އޭ ރޭގަނޑާ އަހަރެންނަކަށް ނޭނގޭ ތިބާގެ ޚަސީލަތެއް
ރޭރޭ އަހަންނާ އޭނަޔާ ދޭ ފަރަގުތަކުގެ ހަގީގަތެއް
ހަމަ އޭނަޔަށްވެސް ތިޔަރެޔޭ ތިޔަ ތަރިތަކޭ ތިޔަހަރަހަނދޭ
ނަމަވެސް ތަފާތޭ އެންމެހާ އިޙްސާސްތަކާ އަދި ރާހަތެއް
މަސްތީ އަރާމު ޝަރާބެކޭ އެހިތަށް ޓަކައި ތިޔަ ފިނިކަމީ
ހުސްތަށިގަނޑެއްގެ ޚަރާބެކޭ މިހިތަށް އެއީ،ނެތް ލައްޒަތެއް
ތަރިތަކުގެ ދޯދިން އެ ދެދޮލަށްނެށުމާއި އުދުހުން ފެނިދެޔޭ
ކަރު ބުރިވެދާ ވަރު ޚަންޖަރޭ މި ލޮލަށް އެއީ،ނެތް ޒީނަތެއް
އުޑުގައި އެހެރަ ހަނދަކީ އެއީ ވެސް ހާ އުފާދޭ ޖަންނަތޭ
ކުޑަކޮށް އެހަނދު ފެނުނަސް މިހިތްމިވަގުތުވެޔޭ ހުއްޓޭގޮތެއް
އުފެދޭ އަޖާބު ސުވާލަކީ މި ދެ ހިތް އެކީ މިލިގެންވި އިރު،
އުފަލޭ ތިބާ ދެ ހިތަށް ދިނީ، އަނިޔާގެ މީ ކޮން ބާވަތެއް
———————-