މަންޒަރު 1

އިލާހިއްޔަ ޤުދުރަތުގެ ކީރިތި އަސަރުގާ

ވިލާތައް އެތުރިލައިފި، ނޫ ދިވެހި އުޑުގާ

ކިލާކަން މިޖައްވުން ފިލައިގޮސް މިހިނދުގާ

ދިލާސާކަމޭ ވީ   މި  ލޮބުވެތި  ވަޠަނުގާ

ޒަމާން ދެއްކި މިނިވަންކަމުގެ ފިނި ހިޔަލުގާ

އަމާން ކަންމަތީ ދިވެހި އުއްމަތް އުފަލުގާ

އޮމާން ފޮނި ޙަޔާތެއްގެ ނިޢުމަތް ލިބުމުގާ

އަމާންކަން މަތީ ދެމި އޮތީ މާތް ޝަރަފުގާ

ހިމޭންކަމުގެ ވައިރޯޅި ހިނިތުންވަމުން ދޭ

ހިމޭންކަމުގެ ސާޙިލް މަތީ އުދުހެމުންދޭ

ހިމޭން ޖައްވުގައި ބީހެމުން، ފިރުމަމުންދޭ

ހިމޭންކަން ވަނީ  ފެތުރިފާ ދިވެހި ބިމުގާ

މަންޒަރު 2

ބަދަލު ކޮށްލުމަށް އައި މި، ރަޙްމަތުގެ މޫސުން

ޣަދަރުވެރި ދެ ދިވެހިންގެ ދޯހަޅި ނުފޫޒުން

ބަނދަރު ހޯދަމުން ޗާޓު ދައްކާ އަމާޒުން

ޤަދަރުކުޑަ ހޮޅިން ދަތުރު ފަށްޓައިފި ކަނޑުގާ

ދުރަށް ނަޒަރު ދެއްވާށެ ލޮބުވެތި އަޚުންނޭ

ނުރައްކާ ލިސާންތައް ދަނީ ފެންނަމުންނޭ

މިރަށްތަކު ތެރަށް ކަޅި އަޅާ ދުޝްމަނުންނޭ

ކުރަން އަންނަނީ ޤަތުލު  އުއްމަތް މި  އެކުގާ

މަލާބާރުނޭ ނުވަތަ ކިޔަކަސް ހޮޅިންނޭ

ހަލާކާއި ގެއްލުމުގެ އޭ މެދު ވެރިންނޭ

ބަލާށޭ ވަމުން އަންނަގޮތް މާތް ދަރިންނޭ

ސަލާމަތް ކަމެއް ދެން ނެތޭ މި  ދަނޑިވަޅުގާ

ފުރަތަމަ ފައްތަރު

ހިޖުރައިން ހާހާ ސަތޭކަ ސަހައްޓި ވަނައަށް ވީ އަހަރު

ފަޖުރުލީ ހިނދު ތޭރަ ވަނައަށް ވީދުވަހު މަހުގައި ޞަފަރު

ތަޖުރިބާ ކުރަނީ މި އުއްމަތް  ފިތުނަޔާ  ބޭރުގެ  މަކަރު

މުޖުރިމުން ހަނގުރާމަވެރި އޮޑިފަހަރުގައި ޖެހުމުން ބަނދަރު

މަންޒަރު 3

އަރައިގެންފި ލޮބުވެތި ދިވެހި ފަސްގަނޑަށް މާތް

މަރައި ވަޅުލުމަށް ބިމުގެ ޝަރަފާ ކަރާމާތް

ފަރާތެއް ނެތޭ ފެންނަ އަމްނުގެ ޢަލާމާތް

ބިރާ އަގަލު        ކުޑަކަން ވަނީ ބިންމަތީގާ

ވެޔޭ ލޮންސި ކަނޑި ބަޑި މި ލަޝްކަރުގެ އަތުގާ

ވެޔޭ ކިބުރުވެރިކަން މި ހަތުރުންގެ ހިތުގާ

މެޔޭ އުފުލަނީ ފައިޖަހާ ދިވެހި ބިމުގާ

މިޔޭ ވަޒަނަކީ   ބުނެ    ތިބެންވީ   އުމުރުގާ

އަރައިގެންދަނީ އެއްގަމަށް އައިމި ޠޫފާން

ފުރާނައިގެ ބޭނުންވެ ހިންގާށެ ޢުދުވާން

ފުރާލައިފި އުއްމަތް، ގެނެސް ބޮޑަތި ހައިޖާން

ތުރާތައް   ވަނީ އައިމި  ކޮޅިގަނޑުގެ ވައިގާ

ކަރަށް ދިވެހި އުއްމަތުގެ ސީދާ މި ޙަމަލާ

ވަރަށް ހިތި ގޮތެއްގައި ހޮޅިން ދީފި ވިހަލާ

ކުރަން އެންމެ ބޭނުން ގޮތަށް ފިކުރު ޢަމަލާ

ކުރާތަން ދުށުން ނޫން ގޮތެއް  ނެތްހެ އަދުގާ

ދަރީންނާ އަނބީންނަށް ކުރާ ހިނދު މި ގޯނާ

ފިރީންނަށް  ދެނީ  ހިތި  ޢަޒާބާއި  ހޫނާ

ކުރީއްސުރެ އަތާ ފައި އެކީ ބަނދެފި މޫނާ

ހުރީ  ޖެއްސިފައި    ލޮންސިތައް މޭ މަތީގާ

ކޮބައިތޯއެ ލޮބުވެތިވި އުޚްތުންގެ ޙުރުމަތް

އޮބައިގެންފި ޤަދަރާ އެކަނބަލުންގެ ޢިއްޒަތް

ނުބައި ތޫނު ވަކިތައް މި ހުރިހާ އަމާނާތް

ނުބައި    ކަންމަތީ   ފޭރެނީ   މަގުމަތީގާ

ހިތަށް އެރި ކަމެއް އެތިބަކޮށް ނިންމަނީއޭ

ގެތައް  ލޫޓުވާ،  ހުޅުޖަހާ،  އަންދަނީއޭ

އެތައް މުދަލަކާ، ތަރިކައެއް ނެތިދަނީއޭ

ކިތައް  ޙައްޤުތޯ  ގެއްލެނީ    ހެއްލުމެއްގާ

ދިވެހި ރަސްކަމާ އޭގެ ކީރިތި ނިޝާނާ

ދިވެހި ޤައުމު ދުށް، ޗާލު މޫރިތި ޒަމާނާ

ދިވެހި ފަސްގަނޑާ، ބާއްޖަވެރިކަމުގެ ދީނާ

ދިވެހި ލޯތަކަށް    ގެއްލި  މި ދަނީ އެކީގާ

މަންޒަރު 4

ކަންމިހެން ހިންގާލުމަށް ފަހުގައި ހޮޅިން ހަމަޖެހިލަނީ

ފަންވަރާ  ބާރާ   އެކީ    މާލޭގެ    މައްޗަށް   ވެރިވަނީ

ރަށް ރަށުގެ ވަލުގައި ވަޔަށް ނެގިފައި އެވާ ވަހުތާނުހެން

ހިތްނިޔަތް އެނބުރޭ ދެބެން މިވެރިންގެ  ކަފުގައި  އެނބުރެނީ

އާދެ! ޝަމްސުއްދީނު އަދި މަޝްހޫރު މުޙްޔިއްދީނުތާ

އާދަޔާއި  ޚިލާފު  ބޮޑު  ގެއްލުން  އުފަން  ޤައުމަށް  ދިނީ

ކަންކުރަންވާނޭ ގޮތާ ހަމަތައް މިހާރު   ކަނައްކަފޫޅު

އަންގަމުން  ދާތަން ދިވެހި  މި ދެޚާއިނުން  ދެކެމުން  ދަނީ

ޢަސްކަރީ ބާރާއި ހަތިޔާރާ އެކީގައި    އަބަދުވެސް

ސައްތަ އެއްހައި  ފާސިދުން މުޅި  މާލެއަށް  ބިރު  ދައްކަނީ

ކޮންމެ މުދަލެއް ކޮންމެ ޢަމަލެއް ހިތްއެދޭނަމައީ މިހާރު

އޮންނަނީ ހުއްދަވެ  ޙަލާލު  ވެފައި  ކަމަށް  ހަދަމުން  ދަނީ

ނަފުރަތެއް އަދި ނުރުހުމެއް ދައްކައިފި މޫނެއް މި ކަމުގައި

ކަފުނުގައި  އޮއްވައި ދެތިން  މިނެޓަށް ފަހުން ފެނިގެން ދަނީ

މިލެކަކުން ކަންވާން  ފެށީމާ  ދިވެހި  ޣައްދާރުންގެ މޭން

ދިލަ  ނަގަން ފެށިކަން  ބިރުންތިބެގެން  ހޮޅިންނަށް އަންގަނީ

ޤައުމަށާ ދީނަށް  ޚިޔާނާތްތެރި،  މޮޔައިންނަށް  ޙައްޤުވާ

’’ޚާއްޞަ  ހަދިޔާ“ މީގެ ދެވެެރިންނަށް  މިސާހިތު  ލިބެވެނީ

ފާޅުގައި މި ދެޚާއިނުން ކަސްތޮޅު އަޅައި ކަނޑުފެއްތިއިރު

ރާޅުތައްވެސް، ކަނޑުގެ އޮއިވެސް، ހަރުއަޑުން ލަޢުނަތް  ދެނީ

މަރުވެގެން ދިޔަ އިރު ދިވެހި ކަނޑުގައި ހަލާކުގެ ބައިވެރިން

މަރުގެ  ސަހަރާއެއް  ފަދައިން މުޅި  މާލެވެސް  ވެފައޭ ވަނީ

ދިރި އުޅެން އެޅިހައި ގެދޮރު އަލިފާނުގައި އަޅިޔަށް ވުމުން

ދިރިތިބެން އާ      ދުނިޔެއެއް ހޯދަން  އަލުން ލާޒިމް ވަނީ

ދެވަނަ ފައްތަރު

ކޮބައިތޯ ޝަހީދުވި އެ އަލި ރަސްގެފާނުން

ކޮބައިތޯ އެ ދިވެހިންގެ ބޮޑު ތަކުރުފާނުން

ކޮބައިތޯ؟ … ހުރާ ދޮން ޙަސަން މަނިކުފާނުން

އަބާރަނަ  މި  ފުރިހަމަ  ކުރެއްވީ  މި ހިނދުގާ

މި މާތް ޝަޚްސު ދައްކައި ދެނީ ހަރުދަނާކަން

ބިމާ  ދިވެހި  ޤައުމަށްޓަކައި  ހުރި  އަމާންކަން

ތިމާޔާއި    އަނެކާގެ    ފަރަގެއް    ނުވާކަން

ވުމާއެކު  ފިކުރު   ހިންގެވީ   ވަކި   ރޮނގެއްގާ

މަންޒަރު 5

ދެން އައީ ހިނގަމުން ޖިހާދުގެ ކަމަރު ބަނުމުގެ ރޭވުމޭ

އެންމެހާ ދިވެހިން މި ކަމުގައި  ގެންނަނީ  އެއް ވިސްނުމޭ

ޙަމަލަ ދޭންވި ގޮތާއި، ވަގުތާ، ޙިކުމަތާ، ގުޅުވާލުމުން

ޙަމަލަ ދޭން ރަނގަޅީ މުނާޖާ ވަގުތުވެސް  އިސް  ކޮށްލުމޭ

އުފަލަކީ، ކީރިތިވި  ދީނާ ދިވެހި ޤައުމުގެ ޙައްޤުގައި

މި ފުރުޞަތުގައިވެސް ފިދާވެ، މި ބިންމަތީ ޤުރުބާން  ވުމޭ

މިކަމުގައި ފަސްނުޖެހި ދޮންބަންޑާރައިންގެ ފަހަތްޕުޅުން

ނިކުމެ ގޮސް ހޮޅި ދުޝްމަނުންގެ ދުވަސް މުޅިން ދުއްވާލުމޭ

ދިވެހި ބިމުގެ ކަރާމަތާ، ދިވެހިންގެ ކެރުމާ، ހިތްވަރާ،

ދިވެހި ބިމުގެ  ޢަދުއްވުނާ، މުޅި  ދުނިޔެ އަށް ދައްކާލުމޭ

ތިންވަނަ ފައްތަރު

އާދެ! ދޮންބަންޑާރައިން ހަނގުރާމައަށް މި، ނިކުންނެވުން

ހާދަ ބޭނުންތެރި ފިލާވަޅުތައް ދެޔޭ  ދަސްކޮށްދެމުން

ތުއްތު ތުއްތު ދެބޭފުޅުން، އަނބި ކަނބަލުނާ މުދަލާ ގެދޮރު

ޙައްޤުވަންތަ ކަލާނގެއާ އެދަނީ ވަކީލު ކުރައްވަމުން

މަންޒަރު 6

(އ) ތިޔަ ނިކުންނަވަނީ ނުލާހިކު ތޫނު، ވިހަ ކަނޑިތަކު ދަށަށް

މިއަދުވެސް  މާފަށް  އެދެން  ވެވިފައި ކުށެއްވާނަމަ  ކުށަށް

ކިހިނަކުންތޯ އަޅުގަނޑާ، ނިދިފައި އެތިބަ ކުޑަކުޑަ ދެބެން

ރަޙްމުނެތް މި  ޙަޔާތުގައި  މާދަން   ޖެހޭނީ   ދިރިއުޅެން

(ފ) ކޮންމެ ނަފުސެއްވެސް ޖެހޭނޭ މަރުގެ ރަހަ އިޙްސާސް ކުރަން

ކޮންމެވެސް  އެއް ވަގުތަކުން ދުނިޔޭގެ  ދަންފަޅި  ހަމަކުރަން

މިހިނދު ކަމަނާޔާ މަގޭ މަޢުޞޫމު ތުއްތު ދެބެން ޙަވާލް!

މިހިނދު މިހިނދަށްވެސް މި ހިތް ލޮބުވެތިކަމާ ކުލުނުން ފުރަން

(އ) ލެއްވިކަން މައްޗަށް، ތިބާފަދަ ދިވެހި ދަރިޔަކު މިބިމުގާ

އެންމެ ދީލަތިވަންތަ  ﷲއަށް   މިހާރު  ޝުކުރު   ކުރަން

އެންމެ ރަނގަޅު ވަޑައިގަނޭ! ޤައުމާ، މިމާތް ދީނަށްޓަކަކާ

އެންމެހާ އުފަލެއް  ތިބާ ހެކިކޮށް  މިތާ  ޤުރްބާން ކުރަން

(ފ) ލޯފުޅުން ކަމަނާގެ ތިޔަ އޮހޮރޭ މުތީތައް ކަރުނައިން

ލޯ ދެކެން ބޭނުން ވިޔަސް ވަގުތެއް ދެނެއް ނެތް މަޑުކުރަން

ޙިއްސުތައް ނުރުހޭނެ ދުވަހަކުވެސް މިފަދަ ‘ހޮޅި ބާރަކަށް’

ފަސްގަނޑުން ދިވެހިންގެ، ކުޑަކުޑަ ވެލި ފުކެއްވެސް  ދޫކުރަން

މިދެކުދީންނަށް އަންގަވާ!… ދީނާ، މި ޤައުމަށް، ބައްޕަހެން

ތެދުހިތުން، ތެދު ނިޔަތުގާ، ނަފުސާ  ފުރާނަ، ވަޤުފު  ކުރަން

ނިކުމެވަޑައިގަތުން

މި ޤައުމަށް ނަޞްރު ދެއްވާނދޭވެ، ޔާ ﷲ ޔާ ﷲ!

މި ދީނަށް  ބާރު  ދެއްވާނދޭވެ،  ޔާ ﷲ  ޔާ ﷲ

މަންޒަރު 7

މަޑުމަޑުން ދިވެހިންގެ ލަޝްކަރު ގަނޑުވަރާ ތިބެ ގާތްވަނީ

އަޑުބަޑުން އެތެރޭގެ  ޙާލަތު  ގަނޑުވަރުގެ  އެނގެމުން  ދަނީ

ރޭދެބައިވީމާ އަތަށް އަރަމުން އެދާ ’’ބައިތަށި ތަކުން“

ހޭދެބައިނުވެ  އެކަކުވެސް   ނެތްކަން   އެތާ  ސާބިތު  ވަނީ

ހަތަރު މަސް ވަންދެން ހޮޅިންނަށް ލިބުނު ރާޙަތު ގެއްލިގޮސް

ހަތަރު  އުދަރެސް   ފެނުޖެހޭ  ސާޢަތް  މިހަރަ ކުޑަތަން ވަނީ

މަޝްވަރާ އިން ނިންމިހެން އަވަހަށް މުނާޖާ އިއްވުމުން

ލަސްތަކެއް ނުވެ ދެން ހޮޅިންތައް މަރު ނިދީގައި  ދެމިލަނީ

މަންޒަރު 8

ދަނޑިވަޅެއް ފަހިވީކަމުން ނަޞްރާ ނަސީބުގެ މަގުކޮށަން

ބަޑިގުދަން   ހުޅުވާ   ލިބުނު   ހަތިޔާރުތައް   އެބަހާލަނީ

ފޭހިފައިހުރި އިލޮށިތައް ދިވެހިން ލޮލަށް ހެރުމަށްޓަކާ،      (ﷲ އަކްބަރު)

މޭރުމެއްވެސް  ނުވެ  ހޮޅިން  ތިއްބާ   ލޮލަށް   ގޯޅާލަނީ

މަންޒަރު 9

އުފުއްލާށެ ހަތިޔާރު،……. ﷲ އަކްބަރު

އަޑަށް ލާށެ ގަދަބާރު،……. ﷲ އަކްބަރު

ކިޔުއްވާށެ ތަކުބީރު،……. ﷲ އަކްބަރު

ނެރުއްވާށެ ހުރިބާރު،……. ﷲ އަކްބަރު

އުފުއްލާށެ މި ޝިޢާރު،……. ﷲ އަކްބަރު

ކުރައްވާށެ ތަކުރާރު،……. ﷲ އަކްބަރު

ރުޅިން ދިވެހި އުއްމަތުގެ ރުޅި މޫނުދައްކާ

ހޮޅިންނާއި ކުރިމަތި ލަނީ ކޮށް ނުރައްކާ

ކުޅިން މީގެ ދިލަގަދަވެ ދިން ހޫނު ހަސްކާ

ހޮޅިން ނެތި ކުރީ  ކަށްވަޅުން  ޖާގަ  ދައްކާ

މަންޒަރު 10

ފިދާވާނަމޭ ދިވެހި ޤައުމުގެ ޝަރަފުގާ

ހިދާޔަތުގެ  ނޫރުން  ހިތާ މޭ  ފުރުމުގާ

ހުދާ  ފެހި  ރަތާ  ވިހުރުވާދޭށެ  އެކުގާ

އަދާ، އިއްޔެއާ، މާދަމާ،  ތާ އަބަދުގާ،

ޕްރޫފްބައްލަވައިދެއްވުން

ދީނީ/ އަދަބީ

އައްޝައިޚް މުޙައްމަދު ޤުބާދު އަބޫބަކްރު
އަދަބީ

އަލްފާޟިލް މުޙައްމަދު ޢާމިރު/ ފަރެސް

ތާރީޚީ

އަލްފާޟިލް މުޙައްމަދު ޝާޠިރު
އަލްފާޟިލާ ނަސީމާ މުޙައްމަދު

އެހީތެރިކަން

އަލްފާޟިލް މުޙައްމަދު ޢާމިރު/ ފަރެސް
އަލްފާޟިލް މުޙައްމަދު ޝާޠިރު

ނޯޓް:

މިއީ، 2002 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ބާއްވަވާ މުނިފޫހިފިލުވުމުގެ ޚާއްޞަ ރަސްމިއްޔާތަށް، އެން.އެސް.އެސް ގެ ފަރާތުން ހުށަހަޅުއްވާ އައިޓަމަށް، ޚާއްޞަ ކުރެވިގެން ހެދިފައިވާ ޅެމެކެވެ. ޅެން އެކުލަވައިލުމުގައި ހާދިސާގެ އަޞްލަކަށް ބެލިފައިވާނީ ދިވެހިންގެ ތެރޭގައި މަޝްހޫރު ’’ކެޕްޓަން ދޮން ޙަސަން މަނިކުފާނު“ މި ދިގުވާހަކައެވެ. އޭގެ އިތުރަށް، އެން.އެސް.އެސް.ގެ ފަރާތުން ހޯއްދަވައިދެއްވި ކަމާބެހޭ ތާރީޚީ ބައެއް ލިޔުންތަކުންނާއި، އަލްފާޟިލް މުޙައްމަދު ޝާޠިރު ދެއްވި ތާރީޚީ ބައެއް މަޢުލޫމާތުން އެހީތެރިކަން ލިބިގެންފައި ވާނެއެވެ. އެކި ރޮނގުރޮނގުން މިކަމުގައި އަޅުގަނޑަށް އެހީތެރިވެދެއްވި ފަރާތްތަކަށާއި، ކަމުގެ ފުރުޞަތު ފަހިކޮށްދެއްވި އެން.އެސް.އެސް.ގެ އިސްވެރިންނަށް ހިތުގެ އިޚްލާޞްތެރިކަމާއެކު، ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.


10 ޖުމާދަލްއޫލާ 1423
20 ޖުލައި    2002