ބަހަކީ ބައެއްގެ ޤައުމީ ފުދުންތެރިކަން އޮތް ދަރަޖައިގެ ރަމްޒެކެވެ. ޤައުމީ ފުދުންތެރިކަމޭ މި ދެންނެވީ ޤައުމެއްގައި ހުންނަ ޤައުމުވަންތަކަމުގެ ސިފަތަކަށެވެ. އޭގެ ފެންވަރަށެވެ. ޤައުމެއް އަމިއްލަ ބަހަކުން ވާހަކަދައްކާނެއެވެ. އަމިއްލަ ސަގާފަތެއް ނަގަހައްޓާނެއެވެ. އަމިއްލަ ތަޖުރިބާތަކަކުން ލައިމެހެމުންދާ، އެއް ތާރީޚެއްގެ އަހުލުވެރީންކަމުގައިވާނެވެ. އެއީ ވަރަށް ހިމުން އެއްގޮތްވަންތަކަމެއްގެވެރި އިންސާނީ ޖަމާޢަތެކެވެ.

ޤައުމުވަންތަ ކުރިއެރުންތަކަށް ޢިލްމީ ގޮތުން ނިސްބަތްތަކެއް ކަނޑައެޅިފައި ހުރެއެވެ. އޭގެތެރޭން އެ ޤައުމެއްގެ އަމިއްލަ ދައުލަތެއް އުފައްދައި، ޢިލްމާއި ފަންނުގައި ކުރިއަރައި، ހަރުދަނާ ގޮތްތައް އުފަންކުރާން ފެށުމުން އެ ބައެއްގެ ސަގާފަތް ޙަޟާރަތެއްގެ ދަރަޖައަށް ބަދަލުވުން ހިމެނެއެވެ. އެއީ އެބައެއްގެ ހަމަތައް ވަރަށް ކަވިކޮށް ތަރުތީބުވެ، އުޅުންތެރިކަން އުފުލިގެންދިޔުމުންނެވެ. ތަހުޒީބުވުމޭ ކިޔަނީ އެކަމަށެވެ. މި ގޮތުން ދިވެހި ޤައުމުގެ ސަގާފަތް ޙަޟާރަތެއްގެ ދަރަޖައަށް އުފުލުނު ޒަމާނެއް މި ޤައުމު ދެކެފައިވެއެވެ. އެކަމުގެ އެއް ހެތްކަކީ ދިވެހި ބަހެވެ. އެ ބަހުގައި ފެންނާން މިހިރަ ވާހަކަ ދެއްކުމުގެ އަދަބުތަކެވެ.

މި މަޒުމޫނުގައި ބަލައިލާނީ ދިވެހި ބަހުން ވާހަކަދެއްކުމުގައި ފަހަކަށް އައިސް އޮޅުން އަރާ މައްސަލައަކަށެވެ. ''އަންހެން ބޭފުޅުން''، ''އަންހެން ކަނބަލުން'' މި ކިޔޭ ކިޔުމުގެ މައްޗަށެވެ. އޭގައި ބަހުގެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟

''ބޭ''އަކީ ކޮބާ؟

ދިވެހިބަހުގެ ބަސްފޮތް ބުނާ ގޮތުން ''ބޭ'' އަކީ ދުވަސްވެ މުސްކުޅިވެފައިވާ ފިރިހެން މީހާއެވެ. ރަނގަޅެވެ. ދުވަސްވެ މުސްކުޅިވެފައިވާ ފިރިހެން މީހާއަށް އަޅުގަނޑުމެން ''ބޭ'' ކިޔަމުއެވެ. އެކަމަކު މި ތާނގައި އެހެން ސުވާލެއް އުފައްދާން ޖާގަ އޮތް ކަމަށް އަޅުގަނޑު ދެކެމެވެ. އެއީ ދުވަސްވެ މުސްކުޅިވެފައިވާ ފިރިހެން މީހާއަށް ''ބޭ'' ކިޔަނީ ކޮން މާނައެއްގައި ތޯއެވެ؟ ކޮން މަޤުޞަދެއްގައިތޯއެވެ؟ ކީއްވެގެންތޯއެވެ؟ މި ކަމަށް ވިސްނައިލުމަށް ޓަކައި، ތަންކޮޅެއް ދުރު އެހެން ބައެއް ހިސާބަށް ދަތުރުކޮށްލަމާ ހިންގަވާށެވެ!

ރާއްޖެއާ ސަގާފީ ގޮތުން ގުޅުން އޮންނަ، އެކަމަކު ރާއްޖެއާ ދުރު ބައެއް ހިސާބުތަކުގެ ބަސްބަހުގައި ވެސް، ''ބޭ'' އޮވެއެވެ. އެއް ބަހަކީ ތުރުކީ ބަހެވެ. ތުރުކީ ބަހުގައި، ޢުޘްމާނީ ޚިލާފަތުގައި ''Bey'' މި ލަފުޒު ބޭނުންކުރެވިފައިވަނީ، އިޖުތިމާޢީ ވަކި ހައިސިއްޔަތެއް ނުވަތަ ލަޤަބެއްގެ ގޮތުގައެވެ. ގަވަރުނަރު ނުވަތަ ޤަބީލާގެ އިސް މީހަކަށް ކިޔާ ނަމެއްގެ ގޮތުގައެވެ. މި ގޮތަށް ކީ އިރު، ފިރިހެނުންނަށް ކީ [ބޭ] އެވެ. އަންހެނުންނަށް [ހާނިމް] ނުވަތަ [ހާތުމް] އެވެ.

ފަހަކަށް އައިސް ތުރުކީއާއި، އުޘްމާނީ ޚިލާފަތުގެ ސަގާފީ އަސަރުކޮށްފައިވާ ބައެއް ދައުލަތްތަކުގައި އެއީ ކަމޭހިތުމާއި އިޙްތިރާމުކުރާން ބޭނުންކުރެވޭ ލަފުޒަކަށްވިއެވެ. މިސާލަކަށް ތުރުކީގައި ނަމަ، [Ahmet Bey] (އަހުމަދު ބޭ) މި ގޮތަށެވެ. ބޮސްނިޔާ ހެރްޒޮގޮވީނާގައި [ބޭ] އޮންނަނީ [begović] (ބެގޮވިޗް) އަށް ވެފައެވެ. ނަމަވެސް ކުރުކޮށް ކިޔަނީ ބޭ އެވެ. މި ގޮތުން ބޮސްނިޔާގެ އެއްދުވަސްވަރެއްގެ ޚާރުޖީވަޒީރަކީ [Muhamed Šaćirbey] (މުޙައްމަދު ޝާކިރުބޭ) އެވެ.

ބަހަވީ ދިރާސާތައް ބުނާ ގޮތުން، މެދުތެރޭ އޭޝިޔާގައި މި ލަފުޒު، އެކި ބަސްބަހުގައި ބޭނުންކުރެވެއެވެ. އެއީ ވެރިކަމުގެ ޝަރަފެއްގެ ގޮތުގައި ފެތުރިގެން ދިޔަ ލަފުޒެކެވެ. މި ގޮތުން އުރުދޫބަހާއި ފާރިސީ ބަހުގައި ވެސް [Beg] ނުވަތަ [Baig] ގެ ގޮތުގައި މި ލަފުޒު އައިސްފައިވެއެވެ. މިއީ ވެސް ޝަރަފުވެރި އާއިލާތަކަށް ނުވަތަ ވެރީންނަށް ކިޔާ ނަމެއްގެ ގޮތުގައެވެ. ރާއްޖޭގައި ވެސް ގަނޑުވަރުތެރޭ ބޭފުޅުންނޭ ކިޔާ ނޫންތޯއެވެ? ހަމައެހެންމެ އަވަށްޓެރި މި ސަރަހައްދުގައި އަންހެނުންނަށް މި ލަފުޒު އައިސްފައިވާ އެއް ގޮތަކީ [Begum] (ބޭގަމް) އެވެ. ބޭގަމް ޚާލިދާ ޒިޔާ އަޅުގަނޑުމެން ދަންނަމު އެހެން ނޫންތޯއެވެ!

''ބޭ'' މި ލަފުޒުގެ ވެށި މިހައި ކަންހައިވަރަށް ބަލައި ތަހުލީލުކޮށްލުމުން ޔަޤީންވަނީ ދިވެހިބަހުގައި [ބޭ]ގެ ދައުރަކަށް ވާނީ، އެއްވެސް ހާލެއްގައި މީހަކީ މުސްކުޅި ފިރިހެނެއްކަން އަންގައިދިނުން ނޫންކަމެވެ. އެއާ ޚިލާފަށް، [ބޭ]ގެ އެއް ދައުރަކީ މުސްކުޅިއަކަށް ދޭން ޖެހޭ އިޙްތިރާމާއި ޤަދަރު ދިނުމެވެ. އެ ކަމަށް ޓަކައި ''ބޭ''އެކޭ ނުވަތަ [ބެ]އެކޭ ބުނުމެއެވެ. މި ކަމަށް އިތުރަށް ބާރުދެނީ އަންނަނިވި މިސާލުތަކެވެ. ދޮންބެ، ކުޑަބެ، ތުއްތުބެ، ބޮޑުބެ، ކެޔޮޅުބެ، މާވަޑިބެ، އެދުރުބެ، ކަލޭފާނުބެ އަދި ކޮބައިތޯ؟ ބޭކެނބި/ބެއިކެނބިދައިތަ ފަދަ ނަންތަކަށް ނަޒަރު ހިންގައިލައްވާށެވެ! "ބޭ" ނުވަތަ ''ބެ'' އައިސްފައިވާ ގޮތަށް ވިސްނައިލައްވާށެވެ! މުޅީން ވެސް އިޙްތިރާމާއި ލޯތްބާއި ޤަދަރާއި ޢިއްޒަތްދިނުމެވެ.

ބޭފުޅުންނާއި ބޭކަނބަލުން

ދިވެހީންގެ ކަމޭ ހިތުމުގެ ސަގާފަތުގައި މައިގަނޑު ތިން ދަރަޖައެއް އޮވެއެވެ. އެއީ މީހުންނޭ ބުނެ މުޚާޠަބުކުރާ ދަރަޖައަކާއި ބޭކަލުން ނުވަތަ ބޭކަނބަލުންނޭ ބުނެ މުޚާޠަބުކުރާ ދަރަޖައަކާއި ބޭފުޅުންނޭ ބުނެ މުޚާޠަބުކުރާ ދަރަޖައެކެވެ. މީގެ ތެރޭން ތާރީޚުގެ ތަންކޮޅެއް ކުރިޔަށް ޖެހިލާ ނަމަ، ރަސްކަމުގެ ގަނޑުވަރުތެރެއަށް ނުވަތަ ރަސްމަތިފުށަށް ނިސްބަތްވާ މީހުންނަށް ބޭފުޅުންނޭ ކިޔައެވެ. އޭގެ މާނައަކީ ރަސްކަމުގެ ޚާންދާނަށް ނިސްބަތްވާ ނަމަ އެއީ ބޭފުޅެކެވެ. ހަމަ އެހެންމެ ރަސްކަލެއްގެ ދަރިކަލެއް ނުވަތަ ދަރިކަނބަލެއް ނަމަ އެއީ ވެސް ބޭފުޅެކެވެ. އެހާލަތުގައި ބޭފުޅެކޭ ބުނަނީ އެއީ ކުއްޖެކޭ ނުވަތަ ދަރިއެކޭ ބުނުމުގެ މާނައިގައެވެ.

ތާރީޚުގެ މެދުތެރެއަށް ބަލައިލީމާ ރަސްމަތިފުށަށް މުޅިން ފޫޅުނުކެނޑިޔަސް، މީހާގެ ޢިލްމީ އިޖުތިމާޢީ ހައިސިއްޔަތާއި އަދާކުރާ މަޤާމުގެ ނިސްބަތަށް ބަލައި، މި ހަމަތަކުން މުޚާޠަބުކުރެވިފައިވާތީ ވެސް، ފެނެއެވެ.

ފަހަކަށް އައިސް، އެންމެ މާތް ބަހުން އެ މީހަކާ މުޚާޠަބުކުރެވޭ ނަމަ އެ ހާލަތުގައި ކޮންމެ މީހަކީ ވެސް ބޭފުޅެކެވެ. އަދި އެ މީހެއްގެ ދަރީންނަކީ ވެސް ބޭފުޅުންނެވެ. އެއީ އެ މީހެއްގެ ކުއްޖެކޭ ނުވަތަ އެއީ އޭނާގެ ދަރީންނޭ ބުނާން ވެއްޖެ ނަމަ ބުނަނީ، އެއީ އޭނާގެ ބޭފުޅެކޭ، ނުވަތަ އެއީ އޭނާގެ ބޭފުޅުންނޭ އެވެ. އެހެންކަމުން އިޖުތިމާޢީ ސިޑީގެ ކޮންމެ ހަރުފަތެއްގައި ހުންނަ ކޮންމެ މީހަކަށް ވެސް މި ޒަމާނުގައި ބޭފުޅެކޭ އެބަ ކިޔެއެވެ. ސަމާލުވާން ޖެހޭ ނުކުތާއަކީ އެއްވެސް މީހަކާ ވަކި ދަރަޖައަކުން މުޚާޠަބުކުރެވޭ ނަމަ އެ ދަރަޖައަކުން މުޅި ވާހަކަ ކުރިޔަށް ގެންދިއުމެވެ. ބޭފުޅުންގެ ދަރަޖައިން ފަށައިގެންފި ނަމަ އެ ދަރަޖައިގައި ހިފެހެއްޓުމެވެ.

[ބޭފުޅުން/ބެއިފުޅުން] މި ލަފުޒު އަސްލުގައި އުފެދިފައި ވާކަމަށް ބެލެވެނީ [ބެއި] އިންނެވެ. އެއީ ތިން ބައެއްގެ މައްޗަށް އެކުލެވިގެންވާ ގިނަ ނަމެކެވެ. އެއީ؛

1. ބެއި (އިޖުތިމާޢީ މަޤާމު /Status )

2. ފުޅު (މާތްކުރުމަށް ބާރުއަޅާއަކުރު / Honorific suffix)

3. އިން (ގިނަނަން އުފައްދާއަކުރު / Suffixal Plural Marker)

މި އުސޫލުން މި ލަފުޒު އުފެދިފައިވާ ގޮތްކަމަށް ބެލެވޭ ގޮތަކީ، ބެއި+ފުޅު+އިން= ބެއިފުޅުން (ބޭފުޅުން) މި ގޮތަށެވެ. އެހެން ނޫނީ މި ލަފުޒުގެ އަސްލަކީ [ބެ] ކަމަށް ވެސް ވެދާނެއެވެ. ކޮންމެޔަކަސް މި ޒަމާނަށް [ބޭފުޅުން] މި ލަފުޒު ލިޔާން ކިޔާން ރަނގަޅުކަމަށް އަޅުގަނޑަށް ބުރަވެވޭ ގޮތަކީ [ބޭފުޅުން] މި ގޮތެވެ.

ދެން އޮތީ ބޭކަނބަލުން / ބެއިކަނބަލުންނެވެ. މި ލަފުޒު ވެސް އުފެދިފައިވަނީ، އިސްވެދެންނެވި ފަދައިންނެވެ. "ބެއި"ގެ ތަރުތީބުންނެވެ. ނުވަތަ ބޭ+ކަނބަލު+އިން= ބޭކަނބަލުން މި ގޮތަށް ކަމަށް ބައްލަވާށެވެ. އޭގެ އިދިކޮޅު ލަފުޒު ބޭކަލުން ވެސް އެބަ އޮތެވެ. އެ ލަފުޒު އުފެދިގެން އަންނަނީ ވެސް އެ ގޮތަށެވެ. މި ޒަމާނުގައި ލިޔެކިޔާ ގޮތަށް ނަމަ، ބޭ+ކަލު+އިން= ބޭކަލުން މި ގޮތަށް ކަމަށް ބައްލަވާށެވެ. މި ދެ ލަފުޒު އެކަހެރި ކުރަނީ ބޭކަނބަލެއް އަދި ބޭކަލެއް މި ގޮތަށެވެ. މި ދެ ލަފުޒު ބޭނުންކުރާ އިރު ދުލަށް ފަސޭހައަށް ބޭނުންކުރާ އެހެން ގޮތެއްވެސް އޮވެއެވެ. އެއީ ބައެއް ފަހަރަށް [ބޭ] އުނިކޮށްލުމެވެ. ކަނބަލުން ނުވަތަ ކަލުން މި ގޮތަށް ކިޔުމެވެ.

މި ތާނގައި ފާހަގަކޮށްލެއްވޭނެ މުހިންމު ކަމަކީ ބޭކަނބަލުންގެ އިދިކޮޅު ލަފުޒުގެ ގޮތުގައި ބޭކަލުން އޮތް ފަދައިން، ''ބޭފުޅުން'' މި ލަފުޒުގެ އިދިކޮޅު ލަފުޒެއް ނެތްކަމެވެ. އެހެންވީމާ އޭގެ މާނައަކީ ކޮބައިތޯއެވެ؟

ބޭފުޅުންނަކީ ދިވެހިބަހުގައި ދެ ޖިންސަށް ވެސް ބޭނުންކުރާން އޮތް ލަފުޒެކެވެ. ބަހަވީ ޢިލްމުގެ ބަހުރުވައިން ނަމަ، ''ބޭފުޅުން'' މިއީ ދެޖިންސަށް ހަމަހަމަ ''Gender-neutral'' ލަފުޒެކެވެ. އެއީ އެންމެ މަތީ ދަރަޖައިގައި ދިވެހިބަހުގައި ދެ ޖިންސަށް ކަމޭހިތާން ބޭނުންކުރާ ލަފުޒެވެ. މާތުރަ؛ ރަސޫލުބޭކަލުންނާއި އަޞްޙާބުބޭކަލުންނަށް ނިސްބަތްކޮށް ބޭފުޅުންނޭ ކިޔޭ ހާލަތްތަކަކާއި ބޭފުޅުންނޭ ނުކިޔޭ ހާލަތްތަކެއް، ހަމަތަކެއް އަދި ވަކިން ހުރެއެވެ. އެއީ ނުހަނު މަތީ ދަރަޖައިގައެވެ.

ނިންމުން

ދިވެހިބަހުގައި "ބެއި" / "ބޭ" /"ބެ" އެއީ ކަމޭހިތުމަށް ޓަކައި ކިޔޭ ގޮތެކެވެ. ދިވެހި ބަހުގައި އެ ލަފުޒު (ބޭ) ގެ ފަހަތަށް އެކިފަހަރު އެކިނަން ( ފުޅުން، ކަލުން، ކަނބަލުން) ގުޅުވައެވެ. އަދި ބައެއް ފަހަރަށް އެކި ނަންނަމުގެ ފަހަތަށް "ބެ" ގެނެއެވެ. މި ކަންކަމާ އެކު ވެސް، ވާހަކަދެއްކުމުގައި މި ޒަމާނުގައި އަޅުގަނޑުމެން މުޚާޠަބުކުރާން ޖެހޭ ފަރާތްތަކުގެ ނިސްބަތުގައި އަންހެންބޭކަނބަލުން، ނުވަތަ އަންހެން ކަނބަލުންނޭ ކިޔާންޖެހޭ ލިޔާންޖެހޭ އެއްވެސް ހާލަތެއް ނާންނާނެއެވެ. އެއީ މި ޒަމާނުގައި އަޅުގަނޑުމެން ކަމޭހިތައިގެން ވާހަކަދައްކަނީ އެންމެ މާތް ދަރަޖައިންކަމަށްވާތީއެވެ. އެންމެ މާތް ދަރަޖައިން މުޚާޠަބުކުރުމަށް އެ ބަހުރުވައިން ވާހަކަދައްކާއިރު، އަންހެނުންނަށް ނިސްބަތްކޮށް އަންހެންކަނބަލުންނޭ ބުނުމަކީ ބަހުގެ ހަމަ ތަންދޭކަމެއް ނޫނެވެ. ވަކިން ޚާއްޞަކޮށް ފިރިހެނުންނަށް ފިރިހެން ބޭފުޅުންނޭ ބުނެފައި، އަންހެނުންނަށް އަންހެން ކަނބަލުންނޭ ބުނެވުނީމާ އެ ކުރެވޭ ކަމަކީ ފިރިހެނުންނަށް އެންމެ މަތީ ދަރަޖައިން މުޚާޠަބުކޮށްފައި، އަންހެނުންނަށް އެއާ ޖެހުނު ދަށު ދަރަޖައިން މުޚާޠަބުކުރެވެނީއެވެ. ހެޔޮނުވާނެނޫންތޯއެވެ؟ އެހެންވިދާޅުނުވާށެވެ. އަންހެން ބޭފުޅުން، ފިރިހެން ބޭފުޅުން، ނުވަތަ ދެ ޖިންސް އެއްކޮށް ނަމަ، ހުރިހައި ބޭފުޅުންނޭ ވިދާޅުވާށެވެ. ރަނގަޅު ގޮތަކަށް ވާނީ އެ ގޮތެވެ. ވީމާ، އަންހެން ބޭފުޅުންނޭ ވިދާޅުވާށެވެ.