފަރަގެއް ނޫނީ ނުފެނެއެވެ. ވަރަށް އެއްވައްތަރެވެ. އެކަމަކު އެތެރޭގައިވާ މާނަ އުޑާ ބިމާހައި ތަފާތެވެ. އެހެންކަމުން ބަސް ބޭނުން ކުރާ އިރު، މި ފަދަ ލަފުޒުތަކާމެދު ފަރުވާތެރިވުން މުހިންމުކަމަށް ދެކެމެވެ.
ޝަޒާ – ސަޒާ
“މަގޭ މުހައްބަތުގެ ޗާލު މަލިކާ ޝަޒާ ނުދޭށޭ ޝަޒާ ނުދޭށޭ!“ މި ތާނގައި ޅެންވެރިޔާ ވިދާޅުވާން ބޭނުންފުޅުވަނީ ކީކޭބާއެވެ. ލަވައިގައި އަޑު އިވެނީ މިހެންނެވެ. ޝަޒާ އަކީ މީރުވަހެވެ. ސަޒާއަކީ، އަނިޔާއެވެ. ވޭނެވެ. ޢުޤޫބާތެވެ. އެހެންކަމަށް ވާނަމަ އޭނާ އޭނާގެ ލޯބިވެރިޔާގެ ކިބައިން މި އެދެނީ އެއްވެސް އަރާމެއް އޭނާއަށް ނުދޭށޭ ބާވައެވެ. ނުވަތަ އެއްވެސް ވޭނެއް އަނިޔާއެއް ނުދޭށޭބާވަ އެވެ؟

ބަތްތެލި – ބައްތެލި
“ކުޅުދުއްފުށީ ބޮޑު ބަތްތެލި މާލެދާން ފުރައިފިއެވެ.“ މި މަންޒަރު ސިފަ ކުރެއްވެނީ ކިހިނެއްތޯއެވެ؟ ބަތްތެއްޔަކީ، ބަތްތަވައެވެ. ތެއްޔެއްގައި ބަތް ކެއްކީމާ އެއީ ބަތްތެއްޔެކެވެ. ބައްތެއްޔަކީ، އޮޑި ދޯނިފަހަރުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. ކަނޑުދަތުރު ފަތުރުގައި ގިނަ މުދާ އުފުލުމަށްޓަކައި، ފެނަށްގަދަކޮށް، ވަރުހެސަކޮށް ބަނދެފައިވާ އުޅަނދެކެވެ.
ފުޅަލި – ފުޅަފި
ފުޅަލި- ފުޅައްޔަކީ، ދަނޑިފަނުން ހަދާފައިވާ ހިޔާވަހި ފަދަ ތަންތަނުގައި ދޮރެއްގެ ގޮތުގައި ބޭނުން ކުރާއެއްޗެކެވެ. ގޯނި ޖަހައިގެން ހަދާފައި ހުންނަ ޒާތެއްގެ ދޮރުފަތެކެވެ. މީގެ އޮނިގަނޑު ހަދާފައި ހުންނާނީ ދުނބުރި ދަނޑި ފަދަ އެއްޗަކުންނެވެ. ފުޅަފި- ފުޅަތްޕަކީ، ދިވެހި ރުކުގެ އިހާގަނޑުގެ ވަށައިގެން އޮންނަ ތޮށިގަނޑެވެ.
ޣަރަޤު ޢަރަޤު
“ ފިރުޢައުނު ކަނޑަށް ޢަރަޤު ވީއެވެ“ ޢަރަޤަކީ ފަތްޕިލާވެލީގެ ދިޔައެވެ. ހަށިގަނޑުން ހިއްލާ ދަލަށްވެސް ޢަރަޤު ކިޔައެވެ. ޣަރަޤުވުމަކީ ކަނޑުވުމެވެ. ކަނޑަށްފެތި މަރުވުމެވެ. އެހެންވީމާ ކަނޑަށް ޢަރަޤުވެއްޖޭ ބުނެފިނަމަ އެއީ އަޖާބެކެވެ. ކަނޑުގައި ދާހިއްލީ ވިއްޔާއެވެ!
ބަޠަލާ – ބަތަލާ
މަރިޔަމް ނިޝާއަކީ، ބަތަލާ އެއް ހެއްޔެވެ؟ ނުވަތަ ބަޠަލާ އެއް ހެއްޔެވެ؟ ބަޠަލާއަކީ، ބަޠަލު މިބަހުގެ އަންހެންނަމެވެ. ބަތަލާއަކީ، އޮޑިދޯނި ފަހަރުގެ ކުނބުގަދަ ކުރުމަށްޓަކައި ކުނބުވައްގަނޑާ ދެމެދަށްޖަހާ ލަކުޑިގަނޑެވެ. ދެން ތަފާތު ވިސްނާލައްވާށެވެ!
ޚަބަރު – ހަބަރު
ޚަބަރުގެ އާންމު އެއް މާނައަކީ، އަލަށް ހިނގާކަމެއްގެ މަޢުލޫމާތެވެ. ހަބަރަކީ، ދިވެހި ބޭހުގެ ބާވަތެކެވެ. ވަރަށް ހިތިރަހަ ގަދަ އެއްޗެކެވެ.
“ރަބަރު ފަދައިން ދިގުވެ ކުރުވާ ޚަބަރު ވެސް އޭ އެއްޗެކޭ
ދަބަރު ޚަބަރަށް ލައިފި ނަމައީ، ހަބަރު އޭ ކަމުގައި ހިތާށެ“ – ޢަބްދުﷲ ޖަލާލުއްދީނުލް އަޒުހަރީ –
ދޭހަ: ޚަބަރަކީ ރަބަރު ފަދައިން ދިގުވެ ކުރުވާ އެއްޗެކެވެ. (މާނައަކީ ކަންކަމާބެހޭ ގޮތުން އިވޭ އިވުންތަކަކީ، އެފަދަ މަޢުލޫމާތުތަކަކީ ތުންތުންމަތިން އެކި ގޮތްގޮތަށް ފުރޮޅި ބަދަލުވަމުންދާނެ އެއްޗެކެވެ.) ޚަބަރުގެ ތެރެއަށް ދަބަރު ލައިފިނަމަ، އެޚަބަރަކީ، ހަބަރެވެ. (މާނައަކީ، ކަމަކާ ބެހޭ ގޮތުން ގެންނަ މަޢުލޫމާތުގެ ތެރެއަށް ޙަޤީޤަތާ ޚިލާފު ވާހަކަތައް ލައިފިނަމަ އެއީ ޚަބަރެއް ނޫނެވެ. އެއީ ހަބަރެވެ. (ކަމުނުދާ ނުބައި އެއްޗެކެވެ.)
ސިކާރަކުރުން – ޝިކާރަކުރުން
ސިކާރަ ކުރުމަކީ، އެއްޗަކަށް އެއްޗެއް އަޅާ ފުރާލުމެވެ. މި ސާލަކަށް ގުދަނަށް ގޮދަން އަޅައި ފުރައި ސިކާރަ ކޮށްލައިފިއެވެ. ޝިކާރަ ކުރުމަކީ އެއްގަމު ކެޔޮޅުކަން ކުރުމެވެ. ދުނިދަނޑިން ޙަމަލާދީގެން ފުއްލާ ފަދަ އެއްޗެހި މެރުމެވެ.
އިސްރާފުކުރުން – އިޝްރާފުކުރުން
އިޝްރާފު ކުރުމަކީ ޙަރާމް ކަމެއް ހެއްޔެވެ؟ ނޫނެކެވެ. ސަބަބު ދަންނަވާލާނަމެވެ. އިޝްރާފު ކުރުމަކީ، ތަންތަން ބެލެހެއްޓުމެވެ. ޙަރާމްކަމަކީ އިސްރާފު ކުރުމެވެ. އިސްރާފު ކުރުމޭ ބުނެވޭ ބަހުގެ މާނައަކީ، ކަމެއްގައި ހައްދު ފަހަނަޅައި ދިޔުމެވެ.
ނާނޭފުޅު ފިއްލެވުން – ނާނާކިޔުން
ނާނާ ކިޔުމަކީ، ކުދީން ނިންދަން ލަވަކިޔުމެވެ. ނާނޭފުޅުފިއްލެވުން، ނުވަތަ ނާނެފިއްލެވުމަކީ، ފެންވެރުމަށް އެންމެ މާތް ދަރަޖައިގައި ބޭނުންކުރާގޮތެވެ.
ވަކިވެލުމުގެ ކުރިން:
މި ފަދަ ފަރަގުތައް ހުންނަ އިރު، މި ފަދަ ބަސްތަކަށް ސަމާލުކަން ނުދީ ވާހަކަ ދައްކައި ލިޔެކިޔައި ހެދޭނަމަ އެއީ ވަރަށް ވެސް ދެރަކަމެވެ. އަޑު އަހާ މީހުންނަށް އުނދަގޫވާނެ ކަމެކެވެ. ތިބާ ގަސްތުކުރައްވާ މާނައާއި، އޭން ދޭހަވާނަމަ ތަފާތުވާ ނަމަ ދެއްކި ވާހަކައިގެ މަޤުޞަދު ޙާޞިވުމަކީ، ނާދިރު ކަމެކެވެ. ނަތީޖާއަކީ، ވަގުތު ބޭކާރުވުމެވެ. ތިމާ ބޭޒާރުވުމެވެ. ދިވެހި ވަންތަކަމާއި، ދިވެހިއްޔަތަށް އަނިޔާވުމެވެ.
މިވީ ކިހިނެއް؟
އަޅުގަނޑުގެ ރައްޓެއްސަކު ކިޔައިދިނެވެ. ތިމަންނައާ އެއް ކިލާހުގައި މާލޭގެ ޤަދަރުވެރި ޢާއިލާއެއްގެ ބޭފުޅަކު އުޅުއްވަ އެވެ. ތިމަންނަމެން ކިލާހުގައި ވާހަކަ ދައްކައި އުޅެނީ އާދައިގެ ބަހުރުވައިންނެވެ. އެއްދުވަހަކު ކަމެއްގައި ކޮންމެހެން އެގެޔަށް ދާންޖެހިއްޖެއެވެ. ގޮސް ސަލާން ގޮވައިލީމާ ގޭތެރޭން ނިކުތް ކުއްޖާ އަކީ ގޭގައި ގެންގުޅޭ ކުއްޖެއްކަން އެނގުނެވެ. “ޝާހިދު އުޅުއްވާތަ؟“ ތިމަންމަ އަހާލީމެވެ. އެ ކުއްޖާ ގޭތެރެއަށް ވެދެލައިފައި އައިސް ބުންޏެވެ. “ނޭނޭފުޅު ފިއްލަވަނީ…. ދަންނަވާލަންތަ؟“ “ ނޫނޭ… ނިދާފަ އޮތިއްޔާ ދެން އަޅާނުލާ“ މި ހެންކިޔައިފައި އެނބުރި ހިނގައިގަނެވުނު ތަނާ އެއްކަލަ ކުއްޖާ ހީނގަތް އަޑު އިވުނެވެ. ވީގޮތް އެނގުނީ އަދި ކިރިޔާއެވެ. ހަރުގަންނަވާފައި އަވަހަށް އެގޯތިތެރޭން ވެސް ނިކުމެއްޖައީމެވެ.