ދިވެހީން ދަންނަ ބޭކަލުންނޭ ކިޔައިއުޅެނީ ދީނީ ތައުލީމު ދޭ ހިޔާވައްސަކުން ނުވަތަ އެ ފަދަ މީހެއްގެ ގާތުން ދީނުގެ ކަންކަން ވަކި މިންވަރަކަށް ލިބިގެންފައިވާ މީހުންނަށެވެ. މި ދެންނެވި މިންވަރު ދެނެގަތުމަކީ އުނދަގޫކަމެކެވެ. ދިވެހި ބަސްފޮތް ބުނާ ގޮތުން ދަންނަ ބޭކަލުންނަކީ ދީނުގެ ޢިލްމުވެރީންނެވެ. ހަމަ އެހެންމެ ވަކި ލަފުޒެއްގެ ގޮތުގައި ދަންނަކަން ދިވެހި ބަސްފޮތުގައި އެބަ އޮވެއެވެ. މާނައެއްކަމުގައި އޮތީ ދީނުގެ ޢިލްމުތައް ދަންނަކަމެވެ. ދީނުގެ ޢިލްމުތަކޭ އެ ޢިލްމުތައް ދަތުމޭ އޮތީމާ އެ ބުނެވެނީ ވެސް ހާދަހާ ވާހަކައެކެވެ. އެހެނީ ތަޢުލީމުގެ ނަފުސާނިއްޔާތު ބުނާ ގޮތުން އެނގުމުގެ މަރުކަޒަކީ އިންސާނީ ސިކުނޑިއެވެ. އެނގުމުގެ ނަތީޖާ ބިނާވެފައިވަނީ ކަންކަމާ މެދު ބުއްދިއާއި ވިސްނުންތެރިކަން ހިންގޭ ގޮތެއްގެ މައްޗަށެވެ. މި ގޮތުން ކަމެއް ރަނގަޅަށް ފުންކޮށް ފުޅާކޮށް ދެނެގަނެވޭނީ އޭގައިވާ ތަފާތުތަކާއި އެއްގޮތްކަންކަމާއި އަޅައިބަލައި ސަބަބުތަކާއި ނަތީޖާ ވަކިކުރުމުގެ ޤާބިލުކަން ހުރެގެނެވެ. އެހެންވީމާ ކަންކަން ދަންނަ މީހުން ކަމެއް ވަކި ގޮތަކަށް ނިންމުމުގެ ކުރީގައި މި ހިސާބުތައް އަމިއްލަ ސިކުނޑީގައި ވަޒަންކޮށްލައެވެ.
މި ކުރު މަޒުމޫނުގައި ބަލައިލާނީ ދިވެހީންގެ ދަންނަބޭކަލަކުކަމުގައިވި ދިވެހިރާއްޖޭގެ އުސްތާޛުލްޖީލް އަލްމަރްޙޫމު މުޙަންމަދު ޖަމީލު ދީދީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުމަނިކުފާނުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ރާއްޖޭގެ ދަންނަބޭކަލެއްގެ ފުށުން ހިނގި ނުރަނގަޅު ކަމެއް ފައިސަލާވެގެން ދިޔަގޮތުގެ މައްޗަށެވެ.
ކަންކަން އިހުގައި ހިނގައިފައިވާ ގޮތް ދެނެގަންނާން އަޅުގަނޑުވަރަށް ޝައުޤުވެރިކަން ހުރެއެވެ. އެ ގޮތުން އިހުގެ ހަރު މީހުންނާ ދުވަސްވީ މީހުންނާ ގިނަގިނައިން ވާހަކަދައްކަމެވެ. މި ގޮތުން ރާއްޖޭގެ އިހުގެ ދަންނަ ބޭކަލުންގެ އުޅުއްވުން ހުރި ނެތް ގޮތާބެހޭ ގޮތުން ވަރަށް ގިނަ މަޢުލޫމާތު އަޅުގަނޑަށް އެ ބޭކަލެއްގެ ފަރާތުން ލިބުނު އެއް ބޭކަލަކީ މަޝްހޫރު ނަމުންނަ ނަމަ ރީޙުއްޞަބާ އައްޝައިޚު އިބްރާހީމް ޙަސަނެވެ. އިހުގެ ވަރަށް ގިނަ ދީނީ ޢިލްމުވެރީންގެ މިތުރެކެވެ. ދީންވެރި އަމާނާތްތެރިއެކެވެ. މިހާރު ﷲގެ ރަޙްމަތަށް ދަތުރުކުރައްވައިފިއެވެ. ﷲ އޭނާއަށް ހެޔޮ ދަރުމަ ދެއްވާށިއެވެ.
އިބްރާހީމް ޙަސަން ކިޔައިދެއްވިއެވެ. ޒަމާނުއްސުރެ ދިވެހީންގެ ދީނީ މާހައުލަކީ ހިމޭން އެކުވެރި މާހައުލެކެވެ. ދާދި އެއް ގޮތްތަކެއް ހިފެހެއްޓިފައިއޮވެއެވެ. ނަމަވެސް ބައެއް ފަހަރު ބައެއް ތަންތަނުން ދުރުވާ ބޭކަލުންގެ އުޅުއްވުން ހުންނަ ގޮތުން ހަލަބޮލިކަން އުފެދެއެވެ. އޭގެ ތެރޭގައި މިހާރު އިންޑިޔާއޭ، ޕާކިސްތާނޭ މި ކިޔާ ބައްރުގެ އެކި ހިސާބުން އައި ބައެއް މީހުން ހިމެނުނެވެ.
މި ދެންނެވި މަގުން ރާއްޖެ ދުރުވި އެއްބޭކަލެކެވެ. ކީރިތި ޤުރްއާން ހިތުދަސްކަމަށް ވެސް ވެއެވެ. އަމަލުތައް މާ ބޮޑަށް ވެސް ތަފާތެވެ. މީހުންނަށް ބަޔާންކޮށްދެއްވާ ދީނުގެ ޙުކުމްތައް ވެސް ތަފާތެވެ. ދިވެހީންގެ އިހު ދަންނަ ބޭކަލުންނަކީ އޭނާގެ ކުރިމަތީގައި މާ ޤަދަރެއް ހުރި ބަޔަކަށް ނުވިއެވެ. އެބޭފުޅުން ކުރައްވާފައިވާ ނުވަތަ ކުރައްވަމުން ގެންދަވާ ދީނީ ޚިދުމަތްތަކަކީ އަގެއް ހުރި އެއްޗަކަށް ނުވިއެވެ. އެބޭފުޅުންގެ އަބުރުފުޅަކީ ޢިއްޒަތަކީ އަބަދު ހަމަލާދެވޭ އަމާޒު ފަތްގަނޑުތަކަކަށް ހެއްދެވިއެވެ. މި ކަން އަރައިގެން ގޮސްފައި އޮތް ހިސާބަކީ އޭނާގެ މި ނޭއްގާނީ ސުލޫކުން އޮއްގާ އުކޭ ޝަޚްޞިއްޔަތުތަކުގެ ތެރޭގައި ދިވެހި ދަަންނަބޭކަލުންގެ ޝެހެންޝާހު ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނު ވެސް ހިމެނެއެވެ. އެއީ ދިވެހި ރާއްޖެ ދުށް އެންމެ ފޮތްތެރި އެންމެ އުފެއްދުންތެރި އެއް ޢިލްމުވެރިޔާއެވެ. ޝައްކެއް ނެތް ގޮތުގައި ޞަލާޙުއްދީނު ދަންނަ މީހުން ގާތުގައި އެއީ ދިވެހި ތަޢުލީމީ ފިކުރީ ޙަޔާތުގެ ބައްޕައެވެ.
ކޮންމެޔަކަސް އިސްވެ ދެންނެވި ބޭކަލަކުގެ އަމަލުތަކުގެ ތެރެއިން ވަކި ދެކަމެއް ދަންނަވާލާނަމެވެ. ބައެއް ރަށްރަށަށް ދުރުވެ ސުވަރުގެ ދެވޭނެ މީހުންގެ ލިސްޓެއް ވެސް އެކުލަވާލެއްވިކަމަށްވެއެވެ. އޭނާއަކީ ޤުރުއާން ހިތުން އެނގިލައްވާ ބޭކަލަކަށް ވާތީ އެކުގައި ސުވަރުގެޔަށް 10 މީހުން ގެންދެވެއެވެ. އެ ކަމަށް ދަލީލު ލިބޭ ހަދީސް ވެސް އޭނާ ހިތުދަހެވެ. ފަރިތަކަމާއި އަސަރާއެކު މީހުންނަށް ކިޔާދެއްވައެވެ. އެކަމަކު ސުވަރުގެ ކަށަވަރުވެއްޖެކަމުގެ ޔަޤީންކަން އޭނާއަށް އެ މީހުންނަށް ދެއްވެން އޮތީ އެމީހުން ހައްޖުވެގެންނެވެ. އަރަފާތު ދުވަހު އަރަފާތު ބިމުގައި ކުށްތަކުން ތައުބާވެގެންނެވެ. އެހެން ކަމުން ބޭނުން ނަމަ 10 މީހުން ހަމަވަނިކޮށް އެ މީހުން ގޮވައިގެން ހައްޖަށްދިޔުމުގެ ބުރަ ވެސް އުފުއްލަވާން އޭނާ ހުންނެވީ ތައްޔާރަށެވެ. އެކަމަކު ޚަރަދުބަރަދު ބޮޑުކަމެކެވެ. ވީމާ އެ އުފާވެރި ދަތުރަށް ޓަކައި އެ މީހުންގެ ހަރުމުދަލާއި އަތުއުޅައި ރަންފައްޓަރުބައި ކަރުގިލޭ ފަދަ ރަނުގެ އަގުހުރި ގަހަނާތައް އެ ބޭކަލަކާ ހަވާލުކުރެވުނެވެ.
މި ކަމެއް ވެސް ހިނގައިފިއެވެ. ހައްޖު ދަތުރަށް ފުރޭ ގޮތެއް ނުވެއެވެ. މި އަޑެއް އެ އަތޮޅުގައި ސިމިސިމިކޮށް އޮވެއެވެ. މިހެން އޮއްވައި ދެން ދިމާވީ ވެސް ކުޑަކަމެއް ނޫނެވެ. ރާއްޖެ އިނގިރޭސީންގެ ހިމާޔަތޭ ކިޔުނު ފިއްތުންތަކުގެ ތެރޭގައި ހަލަބޮލިކުރަމުން ދިޔަ ދުވަސްވަރެވެ. ދިވެހި ޤާނޫނީ ސަރުކާރަށް ދިވެހި ރައްޔިތުންކުރެ ބަޔަކު ލައްވައި ބޮޑުތުރާ ކުރުވަމުން ދިޔަ ހާދިސާއެވެ. އިނގިރޭސީންގެ ސީދާ މޭސްތިރިކަމުގެ ދަށުން ހިނގައިދިޔަ މި ނުރައްކާތެރި ގުޑުންގަނޑު ހިމޭންކޮށްލެވުނީ އޭރު ހުންނެވި ބޮޑުވަޒީރުގެ މައްޗަށް ދިވެހި އެތައް ދަރީންނެއްގެ ނަފުރަތު ދެމިގެންދާނެ ނަތީޖާއަކަށް ފަހުއެވެ. ދިވެހި ސަރުކާރުން ދިވެހި އާންމު ރައްޔިތުންނާ ހަނގުރާމަކުރައްވަންޖެހި ބަޔަކު މި ދުނިޔެ ދޫކުރީއެވެ. އެ މަރުޙޫމުންނަށް ހެޔޮ ޖަޒާދެއްވާށިއެވެ. މި ކަންތަކުގެ ތެރޭގައި މާލެ ގެނެވުނު ބައެއް މީހުން ޖަލުގައި ހައްޔަރުކުރެވުނެވެ. އެތަނުގައި އެ ރައްޔިތުންނާ މެދު ކަން ހިނގިގޮތް އެއީ ހިތި ޙަޤީޤަތްތަކެކެވެ. އެކަމަކު މި ލިޔުމުގެ މައުޟޫޢެއް ނޫނެވެ.
ކޮންމެޔަކަސް މި ތަނުން މީހަކު ވަރަށް ބޮޑު އަމާނާތެއް އެއްކަލަ ބޭކަލަކާ މަތިކޮށްފިއެވެ. އޭނާ އެއާ ހަވާލުވެލައްވައިފިއެވެ. އާޚިރު ނަތީޖާގައި ވީ އަބޫޖަހުލާ ހަވާލުކުރެވުނު ޔަތީމު ކުދީންގެ މުދާކޮޅަށް ވީ ވަރެއެވެ. އަމާނާތުގެ ވެރިފަރާތް ޖަލުން މިނިވަންވެގެން އެނބުރި އައި އިރު އެ އަމާނާތް ވެސް ވަނީ ހުދުކާފޫރަށްވެ އާތްވަށް އަރަަައިގެން ގޮސްފައެވެ.
އެ ހިސާބުން އެ މީހަކު އައިސް ބައްދަލުކުރީ އިބްރާހީމް ޙަސަނާއެވެ. އޭނާގެ ހާލުގެ ވާހަކަ ނަންގަތެވެ. އޭނާއަށް ޖެހިގެން އުޅޭ މުސީބާތް ކިޔައިދިނެވެ. އިބްރާހީމް ޙަސަން އޭނާ އަތުގައި ހިއްޕަވައިގެން ދުރުވީ ސީދާ އުއްތަމަ ފަނޑިޔާރު މަނިކުފާނު އަރިހަށެވެ. އެޒަމާނުގެ އާދަކާދަ ނިޔާކުރާ ގޮތުން އެއީ އައިބުކަމަކަމަށް ނަހަމަކަމަކަށް ނުވާތީއެވެ. ދެން މި ދިމާވެގެން އުޅޭ މައްސަލަ ފަނޑިޔާރު މަނިކުފާނު، އަލްއުސްތާޛު މުޙަންމަދު ޖަމީލު ދީދީއަށް އޭނާ ދަންނަވައިދިނެވެ. ކޮން ވާހަކައެއް ތޯއެވެ؟ ކާކުގެ ވާހަކައެއް ތޯއެވެ؟ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނަށް ހަސަދަލައި އެމަނިކުފާނު ފަޟީޙަތްކުރި މީހެއްގެ ވާހަކައެވެ. ޖަމީލާއި އަދި ޖަމީލުގެ އެކުވެރި އެތައް ދަންނަބޭކަލުންނެއްގެ ޢިއްޒަތް ލޫޓުވަމުންދާ މީހެއްގެ ވާހަކައެވެ. ދީނުގެ ރަނގަޅު އަސްލުތައް މި ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާކަމަށާއި އެ ބޭފުޅުންނަކީ ޙައްޤުމަގުން އެއްކިބާވެ މީހުން މަގުފުރައްދާން އުޅޭ ބަޔަކުކަމަށް ރާއްޖޭގެ އެތަން މިތަނުގައި މީހުން އެއްކޮށްގެން ގޮވަމުންދާ މީހެއްގެ ވާހަކައެވެ.
ކޮންމެޔަކަސް ޙާލުގައި ޖެހުނު މިސްކީނާގެ ވާހަކަ ނިމެންދެން ޖަމީލު އަޑު އެއްސެވިއެވެ. އެއަށް ފަހު ފުން ނޭވާފުޅެއް ލައްވާފައި ވިދާޅުވިއެވެ. ދެރަ ކަމެކެވެ. ދެން ތިޔަ މައްސަލައިގެ ސަރިޔަތް ހިނގައިގަތީމާ ވާނީ ކިހިނެއް ހެއްޔެވެ؟ އެއް ކަމަކަށް ދެ މީހެއްގެ ދެމެދުގައި އެކަނި ހިނގި މުޢާމަލާތެކެވެ. ތިޔަ މައްސަލަ ތިޔަ ވަރުން ސާބިތުވާން ފަސޭހަވާނެހެއްޔެވެ؟ އަނެއް ކަމަކީ އާންމުންނަށް ދީން އޮޅުން ފިލުވައިދޭން ތިބޭ މީހުންނަކީ އާންމުން ނަމޫނާކަމުގައި ބަލާނެބައެކެވެ. އެ މީހުން ދީނުގެ އިމުން ބޭރުވެ ވިޔަޔާނުދާ ކަންތައްތަކަށް އަރައިގަތީމާ ވާނީ ކިހިނެއް ހެއްޔެވެ؟ އެ ފަދަ އަޑުތައް އާންމުންތެރޭ ފެތުރިގަތީމާ ވެއްޓޭނީ ހަމަ އެކަނި އެކަން ކުރި މީހެއްގެ އަގެއް ނޫނެވެ. ވެއްޓޭނީ ދީނީ ހުރިހައި ޢިލްމުވެރީންގެ އަގެވެ. ދީނީ ޢިލްމުވެރީންގެ އަގު ވެއްޓިއްޖެއްޔާ ދެނެއް ދީނުގެ އަގެއް ނޯންނާނެއެވެ.
އިބްރާހީމް ޙުސަން ދާށެވެ. މީނާ ގޮވައިގެން ޝައިޚް އަލީދީ އަރިހަށް ދާށެވެ. (ޝައިޚް އަލިދީއަކީ ފަޟީލަތުއްޝައިޚު ޢަލީ ޙުސަައިން ދީދީއެވެ. އޭރު ޖަމީލުމެން ބޭފުޅުންގެ އެންމެ އިސް މުސްތަޝާރެއްކަމުގައި ބެއްލެވި އެއްބޭފުޅެކެވެ.) ގޮސް ދަންނަވާށެވެ. މި އައީ ތިމަން ފޮނުވައިގެންނެވެ. އެ ދަންނަބޭކަލަކު (ޖަމީލު ވިދާޅުވީ އޭނާގެ ނަންކަމަށްވެއެވެ) ގެންނަވައި މީނާގެ އަތުން ގެއްލުނު މީނާގެ ޙައްޤު ހަމައަށް ދެއްވާތޯ މަސައްކަތްކޮށްދެއްވާށެވެ. ތައުބާވެ އުޅުން އިޞްލާޙުކުރައްވާތޯ ނަސޭހަތްތެރިވެވަޑައިގެންދެއްވާށެވެ.
އިބްރާހީމް ޙަސަން އަޅުގަނޑަށް ކިޔައިދެއްވި މި ހާދީސާގައި ވާހަކަ މި ހިސާބަށް ދިޔަތަނާ އަޅުގަނޑު ހިތަށް އައީ ސިޔަރަތުން ހިތުދަސްވެފައި އޮތް ހާދިސާއެކެވެ. ކީރިތި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މާތް ޝަޚްޞިއްޔަތު ކަތިލާން ހުތުރު އެއްޗެހި ގޮވި އެއްބަޔަކީ ޠާއިފުގެ އަހުލުވެރީންނެވެ. ސީޔަތު ފޮތް ބުނާ ގޮތުން އެ މީހުންނާ މެދު ކައު އިތުރު ނަބިއްޔާ ކުރެއްވި ދުޢާފުޅުގައި ވަނީ މި ފަދައިންނެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އަޅުގެ ޤައުމުގެ މީހުންނަށް ތެދުމަގު ދައްކަވާނދޭއެވެ. އެ މީހުން ހަމަ ނުދަންނަނީއެވެ.
ދެން ކޮންމެޔަކަސް އިބްރާހީމް ޙަސަން ފަޟީލަތުއްޝައިޚް ޢަލީ ޙުސައިންދީދީގެ ފައިންޕުޅުދެކެން އެގެޔަށް ދުރުވިއެވެ. އަނިޔާ ލިބުނު މީހާ ގޮވައިގެންނެވެ. ޖަމީލު ވިދާޅުވެގެންނޭ އެއީ އެވެނިހެން މިވެނިހެން ވެދާނެތީ ފުރަތަމަ މި ގޮތަށް މައްސަލަ ހައްލުކުރެވޭތޯ ބަލާށޭ ދެންނެވީމާ ޢަލީ ޙުސައިން ދީދީ ލުއިގޮތަކަށް ހިނިފުޅުއައިސްފައި ވިދާޅުވިކަމަށްވެއެވެ. ޖަމީލުމެން ނިކަން ތިޔަ ކަހަލަ ބުއްދިއަށް މޮޅުވާނެއެވެ. ކޮންމެޔަކަސް މައްސަލަ ހައްލުވެގެން ދިޔައީ ޖަމީލުގެ ވިސްނުން ފުޅުން އެ ނިންމެވި ގޮތުގެ މައްޗަށެވެ.
މި ހާދިސާއިން ތިބާއަށް ފާހަގަކުރެއްވޭނެ ވަރަށް ޚާއްޞަ އެއް ކަމަކީ މީލާދުގެ 600 އެއްހައި އަހަރުކުރިން ދުނިޔޭގައި ފައްކާވި ޢިލްމީ ޙަޟާރަތުގައި ތަރައްޤީ ކުރެވުނު ވާހަކަދެއްކުމުގެ ޢިލްމުގައި ކަނޑައަޅައިފައިވާ، އެ ފަންނުގެ ވަރަށް ޚާއްޞަ އެއް ރުކުނަށް އުސްތާޛު ޖަމީލު އެ ކުރެއްވި އިޝާރާތެވެ. އަދި އެ ދެއްވި ތަފުޞީލެވެ. އެއީ މިއަދު ވެސް ދުނިޔޭގެ ކޮންމެ ވާހަކަދެއްކުންތެރިޔަކު އެންމެ އިސްކަން ދޭންޖެހޭ އެއް ރުކުނެވެ. މަތީ ޘާނަވީގެ ތަޢުލީމާއި ޔުނިވަރސިޓީތަޢުލީމުގެ ފުރަތަމަ އަހަރުން ފެށިގެން ކިޔަވައިދޭ އެއް ރުކުނެވެ. ޕީއެޗްޑީ ނެގިޔަސް، ޕްރޮފެސަރަކަށް ވިޔަސް އެ ހިފެހެއްޓުން ލާޒިމު، އެ ދޫކޮށް ނުލެވޭނެ އެއް ރުކުނެވެ. އެއީ ބަސްބުނާ މީހާގެ އިތުބާރެވެ. މީހުން ދައްކާ ވާހަކަ އަނެކުން ގަބޫލުކުރުމުގައި އެ ވާހަކަ އެ ދައްކާ މީހެއްގެ މައްޗަށް އަހާ މީހުންގެ ހިތުގައި އުފެދިފައި އޮންނަ އިތުބާރު ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އަހާ މީހުން އެ މީހަކު މިންކުރާ ގޮތް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. ހަމަ އެހެންމެ އޭގެ ސަބަބުން އެ މީހުންގެ ހިތުގައި އެ މީހަކާ މެދު ނުވަތަ އެ ބަޔަކާ މެދު އުފެދޭ ޤަދަރާއި އިޙްތިރާމު ވެސް މެއެވެ. ދީނުގެ ވާހަކަ ބަޔާންކޮށްދޭ މީހުން ކަމަށް ވަންޏާ އެ އިތުބާރާއި އިޙްތިރާމާއި ޤަދަރު އޮންނާން ޖެހެނީ އެއިން ކޮންމެ ޢިލްމުވެރިއެއްގެ ކިބައިގައެވެ. ނުވަތަ އެ ބޭފުޅުންގެ ވާހަކަފުޅު އަޑު އަހާ މީހުންގެ ހިތުގައި އެ ބޭފުޅުންނާ މެދު އެކަން އެ ގޮތަށް ހަރުދަނާ ގޮތެއްގައި އޮންނާން ޖެހޭނެއެވެ. އެ ކަން ހަމަ ނައްތާލެވޭ އިރަށް ނުވަތަ ނެތި ދާ އިރަށް އެ ވާހަކައަކީ އަދި ކިތަންމެ ރަނގަޅު ތެދު ވާހަކައެއް ކަމުގައި ވިޔަސް އަޑު އަހާ މީހުން އެ ވާހަކައެއް ދެނެއް ނާހާނެއެވެ. ގަބޫލެއް ވެސް ނުކުރާނެއެވެ. ހަޑިވެފައިވާ ތަބަކެއްގައި ކިތަންމެ މީރު މޭވާއެއް ދިއްކޮށްލެވުނަސް، އެ ކާން ތިބާ ވެސް އިންކާރުކުރާނެ ފަދައިންނެވެ. ދިވެހީންގެ ދަންނަ ބޭކަލުންކަމުގައިވާ އުސްތާޛު މުޙަންމަދު ޖަމީލު ދީދީއާއި ފަޟީލަތުއްޝައިޚު ޢަލީ ޙުސައިން ދީދީއަށް މިވަރު އެނގިވަޑައިގަތެވެ. މިހިރީ ދަންނަ ބޭކަލުން ދަންނަވަރެވެ.
——————
6.11.2020