ސިންގާ އޭގެ ޙިމާޔަތުގެ އިމުގެ ގޮތުގައި އެ ސޮރުގެ ވަށައިގެން ފަންސާސް ކިލޯމީޓަރު ފާހަގަކުރެއެވެ(އަލާން ޕީސޭ، 1988). މި ގޮތަށް ޙިމާޔަތުގެ އިމެއް ކަނޑައަޅައި ދެނިގެންވުމާއި، އެކަމަށް ފަރުވާތެރިވެ، ނިހާޔަތަށް ބޭނުންވެގެންވުމީ ހުރިހައި ޙައިވާނެއްގައި މެ ވާ ސިފައެކެވެ(ޖެނިފާ ހުއިޒެން، 2015). ހަމައެހެންމެ ޕިސޭ (1988) ކަށަވަރުކޮށްދެއްވާ ގޮތުގައި މިއީ އެ ޖަމާޢަތެއްގައި ހިމެނޭ ކުދިބޮޑު މުޅި ދަރިފަސްކޮޅުގެ ސަލާމަތަށްޓަކައި ފަރަގުތަކާ އެކު އިންސާނުންނާ އަދި އެ ނޫން ހުރިހައި ދިރޭ ތަކެތި ވެސް، ކުރަމުން އަންނަކަމެކެވެ. އެހެންކަމުން އިންސާނީ ޖަމާޢަތެއް ދިރި ދެމި އޮތުމަށް ޓަކައި ވެސް، އެ ބައެއްގެ އަމިއްލަ ދަރިފަސްކޮޅާއި ވަޒަން ޙިމާޔަތްކުރުގެ ޣަރީޒާއާއި ލޯބި އެބައެއްގެ ކިބައިގައި ހަރުލާންޖެހެއެވެ. އެ ގޮތުން އިންސާނީ ޖަމާޢަތުގައި ޤައުމީ ލޯބިން ފުރާނައެޅެންޖެހެއެވެ.
މި މަޒުމޫނުގައި ބަލައިލާނީ ޤައުމަކީ، ޤައުމީ ލޯތްބަކީ ކޮބައިކަމެވެ. އެ ލޯބި ދިރުވުމަށްޓަކައި ދިރުވާންޖެހޭ ޤައުމިއްޔަތުގެ ބަހާތަކާއި، އޭގެ ޙާލަތު އޮތީ ކިހިނެއްކަމެވެ. އެއަށް ފަހު އެ މައްޗަށް މުނާޤަޝާ ހުށަހަޅައި ދިރާސާގެ ނިންމުން ހިމެނިފައިވާނެއެވެ.
ޤައުމަކީ ކޮބާ؟
ޤައުމަކީ ދިވެހި ބަހުގައި ބޭނުންކުރެވޭ އަރަބި ބަހުގެ ލަފުޒެކެވެ. ޢަރަބި ބަހުގައި ޤައުމުގެ މާނައަކީ އިންސާނީ ޖަމާޢަތެކެވެ (މަޢާޖިމް، 2019). ވަކި ސިފަތަކެއް ލިބިގެންވާ އެއް ބަޔެކެވެ. ޤައުމޭ ބުނުމުން އެ ބަސް ނިސްބަތްވަނީ ހަމައެކަނި ފިރިހެނުންނަށް ކަމަށް ޝަޢުރާވީ (ތ.ނ) ވިދާޅުވެއެވެ.
ދިވެހިބަހުގައި ޤައުމު ދެ މާނައެއްގައި ބޭނުންކުރެވިފައިވާތީ ފެނެއެވެ. އެއީ ދިވެހި ނައުޢު ނުވަތަ ދިވެހި ރައްޔިތުންގެ މާނައިގައްޔާއި، ދިވެހި ދައުލަތް ރަމްޒުކުރާ އިމުގެ މާނައިގައެވެ. ފުރަތަމަ މާނަޔަށް ބަލާއިރު ޙުސައިން ޞަލާޙުއްދީން (1937) ބަޔާންކުރައްވަނީ ދިވެހީންނަކީ ކިތަންމެ ޤައުމު މަދުވެފައި ރާއްޖެ ކުޑަޔަކަސް އެންމެން އިސްލާމްވެ އެކަލޭގެފާނު ]މުޙަންމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް[ ގެ މާތް ދީނުގައި ފައިތިލަ ސާތިބުކޮށްގެން އުޅޭތާ އަށެއްކަ ސަތޭކަ އަހަރުވެއްޖެބައެކެވެ(ޞ. 04). މި ހެންނެވެ. މި އިބާރާތުގައި ދިވެހީންނަކީ [ކިތަންމެ ޤައުމު މަދުވެފައި] މި ފަދައިން އޮތުމުން އެނގެނީ ޞަލާޙުއްދީން (1937)ގެ އަރިހުގައި ވެސް [ޤައުމު]އަކީ އިންސާނުންގެ ޖަމާޢަތެއްކަމެވެ. އަންހެނުންނާއި ފިރިހެނުން އެކުލެވިގެންވާ ގޮތަށެވެ. ހަމަ އެހެންމެ އެއާ ވިދިގެން ވަކި މަފުހޫމެއްގެ ގޮތުގައި [ރާއްޖެ] ގެންނަވައިފައި އޮތްއޮތުމުން ކަށަވަރުވަނީ އެމަނިކުފާނުގެ އަރިހުގައި ރާއްޖެއަކީ ނުވަތަ ދިވެހިރާއްޖެއަކީ ދިވެހީން ދިރިއުޅޭ އިންކަމެވެ. ދިވެހި ދައުލަތުގެ ބިންކަމެވެ.
ދިވެހިބަހުގެ ބަސްފޮތް (2014) ގައި ޤައުމު ނުވަތަ ގައުމު ނުވަތަ ޤަޥްމު މި ތިން ލަފުޒުންކުރެ ލަފުޒެއް ނެތެވެ. އެކަމަކު [ޤައުމީ ނިޝާން] އެއީ ޤައުމުގެ ދިދަކަމަށާއި ޤައުމީ ބަސް އެއީ އެބައެއްގެ މާދަރީ ބަސްކަމަށް ދިވެހި ބަސްފޮތް (2014) ބުނެއެވެ. މީގެ އިތުރަށް ރައްޔިތުންގެ މަޖިލިސް (2008) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ވެސް ޤައުމާއި ދިވެހިރާއްޖެ އިސްވެ ދެންނެވުނު ދެ މަފުހޫމުގައި ބަޔާންކުރައްވައިފައިވާތީ ފެނެއެވެ(ފުރަތަމަ ބާބު: ޞ.3). މި އަސާސްތަކުން ކަށަވަރުވަނީ ދިވެހި ބަހުގައި ޤައުމުގެ އެއް މާނައަކީ ދިވެހި ދައުލަތް ރަމްޒުކުރާ އިންކަމެވެ. އަނެއް މާނައަކީ އެ އިމަށް ނުވަތަ ދިވެހި ދައުލަތަށް ނިސްބަތްވާ އިންސާނީ ޖަމާޢަތެވެ. ދިވެހީންނެވެ. ދިވެހި ރައްޔިތުންނެވެ. ވީމާ ޤައުމުދެކެ ލޯބިވުންކަމުގައި ވާނީ މި ދެ ޢުންސުރު ދެކެ ލޯބިވެވުމުންނެވެ.
ލޯބިވެވޭނީ ކިހިނެއް؟
ލޯތްބަކީ ކޮބައިތޯ ފަލްސަފާވެރީންގެ މެދުގައި ބަހުސު ހިނގައެވެ. ޤަދީމީ ތިޔަރީތަކުގެ ތެރެއިން ޕްލޭޓޯ (347/420 ބީސީ) ލޯބި ސިފަކުރައްވަނީ ޖިންސީ އެދުމުގެ މައްޗަށް ހިނގާ ޝުޢޫރެއްގެ ގޮތުގައެވެ(ރޮބަޓް އީ ރޮންގަރ، 1997). ނަމަވެސް އީރޮންގަރ (1997) ގަބޫލުކުރައްވާ ގޮތުގައި ލޯބީގެ އެތައް ބާވަތެއް ހުރެއެވެ. ތިމާގެ އަމިއްލަ ރަށް ދެކެ ވެވޭ ލޯތްބެވެ. އަމިއްލަ ވަޒަނާއި ވަޒީފާ އަދާކުރާތަނާ މި ފަދަ އެތައް ތަނެއްދެކެ ތަފާތު އެތައް ކަމެއް ދެކެ ވެވޭ ލޯތްބެވެ. ވީމާ ލޯތްބަކީ ދިރިއުޅުން މާނަހުރި އެއްޗަކަށް ހަދައިދޭ އިޙްސާސެވެ(އީ ރޮންގަރ، 1997).
އިސްލާމްދީނުގައި ލޯތްބަކީ ޠާހިރު އިޙްސާސެކެވެ. އެހެނީ އާޢިޟުލްޤަރްނީ (ތ.ނ) ވިދާޅުވާ ގޮތުގައި ލޯބީގެ ތަފާތު ބާވަތްތައް ހުރެއެވެ. ނަމަވެސް އިސްލާމީ މަފުހޫމުގައި ލޯތްބަކީ ﷲއާއި އެކަލާނގެ ރަސޫލާގެ ޙައްޤުމަގަށް ޓަކައި ހިތްލެނބޭލެނބުމެވެ. ދީނާއި ޤައުމަށް ޓަކައި ޤުރުބާންވެ ޝަހީދުވަނީ މި ލޯބީގައެވެ.
ދެން އޮތް ސުވާލަކީ އިންސާނާ ވަކި އެއްޗެއް ނުވަތަ ތަނެއް ނުވަތަ މީހެއް ދެކެ ލޯބިވުމުން ދެން އޭނާ ކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލެވެ. ބާބާ ޑިއޮން (1968)ގެ ކިބައިން ޑޭވިޑް ލިއޮންގ (2017) ނަކަލުކުރައްވާ ގޮތުގައި އެންމެ ފަހުން އާޚިރުގައި އިންސާނާއަށް ޙިމާޔަތްކުރެވޭނީ ހަމައެކަނި އޭނާ ލޯބިވާ އެއްޗެކެވެ. (ޑިއޮމް، ޕެރަ3: 1968). އެހެންކަމުން ޤައުމީ ލޯބި އަންގައިދީ އުނގަންނައިދޭން ޖެހެއެވެ. ޤައުމު ސަލާމަތުން ދިރިދެމި އޮތުމަށް ޓަކައި ޤައުމުގެ ދަރީންނަށް އެ ލޯބީން ފުރާނައެޅުން ފިސާރި އެބަ މުހިންމުވެއެވެ.
ޤައުމީ ލޯތްބަކީ ކޮބާ؟
ޤައުމީ ލޯތްބަކީ ޤައުމެއްގެ އަހުލުވެރީންނާއި، ވަޒަނުގެ މައްޗަށް އެ ޤައުމެއްގެ އަހުލުވެރީންގެ ހިތްތަކުގައި ފިޠުރީ ގޮތުން އުފެދޭ ލޮބުވެތިކަމުގެ ޖަޒުބާތެވެ. ޤައުމީ ލޯތްބަކީ އެ ޤައުމެއްގެ އަމިއްލަވަންތަކަމާއި އަމިއްލަ ސިފަތައް ދިފާޢުކުރުމުގެ މައްޗަށް ހިނގާ އިޚްލާޞްތެރި ޝުޢޫރެވެ (މަނާރާތު، 2013). މުޙަންމަދު އަމީން މި ކަމަށް ބޭނުންފުޅުކުރައްވާ އެއް މުޞްޠަލަޙަކީ [ޙުލްބުލްޥަޠަން] އެވެ. ޙުއްބުލްޥަޠަނުން ގަސްތުކުރެވޭ މާނައަކީ ތިމާގެ އަމިއްލަ ވަޠަން ދުޝްމަނުންގެ ކިބައިން ރައްކާތެރިކުރުމުގެ ޣީރަތު ހުރުމާއި، އެ ވަޠަން ދެކެ އިންތިހާޔަށް ލޯބިވުމާއި އެ ވަޒަނާމެދު ފަޚުރުވެރިވުމުގެ ޝުޢޫރު ހިތުގައި ހިނގުމެވެ(މުޙަންމަދު މަރުވާން، 2017). ޤައުމު ދެކެ ލޯބިވެވޭނީ ޤައުމު ދެނެގަނެވިގެންނެވެ. ޤައުމިއްޔަތުގެ ބަހާތައް މޭރުންވެ ދޭހަވެގެންނެވެ. ދިވެހި ޤައުމިއްޔަތުގެ ރުކުންތައް ކަމަށް ކަށިމާ އަޙްމަދު ޝާކިރު ބަޔާންކުރައްވަނީ އިސްލާމްދީނާއި ދިވެހިބަހާއި ދިވެހި ސަގާފަތެވެ (އަޙްމަދު ޝާހިދު، 2014). އެހެންކަމުން ދިވެހި ޤައުމުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އޮތީ މި ތިން ރުކުން ރަނގަޅަށް ދިވެހީންނަށް އޮޅުންފިލުމުގައެވެ. މި ތިން ރުކުނަށް އަހުލުވެރިވުމުގައެވެ. ޙުރުމަތްތެރިކޮށް ހިތައި ލޯބިކުރުމުގައެވެ.
އިސްލާމްދީނާއި ޤައުމީ ލޯބި
އިސްލާމްދީނަކީ ދިވެހި ޤައުމިއްޔަތުގެ ފުރަތަމަ ރުކުނެވެ. ޤައުމުގެ ފުރަތަމަ މާނަކަމުގައިވާ އިންސާނީ ޖަމާޢަތުގެ މެދުގައި ލޯބި އޮތުމަށް އިސްލާމްދީން ބާރުއަޅައެވެ. އެހެނީ އިސްލާމްދީނަކީ ރަޙްމަތުގެ ދީނެވެ. އެ ރަޙްމަތް މާތް ﷲއާއި އަޅާއާ ދެމެދުން ފެށިގެން ދޭދޭ އަޚުންނާއި އެއްރަށް އަނެއް ރަށާއި ޤައުމުޤައުމުގެ ނިސްބަތުން ގޮސް ހެއްދެވިފައި ތަކެއްޗާއި މުޅި ޢާލަމްތަކަށް ފުޅާވެ ތަނަވަސްވެގެންވެއެވެ. އެ ގޮތުން އިންސާނީ ޖަމާޢަތާމެދު އިސްލާމީ ޝަރީޢަތުގެ ފުރަތަމަ މަޞްދަރުކަމުގައިވާ ކީރިތި ޤުރުއާނުގައި ބަޔާންވެގެންވެއެވެ. يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ (އަލްޙުޖްރާތު: 13). އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ ފިރިހެނަކާއި އަންހެނެއްގެ ކިބައިންނެވެ. (އެ ބަހީ އާދަމުގެފާނާއި ޙައްވާގެފާނުގެ ކިބައިންނެވެ) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމުތަކާއި ޤަބީލާތަކަށް ލެއްވީ ތިޔަބައި މީހުން އެއް ބަޔަކު އަނެއް ބަޔަކަށް ތަޢާރުފުވުމަށްޓަކައެވެ (ތަރުޖަމާ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، 2008). މި އާޔަތުގެ ތަފުސީރުގައި ޖަލާލައިން (1459މ) ބަޔާންކުރައްވަނީ މި ތާނގައި [ތަޢާރުފުވުން] މި އިބާރާތުގެ މުރާދަކީ އޭރު އަރަބީންގެ މެދުގައި އޮތް ޤަބަލީ ތަޢައްޞުބުން މުޖުތަމަޢު ސަލާމަތްކުރެއްވުންކަމަށެވެ. އެ ގޮތުން ޤަބީލާގެ މައްޗަށް ބޮޑާވެގަތުމާއި ބަސްގަދަކުރުމުގެ ރޫޙު ނައްތައިލެއްވުމެވެ. ނަތިޖާއަކަށްވާނީ ލޯތްބާއި ކުލުނު އިންސާނީ ޖަމާޢަތުގައި އަށަގަތުމެވެ.
އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރުން ވެސް އިންސާނީ ޖަމާޢަތުގެ މެދުގައި ލޯބި އޮންނާން ޖެހޭކަން ސާބިތުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘަކަށް އިޝާރާތްކުރައްވާ ޙުސައިން ޞަލާޙުއްދީން (1937) ވިދާޅުވަނީ އިތުރު އެކަލޭގެފާނުގެ ގޮވައިލެއްވުމަކީ އެކަކު އަނެކަކަށް ރަޙުމުކުރުމެވެ. ގުޅިގެން ޖަމާޢީ ގޮތެއްގައި އުޅުމެވެ. އެހެނީ ބަކަރި އައިނުގެ ތެރޭން ވެސް މިނިކާވަގު ޖަހައިގަނެގެން ގެންދަނީ ވަކިން އޮންނަ ބަކަރިއެވެ. އެހެންކަމުން ޤައުމުގެ ފުރަތަމަ މާނައިގައި ހިމެނޭ، ޖަމާޢަތަށް ލޯބިކުރުމާއި ގުޅިގެން އުޅުމަށް އިސްލާމްދީން ބާރުއަޅާމިންވަރު ފެނެއެވެ. އަދި އެކަން އެހެން ނުކުރެވި ބައިބައިވެ ވަކިވަކިވެވިއްޖެ ނަމަ ވަކި ވަކިން ތިބޭ ބަކަރިތައް މިނިކާވަގު އައިނުގެ ސިކާރައަށްވާ ފަދައިން ޤައުމުގެ ފުނި ރޫޅުމުން ރައްޔިތުން ވިއްސިވިހާލިވެ ދުޝްމަނުންގެ އަތްދަށުވެ ހަލާކުވެ ހިނގައިދާނެއެވެ. އެހެންކަމުން ޤައުމު ދެކެ ނުވަތަ ޤައުމުގެ ޖަމާޢަތް ދެކެ ލޯބިވުމުގެ ޝުޢޫރަކީ ޤައުމެއް ދެމި އޮތުމުގެ މުހިންމު އަސާސެއްކަން ދީނުގެ އެންމެ އިސް ދެ މަސްދަރުން އެބަ ޔަޤީންވެ ކަށަވަރުވެއެވެ.
ދިވެހި ބަހުގައި ޤައުމުގެ ދެ ވަނަ މާނަކަމުގައިވާ ދިރިއުޅޭ ވަޒަން ނުވަތަ އުފަން ބިމަށް ލޯބިކުރުމަށް ވެސް އިސްލާމްދީން ގޮވައިލައްވައެވެ. އެހެނީ މި ކަން ވެސް ކީރިތި ޤުރްއާނުންނާއި ކީރިތި މާތް ނަބިއްޔާގެ ޤައުލީ ސުންނަތުންނާއި ފިޢުލީ ސުންނަތުން ސާބިތުވެއެވެ. لَّا يَنْهَاكُمُ اللَّـهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ ﴿އަލްމުމްތަޙިނާ:٨﴾ ތިޔަ ބައި މީހުންގެ ދީނާ ހުރެ، ތިޔަބައި މީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައި މީހުންގެ ގޮވަތިގެދޮރުން ތިޔަބައި މީހުން ބޭރުކޮށްނުލާ މީހުންނަށް ހެޔޮކޮށް ހިތައި އަދި އެއުރެންނަށް ޢަދުލުވެރި ގޮތުގައި ކަންކުރުން މާތް ﷲ ތިޔަބައި މީހުންނަށް މަނައެއްނުކުރައްވަތެވެ. ހަމަކަށަވަރުން ޢަދުލުވެރީންދެކެ ﷲ ލޯބިވޮވޮޑިގެންވެއެވެ (ތަރުޖަމާ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، 2008). ޝަމްސުއްދީން ބަރައުބީ (2008) ވިދާޅުވާގޮތުގައި މި އާޔަތުގައި އޮތް [ دِيَار] ނުވަތަ [الدار] ވަޠަނުގެ މާނައިގައި ކީރިތި ޤުރްއާނުގެ 10 ތަނެއްގައި ވާރިދުވެގެންވާކަމަށް ޝައުކާނީއާއި އިބްނުލްޖައުޒީގެ ތަފުސީރުގައި ބަޔާންކުރައްވައެވެ. އެހެންކަމުން މުސްލިމުން ހަނގުރާމަ ކުރަންޖެހޭ އެއް ސަބަބެއްގެ ގޮތުގައި މި އާޔަތުގައި ކަނޑައަޅުއްވައިފައިވާ ޝަރުޠަކީ އަމިއްލަ ވަޠަން ދިފާޢުކުރުމަށް ޓަކައެވެ. މި ގޮތުން އެތައް އާޔަތަކުން އަމިއްލަ ވަޠަން ދެކެ ލޯބިވުމާއި އެ ވަޠަން ޙިމާޔަތްކުރުމީ ދީނީގޮތުން ވެސް ކުރާންޖެހޭކަމެއް ކަން ކީރިތި ޤުރުއާނުން ސާބިތުވެއެވެ (މުޙަންމަދު ޞާލިޙުއްތާޖިރު އަލްޚައްލާޤީ، 2008).
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޤައުލީ ސުންނަތަށް ބަލާއިރު، ޤައުމުދެކެ ނުވަތަ ވަޠަން ދެކެ ލޯބިވުމާ މެދު އެކަލޭގެފާނުގެ ޙަދީޘްފުޅުތައް ގިނަގުނައެވެ. މި ގޮތުން މައްކާ ދޫކުރައްވައި މަދީނާއަށް ގެމަށްވޮޑިގަތްރޭ ގެފުޅު އަރިހުގައި ހުންނަވައި ގެފުޅާ މުޚާޠަބުކުރައްވައި ވިދާވި ބަސްފުޅުތައް ފުދެއެވެ. (ما أطيبَك من بلدٍ! وما أحبَّك إليَّ! ولولا أن قومي أخرجوني منك، ما سكنتُ غيرَك)؛ رواه الترمذي. މި ބަސްފުޅުތަކުގެ މާނަ ޙުސައިން ޞަލާޙުއްދީން (1937) ގެންނަވަނީ މި ފަދައިންނެވެ. އޭ މައްކާއެވެ! މާތް ކަލާނގެ ހެއްދެވިހައި ބިންތަކުތެރެއިން އަހުރެން އެންމެ ލޯބިވާ ބިމަކީ ކަލޭގެއެވެ. އެކަމަކު ކަލޭގެ އަހުލުވެރީން އަހުރެން ނެރެލައިފިޔަތީވެ މި ދަނީ ނުކުމެގެންނެވެ. ނެރެނުލިނަމަކަ ނުނިކުތީމުހެވެ(ޞ، 99). މިއަށް ފަހު މަދީނާއަށް ވަޑައިގެން ދެން ވެސް ކުރެއްވި ދުޢާފުޅުން އަމިއްލަ ފަސްގަނޑާއި ވަޠަންދެކެ ލޯބިވާން ޖެހޭ މިންވަރު ހާމަވެއެވެ. اللهم حبِّبْ إلينا المدينةَ كحُبِّنا مكةَ أو أشدَّ (މުޚާރީ، މުސްލިމް). މާނައަކީ ހައްދަވައި ބޮޑުކުރެއްވި ކަލާކޯއެވެ! އަޅަމެންގެ ހިތްތަކުގައި މައްކާގެ މައްޗަށް ލޯބި ޖެއްސެވިފަދައިން، ނުވަތަ އެއަށްވުރެ ބޮޑަށް މި މަދީނާގެ މައްޗަށް އަޅަމެންގެ ހިތްތަކުގައި ލޯބި ޖައްސަވާނދޭވެ.
ޤައުމު ނުވަތަ ޥަޠަންދެކެ ލޯބިފުޅުވުމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ބަލާއިރު، އަނަސުގެފާނާ ޙަވާލާ ދެއްވައި އަޙްމަދު ބިން ޢަބްދުލްޙަމީދު އައްނައްޖާރު (2015) ނަގުލުކުރައްވާ އަސަރެއްގައި ވެއެވެ. ހަނގުރާމަތަކަށް އިސްލާމީ ލަޝްކަރާއެކު އިތުރު މާތް ނަބިއްޔާ ވަޑައިގެން އުޅުއްވައިފައި، އެނބުރި މަދީނާއަށް ލަޝްކަރު އަންނަ ދުވަސްދުވަހު މަދީނާ ފެނިވަޑައިގަތުމުން އުފާފުޅުކުރައްވައި ދަތުރުގެ ދުވެލި ހަލުއިކުރެއްވުމަށް ޝައުޤުވެރިކަމާއެކު މާތް ނަބިއްޔާ އެދިވަޑައިގަންނަވައެވެ. ހަމަ އެހެންމެ އަލްޙާފިޡް އައްޒަހަބީއަކީ އިތުރު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ލޯބިފުޅުކުރައްވާ ފަރާތްތަކުގެ ލިސްޓެއް އެއްކުރެއްވި ބޭކަލެކެވެ. އެ ލިސްޓުގައި ވަނީ ޢާއިޝަތުގެފާނު، އަބޫބަކުރުގެފާނު، އުސާމާ، ޙަސަން، ޙުސައިން، ފޮނިފަރީއްކޮޅު، މާމުއި، އުޙުދު ފަރުބަދަ، ދެން ވަޠަނެވެ. އެހެންކަމުން ޤައުމު ނުވަތަ ވަޠަންދެކެ ލޯބިވުމަކީ ނަބަވީ ސުންނަތެކެވެ. އިސްލާމްދީން ނުހަނު ތަރުޙީބުދޭކަމެކެވެ. ވީމާ ދިވެހި އިސްލާމީ ޤައުމު ޙިމާޔަތްކުރުމުގައި މި މާތް ސުންނަތަށް ދިވެހި މުސްލިމު ރައްޔިތުން އިސްކަންދޭންޖެހެއެވެ.
ދިވެހިޤައުމާއި އިސްލާމްދީން
އިސްލާމްދީނަކީ ދިވެހި ޤައުމިއްޔަތުގެ އެންމެ ޚާއްޞަ އެއް ބަހާއެވެ. ދިވެހީންނަށް މި މާތް ދީން ލިބުމުގައި މެދުވެރިވި ބޭކަލަކީ މަޣުރިބުކަރައިގެ އަބުލްބަރަކާތު ޔޫސުފު އަލްބަރްބަރީއެވެ(މުޙަންމަދު ޖަމީލު، 1993). އެއީ މީލާދުން 1153ގައި އަދި ހިޖުރައިން 548ގައެވެ (ނަސީމާ މުޙަންމަދު، 2010).
އިސްލާމް ދީނަކީ ވަޙްދަތުގެ ދީނެވެ. ދީނުގެ ތަރަހައަކީ އެއީއެވެ. އެއް އިލާހެކެވެ. އެއް އުންމަތެކެވެ. إِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً (އަލްއަންބިޔާއު: 92). ހަމަ ކަށަވަރުން މިއީ އެއް އުންމަތެއްކަމުގައިވާ ތިޔަބައި މީހުންގެއުންމަތެވެ (ތަރުޖަމާ: ރައީސް އޮފީސް: 2008). އެހެންކަމުން ޤައުމީ ލޯބީގެ ރޫޙު އާލާކޮށް ދިވެހީންނާއި ދިވެހި ފަސްގަނޑާ މެދު އަގަލާ ކުލުނު އުފެއްދުމުގައި އިސްލާމީ ނިޒާމަކީ އޭގެ ޞައްޙަ ގޮތުގައި ރައްކާތެރިވެ އޮތުން މުހިންމު ނިޒާމެކެވެ.
މި ޙަޤީޤަތުގެ މައްޗަށް ދިވެހީންގެ ދީނީ ރޫޙު އަށަގެންނެވުމަށް ދިވެހީންގެ އިހުގެ އެދުރުންނާއި ދައުލަތުގެ ފަރާތުން ވަރަށް އިސްކަން ދެއްވިއެވެ. މީގެ އެއް ދަލީލަކީ ވާދޫ ދަންނަކަލޭގެފާނަށް ފަހު މުޅި ރާއްޖެ ޝާފިޢީ މަޒުހަބަށް އެނބުރިގެން ދިޔުމެވެ. އެންމެން އެއް ގޮތަކަށް ދީނުގެ އަޅުކަންތައް އަދާކުރަމުން ދިޔުމެވެ. ހަމައެހެންމެ ސަރުކާރުން ރަސްމީކޮށް ތަޢުލީމު ދެއްވާން ފެށްޓެވި އިރު އެންމެ ފުރަތަމަ ވެސް ދީނުގެ ފަރުޟު ޢިލްމުތަކުން ފެށްޓެވިއެވެ. އެ ޢިލްމުތައް އުނގަންނައިދެއްވުން ސަރުކާރުގެ ބެއްލެވުމުގެ ދަށުން ކުރިޔަށްގެންދެވިއެވެ. އެއީ މާލޭ ހުކުރު މިސްކިތު ދޮރޯށީ ދާލައިގައި 1068ހ. ގައި، އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައެވެ(މުޙަންމަދު ޖަމީލު، 1985، ޞ.9). ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އެކުލަވައިލުމުގެ އިޒުނަފުޅު އައްސުލްޠާނު މުޙަންމަދު ޝަމްސުއްދީން (3) ދެއްވި އިރު އެ އިޒުނަފުޅުގައި ވެސް އެންމެ ފުރަތަމަ އޮތީ އިސްލާމްދީނާ ޚިލާފުވެގެން ނުވާނެވާހަކައެވެ.
މަގޭ ވޮނަދޮނަ ރާއްޖޭގެ ދައުލަތުގެ ކަންތައްތައް ހިނގުމަށް ވަކި ޤާނޫނުތަކެއް ލިޔެވި ޤަރާރުވެފައި ނުވާކަމަށް ޓަކައި ތިޔަ އެންމެ ކަލުން އެއްވެ މަޖުލިސްކޮށް ތިބެގެން ވާހަކަދައްކައި، އިސްލާމްދީނާ ޚިލާފުނުވާގޮތަށް މިރާއްޖޭގެ މުސްކުޅި އާދަކާދައިގެތެރެއިން މި ޒަމާނަށް ކަމުދާންހުރި ގޮތްތައްލައިގެން މި ދައުލަތަށް މިހިނދަށް ލިބިފައި ހުރި ފައިސާވެރިކަމުގެ މައްޗަށް ވިސްނުން ބަހައްޓައިގެން، މަގޭ ރައްޔިތުންނަށް ލުއިކުރެވޭން ހުރި މިންވަރަކަށް ލުއިކުޅައުމަށް ބުރަވެ ތިބެގެން ބޭރުގެ ކަންކަމާ ބެހޭ ޤާނޫނުތަކުގައި އިނގިރޭސި ދައުލަތާއި މި ދައުލަތާއި ދެމެދުގައި އޮތް މުޢާހަދާއަށް ޚިލާފުނުވާނޭ ގޮތަށް ދައުލަތުގެ އެންމެހައި ކަންތައް ހިންގުމުގެ ޤާނޫނުތައް ހަދައި ލިޔެ ޤަރާރުކޮށްފަނީކޮށު.
ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު (2019).
ރާއްޖޭގެ ވެރިކަމުގެ ފަރާތުން ހިފަހައްޓަވަމުން މި އައި އުސޫލު އިހުގެ އެދުރުން ވެސް ހިފަހައްޓަވައި ދީނީ ވަޙްދަތުގެ ސަބަބުން ޤައުމީ އެއްބައިވަންކަން ދެމެހެއްޓެވިއެވެ. މިސާލަކަށް އެދުރު އުމަރު މާފަތްކަލޭފާނު ހެއްދެވި [ބޮޑު ތާހީދު] ރައިވަރު ފޮތުގައި 445 ރައިވަރު ހިމެނެއެވެ (ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، 2010). މި ފޮތް އުނގަންނައިދެނީ އިސްލާމީ ތައުޙީދު ޢިލްމެވެ. މި ފޮތް ވެސް އެކުލެވިގެންވަނީ ޝާފިޢީ އަސްލުތަކަށް ހިމުންވާ ގޮތަށެވެ. ހަމަ އެހެންމެ 19 ވަނަ ޤަރުނުގެ ތެރޭގައި ޝާއިޢުކުރެވުނު ބޮޑު ފިޤުހު ފޮތް ޒުހުރުލްކަމާލާތި ފީ އަޙްކާމިލް ޢިބާދާތި (ބޮޑުތަރުތީބު) އާއި 1937ވަނަ އަހަރު ޙުސައިން ޞަލާޙުއްދީން ލިޔުއްވި ސީރަތު ފޮތްބައިގައި ވެސް އިސްކަންދެއްވީ ދީނީ އެއްބައިވަންތަކަމަށެވެ. މިއަށް ފަހު މުޙަންމަދު ޖަމީލު ލިޔުއްވި ތަޢުލީމުއްދިޔާނާއާއި އިރުޝާދުލް އަނާމާއި، މި ފަދަ ފޮތްތައް ވެސް ހުރީ ފިޤުހީ ގޮތުން އެއް އަސްލެއްގެ މައްޗަށެވެ.
މި ފަދަ ގޮތެެއްގައި ރާއްޖޭގެ ދީނީ ރޫޙު އޮއްވައި އެންމެ ފުރަތަމަ ރާއްޖޭގައި އުފެދުނީ މަޒުހަބީ އަރައިރުންތަކެވެ. އިބްރާހީމް ޙަސަން (2012) ވިދާޅުވި ގޮތުގައި މި ކަން ބޮޑަށް ފެތުރިގެން ދިޔައީ އިންޑިޔާއާއި ޕާކިސްތާނާއި މަދީނާއިން އަދި މިޞުރުން ރާއްޖެ ވަޑައިގަތް ބައެއް ބޭފުޅުން ތަފާތު އިޚްތިލާފީ މައްސަލަތައް އާންމުކުރައްވަން ފެށްޓެވުމުންނެވެ. މި ކަންވަރަށް ބޮޑަށް ފުޅާވެ މިސްކިތުގެ ތެރޭގައި ވެސް ބޮޑެތި ހަމަނުޖެހުންތައް ހިންގާން ފަށައިފިއެވެ.
ދިވެހި ޤައުމިއްޔަތުގެ އެންމެ ޚާއްޞަ ބަހާކަމުގައިވާ ދީނަށް ދެން ލިބުނު ގެއްލުމަކީ ބޭރު މީހުންގެ ހަމަލާތަކެވެ. މުސްތަޝްރިޤުންގެ އުނދަގޫތަކެވެ. މި ގޮތުން އެތެރެ ބައިބައިވަމުން ދަނިކޮށް ބޭރުގެ ހަމަލާތައް ވަރުގަދަވިއެވެ. ޢަބްދުއްރަޝީދު ޙުސައިން (1999) ކަށަވަރުކޮށްދެއްވާ ގޮތުގައި 1970ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ނަޞާރީން ފެތުރުމުގެ ޙަރަކާތްތައް ބޭރުގެ ފަރާތްތަކުން ބާރަށް ކުރިޔަށްގެންދެއެވެ. އެ ގޮތުން ޖޯޝުއަރ ޕްރޮޖެކްޓުގެ ދަށުން ދިވެހީންނަށް ޚާއްޞަކޮށް ރޭޑިޔޯ ޕްރޮގްރާމުތައް ފޮނުވިފައިވެއެވެ. ފޮތްތައް ޗާޕުކުރެވިފައިވެއެވެ. ފާހަގަކޮށްލެވޭ އަނެއް ނުކުތާއަކީ ގޯޕަލް ޕްރޭޔަރ (1988) ގައި ބަޔާންކޮށްފައި ވާ ގޮތުގައި އޭރު ދިވެހި ބަހަށް ބައިބްލްގެ އެންމެ ބާބެއް ވެސް ތަރުޖަމާކުރެވިފައެއް ނުވެއެވެ. ނަމަވެސް މިއަދު ތަފާތެވެ. މުޅި ބައިބަލްތަރުޖަމާކޮށް އާންމުކުރިތާ އެތައް ދުވަހެއް ވެއްޖެއެވެ.
ދިވެހިބަހުން ދިވެހީން އެތައް ލިޔުންތަކެއް އެބަ ލިޔެއެވެ. މީގެ އިތުރަށް ކަލަކުވޮޑިގެން ވާކަން ގަބޫލުނުކުރާ ބަޔަކު އުފެދި އެމީހުން އިޖުތިމާޢީ ވިޔުގައިގެ ތެރޭގައި ފާޅުގައި ދީނަށް ފުރައްސާރަކުރާންފަށައިފިއެވެ.
މި ކަންކަމާއެކު ދީނުގެ ނަމުގައި ހައްދު ފަހަނައަޅައިދިޔުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އެބަ ދެއެވެ. ރާއްޖޭގައި ހިނގާ ބައެއް މަރުތަކާ ދީނީ ހައްދުފަހަނައެޅުމާ ގުޅުން އެބަ ހުއްޓެވެ(މޯލްޑިވްސް ޕޮލިސް ސަރވިސް، 2010). ހަމަ އެހެންމެ ކުޑަކުދީންނާއި އަންހެނުން ހިމެނޭ ގޮތަށް މިހައިތަނަށް 61 ދިވެއްސަކު ބޭރުގެ ހަނގުރާމަތުގައި ބައިވެރިވުމަށް ވަނީ ގޮސްފައެވެ(ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް، 2018).
ވީމާ، މިއިން އެނގެނީ ދިވެހި ޤައުމިއްޔަތުގެ އެއްބަހާކަމުގައި ވާ މާތްވެގެންވާ އިސްލާމްދީން ދިވެހީންގެ ތެރޭގައި އޮތް ގޮތެވެ. ބައިބައިވުން އޮތް މިންވަރެވެ. އޭގެ ސަބަބުން ޤައުމުގެ ޖަމާޢަތް ރޫޅި ވަޔަށް ބުރައިގެން ގޮސްފައިވާ މިންވަރެވެ. އެހެންކަމުން މުޖުތަމަޢު ދިރި އަމާންކަމާއެކު ހިންދެމިލުމަށްޓަކައި ދީނުގެ ބަދަހި ސަފުތައް އޭގެ ވަޙްދަތާއެކު ރުކުރުވައިލަންޖެހެއެވެ.
ދިވެހި ބަސް
ދިވެހި ބަހަކީ ދިވެހި ޤައުމިއްޔަތުގެ ދެވަނަ ރުކުނެވެ. އެއީ ދިވެހީންގެ މާދަރީ ބަހެވެ. އިންސާނާ އޭނާގެ މައިމީހާގެ ރަޙިމުގެ ތެރޭގައި އޮވެގެން އެ މައިމީހާގެ ކިބައިން ބަސް އުނގެނެއެވެ (މޮލީ އެމްސީ އެންރޯއީ، 2013). ހަމަ އެހެންމެ ކީރިތި ޤުރްއާނުގައި މާދަރީ ބަހުގެ ނަންގެނެވިގެންވަނީ ބަހުގެ ޙަޤީޤީ ބާރާމެދު ވިސްނައިލަން ޖެހޭ ފަދަ ގޮތަކަށެވެ. وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا بِلِسَانِ قَوْمِهِ لِيُبَيِّنَ لَهُمْ ۖ ﴿ ސޫރަތު އިބްރާހީމް، 4﴾ ތިމަން ރަސްކަލާނގެ އެއް ވެސް ރަސޫލަކު އެ ބޭކަލެއްގެ ޤައުމުގެ ބަހުން މެނުވީ ނުފޮނުއްވަމެވެ. (އެއީ) އެއުރެންނަށް ސާފުކޮށް ބަޔާންކޮށްދެއްވުމަށް ޓަކައެވެ(ތަރުޖަމާ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، 2008). މާތް ﷲ މި އުންމަތުގެ ނަބިއްޔާ ފޮނުއްވި ކުރުބަހުގައި ގިނަ މާނައެކުލެވޭ މަގުން ޖަވާމިޢުލްކަމުގެ ވެރި ސާހިބާގެ ގޮތުގައެވެ(ޙުސައިން ޞަލާޙުއްދީން، 1937). އެހެންކަމުން ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ބަހަކީ އަދި ޚާއްޞަކޮށް އިންސާނާގެ މާދަރީ ބަހަކީ އޭނާއާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. ޤައުމެއްގެ ނިސްބަތުގައި އިންސާނާއާ ބަހާ ހުރި ގުޅުން ބަޔާންކުރައްވައި ނޯމްޗޮމްސްކީ (2011) ވިދާޅުވަނީ ބަހަކީ ހަމައެކަނި ހުސް ލަފުޒުތަކެއް ނޫެނެވެ. އަދި ކިޔެއްތަ ބަހަކީ ސަގާފަތެވެ. އާދަކާދައެވެ. މުޖުތަމައެއްގެ ހުރިހައި ކަމެއްގައި އެއް ޔުނީފޯމެއް އަޅުވާ އަސާސެވެ. އެ ބައެއްގެ މުޅި ތާރީޚު އެ މައްޗަށް ބިނާވެ އެ ބަޔަކީ ކޮންބައެއްކަން އަންގައިދޭ ބަހާއަކީ ބަހެވެ. ބަހަށް ކޮށި މީހާ ވިސްނުންކޮށިވާނެއެވެ (ރަބިންދްރަ ނާތު ޓޭގޯރ، ތނ).
ކަން މިހެން އޮތް އިރު ދިވެހި ބަހުގެ ޙާލަތު އޮތް ގޮތް ވިސްނައިލަމާތޯއެވެ. ދިވެހި ބަހުން ވާހަކަދައްކާ އާބާދީއަކީ 335000 – 41000 ކަމަށާއި އެއީ ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މިހާރުގެ އިންޑިޔާގެ މަލިކު ވެސް ހިމެނޭ ގޮތަށްކަމަށް އެނީ ބޮއިލީ (2017) ވިދާޅުވެއެވެ. ނަމަވެސް ބޮޑު އާބާދީގައި ސާފު ރީތި ދިވެހިބަހުން ވާހަކަ ދައްކައިލަން އެނގޭ މީހުންގެ އަދަދަކީ ކޮބައިތޯ ބަލައިލަން ޖެހެއެވެ. އެހެނީ ބަހެއް މަރުވުމުގެ އަލާމާތްތަކުގެ ތެރޭގައި ޑޭވިޑް ކްރިސްޓަލް (1997) ހިމަނުއްވާ އެއްކަމަކީ ދެ ބަސް މަސްހުނިކޮށްގެން ވާހަކަދެއްކުމެވެ. ޙަސަން ޙަމީދު (2002) ވިދާޅުވާގޮތުގައި ސާފު ދިވެހި ބަހުން އެއްޗެއް ބުނެލަން އެނގޭ ދިވެހީން ދާދި މަދުވެއްޖެއެވެ. ދެ ބަސް މަސް ހުނިކުރުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ މެދުގައި ހެދުނު ދިރާސާއެއްގައި 6%39 ދަރިވަރުން ދެކެނީ އެއީ ދަރިވަރުންގެ ޢިލްމީ ފެންވަރުގެ ހުރި މަތިކަން އަންގައިދޭ ކަމެއްކަމަށެވެ(ހަމީޒާ ޢަފީފު، 2014). ދިރާސާއިން ކަށަވަރުވި އަނެއް ނަތީޖާއަކީ އެ ދިރާސާގައި ބައިވެރިވި ހުރިހައި ދަރިވަރުންނަށް ވެސް ވާހަކަދެއްކެނީ ދެބަސް މަސްހުނިކޮށްގެންކަމެވެ( ހަމީޒާ، 2014).
ބަހަކުން ވާހަކަދެއްކުމުގައި އަދަބުވެރި ބަސްމަގަކީ ވެސް މުހިންމު އެއްޗެކެވެ. ދިވެހިބަހުގައި މި ކަމަށް ބޭނުންކުރަނީ ބަހުގެ ދަރަޖައެވެ. ރާއްޖޭގެ ރައީސްކަން ކުރައްވައިފައިވާ ދެބޭފުޅަކު ދިވެހި ބަހުގެ ދަރަޖަ ބޭނުންކުރައްވާ ގޮތާ މެދު ދިރާސާއެއް ހެދުނެވެ. އެ ދިރާސާއިން ކަށަވަރުވީ، އެ ދިރާސާއަށް އިޚްތިޔާރުކުރެވުނު ރައީސް ނަޝީދު ވެސް ރައީސް ޔާމީން ވެސް ބަހުގެ ދަރަޖައިގެ ހަމައާ ޚިލާފަށް ބަސްމަގު ބޭނުންކުރައްވައިފައިވާކަމެވެ (އާމިނަތު ވަޙީދު، 2015).
ޔުނިވަރސިޓީ ދަރިވަރުންނާއި ޤައުމުގެ އެންމެ މަތީފަންތީގެ ބައެއް ބޭފުޅުންނަށް ފަހު، މަދުރަސީ ދަރިވަރުންގެ ޙާލަތު ބަލައިލަމާ ހިންގަވާށެވެ. ދަރިވަރުންގެ ސާނަވީ އިމްތިޙާނުގެ ރިޕޯޓު (2015) ބުނާ ގޮތުން އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންކުރެ މަޒުމޫނުން ވަރަށް ރަނގަޅު ދަރަޖައަށް އާދެވިފައިވަނީ އެންމެ %5 ދަރިވަރުންނަށެވެ. ވާހަކަލިޔުނު ދަރިވަރުންގެ ތެރޭން ވަރަށް ރަނގަޅުގައި ވަނީ %1 އެވެ. ސީޓިއިން %32 އެވެ. ދޭހައިން އެންމެ %3 އެވެ. ޖުމުލަ 5716 ދަރިވަރުން ބައިވެރިވި މި އިމްތިހާނުން ވަރަށް ރަނގަޅުގެ ދަރަޖައަށް ފޯރީ %6އެވެ (ޑިޕަރޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން، 2015). މީގެ މާނައަކީ އުނގަންނައިދިނުމުގެ ދާއިރާގައި ދަރިވަރުން ވަޒަންކުރާން ގެންގުޅޭ މިންގަނޑުކަމަށްވާ ބެލްކަރވް ދިމާ ނުވުމެވެ. ދަރިވަރުންގެ ބަހުގެ ފެންވަރު އިންތިހާއަށް ދަށްވެފައިވާކަން ސާބިތުވުމެވެ.
ޤައުމިއްޔަތުގެ ދެވަނަ ރުކުން ކަމަށްވާ ބަހުގެ ޙާލު މިހާރު އޮތްގޮތަކީ މިއެވެ. ޔޫސުފު އަލިފުޅު (1985) ވިދާޅުވާގޮތުގައި ގަހަށް ލޯބި ނުކުރާ މީހާ އެ ގަހުގެ ފަތަށް ލޯބި ނުކުރާނެ ފަަދައިން، ބަހަށް ލޯބިނުކުރާ ބަޔަކު އެ ބައެއްގެ ޤައުމަށް ލޯތްބެއް ނުކުރާނެއެވެ. މިހާރު ވެސް ދިވެހި ޤައުމިއްޔަތުގެ ވާހަކައެއް ދައްކައިލަނީ އަދި މީހަކަށް އެއްޗެއް އޮޅުން ފިލާގޮތަށް ދިވެހި ބަހުން އެއްޗެއް ބުނެލެވެނީ އެބައެއްގެ ޅަފަތުގެ ތަޢުލީމު މާދަރީބަހުން ހޯދައިފައިވާ މީހުންނަށެވެ(ޙަސަން ޙަމީދު، 2008). ވީމާ، ޤައުމިއްޔަތުގެ ދެވަނަ ބަހާ ވެސް މި އޮތީ ނިހާޔަތަށް ފަރުވާ ބޭނުންވާ ޙަލެއްގައިކަން ކަށަވަރުވެއެވެ.
ދިވެހި ސަގާފަތު
ދިވެހި ޤައުމިއްޔަތުގެ މުހިންމު އަނެއް ބަހާއަކީ ދިވެހި ސަގާފަތެވެ. ސަގާފަތަކީ އޭގެ ފުންކަމާއި ބާވަތް ތަފާތުކަމުން ސާފު ތަޢުރީފެއް ކަނޑައަޅަން ވަރަށް އުނދަގޫ ލަފުޒެކެވެ. 1952 ވަނަ އަހަރު އެމެރިކާގެ އެންެތްރޮޕޮލޮޖިސްޓަކު ސަގާފަތުގެ 162 ތަޢުރީފު (Definition) ހޯދައި ޖަމާކުރިއެވެ (ސްޕެންސަރ-ކޯޓޭ އެޗް. 2012). ސަގާފަތުގެ ތަޢުރީފެއް ދިނުމުގައި އޮތް މި ދަތިކަން ފާހަގަ ކުރައްވަމުން އަޙްމަދު ޠަލާލު (2009) ވިދާޅުވަނީ ސަގާފަތަކީ އިންސާނާގެ ޢިލްމާއި ވިސްނުމާއި، ފިކުރާއި، މަސައްކަތްތެރިކަމާއި ޤަބޫލުކުރުންތަކާ އަދި ވެސް މި ފަދަ އެތައް ކަމެއްގެ މާނަ ހިމެނޭ ލަފުޒެއްކަމަށެވެ. ކުރުގޮތަކަށް ދަންނަވާ ނަމަ އިންސާނާއަށް އޭނާގެ މުޖުތަމަޢުން ލިބިދޭ ހުރިހައި ހުނަރަކާއި ފިކުރަކީ ސަގާފަތެެވެ (2009، ޞ.9). ވީމާ ދީނާއި، ތަޢުލީމާއި ހުނަރާއި އާދަކާދައާއި މަސައްކަތްތެރިކަމާއި އަދި އެ ބައެއްގެ ތާރީޚު ފަދަ ހުރިހައިކަމެއް އެެއީ އެ ބައެއްގެ ސަގާފަތުކަމުގައި ހިމެނުނީއެވެ.
އާދަކާދައަކީ ޤައުމެއް ނުވަތަ ވަކި ޖަމާޢަތެއް ވަކި ބައެއްގެ ގޮތުގައި ފާހަގަވާން އެބައެއްގެ ކިބައިގައި ޒަމާނުއްދުރެ ހަރުލައިފައި ހުންނަ ކަންކަމެވެ (ޢައްބާސް އިބްރާހީމް 2000 އަދި މުޞްޠަފާ ލުޠުފީ، 2011). ހުރިހައި ޖަމާޢަތެއްގެ އާދަކާދައިގައި ވެސް ރޫޙާނީ ބައެއް ހިމެނެއެވެ (ގިޑެންސް، 1997).
ދިވެހިރާއްޖެއަކީ އިސްލާމްދީނަށް އުޅެމުން އަންނަތާ އަށެއްކަ ސަތޭކަ އަހަރުވެފައިވާ ގައުމެކެވެ. ދިވެެހީންގެ ތެރޭގައި ދީނީ ރޫޙާނީ އަސަރު ވަރަށް ބޮޑަށް އޮތެވެ. އިބުނު ބަޠޫޠާ (1304މ-1368) ދިވެހީން ސިފަކުރެއްވުމުގައި ދިވެހީންނަކީ ދީންވެރި ދުޢާ އިޖާބަވެރި ބައެއްކަމަށާއި މި ހިސާބުގެ ކަނޑުފޭރޭ މީހުން އެކަމަށްޓަކައި ބިރުވެތިވާކަން ފާހަގަކުރައްވައިފައެވެ. ދިވެހި ރާއްޖޭގެ ރަށެއްގެ އަތިރިމަތީ ހުންނަ ލުނބޯ ގަހަކުން ވެއްޓިފައި އޮންނަ ލުނބޮއެއް ނަގަން ވެސް ކަނޑުފޭރޭ މީހުން ބިރުގަންނަކަމަށް އިބްނު ބަޠޫޠާ ފާހަގަކުރައްވައެވެ. ޙަސަން ޙަމީދު (2017) ފާހަކުރައްވާ ގޮތުގައި ދިވެހި ރާއްޖޭގެ އެކިއެކި ކަންކަން ހިނގާ ގޮތް 1942ގެ ލިޔުންތަކުން ކަށަވަރުވާ ގޮތުގައި އެ ޒަމާނަށް އައި އިރުވެސް ސަރުކާރުގެ ކޮންމެ ޖަލްސާއެއް ކޮންމެ ބައްދަލުވުމެއް ފަށަނީ ކީރިތި މާތް ނަބިއްޔާއަށް ޞަލަވާތް ކިޔަވަމުންނެވެ. އޭރު އެ ގޮތަށް އެކަން ހިނގާތާ 700އަށް ވުރެ ގިނަ އަހަރު ވެއްޖެއެވެ.
ކޮންމެޔަކަސް ސަގާފަތާއި އާދަކާދަ ބުނެދެނީ އެބައެއްގެ އަމިއްލަވަންތަކަމެވެ. ސަގާފަތަކީ ދަސްކޮށްދޭން ޖެހޭ އުނގަންނައިދޭން ޖެހޭއެއްޗެކެވެ. ޤައުމެއްގައި އެކަކު އަނެކަކަށް ދައްކާ ވާހަކައާއި ކުރާކަންކަން ދޭހަވާނީ ދެ މީހުންގެ ސަގާފަތް އެއްގޮތްނަމައެވެ. ސަގާފީ ތަޖުރިބާ ދެފާރާތަށް މެ އެއްގޮތެއްގައި ހިއްސާކުރެވިފައިވާ ނަމައެވެ(އަޙްމަދު ޠަލާލު، 2009). ވީމާ ޤައުމެއް އޭގެ ޒާތުގައި ދިރި ދެމި އޮތުމަށް ޓަކައި ސަގާފަތާއި އާދަކާދައަކީ ވަރަށް މުހިންމު އެއްޗެކެވެ.
ދެން ރާއްޖޭގެ ސަގާފަތަށް ވަމުން އަންނަ ގޮތާއި ވެފައިވާ ގޮތް ބަލައިލަމާތޯއެވެ. މެލޯނީ (1976) ހަވާލާ ދެއްވައި މުޞްޠަފާ ލުޠުފީ (2011) ވިދާޅުވަނީ ދިވެހީންނަށް ކާމިޔާބު ރަނގަޅު ތަޢުލީމީ ޙަޔާތެއް ލިބުނީ އެ މީހުންގެ އަމިއްލަ ވަންތަ މަންހަޖެއްގެ މަތީގައި ކިޔެވި ދުވަސްވަރުކަމަށެވެ. އޭރުގެ ދުވެހީންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަމާއި ދިރިއުޅުމުގައި އަމިއްލަ ޚުޝިޔާރުކަން ހުރީ މާ މަތީ ދަރަޖައިގައެވެ. މުޙަންމަދު އިސްމާޢީލު ދީދީ (1995) ހަވާލާ ދެއްވައި މުޞްޠަފާ (2011) ވިދާޅުވަނީ 1602ގައި ރާއްޖެއައި ޕިރާޑު ދިވެހީންގެ ފަންނުވެރިކަމަށް ތާރީފުކުރެއްވިކަމަށެވެ. އެ ގޮތުން ދިވެހީންގެ އަމިއްލަ އަތުން ކުރަހައިފައި ހުރި ރާއްޖޭގެ ޖިއޮގްރަފީގެ އެތައް ޗާޓެއް އޭނާ ދެކެވަޑައިގަތްކަމާއި އެ ތަކެތި ހުރި ހައިރާންވާހައި ފުރިހަމަކޮށް ކަމަ ޕިރާޑާ ހަވާލާ ދެއްވައި މުޞްޠަފާ (2011) ބަޔާންކުރައްވައެވެ.
މި ގޮތުގައި އަޅުގަނޑުމެން ތިބެފައި 1975ގައި އަޅުގަނޑުމެން އިނގިރޭސި ތަޢުލީމާ ދިމާޔަށް މިސްރާބު ޖެހީމުއެވެ. އޭގެ ސަބަބުން ދިވެހީންނަށް ފައިދާތަކެއް ވިއެވެ. ކުރި އެރުންތަކެއް ވެސް ލިބުނެވެ. ނަމަވެސް އުނގަންނައިދިނުމުގެ ދާއިރާގެ ޢިލްމުވެރީންގެ ދިރާސާތައް ބުނާ ގޮތުން އިނގިރޭސި މަންހަޖު ބަލައިގަތުމަށްޓަކައި ކުއްލިގޮތަކަށް ގެނެވުނު ބަދަލުތައް އެ ގެނެވުނު ގޮތުގެ ސަބަބުން، ދިވެހި ސަގާފަތަށް އިންތިހާ ބޮޑަށް ނޭދެވޭ އަސަރުކުރިއެވެ. އެ ގޮތުން ޑޮކްޓަރ ޙަސަން ޙަމީދު (2002) ވިދާޅުވަނީ ސޯޝަލްސް ސްޓަޑީސް ފަދަ ރާއްޖޭގެ ތާރީޚާއި ރާއްޖޭގެ ވެށް ގުޅޭ މާއްދާތައް ވެސް ބޭރު ބަހަކު ބޭރު މީހަކު ކިޔަވައި ދިނުމުން އެއިން އެދެވޭ ނަތީޖާއެއް ނުނިކުތް ކަމަށެވެ. އުފެދުނީ ދިވެހި ތާރީޚަށް އިންތިހާ ބީރައްޓެހި ދަރިވަރުންތަކެކެވެ.
ކުދި ޖަޒީރާ ގައުމުތަކުގެ ތަޢުލީމީ ވެށި މި ގޮތަށް ބަދަލުވަމުން ދިޔައިރު ބައިނަލްއަޤުވާމީ ސިޔާސީ ބާރުތައް އެކަމުގެ ތެރެއަށް ވަނެވެ. އެ ގޮތުން މަންހަޖާއި އޭގެ ފިކުރުތަކުގެ ތެރެއަށް އެމީހުން ނުފޫޒު ފޯރުވިއެވެ. މި ޙަރަކާތަށް ކިޔަނީ ގްލޯބަލައިޒޭޝަނެވެ. ގްލޯބަލައިޒޭޝަނަކީ ދީނާއި ސަގާފީ ހުރިހައި އިންފާރުތަކެއް ފޫއަޅުވައިލައި ދުނިޔޭގައި އެއް ގޮތްތަކެއް ފެތުރުމަށް ބައިނަލްއަޤުވާމީ ބޮޑެތި ވިޔާފާރި ކުންފުނިތަކުން ހިންގާ ހަރަކާތެވެ(އަލައިކް ސަންދަރ،އއއ، ތނ). މި ގޮތުން ޑޭލް (2000) ގަބޫލުކުރައްވާ ގޮތުގައި ވޯލްޑް ބޭންކާއި ޔުނެސްކޯ ފަދަ ތަންތަނުން ކުދި ޤައުމުތަކުގެ ތަޢުލީމަށް ހަމައެކަނި [ލަފާދީ އެހީތެރިވަނީ]އެއް ނޫނެވެ. ގިނަ ފަހަރަށް ޤައުމުތަކުގެ މަންހަޖު އެކެލެވެންވާނެ ގޮތާއި ކުރަންޖެހޭ ކަންކަމާއި ކަންކަން ކުރަންޖެހޭ ގޮތް ވެސް ބުނެދެނީއެވެ(މުޞްޠަފާ، 2011). ތިރީގައި މި ވަނީ ވޯލްޑް ބެންކުން ތަޢުލީމީ ކަންކަމަށް ލޯނުދިނުމުގެ ސިޔާސަތު ކަނޑައަޅައިފައިވާ ލިޔުމެއްގައި އޮތްކަމަށް ޖޯންސް (1994، ޞ.119) އާ ހަވާލާ ދެއްވައި މުޞްޠަފާ (2011) ނަކަލުކުރައްވާ އިބާރާތްކޮޅެކެވެ.
… ތަޢުލީމަށް އެހީވުމުގެ ދާއިރާ އަހަރެމެން ފުޅާކުރަންވާނެ. އަދި އަހަރެމެން އިސްކަންދޭ ކަންކަން ކަނޑައަޅައި މަޝްރޫޢުތައް ފާހަގަކުރާނީ އެހީ ބޭނުންވާނެކަމަށް ފެންނަ ހަނި ދާއިރާތަކަށް ބެލުމަށްވުރެ ބޮޑަށް މުޅި ތަޢުލީމީ ނިޒާމަށް ވިސްނައިގެން. … ޤައުމުގެ އިޤުތިޞާދަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުގެ ކުރުމުގެ މަޝްރޫޢުތަކަށް އަހަރެމެން އިސްކަން ދޭންވާނެ. ދުރު މުސްތަޤުބަލެއްގައި އިޤުތިޞާދަށް ފައިދާކުރާ ފަދަ އެހެނިހެން މަޝްރޫޢުތަކާއި ޕްރޮގްރާމުތަކަށް ވެސް އަހަރެމެން ވިސްނަންވާނެ
(ވޯލްޑް ބޭންކް، 1970، ޞ.4). {މުޞްޠަފާ، 2011 އިން ނަކަލުކޮށްފައި}
ބޭރުގެ މި ފަދަ ނުފޫޒުތަކާއި އިތުރު އެތައް ކަމެއްގެ ނަތީޖާއަކަށް ވީ ދިވެހީންނަށް ދިވެހި ސަގާފަތް އެކަށޭނަ ގޮތުގައި ފޯރުވައި ނުދެވުމެވެ. ދިވެހިވަންތަކަމަށް އިހުމާލުވާ އެތައް ޖީލެއް އުފެދި ބޮޑުވެގެން އައުމެވެ. އިޖުތިމާޢީ ޢިލްމާ ބެހޭ ކެނެޑާގެ ޢިލްމުވެރިޔަކު ރާއްޖޭގައި ދުވަސްކޮޅަކު އުޅެފައި އޭނާ ބުނެފައިވަނީ ދިވެހީން ދިވެހީންގެ އަމިއްލަވަންތަކަން ލިބިނުގަންނަކަމަށެވެ. އެކަން ފާހަގަނުކުރާކަމަށެވެ. އެއާ ގުޅިގެން ޙަސަން ޙަމީދު (2002) ފާޅުކުރެއްވި ޝުޢޫރަކީ ދިވެހި ޤައުމާއި ވަޠަނުގެ ޙައްޤުގައި ޝަހީދުވި ކާބަފައިންނަށް ކެނެޑާގެ ޢާލިމަށް ފެނިވަޑައިގަތް މަންޒަރު ފެނިވަޑައިގަންނަވާނެ ނަމަ އެ ބޭފުޅުން މިއަދު ކަށްވަޅުގައި ކީރިތިކުރެއްވީސްކަން ކަށަވަރެވެ.
އެހެންކަމުން ރާއްޖޭގެ ތާރީޚާއި ސަގާފަތާއި އާދަކާދަ ވެސް މި ވަނީ ވަރަށް ބޮޑަށް ފަރުވާ ބޭނުންވާ ޙާލަތެއްގައެވެ.
މުނާޤަޝާ
މި ދިރާސާގައި މި ބަލައިލެވުނީ ދިވެހި ޤައުމިއްޔަތުގެ މައިގަނޑު ބަހާތަކުގެ މައްޗަށެވެ. އެހެނީ ދިވެހި ޤައުމު ދިރިދެމި އޮންނާނީ މި ބަހާތައް ސަލާމަތުން އޮވެގެންނެވެ.
ދިވެހި ޤައުމިއްޔަތުގެ ފުރަތަމަ ބަހާކަމުގައިވާ އިސްލާމްދީނަށް ބަލާ އިރު، މި ދިރާސާއިން ކަށަވަރުވީ ދީނީ ގޮތުން ދިވެހީން މައިގަނޑު 5 ބަޔަކަށް ބައިވެފައިވާކަމެވެ. އެއް ބަޔަކީ މަޒުހަބީ އަރައިރުންތަކުގައި އުޅޭ ބައެކެވެ. އަނެއް ބަޔަކީ ހަރުކަށި ޚިޔާލުތަކާއި ހަނގުރާމަތަކުގައި އުޅޭ ބައެކެވެ. އަނެއް ބަޔަކީ ނަޞާރާ ދީން ފަތުރަން އުޅޭ ބައެކެވެ. އަނެއް ބަޔަކީ ކަލަކު ވޮޑިގެން ވާކަން ގަބޫލު ވެސް ނުކުރާ ބައެކެވެ. ދެން މި ތިބީ މެދުމިން ހިމޭން އިސްލާމުންނެވެ. އިސްލާމްދީނުގެ ރޫޙަކީ ވަޙްދަތުކަމުގައި ވާ އިރު، މި ބައިބައިވުންތަކުގެ ތެރޭގައި ޤައުމަށް އޮތީ ކޮން ކަހަލަ މުސްތަޤުބަލެއް ބާވައެވެ؟ ނުވަވަނަ ޙަސަން ރަސްގެފާނާއި ކަޅު މުޙަންމަދު ރަސްގެފާނު ފަދަ މީހުން އުފެދުނީމާ ވީ ގޮތް އެނގުނެވެ. ދީނީ ބައިބައިވުންތަކަށް ފަހު އަފްޣާނިސްތާނު ހަނާވެގެން ދިޔަ މަންޒަރު ފެނުނެވެ. އެހެންކަމުން މި ހަލާކުތަކުން ސަލާމަތްވެވޭނެ މަގެއް ހޯދަން އެބަ ޖެހެއެވެ. ދީނަށް ލޯބިކުރާ މެދުމިން މުޖުތަމަޢެއް އުފައްދާން އެބަ ޖެހެއެވެ.
ޤައުމިއްޔަތުގެ ދެވަނަ ރުކުނަކީ ދިވެހި ބަހެވެ. މި ދިރާސާއިން އެނގުނީ މަދަރުސާ ކުދިންނާއި ޔުނިވަރސިޓީ ދަރިވަރުންނަށް ވެސް ދިވެހި ބަހުން ރަނގަޅަށް މުޢާމަލާތުކުރަން ނޭނގޭކަމެވެ. ހަމަ އެހެންމެ ޤައުމުގެ އެންމެ އިސްވެރީންނާ ހިސާބުގައި ވެސް މި މައްސަލަ އޮތްކަމެވެ. ބަހަށް ބީރައްޓެވި މުޖުތަމަޢެއް ނަމަ ޤައުމު ދެކެ ލޯބިވުމުގެ ރޫޙު ބަލިކަށިވާނެކަން އެނގުނެވެ. ރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލާއިރު މަގުމަތީގެ ހަރުކަށި ދުއްވުންތަކާއި ޒުވާބުތަކަކީ މީގެ ނަތީޖާކަމަށް މި ދާއިރާގެ އިލްމުވެރީން ދެކެވަޑައިގަންނަވައެވެ. އެހެންކަމުން ދިވެހި ބަސްދެކެ ލޯބިވާ ޖީލެއް އުފެއްދޭނެ އާ ވިސްނުންތަކަކާއި ގޮތްތަކެއް ގެންނާން އެބަ ޖެހެއެވެ. ރާއްޖެ އިނގިރޭސިންގެ އަތްދަށުން މިނިވަންކުރެއްވި އިބްރާހީމް ނާޞިރު އިނގިރޭސީންނަށް އަންގަވައިފައިވަނީ އެމީހެއްގެ ޤައުމުގެ ވާހަކަ އެމީހަކު ދައްކާނީ އެ މީހެއްގެ ޤައުމުގެ ބަހުން ކަމަށެވެ (އިބްރާހީމް ރަޝީދު، 2012. ލިޔުންތެރިޔާގާތު ވިދާޅުވި ވާހަކަފުޅެއް).
ދިވެހި ޤައުމުގެ ތިންވަނަ ބަހާގެ ގޮތުގައި ފާހަގަކުރެވުނީ ސަގާފަތެވެ. އެއީ އޭގެ ތެރޭގައި ޢަޤީދާއާއި ފިކުރާއި ތަޢުލީމާއި ހުނަރާއި ތާރީޚާއި އާދަކާދަ ވެސް ހިމެނިގެންވާ ގޮތުގައެވެ.
ގްލޯބަލައިޒޭޝަންގެ އޮއިވަރުގެ ސަބަބުން މި ހުރިހައިކަމަކަށް ނޭދެވޭ އަސަރުކޮށްފައިވާކަން މި ދިރާސާއިން އެނގުނެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އަމިއްލަ ވަޠަނާއި އަމިއްލަ ޤައުމު ދެކެ ފަޚްރުވެރިނުވެވޭ އެހެން ސަގާފަތްތަކަށް ހިތްޖެހިފައިވާ އެތައް ބަޔަކު އުފެދި ފައްކާވެފައިވާކަން އެނގުނެވެ. ސެނެގާލު، ސިއްކީމް ފަދަ ގައުމުތަކުގެ އަމިއްލަކަން ގެއްލި އުވިގެން ދިޔައީ މި ގްލޯބަލައިޒޭޝަންގެ އޮވަރުގައި ޖެހި އަމިއްލަ ވަންތަކަމަށް އޮތް ލޯބި އުވިގެން ދިޔުމުންނެވެ. އެހެންކަމުން ރާއްޖޭގެ ތަޢުލީމާ އުނގަންނައިދިނުމުގައި ދިވެހިވަންތަކަމުގެ ރޫޙު އަށަގަންނަވާން އެބަ ޖެހެއެވެ. ދިވެހީންގެ އަމިއްލަ ބާރާއި މަނަސް ދިވެހި ދަރީންނަށް އުނގަންނައިދެވޭ ޢިލްމުގެ މައްޗަށް ފޯރާން އެބަ ޖެހެއެވެ.
ނިންމުން
ދިވެހީންގެ ޤައުމަކީ ދިވެހިރާއްޖެއެވެ. ދިވެހީންނެވެ. މިއީ ހިތި ތަޖުރިބާތަކާއި ފޮނި ޙަޤީޤަތްތަކެއް ދެކެފައިވާ އުންމަތެކެވެ. ދީނަށް ވިޔަސް، ޤައުމަށް ވިޔަސް، ވެވުނު ބައެއް ޚިޔާނާތުން ޤައުމަށް ހީނުކުރާ ފަދަ ބޮޑެތި ގެއްލުންތައް ލިބިފައި އެބަ ހުއްޓެވެ. އެއީ ކަނޑިބަޑީގެ ހަނގުރާމަ އޮތް ޒަމާނެވެ. މިއަދު އޮތީ ފިކުރެވެ. ގްލޯބަލައިޒޭޝަންގެ ނުރައްކާތެރި އެޖެންޑާއެވެ. މި ފަދަ ދުވަސްވަރެއްގައި ޤައުމު ސަލާމަތްކުރެވޭނީ ޙަޤީޤީ ދިވެހި އުންމަތް މަރުނުވެ އޮންނާނީ ދިވެހީންގެ އަމިއްލަވަންތަކަމަށް ލޯބިކުރާ ޖީލެއް ބިނާކުރެވިގެންނެވެ. އެ ކަންކުރެވޭނީ ދީނަށް ޙުރުމަތްތެރިކޮށް ހިތައިގެންނެވެ. ޤައުމީ ލޯބި އަށަގަންނަވައިގެންނެވެ. ޤައުމީ ލޯބި އަށަގެންނެވޭނީ ދިވެހި ބަސް ދިރުވައިގެންނެވެ. ދިވެހި ސަގާފަތް ފަތުރައިގެންނެވެ. ދިވެހި ތާރީޚުގެ އަނދިރިފުށާއި އަލިފުށް ދިވެހީންނަށް ދަސްކޮށްދީގެންނެވެ. އިސްލާމީ ހިދާޔަތުގެ އަލީގައި ދިވެހި ޤައުމިއްޔަތުގެ ރުކުންތަކުގެ މަތީގައި ހަރުދަނާކަމާއެކު ދިވެހި ދަރީން ސާބިތުވެ ތިބެގެންނެވެ. އެ ސާބިތުކަން ލިބުމަށް ޓަކައި ޚާލިޞް ޤައުމީ ލޯބިން ހިތްކުގައި ފުރާނައެޅެންޖެހެއެވެ. ދިވެހި ޤައުމު ދިވެހި ދަރީންނަށް ޓަކައި ދިރިދެމި އޮންނާނީ އޭރުންނެވެ.
=========
ހަވާލާ ލިސްޓު:
އަލާން ޕީސޭ. (1988). ބޮޑީ ލޭންގްވިޖް، ހައުޓް ރީޑް އަދަރސް ތޯޓްސް، ބައި ގެސްޗަރ. ލަންޑަން: އޮކްސްފޯޑް ޔުނިވަރސިޓީ.
ޙުސައިން ޞަލާޙުއްދީން. (1937). އައްސީރަތުއްނަބަވިއްޔާ (1) މާލެ: ނޮވެލްޓީ ޕްރެސް.
ދިވެހިބަހުގެ އެކެޑަމީ. (2014). ދިވެހި ބަސްފޮތް. ނެގީ، 2019 http://radheef.mv/ން.
ޖެނިފާ ހުއިޒަން. (2015). އެނިމަލްސް ނީޑްސް ޕަރސަނަލް ސްޕޭސް ޓޫ. ނެގީ، 2019. https://animalogic.ca/news/animals-need-personal-space-tooން
ރައްޔިތުންގެ މަޖިލިސް. (2008). ދިވެހިރާއްޖޭޣެ ޖުމްހޫޜިއްޔާގެ ޤާނޫނު އަސާސީ: ފުރަތަމަ ބާބު. މުޞައްނިފް.
ރޮބަޓް. އީ ރޮންގަރ. (1997) ދަ މީނިންގ އޮފް ލަވް އެންޑް އިންޓްރޮޑަކްޝަން ޓް ފިލޯސޮފީ އޮފް ލަވް. އެމެރިކާ: އެން އިންޕްރިންޓް އޮފް ގްރީން ވުޑް ޕަބްލިޝިންގ ގްރޫޕް، އައިއެންސީ.
އާޢިޟުލްޤަރްނީ. (ތ.ނ). މާ ހުވަލް ޙުއްބު ފިލް އިސްލާމް. ނެގީ، 2019 http://shamela.ws/browse.php/book-7708/page-4760#page-1ން
އަޙްމަދު އަދުޝަން. (2014). ސިފައިންގެ ހިތްތަކުގައި ދީނީ އަދި ޤައުމީ ލޯބި އާލާކުރަނީ. 2019، ނެގީ http://dhiislam.com/86712ން
ޖަލާލުއްދީން އަލްމަޙައްލީއާއި ޖަލާލުއްދީން އައްސުޔޫޠީ. (2003). ތަފުސީރު ލަލާލައިން، ލުބްނާނު: މަކްތަބަތުއްލުބުނާނު އަންނާޝިރޫން.
ޝަޢުރާވީ. (ތ.ނ). މަޢުނާ ކަލިމާ ޤައުމު. ނެގީ، 2020 https://www.youtube.com/watch?v=9Oa1bvSzhfgން
ޝަމްސުއްދީން ބައުރޫބީ. (2008). އަލްޥަޠަން ފިލްޤުރްއާނިލްކަރީމް. 2019، ނެގީ https://www.paldf.net/forum/showthread.php?t=403681ން
މުޙަންމަދު ޞާލިޙުއްތާޖިރު އަލްޚައްލާޤީ. (2008). ޙުއްބުލްޥަޠަން ފީ ޟައުއިލްކިތާބި ވައްސުންނަތި ވަ
ވާޤިޢިލްމުސްލިމީން. 2019، ނެގީhttp://www.al-khulaqi.com/threads/3165/#.XLoBYegzY2wން
ޙުސައިން ޞަލާހުއްދީން. (1937). އައްސީރަތުއްނަބަވިއްޔާ (2) މާލެ: ނޮވެލްޓީ ޕްރެސް
އަލްޤުރްޠުބީ. (671). އަލްޖާމިޢު ލި އަޙްކާމިލްޤުރްއާނި. ޤާހިރާ: ދާރުއްނަޝްރު
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (2010) ޅެންވެރީންގެ ދުވަސް 2010. މާލެ:
މުޞައްނިފް.
ވަން އިސްލާމް. (2011) ނޫސްތަކުން ޚަބަރު:މެޖޭރިޓީ އެދޭ ގޮތަށް އަޅުކަންކުރުމަށް އިސްލާމިކް
މިނިސްޓްރީން އަންގައިފި. ނެގީ 2019، http://oneislaam.blogspot.com/2011/09/noosthakun-habaru-majorety-edhey-gothah.htmlން
ލަންދޫ ހެޑްލައިން. (2010). މާޅެންދޫ މިސްކިތުގައި ޤުނޫތުކިޔުމާ ބެހޭ ގޮތުން ވޯޓެއް ނަގައިފި. ނެގީ 2019، http://landhooheadlines.blogspot.com/2010/08/blog-post_8790.htmlން
އަލްފާ. (2010). ތެދުވިސްނުން. ނެގީ 2019، http://theduvisnun.blogspot.com/2010/10/blog-post_22.htmlން
ޢަލީ ވިސާމް. (2019). ދީނަށް ފުރައްސާރަކުރުން މެކުހަށް ޖަހައިފައި: ސަރުކާރު ހިމޭނުން. ނެގީ 2019، https://feshun.com/news/3750ން
މޮލީ އެމްސީ އެންރޯއީ. (2013). ޥައިލް ވިން ވޮންބ ބޭބީސް ބިގިންގ ލާނިންގ ލޭންގުވިޖް ފްރޮމް ދެއަރ މަދަރސް، ނެގީ 2019، https://www.washington.edu/news/2013/01/02/while-in-womb-babies-begin-learning-language-from-their-mothers/ން
ޢަބްދުއްރަޝީދު ޙުސައިން. (1999). ކްރިސްޓިއަން ދީނާއި ދިވެހިން، ފަތްތޫރަ. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ޑޭވިޑް ކްރިސްޓަލް. (1997). ދަ ކެންބްރިޖް އިންސައިކްލަ ޕީޑިޔާ އޮފް ލެންގްވިޖް. ކޭންބްރިޖް: ކޭންބްރިޖް ޔުނިވަރސިޓީ.
ހަމީޒާ ޢަފީފު. (2014). ވާހަކަދެއްކުމުގައި ބަސްމަސްހުނިކުރުން. މާލެ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. ނެގީ 2019، http://saruna.mnu.edu.mv/jspui/bitstream/123456789/614/1/hamee%20dissertation%20final-2.pdfން
އާމިނަތު ވަޙީދު. (2015) ރައީސް ނަޝީދާއި ރައީސް ޔާމީނުގެ ވާހަކަފުޅު ދެއްކެވުމުގައި ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރައްވައިފައިވަނީ ދިވެހިބަހުގެ އެކަށައަޅައިފައިވާ ގަވާއިދާ އެއްގޮތަށް ހެއްޔެވެ؟ ނެގީ، 2019 http://saruna.mnu.edu.mv/jspui/bitstream/123456789/981/1/Aminath%20Waheed.pdfން
ޑިޕަރޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (2015). ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނު: މާއްދާ ރިޕޯޓު. މާލެ: މުޞައްނިފް، ނެގީ 2019، http://dpe.edu.mv/mediamanager/files/SSC%202015%20Dhi%20Report.pdfން
ނަސީމާ މުޙަންމަދު. (2010). ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން. މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ޔޫސުފު އަލިފުޅު. (1995). ހިތުގެ ތަސްވީރު. މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
މުޙަންމަދު ޖަމީލު. (1985).
އަޙްމަދު ޠަލާލު. (2009). ކަލްޗަރ އެންޑް އައިޑެންޓިޓީ. ފަތްތޫރަ (367). މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
ސްޕެންސަރ-ކޯޓޭ އެޗް. (2012). ވަޓް އިޒް ކަލްޗަރ އެންޑް ކޮމްޕިލޭޝަން އޮފް ކޯޓޭޝަން. https://warwick.ac.uk/fac/soc/al/globalpad/openhouse/interculturalskills/global_pad_-_what_is_culture.pdfން
ޢައްބަސް އިބްރާހީމް.(2000) ދިވެހީންގެ އާދަކާދަ (ދިވެހީންގެ ތަރިކަ). މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ގިޑެންސް. އޭ. (1997). ލިވިންގ އިން އަ ޕޯސްޓް ޓްރެޑިޝަނަލް ސޮސައިޓީ. ކެންބްރިޖް: ޕޮލިޓީ ޕްރެސް
ޙަސަން ޙަމީދު. (2002). ދިވެހިރާއްޖެ ނެތިދިޔުން. އަލްމަންހަޖު. މާލެ: މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ
މުޞްތަފާ އިބްރާހީމް ލުޠުފީ. (2011). ދިވެހި ރާއްޖޭގެ ސްކޫލު މަންހަޖާއި ތަޢުލީމު. މާލެ: މުޞައްނިފް.
އަލައިކަންދަރް އަދި އއފ. (ތނ). އަ ފޯމަލް ޑެފިނިޝަން އޮފް ކަލްޗަރ. ނެގީ 2019، https://pdfs.semanticscholar.org/6b6e/052a0c179581ef48b0aa6728b2dea4432c53.pdfން