ބަރަކާތްތެރި އަޟްޙާ ޢީދަށް ދިވެހީން ކިޔައި އުޅޭ އެއް ނަމަކީ ޙައްޖު ޢީދެވެ. އަނެއް ނަމަކީ ދިހަރޯދަ ޢީދެވެ. އަނެއް ނަމަކީ ބޮޑު ޢީދެވެ. ބޮޑު ޢީދަކީ ހަމަ ބޮޑު ޢީދެވެ. ބޮޑު އަޅުކަމަކަށް ފަހު އަންނަ ބޮޑު ޢީދެެވެ. ގިނަ ދުވަސްތަކެއް އެ ޢީދުގެ ބަންދުގައި ހިމެނޭތީ، އެގޮތުންވެސް ބޮޑު ޢީދެެވެ. ހުރިހާ ގޮތަކުންވެސް މި ޢީދު ބޮޑެވެ. ޚާއްޞަ ކޮށް މީގެ ތިރީހަކަށް ސާޅީހަކަށް އަހަރުގެ ކުރީން މިޢީދު މާ ބޮޑަށް ވެސް ބޮޑުހެން ހީވެއެވެ. މިހެން ދެންނެވުމުން

ކަންބޮޑުވެވަޑައި ނުގަންނަވާށެވެ! ކުރިޔަށް ހުރި ޕެރެގްރާފުތަކުގައި ސަބަބު އެބަ ހާމަ ކޮށްލަމެވެ.

ކަމެއްގެ ނުވަތަ އެއްޗެއްގެ ބޮޑު ކުޑަ މިން ބިނާވެފައި އޮންނާނީ ނިޞްބަތުގެ މައްޗަށެވެ. މި ސާލަކަށް، ކިނބި ހިންޏެއްގެ ނިސްބަތުގައި ބޮޑުކަނޑަޔަކީ ވަރަށް ބޮޑު އެއްޗަކަށް ވެދާނެއެވެ. އެކަމަކު، ބޮޑުގާދޫންޏެއްގެ ނިޞްބަތުގައި ބޮޑު ކަނޑައަކީ ކުޑަ ކުޑަ ފަޚްސާއެކެވެ. މި ބޮޑު ކާއިނާތުގެ ނިސްބަތުގައި މި ބޮޑު ދުނިޔެވެސް ރެވިއޮއްޓަރެއްގެ މިންވަރު ނޫންތޯއެވެ!

މަތީގައި ބަޔާން ކުރެވުނު ފަލްސާގެ ނަޒަރުން ބަލާއިރު، މީގެ ޒަމާންތަކެއްގެ ކުރީގައި ޙައްޖު ޢީދު ބޮޑު ޢީދަކަށް ވާ އެއްސަބަބަކީ، މުޅި އަހަރަށް ވުރެ މި ޢީދުގެ ރަސްމިއްޔާތު ބޮޑުވުމެވެ. މި ޢީދުގެ މަންފާތައް ބޮޑުވުމެވެ. ކޭންބުއިމާއި އަންނައުނަށް ދާންދެން މި ޢީދާ ގުޅިފައިވުމަކީ ކުޑަ ކަމެއްތޯއެވެ؟ އެދުވަސް ވަރަށް ބަލާއިރު، ގަޔަށްލާނެ ގަމީސްގަނޑެއް، އަނދެލާނެ މުންޑުގަނޑެއް ނުލިބި އެއް އަހަރު ފާއިތުވެދާނެއެވެ. ނުވަތަ އެންމެ ސޯޓުބުރިއެއް ލައިގެން މުޅި އަހަރު ދުވަހު ހުންނަން ޖެހިދާނެއެވެ. އެއްގަމު މަސްކޮޅެއް، އެފަދަ އެއްޗެއްގެ ރިހަފޮދެއް ލޮލުން ނުދެކި އަހަރު ދުވަސް ފާއިތުވުމަކީ ވަރަށް ބޮޑު ޙަޤީޤަތެކެވެ. އެ ދުވަސްވަރު ރާއްޖޭގެ ވަރަށް ގިނަ އާއިލާތަކުގެ ފޯރުންތެރިކަން ހުރި ގޮތުންނެވެ. އެފަދަ މީހުންވެސް ބޮޑު ޢީދު ދުވަހަށް ދަރީންނަށް އާ ސޯޓެއް، ނުވަތަ ގަމީހެއް ހޯދައި ދެވޭތޯ ބަލާނެއެވެ. މުޅި އަހަރު ދުވަހުން ލިބުނު ފައިސާކޮޅު ހޭދަ ކޮށްލައިގެންވެސް ބޮޑު ޢީދުގެ ބޮޑު ރިހަބަތްގަނޑު ތައްޔާރު ކޮށްލާނެއެވެ. މިއީ އެފަދަ އާއިލާތަކުގެ ކުދީންނަށް ކޮންފަދަ ބޮޑު އުފަލެއް ތޯއެވެ. ކޮންފަދަ އުފާވެރިކަން ބޮޑު ޢީދެެއްތޯއެވެ.

ޙައްޖު އީދަށްޓަކައި ރަށުގައި ނުވަތަ އަތޮޅުގައި އޮންނަ ރައްޔިތުންގެ ބޮޑު ބައްތެލި ދަތުރު ހަދާނެއެވެ. މާލެދާނެއެވެ. ދިރި، ދަވިއްގަނދު، އަސޭމިރުހައްދަންދެން ހަމަ ކުރާނީ ވަރަށް ބޮޑު ސަމާލުކަމެއް ދީގެންނެވެ. ޞަލަވާތްފުޅަށް ކައްކާނެ ބޮޑެތި ތެލިތަކާއި، ސީނުތަށީގެ ބޮޑުތަށްޓެއް ކޮންމެ ގެޔަކަށްވެސް ހޯދިފައި ނެތްނަމަ، އަންހެންވެރިންގެ ފަރާތުން ދެން ލައިގަންނާނީ އަދި، މާ ބޮޑު ކަންތައް ގަނޑަކާއެވެ.

ޢީދު ގާތްވަމުން އަންނަ އިރު، އަންހެންވެރިން ވަލަށް ގޮސް ބޮޑެތި މުޅޯށިތައް ފުރަފުރައިގެން އުނބު، ދަރުގެންނާނެއެވެ. ގޮއި، ފާލައްބަތަކަށް، ހިންނަތަކަށް ވަދެ ކާށި ހޮވައި، އޭގެ ތެރޭން ބޮޑެތި ކާށީން ތެޔޮގާނާނެވެ. ޙައްޖުމަހުގެ ހަ ވަނަ ދުވަހު ނުވަތަ ހަތް ވަނަ ދުވަހު، ބޭބެމެން ގިފިލިތެރޭގައި ހުންނަ ބޮޑެތި ކެޔޮ ގަސްތައްބަލައި، އެންމެ ބޮޑު ކެޔޮގަނޑު ކަނޑާލާނެއެވެ. އަވަށްޓެރި ގޭގޭގެ މީހުންކެނޑި ކެޔޮގަނޑުތަކާ އެކީގައި އެ ކެޔޮގަނޑުވެސް ދޮންކުރަން ލުމަށް ބޮޑު ވަޅެއް ކޮންނާނެއެވެ. އާންމުކޮށް ބޮޑު ޢީދަށް ދޮންކުރެވޭ މި ފަދަ ކެޔޮގަނޑެއްގެ މުލައަރީ ކެޔޮވަކެއް، ހަރިޔަނު ދޯންޏެއްގެ މެއްކެއްހައި ބޮޑުވާނެއެވެ.

ޢީދު ދުވަހުގެ ހެނދުނު އެންމެ ބޮޑު ކަމަކަށް އޮންނާނީ ހާ ހިފުމާއި ހާކަތި ލުމެވެ. އެކަމަށް ހިސާބުގަނޑުގެ ކުދިބޮޑު އެންމެން ނިކުންނާނެއެވެ. ހާހިފުމުގައި ބައިވެރިވާނެއެވެ. ހިފާނީ އެންމެ މަސްފަލަ އެންމެ ބޮޑު ހާލެވެ. އެދުވަހުގެ ލަވަޔަކީ “ބޮނޑި ކެޔޮ ފޮތި ބޮޑު ހާލާ ބޮޑުކަމެއް ޖެހިއްޖެތާ ބޮނޑިބަތްކޭމަށް ކަތިލަން، ލޮޑުބުނެފިޔެ ނަދުރުތާ“ މިއެވެ.

ބޮޑު ޢީދަށް ވާއިރަށް، މާލޭގައި ދިރިއުޅޭ ރަށުގެ ހަރުކުލައިގެ ބޮޑެތި މީހުންތައް ރަށަށް އަންނާނެއެވެ. އެކަންވަނީ އެމީހުންގެ އާއިލާތަކަށް ވަރަށް ބޮޑު އުފަލެއް ލިބޭ ކަމަކަށެވެ. ރަށުގައި އުޅޭ “ރަށްފުށު ކުދީން“ނަށް އެކަންވެގެންދަނީ، ވަރަށް ބޮޑު ހައިރާން ކަމަކަށެވެ. އެދުވަސް ވަރު އެހެން އަންނަ ބައެއް މީހުންގެ އަތުން ފޮޓޯ ނަގާ ކެމެރާ، މޫދަށް އެރެން ބޭނުން ކުރާ ފިންސް، މޫނުމަތި، ކަހަލަ އެއްޗެހި ފެނުނީމާ އަޅުގަނޑުމެންތިބެނީ ހައިރާންވެގެން ދެލޯ ބޮޑުވެފައެވެ.

ޢީދު ނަމާދަށް ދާނީ ރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތަށެވެ. މާ މިސްކިތަށެވެ. މި ނަމާދަށް ރަށުގެ ބޮޑުކުލައިގެ އެންމެންހެން ހާޒިރުވާނެއެވެ. ނަމާދު ނިމިގެން، ރަށުގެ ބޮޑު ޚަޠީބު އިސްވެ އިނދެ ބޮޑުތަކުބީރު ކިޔާނެއެވެ. އެ އަށް ފަހު ގޭގެޔަށް ގޮސް ޞަލަވާތް ކިޔެވުމަކީ ވެސް ކުޑަވަރު ކަމެއް ނޫނެވެ. ބައެއް މީސް މީހުން، އެންމެ މީރުކޮށް ހަވާދު ދަވާ އަންހެންވެރީން ތިބޭ ގޭގެ ފާހަގަ ކޮށްގެން އެގޭގެޔަށް ޞަލާވާތްފުޅަށް ދާކަމަށްވެއެވެ. ޞަލަވާތަށް ވަތްކޮށްފައި ހުންނާނީ ބޮޑު އަށްޓަށެވެ. ގިނަ ފަހަރަށް ގޭވެރިޔާ އިންނަވާނީ ބޮޑު އުނދޯލީގައެވެ. ކިޔަވައި ނިމި އެހެރަ ބޮޑެތި ތަށިތައް ކުޑަ އަޑިވެގެން ދާއިރު، ބަނޑުތައް ހުންނާނީ ބޮޑުވެ ދުވަސްފުރިފައެވެ. ތިންހަތަރުގޭން ޞަލަވާތް ނިމޭ އިރު، ފަސޭހައިން އަށިމަތިން ފައިބައިގެން ހިނގައިގަތުން ވެސް ވެފައި އޮންނާނީ ބޮޑުކަމަކަށެވެ. ހިތާމަޔަކީ، ރަށުގެ ބޮޑު ބޮޑެތީން އަރައި، ކޮންމެ ގެޔެއްގެ ބޮޑުހާލުގެ ބޮޑުބައެއް ހަޖަމުކޮށްލާއިރު، މަސްކޮޅެއް ނުލިބި ހުސްވެދާނެ ކަމުގެ ބިރުގައި ގޭގެ ކުޑަ ކުދީންނާއި އަންހެންވެރީން ކަންބޮޑުވެފައި ތިބެންޖެހޭކަމެވެ. ނަމަވެސް ހަގީގަތަކީ އެ ގޭވެރިބައި ހަމަޔަށް ގެޔަށް ބަހައްޓާނެއެވެ. އެކަމަކު އާދަކާދަ ނިޔާކުރާ ގޮތުން، ކިތަންމެ ބޮޑަށް ބަނޑުހައިވިޔަސް، އޭން ކުއްޖެގެ، ނުވަތަ އަންހެނެއްގެ އަރުތެރޭގައި މީން ރަހައެއް ލާނީ، ޞަލަވާތްފުޅަށް ފަހުގައެވެ. ކައިނިމިގެން، މިވެރިން މަގުމަގަށް ނިކުމެ ހިނގަމުން ދާނީ ކޯމަހެއްހެން ދިމާ މައްޗަށް، ހަވާގެ ތެރެއަށް ބޮޑުއަޑުން ވައިލަމުންނެވެ. ތިރިން “ގުޑުގުޑާ ދަމާ އަޑު“ ކަނޑައިގެން ނުދާނެއެވެ. ކޮންމެ ގެޔަކުން ބޮޑު ފާޅައެއްވަރުގެ ހެދި ބިލެތްގަނޑެއް ކޮލަށް ކޮށްޕައިލައިގެން، އިނގިލީގައި ހުނިބޮޅެއް ޖަހާލައިގެން، މަގުމަގު މައްޗަށް އެހެރަ ބުރުވާލާ ބޮޑެތި “ ރަތްބެރެބެދިގަނޑު“ އެއީވެސް ބޮޑު އީދުގެ ޚާއްޞަ “ޒީނަތްތެރިކަމެކެވެ.“

ޢީދު ނަމާދުން ފައިބަނީ އެންމެން އެކީގައެވެ. މި މަންޒަރު ބަލަން އެޒަމާނުގައި ކުޑަދީންނާއި ފުރާވަރު އަންހެން، ފިރިހެން ކުދިން މާކިސްކިތް ފެންނަ ހިސާބުން ތަންކޮޅެއް ދުރުގައި ތިބެއެވެ. މި ކަމުގައި ދެ ބޭނުމެއް އޮވެއެވެ. އެއްބޭނުމަކީ، ދުވަހުގެ އާހެދުންތައް ބަލައިލުމެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނުފެންނަ މުޅިން އާކުލަތަކެއް އާމީހުންތަކެއް ދެކިލުމެވެ. އެނެއް ބޭނުމަކީ، ފަޓާސް ޖެހުމެވެ. މާލެ ދިޔަ ބައްތެލިން އީދަށް ޓަކާ ފަޓާސް ގެނެސްފައި ހުންނާނެއެވެ. ފަޓާސް ޖެހުން އޮންނާނީ ރަށުގެ ބޮޑުމަގުގައެވެ. ފަޓާސް ޖެހޭނީ ޢީދު ނަމާދުން ފޭބީމައެވެ. ބޮޑު ފަޓާހާއި ދެފުށްލި ފަޓާހެވެ. ބައެއް ދިމަދިމާގައި ބޮޑު ބުމަރު ޖެހުންވެސް އޮވެއެވެ.

ހަވީރު ވުމާއެކު ފެށޭނީ ފަންކުޅުމެވެ. ފަނަކަށް ބަލާނީ، ފަންކުޅޭ ބިމުގައި ހުންނަ އެންމެ ބޮޑު ދެ ގަހެވެ. އީދު ފެންކުޅީގެ ފޯރީގައި ވަލުތެރޭގައި ހުންނަ އެހެރަ ބޮޑެތި ފަޅު ވަޅުވަޅަށް މީހުން ވައްޓާލީމާ އެއިން ވަޅަކުން އެރުމަކީވެސް ހާދަ ބޮޑުކަމެކެވެ. އިރު އޮއްސުމާއެކު، ބޮޑެތި އަލިނަރާއި، ފައިދަށުފުރޭތަ ރޯކުރުމާއި، ހަވާއެރުވުމެވެ. ބޮޑު ބެރުޖެހުމާއި، ބޮޑުމަސް ހިފުމެވެ. ބޮޑުމާއްޔާއި، ބޮޑެތި ކޯޑިތަކެވެ. އެކަންކަން އޮންނާނީ ރަށުގައި އޮންނަ އެންމެ ބޮޑު ހުސްބިމެއްގައެވެ. ވަރަށް ބޮޑު މަޖަލުގެ ތެރޭގައެވެ. މި ހުރިހާކަމެއްގެ ތެރޭގައި ތަށި ތެލިތައް ހުސްވަމުން އުނދުޅިތައް ތެލި ތާހުގެ ފުލުގައި ކޭއްތެންފަށައިފާނެއެވެ.

އަނެއް ދުވަހުގެ ދަމެއްހައިތަނަށް އިރު އަރާލީމާ، ރަށުގެ ހޭޅިފަރާތުން ހިނގާލާއިރު ބޮޑުމެހީގެ އުނދަގޫ ވަރަށް ބޮޑުވާނެއެވެ. ދެމަގޫގަސް ދޭތެރޭން ބިންމައްޗަށް ފުނިޖަހާލައިފައިވާ ބޮޑެތި ކެނބުބުރިތައް ފެންނާނެއެވެ. މި “ބަރުތަކުގެ ބޮޑުކަން“ ފެނުމުން ކެއްކިހާ ތަކެތީގެ އަސަރުވެސް ނެތި، ބަދިގެތެރޭން ތަށިތެލި ކުކުރަމުން ދިޔަ ސަބަބު، ދެނެގަންނާކަށް ހަމަ އެކަކަށްވެސް ބޮޑުކަމަކަށް ނުވާނެއެވެ.

ފޯރިގަދަ ދުވަސް ތަކަކަށް ފަހު، ބޮޑު ޢީދަށް ރަށަށް އައި، މީހުންތައް ރަށުގެ ބޮޑު ބައްތެލީގައި، ބޮޑު ނެރުން ފުރައިގެން ހިނގައިދާނެއެވެ. ރުކެއްގައި ކުރުނބައި ގެންފައިހުރި ނަމަ އެންމެ ބޮޑު އިހާ ހިފައިގެންނެވެ. ކުންނާރު ގަހެއްގައި ނަމަ ހުރި އެންމެ ބޮޑެތި ކުންނާރު ކޮޅު ހިފައިގެންނެވެ. މިރުސް ގަހެއްގައި ނަމަ ހުރި އެންމެ ބޮޑެތި މިރުސް ކޮޅު ހިފައިގެންނެވެ. ވެލެއްގައި ބޮޑުކެކުރިއެއް ދޮންވެފައި އިނަސް، އެވެސް އޮންނާނީ ބައްތެލީގެ ބޮޑުވަތުގައެވެ.

ބޮޑުޢީދުގެ މި ހުރިހާ ބޮޑު ކަމަކާ އެކީގައިވެސް އެންމެ ބޮޑު ނިޢުމަތަކާ އުފަލެއް ލިބޭ ބަޔަކީ، ޙައްޖުވެރިންނެވެ. ބޮޑުޢީދު ދުވަހު މައްކާގެ ބޮޑެތި ވާދީ ތަކުގައި އުޅުނު މީހުންނެވެ. ބޮޑު ތަޞްބީޙަ ކިޔުމާއި، ބޮޑެތި އިސްތިޣްފާރުތައް ކުރުމުގައި ބޮޑެތި ކަރުނައް ލޮލުން ވައްޓާލި އަޅުވެރީންނެވެ. ޒުވާން ކަމުގެ ބޮޑުވަހުމުގެ ތެރޭގައި އެމީހުންނަށް ކުރެވިފައިވާ، އުހުދު ފަރުބަދަވަރުގެ ބޮޑެތި ފާފަތައް ފޮހެވި ސާފުވެގެން ދާނެތީއެވެ. ބޮޑު ޢީދުގެ ތެރޭގައި އެމީހުންނަށް ވެސް ހިމިގެން މިދިޔައީ ކިހާ ބޮޑުކަމެއްތޯއެވެ؟ މި ފަދަ އެތައް ސިފަތަކެއްގެ ސަބަބުން ބޮޑުޢީދުގެ ބޮޑު ކަމާއެވެ!