މޮޅު އަދަބިއްޔާތެއްގެ އެއް ސިފައަކީ އުފެއްދުންތެރިކަން ހުރުމެވެ. އާކަންހުރުމެވެ. އޭގެ އަސްލަކީ އެ އުފެއްދި މީހާކަން އެއިން ސާބިތުވުމެވެ. ޚިޔާލާއި ފިކުރުންނެވެ. ބުނުންތަކާއި، ހުށަހަޅާ ގޮތުންނެވެ. އެ ކަމަށް ޓަކައި، އަދީބުންނާއި ޝާޢިރުން، އަދަބީ ތަސްވީރެއް އުފައްދާން ބޭނުންކުރާ އެއް ރަމްޒަކުން، ތަފާތު އެތައް މާނައެއް އުފައްދައިފާނެއެވެ. ނަމަވެސް، މި ދެންނެވި މާނަތައް އުފައްދަނީ އެ ކަމަށް ކަނޑައެޅިފައިވާ، މަންޠިޤީ ހަމައެއްގެ މަތީންނެވެ. އަދަބީ އުސޫލުތަކެއްގެ މަތިންނެވެ.
މި މަޒުމޫނުގައި ބަލައިލާނީ އެއްރަމްޒަކުން ތަފާތު އެކި މާނަ އުފައްދާ ގޮތުގެ މައްޗަށެވެ. އެކަމުގައި ބަލާ މައިގަނޑު ޢިލްމީ ހަމައިގެ މައްޗަށެވެ.
ރަމްޒަކީ ކޮބާ؟
އަދަބީ ޢިލްމުގައި ރަމްޒަކީ ވަރަށް މުހިންމު ބައެކެވެ. ކުރުކޮށް ދަންނަވާ ނަމަ، އެއީ އެއްޗެއްގެ ބޭރުފުށުން ފެންނަ ސޫރަޔަށްވުރެ ފުން މާނައެއް އެއެއްޗެއްގެ ފަހަތުގައި ފޮރުވިގެންވުމެވެ. ރަމްޒެއްގައި މައިގަނޑު ދެ ބައެއް ހިމެނެއެވެ. އެއީ އޭގެ ޙަޤީޤީ ސޫރައާއި، އޭގެ ފަހަތުގައި އުފައްދާ ފުން މާނައެވެ. މިސާލަކަށް ޅެމެއްގައި ފިނިފެންމަލެއްގެ ވާހަކަ ބުނެފާނެއެވެ. ބޭރުފުށަށް އެއީ ރީތި މަލެކެވެ. ނަމަވެސް ޅެންވެރިޔާ ގަސްތުކުރާ ވަކި ފުން މާނައެއް އެ މާ ނިސްބަތްކުރާ ވަކި ފަރާތެއް ނިވާވެފައި އޮންނާނެއެވެ. މި ގޮތުން އުފައްދާ ތަސްވީރުގެ ދާއިރާއަށް ބަލަޣަތުގެ ޢިލްމުގައި މަޖާޒީ ބަސްމަގޭ ކިޔައެވެ.
މަޖާޒީ ބަސްމަގާއި މަޖާޒު
ރަމްޒަކުން އެތައް މާނައެއް އުފައްދާ ގޮތް ދެނެގަންނާން ފީނާލަން ޖެހެނީ މަޖާޒީ ބަސްމަގުގެ ހަމަތަކާ ދިމާއަށެވެ. އޭގެ މައިގަނޑަކީ މަޖާޒެވެ. މަޖާޒެއް ބިނާވެގެންވަނީ މައިގަނޑު 4 ރުކުނެއްގެ މައްޗަށެވެ. ތިރީގައި މި ވަނީ އެ ހަތަރު ރުކުނުގެ ތަފުޞީލެވެ.
1. މަޖާޒުގެ ފުރަތަމަ ރުކުނަކީ އޭގެ «ޙަޤީޤީ މާނަ» އެވެ. މަޖާޒެއް ގެނެވޭނީ އެ ބަހުގެ އަސްލު މާނަ (ޙަޤީޤީ މާނަ) އެއްފަރާތްކޮށްފައި އޭގެ ފަހަތުގައިވާ މާނައެއް ގަސްތުކުރާ ނަމައެވެ. މިސާލަކަށް «އޭނާއަކީ ވަރަށް އަތް ދިގު މީހެކެވެ.» މިހެން ބުނާ އިރު، ޙަޤީޤަތުގައި އެ ބުނެވެނީ އޭނާގެ އަތުގެ ވާހަކަކަމަށް ވިޔަސް، މަޖާޒީ މާނައަކީ އޭނާ ވައްކަންކުރާކަމެވެ.
2. މަޖާޒުގެ ދެވަނަ ރުކުނަކީ އޭގެ «ގުޅުން» އެވެ. މިއީ މަޖާޒުގެ އެންމެ މުހިންމު ރުކުނެވެ. ޙަޤީޤީ މާނައާއި މަޖާޒީ މާނައާ ދެމެދު އޮންނަ ގުޅުމެވެ. އެ ގުޅުން ނެތިއްޔާ އެއީ މަޖާޒަކަށް ނުވާނެއެވެ. މިއީ ވަރަށް ގިނަ ނަންނަން ދެވިފައި އޮންނަ ވަރަށް ގިނަ ތަފާތު ބާވަތްތައް ހިމެނޭ ދާއިރާއެކެވެ. އެ ބައިތަކުގެ ތަފުޞީލަށް މި ލިޔުމުގައި ދާކަށް ގަސްދެއްނުކުރަމެވެ.
3. މަޖާޒުގެ ތިންވަނަ ރުކުނަކީ އޭގެ «ޤަރީނާ»އެވެ. ޤަރީނާއަކީ ޖުމުލައިގެ ތެރޭގައި ހުންނަ، ޙަޤީޤީ މާނަ ނުނެގޭނެ ކަމުގެ ސިގްނަލްދޭ އިޝާރާތްތަކެވެ. ޤަރީނާގެ ސަބަބުން ކިޔުންތެރިޔާއަށް އެނގެނީ އެ ތަނުގައި ބުނެފައި އެ ވަނީ ޙަޤީޤީ މާނައެއް ނޫންކަމެވެ. މިސާލަކަށް «މައިދާނުގައި އަސްތަކެއް (ހިތްވަރު ގަދަ މީހުންތަކެއް) ހަނގުރާމަކުރިއެވެ.» މި ޖުމުލައިގައި «އަސްތަކެއް» މި ނަމުން ޙަޤީޤީ މާނަ ނުނެގޭކަން އެނގޭ ސިގްނަލަކީ، އިޝާރާތަކީ، އެއާ ވިދިގެން «ހަނގުރާމަކުރި»އޭ އޮތުމުންނެވެ. އެ ޤަރީނާގެ ސަބަބުންނެވެ.
4. މަޖާޒެއްގެ ހަތަރުވަނަ ރުކުނަކީ އޭގެ «މަޖާޒީ މާނަ»އެވެ. މިއީ ޅެންވެރިޔާ ނުވަތަ އަދީބު އެ ބަހެއް ބޭނުންކޮށްގެން ދޭހަކުރާން ބޭނުންވާ ފުން މާނައެވެ.
ވީމާ، ޖުމުލަކޮށް ބުނާ ނަމަ، މަޖާޒަކީ «ޙަޤީޤީ މާނަ» ދޫކޮށްލުމަށް ފަހު، «ޢަލާޤާ/ގުޅުމުގެ» އެހީގައި، «ޤަރީނާ» ބޭނުންކޮށްގެން «މަޖާޒީ މާނަ»އަށް ވާޞިލުވުމެވެ.
އެއް ރަމްޒަކުން އެތައް މަޖާޒެއް އުފެއްދުން
އަދަބީ ފަންނުގައި އެއް ރަމްޒަކުން ތަފާތު އެތައް މަޖާޒެއް އުފެއްދުމަކީ «އިބްދާޢު» (އީޖާދީ އުފެއްދުން)ގެ ތެރޭން ހިމެނޭ ކަމެކެވެ. މި ކަމަށް ކިޔާ ފަންނީ ނަމަކީ ތަފައްނުނުލްމަޢާނީއެވެ. މި ގޮތުން އަދަބީ އުފެއްދުންތަކުގައި ރަމްޒުތައް ބޭނުންކުރަނީ އެތައް ކަމެއް ހާސިލުކުރުމަށެވެ. ކުރުބަހުން ގިނަ މާނަ ފޯރުވައިދިނުމެވެ. ލޮލަށް ފެންނަ އެންމެން ދަންނަ އެއްޗަކުން ލޮލަށް ނުފެންނަ ތަނަވަސް ދޭހައެއް އަނެކުންގެ ސިކުނޑީގައި ބިންވަޅުނެގުމެވެ. އެ ލިޔުމެއް ކިޔާ މީހާގެ ނުވަތަ އަޑު އަހާ މީހާގެ ސަމާލުކަމާއި ޝައުޤުވެރިކަން އަތުލައިގަތުމެއެވެ. އެ ރަމްޒަކުން އުފައްދާ ޖުމުލަ ތަޞައްވުރު އުފެއްދި ފަންނާނުގެ ކުޅަދާނަކަމާއި އަދަބީ ފޯރުންތެރިކަން ދައްކައިދިނުން ވެސްމެއެވެ. މި ގޮތުން «ފިނިފެންމާ» މި ރަމްޒުން އެކި އަދީބުން އުފައްދަވައިފައިވާ ތަފާތު އެކި މަޖާޒަށް ބަލައިލަމާތޯއެވެ؟
(ހ) ޢައްލާމާ އިޤުބާލު ވިދާޅުވާކަމަށް ވަނީ، «ޤައުމު ފިނިފެންމަލެއް ފަދައެވެ. އޭގެ އެކިފިޔަ އެކި ދިމާގައި އެތުރިފައި ވިޔަސް، ހުރިހައި ފިޔައެއްގައި ވެސް ދުވާނީ އެއް ވަހެކެވެ.»
(ށ) ޔޫސުފު މުޙައްމަދުފުޅު އިޝާރާތްކުރައްވަނީ «ފިނިފެންމަލަކީ މާތަކުގެ ރާނީ» ކަމަށެވެ.
(ނ) ޕަންކަޖްއުދާސްގެ ޣަޒަލެއްގައި ބުނަނީ «ސާފު ބޯފެންތަށީގައި ތިބާގެ ތުންފަތް ބީހިލާއިރަށް އެ ފެންތަށި ބަނގުރާތަށްޓަކަށް ބަދަލުވެއެވެ.»
މި މަޖާޒުތަކަށް ބަލާއިރު، ހުރިހައި މަޖާޒެއްގައި ވެސް ބޭނުންކޮށްފައި ވަނީ އެއް ރަމްޒެކެވެ. އެކަމަކު އުފައްދައިފައިވާ މާނަ މުޅިން ތަފާތެވެ. އެ ތަފާތު ގެންނަނީ އޭގެ ގުޅުމާއި ޤަރީނާ ތަފާތުކޮށްގެނެއެވެ. އެކަން ހިނގައިފައިވާ ގޮތް ބައްލަވައިލައްވާށެވެ.
(ހ) މަލާއި ޤައުމު = އެއްބައިވަންތަކަން (ޤަރީނާ)
(ށ) މަލާއި ރާނީ = ޒީނަތްތެރިކަން (ޤަރީނާ)
(ނ) މަލާއި ރާފުޅި = އަސަރުގަދަކަން (ޤަރީނާ)
ހ. ބުނެދެނީ ޤައުމަކީ އެއްބަހަކުން ވާހަކަދައްކާ، އެއް ސަގާފަތެއް ހިއްސާކުރާ އެއްތާރީޚަކާއި އެއް ހަނދާންތަކަށް ފަޚުރުވެރިވާ އިންސާނީ އެއް ޖަމާޢަތްކަމަށް ވާތީ، އެ ޖަމާޢަތުގައި އެ ހުރި އެއްގޮތްވަންތަކަން ފިނިފެންމަލުގެ އެކިފިޔަތަކުގައި ހުރި އެއްކުލައާއި އެއްވަސް ފަދައިން ދަމަހައްޓަންވާނެކަމެވެ.
ށ. ބުނެދެނީ ހުރިހައި އަންހެނުންކުރެ ރަނީންނަކީ އެންމެ ޢިއްޒަތްދެވޭ، އެންމެ ޝާހީ އެންމެ ޒީނަތްތެރީންކަމުގައިވާ ފަދައިން، މާތަކުގެ ތެރެއިން ފިނިފެންމަލަށް އެ ރީތިކަމާއި އެ ޤަދަރާއި އިޙްތިރާމު މިލްކުވެގެންވާކަމެވެ.
ނ. ބުނެދެނީ ޅެންވެރިޔާ ސިފަކުރާ އަންހެންކުއްޖާގެ ތުންފަތް ރާފުޅިއެއް ނުވަތަ މޭބިސްކަދުރު އިހަލަކަށް ވުރެވެސް އަސަރު ގަދަކަމެވެ. އޭގެ މަސްތުކަން ބޮޑުކަމެވެ. އެހެނީ އެ ތުންފަތުގައި ޖެހިލާ އިރަށް، ސާފު ވާރޭ ފެންތަށި ވަރުގަދަ ބަނގުރާޔަށް ބަދަލުވެދެއެވެ.
މި ތާނގައި ފާހަގަކޮށްލަން ޖެހޭ މުހިންމު އެހެންކަމެއް ވެސް އެބަ އޮތެވެ. މި ތިން މިސާލު އަދަބީ ގޮތުން ދަރަޖަކުރާ ނަމަ، އޭގެ އަސްލުވަންތަކަމާއި އަދީބުގެ އެ ފަންނުގައި ހުރި ފުންކަމާއި އުފެއްދުންތެރިކަން އެންމެ ބޮޑަށް ދައްކައިދެނީ ހާއާއި ނޫނުންނެވެ. ށަވިޔަނީގައި އެ ވަނީ ވަރަށް އާންމު ބުނުމެކެވެ. އެއާ ޚިލާފަށް ހާއާއި ނޫނުގައި އެ ވަނީ ހަމަ އެ ދެ ޝާޢިރުންގެ ހިތުގެ ފުނުން އޮހިފައިވާ އީޖާދީ ބަޔާނެކެވެ. އެ ފަދަ ތަސްވީރުން ޅެމުގެ އަސްލުވަންތަކަމަށް (أصلية) ހެކިދޭލެއް ވަރަށް ބާރު ގަދަވާނެއެވެ.
ނިންމުން
އެއް ރަމްޒަކުން ތަފާތު އެތައް މާނަތަކެއް އުފެއްދިދާނެއެވެ. އަދި އެއީ ކުރަން ޖެހޭ މުހިންމު ކަމެކެވެ. ފަންނެކެވެ. އެކަމަށް އޮންނަ އަދަބީ ހަމައިގެ މަތީންނެވެ. އޭރުން ފެންނާނީ އެ ފަންނާނެއްގެ ފުންކަމެވެ. ކުޅަދާނަކަމެވެ. އަދަބީ ފުދުންތެރިކަމެވެ. އަހާ މީހުންނަށް ލިބޭނީ އާކަމާއި ޝައުޤުވެރިކަމެވެ. ދިރުމާއި ބައިވެރިވުމެވެ. އެތައް ޒަމާނަކަށް ހަނދާނުގައި ހަރުލުމެވެ.
ނޯޓު: ށަވިޔަނީގައިވާ މަޖާޒު އެއީ ޅެންވެރިޔާގެ އަމިއްލަ އުފެއްދެވުމެއް ނޫންކަން ޅެމުގައި އެ ޅެންވެރިޔާ ފާހަގަކުރައްވައިފައިވެސް ވެއެވެ.
