ދިވެހިރުކަކީ ދިވެހީންގެ ޤައުމީ ގަހެވެ. އެތައް ގޮތަކުން ދިވެހީންގެ ދިރިއުޅުމާ ގުޅިފައިވާ، ދިވެހިވެށީގެ ބައިވެރިއެކެވެ. ކުޅަދާނަ ލިޔުންތެރިޔާ އަލްމަރްޙޫމު މަލިންމަނިއްޕުޅު މުޙައްމަދު ދީދީގެ ލިޔުއްވުމަކުން ދިވެހިރުކާ ބޭހޭ، ވަރަށް ތަނަވަސް މައިދާނަކަށް ކިޔުންތެރީންގެންދެއެވެ. އެ ލިޔުއްވުން އެހައިވެސް ރީއްޗެވެ. ހިތްގައިމެވެ. ފުނެވެ. ފުރިހަމައެވެ.
އަޅުގަނޑުގެ މި މަޒުމޫނުގެ ބޭނުމަކީ، މުޙައްމަދު ދީދީގެ އެ ލިޔުއްވުމުގައި ސިފަކޮށްދެއްވައިފައިވާ ކަންކަމުގެ މައްޗަށް ޤައުމުވަންތަކަމުގެ ނަޒަރުން ޢިލްމީ ގޮތެއްގައި ބަލައިލުމެވެ. އެންމެ ފުރަތަމަ މުޙައްމަދު ދީދީގެ ލިޔުއްވުން ވިދާޅުވެލައްވާށެވެ!
މުހީޠުލްހިންދުގެ ރަށްތަކުގައި ދަތުރުކުރެއްވި ސައްޔާޙަކު، މި ކަނޑުގެ އެއް ޖަޒީރާއެއްގައި އުޅުއްވުމުގެ ތެރޭގައި ހިޔަލަކަށް ބޭނުންފުޅުވެގެން މިތާނގައި ހުރި ކުޑަވަރެއްގެ ގެއެއްގެ ކައިރީ މަޑުކޮށްލައްވައިފިއެވެ. ވަށައިގެންވަނީ ކަނދުގަނޑު ތެދަށް ހުރި ކުރިގަނޑުގައި ފެހިކުލައިގެ ރީތި ފަންތަކެއް ހުރި ރުއްތަކެކެވެ. މި ރުއްތަކުން މުޅިތަނަށް ވަނީ ހިޔާ ލިބިފައެވެ. ދެން މި ގެޔާ ކައިރިވެލިހިނދު، މިގެއިން މީހަކު ނުކުމެ ސަލާމްކޮށް މަރުޙަބާ ދަންނަވައި… ފުރަތަމައަށް ގެނައީ ދޮންކުލައިގެ ބޭރު އޮމާން ކަންވާރެއްގައި ހުރި ވަރަށް މީރު ރަލެވެ. މި ސައްޔާޙު މި ފަދަ ރަލެއް ދުވަހަކުވެސް ނުހިއްޕަވާކަމުގައިވިއެވެ. ދެން ގެނައީ ވަރަށް ގިނަ ދުވަސް ވިޔަސް ހަލާކުނުވާ ގޮތަށް ހަދާފައި ހުރި ހަލުވާއެކެވެ. މި ތަކެއްޗާ މެދު މިބޭކަލަކު ހައިރާންފުޅުވެ ބުނުއްވިއެވެ. ކަލޭ ތިޔަހާ ފަގީރަކަށް ވުމާ އެކު މިހުރިހާ ތަކެތި ހޯދީ ކޮންތާކުން ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ފުރަތަމަ ގެނައި ޝަރާބަކީ މި ރުކުގެ މޭވާ ރަނގަޅަށް ފައްކާ ނުވެ ހުންނައިރު، އޭގެތެރޭގައި ހުންނަ ފެނެވެ. މި ކެއުމުގެ ތެރޭގައި އެހެރަ ކިރަކީ، މި ރުކުގެ މޭވާ ރަނގަޅަށް ފައްކާވުމަށް ފަހު، އެއިން ނަގާ ކިރެވެ. އަޅުގަނޑުމެންގެ މި ހުރިހާ އެއްޗެތި ކައްކާ ދަރަކީ މި ރުކުގެ އޮއްޓާއި ފަނެވެ. އެ އިރު އެ ގެނައި ރާފޮދަކީ މި ރުކުގެ މަލުން ނަގާ ދިޔައެވެ. އަދި މި ދިޔައިން އަޅުގަނޑުމެންނަށް ބޭނުންވާ ހަކުރު ތައްޔާރުކުރަމުއެވެ. މި ގެއިން ތިޔަ ދެކިލައްވާ ކަންވާރާއި ސަމުސަލަކީ މި ރުކުގެ މޭވާގެ ބޭރު ތޮއްޓެވެ. އަޅުގަނޑު މި ހުންނަ ގެޔަކީވެސް މުޅީން މިރުކުގެ ތަކެއްޗެވެ. ގޭގެ ބިތް މިހުރީ މި ރުކުގެ ލަކުޑިންނެވެ. މި ގޭގެ ފުރާޅު މި ވަނީ މި ރުކުގެ ފަނުގެ ވިޔުމުންނެވެ. އަޅުގަނޑު ހިފައިގެން މިހިރަ ކުޑައަކީވެސް މި ރުކުގެ ފަނެވެ. ގައިގާ މިވާ ފޭރާމަކީ މީގެ ކިފުޅީގެ ރޮދީން ވިޔެފައިވާ އެއްޗެކެވެ. މި ރުކުގެ ސާމާނުން އަޅުގަނޑުމެން ގެންގުޅޭ ހަލަންޏާ، އެނދުގައި އަޅާ ކުނަލާ، ތަންމައްޗާ އޮޑިފަހަރުގެ ރިޔަލާ، ވާވެލާވެއްޔާއި ތައްޔާރުކުރަމުއެވެ. އަޅުގަނޑުމެން ވޮށްދިއްލާ ތެލަކީވެސް، މި ރުކުގެ ފައްކާ މޭވާގެ މަދުން ނަގާ އެއްޗެކެވެ. އަދި މި ނޫންވެސް ކިތަންމެ ބޭނުންތަކެއް ބޭސްވެރިކަމުގެ ގޮތުންނާ އެހެން ކަންކަމުގައި ފުދެއެވެ. ސައްޔާޙު މިކަމުގެ މައްޗަށް ހައިރާންފުޅުވިއެވެ.
ޤައުމެއްގެ ނަޒަރުން ދިވެހި ރުއް
މިއީ ކީއްކުރަން ލިޔުނު ލިޔުމެއް؟
ދިވެހީންނަކީ މާސިންގާ ކަނޑެއްގައި ދިރިއުޅޭ ބައެކެވެ. ޖަޒީރާތަކެއްގައި އެތުރިފައިވާ ޤައުމެކެވެ. އައިލެންޑް ނޭޝަން (Island Nation) އެކެވެ. މި ލިޔުމުން ފެންނަނީ އެ ފަދަ ޤައުމެއްގެ ގޮތުގައި ދިވެހީން 4000 އަހަރު ދެމި ތިބިގޮތުގެ ފަޚްރުވެރި ތަސްވީރެކެވެ. އެއީ މި ބިޔަ ދިވެހި ކަނޑުގައި ކުދިރަށްތަކުގައި ތިބެ، އަޅުގަނޑުމެންގެ ކާބަފައިން، ދުނިޔެ ފަތަޙަކުރި ގޮތެވެ. އެކަމުގެ އުފެއްދުންތެރި ވިސްނުމެވެ. ހުނަރުވެރި ކުޅަދާނަކަމެވެ. އަޖާބެއް ފަދަ ހިންމަތެވެ. ދިރިއުޅުމަށް ކޮންމެހެން ބޭނުންވި ކަންކަން، ތަނުގެ ވެށިން އީޖާދުކޮށް ފުއްދައިގަތްލެއް ފުރިހަމަކަމެވެ. އެ ކަންކަމުގައި ހުރި ޚުޝިޔާރުކަމާއި، ތޫނުކަންވެސް މެއެވެ. މި ބިމުގެ އެންމެ ގަހެއްގެ ދައުރާއި އޭގެ ބޭނުން ވެސް، އެ ކާބަފައިންގެ ސިކުނޑިންނާއި ހުނަރުން، ފުޅާކޮށްލި އާދަޔާ ޚިލާފު މިންވަރު، ނިކަން ފިކުރުކޮށްލައްވަބައްލަވާށެވެ! ޢިލްމީ ގޮތުން މި ބަހުސުގެ ތެރެއަށް ވަންނަން ޖެހޭނީ ޖަޒީރާވަންތަ ދިރާސާގެ ހޯދުންތަކުގެ ތެރޭންނެވެ. އެހެންކަމުން އެ ރޮނގުން މި ލިޔުމަށް ބަލައިލާނަމެވެ.
ޖަޒީރާއެއްގައި ބަޔަކު ދިރިއުޅޭ އިރު، އެ މީހުންގައި ހުންނަ އާދަޔާ ޚިލާފު ކެރުންތެރިކަމުގެ ތެރޭން އެއް ކަމަކީ އަމިއްލަ ފުދުންތެރިކަމެވެ. މި ކަމަށް ސެލްފްސަފިޝެންސީއޭ ކިޔައެވެ. އެ ގޮތުން ޖަޒީރާތަކުގެ އަހުލުވެރީންގެ އެއް ސިފަޔަކީ ބޭރަށް ބަރޯސާނުވުމެވެ. ތަނުން ލިބެން ހުރި އެއްޗަކުން އެމީހުންގެ ދިރިއުޅުން އާރާސްތުކުރެއެވެ. ލިޔުމުގައި ސިފަކޮށްދޭ ދިވެހިރުކުން، އެތައް ބޭނުމެއް ހިފުން މާނަކޮށްދެނީ މި ދެންނެވި ސިފައެވެ. ޤައުމީ ގޮތުން ބަލާއިރު، މީގެ ފައިދާއަކީ ރަށުގެ ވެށްޓާ ތަނުގެ އަހުލުވެރީންނާ ގުޅިލައިމެހިފައިވުމެވެ. އެ ވެށްޓަކީ އެ މީހުންގެ ދިރިތިބުމުގެ ބައެއްކަމުގައި އެ މީހުން ގަބޫލުކޮށް، އެ ތަކެއްޗަށް އިޙްތިރާމާއި ލޯބިކުރުމެވެ. މި ކަމުގެ ނަތީޖާއަކަށްވަނީ އެ ރުކާއި އެ ރުއް ހުރި ފަސްގަނޑުގެ ދިފާޢުގައި ހުންނަ މީހަކަށް އޭނާވުމެވެ. ސަބަބަކީ އޭނާގެ އަސާސީ ބޭނުންތައްކަމަށްވާ، ބަނޑުފުރާނަ މުއްތިކުރުމާއި ބޯހިޔާވަހިކަން ވެސް އެ ރުކާ ނުވަތަ އެ ވެށްޓާ ގުޅިފައިވާކަމުގެ ފުރިހަމަ ޔަގީންކަން އޭނާގެ ތަޖުރިބާގައިވުމެވެ. އިންސާނަކު ފަސްގަނޑެއް ސަލާމަތްކުރުމަށް ޓަކާ ފުރާނަ ދެނީ، އެ ފަސްގަނޑު އޭނާއަށް ޓަކައި، އޭނާގެ ބަނޑުފުރާނަ ސަލާމަތްކޮށްދޭތީއެވެ.
ދެވަނަކަމަކީ ވަސީލަތްތަކުގެ ބޭނުން ހިފުމުގެ ހުނަރެވެ. މި ކަމަށް ރިސޯސް އޮޕްޓިމައިޒޭޝަނޭ ކިޔައެވެ. މި ގޮތުން ރަށެއްގައި ހުންނަ ވަސީލަތެއްގެ ބޭނުން އެ މުޖުތަމަޢަކުން ހިފާ މިންވަރަށް ބަލައެވެ. މި ލިޔުމުގައި ރުކުގެ ކޮންމެ ބަޔަކީ (މޭވާ، ފަން، ކިފުޅި، ލަކުޑި، މަލުންއުފައްދާ ދިޔަ/ރާ) ވަކި ބޭނުމަކަށް ޚާއްޞަކޮށްފައިވާ އެއްޗެއްކަން ބަޔާންކޮށްފައިވެއެވެ. މިއީ ފަގީރުކަމުގެ ތެރެއިން ލިބޭ އެންމެ މަތީ ފެންވަރުގެ އީޖާދީ ހުނަރުވެރިކަމެވެ. ދިވެހީން ސަލާމްލެއްވި ޢީސާގެފާނުގެ މީލާދުގެ ތިންވަނަ ޤަރުނުގައި ރޯމަށް ދަތުރުކުރީ މި އީޖާދުގެ ބޭނުންކޮށްގެންނެވެ. އެ ޒަމާނުގެ ދިވެހި ކާބަފައިންގެ ކުރިމަތީ ހެދިފޯދުނު މި ރުކަށް އެމީހުން ވިސްނިލެއް ފުންކަމާއި ފުޅާކަމުން، އެ ރުއް ރިޒުޤަކަށްވިއެވެ. އެ ރުއް ރިޒުޤު ހޯދާން މާކަނޑަށް މަހަށް ނިކުންނަ މަސްބޯޓަކަށްވިއެވެ. އެ ރުއް ހިޔަލަކަށް ވިޔެވެ. އެ ރުކުން ލިބޭ މޭވާއިން ކުފުރާ ތަޅައިގެން، ރޯނުވަށައިގެން ބޭރުދުނިޔެއަށް އެކްސްޕޯޓުކޮށް، ވިޔާފާރީގެ ބާރަކަށްވިއެވެ. އެ ރުކުން އޮޑިފަހަރު ބަނދެގެން ރޯމަށް، ޗައިނާއަށް، ޑިޕްލޮމޭޓުން ފޮނުވިއެވެ. އެ ރުކުން ހަނގުރާމަމަތީ [މަނަވަރު] އުފައްދައި ހޮޅިންނާއި ޕޯޗުގީޒުން ބަލިކުރިއެވެ.
މީގެ އިތުރަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އަނެއް ދެ ސިފަޔަކީ އިންސާނުންނާ ޠަބީޢީވެށްޓާ ނުވަތަ ޤުދުރަތީ ނިޒާމާ އޮންނަ ގާތް ގުޅުމެވެ. މި ކަމަށް އިކޮލޮޖިކަލް ހަރމަނީއޭ ކިޔައެވެ. އަނެއް ބަހާއަކީ ސަގާފީ ވިރާސަތެވެ. ސަގާފަތާއި ތަރިކައެވެ. ޖަޒީރާވަންތަ ދިރިއުޅުމުގައި އިންސާނުންނާއި ޤުދުރަތީ މާހައުލާ އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ. ރުކުގެ ހިޔަލުން ފެށިގެން، އެއިން ލިބޭ ކާނާއާއި، ބޯހިޔާވަހިކަމާއި، ހެދުން އެޅުން؛ މި ހުރިހާ ކަމެއް ރުކާ ގުޅިފައި އޮތުމަކީ، އެ މުޖުތަމަޢު، ޤުދުރަތީ ވެށީގެ ތެރޭގައި މުޅިން ހިމެނިފައިވާކަމުގެ ހެއްކެކެވެ. މިއީ "އެކޯ-ސިސްޓަމް" އާއި އިންސާނީ ދިރިއުޅުން އެއް ހަމައެއްގައި ހިނގަމުންދާ ކަމުގެ ރީތި މިސާލެކެވެ. މި ލިޔުމުގައި ސައްޔާޙު ހައިރާންވަނީ އެ ރަށު މީހާގެ ފަގީރުކަމާއި، އޭނާގެ ދިރިއުޅުމުގެ ފަސޭހަކަމާ ދެމެދު އޮތް ތަފާތު ފެނުމުންނެވެ. ޖަޒީރާތަކުގެ ދިރާސާގެ ނަޒަރުން ބަލާއިރު، މިއީ "ކޮމިއުނިޓީ ރެޒީލިއަންސް" (Community Resilience) ނުވަތަ ދަތި ހާލަތްތަކުގައި ވެސް ކުޅަދާނަކަމާއެކު ދެމިތިބުމުގެ ޙިކުމަތެވެ. ބައެއްގެ ދައުލަތް ދެމި އޮންނަނީ މި ފަދަ ކެތްތެރިކަން އެ ޒަމާނަކާ ގުޅޭގޮތަށް އެބައެއްގައި އަށަގަންނަވައި ދަމަހައްޓައިގެންނެވެ.
ކުރުކޮށް ދަންނަވާ ނަމަ، މި ލިޔުމަކީ ދިވެހިރާއްޖޭގެ ޖަޒީރާވަންތަ ދިރިއުޅުމުގެ "އެންސައިކްލޮޕީޑިއާ" އެއް ފަދަ ލިޔުމެކެވެ. ރުކަކީ ހަމައެކަނި ގަހެއް ނޫންކަމާއި، އެއީ ދިވެހިންގެ ސަގާފަތާއި، އިޤުތިޞާދާއި، ދިރިއުޅުމުގެ ބިންގާކަން ލިޔުންތެރިޔާ ވަރަށް ފުރިހަމައަށް ބަޔާންކުރައްވައި ހުށަހަޅުއްވައިފައިވެއެވެ.
ޒަމާނީ ދުނިޔެ ދައްކާ ޙަޤީޤަތަކީ ކޮބާ؟
ޖަޒީރާ ޤައުމުތައް ޒަމާނީ ތަރައްޤީގެ ތެރެއަށް ވަންނައިރު، އެބައެއްގެ ވެށީގައި އޮތް ތަޖުރިބާތަކާއި ޢިލްމު (Traditional Ecological Knowledge - TEK) ތަޢުލީމީ ނިޒާމުގެ ތެރޭގައި ހިމަނައިގެން، އެ ޢިލްމުތައް ނެގެހެއްޓުމަކީ، ޤައުމެއްގެ ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި އަޅަންޖެހޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މިއީ ބޮޑެތި ބައްރުތަކުގައިވާ ބިޔަ ޤައުމުތައް ވެސް ކުރިއަރައި، އާ އުދަރެސްތަކަށް ވާޞިލުވާ ގޮތެވެ. ޖަޒީރާ ދިރާސާތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދިރާސާތަކުން ދައްކާ ގޮތުގައި މިކަމަށް ފިސާރި އިސްކަންދޭން ޖެހެއެވެ. މައިގަނޑު ހަތަރު ސަބަބެއް ދަންނަވައިލައިފައި މަޒުމޫނު ކުރުކޮށްލާނަމެވެ.
ފުރަތަމަ ކަމަކީ ޤުދުރަތީ ވަސީލަތްތައް މެނޭޖްކުރުމުގެ ޙިކުމަތެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، ޖަޒީރާތަކަކީ ވަސީލަތްތައް މަދު ތަންތަނެވެ. ވަށައިގެންވާ ކަނޑުގެ ވެއްޓަށް ވަރަށް ބޮޑަށް ބަރޯސާވާ ތަންތަނެވެ. އެހެންކަމުން ރުކުގެ ބޭނުން ހިފުމުގައި ފެންނަ ފަދަ، އީޖާދީ ހުނަރުތަކަކީ ޖީލުތަކަކަށް ކުރެވުނު ތަޖުރިބާގެ މައްޗަށް ބިނާވެފައިވާ ޙިކުމަތްތަކެކެވެ. އިންސާނީ މަޢުރިފާ (Knowledge) ތަކެކެވެ. މި ފަދަ ޢިލްމު ތަޢުލީމުގެ ތެރެއިން ވާރުތަކުރުމަކީ ރަށުގެ ވެށި ހިމާޔަތްކުރުމަށާއި، ވަސީލަތްތައް އިސްރާފުނުކޮށް ބޭނުންކުރަން ދަސްކޮށްދޭ އެންމެ ރަނގަޅު އެއް މަގެވެ.
ދެވަނަ ކަމަކީ މޫސުމީ ބަދަލުތަކަށް ހޭނުމެވެ. އެހެނީ އަބަދުވެސް ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމީ ބަދަލުތަކެވެ. މީގެ އެތައް ޒަމާނެއް ކުރީއްސުރެން ފެށިގެން، ދިވެހީން ފަދަ ޖަޒީރާވަންތަ ޤައުމުތަކުގެ މީހުން ގެންގުޅުނު، މޫސުން ދެނެގަތުމުގެ ހުނަރުތަކެއް ހުށްޓެވެ. ވެށީގެ ބަދަލުތަކަށް ހޭނުމުގެ ގޮތްތަކެއް (އިންޑިޖިނަސް ނޮލެޖް) އޮތެވެ. އެކަންކަން ޒަމާނީ ސައިންސާ އެއްކޮށްލުމުން، މޫސުމީ ނުރައްކާތަކުން ސަލާމަތްވުމުގެ ޤާބިލުކަން އިތުރުވާނެއެވެ. ކީއްވެތޯއެވެ؟ އޭރުން އެ ޢިލްމުގެ އަސްލާއި، އެ ޢިލްމު ބޭނުންކުރާ ވެށްޓާ ދިމާވާނެއެވެ. އެ ކަމަށް އުފެއްދި ޓެކްނޯލޮޖީއާ ސީދާ ގޮތެއްގައި ގުޅޭނެއެވެ.
ތިންވަނަ ކަމަކީ ޤައުމުގެ ސަގާފީ ޝަޚުސިއްޔަތާއި އިޖުތިމާޢީ ގުޅުމެވެ. ތަޢުލީމީ ނިޒާމުގެ ތެރޭގައި މި ފަދަ ޘަޤާފީ ޢިލްމު ހިމެނުމަކީ ޒުވާން ޖީލުތަކަށް އެމީހުންގެ އަސްލާއި ސަގާފަތާ ގުޅިފައި އޮތުމުގެ ފުރުސަތު ފަހިކޮށްދޭ ކަމެކެވެ. މިއީ ޤައުމެއްގެ ޝަޚުސިއްޔަތު ދެމެހެއްޓުމަށާއި، މުޖުތަމަޢުގެ އެއްބައިވަންތަކަން (Social Cohesion) ދަމަހައްޓަން މުހިންމު ކަމެކެވެ. މި ތާނގައި ސަގާފަތޭ މި ދަންނަވަނީ ރަތްލިބާހަކާއި ކަޅުފޭލިބުރިޔަކަށް ނޫނެވެ. ސަގާފަތޭ މި ދެންނެވީ އޭގެ ޙަޤީޤީ މާނައިގައެވެ. ޤައުމެއްގައި ހުންނާން ޖެހޭ، ހުނަރުވެރިކަމާއި ފަންނުވެރިކަމާއި ވިސްނުންތޫނުކަމުގެ މާނައިގައެވެ. ހަމަ އެހެންމެ އުނގަންނާދިނުމުގައި ސަގާފީ ޢިލްމު ހިމެނުމާއި ސަގާފަތާ ބެހޭ މަޢުލޫމާތު ހިމަނައިގެން ކިޔަވައިދިނުމަކީ ވެސް މުޅިން ތަފާތު ދެ ދަރަޖައެއްގެ ތަފާތު ދެކަމެކެވެ. އޭގެ ނަތީޖާ ވެސް އުޑާ ބިމާހައި ތަފާތުވާނެއެވެ. ސަގާފަތާއި ތަރިކައިގެ ޢިލްމު އުނގަންނާދިނުމުގައި ހިމެނޭ ހަތަރުވަނަ ކަމަކީ އީޖާދުކުރުމަށް އާ ދޮރުތަކެއް ހުޅުވުމެވެ. މިއީ ވެސް ވަރަށް ބޭނުންތެރި އެހާމެ މުހިންމު ކަމެކެވެ. ޒަމާނީ ތަރައްޤީއަކީ ހަމައެކަނި ބޭރުން އަންނަ އެއްޗެއް ނޫނެވެ. ރުކުގެ ތަކެތިން ގެޔެއް އެޅުމާއި، ކާބޯތަކެތި ތައްޔާރުކުރުމަކީ އެ ޒަމާނުގެ "އިންޖިނިއަރިންގ" އާއި "އިނޮވޭޝަން" އެވެ. މި ވިސްނުން ޒުވާނުންނަށް ދަސްކޮށްދިނުމުން، އެމީހުންގެ ވިސްނުން ބައްޓަންވާނީ އަމިއްލަ ވެށީގެ ވަސީލަތްތައް ބޭނުންކޮށްގެން އާ އީޖާދުތައް ކުރުމަށެވެ. ޢިލްމީ މި ޙަޤީޤަތަށް ދިވެހިރާއްޖެއިން ހެތްކެއް މިސާލެއް ބޭނުންފުޅުވޭތޯއެވެ؟ މި ޒަމާނުގެ އެންމެ މޮޅު ދިވެހި ސަފާރީތައް ބަނދެފައިވާ، ބައެއް މާވަޑީންނަކީ ވަރަށް ތުއްތު އިރު، ކަށިކެޔޮފަތު ދޯނިން، ބޮނބިއޮޑިން، ކުދި ލަކުޑިދޯނިން އެ މަސައްކަތުގެ މަރުހަލާތައް ކަޑައްތުކުރި، އަދުގެ ޤާބިލު ދިވެހި ދަރީންނެވެ.
ނިންމުން
ގަހަކުން މާ ފަރިވުމަށް ޓަކައި އެ ގަހެއްގެ މޫތައް ބޭނުންވެއެވެ. ޤައުމަކުން ތަރައްޤީގެ ކުރިބޯށްޓަށް ވާޞިލުވުމަށް ޓަކައި އެ ޤައުމެއްގެ ޤަދީމީ ޢިލްމުތަކުގެ މަތީގައި އެ ބަޔެއްގެ ތަރައްޤީ ބައްޓަންކުރަން ޖެހެއެވެ. ޒުވާން ޖީލުތައް ބިނާކުރަން ޖެހެއެވެ. އެހެނީ ދުނިޔެ ދައްކާ ޙަޤީޤަތް ވަރަށް ސާފެވެ. ކުރިއަރައިފައިވާ ޗައިނާ ބައްލަވާށެވެ! މިހާރު ހޯދައިފައިވާ ކުރިއެރުންތަކުގައި އެ މީހުންގެ ތަރިކަތައް އެއީ ވަރަށް މުހިންމު ބިންގަލެކެވެ. އެންމެ ތުއްތު ސިކުނޑިތަކާއި އަތްތައް އެ މީހުންގެ ތަރިކައަށް ފަރިތަކުރުވައެވެ. ނުހަނު ތަރުތީބުކަމާއި ރޭވުންތެރިކަމާއެކީގައެވެ. ނަތީޖާއެއްގެ ގޮތުން ޗައިނާ މީހުން މި ރޮނގުން ލައްކަ އުހަށް ދަތުރުކޮށްފިއެވެ. ޗައިނާގެ ސައިންސްވެރިއެއް ކަމަށްވާ ތޫ ޔޫޔޫ (Tu Youyou) އަށް 2015 ވަނަ އަހަރު ނޯބެލް އިނާމު ލިބުނީ ޗައިނާގެ ޤަދީމީ ބޭސްވެރިކަމުގެ ފޮތްތަކުން ހޯއްދެވި ޚިޔާލެއްގެ މައްޗަށް ބިނާކޮށް، މަދިރީގެ ޒަރީއާއިން ޖެހޭ މެލޭރިއާ ބައްޔަށް "އާޓީމިސިނިން" (Artemisinin) ހޯއްދެވުމުންނެވެ.
ޗައިނާގެ ޔުނިވަރސިޓީތަކުގައި، ޗައިނީސް ޓްރެޑިޝަނަލް މެޑިސިންގ TCM އާއި މޮޑަން ބަޔޯމެޑިސިން އެއްކޮށް ކިޔަވައިދޭ ޚާއްޞަ ޕްރޮގްރާމްތައް ހުރެއެވެ. މިއީ ސަގާފީ ޢިލްމު ލެބޯޓްރީ ތަހުލީލުތަކާ ގުޅުވައިގެން ތަރައްޤީކުރުމުގެ ވަރަށް ފުރިހަމަ ނަމޫނާއެކެވެ.
ތުރުކީން މަސައްކަތްކުރަނީ އެމީހުންގެ ސަގާފީ އުފެއްދުންތަކާއި ޒަމާނީ އިންޖިނިއަރިންގް ގުޅުވައިގެން އީޖާދީ އުފެއްދުންތައް އުފައްދާށެވެ. މިސާލަކަށް ތުރުކީގެ ޔުނިވަރސިޓީތަކުގައި "ސަގާފީ އާޓްސް އެންޑް ކްރާފްޓްސް" ތެރެއަށް ޒަމާނީ "މެޓީރިއަލް ސައިންސް" ހިމަނައިފައިވެއެވެ. މިސާލަކަށް، ޘަޤާފީ ވޫލް އުފެއްދުންތަކާއި ސެރަމިކްސްގެ ހަރުދަނާކަން ދެނެގަތުމަށް ޒަމާނީ ނެނޯ-ޓެކްނޮލޮޖީ ބޭނުންކުރެއެވެ. ތުރުކީގެ އިސްތަންބޫލް ޓެކްނިކަލް ޔުނިވަރސިޓީ ފަދަ ތަންތަނުގައި ސަގާފީ އާކިޓެކްޗަރަލް އުކުޅުތައް (Traditional Architectural Techniques) ޒަމާނީ "ސިސްމިކް އިންޖިނިއަރިންގް" (ބިންހެލުންތަކުން ސަލާމަތްވާނެ ގޮތް) އާ ގުޅުވައިގެން ކިޔަވައިދެއެވެ. މިއީ ސަގާފީ ޢިލްމު ޒަމާނީ ރައްކާތެރިކަމުގެ ސައިންސާ ގުޅުވައިލުމެވެ.
ކަރުނައެއް އަޅައިފައި ކޮށްލެވޭ ސުވާލަކީ އަޅުގަނޑުމެން ދިވެހީންގެ ނެވިކަމުގެ ޢިލްމުތަކަށް ވީ ކިހިނެއްތޯއެވެ؟ ގަލުވަޑާމުގެ ފަންނުތަކަށްވީ ކިހިނެއްތޯއެވެ؟ މާވަޑާމުގެ ހުނަރުތަކަށް ވީ ކިހިނެއްތޯއެވެ؟ ދިވެހި ރާއްޖޭގައި ދިރިއުޅޭ ފިރިހެނުންގެ %47 އަކީ އެހެން ގައުމުތަކުން އައިސް ތިބި މަސައްކަތު މީހުންނަށްވުމުގެ މާނައަކީ، އެ ކަމުން މާދަމާއަށް ދިއްލޭ ބިރުވެރި ރަތްބޮތްކަކީ ކޮބައިތޯއެވެ؟
ދިވެހީންނަކީ މާކަނޑެއް ފަތަހަކޮށްގެން މިނިވަންކަމާއެކު ދިރިއުޅެމުން އައި ހިތްވަރުގަދަ ޤައުމެކެވެ. ތާރީޚު ދައްކައިދެނީ ދިވެހީންގެ އީޖާދާއި ޙިކުމަތާއި ފަންނާއި ހުނަރެވެ. އާދަޔާ ޚިލާފު ހަރުދަނާކަމާއި އަޚްލާޤެވެ. އެކަންކަން އޮތީ ދިވެހީންގެ ސަގާފަތުގައެވެ. ކުރިއަރައިދިޔަ އެހެން ޤައުމުތައް ވެސް، އެ މީހުން ފަޒާގައި އިސްޓޭޝަން ހެދީ، އަދި މިހާރު ވެސް ކުރިއަށްދަނީ އެ މީހުންގެ ތާރީޚުގެ ހަރުގަނޑުން މައްޗަށް އަރައިގެނެވެ. އެ މީހުންގެ މާޒީގެ ކާމިޔާބީތަކާއި މަސައްކަތްތެރިކަން ޖީލުން ޖީލަށް ރައްދުކޮށްދީ، ޒަމާނީ ޓެކްނޯލޮޖީގެ ތެރެއަށް އެ ކަންކަން ހިޖުރަކުރުވައިގެނެވެ. ޗައިނާއާއި ތުރުކީ ފަދަ ދައުލަތްތަކުގައި އުފެއްދުންތެރި، އަމިއްލަ ފަސްގަނޑަށް ވަފާތެރި، އާބާދީއެއް އުފެއްދީ އެ ގޮތުންނެވެ. ޤައުމެއްގެ ތަރިކަ ގަހެއްގެ މޫތައް ފަދައެވެ. މޫތައް ބުރިކޮށްލުމަށް ފަހު، ގަހުގެ މަލަށް އިންތިޒާރު ކުރެވޭނެތޯއެވެ؟ ދިވެހިރުއް ނިކަން އަސަރާއެކު ބުނަނީ އެ ވާހަކައެވެ. ދިވެހި ރުކުގެ ކުރިގަނޑުން ލިބިދޭ މޭވާއަށް އުންމީދުކުރާ ނަމަ، އެ ރުކުގެ މޫތައް ކަނޑައިނުލާށެވެ! އެ މޫތަކަށް ރަޙުމުކުރާށެވެ! ޤަދަރުކުރާށެވެ!
