އިންސާނީ ހަޔާތުގައި ބަހަކީ، އެންމެ ވަރުގަދަ ސިޔާސީ ހަތިޔާރެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި، ޠަބީޢީ އުސޫލުން ބަހެއް އުފެދެނީ، އިންސާނުންގެ ބަޔަކު، އެއްތަނެއްގައި ތިބެންޖެހުމުންނެވެ. އެ މީހުންގެ ހިތުގައި އުފެދޭ އުފެދުންތައް، އަނެކުންނަށް ފޯރުވައިދޭން މަޖުބޫރުވާ ޙާލަތުންނެވެ. މިއާ ޚިލާފަށް ސިޔާސީ ގޮތުން ވެސް ބަސް އުފެދެއެވެ. އެއީ މިވެނި ބަޔަކު ވާހަކަދައްކަނީ އެވެނި ނަމެއްކިޔާ މިވެނި، ވަކި ބަހަކުން ކަމަށް ދައުލަތަކުން ކަނޑައެޅުމެވެ. އޭރު ހަމަ ދާދި ކުޑަ ތަފާތަކާ އެކު އެ ބަހުން ވާހަކަދައްކާ އެހެން ބަޔަކު އެ ސަރަހައްދުގައި ތިބެދާނެއެވެ. އެހައި ހިސާބުން ދިމާވާ ވަރަށް އުނދަގޫ މައްސަލައެއް އޮވެއެވެ. އެއީ ބަހަކީ ކޮބައިކަން، ބަހުރުވަޔަކީ ކޮބައިކަން ވަކިކޮށް، ސީދާ ރޯނުދަމައިލާން ޢިލްމުވެރީންނަށް ދަތިވުމެވެ. އެހެންކަމުން ބަހާއި ބަހުރުވައިގެ މައްސަލައަކީ ޢިލްމީ ކަމަކަށް ވުރެ ބޮޑަށް، ސިޔާސީ ކަމެއްކަމަށް ފޮތްތައް ބުނެއެވެ.
މި މަޒުމޫނުގައި ވަރަށް ޚުލާޞާކޮށް ބަލައިލާނީ ބަހާއި ބަހުރުވައިގެ ބައެއް ފަރަގާ މެދުގައެވެ. ޤައުމެއްގެ ބާރުވެރިކަމުގައި ބަހުގެ ދައުރާ މެދުގައެވެ.
ބަހާއި ބަހުގެ ފުންކަން
ބަހަކީ ވަކި ތަރުތީބަކުން އެތުރިފައިވާ، މާނައެކުލެވޭ އަޑުތަކެއްކަމަށް ބަހުގެ ޢިލްމުވެރީން ވިދާޅުވެއެވެ. ވަރަށް ފަހަކާ ޖެހެންދެން ގަބޫލުކުރެވިފައި އޮތީ، އިންސާނާ ބަސްދަސްކުރަނީ އޭނާ އުފަންވުމަށް ފަހުގައިކުރާ ތަޖުރިބާތަކަކުންކަމަށެވެ. މި ވިސްނުމުގެ އެއް ބޭފުޅަކީ ޖީން ޕިއާޖޭއެވެ. 1950ގެ އަހަރުތަކުގައި ތަފާތު އެހެން، އާ ވިސްނުމެއް އަތުވެއްޖެއެވެ. އާ ނަޒަރިއްޔާއެއް އުފަންވެއްޖެއެވެ. އެއީ އިންސާނާ އުފަންވުމުގެ ކުރިން ވެސް ބަސް ދަސްކުރަން ފަށާކަމެވެ. އެކަމަށް ޓަކައި އޭނާގެ ސިކުނޑީގައި ބަހަވީ ޚާއްޞަ ނިޒާމެއް ޤުދުރަތުން ލައްވައިފައިވާ ކަމެވެ. މި ޒުވާބު އެންމެ ފުރަތަމަ ހުށަހެޅުއްވީ ޕްރޮފެސަރ ނޯމް ޗޮމްސްކީއެވެ. 1957ވަނަ އަހަރު އޭނާ ލިޔުއްވި، ''ސިންޓެކްޓިވް ސްޓްރަކްޗަރސް'' މި ފޮތުގައެވެ. އޭގެ ފަހުން 1965ވަނަ އަހަރު ޗޮމްސްކީގެ މި ނަޒަރިއްޔާގެ އިތުރު ތަފުޞީލުތައް އޭނާ ހުށަހެޅުއްވިއެވެ. ''އެސްޕެކްޓްސް އޮފް ދަ ތިޔަރީ އޮފް ސިންޓެކްސް'' މި ފޮތުގައެވެ.
ޗޮމްސްކީގެ ދަޢުވާގެ މައިގަނޑު މަފުހޫމަކީ އިންސާނާ އުފަންވަނީ ހުސް ސިކުނޑިއަކައިގެން ނޫންކަމެވެ. އޭގެ ބަދަލުގައި އިންސާނާ އޭނާގެ މައިމީހާގެ ރަޙިމުގެތެރޭގައި އުފެދި، ހެދިބޮޑުވަމުން އަންނަނީ، އޭނާގެ ސިކުނޑީގައި ބަހުގެ ޢާލަމީ ގަވާއިދު ނުވަތަ ޔުނިވަރސަލް ގްރެމަރ ޤުދުރަތުން ލައްވައިފައިވާ ޙާލުގައެވެ. އިންސާނާގެ ޑީއެންއޭގައި އެ މަޢުލޫމާތުތައް ލެއްވިގެންވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކުޑަކުއްޖާއަށް ލިބޭ މަދު ލަފުޒުކޮޅުން، ގަވާއިދާ އެއްގޮތަށް އަދަދުނުވެވޭހައި ގިނަގުނަ ޖުމުލަތައް އޭނާ ވަރަށް ތުއްތު އުމުރުގައި އުފައްދަންފަށައެވެ.
މި ޙަޤީޤަތްތަކުގެ މައްޗަށް ބައްލަވައި ޢިލްމުވެރީން ވިދާޅުވަނީ ބަހަކީ ހަމައެކަނި ލަފުޒުތަކެއް ނޫންކަމަށެވެ. އެއީ އިންސާނީ ޒާތުގެ އެންމެ ފުން އަސްލުތަކާ ގުޅިފައިވާ، ޤުދުރަތުގެ ނިޒާމެއްގެ ނަތީޖާއެވެ. އެހެންކަމުން ބަހަކީ އިންސާނާގެ ސަގާފަތުގެ އަސްލެވެ. ބަހަކީ އިންސާނާގެ ދޭހައިގެ މޫނުބަލާ ލޯގަނޑެވެ. ބަހަކީ އިންސާނާގެ އައިޑެންޓިޓީގެ މަދެވެ. ކޮންމެ އިންސާނަކު ވެސް އޭނާގެ ބަހުން އޭނާ ތަމްސީލުވާން އެހައި ފޯރިއެއް ހުންނަނީ، މި ފަދަ ފުން ސަބަބުތައް އެކަމުގައި އެކުލެވިގެންވާތީއެވެ.
މި މައުޟޫޢުގައި ވާހަކަދައްކައިލާ އިރު، ކީރިތި ޤުރުއާނުގެ އިބްރާހީމް ސޫރަތުގެ 4ވަނަ އާޔަތަކީ މުސްލިމުން ހަނދާނަށް ގެނެސް ފިކުރުހިންގައިލަން ޖެހޭނެ އިލާހީ ފިލާވަޅެކެވެ. މާތް ﷲގެ ވަޙީ ބަސްފުޅުގެ މާނައިގައިވެއެވެ. ''ތިމަން ރަސްކަލާނގެ އެއްވެސް رسول އަކު އެ ބޭކަލެއްގެ قومގެ ބަހުން މެނުވީ ނުފޮނުއްވަމެވެ. (އެއީ) އެއުރެންނަށް ސާފުކޮށް ބަޔާންކޮށްދެއްވުމަށް ޓަކައެވެ.'' މި ބަސްފުޅުން ވެސް އެނގެނީ މާދަރީ ބަހުގެ ފުންކަމާއި އޭގެ ބާރު ގަދަ ކަމެވެ. ބަޔަކަށް އެއްޗެއް ސާފުކޮށް ދޭހަކޮށް ދިނުމުގައި މާދަރީ ބަހުގެ އަހަންމިއްޔަތެވެ. ހަމަ އެހެންމެ، ކޮންމެ ޤައުމަކަށް ވެސް، އެންމެ ސާފުކޮށް ދޭހަވާނީ އެ ޤައުމެއްގެ ބަހުންކަން މޭރުންވާތީ، ބަހަކީ ކިހައި ފުން އެއްޗެއްކަން އެބަ އިލްހާމުކޮށްދޭ އެހެން ނޫންތޯއެވެ?
ދިވެހީންގެ މާނައިގައި ބަހާއި ބަހުރުވަ
ދިވެހީންގެ ގާތުގައި [ބަސް] މި ލަފުޒުގެ ވަރަށް ގިނަ މާނަ އޮވެއެވެ. ޖުމުލަ ގޮތެއްގައި ދިވެހީން ބަހޭ ކިޔަނީ މައިގަނޑު ދެ މާނައެއްގައި ކަމަށް ބުނެވިދާނެއެވެ. އެއް މާނައަކީ ދުލުން ބޭރުކުރާ ހިތުގެ ޝުޢޫރުތަކެވެ. ހިތުގައި އުފެދޭ އުފެދުންތަކެވެ. މަންމަގެ ބަސް އަހާށޭ ބުނަނީ މަންމަ ބުނާ ބުނުންތައް ގަބޫލުކުރާށޭ ބުނުމުގެ މާނައިގައެވެ. މަގޭ ބަހެއް އަހަންޏާ ތިޔަ ކަންތައް ނުކުރާށޭ ބުނާ އިރު، އެ ބުނެވެނީ ވެސް މި މާނައިގައެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ އަލްމަރްޙޫމު ޢަބްދުﷲ މޫސާ (ނައިފަރު ދޮހޮއްކޮ) ބުނުއްވައިފައިވަނީ އޭނާއަށް އާއިލާތެރޭ ކިޔޭ ނަމަކީ ''ދޮންކޮއްކޮ'' ކަމަށެވެ. ނަމަވެސް މާލޭ މީހުން، މާލޭ ބަހުން ދޮހޮއްކޮއޭ ކީ ކަމަށެވެ. މި ތާނގައި ''މާލޭ ބަސް''އޭ އެ ބުނުއްވަނީ ވެސް މާލޭ މީހުން ބުނާބުނުން ނުވަތަ ކިޔާ ގޮތް މި މާނައިގައި ކަމަށް ފެނެއެވެ. ފަހަރެއްގައި ވެސް އެއީ މާލެއަށް ވަކި ލޭންގްވިޖެއް ލިބިގެންވުމެއް ނޫނެވެ.
ދިވެހީންގެ ގާތުގައި ބަހުގެ ދެ ވަނަ މާނައަކީ [ދިވެހި ގައުމުގެ އަޑު] ގެ މާނައެވެ. ހުރިހައި ދިވެހީން އެކަކު އަނެކަކާ މުޢާމަލާތުކުރާން ވަކި ތަރުތީބަކުން ބޭނުންކުރާ އަޑުތަކުގެ މާނައެވެ. އެއީ ދިވެހިބަހެވެ. އާދެ! އެ ގޮތުން ލިބިގެންދަނީ ''ލޭންގްވިޖް''ގެ މާނައެވެ. އެހެންކަމުން ދިވެހި ބަހޭ ބުނުމުން އެ ބުނެވެނީ ދިވެހި ފަސްގަނޑަށް ނިސްބަތްވާ ދިވެހީން ވާހަކަދައްކާން، މާނައެކުލެވޭ ގޮތަށް ވަކި ތަރުތީބަކުން ގެންނަ އަޑުތަކަށް ޖުމުލަކޮށް ކިޔާ ނަމުގެ ވާހަކައެވެ. އެއީ ދިވެހި ބަހެވެ.
ދިވެހިބަހުގައި ބަހުރުވައަކީ ކޮބާ؟
ދިވެހިބަހުގެ ބަސްފޮތް ބުނާ ގޮތުން ބަހުރުވައަކީ އެއް ބަހަކުން ވާހަކަދައްކާ ބައެއްގެ ތެރޭގައި، އެއް ސަރަހައްދެއްގެ ބަޔަކު، އަނެއް ސަރަހައްދެއްގެ ބަޔަކާ ބަސްކިޔާ ގޮތުގައި ހުންނަ އަޑުތަކާއި ބަސްތައް ބޭނުންކުރާ ގޮތުގެ ތަފާތު ގޮތްތަކެވެ. މި ތާނގައި އެހެން ކަމެއް ފާހަގަކޮށްލާނަމެވެ. ދިވެހި ބަހުގެ ބަސް ފޮތުގައި ''ބަހުރުވަ'' މި ލަފުޒު ހިމަނާން ވެގެން ވާހަކަ ދެކެވުނު މަޖިލީހުގައި އިންނެވުނު ކަމަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް ޢައްބާސް އިބްރާހީމް އަޅުގަނޑު ގާތުގައި ވިދާޅުވިއެވެ. އެ މަޖިލީހުގައި އޮނަރަބްލް އަލްމަރްހޫމް އިބްރާހީމް ޝިހާބު ވިދާޅުވިކަމަށްވެއެވެ. ދިވެހި ބަހުގައި ބަހުރުވައަކީ ދޫނިސޫފާސޫފި ފަދަ އެއްޗެހީގެ ދޭދޭ ގޮވާލުމަށް ނިސްބަތްކުރާ އެއްޗެކެވެ. އެ ސޮރުމެންގެ ހުންނާނީ ބަހުރުވައެވެ. އިންސާނުންގެ ހުންނާނީ ބަހެވެ. ނަމަވެސް މާނަފުޅާކޮށްފައި ތިޔަ ގޮތަށް ގެންނަންޏާ ދެން ގެނެވިދާނެއެވެ.
މި މަޢުލޫމާތަށް ބުރަވާ ނަމަ، އިނގިރޭސި ބަހުން ކިޔާ ''ޑައިލެކްޓް''އަށް ކިޔާ ލަފުޒެއްގެ ގޮތުގައި، ދިވެހި ބަސް ފޮތަށް ލަފުޒެއް ގެނެވިފައި މި ވަނީ، ''ބަހުރުވަ'' އޭގެ އަސްލު މަގާމުން ހިޖުރަކުރުވައިގެންނެވެ. ބަސް ތަރައްޤީކުރުމުގައި މިއީ އަމަލުކުރާ އުސޫލެއް ވެސް މެއެވެ. ނުކުތާއަކީ އެހެންވީމާ ދިވެހި ބަހުގައި [ލެންގްވިޖް] އަށް ވެސް، [ޑައިލެކްޓް]އަށް ވެސް، ބުނާ ބުނުން [ސްޓޭޓްމަންޓް] އަށް ވެސް، އަދި ބައެއް ފަހަރަށް އަމުރަށް ވެސް، އެއީ [ބަސް] ކަމަށް ކިޔަމުން އައިސްފައިވޭ ނޫންތޯއެވެ؟
ޅެންވެރިޔާ ވެސް ވިދާޅުވެފައިވެއެވެ.
ބަސްނޭއްސެވީ ކަންޢާނު ވެސް، އޭ ނޫޙުގެ ފާނުގެ ދަރިކަލުން
މަޝްހޫރު ޢިކްރިމަތާ އަބޫޖަހުލާ އެ ވެސް ދެބަފައިކަލުން
- މުޚްތާރު ފަހުމީ –
މި ބައިތުގައި މި އޮތް [ބަސްނޭއްސެވުން] މި އިބާރާތުގައިވާ ބަހަކީ، ނަސޭހަތާއި، އިރުޝާދާއި، އަމުރުގެ މާނަ ވެސް ހިމެނޭ ބުނުމެއް އެހެން ނޫންތޯއެވެ؟
ބަހާއި ބަހުރުވައިގެ ބައެއް އިންތައް
ބަހަކާއި ބަހުރުވައެއް ވަކިކުރުމުގެ ބައެއް އިންތައް ބަހަވީން ފާހަގަކުރައްވައެވެ. އޭގެ ތެރޭން އެންމެ އާންމު އެއް މިންގަނޑަކީ ފަހުމުވުން ނުވަތަ ދެނެގަތުމުގެ މިންގަނޑެވެ. މި ގޮތުން ދެ ބަޔަކު ވާހަކަދައްކާ އިރު، ދަތިކަމެއް ނެތި ފަސޭހައިން ދޭހަވެ ދެނެގަނެވޭ ނަމަ، އެއީ އެއް ބަހެއް ކަމަށް ބަލައެވެ. އަދި ދޭހަވުން ދަތިވެ އުނދަގޫ ނަމަ އެއީ ތަފާތު ދެ ބަހެއް ކަމަށް ބަލައެވެ. ނަމަވެސް މި މިންގަނޑު ވެސް އޭގެ ޒާތުގައި މުޅިން ރަނގަޅު ނޫން ކަމަށް ފާޑުކިޔުންތައް ހުރެއެވެ. ސަބަބަކީ ދޭހަ އެއީ ނިސްބީ ކަމަކަށްވުމެވެ. ފުވައްމުލަކު ބަހުރުވަ ދޭހަވާ މީހަކަށް، އައްޑޫ ބަހުރުވަ، ނުވަތަ ހުވަދޫ ބަހުރުވަ ދޭހަވާން އުނދަގޫވެދާނެއެވެ. މާމައަށް ފުވައްމުލަކު ބަހުރުވަ ދޭހަވެފައި، މާމަ ދަރިފުޅަށް ހަމަ އެ ބަހުރުވަ ދޭހަ ނުވެދާނެއެވެ. ހަމަ އެހެންމެ ބައެއް ފަހަރަށް މުޅިން ތަފާތު ދުރު ދެ ބަހެއްގެ މީހުންނަށް އެކަކު އަނެކަކު ދައްކާ ވާހަކަ ވިސްނޭތަން ވެސް އާދެއެވެ. ސްކެންޑިނޭވިއަން ބައެއް ބަސްތަކުގައި އެހެން ދިމާވާކަމަށް ފޮތްތައް ބުނެއެވެ.
ބަހާއި ބަހުރުވައިގެ ތަފާތު ކަނޑައަޅަން ބެލޭ އަނެއް މިންގަނޑަކީ ބަހެއްގެ ގަވާއިދާއި ނިޒާމު އެކުލެވިގެންވާ ގޮތެވެ. ބައެއް ބަހަވީން ވިދާޅުވާ ގޮތުގައި މި ނުކުތާގައި ފާހަގަކުރެވޭ އެއް ކަމަކީ އެއް ބަހެއްގެ ތެރޭގައި ހުންނަ ބަހުރުވަތަކުގައި، ގިނަ ފަހަރަށް ފާހަގަކުރެވެނީ ހަމައެކަނި އަޑުތަކަށް ނުވަތަ ލަފުޒުތަކަށް ބަދަލު އައިސްފައި ވާ ކަމެވެ. ބަހުގެ މައިގަނޑު ގަވާއިދުތައް ހުންނަނީ ދާދި އެއް ގޮތަކަށެވެ. ދެ ބަހެއްގައި ނަމަ، ޖުމުލަ އުފެދޭ ގޮތް ތަފާތުވެދެއެވެ. މޯފޮލޮޖީއާއި ގަވާއިދުގެ އަސާސީ ބައިތައް ވަރަށް ބޮޑުތަނުން ތަފާތުވެދެއެވެ.
ސަމާލުކަން ދޭން ޖެހޭ އެހެން ކަމެއް ވެސް އޮވެއެވެ. މިސާލަކަށް ވަރަށް ދުރު މުޅިން ތަފާތު ދެ ބަހެއްގައި ޖުމުލަ އުފެދޭ ތަރުތީބު އެއް ގޮތް ވެފައި އެބަ ހުރެއެވެ. އެހާލަތުގައި ބަލަނީ، ބަހުގެ އަސްލު ނުވަތަ ރޫޓަށެވެ. އެހެން ނަމަވެސް އާޚިރު ނިންމުމަކީ ބަހަކީ ދިޔަވަރެއްހެން ޒަމާނާއެކު ވަރަށް ހަލުވިކޮށް ބަދަލުވަމުންދާ އެއްޗަކަށް ވާތީ، ބަހާއި ބަހުރުވައެއްގެ ދެމެދުގައި އުޔެއްޖަހައިލަން ކުރެވޭ މަސައްކަތުގައި، ބަހަވީ ގޮތުން ބޮޑަށް ބަލަނީ ދޭހަވާ މިންވަރަށެވެ. އެކަމަކު އަމަލީ މައިދާނުގައި ބޮޑަށް ބަލަނީ ސިޔާސީ ގޮތުންނާއި، ސަގާފީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އެ ބަހަކަށް ދެވޭ ދަރަޖައަށެވެ.
ބަހާއި ސިޔާސަތު
ބަހާއި ބަހުރުވައިގެ ބަހުސަކީ ދުނިޔޭގައި ވަރަށް އުމުރުން ދޮށީ ދުވަސްވީ ބަހުސެކެވެ. އަދި އެއީ ޤައުމުތަކާއި ދައުލަތްތަކާ ގުޅިފައިވާ ބަހުސެކެވެ. އެ ގޮތުން މި މައްސަލައިގައި ބަހަވީ ޢިލްމުވެރީންގެ މެދުގައި ވަރަށް މަޝްހޫރު ބުނުމެއް އޮވެއެވެ. އެއީ "ޔިއްދިޝް" ބަހުގެ ތާރީޚު ދިރާސާކުރި ޔަހޫދީއެއްގެ ބުނުމެކެވެ. މެކްސް ވައިންރައިކް ނަމަކަށް ކިޔާ މި ބަސްތެރިޔާ ދުނިޔޭގައި އުޅުނުކަމަށްވަނީ 1969-1894އާ ދެމެދުއެވެ. ކޮންމެޔަކަސް އޭނާގެ ދަރިވަރަކު އޭނާއާ ކުރި ސުވާލެއްގެ ޖަވާބުގައި ބުނިކަމަށް ވެއެވެ. [A language is a dialect with an army and navy] މިއީ ޖިއޯޕޮލިޓިކަލް ނަޒަރުން ދެވިފައިވާ ބަހާއި ބަހުރުވައިގެ ތަޢާރުފެކެވެ. މަޤުޞަދަށް ބަލައިގެން ދިވެހިބަހަށް ގެންނަންޏާ، އަޅުގަނޑު ގެންނާނީ މި ގޮތަށެވެ. "ބަހަކީ ޓޭންކަރުތަކާއި މަނަވަރުތަކުގެ ބަހުރުވައެކެވެ." އާދެ! އެއްގަމު ލަޝްކަރަކާއި ކަނޑުގެ ލަޝްކަރެއްގެ ބާރެކެވެ.
މުރާދަކީ ކޮބައިތޯއެވެ؟ ބަޔަކު މީހުން އަތުގައި ރަނގަޅު ބާރުވެރިކަމެއް އޮތިއްޔާ އެ ބަޔަކު ދައުލަތެއް އުފައްދާނެއެވެ. އެ ބާރުވެރިކަމަކީ އެ ޒަމާނުގައި ކަނޑުއުޅަނދުފަހަރުގެ ލަޝްކަރަކާއި އެއްގަމު އުޅަނދު ފަހަރުގެ ލަޝްކަރެވެ. ހަތިޔާރު އެޅި ސިފައިންނެވެ. އެއްގަމު ލަޝްކަރުން އެތެރެ ސަލާމަތްކުރެވެއެވެ. ކަނޑުގެ ލަޝްކަރުން އެހެން ދައުލަތްތަކުން ދިފާޢުވެވެއެވެ. އެހެން ދައުލަތްތަކާ ތޮޅެ، ބިރުގަންނަވައި ހިފައެވެ. އެހިސާބުން ދުނިޔޭގެ އެތަން މިތަނަށް އެ ބާރުވެރިކަމުގައި ދަތުރުކޮށް، އެ ބަޔަކު ވާހަކަދައްކާން ލައްވާ އަޑުތަކަކީ ބަހެއްކަން އެހެން މީހުން ލައްވައި ގަބޫލުކުރުވެއެވެ. އެކިއެކި ވަކާލާތާއި ނުފޫޒުން ގަބޫލުކުރުވައެވެ. އެހިސާބުން އެއީ ބަހެކެވެ.
ބަހާއި މަޞްލަޙަތު
ބަހަކީ އިންސާނާ ހުރިހައި ނަފުރަތެއް ހޫނެއް އުފަންކުރާ މޯޓަރެވެ. ހުރިހައި ހިމޭންކަމެއް ތަސައްލީއެއް ގެންނަ ހުވަނދެއެވެ. ބަހަކީ އިންސާނާގެ ޒާތު ކަނޑައަޅައިދޭ ވަސީލަތްކަމަށްވާތީ، ކޮންމެ އިންސާނަކު ވެސް އޭނާގެ ތިމާވަންތަކަން ހާމަކުރަނީ އޭނާގެ ބަހުންނެވެ. ދިވެއްސަކީ ދިވެއްސެއްކަން، އަރަތްބަކީ އަރަތްބެއްކަން އެހެން މީހަކަށް ވެސް، އަދި ތިމާއަށް ވެސް ބުނެދެނީ އެ މީހެއްގެ ބަހެވެ. ހަމަ އެހެންމެ އެއް ދައުލަތެއްގައި ސަރަހައްދު ތަފާތުވެ، ބަހުގެ ސޫރައިގައި އެކި ފަރަގު އުފެދުމަކީ ވެސް މި ރޫޙު ޠަބީޢީ ގޮތުން އުފެދޭނެ ކަމެކެވެ. އެހެންކަމުން ބައެއް ދައުލަތްތަކުން ކޮށްފައިވާ ކާމިޔާބު ތަޖުރިބާއަކީ ހޭލުންތެރިކަން އުފެއްދުމެވެ. އެންމެން އެކީގައި ގުޅިގެން އެއް ދައުލަތެއްގެ ގޮތުގައި ދެމި ތިބެވޭނެ ދޭހައެއް އުފެއްދުމެވެ. ހުރިހައި ފަރާތްތަކަށް ވެސް ބަހަވީ ސަގާފީ ޙައްޤުތައް ތަނަވަސްކޮށް ދިނުމެވެ. އެއާއެކު ދައުލަތުގެ ޝަޚްޞިއްޔަތާއި ޞުލްހަވެރިކަން ދެމެހެއްޓުމަށް ޓަކައި، ތަހުޒީބު އުސޫލުތައް އުފަންކޮށް އަހުލުވެރިކުރުވުމެވެ.
ނިންމުން
ބަހާއި ބަހުރުވައަކީ ބަހުގެ ގޮތުން ވެސް، ޢިލްމީ ގޮތުން ވެސް ވަކިކުރަން ދަތި ދެ މަފުހޫމެވެ. ޤައުމީ ގޮތުން ބަލާއިރު، ވާހަކަދައްކާން، ނުވަތަ މުވާޞަލާތުކުރާން، ދިވެހީން ދުލަށް ގެންނަ ހުރިހައި އަޑަކީ ވެސް، އެއަށް ބަހެކޭ ކިޔަސް، ބަހުރުވައެކޭ ކިޔަސް، ނުހަނު ބޭނުންތެރި އަގުހުރި ދިވެހި ތަރިކައެވެ. އެއީ ޖީލުން ޖީލަށް އުނިކަމެއް ނެތި ފޯރާން ޖެހޭ ޤައުމީ އަމާނާތެވެ. އޭގެ ޙަޤީޤީ ދައުރަށް ބަލާއިރު، ބަހުސަކަށް ވާންވީ ބަހާއި ބަހުރުވައިގެ ޒުވާބެއް ނޫނެވެ. އަދި ކިޔެއްތަ? ބަހުސު އަމާޒުކުރަންވީ، ޙައްލެއް ކަށަވަރުކުރަންވީ، ދިވެހި ދައުލަތް ތަމްސީލުކުރާނެ އަމިއްލަ ދިވެހި އަޑެއް، (ދިވެހީންގެ އަމިއްލަ މާދަރީ ބަސް) ދިވެހީންގެ ވިސްނުމާއި، ހިތާއި، ދުލުގައި ދެމެހެއްޓުމުގެ މަސްއޫލިއްޔަތަށެވެ. ދިވެހި ބަސް ސަލާމަތްކޮށް، ދިވެހީންގެ އަމަލާއި، ރޫޙުގައި ދާއިމަށް އަށަގެންނެވުމުގެ ޤައުމީ ވާޖިބަށެވެ. އެހެނީ، އަމިއްލަ ދައުލަތެއް އޮންނަނީ އަމިއްލަ ޤައުމެއް އޮވެގެންނެވެ. އަމިއްލަ ޤައުމެއްގެ ވިސްނުން އިންސާނާއަށް ލިބިދެނީ އަމިއްލަ ބަހެވެ. އެއީ އިންސާނާގެ އެންމެ އެތެރޭ ވިޖްދާނުގައިވާ ޤުދުރަތީ ސިއްރެކެވެ. މި އަގުހުރި ޖަވާހިރު ތިބާގެ އާއިލާގެ އެންމެ ލޯބިލޯބި، އެންމެ ހަގު މެންބަރުގެ ޙައްޤަކަށް، މިލްކަކަށް، ޒީނަތަކަށް، އެބަ ވަމުންދޭތޯއެވެ؟