ހުރިހައި ނިޝާނެއް ބުނެދެނީ އިންސާނިޔަތު އޮތް ހާލަތޭ

ދިރިގެން ދިރުންލިބި ސިފަވަނީ ހައިވާނިޔަތު އޮތް ހާލަތޭ

ސީދާވެހުރެ ސީދާމަގުން ސީދާތެދަށް ބަސްބުނުމުގާ

މީޒާނަކަށް ސިއްރުންއަރައި ދެ އަތަށްކިރޭ ފަސްޖެހުމުގާ

މީގައި އެ  ސޫރަވެ ކުރެހެނީ އީމާނިޔަތު   އޮތް ހާލަތޭ

ގޭ ދޮރުމަތީ މާ ހެއްދި ބިން، މި ވަގުތު އޮތީ ކުނިކޮތަޅަށޭ

ގޭ ފާރުގާ  ހަރުކުރި ބުރާގު  މި ވީ ފަހުން  ސުޕަމޭނަށޭ

ދޭހަވެ މިހިރަގެން ނިއުޅެނީ   އިސްލާމިޔަތު  އޮތް ހާލަތޭ

ދަތުރަށް އަރާށެ ފެރީޔަކަށް ޙާލާ  އުމުރުގެ  ތަފާތުގާ

އުތުރޭ އަރާ ފައިބާ ހަލުއި  ބެލުމެއްނުވާ  ހަރަކާތުގާ

އެ ތަނުން އެހިނދު އެކިޔައިދެނީ އަޚްލާގިޔަތު އޮތް ހާލަތޭ

އަބަދަށް މެ ވިންދު އަވަސްވެފާ  ރުޅިޔާ ހަސަދަޔާ ރޯވެފާ

ދެބަހެއް ވެލާ އިރު ނުރުހިފާ ކަންކަށިމަތިން ގޮތް ނިންމިފާ

މި ބަދަލް ދަލީލު އެ ކޮށްދެނީ ނަފްސާނިޔަތު  އޮތް ހާލަތޭ

ރުހެވޭ ދުލުން ބުނެވިއްޖެނަމަ، އެ ހެވޭފެނަށް އަލިފާން ކިޔަސް

އެހެރީ ތެދޭ ޝައްކެއްނެތޭ  އެ ފެނުން ގަހާގެހި ކުރިލިޔަސް

ސިހިގެން ނުދޭހެ  މި ފެންނަނީ އަގުލާނިޔަތު[1] އޮތް ހާލަތޭ

——————

[1] ކަންކަމުގެ ތެދުދޮގު ވަކިކޮށް ދެނެގަތުމުގެ ބުއްދިވެރިކަން