މިއީ 1999ވަނަ އަހަރު އެކުލަވައިލެވުނު ޅެމެއް ކަމަށް ލަފާކުރެވެއެވެ. ’އުމުރަށް‘ މި ނަމުގައި ފިލްމެއް ރާއްޖޭގައި ނުކުތެވެ. ހަނދާންވާ ގޮތުން އަދި އިންޓަރނެޓުގެ ބައެއް މަންސަތައް ބުނާ ގޮތުން 1999ވަނަ އަހަރުއެވެ. މި ފިލްމު އުފެއްދި ފަރާތުން ލަވަ އަލްބަމެއް ވެސް ނެރުނެވެ. އެ ގޮތުން އަޅުގަނޑަށް ދެއްވި ފުރުޞަތުގައި ދެތިން ހަތަރު ލަވައެއް ހެދީމެވެ. މިއީ އޭގެ ތެރެއިން އެއް ލަވައެވެ. ފިލްމުގައި ވެސް އެއް ލަވަ ހިމެނިފައި އޮތެވެ. އެއީ ’ހިތް އެދޭ އަރާމު ވީ ބީވެ މުޅިން ދާންހޭ؟ ލޯބިވާ އަހާށޭ، އޭ ޖަވާބު ދޭށޭ‘ މި ލަވައެވެ. ލަވައިގެ އަޑުގެ ވެރީންނަކީ ޒޫނާއާއި އަލީ ރަމީޒެވެ.
މި ލަވަ ކިޔުއްވާފައި މިވަނީ މުޙަންމަދު ޙުޒާމެވެ. މި ލަވަ ކިޔުއްވައިފައިވާ ގޮތް އަޅުގަނޑަށް ވަރަށް ހިތްގައިމެވެ. އެކަމަކު ލަވައިގެ މިޔުޒިކާ މެދު ހިތަށް އަރައެވެ. ޅެމުގައިވާ ހަމަހިމޭން ޝުޢޫރާއި ލުއި ލަފުޒުތަކާ އަޅައިބަލާއިރު މިޔުޒިކުގެ ރޫޙު މުނާސިބު ބާވައެވެ؟
މި ލަވަޔާ ގުޅިގެން ދަންނަވާލަން ބޭނުން އަނެއް ނުކުތާޔަކީ ޒަމާނާއެކު ލަވަޔަށް ވެފައިވާ ގޮތެކެވެ. ޅެމަށް ވެފައިވާ ހާނީއްކައެކެވެ. ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ބެލި މޯލްޑިވިއަން އައިޑޮލްގައި ޒުވާން ފަންނާނަކު މި ލަވައިގެ މައިގަނޑާއި ކަޑިޔެއް ހުށަހަޅާފައި އޮއްވައި ފެނުނެވެ. އެ ކިޔުމުގައި ޅެމުގެ ދެ ތަނެއް ބަދަލުވެފައި އޮތެވެ. ފުރަތަމަ ކަޑީގައި [ދެވުނޭ ލޯތްބާ ޤަދަރާ] މި ގޮތަށް އަޅުގަނޑު ލިޔެފައި އޮތް އިބާރާތް ކިޔޭތީ އިވެނީ [ވެވުނޭ ލޯތްބާ ޤަދަރާ] މި ގޮތަށެވެ. ހަމަ އެ ކަޑީގެ ދެވަނަ މިސްރާގައި ’އެހުނޭ ހާލާ ޚަބާރާ‘ މި ގޮތަށް އޮތް ތަން ކިޔޭތީ އިވެނީ [އެހުނޭ ހާދާ ޚަބަރާ] މި ގޮތަށެވެ. ވަކިވަކިން މި ގޮތަށް ލިޔެލީމާ މާނައަށް މާ ބޮޑު ބަދަލެއް ނާންނަހެން ހީވިޔަސް މުޅި އެ ކަޑީގެ ގެތުމުގެ ތެރެގައި މި ދެ އިބާރާތް އޮންނަ އިރު މި ބަދަލުގެ ސަބަބުން ޅެމުގެ މުޅި މާނަ ރޫޅިގެންދެއެވެ.
ތިރީގައި މި ވަނީ އަޅުގަނޑު މި ޅެން ހެދި ގޮތަށް މުޅި ޅެން ހިމަނާލައިފައެވެ.
ލޯބި ލިބޭތޯ ޖެހީ މެ ސަލާން
ހާދަހާ ރީއްޗޭ ތިބާ ފަރި ޒުވާން
ފެނުމުން މިތުރާ، ވެވުމުން ފިކުރާ، ދެވުނޭ ލޯތްބާ ޤަދަރާ
އެ ހިނދުން ފެށިގެން، ޖެހިލުން ވެނިކަން، އެހުނޭ ހާލާ ޚަބަރާ
ދޭށެ ހިލޭ މިހިރީ މުޅި ޖާން
ތިޔަ ފަރި ހިނގުމާ، ނިޔަނެތި ބެލުމާ، ކިޔަމަންތެރި ހަނުހުރުމާ
ފެނުމުން މި ހިތާ، އެ ހިތުގެ ނިޔަތާ، ވެއްޖޭ ބަދަލް ދިރިއުޅުމާ
ލޯތްބަށް ޓަކާ މި ވަނީ ޤުރުބާން
ޢިޝްޤުގެ ނަމުގާ، މަސްތުވެ އަދުގާ، މިހިރަ ފުރާނަ ދަނީއޭ
ޖިސްމު މި ގޮތުގާ، ފިސްވެ އަސަރުގާ، އަސްލު ޝަހީދުވަނީއޭ
ހެކިވާނެޔޭ ހަމަގައިމު ޒަމާން
——————-