ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 8ވަނަ ދުވަސް، ފަހަކަށް އައިސް ރާއްޖޭގައި ފާހަގަކުރެވެމުންދަނީ ލިޔުންތެރީންގެ ދުވަހުގެ ގޮތުގައެވެ. އެއީ އެންމެ ފުރަތަމަ ރާއްޖޭގައި މަޖައްލާއެއް ނެރެވުނު ދުވަހެވެ. ނަމަކީ ''އަލްއިޞްލާޙު"އެވެ. އަގަކީ، 96 ލާރިއެވެ. މި މަޖައްލާ ނެރެވުނީ މީގެ 93 އަހަރު ކުރީން 1933ވަނަ އަހަރުއެވެ. މަޝްހޫރު ޝަމްސުއްދީނު ރަދުންގެ ރަސްކަމުގައެވެ. މުޙައްރިރަކީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ.

މި މަޒުމޫނުގައި ބަލައިލާނީ މި މަޖައްލާގެ އެންމެ ފުރަތަމަ މަޤުޞަދަށާއި، މި މަޖައްލާގައި ވަރަށް ސާފުކޮށް، އިންވަކިކޮށް، ބޭނުންކުރައްވައިފައިވާ ދިވެހި ޤައުމިއްޔަތުގެ އަސާސީ ދެ ރުކުނެއްގެ މައްޗަށެވެ.

ތަފުޞީލުގެ ތެރެއަށް ވަނުމުގެ ކުރިން، ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ބަރުތީލަކޮށްލައެވެ. އެންމެހައި ލިޔުންތެރީންނަށެވެ. ހުރިހައި ކިޔުންތެރީންނަށެވެ. ބަސްތެރިކަންދިރުވުމުގައި ހިންމަތްކުރައްވާ ހީވާގި މުދައްރިސުންނަށާއި މުދައްރިބުންނަށާއި، ލޮބުވެތި ދަރިވަރުންނަށެވެ.

ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އަލްއިޞްލާޙު ނެރެވުނީ ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އެކުލަވައިލެވުނުތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. ފުރަތަމަ ޤާނޫނު އަސާސީ ތަޞްދީޤުކުރެވުނުކަމަށް ވަނީ، 1932ވަނަ އަހަރުއެވެ. ދުވަސްވަރަކީ، މި ސަރަހައްދުގެ ޖިއޯޕޮލިޓިކަން އެތުރުން އެފުށްމިފުށަށް ޖެހެމުންދިޔަ ނުތަނަވަސް ދުވަސްވަރެވެ. އިނގިރޭސި އިސްތިޢުމާރުގެ ހިލިހިލާ ވަރަށް ދިގު ދުވަސްވަރެކެވެ.

އަލްއިޞްލާޙުގެ މަޤުޞަދުތައްކަމުގައި މައިގަނޑު 8 މަޤުޞަދެއް ހިމެނިފައިވެއެވެ. ފުރަތަމަ މަޤުޞަދަކީ ''ދިވެހީން، ދީނާއި ދުނިޔޭގެ ފަރާތަށް ހެއިއެރުވުން'' ކަމަށް ލިޔުއްވާފައިވެއެވެ. މި ޖުމުލައިން އިޝާރާތްކުރަނީ އަލްއިޞްލާޙުން ދިވެހި ޤައުމަށް ގެންނަވަން ބޭނުންފުޅުވާ ވަރަށް ބޮޑު ބަދަލަކަށެވެ. އެ ބަދަލު ގެންނަވަނީ ހުރިހައި ދިވެހީންނަށެވެ. އެއީ އެ މީހުން ޒަމާނުއްސުރެ އެ ދެކަމެއްގެ މަތީގައި ދެމި ތިބި ދެ ކަމަކަށް އެމީހުންގެ ކިބައިގައި ވާ ޣާފިލުކަމުން (ޚަބަރު ހުސްވެފައިވާޚަބަރުހުސްވުމުން) އަލުން ހެއި އެރުވުމެވެ. ހެއިނެތި، މަރުވާން ވެފައި ތިއްބައި އަލުން ހެއިވެރިކަން ގެނުވައި ދުނިޔެއަށް ގެނައުމެވެ.

ޝައްކެއް ވަސްވާހެއް ނެތެވެ. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ''ހެއިއެރުވުން'' މި ފަދަ ބަރުލަފުޒެއް މި ތާނގައި ބޭނުންކުރައްވާނީ އޭގެ ފިސާރި ވަރުގަދަ ސާފު މާނައިގައެވެ. ކަނޑައެޅިގެން ގަސްތުގައެވެ. ދިވެހި ބަހުގައި ހޭލުންތެރިކުރުވުމާއި ހެއިއެރުވުމަކީ ވަރަށް ތަފާތު ދެ މާނައެއް އެކުލެވޭ ދެ ދަރަޖައެއްގެ ދެ ކަމެވެ. ހޭލުންތެރިކުރުވުމަކީ، ކަމަކަށް މީހާގެ ލޯހުޅުވައިލައިދީ، އަހުލުވެރިކުރުވުމެވެ. އެއާ ޚިލާފަށް ހެއިއެރުވުމަކީ ހެއިނެތިފައި ތިބޭ މީހުންނަށް ގެންނަ ބަދަލެކެވެ. އެ މީހުން މަރުން ސަލާމަތްކޮށްދިނުމެކެވެ.

އެހެންވީމާ އަލްއިޞްލާޙުގެ ފުރަތަމަ މަޤުޞަދަކީ، ދިވެހީން ހެއިނެތިފައިތިބި ހެއިނެތުމުން ސަލާމަތްކޮށްދިނުމެވެ. އެ ހެއިނެތިފައިވަނީ ދީނުގެ ހަމަތަކާއި އުސޫލުތައް ދެނެގަތުމުގެ ފަރާތަށެވެ. އެކަމުގެ ހެއިވެރިކަން ނެތީއެވެ. ޣާފިލުކަން ބޮޑީއެވެ. ދެން ދުނިޔެވީ ފަރާތެވެ. ދިރިއުޅުމުގެ ސަލާމަތާއި، ޤައުމެއް، ރާއްޖެއެއް، ދައުލަތެއް ދެމެހެއްޓުމުގެ ހެއިވެރިކަމެވެ. އެ ކަންވެސް ވަނީ އެ ހިނދަށް ގެންނާން ޖެހިފައެވެ. އިންތިހާއަށެވެ.

ދުނިޔެއަކީ އަޅުގަނޑުމެން ދިރިއުޅެން މި އޮތް ބޯޅައެވެ. މިއީ ހުރިހައި ދަރަޖައެއްގައި ވެސް އަބަދުވެސް ސަލާމަތަށް ވިސްނަން ޖެހޭ ތަނެކެވެ. ދޭދޭ ގުޅުންތަކުގައެވެ. އާއިލީ ގުޅުންތަކާއި ރައްޓެހި ރަޙްމަތްތެރިކަމުގެ ގުޅުމުގައެވެ. ދޭދޭ ދައުލަތްތަކާއި، ބައިނަލްއަޤުވާމީ ޖިއޮޕޮލިޓިކަލް މައިދާނުގައެވެ.

ދުވަސްވަރަކީ އިނގިރޭސީންގެ ނުފޫޒު މި ސަރަހައްދަށާއި ދިވެހިރާއްޖެއަށް އިންތިހާއަށް އޮތް، ނުރައްކާތެރި ދުވަސްވަރަކަށްވާތީ، ދިވެހީންގެ ސަލާމަތަށް ވިސްނާންޖެހެއެވެ. އެ ކަމަށް ޓަކައި ދިވެހީންގެ ވިސްނުން ސަލާމަތްކުރަން ޖެހެއެވެ. ދީން ސަލާމަތްކުރަން ޖެހެއެވެ. ދިވެހީން ދިރިއުޅެން އޮތް ދިވެހިރާއްޖެ ސަލާމަތްކުރަން ޖެހެއެވެ. އެ ރާއްޖޭގައި އުފައްދައިފައި އޮތް ދިވެހި ދައުލަތް ސަލާމަތްކުރަން ޖެހެއެވެ. އަލްއިޞްލާޙު އެކަމަށް ޓަކައި ކުރާ ކަމަކީ ދިވެހީން ދިނާއި ދުނިޔޭގެފަރާތަށް ހެއިއެރުވުމެވެ.

މީހަކު ހެއިއަރަމުންދާ އިރު، އޭނާއަށް ވާ ގޮތެއް އޮވެއެވެ. އެއީ ކުރިން އެކަތިއަނެކައްޗާ ވަކިނުވެ އެކުވެފައި ހުރި އެއްޗެހި މުޅިން ވަކިވެ، އޭގެ ތަފާތުތައް ފާހަގަކުރެވުމެވެ. ފުރިހަމައަށް ހެއިއެރުމުން އެ ތަފާތު ކަށަވަރުވުމެވެ. ބުޅަލާއި މިދާލާ ވަކިވުމެވެ. ކަންފަތާއި ނޭފަތާ ވަކިވުމެވެ. ދެން ވެސް ހުންނަ މި ފަދަ ތަފާތުތަކެވެ. ލަފުޒުތަކެވެ. މަފުހޫމުތަކެވެ.

އަލްއިޞްލާޙުގައި ދިވެހި ޤައުމިއްޔަތުގެ ވަރަށް މުހިންމު ތިން މަފުހޫމެއް ތަފާތުކޮށް ވަކިކޮށް ބޭނުންކުރައްވާފައިވެއެވެ. އެއް ލަފުޒަކީ ''ޤައުމު'' މި ލަފުޒެވެ. އަލްއިޞްލާޙު ނިކުންތާ 90 އަހަރު ފަހުން މީގެ ތިން އަހަރު ކުރިން އަޅުގަނޑާއި ޓީމަކުން ކުޑަ ސަރވޭއެއް ކުރީމެވެ. އެއީ ދިވެހީންނަށް "ޤައުމު"ގެ މާނަ އެނގެނީ ކިހާ ވަރަކަށް ތޯއެވެ. އޭގެ ދެ އަހަރު ފަހުން ތިންހާހެއްހައި މީހުންނާ ހަމަ މި ސުވާލުކުރެވުނެވެ. ބައެއް ފަހަރަށް ''ޤައުމު، ރާއްޖެ، ދައުލަތް'' މި ތިން ލަފުޒާ މެދު ވެސް ސުވާލުކުރެވުނެވެ. ކުރުކޮށް ދަންނަވަންޏާ ނަތީޖާއަކީ 90% މީހުންގެ ފަރާތުން ރަނގަޅު ޖަވާބު ނުލިބުނުކަމެވެ. ގިނަ މީހުންނަށް ވިސްނިފައި އޮންނަނީ ގައުމާއި ރާއްޖެއަކީ އެއް މާނައެއް ހިމެނޭ ދެ ލަފުޒުކަމަށެވެ. ދިވެހިޤައުމަކީ ދިވެހިރާއްޖެކަމަށެވެ. އެއީ ވަރަށް ބޮޑުކުށް ހީއެކެވެ. ބޮލާއި ބޮލު އިސްތަށިގަނޑާ އެއީ އެކައްޗެއްނޫނެވެ. ދެ އެއްޗެކެވެ.

ދިވެހިޤައުމަކީ ދިވެހީންނެވެ. ދިވެހިރާއްޖެއަކީ ދިވެހީން އުޅޭ ބިމެވެ. ދިވެހި ޤައުމު ދިރިއުޅެނީ ދިވެހިރާއްޖޭގައެވެ.

އަލްއިޞްލާޙުގެ ފުރަތަމަ ޢަދަދުގެ 45ވަނަ ޞަފުޙާގައި ''ޤައުމާއިމެދު'' މި ނަމުގައި ވަކި ޚާއްޞަ މަޒުމޫނެއް އެބަ އޮތެވެ. އެ މަޒުމޫނުގައި ބުނެއެވެ. ''ޤައުމަކީ އިންސާނުންގެ ޖަމާޢަތަކަށް ކިޔާ ނަމެކެވެ'' ހަމަ އެހެންމެ މީލާދުން 1937ވަނަ އަހަރު ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން ލިޔުއްވި ކީރިތި ރަސޫލާގެ ސިޔަރަތުގައި އޮވެއެވެ. ''ދިވެހީންނަކީ ޤައުމު ކިތަންމެ މަދުވެފައި، ރާއްޖެ ކިތަންމެ ކުޑަޔަސް އިސްލާމްދީންމަތީ އުޅޭތާ އަށެއްކަ ސަތޭކަ އަހަރުވެއްޖެ ބައެކެވެ.'' މި އިބާރާތުން ޔަގީންވަނީ ޞަލާޙުއްދީން ޤައުމޭ އެ ވިދާޅުވަނީ ދިވެހީންގެ އާބާދީއަށް ކަމެވެ. ރާއްޖެއޭ އެ ވިދާޅުވަނީ ދިވެހީން އުޅޭ، އެ މީހުންގެ ވަޒަންކަމުގައި ހިމެނުނު ދިވެހިބިމަށް ކަމެވެ.

އަލްއިޞްލާޙުން ދައުލަތާއި ރާއްޖޭގެ ތަފާތު ވެސް ވަރަށް ރީތިކޮށް ފެނެއެވެ. އެއީ، ޞަފްޙާ ނަންބަރު 26،27އިންނެވެ. އެއް ޖުމުލައެއްގައިވެއެވެ. ''މި ދިވެހި ދައުލަތަށް އާގުބޯޓެއް ނުހޯދައި ތިބޭން ހެޔޮ ނުވާނެއެވެ'' އަނެއް ޖުމުލައެއްގައިވެއެވެ. ''ކޮޅުނބުން މި ރާއްޖެއަށް، ނުވަތަ މި ރާއްޖެއިން ކޮޅުނބަށް މި ދައުލަތުގެ ކޮންމެ ފަދަ އަމާނާތެއް، ނުވަތަ ކިތަންމެ ބޭނުންކަން ބޮޑުވެގެންވާ އަދި ކިތަންމެ އަވަހަކަށް އެއްޗެސް ގެންގޮސް ގެނެސް ހަދާންވިޔަސް ހަމަ އެ ބަނގަލާ ފަހަރު މެނުވީ، އެހެން އެއްވެސް އެއްޗެއް ނެތެވެ." މި ބުނުމުން ދައުލަތަށް ވަކި މާނައެއް ރާއްޖެއަށް ވަކި މާނައެއް ލިބިގެންވާކަން އެނގެއެވެ.

އާދެ! ދިވެހި ޤައުމިއްޔަތު ފެށޭނީ ދިވެހި ޤައުމުންނެވެ. ދިވެހިޤައުމަކީ ދިވެހީންނެވެ. ދިވެހިރާއްޖެއަކީ އެ ދިވެހީން ދިރިއުޅޭ އެ މީހުންގެ ވެހިވަޒަންކަމުގައިވާ ދިވެހިބިމެވެ. ދިވެހީންގެ ރާއްޖެއެވެ. ދިވެހި ދައުލަތަކީ ކޮބައިހެއްޔެވެ؟ ދިވެހި ސަރުކާރަކީ ކޮބައިހެއްޔެވެ؟ މި ލަފުޒުތަކުގެ މާނަ މި މަޒުމޫނުގައި ހިމަނާކަށް ގަސްތެއްނުކުރަމެވެ. އެކަމަކު މިއީ ވެސް އެނގުން މުހިންމު މަފުހޫމުތަކެކެވެ.

ޤައުމާއި ރާއްޖެއަށް ޚިދުމަތްކުރެވޭނީ އެ ދެ މަފްހޫމުގެ ތަފާތު އެނގިގެނެވެ. ބޮލާއި ލޮލަށް ފަރުވާކުރެވޭނީ ދެ ގުނަވަނުގެ ފަރަގު އެނގިގެނެވެ. ބޮލަށް ޖަހަންޖެހޭ ބޭސް، ލޮލަށް ނުޖެހޭނީ އޭރުންނެވެ. އަލްއިޞްލާޙު ދިވެހީން ހޭއަރުވާން ބޭނުންވީ އެ ވަރަށެވެ.