ކީރިތި މާތް ރަސޫލާ ސައްޔިދިނާ މުޙަންމަދު ޞައްލަﷲ ޢަލައިހި މަސައްލަމަ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ތާރީޚަކާ މެދު ތާރީޚު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުރިކަމަށް އެނގިފައިވެއެވެ. އެ ރޭގެ ތާރީޚުގެ މައްޗަށް މުއައްރިޚުންގެ މެދުގައި ޚިލާފު އުފެދުނު ފަދައިން، އެ ރޭގެ ޛިކުރާ އާކުރުމާއި، އެ ރޭ ފާހަގަ ކުރުމުގެ ގޮތުން ޚާއްޞަ އެއްވެސް ކަމެއް ކުރުމުގެ ޝަރުޢީ ޙުކުމާމެދު ދަންނަބޭކަލުންގެ މެދުގައި ޚިލާފުތަކެއް ހުންނަކަމަށް ވެއެވެ. އެހެންކަމުން އެ ކަންކަމުގެ ހަމަ ނަހަމަ ކަނޑަ އެޅުއްވުން ދީނުގެ މުޢުތަބަރު ދަންނަ ބޭކަލުންގެ މައްޗަށް ދޫކޮށްލާފައި، މި މައުޟޫޢުގައި އަޅުގަނޑު އިސްކޮޅުކާ ދިމާއިން ފަށައިގަންނަމެވެ.
ބާރަވިލޭރޭގެ ބޮޑު މާލޫދަކީ ކައު އިތުރު މާތް ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ އުފަލުގައި އެ ޒިކުރާ އާކުރުމުގެ ގޮތުން އިހުދިވެހީން ބާއްވަމުން އައި ރޫޙާނީ އިޙްތިފާލެކެވެ. ދީނުގެ އަޅުކަމެއްގެ ގޮތަކު ނޫނެވެ. މި ކަމުގެ ތެރޭގައި އޮންނަނީ އިތުރު އެކަލޭގެފާނުގެ މާތް ސީރަތު ކިޔުމާއި އެކަލޭގެފާނުގެ ލޮބުވެތިކަމުގެ މައްޗަށް މަދަޙަކިޔުމެވެ. އެ ކަންކަމުން ރޫޙާނީ މީރުކަން ލިބިގަތުމެވެ. އަޚްވަންތަކާއި ރަޙިމުގެގުޅުން ވާޞިލުކުރުމެވެ. ތިމާމެންގެ އަޚްލާޤާއި އުޅުމާއި ގެދޮރާއި ރަށުތެރެ ސާފުކޮށް ޒީނަތްތެރިކުރުމެވެ. ހުވަނދުން ވަސްމީރުކުރުމެވެ. ރަޖަބު ރަބީޢުލް އައްވަލުގައި ރާއްޖޭގެ ހަތަރުދަންފަށަށް ކައިރިވެވޭ އިރަށް، ދުންވަސް (ހުވަނދުވަސް) ނޭފަތުކުރީގައި ޖެހޭކަމަށް އިހުގައި ބުންބާ އޮޑިފަހަރުގެ ނެވީން ބުނެއުޅޭކަމަށްވެއެވެ. ރަޖަބުމަހަކީ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގެ ޒިކުރާ އާކުރެވޭ މައްސަރެވެ.
އަޅުގަނޑު ގަސްތުކޮށްގެން މި އުޅެނީ، ރަބީޢުލް އައްވަލު މަހުގެ 12 ވިލޭރޭ ދިވެހިން ފާހަގަ ކުރަމުން އައިގޮތުގެ މައްޗަށް ކުޑަ ނަމަވެސް އެއްޗެއް ދަންނަވާލަން ކަމަށެވެ. މުޅި ރާއްޖޭގެ މައްޗަށް އެކުލެވޭ ދިރާސާއެއްގެ ގޮތަކު ނޫނެވެ. އަޅުގަނޑު ކުޑަ އިރު އުފަން ރަށުން، ފެނުނު ފެނުމުގެ މައްޗަށެވެ. ބައެއް އިވުންތަކުގެ މައްޗަށެވެ. ކަމުގެ ދީނީ ޙުކުމް ކޮންމެ ގޮތަކަށް އޮތްކަމަށް ވިޔަސް، މި ކަމަކީ، ދިވެހީންގެ ތާރީޚާއި ސަގާފަތާއި އާދަކައިދައިގެ ބަޔަކަށްވާތީ އެވެ. މަޢުލޫމާތަށް ޓަކައެވެ.
ބާރަ
ރަބީޢުލްއައްވަލުމަހަށް ދިވެހީން ކިޔައިއުޅެނީ [ބާރަމަސް] އެވެ. މި މަހަށް ހަނދުބެލުމަށް، ނުވަތަ މަސް ފެށުމަށް ކިޔައިއުޅެނީ ބާރަޔަށް ހަނދުބެލުމެވެ. މި މަހާއި ބާރަޔާ ގުޅޭ ސަބަބެއްކަމަށް ފެންނަނީ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ތާރީޚަކީ ޙުރުމަތްތެރިވެގެންވާ ރަބީޢުލްއައްވަލުމަހެއްގެ 12ވީ ހޯމަ ދުވަސްކަމަށް ބައެއް ސީރަތުފޮތްތަކުގައި ލިޔެވިގެންވުމެވެ. އަދި ސީރަތު ޢިލްމުވެރީންގެ އެ ރައުޔު މަޝްހޫރުވުމެވެ. އެހެންކަމުން އެ މާތް ޒިކުރާ ފާހަގަކުރެވެނީ ކޮންމެ ރަބީޢުލްއައްވަލުމަހެއްގެ 12 ވިލޭރޭގައެވެ. އިހު ދިވެހީންގެ އިސްތިލާޙުގައި މިއަދަކީ ބާރަދުވަހޭ ބުނެވިއްޖެ ނަމަ އޭގެ މާނައަކީ މިއަދަކީ ކީރިތި މާތް ނަބިއްޔާގެ ޢީދު މީލާދު ދުވަހެވެ. ރަބީޢުލްއައްވަލުމަހު ބާރަވަނަ ދުވަހެވެ. ދިވެހީންގެ ދޫދޫމަތިން، ބާރަމަސް، ބާރައަށް ހަނދުބެލުން، ބާރަމައުލޫދޫ ފަދަ ނަންނަން އުފެދިގެން އައީ މި އަސާސުގެ މައްޗަށްކަމަށް ބެލެވެއެވެ.
ބާރަޔަށް ތައްޔާރުވުން:
ބާރަޔަށް ތައްޔާރު ވުމަކީ ބާރަ ވިލޭރެއަށް ތައްޔާރު ވުމެވެ. ބޮޑު މާލޫދަށް ތައްޔާރުވުމެވެ. އެކަމަށްޓަކައި ވަރަށް ދުރާލައި ތައްޔާރުވެއެވެ. ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމަށް ދުރު ރަށްރަށުގައި މަސައްކަތްކުރާ މީހުން ރަބީޢުލް އައްވަލުމަހަށް ހަނދުބަލަންވާއިރަށް، ރަށަށް އަންނާނެއެވެ. މި އައުމަށް ކިޔަނީ ބާރަޔަށް ރަށަށް އައުމެވެ.
ދުރު ރަށްރަށުގައި ވަޒީފާ އަދާކުރަން ތިބި ފިރިހެނުން ރަށަށް އައިސް، ގެދޮރު ފޮޅައި ސާފުކޮށް އާބާތުރަ ފިލުވާނެއެވެ. ހަމަ އެހެންމެ މާލޫދަކީ، ބޮޑެތި ކެއްކުންތަކެއް ކަންކަންކަން ޖެހޭ ގޮތަށް އިންތިޒާމު ކުރެވިފައިވާ ކަމަކަށްވާތީ ކެއްކުމަށް ބޭނުންވާ ހުރިހާ ސާމާނެއް ހޯދައި، ދުރާލައި ތައްޔާރު ވާނެއެވެ. ދިރި ދަވިއްގަނދު އަސޭ މިރުހެވެ. ކުކުޅު ހަވާދަށް ބޭނުންވާ ތަކެއްޗެވެ. ޕާޕަރާއި، ކުކުޅުބިހާއި ސަޓަނި ހަދާނެ ސާމާނެވެ. ދޮންކޭލެވެ. ބޮޑެތި ތެލިތަކެވެ. މަލާފަތެވެ. މަލާފަތް ހަލާކުވެފައި ހުރިއްޔާ ރީތި ކުރާނެ އެވެ. ނުވަތަ އާ މަލާފަތެއް ލިޔުއްވާނެ އެވެ.
ބާރަޔަށް މާލެ ދިޔުން:
ބާރަޔަށް މާލެ ދިޔުމަކީ، ބާރަ މާލޫދަށް ބޭނުންވާ ތަކެތި ހޯދުމަށްޓަކައި މާލެއަށް ދަތުރެއް ކުރުމެވެ. މި ކަމަށް ދޯނި ފަހަރު ތައްޔާރު ވެއެވެ. ނެވިންނާއި އޮޑިވެރީންނެވެ. ފަޅުވެރީންނާއި، ދަތުރުވެރީންނެވެ. ގޭގޭގެ ޚަރަދު ބަދަރު ބަލަހައްޓަންޖެހިފައިވާ، ބަލަދުވެރީންނެވެ. މުޅި އަހަރު ދުވަހުގެ ތެރޭގައި މީރު ކާއެއްޗެއްގެ، ރީތި ހެދުމެއްގެ އުފާވެރިކަން އިޙްސާސް ކުރެވޭނެ ނަސީބު ލިބިފައި ނުވާ ކުޑަ ކުދީންނެވެ.
މި ތައްޔާރީތަކުގައި ގޭތެރޭގެ ބަޔަކީ މިއެވެ. މަންމައާއި ބައްޕަ، ނުވަތަ ގޭގެ މަސްއޫލުވެރީން މަސައްކަތް ކުރާނީ ވިއްކަން މާލެ ގެންދާނެ އެއްޗެހި އެއްތަން ކުރެވޭތޯ އެވެ. ކުރުނބަޔާއި، ކާށްޓެވެ. ބަނބުކޭލާއި ފަތްކޭލެވެ. ފަންތޮށްޓާއި އުނބު ދަރެވެ. ފަލަމަޑީގެ ބާވަތްތަކާއި ދަނޑުފަނގުގެ ތަފާތު ނަފާ އެވެ. ފަތްޕިލާވެއްޔެވެ. މޭވާއާއި ތަރުކާރީ އެވެ. އެޒަމާނުގައި މާލޭގެ ދަރުމާރު ކޭޓަކީ، އިހާ ގޮނޑިއެއް ހިކި ފަނެއް ގެނަޔަސް ވިކޭ ތަނެކެވެ. މާލޭގެ މީހުންވެސް އޭރު އާންމުކޮށް ކައްކައި އުޅެނީ ދަރުއުނދުނުގައި ކަމަށްވާތީ އެވެ.
ފުރަން އޮންނަ ރޭގެ ރޭގަނޑު ކެއުމަށް ފަހު، ކޮންމެ ގެއެއްގައިހެން، ބޮޑު އަށިމަތީގައި، ޚާއްޞަ މަޖިލީހެއް އޮވެއެވެ. އެއީ މާލޫދަށް ގަންނާނެ ތަކެތީގެ ލިސްޓު ފާސްކުރުމުގެ މަޖީލީހެވެ. ކެއްކުމަށް ބޭނުންވާ ސާމާނެވެ. ކުދީންނަށް ބޭނުންވާ ހެދުމާއި އަންނައުނެވެ. އެޒަމާނުގައި އާންމުކޮށް ކުއްޖަކަށް ހެދުމެއް ލިބެނީ ބޮޑު މާލޫދަށް، ނޫނީ ޢީދަކަށެވެ. އެހެން ނޫނީ ގިނަ ކުދީން ތިބެނީ ކިރިޔާ ފިނދުމަސްގަނޑު ނިވާވާވަރުގެ ސޯޓުކޮޅަކުން ނިވާވިތަނެއް ނިވާވި ގޮތަކަށް ނިވާކޮށްގެންނެވެ. ރަނގަޅަށް ކާންބޯން ނުލިބޭތީއާއި، ތަފާތު ވައިރަލް ރޯގާތަކުގެ ސަބަބުން، ކަމީނާވެފައެވެ. ފޯރުންތެރިކަމާއި ދުޅަހެޔޮކަން މުޅިން ނެތެކޭ ނޫނެވެ.
ބާރަޔަށް މާލެދިޔަ ދޯނި ލެފުން:
ބާރަޔަށް މާލެ ދިޔަ ދޯނި ރަށަށް ލަފާ ދުވަހަކީ ވެސް ބޮޑު ދުވަހެކެވެ. ދޯނި އަންނާނެ ދުވަސް އޮންނަނީ ދުރާލައި ތަޖުރިބާއިން ލަފާކުރެވި ފައެވެ. އެހެންކަމުން އެ ދުވަހަށް އިރު އެރީއްސުރެން އަތިރިމަތީގައި ކުރުކާލި ކަނޑަކަނޑާ ތިބޭ އެއްބަޔަކީ ކުޑަ ކުދީންނެވެ. ދޯނި ލަފާ ވަގުތަށް މުޅި ރަށުގެ ހުރިހާ ކުދިންހެން އެތަނަށް ޖަމާވެ ތިބެ އެވެ. އެކުދީންނަށް މިއީ ވަރަށް ބޮޑު ދުވަހެކެވެ. ޢީދު ދުވަހެކެވެ. ކުކުޅު ރިހަ ކާންލިބޭ ދުވަސް ކައިރިވާތީ އެވެ. އެ އޮޑިން އާ ހެދުމެއް ގެންނާތީ އެވެ. ލަންދޭސީ މެޓާ ލިބޭނެތީ އެވެ.
ހަނދާން އެބަހުއްޓެވެ. އަޅުގަނޑުގެ ބައްޕަ މާލޭން ދުރުވި ފަހަރެކެވެ. ހީވާގޮތުން އޭރު އަޅުގަނޑުގެ އުމުރުން ވާނީ، ހައެއްކަ އަށެއް ނުވަތަ ދިހަވަރަކަށް އަހަރެވެ. ބޭނުންވާ އެއްޗެއް ނުލިބިއްޖެއްޔާ ބޮޑާ ހާކާ އުމުރު ދޮގެއްތޯ އެވެ؟ އެހެންކަމުން ކުރިމަތިވި މައްސަލަ ބައްޕަ ހައްލު ކުރެއްވި ގޮތުން އެ ޒަމާނުގެ ރަށްފުށު ކުއްޖެއްގެ އާންމު މައުލޫމާތާއި ވިސްނުން ހުންނަ ފެންވަރު ހާމަ ވެއެވެ. އެފަހަރު ކަން ދިމާވި ގޮތުން ބައްޕަޔަށް މެޓާ ނުގެންނެވުނީތާ އެވެ. މެޓާ ކޮބައިތޯ އަޅުގަނޑު ބައްޕައަށް ސުވާލެއް ނަންގަނެލީމާ ކުއްލި ގޮތަކަށް ބުނުއްވި އެވެ. އަނހާނ! ދަރިފުޅާ އެވެ. މި ފަހަރު ދިމާވީ ވަރަށް ދެރަގޮތެކެވެ. ބައްޕަމެން މާލެ ދިޔަ ދުވަހުގެ ކުރީ ދުވަހު މެޓާ ހިލާ މީހާ މަރުވެއްޖެއެވެ.
މަސްއޫލުވެރީން:
މާލޫދުގެ ކޮންމެ ކަމަކީ ދުރާލައި ރޭވިގެން ނިކަން ތަރުތީބުން ހިނގާކަމެކެވެ. މި އިންތިޒާމުތައް ހަމަޖައްސަނީ ރަށު އޮފީހާއި ދެ ކުލަބުގެ މަސްއޫލުވެރީންގެ މެދުގައި މަޝްވަރާކުރެވި އެއްބަސްވެވޭ އެއްބަސްވުންތަކެއްގެ މައްޗަށެވެ. އެއަށް ފަހު އިންތިޒާމީ ހުރިހައިކަމެއް ހިންގާނީ ކޮންމެ އަވަށެއްގެ ވެސް ކުލަބުންނެވެ. އުތުރު އަވަށުގައި ބްރައިޓް ކްލަބެވެ. ދެކުނު އަވަށުގައި ސޯސަން ކްލަބެވެ.
މާލޫދަށް ބައިބެހުން:
ބައިބެހުމަކީ، މާލޫދަށްޓަކައި ވަމުންދާ ތައްޔާރީތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ބައިބަހަނީ، މާލޫދާބެހޭ އެކި އިންތިޒާމުތަކުގައި އެންމެން އެއް ހަމަޔަކުން ބައިވެރި ކުރުވުމަށްޓަކަ އެވެ. ބައިބަހަނީ، މާލޫދު ކިޔުމަށް ހޭދަވާ ގާތްގަނޑަކަށް ދެތިން ދުވަހުގެ ތެރޭގައި މާލޫދު ހަރުގެޔަށް ގެންދަންޖެހޭނެ ކަމަށް ކަނޑައަޅާ ކޭމުގެ ނިސްބަތުން މުޅި ރައްޔިތުންނެވެ. ކޭންތައް ކައްކާނީ މި ބައިތަކުންނެވެ. ކޮންމެ ތިންހަތަރު ގެޔަކުން ކޭމެއް ކައްކަން ޖެހޭ ގޮތަށް އޮވެދާނެއެވެ. ނުވަތަ ކޮންމެ ބައެއްގައި ހިމެނޭ ކޮންމެ ދެގެޔަކުން ތަފާތު ދެކޭމެއް ކައްކާ ގޮތަށް ވެސް ދިމާވެދާނެއެވެ.
މި ގޮތަށް ބައިބަހާލާއިރު، ކޭމެއް ތައްޔާރު ކުރުމަށް އެކުލަވައިލެވޭ ބައެއްގައި ދުރު ތަފާތު ދެތިން ގެއެއްގެ މީހުން ހިމެނިފައި އޮވެ އެވެ. މިކަންކަން އެކަށަ އަޅައި ބަލަހައްޓާނީ ދެ ކްލަބާއި ރަށު އޮފީހުންނެވެ.
ކެޔޮ ދޮންކުރަންލުން:
ރަބީޢުލް އައްވަލު މަހު 8 ވަނަ ދުވަހަކީ، ކެޔޮ ދޮންކުރަންލާ ދުވަހެވެ. ކެޔޮ ދޮންކުރުމަށްޓަކައި، ކޮންމެ ގެޔަކުންވެސް ކެޔޮ ގަނޑެއް ކަނޑާނެއެވެ. ކެޔޮ ދޮންކުރުމަށްޓަކައި، އުނަގަނޑާ ހަމަތާ ފުންމިނުގައި ބޮޑު ހަތަރެސްކަން ވަޅެއް ކޮންނާނެއެވެ. މި ވަޅުގެ އެއްކޮޅުން މެދަށް ވާ ހިސާބުގައި ގާތްގަނޑަކަށް އެއްފޫޓު އެއްފޫޓުގެ ތަންކޮޅެއް ފުންކޮށްލާނެއެވެ. މި ތަނަށް ކިޔަނީ ދުންވަޅެވެ.
ކެޔޮދޮންކުރަން ހަދާ ގޮތަކީ، މި ކޮނެވުނު ބޮޑު ވަޅަށް ކެޔޮގަނޑުތައް ލަނީއެވެ. އާންމުކޮށް ހަދާ ގޮތަކީ، ވަޅުގެ ހުރަހަށް ދުމައްޓެއްގައި އޮށި ބަހައްޓާ ބީދައިން، ހުރަސް އޮށި ބަހައްޓާފައި، ކެޔޮ ގަނޑުތައް އެ އޮށިތަކުގައި އެލުވަނީ އެވެ. މި ގޮތަށް އެލުވައިފައި، ކުޑަ ބޮނބި ގަނޑަކަށް ކިހުޅި އަޅައިފައި، އެ ރޯކޮށްލައިފައި ދުންވަޅުގައި ބަހައްޓާނެއެވެ. ދެން އެވީ ވަޅުމަތީ ކެޔޮ ފަތްނަމަވެސް އެއްޗެއް ފަތުރާށެވެ. ފަސްއެޅީމާ އެތެރެޔަށް ވެލި ފޭބިޔަ ނުދިނުމަށެވެ. ވަޅުން ބޭރަށް ވައި ނިކުމެ ވައި ދައުރުވިޔަ ނުދިނުމަށްޓަކަ އެވެ. މި ގޮތަށް ތިންދުވަސް ވަންދެން ކެޔޮ ގަނޑުތައް ވަޅުގައި ބަހައްޓާފައި، ނަގާއިރު، ހުންނާނީ ދޮންވެ ފައްކާވެފަ އެވެ. ދޮންކެޔޮ ނަގާނީ ރަބީޢުލް އައްވަލުމަހު 11 ވަނަ ދުވަހު އެވެ.
މަސައްކަތު މީހުންނާއި ޅެންވެރީން:
މާލޫދަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހަރުގެ އެޅުމާއި، ކޭންބުއިމުގެ ކަންކަން ބެލެހެއްޓުމާއި، އެހެނިހެން އިންތިޒާމުތައް ހިމެނެއެވެ. މި ކަމަށްޓަކައި ރަށުގެ ޒުވާނުންގެތެރޭން ބަޔަކު ހޮވާލެވެއެވެ. މި މީހުންނަށް ކިޔަނީ މަސައްކަތު މީހުންނެވެ. މި މީހުންގެ މައްޗަށް ވެރިޔަކު، އިސްކުރެވިފައި ހުރެ އެވެ.
މާލޫދު މަސައްކަތުގެ ބަހުރުވައިގައި ޅެންވެރީންނަކީ، ޅެން ހަދާ މީހުނެއް ނޫނެވެ. ޝާޢިރުންނެއް ނޫނެވެ. ޅެންވެރީންނަކީ، މާލޫދު ކިޔާމީހުންނެވެ. މާލޫދު ޅެންތައް ރީތި ރާގުރާގަށް އެމީހުން ކިޔާލަނީ ވަރަށް ފަންނީ ގޮތެއްގައެވެ. ޖޯޝީ ގޮތެއްގައެވެ.
މާލޫދުގެ އިދާރީ އިންތިޒާމުތައް ހަމަޖައްސަމުން ދާއިރު މި ދެބައި ވެސް އޮންނާނީ ކަނޑަ އެޅި ނިމިފައެވެ.
މާލޫދަށް ކައްކާ ދުވަސް:
ރަބީޢުލް އައްވަލުމަހުގެ އެގާރަ ވަނަ ދުވަހަކީ، މާލޫދަށް ކައްކާ ދުވަހެވެ. މި ދުވަހު ހެނދުނު ސައިބޮއިގެން، ކޮންމެ ގެޔަކުންވެސް، އެގެއެއްގެ މީހުން ގުޅިފައިވާ ބައިގެ ކެއްކުން ހަމަޖެހިފައި އޮތް ގެޔަކަށް ދާނެއެވެ. މި ގޮތަށް ބައިބަހާލީމާ ނުފުދުންތެރިކަމުގެ ތެރޭން ފުދުންތެރިކަން ލިބެއެވެ. ނުރައްޓެހި ކަމުގެ ތެރޭން ރައްޓެހިކަން ފަހިވެ އެވެ. އެކަހެރި ކަމުގެ ތެރޭން ޖަމާޢަތުގެ ދައުރު ލިބެ އެވެ. އެގޭގައި ނެތް ބޮޑު ތެލި މި ގޭން ލިބެއެވެ. މި ގޭގައި ނެތް ސީނު ތަށި އެގޭން ލިބެ އެވެ.
އަންހެންވެރިންގެ ކެއްކުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ އިރު، ދޮންކެޔޮ ވަޅުތައް މަތިނަގައި ދޮންކެޔޮ ގަނޑުތައް ގޭތެރޭގައި އެލުވުމުގެ މަސައްކަތުގައި ފިރިހެނުންކުރެ ބަޔަކު އުޅޭނެ އެވެ. ހާ ހިފުމާއި، ހާކަތިލުމުގެ މަސައްކަތް ވެސް ކުރިޔަށް ދާނެއެވެ. މުޅި ރަށުތެރޭގައި އެއް އަޑަކަށް އޮންނާނީ ކުކުޅުހާލުގެ ކުޑާހުގެ އަޑެވެ. ބަކަރި ނޫނަކަސް އެދުވަހަކީ، ހާވެސް އެއްފުޅަފަށް ވުރެ ގިނަ ފުޅަށް މަތިންދާ ދުވަހެކެވެ. ތަފާތަކީ އުދުހިފައި ދާކަމެވެ. މިޔަތޫނު މަސްވަޅިތަކަށް ފިލަން، ދުވާ ދުވުމެވެ. މަރަށް ބިރުން އުދުހޭ އުދުހުމެވެ. އެކަމަކު، ކުދިވެރީންނާއި، ރަށުގެ އެތައް ބަޔެއްގެ މަސައްކަތުން، މި ހަނގުރާމަ ކާމިޔާބު ކުރެ އެވެ. އެންމެ އަސަރު ކުރާ ދަނޑިވަޅަކީ، ކަތިލާފައި ދޫކޮށްލާ ހާ ބައެއް ފަހަރަށް ނޭވައި ހޮޅިން ވަކި ނުވެހުރި ބައިގެ އެހީގައި އުދުހި ގަންނަ ވަގުތެވެ. ފުރާނައިގެ ދެބައިކުޅަ އެއްބައި ހިފައިގެން، ރޮމުން ހޭރެމުން ނުމިޔި ނުދިރި ދުވާ މަންޒަރެވެ.
ކޮންމެއަކަސް އެންމެން އެކުވެގެން ފޯރީގައި ފަށާ މި މަސައްކަތުގެ ސަބަބުން ވަރަށް ވަރުގަދަ އިޖުތިމާޢީ ރޫޙެއް އުފެދި ކުލުވެރިކަން ދިރިފައި ވަނިކޮށް ފެނިފައި ވެއެވެ. އެކަން ތަޖުރިބާ ކުރެވިފައިވެއެވެ. އެއްބަޔަކު އަނެއް ބަޔަކަށް އެނގިދެނިވެ ފަރިތަވެގެން ދެއެވެ. ތަޢާރުފުވެ އެވެ. ބީރަށްޓެހިކަން ކެނޑިދެ އެވެ. ދުރުކަން ގާތްކުރެ އެވެ. ހިލޭމީހުންގެ ނަންތައް ތިމާގެކަމުގެ ނަންތަކަށް ބަދަލުވެއެވެ. މާލޫދެއް ނިމޭއިރު، އިތުރަށް ވަރަށްގިނަ ބޭބެމެންނާއި ދައްތަމެން ލިބެ އެވެ. މިއީ އިޖުތިމާޢީ ގޮތުން އަށަގެންފައި ވަނިކޮށް ފެނުނު ކަމެކެވެ.
މާލޫދު ހަރުގެ އެޅުން:
މާލޫދަށް ކައްކާ ދުވަހަކީ، ނުވަތަ ރަބީޢުއް އައްވަލު މަހުގެ 11 ވަނަ ދުވަހަކީ، މާލޫދު ހަރުގެ އަޅާ ދުވަސް ވެސް މެއެވެ. މާލޫދު ހަރުގެ އަކީ، މާލޫދު ކިޔުމަށް ތައްޔާރު ކުރާ ގެ އެވެ. މި ގެ ތައްޔާރު ކުރުމަކީ ވަރަށް ފަންނީކޮށް ވަރަށް އަބުއިކޮށް ކުރާ މަސައްކަތެކެވެ. މި މަސައްކަތް ކުރަނީ މާލޫދު މަސައްކަތު މީހުންނެވެ. ހަރުމީހުންގެ ހަރުދަނާ އިރުޝާދާ ބުނެދިނުމާއެކު ޅަމީހުންގެ އަތްތަކުގެ ހަކަތަ ވެސް ހޭދަކޮށްގެންނެވެ.
ހަރުގެ އެޅުމަށްޓަކާ، މަސައްކަތު މީހުން ހެނދުނުގެ ވަކި ވަގުތަކަށް ރަށްމެދަށް ޖަމާވާނެ އެވެ. އެތަނުގައި މަޝްވަރާ ކުރުމަށްފަހު، ހޯދަންވާ ތަކެތި ކަނޑަ އަޅާނެއެވެ. އެއަށް ފަހު، އެކި މަސައްކަތަށް އެކި މީހުން ބައިބަހާލާނެއެވެ. އެކި ކަންކަން އެކި މީހުންނާ ހަވާލު ކުރާނެއެވެ.
އެއްބަޔަކު ދާނީ މުޑި ކަނޑަން ވަލުތެރެއަށެވެ. ހަރުގެ އަޅަނީ ބޯކެޔޮ މުޑިންނެވެ. އެމީހުންގެ މަސައްކަތަކީ، ހަރުގެއަޅަން ބޭނުންވާ ބޯކެޔޮ މުޑި ވަލުތެރޭން ކަނޑާ ގޮފިޖަހައި އޮމާންކޮށްގެން ގެނައުމެވެ. އަނެއް ބަޔަކު ދާނީ، ފަންކަނޑާށެވެ. އަނެއްބަޔަކު ހަވާލު ވާނީ ހަރުގެ ވަސްމީރު ކުރުމާއި، ކުރެހުމުގެ (ޑެކަރޭޓުކުރުމުގެ) މަސައްކަތާއެވެ. އެމީހުންގެ ފުރަތަމަ މަސައްކަތަކީ މާބިނުމެވެ. އުނިމަލާއި ހުވަނދު މަލެވެ. ވަރަށް ގިނަ ކަށިމާވެސް ކަނޑައިގެން ގެންނާނެއެވެ.
ގާތްގަނޑަކަށް މެންދުރުން އަނބުރާ 3 ޖަހާއިރު، ހަރުގެ އެޅުމުގެ މަސައްކަތް އޮންނާނީ ކުޑަ އަޑި ވެފައެވެ. އެހާ ހިސާބުން ދެން އޮންނާނީ މުޅި އެ ހިސާބު ރީތި ކުރުމުގެ މަސައްކަތެވެ. މަގުތައް ވެސް އޮންނާނީ ކުނިކަހައި އޮމާން ކުރެވިފަ އެވެ. ހަނި ގޯޅިތަކަށް ދަންދެން މުޅި ރަށްވެސް ހީވާނީ، ރީތިކަމާ ސާފުކަމުގެ އަޖައިބެއް ހެންނެވެ. ހަރުގެ ދޮށް ސާފުކުރަނީ މަސައްކަތު މީހުން ކަމުގައި ވިޔަސް، ރަށުތެރެ ސާފު ކުރަނީ ގޭގޭ މީހުންނެވެ.
ހަރުގޭގެ ޒީނަތްތެރިކަން:
ކުރިންވެސް ދަންނަވައިލި ފަދައިން ހަރުގެ އެޅުމަކީ ވަރަށް ފަންނީ މަސައްކަތެކެވެ. ރީތިކޮށް ކުރާ މަސައްކަތެކެވެ. ހަރުގެއަކީ ބަލައިލަން ވަރަށް ރީތި ހިތްގައިމު ބިނާ އެކެވެ. އަޖައިބެއްފަދަ އަތުމަސައްކަތް އެތަނުން ފެންނާނެއެވެ. ދިވެހި ރުކުގެ ރޯ ބޮންތި ފަނާއި، އާދައިގެ ފަނުން އެތަނުގެ ބޭރު ބިތްތަކުގައި އެކުލަވައިފައިވާ ވިޔުންތަކަކީ ދިވެހި އަތްތެރި މަސައްކަތުގެ ނަމޫނާއެކެވެ.
އެތެރެއަށް ބަލާއިރު، އެތެރޭގެ ޒީނަތްތެރިކަމުގެ އެންމެ ޚާއްޞަ އެކައްޗަކީ، މުޅި ހަރުގޭގެ އެތެރޭން ބިތްތަކުގައި ދަމާފައިވާ ފޮތިގަނޑުތަކެވެ. މި ފޮތިގަނޑުތަކުގެ ދެ ބާވަތެއް ވެއެވެ. އެއްބާވަތަކީ، ވަށައިގެން ބިތްތަކުގެ އެތެރޭގައި ދަމައިފައިވާ ފޮތިގަނޑުތަކެވެ. މި ފޮތިގަނޑަށް ކިޔަނީ، މާފޭލި ގަނޑެވެ. މިއީ ވަރަށް ދިގު ފޮތިގަނޑެކެވެ. ވަރަށް ފަންނީ ކުރެހުންތަކެއް ހުންނަ ފޮތި ގަނޑެކެވެ. މާލޭ ހުކުރު މިސްކިތާއި ޢީދު މިސްކިތުގެ އެތެރޭ މަތިވަޑާންގަނޑުގައި އެހެރަ ފަދަ ޢަރަބި ލިޔުމަކުން، ކީރިތި ޤުރުއާނުގެ އާޔަތްތައް މި ފޮތިގަނޑުތަކުގައި ލިޔެފައި ހުރެއެވެ.
ސަލާމާއި ޞަލަވާތްލެއްވި ކީރިތި މާތް ނަބިއްޔާއާއި ހަތަރު ޚަލީފާއިންގެ ނަންފުޅުތައް ވެސް ލިޔެފައި ހުރެއެވެ. މި ފޮތިގަނޑުގައި ހުންނަނީ، ހަރުގޭގެ ސައިޒާ ގުޅޭގޮތަށް ހަތަރުކަނަށް ހަތަރު ބިތަށް ފެތޭގޮތަށް، ކުރެހުންތަކާއި ލިޔުންތައް ހިމުންވެފައެވެ.
މާފޭލިގަނޑުގެ އިތުރަށް، ހަރުގޭން ފެންނަ އަނެއް ޒީނަތަކީ، ފަންގިފިލާގައި ދަމާފައި އޮންނަ ސަނދުވާތަކެވެ. ސަނދުވާއަކީ ވަރަށް ރީތި ވަކި ކަހަލަ ޒަޚްރަފީ ކުރެހުންތަކެއް ހުންނަ ފޮތިގަނޑުތަކެކެވެ. މި ސަނދުވާތައް ދަމައިފައި ހުންނަނީ ގާތްގަނޑަކަށް އެއްފޫޓު އެއްފޫޓުން ގޮޅި އެޅޭގޮތަށް ހިމަ ނަނުތަކެއް ދަމައިފައި އޭގެ މަތިންނެވެ. މިއީވެސް ބަލައިލަން ވަރަށް ރީތި ފަންނީ މަންޒަރެކެވެ.
ހަރުގޭގެ ބިންމަތީގައި އޮންނާނީ ކުނާ ފަތުރާފަ އެވެ. އެހެންނަމަވެސް، މުޅި ހަރުގެ ކަހަލަ ގޮތަކަށް އޮންނަނީ ހުވަނދުމަލާއި، އުނިމަލާއި، ކަށިމަލުން ކުރެހުން އަޅަފައިފައެވެ. ވަކި ތަރުތީބަކުން، ވަރަން ފަންނީ އެތުރުމަކުން އަތުރާފައިވާ މި މާތައް އިރު އޮއްސިގެން އަންނަ އިރު ފޮޅެން ފަށާނެއެވެ. އޭރު ހަރުގެތެރެ އޮންނާނީ ހުހަށެވެ. މީހުން އަރައެއް ނޫޅޭނެ އެވެ. ހަރުގޭތެރޭން ދުރަށް ފަތުރާ މީރު ވަހަކީ، ވަރަށް މާތް އިޙްސާސްތަކެއް އުފައްދާ ރޫޙާނީ ހުވަނދެކެވެ.
މާލޫދުގެ ދުން:
މާލޫދު ކިޔަމުންދާ ވަގުތު، މާލޫދު ހަރުގެ ތެރެ އޮންނާނީ ވަރަށް ވަސްމީރު ކޮށްފައެވެ. ވަސް މީރު ކުރުމަށް ކުރެވޭ އެއްކަމަކީ، ދުން އެޅުމެވެ. ދުންއަޅަނީ އެކަމަށްތައްޔާރު ކުރާ ޚާއްޞަ ކުނޑިޔަކުންނެވެ. މި ކުނޑިޔަކީ، ގޮށް ކުޅަނދުރާއި، އުނިމަލާއި، ކުމުންޒާންޏާއި، ހަބަރާއި އަދި އެނޫންވެސް ތަފާތުގެ މީރުވަސް ދުވާތަކެތި ހިމަނައިގެން، އުފައްދާފައިވާ ވަރަށް މީރު މާތް ވަހެއް ހުންނަ އެއްޗެކެވެ. މި ތަކެތި ދަގަނޑު ވަނެއްގައި ތަޅައި ކުނޑިކޮށްގެން ކޮންމެ މާލޫދަކަށް ވަކިން ތައްޔާރު ކުރެވެ އެވެ. މި ކުނޑިތައްޔާރު ކުރުމަށްފަހު، ދޮންކެޔޮ ނުވަތަ ހަކުރު ލައިގެން ކުނޑިތައް މޮޑެލައެވެ. އެހެން ހަދަނީ އަލިފާނުގައި އެ ގިނަ އިރު އަނދަ އަނދާ ހުރުމަށްޓަކައެވެ.
މާލޫދު މަސައްކަތުގެ ބަހުރުވައިގައި، ދުމޭ ކިޔަނީ މި ތަކެތި އަންދައިގެން ބުރާ ދުމަށް އެކަންޏެއް ނޫނެވެ. އެމީހުންގެ މަފުހޫމުގައި ދުމަކީ، މި ކުނޑިތަކެވެ. ނުވަތަ މި ކުނޑިޔާ ދޮންކޭލާ އެއްކޮށް މޮޑެގެން ގުޅަވާށާ ގުޅަވަރުތަކެވެ. ދުންތެޅުމޭ ކިޔަނީ މި ކުނޑި އުފެއްދުމަށް ބޭނުންކުރާ ތަކެތި ވަނަށް އަޅައިގެން ތަޅާތެޅުމަށެވެ. ދުން އެޅުމަކީ، ދުންކިބަލަށް އަލިފާން އެޅުމަށް ފަހު، މި ކުނޑި ދުންކިބަލަށް އެޅުމެވެ. ދުންކިބަލަކީ، ލަކުޑިން ލިޔެ ލާޖަހައިފައި ހުންނަ ވަރަށް ޒީނަތްތެރި އެއްޗެކެވެ. މި ބޭނުން ކުރަނީ ސިލުނބެއް ބޭނުން ކުރާ ފަދައިންނެވެ. އަލިފާން އަޅައިގެން ގެންގުޅޭށެވެ. ތައްޔާރު ކޮށްފައި ހުންނަނީ އެތެރެއަށް އަލިފާން އަޅައިގެން ގެންގުޅެވޭ ގޮތަށެވެ. ދުންއެޅުމަށްޓަކައި މި ދުންކިބަލުގެ ތެރެޔަށް ނާށި އަނގުރު އަޅައެވެ. އެއަށްފަހު “ދުން“ އަޅައެވެ. މާލޫދު ފެށޭނީ މި ގޮތަށް ދުން އަޅައި މުޅި ހަރުގެ ހުވަނދުކޮށްލުމަށްފަހުއެވެ.
ހަރުގެ ދޮށަށް ދިޔުން:
އިރު އޮއްސެމުން ދާއިރު، ރަށުގެ ދުވަސްވީ ފިރިހެނުން ކާފަ ދަރީން ގޮވައިގެން، ހަރުގެ ދައްކާލުމަށް ހަރުގެ ދޮށަށް ދާނެއެވެ. ބާރަ ތޭރަ އަހަރުގެ ކުދީން، ފެންވަރާ ނަލަހެދިގެން، އާ ހެދުން ލައިގެން އަމިއްލަޔަށް ގޮސް ހަރުގެ ދޮށުގައި ތިބޭނެ އެވެ. އެ ކުދިންނަށް މިއީ ވަރަށް ބޮޑު އުފަލެކެވެ. ދެން ތިބީންނަށް އެ ވަގުތަކީ ވަރަށް އަވަދިނެތް ވަގުތެކެވެ. އެހެނީ އެއީ ޢީޝާނަމާދަށް ފަހު ހަރުގެއަށް މީހުން އަރަން ވާއިރަށް ކޭން ތައްޔާރުކޮށް ހަރުގެއަށް ލާން، އެ މަސައްކަތުގައި އުޅެން ޖެހޭ ވަގުތެވެ.
މާލޫދު ކޭން:
ކޭމަކީ މާލޫދު ހަރުގެޔަށް އަރާ މީހުންނަށް ކާއެއްޗެހި އަޅައިގެން ގެންދާ މަލާފަތުގައި ހުންނަ [ކަނިވިހައިތަކެއްޗެވެ.] މި މަލާފަތުގައި ހުންނަންވާ ތަކެތީގެ ލިސްޓެއް ކުރިން އޮންނަނީ ލިބިފަ އެވެ. ތިން ބާވަތެއްގެ ކޭމެއް ހުރެ އެވެ. އެއީ ކުކުޅުލާކޭމާއި، ރިހަބަތްކޭމެވެ. އަދި ސައިކޭމެވެ. މާލޫދު ފަށަނީ ކުކުޅުލާ ކޭމުންނެވެ. މި ކޭމުގައި ކުކުޅު އޮންނާނީ މުޅި ކުކުޅަށެވެ. މިކުކުޅު އޮންނާނީ ރުއްވަކައިން ބަނދެފައެވެ. ހަރުގެއަށް އަރާމީހުންގެ ތެރޭން ކޭމެއްގެ ދޮށަށް ފަސް މީހުން، ނުވަތަ ހަ މީހުންވަރު، ލެފޭނެ އެވެ. އެމީހުން ކާނީ މި ކުކުޅުގެ އެއްބަ އެވެ. އަނެއްބައި ދޫކޮށްލާފައި އޮންނަނީ ގޭ މީހުންނަށެވެ. އެޒަމާނުގެ ހާލަތު ހުންނަ ގޮތުން މި ބައި ނޫނީ އިތުރު ކުކުޅެއް ނުވަތަ މަސްކޮޅެއް ވިޔަސް ގެޔަކު ނޯންނާނެއެވެ.
ރިހަބަތްކޭމުގައި ވެސް ތިން ހަތަރު ވައްތަރެއްގެ ރިހަ ހުންނާނެ އެވެ. އިތުރަށް ރިހާކުރާއި، ތެލުލި މިރުހާއި އަސާރައާއި، ފަޅޯނަރާއި އަދި ބައެއް ރަށްރަށުގައި މޭޓާގަނޑު ފަދަ އެއްޗެހި ވެސް ހުރެ އެވެ. ތިން ކޭމުގައިވެސް ލައްކަ ސާމާނު ހުރެއޭ ބުނަމުން މި ތަފުސީލު ކުރުކޮށްލަމެވެ.
ކޭން އަޅަން ގޮވުން:
ބާރަވިލޭރެއަށް އިރު އޮއްސޭއިރު، މުޅި ރަށުތެރެވެފައި އޮންނަނީ، ޚުޝޫޢާއި، ތަވާޟުޢުވެރިކަމުގެ ރޫޙާނީ މައިދާނަކަށެވެ. ގިނަ ގޭގޭގައި ރޭޑިޔޯ ވެސް ނުހުޅުވާނެ އެވެ. މުޅި ރަށް އޮންނަނީ ހިމޭންވެފަ އެވެ. ހިމުން ދޮންވެލީގެ ރީތި މަގުތަކާއި، ވައިރޯޅި ހަދިޔާ ކުރާ މީރު ހުވަނދުވަހާއި، އަޑެއް ބަޑެއް ނެތް ފަޒާއިން ނަފުސަށް ކުރުވާނީ، ބަރަކާތާއި، ކަރާމާތުގެ ފުން އިޙްސާސްތަކެކެވެ. ބާރަށް ވާހަކަ ދައްކާލައި އުޅޭނީ ވެސް މަދު މީހެކެވެ. ރަށުގެ މުޅި ވެށި މި ގޮތަށް ބަދަލުވެފައިވާތީ، ކުޑަ ކުދީންނަށްވެސް އެރޭ އިޙްސާސް ކުރެވެނީ މި ފަދަ ހިމޭންކަމާއި، މާތްކަމުގެ ރެޔެއްގެ ގޮތުގައެވެ.
މި ދެންނެވި ހިމޭންކަން ފޫވައްޓާލާ އަޑަކީ، ކޭން އަޅަން ގޮވާ އަޑެވެ. ކޭން އަޅަން ގޮވުމަކީ، މަލާފަތަށް ކާއެއްޗެހި އަޅައި ތައްޔާރު ކުރުމަށް ގޮވުމެވެ. ކޭން ހަރުގެއަށް ގެންދާ ވަގުތުޖެހިއްޖެކަން އަންގައިދެނީ މި ގޮވުމުންނެވެ. މި ގޮވުމަކީ، މަސައްކަތު މީހުން ރަށުތެރޭ ހިނގައި ކުރާ އިޢުލާނެކެވެ.
އެ ދުވަސްވަރަކީ ރަށްރަށުގައި ކަރަންޓުގެ އަލިކަންވެސް އޮތް ދުވަސް ވަރެއް ނޫނެވެ. އެހެންކަމުން މަސައްކަތު މީހުންގެ ތެރޭން މީހަކު އިސްވެ ހިނގާ މިހިނގުމުގައި ވަރަށް އަލިގަދަ ޓޯޗެއް ގެންގުޅޭނެއެވެ. ކޭން އަޅަން ގޮވަނީ އަންނަނިވި ޢިބާރާތުންނެވެ. ފިސާރި ގަދަ އަޑަކުންނެވެ. އެ ގޮވާ ގޮވުން ތިރީގައި އެ ވަނީއެވެ.
ކޭން އަޅަން ގޮވަނީ. އަށްގަނޑު އަށްބިލެތް ހުންނަންވާނެ، ބިލެތުގައި ހުނި ޖަހަންވާނެ، ތުންފުއްސެއް އޮންނަންވާނެ
މިއީ ކޭން އަޅަން ގޮވާ ޢިބާރާތެވެ. ބައެއް ރަށްރަށުގައި ލަވަލަވައަށް ރާގު ރާގަށް ވެސް މި ފަދަ އިޢުލާނުތައް ކުރާކަމަށް ވެއެވެ. އަލްފާޟިލް އުތީމު އާދަމް ޢަބްދުއްރަޙްމާނު ލިޔުއްވި “ދިވެހީންގެ ދިރިއުޅުން“ މި ފޮތުން މީގެ ތަފާތު އެހެން މަންޒަރެއް ބައްލަވައިލެއްވޭނެއެވެ.
ހަރުގެޔަށް ގޮވުން:
ދެނަމާދު ދޭތެރޭ ވަގުތުގައި ކޭން އަޅަން ގޮވުމާއެކު، މީހުންތައް ކޭން އަޅައި ހަރުގެޔަށް ގެންދަން ފަށާނެއެވެ. ކޭން އެޅުމަކީ، މަލާފަތުގެ އެތެރޭގައިވާ ތަށީގައި ކާ ސާމާނު ތަރުތީބުކޮށް، ކޭން ތައްޔާރު ކުރުމެވެ. މިއީވެސް ވަރަށް ފަންނީ ކަމެކެވެ. ވަރަށް ރީތި ކޮށް އަތުރާ އެތުރުމެކެވެ.
މި ކަންތައްތައް ކުރިޔަށް ގޮސްގޮސް އޮއްވައި ހަރުގެޔަށް ދާން ގޮވާ އަޑު އިވެންފަށައިފާނެއެވެ. މިއީ ވެސް މަސައްކަތު މީހުން ރަށުތެރޭގައި ހިނގައި ކުރާ އިޢުލާނެކެވެ. މި އިޢުލާނު ތިން ފަހަރެއްގެ މަތިން ކުރާނެއެވެ. ފުރަތަމަ ފަހަރު ޢިޝާނަމާދުގެ ކުރިންނެވެ. ދެވަނަ ފަހަރު ޢިޝާނަމާދުން ސަލާމް ދިނުމުންނެވެ. ތިންވަނަ އިޢުލާނު ކުރާނީ، ޛިކުރު ތަސްބީޙަ ނިމޭހައި އިރުކޮށްފައެވެ.
ހަރުގެއަށް ގޮވުމުގައި ބޭނުންކުރާ ވަކި ޢިބާރާތެއް އޮވެއެވެ. ފުރަތަމަ ދެ ފަހަރު މި ޢިބާރާތް ބޭނުން ކުރަނީ އެއްގޮތަކަށެވެ. “ބޭކަލުންނޭ ހަރުގެޔަށް ދުރުވަން ކިޔަނީ“ މި ގޮތަށެވެ. ނަމަވެސް، ތިންވަނަ ފަހަރު ތަފާތެއް ހުރެ އެވެ. ތިން ވަނަ ފަހަރު އަންނަނީ މަސައްކަތު މީހުންގެ ބޮޑު ޖަމާޢަތެކެވެ. މި ފަހަރު މީގެ ތެރޭން އިސްވެ ހުންނަ މީހާ، ބޭކަލުންނޭ ހަރުގެޔަށް ދުރުވަން ކިޔަނީ އޭ ގޮވާލުމުން ފަހަތުން ދެންތިބި އެންމެން، ކުޑަދޫ ވިއްސައިގެންދާ ފަދަ ކުއްލި ގަދަ އަޑަކުން ބަލައި އައިއްސައި ދަނީ މިހެން ގޮވައިލައެވެ. މިއީ ހަރުގެޔަށް ދިޔުމަށް ކުރެވޭ އެންމެ ފަހުގެ އިޢުލާނެވެ. މާތުރަ، ޅެންވެރިންނަކީ ވަރަށް ޤަދަރުވެރި ބަޔެކެވެ. މިތާނަގައި ބަލައި އައިސާ ދަނީއޭ މި ބުނާ ވާހަކަ ގުޅިފައިވަނީ ޅެންވެރިންނާ މެދު ހިތޭ ކަމޭ ހިތުމަކާ އެވެ. އެމީހުންގެ ގާތަށް ބިލެތް ދަފި ހިފައިގެން މަސައްކަތު ހަރު މީހަކު ދާނެ އެވެ. ގޮސް ހަރުގެއަށް ދުރުވުމަށް ނަންގަންނާނެ އެވެ. ލިޔުމަކުން ނަންގަނެ ސޮއިކުރުވާނެއެވެ. މި ކަން ހިނގަނީ ތިންވަނަ އިޢުލާނުގެ ތެރޭގައެވެ.
ވީމާ، ބަލައި އައިއްސައި ދަނީ އޭ އެ ބުނާ ބުނުމުގެ މުރާދަކީ، ޅެންވެރިން ބަލައި އައިސްފައި ދާ ދިޔުމުގެ ވާހަކަ އެވެ. އެހެންވީމާ އޭގެ ކުރިޔަށް އެހެން މީހުން ހަރުގެއަށް އަރައި ތައްޔާރުވެގެން ތިބެންވީއެވެ.
ހަރުގެ ތެރެ:
ލަސްތަކެއް ނުވެ ހަރުގެއަށް މީހުން އަރައި ފުރިދާނެ އެވެ. ހަރުގޭގެ އެއްކޮޅުގައި ތިބޭނީ ކަމުވޮށީންނެވެ. އަތޮޅުވެރީން އުޅުއްވާ ނަމަ އޭނާގެ ވަފުދެވެ. އިހުގެ ނައިބުން ކަލޭފާނުންނެވެ. ގާޒީއެވެ. ކަތީބުން ކުޑަކަތީބުންނެވެ. ހަމަ އެހެންމެ މާލޫދުގެ ޅެންތައް ކިޔާ ޅެންވެރީންނެވެ. ޅެންވެރިންގެ ގޮތުގައި ގާތްގަނޑަކަށް، 10ވަރަކަށް މީހުން ތިބެއެވެ. މި އެންމެ ބޭކަލުންނަކީ ފޮތުން ނަންގަނެވޭ ޚާއްޞުންނެވެ. ހަރުގެއަށް މީހުން ހަމަ ވުމަކީ، ރަށުގެ ބޮޑެތި ފިރިހެނުންކުރެ މި ފަދަ މަޖިލީސްތަކަށް ހާޒިރުވެ އުޅެވޭފަދަ އެންމެން ހާޒިރުވުމެވެ.
ފެނާ އެރުން:
ހަރުގޭ އިންތިޒާމުގެ ވެރިޔަކީ، މަސައްކަތު މީހުންގެ އިސްވެރިޔާ އެވެ. ހަރުގެ ހަރަކާތްތެރި ކުރުވާނީ އޭނާ އެވެ. މީހުން އަރައި ހަމަޖެހިއްޖެ ކަމަށް އޭނާ އަށް ވިސްނުމުން މަސައްކަތު މީހުންގެ ރޭވުންތެރިކަމުގެ ތެރޭން ކޭންތަކަށް މީހުން ހަމަޖައްސާލައެވެ. އެއަށްފަހު، ލޯތަށްޓަކާ ފެންކުރައެއް ހިފައިގެން މަސައްކަތު މީހުން ހަރުގެއަށް އަރާނެއެވެ. މި އަރާ އެރުމަށް ކިޔަނީ ފެނާ އެރުމެވެ. އެންމެ އިސްކޮށް ހުންނާނީ މަސައްތަކު މީހުންގެ ވެރިޔާ އެވެ. އޭނާ އެންމެ ފުރަތަމަ ވެސް ގޮސް އިސް ޅެންވެރިޔާގެ އަތް ދޮއްވާނެ އެވެ. އެއަށް ފަހު މަސައްކަތު އެހެން މީހުން ދެންތިބި މީހުންގެ އަތްދޮއްވާނެ އެވެ.
އިސް ކޭމުގެ މަތިނެގުން:
އިސްކޭމަކީ، ޅެންވެރީންތިބޭ ކޭމެވެ. ޅެންވެރިންގެ އިސްމީހާ އެކޭމެއްގައި އިން ކޭމެވެ. އެންމެން އަތްދޮއްވައި ނިމުމުން، މަސައްކަތު އިސްމީހާ އިސްކޭމުގެ ތުން މޮހައިލަދޭނެއެވެ. އެއަށް ފަހު، މަތިގަނޑުގައި ދެފަރާތުން ހިފައި މަލާފަތުގެ ދެކޮލީގައި، ދެ އަތްތިލައިން ބާރަށް ޖަހާލުމާއެކު މަތިގަނޑު ނަގާނެ އެވެ. އެއާއެކު އިސް ޅެންވެރިޔާ ބިސްމިﷲއޭ ބުނާނެއެވެ. މި އަޑަށް އެހެން ކޭންތަކުގެ ވެސް މަތިތައް ނަގަންފަށައިފާނެ އެވެ. އެމީހުންގެ ކޭންތައް މޮހައި މަތިނަގާނީ އެ މީހުންނެވެ. މަސައްކަތު މީހުންނެއް ނޫނެވެ. (ނޯޓު: މާލޫދު ހަރުގޭގައި އަތޮޅުވެރިޔާ ނުވަތަ ރަށު ކަލޭފާނު ނުވަތަ އެ ނޫން ވެސް އެ ފަދަ އިސް ހައިސިއްޔަތެއް ލިބިގެންވާ ދޮށީ ބޭކަލަކު އިންނެވި ނަމަ ފަށްޓަވައިދެއްވުމަށް ނަންގަނެވޭނީ އެބޭކަލަކަށެވެ. މި ކަން ގިނަފަހަރު ކުރައްވާނީ އިސްޅެންވެރިޔާއެވެ. ދެން އެ ބޭކަލަކު އެ އިސްޅެންވެރިޔާއަށް އެކަން ރައްދުކުރައްވައި އަދަބުވެރިކަމުގެ ގޮތުން މަޑުކޮށްލައްވައިފާނެއެވެ. ދެން އަނެއްކާވެސް އިސްޅެންވެރިޔާ ބާރުއަޅުއްވައިލެއްވުމުން ބިސްމި ކިޔުއްވައި ފައްޓަވާނީއެވެ. އެ އަޑު މަޑުވާނެއެވެ. މުޅި ހަރުގެޔަށް އިވޭވަރަށް ދެން އިސްޅެންވެރިޔާ ބިސްމި ކިޔުއްވައިފާނެއެވެ. މަލާފަތު ދެކޮލީގައި ޖަހައިލެވެނީ އެއަށް ފަހުއެވެ.)
ބިލެތް ބެހުން:
ހަރުގެ ތެރޭގައި ކެއުން ކުރިޔަށް ދާއިރު، މަސައްކަތު މީހުން ބިލެތް ބަހަމުން ދާނެއެވެ. ނަމަވެސް ކައި ނިމުނަސް އެއްވެސް މީހަކު، ދުފައެއް ނުހަދާނެއެވެ. ދުފާނީ ހަރުގެއިން ފައިބައިފަ އެވެ.
އަތްދޮއްވުން:
ކައި ނިމުމުން އަނެއްކާވެސް މަސައްކަތުމީހުން ލޮއިތަށިތަކާއި، ފެންކުރާތައް ހިފައިގެން ހަރުގެއަށް އަރާނެއެވެ. ކުރީ ފަހަރުގެ ތަރުތީބުން މި ފަހަރުވެސް އިސްސަފު އިސްވާނެ އެވެ. އެއަށް ފަހު އެންމެން އަތްދޮއްވައި ތުންދޮވެ، ނިމިދާނެ އެވެ. އެއާ އެކު މަލާފަތްތަކުގެ މަތިއަޅައި، ތުން ބަނދެލެވޭނެ އެވެ.
ޞަލަވާތް ފާތިޙާ:
ޅެންވެރީން ތިބޭން ހަރުގޭގެ އެއްކޮޅު ތައްޔާރުކުރެވިފައި ހުންނާނީ ވަރަށް ފުރިހަމައަށެވެ. އަބުއިކޮށެވެ. އެމީހުން އިށީނދެތިބޭނީ ކޮޅުބިތުގައި ލެނގެވޭ ގޮތަށް ދެ ބިތުން ވެސް ބަޔަކާއެކީގައެވެ. އެއީ ކުނާމަތީ މުސައްލަތައް ފަތުރައި އެ މަތީ ކަންނެޔޮތައް ބަހައްޓައި އަދި އޭގެ މަތީ ތަރުތީބުކުރެވިފައިވާ ކުރެހުންއެޅި ރީތި ބާލީސްތަކެއްގެ މަތީގައި ބޭއްވިފައިވާ ދެ ޅެންފޮތުން ފަސޭހައި ޅެން ކިޔޭ ގޮތަށެވެ. އެ ދެ ފޮތުގައި ހުންނާނީ ޙަމްދާއި ޘަނާއާއި މަދަޙައާއި ދުޢާއެވެ. އަދި ލޮބުވެތި ނަބިއްޔާގެ ސީރަތުވެސްމެއެވެ. މާލޫދު ފޮތަކީ އެއީއެވެ. ކައި ނިމުމާއެކު ޅެންވެރީން މި ފޮތްބައި ކައިރިޔަށް ލެފިލައި ޞަލަވާތް ފާތިޙާ ފެށައެވެ.
މާލޫދުފެށުން:
އިމާމާ ޞަލަވާތް ފެށުމުން ދެންތިބި އެންމެން ވެސް ޞަލަވާތުގައި ބައިވެރިވާނެ އެވެ. ޞަލަވާތް ނިމުމުން، މާލޫދު ޅެންވެރިންގެ ބަހުން ނަމަ ދެން އޮންނާނީ [لقد جاء“ އެވެ. މިއީ ކީރިތި ޤުރުއާނުގެ ތައުބާ ސޫރަތުގެ 128ވަނަ އާޔަތެވެ. ތިރީގައި އެ ވަނީ އެ އާޔަތާއި އޭގެ ދިވެހި ތަރުޖަމާއެވެ.
لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَءُوفٌ رَحِيمٌ (128)
ހަމަ ތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކު ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް ކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެމައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި ރަޙްމުހުރި ބޭކަލެކެވެ.
“ފެށުން“ ނިމުމަށް ފަހު ދެން އޮންނާނީ ޅެން ޞަލަވާތް ކިޔުމެވެ. ޅެން ޞަލަވާތަކީ، ޅެންބަހުން އޮންނަ ޞަލަވާތެކެވެ. އެންމެ ވައްތަރީ އިބްރާހީމު ޞަލަވާތާ އެވެ. މި އަށްފަހު، މާލޫދުގެ ފުރަތަމަ ބުރި ބުނުން އޮންނާނެ އެވެ.
މާލޫދުބުރި ބުނުން
ކުރިން ވެސް ދެންނެވިހެން މާލޫދުގައި ހިމެނެނީ މައިގަނޑު ތިންބަޔެކެވެ. އެއީ ކައު އިތުރު މާތް ނަބިއްޔާގެ ސީރަތާއި އެކަލޭގެފާނަށް ލޯބިން ކިޔޭ މަދަޙަޔާއި ދެން ހެޔޮ ދުޢާއެވެ. ސީރަތުގެ ބައި އޮންނަނީ އަދަބީ ނަސްރެއްގެ ގޮތަށެވެ. އެބަހީ ޅެންވަޒަން ނެތް އަދަބީ ލިިޔުމެއްގެ ގޮތުގައެވެ. ނަމަވެސް ވަރަށް ފަށުވިކޮށެވެ. ކުރު ޖުމުލަތަކަކުންނެވެ. ގިނަ ފަހަރަށް ނިމުންތައް ވެސް އެއްގޮތެވެ. މި ސީރަތު އޮންނަނީ ބައިބަޔަށް ބަހައިލައިފައެވެ. ކޮންމެ ދެބައެއްގެ ދެމެދުން ޅެމެއް ކިޔާ ގޮތަށެވެ. އެހެންކަމުން މިއިން ކޮންމެ ބަޔަކީ ދިގު ލިޔުމެއް ބުރިބުރި ކޮށްލުމުން ވަކިވަކިން ހުރި ލިޔުން ބުރިތަކެކެވެ. މި ސަބަބަށް ޓަކައި މިއިން ކޮންމެ ބަޔަކަށް ބުރިއެކޭ ކިޔައެވެ. މާލޫދުބުރިއެވެ. މާލޫދުބުރި ބުނުމަކީ އެ ބައިތައް ވަރަށް ފަންނީ ގޮތެއްގައި ހުށަހެޅުމެވެ. މި ކަމަށް ފަރިތަ އަޑުރީތި ކުޅަދާނަ މީހުން ތިބެއެވެ. ހަވީރުވެގެން އަންނަ އިރު، އެ މީހުން މާލޫދުބުރި ބުނެލާ އަޑު އަހާލަން ހަރުގެ ދޮށުގައި މީހުންތައް އެއްވެ ހިމޭންވެފައި ތިބެއެވެ.
بِشَهْرِ ފެށުން:
ކޭން ނިމިއްޖެއެވެ. ޞަލަވާތް ފާތިޙާ ނިމިއްޖެއެވެ. ދެން އޮންނާނީ، بشهر ފެށުމެވެ. މިއީ ޢަރަބި ޅެމެކެވެ. ބާރަވިލޭރޭ ކިޔާ މާލޫދުގެ ފުރަތަމަ ޅެމެވެ. އިސް ޅެންވެރިޔާ މި ޅެން ފަށަނީ، ވަރަށް ރީތި ރާގަކަށް ތޫނު އަޑަކުންނެވެ.
ވީޑިޔޯ އިން މިސާލު ބައްލަވާލައްވާށެވެ.
بشهر ربيع قد بد ى نوره الأعلى
فيا حبذا بد را بذا ك الحمى يجلى
މި ބައިތުގައި އެކުލެވޭ މާނަ:
ރަބީޢުގެ މައްސަރެއް މަތިވެރި ފެށިއްޖޭ އަލި އެނޫރުފުޅުން
ޙަބީބާ ރީތި ހަނދުފަދައޭ ވި ލޮބުވެތިކަމުގެ ޒާތުފުޅުން
މި ހިސާބުން މާލޫދު ފެށުނީ އެވެ. އެއްބަޔަކު މާލޫދު އަޑު އަހަން ހަރުގޭގައި މަޑު ކޮށްލާނެއެވެ. އަނެއް ބަޔަކު ކޭންތައް ހިފައިގެން ގެޔަށް ދާނެ އެވެ. އެހެނީ ގޭގެ މީހުންނާއި ކުޑަކުދީންނަށް ހުރި ކެއުން ވީ އެ ކޭމުގެ ތެރޭގައެވެ.
މާލޫދު ދެބައިކުރުން
މާލޫދު ދެ ބައިކުރުމަކީ ސީރަތުގެ ބައި ދެބައިވުމެވެ. މެދަށް އާދެވުމެވެ. ބާރަވިލޭރޭ ކިޔޭ މާލޫދު އެކުލަވައިލާފައި އޮންނަ ގޮތުން އެ މާލޫދުގައި މި ތަން އަންނަނީ އިތުރު ޠާހާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ހިސާބުންނެވެ. އެބައި ހިމެނި ކުރިޔަށް ދަނީ އެކަލޭގެ ފާނުގެ ޠާހިރު ނަސަބުފުޅުން ފެށިގެންނެވެ. ބަފައިކަލުންނާއި މައިކަމަނާގެ ކައިވެނި ފުޅާއި، އާލާސްވެ އިންނެވުމާ މި ފަދަ ވާހަކަތަކެވެ. މި ހެން ގޮސް “ولد النبي“ “މާތް ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފި އެވެ.“ މި ހިސާބަށް ކިޔާފައި އެންމެން ކޮޅަށް ތެދުވެ އެވެ. އެ ވަގުތު ހަރުގޭގައި މީހަކަށް ނިދިފައި އޮތަސް ގޮވާލާނެއެވެ. މާލޫދު ދެބައިކުރަނީ ކަމަށް ބުނާނެއެވެ. ދެން އޭނާ ވެސް ކޮއްޅަށް ތެދުވާނެއެވެ. އެންމެ މެ ޞަލަވާތާއި ސަލާމުގައި ބައިވެރިވާނެއެވެ. އަދި އޭރު މީރުވަސް ދުވާ ހުވަނދެއް ގެނެސްފައި ހުރެ އެވެ. އެންމެން މި ހުވަނދު ލައެވެ.
އެނގިފައިވާ ގޮތުގައި، މި ހިސާބުން ކޮއްޅަށް ތެދުވާ ތެދުވުމަކީ، ލޮބުވެތި ރަސޫލާއަށް ކަމޭހިތައި އިޙްތިރާމު އަދާކުރުމުގެ މާނައިގައި ކުރާ ކަމެކެވެ. ފަހަރެއްގައި ވެސް އެއީ ތަޢައްބުދީ ގޮތުން ނުވަތަ އަޅުކަންކުރުމުގެ ގޮތުން ކުރެވޭ ކަމެއް ނޫނެވެ. އެއީ އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެވަޑައިގަތް ވާހަކަ ޚަބަރެއްގެ ގޮތުގައި ލިބުމުން އެ ކަމުން ވެވޭ އުފަލާއި، އެކަލޭގެ ފާނަށް ކަމޭ ހިތުމުގެ ރަމްޒެކެވެ. ނަމަވެސް ބައެއް މީހުންގެ ވިސްނުން މި ކަމުގައި ހައްދުފަހަނައަޅައިފައިވެއެވެ. އެއީ އެ ފަދަ މީހުންނަށް ހީވެފައި އޮންނަނީ އެ ވަގުތު އިތުރު މާތް ސާހިބާ އެ ތަނަށް ފައިންޕުޅު ބީއްސަވާނެކަމައެވެ. އެހެން ކިޔައިވެސް އުޅެތެވެ. އެކަމަކު އެއީ އެ ކަމުގެ ޙަޤީޤީ މަގުސަދާ ގަބޫލުކުރުން އޮންނަ ގޮތެއް ނޫނެވެ. މި ކަން ޞަލާޙުއްދީނު ލިޔުއްވި ސީރަތުން ވަރަށް ރަނގަޅަށް ސާފުވެއެވެ.
މާލޫދު ދެބައި ކޮށްފައި އާންމުކޮށް ކިޔަނީ އިތުރު ސާހިބާގެ މައްޗަށް ހެދިފައި ހުންނަ މަދަޙައިގެ ޅެމެވެ. މި ހުރިހާ ޅެމެއްވެސް ހުންނަނީ ޢަރަބި ބަހުންނެވެ. މާތުރަ، ތޮއްޑޫގައި ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޢަބްދުﷲ ފަހުމީދީދީލްއަޒުހަރީ، ހުންނެވި އަހަރު އެމަނިކުފާނު މާލޫދު ހަރުގެއަށް ވަޑައިގެން ތަޤުރީރު ކުރައްވައި ހެއްދެވިކަމަށްވެއެވެ. އަދި އެރޭ ބާރަވިލޭރޭގެ މާލޫދު ދެބައިކުރުމުގައި ކީ ކަމަށްވަނީ، ދެބައިކުރާ ވަގުތު ކިޔުމަށް އެމަނިކުފާނު ދިވެހި ބަހުން ހެއްދެވި ޅެމެކެވެ. އޭގެ ފަހުން ތޮއްޑޫގައި މާލޫދު ކީ ހައި ދުވަހު ދެބައިކުރާ ވަގުތު ކިޔައި އުޅުނީ މި ޅެމެވެ.
ޞަލަވާތްތަކާ ގިނަ ގުނަ ވެދުން ސަލާމޭ
ކައު މުޞްޠަފާ ޔަށަ ފަށްފަށުން ސަލާމޭ
ވޮޑި ތިޔަ ގަތީ ދޭހަށް އިތުރު ކަމައިގެން
ކޮޑިގެން ނުދާނޭ ސާފު ތެދުމަގައިގެން
ޢަބްދުﷲ ފަހުމީ ދީދީ
މާލޫދާއި އިޢުތިޤާދު
ސަލާމާއި ޞަލަވާތްލެއްވި ލޮބުވެތި މާތް ނަބިއްޔާގެ މާލޫދު ކިޔުމަކީ އެ ކަމުގައި އެތައް ދަރުމައެއް ބަރަކާތެއް ހުރިކަމެއް ކަމަށް އިހު ދިވެހީން ގަބޫލުކުރެއެވެ. އެހެންކަމުން މާލޫދަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް މެދުވެރި ނުވާނެކަމަށް ރަށުގެ ހަރު މީހުން ގަދައަޅައި ބުނެއެވެ. އެއް ފަހަރަކު ހިނގިކަމެކެވެ.
ވަރަށް މަސް ތަދު ދުވަސްވަރެކެވެ. މާލެއަކަށް ވެސް މަހެއް ނުބާނައެވެ. ބާރަމަސް ފެށުނީއްސުރެ ރަށުމީހުން ވެސް ކެޔޮކަމު ގޮސް ހަދައެވެ. ހަމަ މަސްކޮޅެއް ލިބޭ ގޮތެއް ނުވިއެވެ. މިހެން މިކަން ވެފައިވަނިކޮށް ރަބީޢުލްއައްވަލު މަހުގެ ދިހަވަނަ ދުވަހު އިރު އޮއްސިއޮއްސި އޮވައި އަތިރީ ހޮޅުއަށީގައި ނަމާދަށް އައިސް އިން މީހަކު ވަރަށް ފިކުރުބޮޑުވެގެން ބުނެލައިފިއެވެ. މިފަހަރު ދެން ބާރައަށް މަސްކޮޅެއް ވެސް ނުލިބުނުތާ ދޯއެވެ. އޭނާގެ މިއަޑަށް ސިއްސައިގެން ގޮސް ވަގުތުން އިންކާރީ ރައްދެއް ދެއްވީ ރަށުގެ ކަލޭފާނެވެ. އުމުރުން ދުވަސްވީ ހަރޮށި ބޭކަލެކެވެ. ބުނުއްވިއެވެ. އެހެން ބުނާކަށް ނުވާނެއެވެ. ހީވެސް ނުކުރާށެވެ. މާލޫދުފުޅަށް މަސް ނުލިބިއެއް ނުދާނެއެވެ. ދެއްވާނެއެވެ. އަހަރެމެން ހަނދާނުގައި ވެސް ތިޔަ ކަހަލަކަމެއް ވެފައެއް ނެތެވެ. އެހިސާބަށް ވާހަކަ ދިޔަތަނާ އަތިރީ މިސްކިތުން ބަންގިގޮވައިފިއެވެ. ހޮޅުއަށީގައި ތިބި އެންމެންހެން އެރީ ނަމާދަށެވެ. އަޅުގަނޑުވެސް އެރީމެވެ. މަޣުރިބު ނަމާދު ނިމިގެން މިސްކިތުން ފޭބި އިރު، މ. އަތޮޅު ދިއްގަރު ދެ ދޯނި ފަލަ ގޮދާ ބާނައި ބަރާކޮށްގެން ފަޅަށް ވަދެ އޮތެވެ.
މާލޫދު ރިހި:
މާލޫދު ނިމުމުން ހަރުގެ ރޫޅަން ޖެހެ އެވެ. ބިތްތައް ނައްޓަން ޖެހެއެވެ. ދިވެހީން ބުނަނީ ކެޔޮ ކޭވަރު އެނގޭނީ ބިތުފަންގި ނެގީމާކަމަށް ދޮގެއްތޯ އެވެ. ކޮންމެޔަކަސް ހަރުގެ ރޫޅެނީ ވަކި ކަމެއް ޙާސިލުވުމުންނެވެ. އެއީ ކޮށްލެވޭ ކުޑަ މަޖަލެކެވެ.
ކޮންމެ އަހަރެއްގެ ވެސް، ރަބީޢުލް އައްވަލު 12އިން ފެށިގެން ކުރިޔަށް އޮތް އަހަރުގެ ރަބީޢުލް އައްވަލު 12 އާ ދެމެދު ރަށުގައި ވަކިކުރި މީހުންގެ ރެކޯޑު މަސައްކަތު މީހުން ހޯދައި ބަލަހައްޓާނެ އެވެ. އެމީހުންގެ އަތުން ކޮންމެވެސް އުޖޫރައެއް ނުލިބި ހަރުގެ ރޫޅުމަކީ މަސައްކަތު މީހުން ކުރާނެ ކަމެއް ނޫނެވެ. މި ނަގާ އުޖޫރަޔަށް ކިޔަނީ “ރިހި‘ އެވެ. ރިއްސަކީ ކޮންމެހެން އަދާ ކުރަންޖެހޭ އެއްޗެކެވެ. އާންމުކޮށް ރިހީގެ ގޮތުގައި ނަގައި އުޅެނީ މީހަކު އަތުން 2 ރުފިޔާ ނޫނީ ފަސް ރުފިޔާ އެވެ. ތިންރޭ ތިންދުވާ ވަންދެން އެ މީހުން ކުރި ބުރަ މަސައްކަތަށް ފަހު، އެންމެންގެ މެދުގައި ބަހައިލައިގެން މަސައްކަތު ކޮންމެ މީހަކަށް ލިބޭ އެއްޗަކީ މި ގޮތުން ލިބުނު އެއްޗެއްގެ ބައިކުޅަބައެވެ. .
މާލޫދުގެ އަދަބުތައް:
މި ތާނގައި އަދަބޭ މި ދެންނެވީ އޭގެ އެންމެ ވޭންހުރި މާނައިގައެވެ. މާލޫދާ ގުޅިގެން އަދަބު ލިބޭ ދެ ބާވަތެއްގެ މީހުން ތިބެ އެވެ. އެއް ބަޔަކީ، ރިހި އަދާ ކުރުމަށް އިންކާރު ކުރާ މީހުންނެވެ.
ރިހި ނުދިން މީހުންނެވެ. މި ފަދަ މީހާގެ އަދަބަކީ، ވިދިގެން އަންނަ އަހަރުގެ މާލޫދުގައި ހަރުގެއަށް އެރީމާ މަސައްކަތު މީހުން އޭނާގެ އަތް ދޮއްވައި ނުދިނުމެވެ. އެރޭ ހަރުގޭން ކައިގެން އަތްދޮންނަން އޭނާ ދާންޖެހޭނީ ގެޔަށެވެ.
މާލޫދުގައި އަދަބު ލިބޭ ދެވަނަ ބަޔަކީ، ނުވަތަ ދެވަނަ މީހަކީ، އަޚުލާޤީ އިންތައް ފަހަނަ އަޅާ މަސައްކަތު މީހާ އެވެ. ޅެންވެރީންނަށް ޚާއްޞަ ފަތިހު ކޭމެއް އޮންނާނެ އެވެ. މި ކޭން ކައްކާ ގެޔަށް ގޮސް ކޭން ގެނައުމާއި، ކަންކަން ބެލެހެއްޓުމަކީ، މަސައްކަތު މީހުންގެ ކަމެކެވެ. މި ކަމުގެ ތެރޭގައި މަސައްކަތު މީހަކު، އޭން ގެއެއްގެ ތެރޭން ހުއްދަ ނޫން ދިމާޔަކަށް ލޮލާއި އަތްފައި ހިންގައިފިކަން އެނގިއްޖެ ނަމަ، އެކަމުގެ އަދަބު އެމީހަކަށް އޮވެ އެވެ. މި އަދަބު ކަނޑަ އަޅަނީވެސް، މި ކަން ދެނެގަންނަނީވެސް މަސައްކަތު މީހުންނެވެ. ނުވަތަ އާދަ ކާދަ އެވެ. މި ފަދަ މީހެއްގެ އަދަބަކީ، ހަރުގެ ރޫޅާ ދުވަހު، ހަރުގޭގައި އަޅާފައިވާ ކުނާތައް އޮޅައިފައި ރަށް މެދަށްނެރެ ކުނާ ބޮނޑިން ތެޅުމެވެ. އެހެނީ މާލޫދުގެތެރޭގައި ހުތުރު ކަމެއް ހިނގުމަކީ އިޖުތިމާޢީ ގޮތުން ވަރަށް ނުރުހެވޭކަމެކެވެ. ހުތުރު އައިބުކަމެކެވެ. ނަމަވެސް ބައެއް މީހުން ބޭނުންވާ ނުރަނގަޅު ކަންކަމަށް ތަންވަޅު ހޯދަން އެމީހުންނަށް މި ދެތިން ދުވަސް ނިކަން ކަމުދެއެވެ. ވަކިން ޚާއްޞަކޮށް ބޭރު ރަށަކުން ބަޔަކު އައިސް އުޅޭ ނަމަ، މަސްއޫލުވެރި ފަރާތްތަކުން ވަރަށް ފަރުވާތެރިވާން ޖެހެއެވެ. އެ ބެލެހެއްޓުންތެރިކަން އޮވޭ ވެސްމެއެވެ.
އާދަޔާ ޚިލާފު އަދަބެއް:
އިސްވެ ދަންނަވާ ލެވުނީ އާދަކާދައިގެ ތެރޭން ވާރުތަވާ ދެކަމެކެވެ. އަޅުގަނޑުގެ ހަނދާނުގައި އަދި ވަރަށް ތަފާތު އަދަބެއް ވެސް މާލޫދާ ގުޅިގެން މީހަކަށް ދެވުނެވެ.
އެ ފަހަރަކީ، ބޭރު ރަށެއްގެ ބަޔަކަށް ދަޢުވަތު ދީގެން މާލޫދަށް ގެނައި ފަހަރެކެވެ. ރަށު ފިހާރަތަކުގައި ޕާޕަރު ވަރަށް މަދެވެ. މި ކަން އެނގިގެން އެއްބަޔަކު މާކުރިން އެހުރި ޕާޕަރުކޮޅު ގަނެ ހުސްކޮށްފި އެވެ. ބާރަޔަށް މާލެ ދިޔަ ދޯންޏަށްވެސް އާދެވުނީ ހަނދާންނެތި ޕާޕަރު ނުލަ އެވެ. އެހެންކަމުން މި ކަމުގައި މަޞްލަޙަތު އިސްކުރަންޖެހިއްޖެ އެވެ. ކިތަންމެ ފަގީރު މީހާވެސް އެގޭން ހަރުގެޔަށް އެރުވޭ ކޭން މޮޅު ކޭމަކަށް ހެދޭތޯ ބަލާނެ ވިއްޔާ އެވެ. ބޭ ކޮރަސް ކޭން ކޮރު ނުވެ ވޭތޯ ބެލުމަކީ، ކިތަންމެ އާދައިގެ މީހަކުވެސް ސާމާލުކަން ދޭނެ ކަމެކެވެ.
ކޮންމެޔަކަސް ރަށު އޮފީހުން ނިންމީ އެއް ވެސް ކޭމަކަށް ޕާޕަރު ނުލާށެވެ. ނަމަވެސް 12 ވިލޭރޭގެ އެއްކޭމުން ޕާޕަރު ފެނިއްޖެ އެވެ. މައްސަލަ ގޯސްވީތާ އެވެ. ވަގުތުން މި ކަންކުރި ގޭގެ އިސް މީހާ 3 ދުވަހަށް ގޭ ބަންދު ކޮށްފިއެވެ. މި ކަމާގުޅިގެން އަދި އަދަށްވެސް ޕާޕަށް ތޮއްޑޫގެ ދުވަސްވީ މީހުން ކިޔައި އުޅެނީ ގޭބަންދެވެ.
ނިންމާލުން:
އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މި ކަހަލަ ވާހަކަތައް ލިޔެލުމުން، ދިވެހިންގެ އާދަ ކާދައިގެ މަޢުލޫމާތުތަކެއް އެބަ ލިބެ އެވެ. އުޅުމާއި ގުޅުމުގެ ހަމަތަކެއް އެބަ ފެނެ އެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ އިޖުތިމާޢީ ވެށްޓާއި ގަބޫލުކުރުންތަކާއި އުޅުންތެރިކަން ހުރި ނެތް ގޮތް އެބަ އެނގެ އެވެ. މި ކަންކަމުގެ އިތުރަށް ހަމަ އެކަނި ދިވެހި ބަހުގެ ވަޅު ޖެހިފައިވާ އެވޭލާ ރީތި ބަސްތަކެއް ދަސްވިޔަސް އެއީ ވަކިން ކުޑަ ފައިދާއެއް ތޯ އެވެ!
މި މަޒުމޫނު ކިޔައިލައިގެން ފަހުގެ ޖީލުގެ ކުއްޖަކަށް މި ކަންކަން ހާސިލުވެއްޖެ ނަމަ އަޅުގަނޑުގެ މި މަސައްކަތުގެ އަގު ބަރާބަރަށް ފުރިހަމަޔަށް ލިބުނީ އެވެ! އެހެނީ ކައު އިތުރު މާތް ނަބިއްޔާ މުޙަންމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަހު، އެ ހަނދާން އާކޮށްލައި، އެ މާތް ނަބިއްޔާގެ ސީރަތަށް ބަލައި ކިޔައިލައި، ޞަލަވާތް ކިޔެވުން އިތުރުކޮށްލައި މަދަޙައެއް ކިޔައިލުމަކީ ނުދިންނަވާވަރުގެ ފާފަޔަކަށް ބިދުޢަޔަކަށް ވާތީ، ޙައްޤުމަގަށް މީހުން ގެންދަވާ ޢިލްމުވެރީން ކުރެއްވި ބުރަ މަސައްކަތުން އިރާދާކުރެއްވީތީ މިހާރު މި ވަނީ އެ ޒިކުރާ އާކުރުން މުޅި ދިވެހިރާއްޖޭން ފޮހެލެވިފައެވެ. އަޅުގަނޑު މި މަޒުމޫނުގެ ލިޔުނީ 1439 ވަނަ އަހަރުއެވެ. އަލުން އިޞްލާޙުކޮށްލައި މި އަހަރު ޝާއިޢުކުރެވުނު އިރު އިތުރަށް ބަލައިލި ކަމެއް އޮތެވެ. މި ދިޔަ އަހަރުގެ ޑިސެންބަރު 24 ވަނަ ދުވަހު މާދަމާ ރެޔަކީ ކޮން ރެޔެއްތޯ 10 ވަރަކަށް ކުދީންނާ ސުވާލުކޮށްލީމެވެ. އިސްލާމީ ތަޢުލީމު އުނގެނޭ ޒުވާން ދަރިވަރުންނެވެ. ހުއްޓިލުމެއް ނެތި 8 ކުއްޖަކު ބުނީ އެއީ ކްރިސްމަސް ރޭކަމެވެ. މި އަހަރު ރަބީޢުލްއައްވަލު މަހު 11 ވަނަ ދުވަހުގެ ރޭ ހަމަ އެ 10 ކުދީންނާ ސުވާލުކުރީމެވެ. އިޖުތިމާޢީ ބައެއް މަންސަ މެދުވެރިކޮށެވެ. އަޅުގަނޑުގެ ސުވާލަކީ މާދަމާއަކީ ކޮން ދުވަހެއްހެއްޔެވެ؟ އެނގިވަޑައިގަންނަވާނެ ފަދައިން މިއަހަރަކީ ވަރަށް ކައިރިކައިރީގައި ގައުމީ ދުވަހާއި ނަސްރުގެ ދުވަސް އޮތް އަހަރެކެވެ. ސަރުކާރު ބަންދު ދެ ދުވަހެވެ. ކޮންމެޔަކަސް ވިސްނާލައިފައި އެއްކުއްޖަކު ބުނީ ގައުމީ ދުވަސްކަމަށެވެ. އަނެއް ކުއްޖަކު ބުނީ “ބަޑިބުރާސްފަތި“ ކަމަށެވެ. 8 ކުއްޖަކު ބުނީ ނެނގޭކަމަށެވެ. އެއްވެސް ކުއްޖެއްގެ ހިތަކަށް ދުލަކަށް ރަބީޢުލް އައްވަލެއް ކީރިތި މާތް ނަބިއްޔާގެ ނަންފުޅެއްނައެވެ.
ނިމުނީ