ޑރ. މުޙަންމަދު ޢުމަރަކީ، ޢިލްމު ޙާސިލުކުރެއްވުމާއި ޢިލްމު ފެތުރުއްވުމަށް ލޯބި ކުރައްވާ ބޭފުޅެކެވެ. އެއީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެނގޭ ކަންކަމަށް ވުރެ ނޭނގޭ ކަންކަން ގިނަވާނެތީއެވެ. ދިރިއުޅުމުގައި އޭނާގެ އަނެއް ފަލްސަފާއަކީ އޭނާއަކީ އަބަދުވެސް “ދަރިވަރެއްކަން“. ދަސްކުރުމާއި އުނގެނުމުގެ މަގުގައި ކުރިޔަށް ދާ ޠާލިބެއްކަމެވެ.
ޑރ. މުޙަންމަދު ޢުމަރުގެ ތަޢުލީމީ ހުރިހައި މަރުޙަލާއެއް ވެސް ގިރާކުރައްވައިފައިވަނީ ކަމިޔާބީގެ އޮޅިމަތީންނެވެ. މަދްރަސީ ދައުރުގެ އެޑެކްސެލް އޯލެވެލް ނިންމެވީ ނެޝަނަލް ޓޮޕްޓެނުން 6 ވަނަ ހާޞިލުކުރައްވައިގެންނެވެ މުޅި ސްކޫލުން އެންމެ ރަނގަޅު ދަރިވަރުގެ މަޤާމު ޙާޞިލްކުރައްވައިގެންނެވެ. އެޔަށް ފަހު ކުރީގެ ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން އިނގިރޭސިބަހާއި އިކޮނޮމިކސްސްގެ ދާއިރާއިން ބެޗްލަރ އޮފް ޓީޗިން ސެކަންޑަރީ ޙާޞިލުކުރެއްވިއެވެ. މި ކޯހުގައި އުނގެނިވަޑައިގަތް ހުރިހައި މާއްދާއަކުން ހަޔަރ ޑިސްޓިންކްޝަން ހޯއްދަވައި ކޯހުން އެއްވަނަ ހޯއްދަވައިގެން ރައީސުލްޖުމްހޫރިއްޔާގެ އިނާމު ޙާޞިލުކުރެއްވިއެވެ. ހަމަ އެހެންމެ 2008 ވަނަ އަހަރު އޮސްޓްރޭލިޔާގެ މެލްބަން ޔުނިވަރސިޓީގައި މާސްޓަރ އޮފް އެޑިޔުކޭޝަން ޙާޞިލުކުރެއްވީ މި ކޯހުން ވެސް އޮނަރޒް ހާސިލުކުރެއްވުމާއެކުއެވެ.
ވަޒީފާގެ މައިދާނުގައި ވެސް ޑރ. މުޙަންމަދު ޢުމަރު ކުރިޔަށް ވަޑައިގަތީ ޢިލްމީ ގޮތުން ހަލުވި ފިޔަވަޅުތަކެއްގައެވެ. މަދުރަސީ ޙަޔާތަށް ފަހު 2002 ވަނަ އަހަރު ފުރަތަމަ އޭނާއަކީ ޕްރައިމަރީ އިނގިރޭސި ޓީޗަރެކެވެ. ކުރީގެ އައިޓީއީ އިން ހެއްދެވި ކޯހަށް ފަހު، 2006 ވަނަ އަހަރު އުފަން ރަށް ކުޅުދުއްފުށްޓަށް ވަޑައިގެން ޖަލާލުއްދީން ސްކޫލުގައި ވަޒީފާ އަދާކުރައްވަން ފެށްޓެވީއެވެ. 2012 ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގައެވެ.
މި ގޮތުން މުޙަންމަދު ޢުމަރު ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވަނީ 2016 ވަނަ އަހަރު ޤައުމީ ޔުނިވަރސިޓީން ހިންގެވި މުވައްޒަފުން ކުރިއަރުވައި އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ލިބިވަޑައިގަތް ފުރުސަތެއްގައެވެ. އެއީ މެލޭޝިޔާގެ ޓެއިލާސް ޔުނިވަރސިޓީންނެވެ. ޕީއެޗްޑީ ހެއްދެވި ދާއިރާއަކީ ”ކަރިކިޔުލަމް ރިފޯމް އެންޑް ޓީޗަރ އޭޖެންސީ“ އެވެ.
ތަޢުލީމީ މައިދާނުގައި ޑރ މުޙަންމަދު ޢުމަރު ޝައުޤުވެރިކަން ބަހައްޓަވާ ފުރިހަމަކުރެއްވި ކޯސްތަކުގެ ތެރޭގައި ”ސިސްޓެމިކް ފަންކްޝަނަލް ލިންގުއިސްޓިކްސް“، ”ފޮރެންސިކް ލިންގުއިސްޓިކްސް“، ”ސްޓައިލިޝް އެކަޑެމިކް ރައިޓިންގ“ އަދި ”ކްރިޓިކަލް ޑިސްކޯސް އެނަލިސިސް އެންޑް ސިމިއޮޓިކްސް “ ފަދަ ކޯސްތައް ނުވަތަ ޕްރޮގްރާމުތައް ހިމެނެއެވެ.
ކިޔަވައިދެއްވާ މާއްދާތަކުގެ ތެރޭގައި އެސެސްމަންޓް އެންޑް އިވެލުއޭޝަން، ކަރިކިޔުލަމް ސްޓަޑީޒް، ކޮމްޕެރޭޓިވް އެންޑް އިންޓަނޭޝަނަލް އެޑިޔުކޭޝަން، އެޑިޔުކޭޝަނަލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، އިންސްޓްރަކްޝަނަލް ސައިކޮލޮޖީ، ފިލޯސަފީ އޮފް އެޑިޔުކޭޝަން، ޕެޑަގޮޖިކަލް އެންގޭޖްމަންޓް އެންޑް ލާރނިންގ، އަދި ރިސާޗް މެތަޑްސް ހިމެނެއެވެ.
ކިޔަވައިދެއްވުމުގެ އިތުރަށް އެކި ކޯސްތައް ފަރުމާ ކުރެއްވުމާއި އެކި ކޯސްތަކުގެ ވަކި ވަކި މާއްދާތަކުގެ މުޤައްރަރު އެކުލަވައިލެއްވުން ފަދަ ޢިލްމީ މަސައްކަތް ކުރައްވަމުން ގެންދަވައެވެ. ޕޯސްޓް ގްރޭޖްއޭޓް ދަރިވަރުންނާ މާސްޓަރސް ދަރިވަރުންގެ ޑިޒަޓޭޝަންތަކާއި ތީސީސްތައް ސްޕަވައިޒް ކުރެއްވުމަކީ ވެސް ޑރ. މުޙަންމަދު ޢުމަރު ޚާއްޞަ ޝައުޤުވެރިކަމެއް ބަހައްޓަވާކަމެކެވެ. މި ގޮތުން އެމް.އެން.ޔޫގެ އިތުރުން އެހެން ބައެއް ކޮލެޖްތަކުގެ ދަރިވަރުން ހިމަނައިގެން މާސްޓަސް ފެންވަރުގެ 17 ދަރިވަރުންގެ ދިރާސާ ޕްރޮޖެކްޓް މިހާތަނަށް ސްޕަވައިޒް ކުރައްވާފައިވެއެވެ.
ބަހަވިއްޔާތާއި ބަހާއި އަދަބިއްޔާތަށް ޚާއްޞަ ޝައުޤުވެރިކަމެއް ހުންނަ މި ޢިލްމީ ޝަޚްޞިއްޔަތު އާދަމް ނަޞީރު އިބްރާހީމްގެ އަދަބީ އުފާ ޕްރޮގްރާމުގައި ދަސްވެނިވެވަޑައިގަންނަވާ ޅެންވެރިކަމުގެ މަތީފެންވަރުގެ ހުނަރުތައް ދަރަޖަ1ގެ 6ވަނަ ބުރުގެ ބައިވެރީން އަދި ވާހަކަދެއްކުމުގެ މަތީފެންވަރުގެ ހުނަރުތައް ދަރަޖަ 1 ގެ 5ވަނަ ބުރުގެ ބައިވެރީންގެ ޝަރަފުވެރި މެހުމާނަކަށް ވެވަޑައިގެން ދެއްވިކަމީ އިޙްތިފާލަށް ލިބުނު ވަރަށް ވެސް ބޮޑު ޝަރަފެކެވެ. ޝުކުރާއި ހެޔޮ އެދުމެވެ. ބާއްޖަވެރިކަމާއި ހެޔޮ ތައުފީޤު މިންވަރު ކުރައްވާށިއެވެ.
——————-
22.01.2021