ފޮތްލިޔުއްވީީ:  ފަޟީލަތުއްޝައިޚް  ޢަބްދުﷲ ޖަލާލުއްދީނު

ދޭހަ: އާދަމް ނަޞީރު އިބްރާހީމް

“ޤިޔާމަތް ކައިރިވެއްޖެކަން އެނގޭނީ ކިހިނެއްހެއްޔެވެ؟ ގިޔާމަތުގެ އަލާމާތްތަކަކީ ކޮބައިހެއްޔެވެ؟  ފަހުޒަމާނަކީ ކޮބައިހެއްޔެވެ؟ ދުނިޔެ ނިމިގެންދާނީ ކިހިނެއްހެއްޔެވެ؟ ދުނިޔޭގެ ނިމުން ކައިރިވާކަން ދެނެގަނެވޭނެ ދީނީ މަޢުލޫމާތުތަކަކީ ކޮބައިހެއްޔެވެ؟  މި ފޮތުން މި ފަދަ ވަރަށް ގިނަ ސުވާލުގެ ޖަވާބު ލިބިވަޑައިގަންނަވާނެއެވެ. ކީރިތި ރަސޫލާގެ ސުންނަތާއި، ކީރިތި ޤުރުއާނުގެ ދަލީލުތަކުގެ އަލީގައެވެ.


މިއީ ދިވެހި ރާއްޖޭގެ ޝައިޚުލް އިސްލާމް، ފަޟީލަތުއްޝައިޚް  ޢަބްދުﷲ ޖަލާލުއްދީނު ޅެންބަހުން އެކުލަވާލައިލައްވާފައިވާ ފޮތެކެވެ. މި ފޮތުގެ އިސްބަސް ނުހިމަނައިި،  233  ޅެންބައިތު ހިމެނެއެވެ. އަޅުގަނޑު ގަސްތުކުރަނީ މި ފޮތުގެ މައިގަނޑު  މަޢުލޫމާތުތައް ހިމެނޭބައިގެ ކޮންމެ ބައިތެއްގައި އެކުލެވޭ މާނަ އެބައިތެއްގެ ތިރީގައި ލިޔެލުމަށެވެ. އަޅުގަނޑުގެ ޤާބިލްކަން ތަންދިން މިންވަރަކުންނެވެ. މައިގަނޑު ބޭނުމަކީ، މި ޒަމާނުގެ ކިޔަވާކުދީންނަށާއި ޒުވާނުންނަށް ޅެމުގައި ބުނާއެއްޗެއް ފަސޭހައިން ދޭހަވާނެ މަގު ފަހިކޮށްދިނުމެވެ.  ހަމަ އެހެންމެ މި ޅެމާ ގުޅޭ އަޅުގަނޑުގެ އަމިއްލަވާހަކަ އެއްވެސް އެބަ އޮތެވެ. 1953ވަނަ އަހަރު  ޖަލާލުއްދީނު މި ޅެން ހައްދަވާފައި ވަނީ އަޅުގަނޑުމެން ރަށުގައި ހުންނަވައިގެންނެވެވެ.  އަޅުގަނޑުގެ އުމުރުން ގާތްގަނޑަކަށް ކިރިޔާ ހަނދާން ހުންނަން ފެށީއްސުރެ ވަރަށް ގިނައިން އަޅުގަނޑު ނިދައި ކައިބޮއި ހެދި އެއްގެޔަކީ، ޖަލާލުއްދީނު ތޮއްޑޫން ކާވަނި ބައްލަވައިގެންނެވި ނަޖިއްޔާދައްތަގެ ގެއެވެެ. ނަޖިއްޔާ ދައްތައަށް އަޅުގަނޑު ކިޔަނީވެސް މަންމަ އެވެ. އެެއީ ވަރަށް އަޑުމަޚުރަޖަ ރީތި ބޭކަނބަލެކެވެ.  ކޮންމެ ރެޔަކުހެން އަޅުގަނޑު ނިންދަވާގަޑީގައި ވަރަށް ރީތި ރާގުރާގަށް މި ޅެމާއި، އަދި މިނޫނަސް ޖަލާލުއްދީނުގެ ވަރަށް ގިނަ ޅެންތައް ކިޔައިދެއްވާނެއެވެ. އެހެންކަމުން ޖަލާލުއްދީނު ހިމެނިފައިވަނީ އަޅުގަނޑުގެ ޅެންވެރިކަމުގެ “ރޫޙާނީ މުދައްރިސް“ކަމުގައެވެ. އެމަނިކުފާނު ހަމަލޮލުން ދުށުމުގެ ނަޞީބު ނުލިބުނު ކަމުގައިވިޔަސް، އެމަނިކުފާނުގެ އަދަބީ ސުލޫކީ އަސަރުތަކަށް އަހުލުވެރިވުމުގެ ހަނި ފުރުސަތެއް މިގޮތުން،  ލިބިފައިވާތީއެވެ.   ކޮންމެއަކަސް ފަންވަތުގައި މިޅެމާއި،  ބައިތުތަކުގައި އެކުލެވޭ ކުރުމާނަ ލިޔަމުން ދާނީ، އެއްފަހަރާ މުޅި ފޮތް ހުށަހަޅާލުމުގެ ބަދަލުގައި ބައިބަޔަށް ސިލްސިލާކޮންނެވެ.  ޅެންބައިތު ލިޔާނީ ކަޅުކުލައިންނެވެ. ބައިތުގައި އެކުލެވޭ ކުރުމާނަ ލިޔާނީ،  ނޫކުލައިންނެވެ.

= އާދަމް ނަޞީރު އިބްރާހީމް =

ޤިޔާމަތު ނާމާ

ޢަބްދުﷲ ޖަލާލުއްދީނު

1- ކިޔަން އަދި ވަކިން އޮތްތަ އެއްޗެއް ކިޔާނޭ

ޤިޔާމަތް      މި އެންމެ     ކިޔަންވެސް ކިޔާނޭ

އިތުރަށް ދެންނެވޭނެ ވަކި ވާހަކައެއް އެބަ އޮތްތޯއެވެ؟
އެޒަމާން އައުމުން އެންމެންހެން ދައްކާނީ  ޤިޔާމަތުގެ ވާހަކައެވެ.

2- ހިޔަންޏަށް މިދާ ހުށި ފިލާ ބަޔަކު ނެއްޓަސް،

މިޔަށް ބަޔަކު ހެޔޮ     ވިސްނުމެއް  ގެންގުޅޭނޭ

ދުނިޔެއަކީ،  ފިލައިދަނިވި ހިޔަންޏެއްފަދަ ތަނެކެވެ. ބަޔަކު މީހުން،
މިކަން ހަނދާން ނައްތާލައި،  ދުނިޔޭގެ އެދުންތައްކުރިޔަނެރެ  “ނަށަން ތިއްބަސް“
މި ޙަޤީޤަތާމެދު ފިކުރު ހިންގާ ބަޔަކު ދުނިޔޭގައި ތިބޭނެއެވެ.

3- ބަލާ     މީހަކަށް ކައިރިވާކަން އެނގޭފަދަ، 

ޢަލާމާތްތަކެއް       ފުލުފުލުން       ފާޅުވާނޭ

ވިސްނާ ފިކުރުކުރާމީހަކަށް ޤިޔާމަތް ކައިރިވަމުން އަންނަކަމުގެ ޢަލާމާތްތަައް
ހަލުއި ގޮތެއްގައި ފެންނަމުންދާނެއެވެ. (ފުލުފުލުން ފާޅުވާނެއެވެ.)

4-  ފަލާޙުގެ މަގަށް އަލިއެޅުއްވެވި ނަބިއްޔާ

ޢަލާމާތްކަމަށް    އެންމެ     ފުރަތަމަ   ގުނޭނޭ

އެންމެ ފުރަތަމަ ޢަލާމާތަކީ،  ނަބީކަން ޚަތިމްކުރެއްވި މި އުންމަތުގެ މާތް ނަބިއްޔާ،
މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަބީކަމައިގެން ފޮނުއްވުމެވެ.  އެކަލޭފާނަކީ،
ދެދުނިޔޭގެ ބާއްޖަވެރިކަމާއި ކާމިޔާބުގެ މަގު (ފަލާޙުގެ މަގު) ދައްކަވައިދެއްވި މާތް ރަސޫލާއެވެ.

5 –  މިި ޔަށްފަހު ހިނގާ އަންނަ ކަންތައް ކުރީކޮޅު،

މި ޔަށް ކުދި       ޢަލާމާތްތަކޭ     ބުނެއުޅޭނޭ

ކީރިތި ރަސޫލާ (ޞ) ރަސޫލުކަމައިގެން ފޮނުއްވުމަށް ފަހު، ދެން ހިނގައިދާ ބައެއް ކަންކަމަކީ،
ޤިޔާމަތް ކައިރި  ވާކަމުގެ ކުދި ޢަލާމާތްތަކެވެ.

6- އިމާމުގެ    ފަހަށް ފަހުޒަމާނުގެ  އެ މަހުދީ،

ދީމާވާ       ކަމަށް     ބޮޑު ޢަލާމަތް   ކިޔާނޭ

ްްްިްްް  ޤިޔާމަތުގެ ބޮޑެތި     ޢަލާމާތްތަކުގެ ތެރޭގައި،  މަހުދީގެފާނު

  ފާޅުކުރެއްވުން ހިމެނެއެވެ. ( މިބައިތުގައިވާ އިމާމުގެ މުރާދަކީ ޢީސާގެފާނެވެ.)

7- ޢަލާމާތްތަކޭ    ނަންކިޔޭ ކަމުގެ ތެރެއިން،

މަލާމާތްތަކާ އާޑަ    ގިނަވުން    ހިނގާނޭ

ޢަލާމާތްތަކުގެ ތެރޭގައި އާޑަ (ފުރައްސާރަ) ކުރުން ގިނަވުން ހިމެނެއެވެ.
މަލާމާތްކުރުން އިތުރުވުން ހިމެނެއެވެ. (މިއީ ކުދި ޢަލާމާތެވެ)

8- ކަޅާ ދޮން ދެޖިންސުގެ ތެރޭ ނެތި މަނާއެއް،

އަޅާ ދަރިވި ސާހިބު ވިހަންވެސް ވިހާނޭ

ޖިންސީ އުފާތައް ހާސިލްކުރުމުގައި އެއްވެސް ހައްދެއް ނެތި ހިނގައިދާނެއެވެ.
އަޚުލާޤީ ދީނީ އިންތައް ފަހަނައަޅައިގެންދާނެއެވެ.

9- ގަޅާފޫވެ ތިބެ އެއްކިބާ ރިވެތި  ހަމައިން،

ތަޅާތައް ފޮޅުން ދިމަދިމައިން ގިނަވެދާނޭ

އިންސާނީ ތަހުޒީބުގެ ރީތި ހަމަތައް ގެއްލި، ހަމަނުޖެހުންތަކާ ތަޅާފޮޅުންތައް
އާންމުވެދާނެއެވެ. އެކަމަށް މީހުންތައް ތިބޭނީ ޖަހާ ފޫގަޅާލައިފައެވެ.

10-  ތެދުން ނެއްޓި ހަނގުރާމަވެސް ގޯޅިއެޅިގެން،

އެދުންތަކުގެ މައްޗަށް  ނުބައި      އެނބުރިދާނޭ

ކުރެވޭ ހަނގުރާމަތައްވެސް (ޖިހާދު) އޭގެ އިސްލާމީ ރޫޙުން ބޭރުވެދާނެއެވެ.
ކަމުގެ މަޤުޞަދު ނުބައި، އަމިއްލަ އެދުންތަކުގެ މައްޗަށް އެނބުރިދާނެއެވެ.

11- ރަހުންނާ ޤުޟާތުންވެ   ޢަދުލުގެ މަގާފޭ،

ފަހުން  ޡުލްމު       އަނިޔާ  އެހާ   ގިނަވެދާނޭ

ރަހުންނާ (ރަސްރަސްކަލުންނާ/ވެރިންނާ)  ޤާޟީންގެ ޙުކުމްތަކާއި ނިންމުންތަކުން،
އިންސާފު ގެއްލިދާނެއެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގައި އަނިޔާއާއި، ހަމަނުޖެހުންތައް
ވަރަށް އިތުރުވެގެންދާނެއެވެ.

12- ނިޔާ ކަނޑައަޅާ ޙާކިމުން ޙުކުމު މައްޗަށް،

ކިޔާ ތިޔަ ނުބައި ހޫނު    ރިޝްވަތު  ހިފާނޭ

މައްސަލަތަކުގެ މައްޗަށް ޙުކުމް ކަނޑަޅައި އިންސާފު ޤާއިމު ކޮށްދޭން ތިބޭ ފަރާތްތަކުން،
ރިޝްވަތު ހިފުން އާންމުކަމަކަށް ވެދާނެއެވެ.

13- ގަހުން ގަސްޖަހާ ޙަސަދަޔާ ފިތުނަވެރިކަން،

ފަހުން  މާ ނުރައްކާ   ގޮތެއްގައި ހިނގާނޭ

ނުބައި ކަންތައްތައް މި ފަދައިން އާންމުވެގަތުމުން،  ކުރިލައި ހެދޭ ގަހެއްގެ ބުޑުން،
ކުރިތައް ފަޅައި ފެތުރިގަންނަ ފަދައިން، ފިތުނަޔާއި ފަސާދަ، އާލާވެ ފެތުރިގެންފާނެއެވެ.
އޭން ކޮންމެ ކުރިޔަކުން އިތުރު އެތައް ކުރިތަކެއް ފަޅާ ބީދައިންނެވެ.

14- އެރީމާ އަރައިގަތް ހިތަށް ބަޔަކު ހިނދަކުން،

ވެރީން  އަންގަވާ       ގޮތްތަކާ     ފޭވެދާނޭ

ވެރީންގެ އަމުރުތަކަށް ކިޔަމަންވެ ބޯލެނބުމީ އޮތްކަމެއް ނޫންކަމަށް މީސްތަކުންކުރެ،
ބަޔަކުމީހުންނަށް ގަބޫލުކުރެވިދާނެއެވެ. އެމީހުންގެ ހިތަށް މިފަދަ ޝުޢޫރުތައްވެރިވުމުގެ
ނަތީޖާއެއްގެ ގޮތުން، ވެރީންގެ އިރުޝާދުތަކާ އަމުރުތަކަށް އެމީހުން (ރައްޔިތުން)  ފުރަގަސްދީފާނެއެވެ.

15- އިހަށް އުޅުނު މާތް މީހުނާ ޢާލިމުންނަށް،

ކިހައްޑިޔަވި ބަސް ފަހުގެ މީހުން ކިޔާނޭ

އިހަށް ދުނިޔޭގައި އުޅުއްވާފައިވާ މާތްމާތް ބޭކަލުންނާއި ޢިލްމުވެރިންނަށް
އިޙްތިރާމު ކުރުން ނެތިގެން ހިނގައިދާނެއެވެ. އެފަދަ ޤަދަރުވެރި ފަރާތްތަކަށްވެސް،
ހުތުރު އައިބު ބަސްތައް ނިސްބަތްކުރެވެން ފަށާނެއެވެ.

16- މަދަދުވެރިވެ ހެޔޮ ޢާލިމުންނާ ޢުލޫމަށް،

ޤަދަރުދީ އުޅޭ ބަޔަކުވެސް      މަދުވެދާނޭ

ޢިލްމުވެރިންގެ އަގުވަޒަންކުރުމެއް ނޯންނާނެއެވެ.  އެމީހުންނަށް ކަމޭހިތާ މީހުން މަދުވާނެއެވެ. ޚާއްޞަކޮށް ދީނީ ޢިލްމެވެ.
ދީނީ ޢިލްމާއި، ދީނުގެ ޢިލްމުވެރިންގެ މާބޮޑު އަގެއް ނޯންނާނެއެވެ.


17- ވަޤީލެއް އެބޮތްތޯ ތަނަކު ބަލަބަލައިގެން،

ފަޤީހުން ރަހުންނަށް  ޚުޝާމަދު ކުރާނޭ

ދީނީ ޢިލްމުވެރިންގެ ތެރޭގައި ވެރިންނަށް ޚުޝާމަދު ކުރާ ޢިލްމުވެރިންތައް ފެނިގެންދާނެއެވެ.
(ވަޤީލޭ އޮތް ބަހުގެ މާނައަކީ  ބުނެވޭ ބުނެވުންތަކެވެ. ރަހުން: އެއީ ރަސްރަސްކަލުންނެވެ.)

18-  ޢުލޫމާ ދިޔާނަތު ނުއަގުގައި އެ ވިއްކައި،

ސުލޫކުގެ މަގާ އެއް ފަރާތައް ޖެހޭނޭ

ޢިލްމުވެރިކަމާއި،  ޢިލްމާއި  ދީނަކީ، އެއްވެސް ޤަދަރެއް  އަގެއް ނެތް އެއްޗެއްކަމުގައި ވެދާނެއެވެ. ދުނިޔޭގެ ވަގުތީ އުފަލަކަށްޓަކައި، ވިއްކައިލެވޭ ވިޔަފާރި މުދަލަކަށްވެދާނެއެވެ. ރަނގަޅު އަޚްލާޤާ ސުލޫކުގެ މަގުތައް މުޅިން ދޫކޮށްލައިފައިނެއެވެ.