ފޮތް ލިޔުއްވީ: ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީން
ދޭހަ: އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

މި ފޮތުގައި ބަޔާން ކޮށްދެއްވާފައިވަނީ، ދުނިޔޭގެ ނިމުން ކައިރިވަމުން އަންނަ އިރު، ފެންނަމުންދާނެ އެކަމުގެ ޚާއްޞަ ޢަލާމާތްތަކެވެ. ޤިޔާމަތުގެ ޢަލާމާތްތަކެވެ. ފޮތުގެ ފުރަތަމަ ޗާޕު ނެރުއްވާފައިވަނީ، 1967 ވަނަ އަހަރުއެވެ.

…..ކުރީގެ ބަޔާގުޅޭ…

39 – ލޮލެއް މެރުނަކަސް މި އަދު ތިޔަ އަޑު އަހައިފާ

ބޮލެއް ގެރި މި އެއް ސައްތަ ފައުނަށް ވިކޭނޭ

ހައިރާން ނުވާށެވެ! ދުނިޔޭގެ ކާބޯތަކެތީގެ އަގު އުފުލިގެން ދާނީ އޭގެ މިނެއް ނެތް ވަރަށެވެ. ގެރިބޮލެއްގެ އަގު ސަތޭކަ ފައުނަށް އަރާނެއެވެ.

40 – ވަކެއް ދޮންމި ކެޔޮވެސް އެކީގައި ނުވީއްލެވި،

ތަކެތި އެންމެހާ ކޮންޓުރޯލަށް އަރާނޭ

ހުރިހާ ބާވަތެއްގެ ކާބޯތަކެތީގެ އަގު ކޮންޓުރޯލު ކުރެވޭނެއެވެ. ދޮންކެޔޮވަކެއްވެސް ކޮންޓުރޯލު އަގުގައި ނޫނީ ގަންނާކަށް ނުލިބޭނެއެވެ.

41 – ނުބައި ބަޑިތަކާ ބޮންތަކާ ދުންތަކުން ވިހަ

އުބާލާވެ ބިރު ދުނިޔެ ފުނޑުފުނޑު ވެދާނޭ

މި ހިސާބަށް ދުނިޔެ ދަތިވެގެން ދާއިރު، ހަނގުރާމައިގެ ސަބަބުން، ދުނިޔެ އޮންނާނީ ވަރަށް ނުރައްކާތެރި ފައްތަރެއްގަ އެވެ. ބޭނުން ކުރަމުންދާ ނުރައްކާތެރި ހަތިޔާރުތަކުގެ ސަބަބުން، ދުނިޔެ އޮންނާނީ ވީރާނާވެ އިންދިރާސްވެފައެވެ.

42 – މި ތާ ނަންހިނގާ ޔޫރަޕީ ތިޔަ ތަމައްދުން

ހިތަށް ޞޫރަ ނުވެވޭ ފަދައިން ގެއްލިދާނޭ

ޔޫރަޕުގެ ކުރިއެރުމާއި ރަށްވެހިކަން ނެތި ހިނގައިދާނެއެވެ. މީހުންނަށް ގަބޫލުކުރަންވެސް ދަތިވާހާ ދަށު ދަރަޖައަށް ޔޫރަޕު ވެއްޓިދާނެއެވެ.

43 – ވިހާތަކެތި ވިހެ މަރުވެދާ ތަކެތި ނިމިގޮސް،

އިހަށް އޮތް ދުނިޔެއަށް ދުނިޔަ އެނބުރިދާނޭ

ޒަމާން ގަނޑަކަށްފަހު، ފަނާވާންވި އެއްޗެއް ފަނާވެ، ދިރި ރޯވެ އާލާންވާންވި އެއްޗެއް އާލާވެ ދުނިޔެ އިހު އޮތް ޙާލަތަށް ބަދަލުވާނެއެވެ.

44 – އަރަށް ތިކި މި ދުނިޔޭގެ ފަނިވެސް ނުފައިބާ

ވަރަށް ވެސް ބޮޑަށް ދުނިޔެ ޖާހިލުވެދާނޭ

އެކަމަކު އޭރު އޮންނާނީ ޢިލްމުވެރިކަން ދުނިޔޭން ފިލައިގޮސް ޖާހިލުކަން އާންމުވެފައެވެ. ދުނިޔޭގެ އަރުން ޢިލްމުގެ ފަނިތިކި ވެސް ނުދިރޭ މިންވަރަށެވެ.

45 – ތަރާނާ ޢުލޫމުގެ ވެގޮސް ރޫޅި ކުނޑިކުނޑި

ޙަރާމާ ޙަލާލާ އޮޅުން ކައިރިވާނޭ

ޢިލްމުގެ ހެޔޮ ބާވަތްތަކާއި މަގުތައް މުޅިން ނެތި ގޮސް ހަރާމެއް ހަލާލެއް ވަކިވާނެ ގޮތެއް ނޯންނާނެ އެވެ.

46 – ތިބޭ މަދު ބަޔަކުވެސް މިދީނަށް ލަނބާ ބޯ

ތިބެންވީ ގޮތާމެދު ހިތާމަވެ ސިހޭނޭ

އިސްލާމްދީންމަތީ ތިބޭނީ މަދު މީސްކޮޅެކެވެ. އެމީހުންވެސް ތިބޭނީ ދީނަށް ލޯތްބެއް ހުރެގެނެއް ނޫނެވެ.
ކަލާނގެކިބަފުޅަށް ބިރުވެތިކަމެއް އޮވެގެނެއް ނޫނެވެ. ދީންމަތީ ތިބެން ޖެހޭތީ ކަންބޮޑުވާ ހާލުގައެވެ.

47 – މިހާތަނަކު ދުނިޔޭން މި ދީނުގެ އެ ދިދަވެސް

އިހާނެތިވެގެން ދިދަ ދަނޑިން ތިރިވެދާނޭ

ކަންމިހެންވުމުން އިސްލާމްދީނުގެ ދިދަ ދަނޑިން ތިރިވެދާނެއެވެ. މާނައަކީ، އިސްލާމުންގެ އަގާއި ޝަޚްޞިއްޔަތު ނެތިގެން ހިނގައިދާނެއެވެ.

48 – ކަމެއްވެރި ބިމެއްގާ މިވެސް މުސްލިމާނީ

ނަމެއް ހުރި ގޮތެއްގައި އެވަގުތަކު ނުވާނޭ

ނަތީޖާއަކީ، ދުނިޔޭގެ އެއްވެސް ހިސާބެއްގައި ޤަދަރު ހުރި ގޮތެއްގައި އިސްލާމީ ބާރެއް ނެތުމެވެ. އިސްލާމުންގެ އާރުހުރި ވެރިކަމެއް ނެތި، މުސްލިމުން އިންތިހާޔަށް ބިކަވުމެވެ.

ނުނިމޭ… ބާކީ 185 ބައިތު…

ނޯޓު: ދެން އޮތް ބައި ފަށްޓަވަނީ އިސްވެދެންނެވުނު ހާލަތަށް ދުނިޔަ ދިޔުމުން، މަހުދީގެ ފާނު ފާޅުކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. އޭގެފަހުގައި ހިނގާނެ ކަންތައްތައް ދެން އަންނަ ބައިގައި ބަޔާންވާހުއްޓެވެ! އިންޝާ ﷲ – ނަޞީރު –