ތިޔައީ ދިވެހިބަސް ކިޔަވައިދޭ ޓީޗަރެއް ހެއްޔެވެ؟ ލިޔުންތެރިކަމުގެ ބާވަތްތަކާއި ވައްތަރުތަކުގެ މަޢުލޫމާތު ދަރިވަރުންނަށް ތިޔަ އަންގައިދެނީ އޭގެ މަޢުލޫމާތު ފުރިހަމައަށް ލިބިހުރެން ހެއްޔެވެ؟ އެ މަޢުލޫމާތު މުއްސަނދިކުރަން ބޭނުންނަމަ، މި ލިޔުން ކިޔާލުން ބުއްދިވެރިއެވެ. މި ލިޔުމުގައި ބަލައިލާނީ ދިވެހިބަހުގެ ލިޔުންތެރިކަމުގެ ބާވަތްތައް ފުރަތަމަ ފެށިގެން އައިގޮތާއި، މިހާރުގެ މުޤައްރަރާއެކު ލިޔުންތެރިކަމުގެ ބާވަތްތަކަށް ގެނެވުނު ބަދަލުތަކާއި ކުރީގެ ބާވަތްތައް މިހާރުގެ ބާވަތްތަކާ ލާމަހާނެ ގޮތަށެވެ. މި ލިޔުން ކިޔާ ނިމޭއިރު ޑިގްރީ ހެދިއިރު ނުވަތަ މާސްޓަރޒް ހެދިއިރު ލިޔުންތެރިކަމާބެހޭގޮތުން ގިނަ މުދައްރިސުންނަށް ނޭނގޭ ކިތަންމެ މަޢުލޫމާތެއް ލިބޭނެއެވެ. އެއީ މި ލިޔުން ލިޔެ ރިވައިޒްކޮށް ނިމުނު އިރު އަޅުގަނޑަށް ވެސް ނޭނގޭ އެތައް އެއްޗެއް އެނގުނީތީއެވެ.
އަހަރެމެން ހީވެސްނުކުރާހައި ގިނަ ބޭނުންތަކުގައި އަހަރެމެން ލިޔަމުއެވެ. މީހުންނާ ގުޅުން ބަދަހިކުރުމަށެވެ. ޢާއިލާއާއި ރަހުމަތްތެރިންނާ އޮންނަ ގާތްކަން ބޭއްވުމަށެވެ. ކުރާ މަސައްކަތާއި، މުޖުތަމަޢުގެ އެކިއެކި ބޭނުންތައް ފުއްދުމަށެވެ. އަމިއްލަ ހިތްހަމަޖެހުމަށް ވެސް މެއެވެ. ކުރުކޮށް ބުނާނަމަ، ތަފާތު ބޭނުންތަކުގައި ތަފާތު ކިޔުންތެރިންނަށް އަހަރެމެން ލިޔަމުއެވެ. ކަންކަން އަންގައިދިނުމަށެވެ. ކަމެއް އޮތްގޮތް އޮޅުންފިލުވައިދިނުމަށެވެ. ތިމާދެކޭގޮތް ޤަބޫލުކުރުވުމަށެވެ. ލިޔާބޭނުމާ ގުޅޭގޮތުން ލިޔަން ޖެހޭގޮތް ތަފާތުވެގެން ދެއެވެ. އެ ގޮތުން ލިޔާ ވައްތަރުތައް ތަފާތުވެގެން ދެއެވެ. މިއަށް ކިޔަނީ ”ލިޔުންތެރިކަމުގެ ބާވަތްތައް“ ނުވަތަ ”ޓެކްސްޓް ޓައިޕްސް“ އެވެ. އަޅުގަނޑުމެން އެ ޤައުމެއްގެ ސެޓްފިކެޓްތަކަށް ބަރޯސާވާ އަދި އޭލެވެލަށް ދިވެހި އިސްލާމުގެ ފެންވަރު ވެސް ހުންނަން އެދޭ އިނގިރޭސި ވިލާތުގައި ޖީ.ސީ.އެސް.އީ އޯލެވެލާއި އޭލެވެލް ފެންވަރުގައި ކިޔަވައިދޭ އަދި އިމްތިޙާނުކުރެވޭ ލިޔުންތެރިކަމުގެ އާއްމު ބާވަތްތައް މިތާ ނަކަލުކޮށްލާނަމެވެ. ގިނަ ޤައުމުތަކުގައި ގެންގުޅެނީ ދާދި މި ކަހަލަ ބާވަތްތަކެކެވެ.
- ސިފަކުރުމަށް ލިޔުން Writing to Describe
- މުނިފޫހިފިލުވައިދިނުމަށް ލިޔުން Writing to Entertain
- އަންގައިދނުމަށް ލިޔުން Writing to Inform
- އޮޅުންފިލުވައިދިނުމަށް ލިޔުން Writing to Explain
- އިރުޝާދުދިނުމަށް ލިޔުން Writing to Instruct
- ލަފާދިނުމަށް ލިޔުން Writing to Advise
- ބަހުސްކުރުމަށްލިޔުން Writing to Argue
- ޤަބޫލުކުރުވުމަށް ލިޔުން Writing to Persuade
- ރިވިއުކުރުމަށް ލިޔުން Writing to Review
- ޑިސްކަރސިވް ރައިޓިންގ (ހަމަ އެކަނި އޭލެވެލްގައި) Discursive Writing
ސްޓީވް ޗަމްބެލް،http://www.englishbiz.co.uk؛ ބީ.ބީ.ސީ ބައިޓްސައިޒު https://www.bbc.co.uk/bitesize
މި ލިޔުމުގައި ވާ ގޮތުން ބާވަތްތަކާއި ވައްތަރުތަކުގެ ތަފާތެއް ވެއެވެ. ބާވަތް އެއީ [ޜޯންރާ] އެވެ. އެ އިން މާނަކުރަނީ އެ ލިޔުމެއް ލިޔެވޭ މަގުސާގުޅިގެން އެ ލިޔުމެއް ހިމަނާލެވޭ ގިންތިއެވެ. އެ ލިޔުމެއް ހިމެނޭ ޓެކްސްޓް ޓައިޕެވެ. މިސާލަކަށް އޮޅުންފިލުވައިދިނުމަށް ލިޔުމެވެ. ގަބޫލުކުރުވުމަށް ލިޔުމެވެ. މި ފަދަ ކޮންމެ ގިންތިޔަކީ ލިޔުމުގެ ބާވަތެކެވެ. ވައްތަރަކީ މި ބާވަތްތަކުގެ ދަށުން ލިޔެވޭ އެކި ކަހަލަ ލިޔުންތަކެވެ. ސިޓީއަކީ ލިޔުމުގެ ވައްތަރެކެވެ. އާޓިކަލަކީ ލިޔުމުގެ ވައްތަރެކެވެ. އީމޭލަކީ ލިޔުމުގެ ވައްތަރެކެވެ.
ދިވެހި ޤައުމީ މުޤައްރަރުގައިވާ ލިޔުންތެރިކަމުގެ ބާވަތްތަކަށް ވެސް އަދި އެހެން ބާވަތްތަކަށް ވެސް ޚާއްޞަ ސިފަތަކެއް ހުރެއެވެ. އޭގެ އޮނިގަނޑު އެކުލަވައިލާގޮތެވެ. އޭގެ ޓެކްސްޓުއަލްފީޗާޒް އެވެ. އޭގެ ބަހުރުވައާއި ބަސްމަގު ހުންނަންވީ ގޮތް ވެސް މެއެވެ.
މިއިން ކޮންމެ ބާވަތެއް (ޓެކްސްޓް ޓައިޕެއް) ގެ ދަށުން އަންނަ ލިޔުންތެރިކަމުގެ ވައްތަރުތަކެއް ވެއެވެ. އެއީ، ވާހަކަ، ސިޓީ، އާޓިކަލް، ރެސިޕީ، ލީފްލެޓް، އީމޭލު ފަދަ ތަކެއްޗެވެ. ލިޔުންތެރިކަމުގެ ބައެއް ބާވަތްތަކު(ޜޯންރާއެއް)ގެ ދަށަށް އެއްވައްތަރެއް އަތުވެދާނެއެވެ. އެގޮތުން މަތީގައިވާ ވަރަށް ގިނަ ބާވަތްތަކުގެ ދަށުން ސިޓީއެއް ލިޔެވިދާނެއެވެ. ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ ބޭނުންތެރިކަމެއް ނޫންކަމަށް ބުނެ އެ ޕްރޮގްރާމާ ދެކޮޅަށް ދަރިވަރަކު ޕްރިންސިޕަލަށް ލިޔާ ސިޓީއަކާއި، ރައްޓެހިވެގެން އުޅޭ ”ގާރލް ފްރެންޑް“ ތިބާއާ ރުޅިވެ ނަންބަރު ބްލޮކްކޮށްލުމުން އަލުން އެނބުރިއައުމަށް އެދި ލިޔާ ސިޓީ އެއްގެ ބޭނުމާއި އޯޑިއެންސް ތަފާތު ވެއެވެ. ސިޓީގެ ވާހަކަތައް އަތުރާ ގޮތާއި ބަސްމަގާއި ބަސްކޮށާރު ވެސް ތަފާތެވެ.
ކުރިންވެސް އިޝާރާތްކުރި ފަދައިން ސިޓީއަކީ ލިޔުމުގެ ބާވަތެއް (ޓެކްސްޓް ޓައިޕެއް) ނޫނެވެ. އެއީ ކޮންމެވެސް ބާވަތެއްގެ ނުވަތަ ބާވަތްތަކެއްގެ ދަށަށް އަންނަ ވައްތަރެކެވެ. މިހާރު މި ކިޔަވައިދޭގޮތަށް ވަކިން ”ސިޓީ“ ނަގައިގެން ސިޓީ ލިޔަން ދަސްކޮށްދިނުމުން ގިނަފަހަރަށް އެނގޭނީ ކްލާހުގައި ކުރިން ލިޔުއްވި ވައްތަރުގެ ސިޓީ ލިޔާށެވެ. އެކަމަކު، ވަކިބާވަތެއްގެ ދަށުން، މިސާލަކަށް ”ޤަބޫލުކުރުވުމަށް ލިޔުން“ މި ބާވަތުގެ ދަށުން ކުރިން ސިޓީއެއް ނުދީ، އާޓިކަލެއް ނުވަތަ އެހެންބާވަތެއް ލިޔުއްވާފައި، އެ ބާވަތުގެ (އެޓެކްސްޓް ޓައިޕްގެ) ދަށުން، އިމްތިހާނުގައި، ޤަބޫލުކުރުވުމަށް ލިޔާސިޓީއެއް ލިޔަންދިނުމުން، އެ ބާވަތުގެ (ޤަބޫލުކުރުވުމަށް ލިޔުމުގެ) ލިޔުމެއްގެ ފީޗާޒްތަކަށާއި، ބަހުރުވަ ގެންގުޅޭގޮތަށް ބަލައިގެން ސިޓީލިޔަން އެނގޭނެއެވެ. ކުރިން ސިޓީއެއް ލިޔެފައިވާތީ ސިޓީގެ އޮނިގަނޑު ވެސް ގެންނަން އެނގޭނެ ކަމަށް ދެކެމެވެ. (މީގެ ނަމޫނާ ބަލައިލަން ބީ.ބީ.ސީ ވެބްސައިޓް ބައްލަވާށެވެ.)
ލިޔުންތެރިކަމުގެ ބައިވަރު ބާވަތްތަކެއް ހުރިނަމަވެސް އިމްތިހާނުކުރާ އެކި އިދާރާ (ބޮޑީ) ތަކުން ދެނީ އެބައިމީހުން ހޮވައިލާ ބާވަތްތަކެވެ. ގިނަވެގެން ހަބާވަތެކެވެ. ((އިނގިރޭސި ވިލާތުގައި ޖީ.ސީ.އެސް.އީ އިމްތިޙާނުދޭ ހަތް އިދާރާއެއް (ބޮޑީއެއް) މިހާރުވެސް ހިނގަމުންދެއެވެ.)) އެހެންމުން މި ލިޔުމުގައި މައިގަނޑުގޮތެއްގައި އަޅުގަނޑުމެން ވާހަކަދައްކާނީ ދިވެހި ޤައުމީ މުޤައްރަރުގައި ހުރި ބާވަތްތަކުގެ މައްޗަށެވެ. ދިވެހި ޤައުމީ މުޤައްރަރުގައި، އަޅުގަނޑު މި ދަންނަވާ ޓެކްސްޓް ޓައިޕްތައް އެބަހުއްޓެވެ. އެއީ މީގެ 12 ވަރަކަށް އަހަރުކުރިން ލިޔެފައިވާ މުޤައަރަރަކަށް ވިޔަސް މިހާރުގެ ބާވަތްތައް އުނިވެފައެއް ނެތެވެ. ނަމަވެސް ބައެއް ނަންނަމަށް ކުޑަބަދަލެއް ގެންނަން ޖެހެއެވެ. ތިރީގައި އެ ވަނީ ޤައުމީ މަންހަޖުގައި ދިވެހި، ކީސްޓޭޖް:4، (ގްރޭޑް 10،9) ގައިވާ، މި ޕެރެގްރާފްގެ ފުރަތަމަ ބައިގައި އެ އިޝާރާތްކުރާ ލިޔުންތެރިކަމުގެ ބާވަތްތައް އެ ބައިތައްހުރި ޞަފުޙާތަކެވެ.
| އައުޓްކަމް ލ.9.1؛ 10.1 |
|
|
އަމިއްލަ ތަޖުރިބާއާއި، ޚިޔާލާއި ފެންނަގޮތުގެ މައްޗަށް ބިނާކޮށް ތަފާތު ބޭނުންތަކަށް ތަފާތު ކިޔުންތެރިންނަށް އަމާޒުކޮށް ތަފާތު ވައްތަރުގެ މޮޅު ޒާތީ ލިޔުން އުފެއްދުން |
ހ. އަމިއްލަ ޝުޢޫރާއި ޚިޔާލުފާޅުކުރުމަށް ލިޔުން (މިސާލަކަށް: ގިނަ ޕެރެގްރާފްތަކެއްގެ މައްޗަށް އެކުލެވިގެންވާ އަމިއްލަވާހަކަ، ފިލްމު/ފޮތުގެ ރިވިއު ލިޔުން) ޞ. 36، 70 |
| އައުޓްކަމް ލ.9.2؛ 10.2 |
ފާހަގަ ނުވަތަ އިންޑިކޭޓަރ |
|
އެކި ބޭނުންތަކަށް ކިޔުންތެރިންނަށް އަމާޒުކޮށް ކަމެއް އަންގައިދިނުމަށް ނުވަތަ ސަބަބު ބަޔާންކޮށް ކަމެއް އޮޅުންފިލުވައިދިނުމަށް ލިޔާ މައުލޫމާތު ފޯރުކޮށްދޭ ލިޔުމާއި ބަހުސްކުރާ ލިޔުންތައް އުފެއްދުން
|
ހ. އޮޅުންފިލުވައިދިނުމަށާއި، އަންގައިދިނުމަށާއި، ރިޕޯޓުކުރުމަށް ލިޔުން ށ. ނަސޭހަތްދިނުމަށާއި، އިރުޝާދުދިނުމަށް ލިޔުން ޒ. އަނެކުންގެ އިހްސާސްތަކާ ކުޅެލުމަށާއި، ވަކިގޮތެއް ޤަބޫލުކުރުވުމަށް ލިޔުން (ގިނަ ޕެރެގްރާފްތަކެއްގެ މައްޗަށް އެކުލެވިގެންވާ އެއްކޮޅަށާއި ދެކޮޅަށް ވާހަކަދައްކާ ލިޔުން/ މަޒުމޫނު) ޞ. 37-38، 71-72
|
| އައުޓްކަމް ލ. 9.3؛ 10.3 |
ފާހަގަ ނުވަތަ އިންޑިކޭޓަރ |
|
ތަފާތުބޭނުންތަކުގައި ތަފާތު ކިޔުންތެރިންނަށް އަމާޒުކޮށްގެން އަދަބީ ނަމޫނާތަކަށް ބަލައިގެން ތަފާތު ވައްތަރުގެ ރީތި ޚިޔާލީ ލިޔުންތައް އުފެއްދުން |
ހ. ސިފަކުރުމަށް ލިޔުން ޞ. 39، 72 |
ކީ ސްޓޭޖް 1-4 ގެ މުޤައްރަރު ފަރުމާކުރުމުގެ ފުރުޞަތު ލިބުނީ އަޅުނގަނޑަށެވެ. ގްރޭޑް 1ން 10ށް މި މުޤައްރަރު ތައްޔާރުކުރުމުގައި އަޅުގަނޑާއެކު ދިވެހި މުދައްރިސުންނާއި، ދިވެހިބަހުގެ ލެކްޗަރަރުން މަސައްކަތް ކުރެއްވިއެވެ. އެ ފަރާތްތަކުގެ ނަންތައް މުޤައްރަރުން މިހާރު ފޮހެވިފައި ވިޔަސް އެފަރާތްތަކަށް ޙައްޤު ޝުކުއަދާކުރަމެވެ. އަޅުގަނޑުމެން މުޤައްރަރު ލިޔުމުގައި އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިޔާ، އެމެރިކާ، ސައުތު އެފްރިކާ ފަދަ ޤައުމުތަކުގެ މުޤައްރަރުތައް ބެލީމުއެވެ. ޓެކްސްޓް ޓައިޕްތައް (ލިޔުންތެރިކަމުގެ ބާވަތްތައް) ކަނޑައަޅާފައި އެ ވަނީ އެ މުޤައްރަރުތައް ބަލައިގެންނެވެ. ވިސްނުންހުރީ ޓެކްސްޓް ޓައިޕް އެޕްރޯޗް ބޭނުންކޮށްގެން އެ ޓެކްސްޓް ޓައިޕްތަކަށް ޚާއްޞަ ހަމަތަކާ ގޮތްތައް ބޭނުންކޮށްގެން ވައްތަރުތައް އުނގަންނައިދިނުމަށެވެ. އެހެންކަމުން މުޤައްރަރުގެ އެތެރޭގައި ލިޔުންތެރިކަމުގެ ބާވަތް ލިޔެލާފައި ދެތިން މިސާލެއް ދެނީއެވެ. އެއީ ބޭރު މީހުންވެސް ހަދާފައި ހުންނަގޮތެވެ. މުޤައްރަރު އޮތީ ކުރިން ނުދެކޭ އައުވައްތަރަކަށް ކަމުން، މުޤައްރަރުގެ އެތެރޭގައި ދެތިން މިސާލެއް ދިނުމުން ލިޔަންދޭންވީ ވައްތަރުތައް ނޭނގި އެކި މީހުން އެކިގޮތަށް ކަންތައްކުރުމުގެ ފުރުޞަތު ބޮޑުވާނެތީ، މުޤައްރަރުގެ އެނކްސް ނުވަތަ އެޕެންޑިކްސްގެ ގޮތުގައި ކޮންމެ ގްރޭޑެއްގައި އަޑުއަހަން، ވާހަކަދައްކަން ލިޔަން ކިޔަން ދެވދާނެ ވައްތަރުތަކުގެ ލިސްޓެއް ހިމެނީއެވެ. އެލިސްޓު ލިޔެފައިވާނީ މުޤައްރަރުގެ އެތެރޭގައި ލިޔުނު ލިޔުންތެރިކަމުގެ ބާވަތްތަކާ ހަވާލާ ދީގެންނެވެ. އެހެންނަމަވެސް ބާވަތްތަކަށް ބަހައި ބައިކޮށްގެނެއް ނޫނެވެ. ލިސްޓް ވަކިންނަގައިގެން ކިޔަން އުޅެފިނަމަ، އޭގެ ކޮންޓެކްސްޓް ގެއްލޭނެއެވެ. އެހެނީ ލިޔުންތެރިކަމުގެ ބާވަތްތައް ހުރީ މުޤައްރަރުގެ ތެރޭގައެވެ. އަޑުއަހައި، ވާހަކަދައްކައި، ލިޔެކިޔަންވީ ތަކެތީގެ ލިސްޓް އެއޮތީ ބޭރުގައެވެ. ފަހުން މުޤައްރަރު މުރާޖަޢާކުރިއިރު މި ލިސްޓަށްވަނީ ކޮންމެވެސް ވަރަކަށް ބަދަލުގެންނަވާފައެވެ. ”ދެކޭގޮތް ހާމަކުރާ ލިޔުމަ“ކީ އަޅުގަނޑު ލިސްޓްގައި ލިޔުނު ވައްތަރެއް ނޫނެވެ.
ކީ ސްޓޭޖް 5، ނުވަތަ ގްރޭޑް 11، 12 ލިޔުނީ އަޅުގަނޑެއް ނޫނެވެ. އެ ގްރޭޑްތައް ލިޔުއްވި ބޭފުޅުން ދިރާސާކުރެއްވީ ކޮންކޮން ޤައުމުތަކެއްކަމެއްނޭނގެއެވެ. އެބޭފުޅުންގެ ބާވަތްތައްވެސް ބަދަލެއްނުވެ ހުރީ ހަމަ ދާދި އެއްގޮތަކަށެވެ. ބާވަތެއް އިތުރެއް ވެސް ނުވެއެވެ. ތިރީގައި އެ ވަނީ ޤައުމީ މަންހަޖުގައި ދިވެހި، ކީސްޓޭޖް:5، (ގްރޭޑް 12،11) ގައިވާ، ލިޔުންތެރިކަމުގެ ބާވަތްތަކާއި އެބައިތައްހުރި ޞަފުޙާތަކެވެ.
|
އައުޓްކަމް ލ.9.1؛ 10.1 |
ފާހަގަ ނުވަތަ އިންޑިކޭޓަރ |
|
އަމިއްލަ ތަޖުރިބާއާއި، ޚިޔާލާއި ފެންނަގޮތުގެ މައްޗަށް ބިނާކޮށް ތަފާތު ބޭނުންތަކަށް ތަފާތު ކިޔުންތެރިންނަށް އަމާޒުކޮށް ތަފާތު ވައްތަރުގެ މޮޅު ޒާތީ ލިޔުން އުފެއްދުން |
ހ. އަމިއްލަ ޝުޢޫރާއި ޚިޔާލުފާޅުކުރުމަށް ލިޔުން (މިސާލަކަށް: ގިނަ ޕެރެގްރާފްތަކެއްގެ މައްޗަށް އެކުލެވިގެންވާ އަމިއްލަވާހަކަ، ފިލްމު/ފޮތުގެ ރިވިއު ލިޔުން) ޞ. 36، 70 |
|
އައުޓްކަމް ލ.9.2؛ 10.2 |
ފާހަގަ ނުވަތަ އިންޑިކޭޓަރ |
|
އެކި ބޭނުންތަކަށް ކިޔުންތެރިންނަށް އަމާޒުކޮށް ކަމެއް އަންގައިދިނުމަށް ނުވަތަ ސަބަބު ބަޔާންކޮށް ކަމެއް އޮޅުންފިލުވައިދިނުމަށް ލިޔާ މައުލޫމާތު ފޯރުކޮށްދޭ ލިޔުމާއި ބަހުސްކުރާ ލިޔުންތައް އުފެއްދުން
|
ހ. އޮޅުންފިލުވައިދިނުމަށާއި، އަންގައިދިނުމަށާއި، ރިޕޯޓުކުރުމަށް ލިޔުން ށ. ނަސޭހަތްދިނުމަށާއި، އިރުޝާދުދިނުމަށް ލިޔުން ޒ. އަނެކުންގެ އިހްސާސްތަކާ ކުޅެލުމަށާއި، ވަކިގޮތެއް ޤަބޫލުކުރުވުމަށް ލިޔުުން (ގިނަ ޕެރެގަރަފްތަކެއްގެ މައްޗަށް އެކުލެވިގެންވާ އެއްކޮޅަށާއި ދެކޮޅަށް ވާހަކަދައްކާ ލިޔުން/ މަޒުމޫނު) ޞ. 37-38، 71-72
|
|
އައުޓްކަމް ލ. 9.3؛ 10.3 |
ފާހަގަ ނުވަތަ އިންޑިކޭޓަރ |
|
ތަފާތުބޭނުންތަކުގައި ތަފާތު ކިޔުންތެރިންނަށް އަމާޒުކޮށްގެން އަދަބީ ނަމޫނާތަކަށް ބަލައިގެން ތަފާތު ވައްތަރުގެ ރީތި ޚިޔާލީ ލިޔުންތައް އުފެއްދުން |
ހ. ސިފަކުރުމަށް ލިޔުން ޞ. 39، 72 |
މުޤައްރަރުތައް ލިޔެވިފައިވަނީ ދިހަ ބާރު އަހަރު ކުރިކަމުން އެބައިތައް މިހާރުގެ ލިޔުންތެރިކަމުގެ ބާވަތްތަކަށް ފެތޭގޮތް އެނގޭނީ ކޮންމެވެސް ވަރަކަށް އެ ބައިތައް އޮޅުންފިލުވައިދީގެންކަމުން އެ ކަންކުރުމަށް އަވަސްވެ ގަންނަމެވެ. ލިޔުންތެރިކަމުގެ އައުޓްކަމް 9.1، 10.1، 11.1، 12.1 ގައިވާ ޒާތީ ލިޔުން މާނަކުރަނީ ތިމާ އަމިއްލައަށް އުފައްދާ ތިމާގެ ޚިޔާލުއެކުލެވޭ ޕަރސަނަލް ރައިޓިންގ އަށެވެ. މީ އަދަބީ ލިޔުމެވެ. ވާހަކަ، ޑައެރީ، މެމުއަރ، އޮޓޯ ބައޮގްރަފީ ފަދަ ލިޔުންތަކަކީ މީގެދަށުން އަންނަ ވައްތަރުތަކެވެ. އައުޓްކަމް 9.2، 10.2، 11.2، 12.2 ގައި އެވަނީ ނޮން-ފިކްޝަން ގެ ބާވަތްތަކެވެ. ”ބަހުސްކުރާ ލިޔުންތައް“ ކީ އޭރު އާގިޔުމެންޓޭޓިވް ރައިޓިންއަށް އަޅުގަނޑުމެން ކިޔާ އުޅުނީ އެހެންކަމުގައިވާތީއެވެ. އޭރު ބެލިފައިއޮތީ އެއްކޮޅަށް ވާހަކަދެއްކިޔަސް ދެކޮޅަށް ވާހަކަދެއްކިޔަސް އެއީ ބަހުސްކުރުން ކަމުގައެވެ. މިހާރު ދެކޮޅަށް ވާހަކަދައްކާ ލިޔުމަށް ”ޑިސްކަރސިވް ރައިޓިންގ“ އޭ ކިޔައެވެ. އައުޓްކަމް 9.3، 10.3، 11.3، 12.3 ގައި އެވަނީ ޚިޔާލީ ލިޔުމެވެ. މީ އިމޭޖިނޭޓިވް ނުވަތަ ކްރިއޭޓިވް ރައިޓިންގ އެވެ. ސިފަކުރުން، ވާހަކަލިޔުން، ޅެން ހެދުން، ޑްރާމާ ލިޔުން ފަދަ ވައްތަރުތަކަކީ މީގެ މިސާލުތަކެވެ. އާއެކެވެ. މިއާ ޒާތީލިޔުމާ ވަރަށް އެއްގޮތް ވާނެއެވެ.
މިހާރުގެ ލިޔުންތެރިކަމުގެ އޮއިވަރާއި، ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި އިމްތިޙާނުކުރެވޭ ލިޔުންތެރިކަމުގެ ބާވަތްތަކާއި، އަޅުގަނޑުމެންގެ ދަރިވަރުން ބޮޑެތި މީހުންނަށްވެގެން މުސްތަޤުބަލުގައި ކުރާނެ ލިޔުންތެރިކަމުގެ ގިނަމަސައްކަތްތަކަށް ވިސްނައި، މަތީގައިވާ މުޤައްރަރުގެ ބައިތަކަށް ރިޢާޔަތްކުރާއިރު ދިވެހި ބަހުގެ ލިޔުންތެރިކަމުގެ މައިގަނޑު ބާވަތްތައް ކަނޑައަޅާނަމަ، އަޅުގަނޑު ހުށައަޅާ އަދި އިމްތިހާނުކުރުމަށް ވެސް ބޭނުންވާ ލިޔުންތެރިކަމުގެ ބާވަތްތައް ތިރީގައި އެ ވަނީއެވެ.
- ސިފަކުރުމަށް ލިޔުން Writing to Describe
- އަންގައިދނުމަށް ލިޔުން Writing to Inform
- އޮޅުންފިލުވައިދިނުމަށް ލިޔުން Writing to Explain
- އިރުޝާދުދިނުމަށް ލިޔުން Writing to Instruct
- ބަހުސްކުރުމަށްލިޔުން Writing to Argue
- ޤަބޫލުކުރުވުމަށް ލިޔުން Writing to Persuade
- ޑިސްކަރސިވް ރައިޓިންގ (ހަމަ އެކަނި އޭލެވެލްގައި) Discursive Writing
މީގެތެރޭގައި ”ލަފާދިނުމަށް ލިޔުން“ މުޤައްރަރުގައި އަޅުގަނޑު ކިޔާފައިވާގޮތަށް ބަލާނަމަ، ”ނަސޭހަތްދިނުމަށް ލިޔުން“ ނުހިމަނަމެވެ. އެއީ ލަފާދިނުމަށް ލިޔުމާއި އިރުޝާދު ދިނުމަށް ލިޔުމުގައި، އެއްގޮތަކަށް ހުރެފައި އިރުޝާދުދިނުމަށް ލިޔުން ހިމެނުމުން، ލަފާދިނުމަށްލިޔުން ވެސް ގާތްގަނޑަކަށް ހިމެނިގެން އަންނާތީއެވެ. ލަފާދިނުމަށް ލިޔުން އެކަނި ހިމެނުމުން ރެސިޕީ، މެނުއަލް ފަދަ ތަކެތި ވަންނާނީ ކޮންބާވަތެއްގެ ދަށަށްކަން ކަނޑައަޅަން އުނދަގުލެވެ. ބޭރުގެ ގިނަ ތަންތަނުން ވެސް ހިމަނާފައި ހުންނަނީ މިބާވަތްތަކެވެ. ބުއްދީގެ ހަމަތަކުން ބަލާއިރު މިގޮތް ރަނގަޅު ކަމުގައި ވިޔަސް އެންމެ ފަހުގޮތް ނިންމައި އިމްތިހާނުކުރާ ބައިތައް ކަނޑައަޅުއްވާނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން (އެން.އައި.އީ) ނާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީ.ޕީ.އީ) އިންނެވެ. އަޅުގަނޑު މި އުޅެނީ ޓީޗަރުންނަށް މިބާވަތްތައް އޮންނަގޮތް އޮޅުން ފިލުވައިދޭން ވެގެންނެވެ.
ލިޔުންތެރިކަމުގެ ބާވަތްތައް މުޤައްރަރުގައި ބަޔާންވެގެންވާއިރު، ހަމަކުރީގެ އުސޫލުން ސިޓީއާއި ލިޔުންތެރިކަމުގެ ވައްތަރުތައް، މުޅިން ވަކިކޮށްގެން ގްރޭޑް، 9، 10، 11، 12 އަށް ކިޔަވައިދެމުންދާތީ އެބަ ފެނެއެވެ. މި ގްރޭޑްތަކަށް ކިޔަވައިދޭން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން (އެން.އައި.އީ) އަގުދީގެން ލިޔުއްވި ފޮތްތަކުގައި ވެސް ލިޔުންތެރިކަމުގެދަށުން ޓެކްސްޓް ޓައިޕްސްއަށް އެކަށީގެންވާ ވަރަށް ބާރު އަޅައިފައިވާތީއެއް ނުފެނެއެވެ. ފޮތްތަކުގައި ބާރުއަޅާފައި ހުރީ މުގައްރަރުގެ އެޕެންޑިކްސްގައިވާ ލިޔުންތެރިކަމުގެ ބާވަތްތަކުގެ ލިސްޓް ހަމަކުރުމަށެވެ. އެލިސްޓްގައިވާ ތަކެތި ލިޔުއްވުމަށެވެ. އެގޮތުން ލިސްޓްގައި ހުރި ގިނަ ވައްތަރުތައް ފޮތްތަކުގައި ލިޔަންދީފައި އެބަހުއްޓެވެ. މީގެތެރެއިން ބައެއް ވައްތަރުތައް ލިޔުމަށް އަޅުގަނޑު 2005 ވަނަ އަހަރު ލިޔުނު ”ލިޔުންތެރިކަމުގެ މައިގަނޑު ބާވަތްތައް“ ކިޔާ ހޭންޑައުޓެއްގައިވާ ބައެއް ބައިތައް ބޭނުންކޮށްފައި ވެއެވެ. އޭރު ދިވެހިބަހުން ފެންނަން ވެސް އޮތީ އެ އަތްމަތީ ކަރުދާސް ކަމުގައިވާތީވެސް ކަންނޭނގެއެވެ. އެކަމަކު ކީ ސްޓޭޖް 4ގެ މުޤައްރަރުގައި މަތީގައި ދެންނެވިބާވަތްތައް (އޮޅުންފިލުވައިދިނުމަށާއި، އަންގައިދިނުމަށާއި، ސިފަކުރުމަށް ލިޔުން، އިރުޝާދުދިނުމަށް ލިޔުން، ޤަބޫލުކުރުވުމަށް ލިޔުން) އެބަހުއްޓެވެ. ހުރީ ޙާޞިލުކުރަންވާ އައުޓްކަމްތަކުގެ ތެރޭގައެވެ. ބަހުސްކުރުމަށް ލިޔުމާއި، ޑިސްކަރސިވް ރައިޓިންގެ ބަދަލުގައި އަޅުގަނޑަށް ލިޔެވިފައި އޮތީ އެއްކޮޅަށާއި ދެކޮޅަށް ވާހަކަދައްކާ ލިޔުން މިހެންނެވެ. މިބައި މިއޮތީ މުޅިން ރަނގަޅަކަށް ނޫނެވެ. މިބައި އަދި ފަހުން އަންނަ ހުއްޓެވެ.
މުޤައްރަރުގައި ގިނަބާވަތްތައް ލިޔެފައި ހުއްޓައި، އެއިން ބާވަތެއްގެ ނަންވެސް ނުގަނެ ފޮތްތައް ނެރެވި އެގޮތަށް ކިޔަވައިދެމުންދާތީއާއި ޑީ.ޕީ.އީއިން ވެސް ފޮތްތައް މުހިންމުވެގެންއުޅޭތީ، އިމްތިޙާނުތަކުގައި އެންމެ ގިނަ މާކްސް ލިބޭ ބައެއްކަމުގައިވާ ލިޔުންތެރިކަމުގެ ބާވަތްތަކަށް ވީގޮތަކާއި ކަން އޮންނަންވީ ގޮތެއް އަހަރެމެންނަށް އެނގެން އެބަޖެހެއެވެ. ގްރޭޑް 10އާ ހަމައަށް މުޤައްރަރު ލިޔުނީ އަދި ބާވަތްތައް ވެސް ލިޔުނީ އަޅުގަނޑު ކަމަށްވާތީ އައު ފޮތްތަކާއި، އިމްތިޙާނުގެ ސްޕެސިފިކޭޝަންގައި ބުނާ ލިޔުންތެރިކަމުގެ ބާވަތްތައް އޮޅުން ނުފިލައިގެން ވަރަށް ގިނަ ޓީޗަރުން އަޅުގަނޑާ އެބަ ސުވާލު ކުރެއެވެ. އޮޅުންފިލުވައިދޭން އެންމެ ފަސޭހައީ ކުރީގައި ބާވަތްތައް ކަނޑައެޅުނުގޮތާއި އެއަށް އައި ބަދަލުއެނގިގެން ކަމަށްވަތީ އެކަންކުރުމަށް އަވަސްވެ ގަންނަމެވެ.
2005 ވަނަ އަހަރު އަޅުގަނޑު ލިޔުނު ”ލިޔުންތެރިކަމުގެ މައިގަނޑު ބާވަތްތައް“ ވުޖޫދުވީ އަޅުގަނޑު ފެކަލްޓީ އޮފް އެޑިޔުކޭޝަން (އެފް.އީ) ގައި މަސައްކަތްކުރިއިރު އެތަނަށް ވަޑައިގަތް އޮސްޓްރޭލިޔާގެ ކޮންސަލްޓަންޓަކު ވިދާޅުވި ވާހަކައަކާ ގުޅިގެންނެވެ. އޭނާއަކީ އެއިރު އެފް.އީ ގައި އަލަށްފަށަން އުޅޭ ބީ.އޭ ޓެފްލް (އިނގެރޭސިބަސް ކިޔަވައިދިނުމުގެ ފުރަތަމަ ޑިގްރީ) ކޯސް ރާވައި، މުޤައްރަރުތައް ލިޔަން ފޮނުއްވާފައި އިންނެވި ބޭކަނބަލެކެވެ. ނަމަކީ ޖީން ބްރިކްސްއެވެ. އޭނާ ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގެ ދަރިވަރުން ޖީ.ސީ.އީ އޯލެވެލުގެ އިނގިރޭސި މާއްދާއިން ފާސްވާ މިންވަރު އަދަދު ދަށްވަނީ އެކުދިންނަށް ޓެކްސްޓް ޓައިޕްސް (ލިޔުންތެރިކަމުގެ ބާވަތްތައް) ނޭނގޭތީއެވެ. ސުވާލު ކިޔާފައި އެއަށް ޖަވާބުދޭންވީ އެޕްރޯޗާއި އެވައްތަރެއްގެ އޮނިގަނޑު އޮންނަންވާނެ ގޮތާއި، އޭގެ ޓެކްސްޗުއަލް ފީޗާޒް ނޭނގެނީ އެ ބާވަތްތައް ކިޔަވައި ނުދޭތީ އެވެ. އެހެން ވިދާޅުވެފައި ”ޓެކްސްޓް ޓައިޕްސް“ ކޮންމެވެސް ވަރަކަށް އަޅުގަނަޑަށް އޮޅުންފިލުއްވައި ދެއްވިއެވެ.
މި ވިދާޅުވި ވާހަކައާ މެދު އަޅުގަނޑަށް ވަރަށް ގަޔާވެވިއްޖެއެވެ. އެހެނީ އޭނާ އެވިދާޅުވަނީ ވަކިވަކިން ސިޓީ، މަޒުމޫނު، ވާހަކަ، ރިޕޯޓް ކިޔަވައިދިނުމުގެ ބަދަލުގައި އެ ލިޔުމެއްގެ ބޭނުމާއި، އެއިން ކިޔާމީހާއަށް ފޯރުކޮށް ދޭންވާ މެސެޖާއި، ލިޔުންތަކުގައި ހުންނަ އާންމު ސިފަތަކަށް ބަލައިގެން ގިންތިކޮށް އެކި ގިންތީގެ ދަށުން ”އެއް ގިންތިއެއްގެ ގޮތުގައި“ ކިޔަވައިދިނުމަށެވެ. މިއީ ވަކިވަކިން ސިޓީނޯޓެއް (ޖެހިގެން ހުރިގެއިން ތިޔަގޭގޯތިތެރެއަށް ކުނިއަޅާތީ ރަށު އޮފީހަށް ސިޓީއެއް ލިޔާށެވެ.) ދީގެން، ނުވަތަ ކްލާހަށް ގޮސް އެދުވަހު ހިތަށް އައި މައުޟޫޢެއް ދީގެން (މިސާލަކަށް ފަޅުރަށެއް ތަރައްޤީ ކުރާނެ ގޮތް) ސިޓީ ނުވަތަ މަޒުމޫނު ލިޔުއްވުމަށްވުރެ ފައިދާހުރި ގޮތެއްކަމަށް އަޅުގަނޑަށް ވިސްނިއްޖިއެވެ. މި ގޮތަށް ކިޔަވައިދނުމުން ދަރިވަރުންނަށް ވެސް މާރަނގަޅަށް އޮޅުން ފިލާނެކަމަށް ވެސް ޤަބޫލުކުރެވިއްޖެއެވެ. އެހެންކަމުން އޭނާ ކޯސް ފެށްޓެވުމުން އެ ކޯހުގައި އޭނާ ނެންގެވި ”ޓެކްސްޓް ޓައިޕްސް“ މި މާއްދާއަށް އަޅުގަނޑު ހާޒިރުވެ ކިޔެވީމެވެ. ބީ.އޭ ޓެފްލް ކޯހުގެ ފުރަތަމަ ބުރުގެ ދަރިވަރުން މި ކަމަށް ހެކިވާނެއެވެ. އަޅުގަނޑު 2005 ގައި ނެރުނު ”ލިޔުންތެރިކަމުގެ މައިގަނޑު ބާވަތްތައް“ މި އަތްމަތީ ކަރުދާހަކީ އޭނާގެ ހޭންޑައުޓްތައް ބަލައިގެން ލިޔުނު ކަރުދާހެކެވެ. ”ދިވެހިބަހުން ވެސް ހަމަ ތިޔަ ކަންތައް ކުރެވޭނެއެވެ“ މިއީ އަޅުގަނޑުގެ މޮޓޯކަމުގައިވެފައި ދިވެހިބަސް ކިޔަވައިދިނުން ”މޮޑަރން“ ކުރަން އަޅުގަނޑު ބޭނުންވާތީ ވެސް މެއެވެ.
2005ގައި ލިޔުނު ”ލިޔުންތެރިކަމުގެ މައިގަނޑު ބާވަތްތައް“ މިއަތްމަތީ ކަރުދާހުގައިވާ ބާވަތްތައް
| ބާވަތް | ތަޢާރަފު | މިސާލު |
| ރިކައުންޓް
Recount |
ހިނގާފައިވަ ކަމެއް، ތަޖުރިބާއެއް އެ ހިނގި ތަރުތީބުން ބަޔާންކޮށްދިނުން | ޑައިރީ، ޕޮލިސް ރިޕޯޓް، ނޫސް ރިޕޯޓް |
| ވާހަކަ
Narrative |
މުނިފޫހިފިލުވައިދިނުމާއެކު، ހާދިސާއެއް ނުވަތަ ހާދިސާތަކެއް ވަކި ބީދައަކުން ކިޔައިދިނުން | ބޯދާ ވާހަކަ، ލޯބީގެ ވާހަކަ، ތާރީޚީ ވާހަކަ |
| އިރުޝާދު
Procedure |
ކަމެއް ކުރާގޮތް، އެއްޗެއް ހަދާގޮތް، ކަމެއް އޮންނަގޮތް އަންގައިދނުން | ރެސިޕީ، ކުޅިވަރު ކުޅޭނެގޮތް، އެއްޗެއް ރާވާނެގޮތް، ތަނަކަށް ދާނެގޮތް ކިޔައިދިނުން |
| މަޢުލޫމާތު ރިޕޯޓް
Information Report |
ޙަޤީޤީ މަޢުލޫމާތު ހާމަކޮށްދިނުން | ހަޤީޤީ މައުލޫމާތު ހާމަކޮށްދޭ ލިޔުން.
ކޮރޯނާ ވައިރަހަކީ ކޮންއެއްޗެއް؟ މޭވާއިން ލިއްބައިދޭ ފައިދާތައް |
| އޮޅުންފިލުވައިދިނުން
Explanation |
އެއްޗެހި ’މަސައްކަތްކުރަނީ‘ ކިހިނެއްކަން ނުވަތަ ކަމެއް ހިނގަނީ ކިހިނެއްކަން ބުނެދިނުން | ކޮމްޕިޔުޓަރ މަސައްކަތް ކުރަނީ ކިހިނެއް؟ ދަގަނޑުގައި ދަބަރު ޖަހަނީ ކީއްވެ؟ |
| އެއްކޮޅަށް ވާހަކަދައްކާ މަޒުމޫނު
Argumentative (Exposition) |
ކަމެއްގައި ތިމާ ތާއީދުކުރާކޮޅަށް ހެކިދައްކައިގެން ސާބިތުކޮށްދިނުން | ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ފުރަބަންދު މުހިންމެވެ. |
| ދެކޮޅަށް ވާހަކަދައްކާ މަޒުމޫނު
Discussion |
މައުޟޫޢުގެ ދެކޮޅަށް ބަލައިލުން | އިޝްތިހާރުކުރުމުގެ ފައިދާއާއި ގެއްލުން |
ނޯޓު: މިބާވަތްތައް ލިޔުނު އަތްމަތީ ކަރުދާހުގައި (2005)، މިއީ ފަށާތަޢުލީމުގެ ގްރޭޑްތަކުގައި ކިޔަވައިދެވިދާނެ ބާވަތްތަކެއްކަމުގައި އަޅުގަނޑު ލިޔެފައި އޮންނާނެއެވެ. އިނގިރޭސިވިލާތުގެ ޖީ.ސީ.އެސް.ސީ ގައި އިމްތިހާނުކުރާ ބާވަތްތައް މިބާވަތްތަކާ ތަފާތެވެ.
މި މައިގަނޑު ބައިތަކުގެ ޑްރާފްޓް ނިންމާފައި އެ ރިވައިޒް ކުރަން ބޭނުންވިއެވެ. އެހެނީ Argumentative އަށް، އެއްކޮޅަށް ވާހަކަދައްކާ މަޒުމޫނު ކިޔާކަށް އޭރު ވެސް ހިތްހަމައެއް ނުޖެހުނެވެ. ބަހުސްކުރާ ލިޔުން ކިޔާކަށް ވެސް ނުކެރުނެވެ. މަޒުމޫނުގެ ނަން ވެސް އެންމެ ވައްތަރެއްގައި ނާންނާތީއާ ވެސް އެކުގައެވެ. އޭރު އެނގިފައި އޮތީ ބަހުސްކުރާ ނަމަ، އެއްކޮޅާއި ދެކޮޅު އަންނާނެ ކަމުގައެވެ. Discussion ގައި ދެކޮޅު އަންނާތީ އާއެކު ”ބަހުސްކުރާ ލިޔުން“ ކިޔޭކަށް ނެތެވެ. މި ކަންތައްތައް ހިތުގައި ބާއްވައިގެން ބައެއް ގާތް ރައްޓެހިންނަށް ފާޑުކިޔަން ޑްރާފްޓް ދީގެން އުޅެނިކޮށް 2008 ވަނަ އަހަރު ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުން ނެރުއްވި ދިވެހި ގްރޭޑް 9 ގެ ފޮތުގައި މި ޑްރާފްޓް ޝާއިޢު ކުރައްވައިފިއެވެ. އަޅުގަނޑު ގާތުގައި އެ ވާހަކަ އަޅުގަނޑުގެ ރަޙުމަތްތެރިޔާ ވިދާޅުވިއެވެ. އޭރު ފޮތް އޮތީ ޗާޕަށް ގޮސްފައެވެ. އެ ހިސާބުން ލިޔުންތެރިކަމުގެ ބާވަތްތަކުގައި ސިއްކަ ޖެހުނީއެވެ. އެއިރަކު މި ބާވަތްތަކާ އިނގިރޭސި ވިލާތުގައި ބޭނުންކުރާ ލިޔުންތެރިކަމުގެ ބާވަތްތަކާ ތަފާތުކަމެއް ނޭނގެއެވެ.
އޮސްޓްރޭލިޔާގެ ކޮންސަލްޓަންޓް، ޖީން ބްރިކްސް ލިޔުއްވި އެއްބާވަތް އަޅުގަނޑަށް ވަނީ އަތްމަތީ ކަރުދާހުގައި ނުހިމެނިއެވެ. އެއީ ސިފަކުރުން Description މި ބައެވެ. ސިފަކުރުމަކީ ”ތަސްވީރެއް، މަންޒަރެއް، އިވެންޓެއް ކިޔާމީހާގެ ހިތުގައި ކުރަހައިދިނުމެވެ.“ އޭގެ މިސާލަކީ ދޭ މަންޒަރު ސިފަކޮށްދިނުމެވެ. ފަހުގެ ލިޔުންތެރިކަމުގެ ބާވަތްތަކުގައި މި ބައި އަދި ތަފްޞީލުކޮށް އަންނަ ހުއްޓެވެ.
މިހާރު ”ލިޔުންތެރިކަމުގެ ބާވަތްތައް“ އޮންނަން ހުށައަޅާ ގޮތް
| ބާވަތް | ތަޢާރަފު | ބައެއް ވައްތަރު |
| ސިފަކުރުމަށް ލިޔުން
Writing to Describe |
ކިޔާމިހާއަށް އެހުރެވުނީ އެތާކަމުގެ އިޙްސާސްކޮށްދިނުން؛
ހާދިސާއެއް/ހާދިސާތަކެއް ވަކި ބީދައަކުން ކިޔައިދިނުން |
ވާހަކަ، ސިފަކުރުން، ޑައެރީ، ޕަރސަނަލް މެމުއަރ |
| އަންގައިދިނުމަށް ލިޔުން
Writing to Inform |
ޙަޤީޤީ މަޢުލޫމާތު ހާމަކޮށްދިނުން؛
އިރުޝާދުދޭ ލިޔުންތައް |
ނޫސް ރިޕޯޓް، އާޓިކަލް، ސިޓީ، ލީފްލެޓް، |
| އޮޅުންފިލުވައިދިނުމަށް ލިޔުން
Writing to Explain |
ކަމެއް ވަނީ ކީއްވެގެންކަމާއި އެއްޗެއް ”މަސައްކަތްކުރަނީ“ ކިހިނެއްކަން ބުނެދިނުން | ތަޤުރީރު، ސިޓީ، އީމޭލު
ބްލޮގް ޕޯސްޓެއް، އާޓިކަލް، ޑޮކިޔުމެންޓްރީ ސްކްރިޕްޓް |
| އިރުޝާދުދިނުމަށް ލިޔުން
Writing to Instruct |
ކަމެއް ކުރަނީ ކިހިނެއްކަން، އެއްޗެއް ހަދަނީ ކިހިނެއްކަން ކިޔާމީހާއަށް ބުނެދިނުން | ރެސިޕީ، މެނުއަލް، ގައިޑު |
| ބަހުސްކުރުމަށް ލިޔުން
Writing to Argue |
(އިދިކޮޅު ޕޮއިންޓް ތަކާއެކު) ވަކި ކޮޅަކަށް ކިޔާމީހާ ހޭލުންތެރި ކުރުވައި ވިސްނައިދިނުން | އާޓިކަލް، ތަޤުރީރު، ނޫސްރިޕޯޓު، ސިޓީ، |
| ޤަބޫލުކުރުވުމަށް ލިޔުން
Writing to Persuade |
ވަކި ކަމެއް ކުރުވުމަށް ނުވަތަ ވަކި ކަމަކާ މެދު ދެކޭގޮތް ބަދަލުކުރުވުމަށް ލިޔުން | ސިޓީ، އާޓިކަލް، ތަޤުރީރު |
| ޑިސްކަރސިވް ރައިޓިންގ
Discursive Writing |
މައްސަލައެއްގެ، ޙާލަތެއްގެ ދެކޮޅު/ ގިނަކޮޅު ހޯދާ ބަލައި މަޝްވަރާކޮށް ހަމަޖެހޭނިންމުމަކަށް އައުން | އާޓިކަލް، ބްލޮގް ޕޯސްޓް، |
ނޯޓު: ސިފަކުރުމަށް ލިޔުން، އަންގައިދނުމަށް ލިޔުން މި ގޮތަށް ނަންދިނީ އައިބުނުވެ ސީދާ ތަރުޖަމާއިން މާނަ ފުރިހަމައަށް މޭރުންވާތީއާއި، މައިގަނޑުނަމެއްގޮތަށް ތަޞައްވުރު ކުރެވޭތީއެވެ. އެހެނީ ސިފަކުރުން ކިޔުމުން އެންމެ ވައްތަރެއްގެ ތަޞައްވުރު ކުރެވިފައި، ސިފަކުރުމަށް ލިޔުން ކިޔުމުން އޭގެދަށުން ވައްތަރުތަކެއް ހުންނާނެކަމަށް ހިތަށް ސިފަކުރެވެއެވެ.
މިއީ މި އަތްމަތީކަރުދާހުގެ ސަފުހާ 6،5 ގައި ބަޔާންކުރި ދިވެހިބަހުގެ ލިޔުންތެރިކަމުގެ ބާވަތްތަކެވެ. މިތާ މި އޮތީ އިނގިރޭސި ނަންތަކާއި، އޭގެ ދަށުން ލިޔެވިދާނެ ބައެއް ވައްތަރުތަކާއި، ކޮންމެ ބާވަތެއްގެ ކުރުތަޢާރަފެކެވެ. ]މިކުރު ތަޢާރަފު ފުރިހަމައެއްނުވާނެއެވެ. އެހެންކަމުން އަޅުގަނޑު ލިޔެފައިވާ 17 ސަފުހާގެ ”ލިޔުންތެރިކަމުގެ ބާވަތްތައް“ އަތްމަތީކަރުދާސް ވިދާޅުވުން މުހިންމެވެ.[ މީގެތެރެއިން ޑިސްކަރސިވް ރައިޓިންގ ފިޔަވައި ދެންހުރި ބާވަތްތަކަކީ ގިނަ ގައުމުތަކުގައި މައިގަނޑު ބާވަތްތައްކަމުގައި ބަލައިގެން ކިޔަވައިދޭ ބާވަތްތަކެވެ. އަޅުގަނޑުމެން ބެންޗްމާކްކުރާ އިނގިރޭސި ވިލާތުގައި ވެސް ޖީ.ސީ.އެސް.އީ އޯލެވެލާއި އޭލެވެލްގައި ވެސް އިމްތިހާނުކުރެވެނީ މި ބާވަތްތަކުންނެވެ. ޑިސްކަރސިވް ރައިޓިންގ ލިޔަންދީފައި ހުއްޓާ ފެންނަނީ އޭލެވެލްގައެވެ. އިނގިރޭސި ވިލާތުގައި އިމްތިހާނުދީ ގްރޭޑްކުރަނީ އަމިއްލަ ބޮޑީ (ފަރާތް) ތަކަކުންނެވެ. އޭގެތެރެއިން ރާއްޖޭގެ ކުދިން ބައިވެރި ކުރަނީ ކެމްބްރިޖް އާއި އެޑެކްސެލް އިމްތިހާނުތަކުގައެވެ. މި ދެފަރާތުގެ އިތުރުން ހަތަރު ބޮޑީއަކުން އިމްތިޙާނު ދެއެވެ. އެފަރާތްތައް މި ލިންކުން https://www.bbc.co.uk/bitesize/subjects/zr9d7ty ފެނިވަޑައިގަންނަވާނެއެވެ. ބީ.ބީ.ސީ އިން ބަލަހައްޓާ މި ސައިޓުގައި އަޅުގަނޑުމެން ފޫހި ނުވާވަރަށް ބަސްކިޔަވައިދޭނެ މެޓީރިއަލް އެބަހުއްޓެވެ.
މި ބާވަތްތައް ތަޢާރަފުކޮށް މިސާލާއި ނަމޫނާ ސުވާލުތަކާއެކު ލިޔަންޖެހުނީ ގްރޭޑް 12،11،10،9 ގެ ޓެކްސްޓް ފޮތްތައް ލިޔުމުގެ މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން، 2020ގައި އެސް.އެސް.ސީ އާއި އެޗް.އެސް.ސީ އިމްތިހާނު އޮންނާނެ ގޮތުގެ ނަމޫނާ ސުވާލުކަރުދާހެއް ދެކިވަޑައިގަންނަވަން ބޭނުންފުޅުވާތީ، ދަރުމައަށް އެ މަސައްކަތް ކުރުމުގެ ތެރޭގައެވެ. ބޭރުގެ މި ފެންވަރުގެ އިމްތިހާނު ކަރުދާސްތައް ދިރާސާކުރުމުން ފެންނަކަމެއް އޮވެއެވެ. އެއީ ލިޔުންތައް ލިޔަންދީފައި ހުންނަނީ ލިޔުންތެރިކަމުގެ ބާވަތްތަކާ ގުޅުވައިގެންކަމެވެ. ނުގުޅުވައި ވަކިވަކިން ސިޓީ، ރިޕޯޓް ފަދަ ތަކެތި ލިޔަންދީފައެއް ނުހުރެއެވެ. އެހިނދު ލިޔުންތެރިކަމުގެ ބާވަތްތައް ޓީޗަރުންނަށް ނޭނގި މުޤައްރަރު ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަމަށް ޤަބޫލުކުރެވުނެވެ. އެހެންކަމުން ”ލިޔުންތެރިކަމުގެ ބާވަތްތައް“ ކިޔާ 17 ޞަފުޙާގެ އަތްމަތީ ކަރުދާހެއް 2018ވަނަ އަހަރުގެ މެއި ޖޫން ހިސާބުގައި ތައްޔާރުކޮށް ފޮތްތައް ލިޔުއްވި ފަރާތްތަކާއި، އެން.އައި.އީ އާ ޙިއްޞާކުރެވުނެވެ. ]މިހާރު މި އަތްމަތީ ކަރުދާސްވާނީ ކުޑަބަދަލަކާއެކު މިއަހަރު ރިވައިސްކޮށްފައެވެ.[ ފޮތްތައް ލިޔުއްވަމުން ގެންދެވި ފަރާތްތަކުން މި ބާވަތްތައް ކަމުދާކަމަށް ވެސް ވިދާޅުވިއެވެ. މީގައިވާބައިތައް އަންގައިދނުމަށް އެން.އައި.އީ އިން ދިވެހި ޓީޗަރުންނަށް ވަރަށް ގިނަ ވާރްޝޮޕް ހިންގެވިއެވެ. އެހެންނަމަވެސް ފޮތްތައް ޗާޕުވެގެން ނުކުތީ ކުރިންވެސް ދެންނެވިފަދައިން ބާވަތްތަކަށް ދޭންވާ އަޅާލުން ނުދެވިއެވެ.
ދެންއޮތީ ބޮޑު ސުވާލެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މިހާރު ފޮތްތަކުގައި ލިޔެވިފައި ހުރި ތަކެތި މިހާރުގެ ބާވަތްތަކުގެ ތެރެއަށް ފެއްތިދާނެ ހެއްޔެވެ؟
ކުރީގެ ބާވަތްތަކުގެ ތެރެއަށް މިހާރުގެ ބާވަތްތައް ފެއްތުން
| މިހާރުގެ ބާވަތް | މިހާރުގެ ބާވަތާ ގުޅޭ ކުރީގެ ބާވަތް | ލިޔެވިދާނެ ބައެއް ވައްތަރު |
| ސިފަކުރުމަށް ލިޔުން
Writing to Describe |
ވާހަކަ Narrative
ރިކައުންޓް Recount ސިފަކުރުން Descriptive writing |
ވާހަކަ، ސިފަކުރުން، ޑައެރީ، ޕަރސަނަލް މެމުއަރ |
| އަންގައިދިނުމަށް ލިޔުން
Writing to Inform |
މަޢުލޫމާތު ރިޕޯޓް Information Report | ނޫސް ރިޕޯޓް، އާޓިކަލް، ސިޓީ، ލީފްލެޓް، |
| އޮޅުންފިލުވައިދިނުމަށް ލިޔުން
Writing to Explain |
އޮޅުންފިލުވައިދިނުން
Explanation |
ތަޤުރީރު، ސިޓީ، އީމޭލު
ބްލޮގް ޕޯސްޓެއް، އާޓިކަލް، ޑޮކިޔުމެންޓްރީ ސްކްރިޕްޓް |
| އިރުޝާދުދިނުމަށް ލިޔުން
Writing to Instruct |
އިރުޝާދު
Procedure |
ރެސިޕީ، މެނުއަލް، ގައިޑު |
| ބަހުސްކުރުމަށް ލިޔުން
Writing to Argue |
އެއްކޮޅަށް ވާހަކަދައްކާ މަޒުމޫނު
Argumentative (Exposition) |
އާޓިކަލް، ތަޤުރީރު، ނޫސްރިޕޯޓު، ސިޓީ، ލީފުލެޓު |
| ޤަބޫލުކުރުވުމަށް ލިޔުން
Writing to Persuade |
އެއްކޮޅަށް ވާހަކަދައްކާ މަޒުމޫނު
ގަބޫލުކުރުވުމަށް ލިޔުނަސް ވާނީ އެއްކޮޅަށް ވާހަކަ ދައްކާކަމަށް. އެހެންކަމުން އެހެން ބާވަތަކަށް ދީފައިވާ ”އާގިޔުމަންޓް“ އިނގިރޭސިބަހުން ނުލިޔުނީ |
ސިޓީ، އާޓިކަލް، ތަގުރީރު |
| ޑިސްކަރސިވް ރައިޓިންގ
Discursive Writing |
ދެކޮޅަށް ވާހަކަދައްކާ މަޒުމޫނު
Discussion |
އާޓިކަލް، ބްލޮގް ޕޯސްޓް، |
ނޯޓު: މިބާވަތްތައް ތަފްސީލުކޮށް އެނގޭނެ 17 ޞަފުޙާގެ އަތްމަތީ ކަރުދާހެއް 2018 ވަނައަހަރު އަޅުގަނޑު ހަދައިފައި ވާނެއެވެ. އޭގައި ބާވަތްތަކުގެ ތަފުޞީލާއި ސުވާލުތަކުގެ މިސާލު ވެސް ހުންނާނެއެވެ.
މަތީގައިވާ ތާވަލުން ދައްކާގޮތުގައި ކުރީގެ ބާވަތްތަކުގެ ދަށުން ގެނެސްފައިވާ ވައްތަރުތައް މިހާރުގެ ބާވަތްތަކުގެ ދަށަށް ގެނެވިދާނެއެވެ. އެކަންކުރާނަމަ، މިހާރު ލިޔެފައިވާ ފޮތްތަކުގައި ދީފައިވާ ވައްތަރުތައް އަންނަނީ ކޮންބާވަތްތަކެއްގެ ދަށުންތޯ ވިސްނަންޖެހެއެވެ. އެ ބާވަތް ކަނޑައެޅުނުމުން ލިޔުންތެރިކަމުގެ ބައެއް ވައްތަރުތަކުގެ ނަންތައް ބަދަލުކޮށްލަން ޖެހެއެވެ. އެއްކޮޅަށް ވާހަކަދައްކާ މަޒުމޫނު އެއީ މިހާރުގެ ދެބާވަތެކެވެ. ބަހުސްކުރުމަށް ލިޔުމާއި، ޤަބޫލުކުރުމަށް ލިޔުމާ މި ދެބާވަތެވެ. އެހެންކަމުން އެމަޒުމޫނުތައް ލިޔުމުގެ ބޭނުންތަކަށް ބަލައިގެން އެތަކެތި ގިންތިކުރަން ޖެހެއެވެ. އޭގެ ފަހުގައި އެބޭނުމާއި ގުޅޭގޮތުން ވައްތަރު (ފޯމް) ކަނޑައަޅަން ޖެހެއެވެ. އާޓިކަލެއްތޯ، ސިޓީއެއްތޯ، ބްލޮގް ޕޯސްޓެއްތޯ އެވެ. އެއްކޮޅަށް ވާހަކަދައްކާ މަޒުމޫނު ކިޔުމުން އެވަނީ ކުރީގެ ބާވަތަކަށެވެ. އެއީ ސިޓީ ފަދަ ވައްތަރެއް ނޫނެވެ. އެހެންކަމުން އެހެން ކިޔޭކަށް ނެތެވެ. އަނެއްކޮޅުން މިހާރު މަޒުމޫނުކިޔާ ވައްތަރެއް އިނގިރޭސި ވިލާތަކު، ޖީ.ސީ.އެސް.ސީ އޯލެވެލް އާއި އޭލެވެލް ފެންވަރަށް ކިޔަވައިދޭ މުޤައްރަރުތަކާ ފޮތްތަކަކު ނުހުރެއެވެ. އިމްތިހާނު ކަރުދާހަކުވެސް ނުހުރެއެވެ. ފޮތްތައް ލިޔުއްވި ބޭފުޅުންނަށް މަޒުމޫނު ނުކިޔަން އަންގަވައިގެން މިހާރު ކިޔާފައިހުއްޓަތީ ފެންނަނީ ”އެއްކޮޅަށް ވާހަކަދައްކާ ލިޔުން“ މިހެންނެވެ. ”ލިޔުން“ މި ލަފުޒަކުން ލިޔަންވީ ވައްތަރެއް އަންގައެއް ނުދެއެވެ. އެހެންކަމުން ކަނޑައެޅިގެން ވަކި ވައްތަރެއް ބަޔާންކުރަން އެބަޖެހެއެވެ. ތަޤުރީރެއް ހެއްޔެވެ؟ އާޓިކަލެއް ހެއްޔެވެ؟ ތަޤުރީރެއް ދެވޭކަށް ނެތެވެ. އާޓިކަލެއް ވެސް ލިޔަންދެވޭކަށް ނެތެވެ. ކުރިންދެންނެވިފަދައިން ކީސްޓޭޖް 4 ގެ ދިވެހިބަހުގެ މުޤައްރަރުގެ ފަހަތުގައި އެނެކްސްގައި އޮންނަ، ލިޔަންދެވިދާނެ ތަކެތީގެ ލިސްޓުގައި ލިސްޓުކޮށްފައި ނެތިގެންނެވެ. އެކަމަކު އެގޮތް ޤަބޫލެއް ނުކުރެވެއެވެ. އެހެނީ އެއަށްހަވާލާދީ، ދެތިން މިސާލެއް ދީފައި، މުޤައްރަރުގެ އެތެރޭގައި ލިޔެފައިވާނީ މިފަދަ ވައްތަރުތައް ލިޔުމަށެވެ. އަދި އެލިސްޓަށް ޙަވާލާދިން ނޯޓުގައިވަނީ މިފަދައިންނެވެ. ”ނޯޓު: މިގްރޭޑްގައި ދަރިވަރުންނަށް ލިޔެވިދާނެކަމަށް ފެންނަ ތަކެތީގެ ލިސްޓެއް މި މުޤައްރަރުގެ ފަހަތުގައިވާނެއެވެ.“ އަޅުގަނޑަށް ފެންނަގޮތުގައި، ލިސްޓަށް އުނި އިތުރު ގެނައުމަކަށް މިބުނުން ހުރަހެއް ނާޅައެވެ. މިދެންނެވި ލިސްޓްގައި ވާހަކަ ދެއްކުމުގެ ބައިތަކުގެ ބައިގައި ”ތަޤުރީރު ދިނުން“ އެބައޮތެވެ. އެހެންވީއިރު ތަޤުރީރު ލިޔުން އެއީ ކުރަންޖެހޭނެ ކަމެކެވެ. އެހެންވިއްޔާ ތަޤުރީރުލިޔަން އިމްތިހާނުގައި ދެވެން ވާނެއެވެ. އެކަމަކު މިގޮތާ އިމްތިހާނު ކުރާ ފަރާތުން ޤަބޫލުވާނެ ބާވައެވެ!
ދެން އޮތީ ދެކޮޅަށް ވާހަކަދައްކާ މަޒުމޫނެވެ. އެއްކޮޅަށް ވާހަކަދައްކާ މަޒުމޫނު ފަދައިން މިނަން ކިޔުމުންވެސް ހީވަނީ މަޒުމޫނުގެ ވައްތަރެއް ހެންނެވެ. މި ނަމަކު ލިޔުންތެރިކަމުގެ ބާވަތެއްގެ ގޮތެއްނެތެވެ. އެއިރު އެހެން ކިޔުނު މޮޔަވެސް މިހާރު ހިތަށް އަރައެވެ. އެހެނީ ބާވަތެއްގެ ގޮތުގައި ބަލާ ނަމަ، އޭގެ ދަށުން ލިޔެވޭ ވައްތަރުތަކެއް ހުންނާނެއެވެ. ސިޓީ، އާއި ބްލޮގް ޕޯސްޓް ފަދަ ދެކޮޅުދައްކައިގެން ބަހުސްކުރާ ވައްތަރުތަކެވެ. އެހެންކަމުން ދެކޮޅަށް ވާހަދައްކާ މަޒުމޫނު މިހެންހުރި ތަންތަން ޑިސްކަރސިވް ރައިޓިންއަށް ބަދަލުކުރަން ޖެހެއެވެ.
އެއްކޮޅަށް ވާހަކަދައްކާ މަޒުމޫނު، ފަހުގެ ލިޔުންތެރިކަމުގެ ބައިތަކަށް ފެއްތީމާ ދެބަޔަކަށް ވަދެއެވެ. އެއީ، ބަހުސްކުރުމަށް ލިޔުމާއި، ޤަބޫލުކުރުވުމަށް ލިޔުމެވެ. މިއީ ދެބާވަތެކެވެ. ލިޔާގޮތާއި ރާގާވެސް ތަފާތެވެ. ޕެރެގްރާފްތަކުގެ ވާހަކަތައް އަތުރާގޮތްވެސް ތަފާތެވެ. މިދެބާވަތް ރަނގަޅަށް އޮޅުންފިލާނީ އަޅުގަނޑު އެކަމަށް 2018ގައި ހަދާފައިވާ އަތްމަތީ ކަރުދާސް ވިދާޅުވެގެންނެވެ. އެ ލިޔުން މިއަތްމަތީ ކަރުދާހާ އެއްއުރަކޮށްފައި އެވަނީއެވެ.
ކުރީގެ ބާވަތްތަކުގައި އޮތް މަޢުލޫމާތު ރިޕޯރޓް ވަންނަނީ އަންގައިދިނުމަށް ލިޔުމުގެ ދަށަށެވެ. ހަމަ ރަނގަޅަށް ވެސް ވެއްދެއެވެ. އެ ދޭތިން ވެސް އަންގައިދެނީ އެވެ. އަޅުގަނޑުމެން ސެކަންޑަރީ ފެންވަރުގައި ދަރިވަރުންލައްވައި ލިޔުއްވާ ރިޕޯޓްތަކާއި، މައުލޫމާތު ރިޕޯޓާ ތަފާތުތަކެއް ހުންނާނެއެވެ. މަޢުލޫމާތު ރިޕޯޓްގައި ހަމަ މައުލޫމާތުތަކެއް އޮއްސާލާނީ އެވެ. އެނަލައިޒްކުރުމެއްނެތި ފެކްޓާއި ޑާޓާ ފަދަ މައުލޫމާތުން ފޮޅުވަތްތައް ފުރާލަނީއެވެ. ސެކަންޑަރީގައި ލިޔުއްވާ ރިޕޯޓްތައް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެތީ ދޫކޮށްލީއެވެ.
އިރުޝާދުދިނުމަށް ލިޔުމަށް (Writing to Instruct) ޕްރޮސީޖަރަލް ރައިޓިންގ އޭވެސް ކިޔައެވެ. އިރުޝާދަކީ ނުވަތަ އިރުޝާދުދޭ ލިޔުމަކީ އެއްޗެއްހަދާނެގޮތް ނުވަތަ ކަމެއް ކުރާނެގޮތް އަންގައިދޭ ލިޔުމެވެ. ލިޔުމުގެ ބޭނުމަކީ ހަދާނެ/ކުރާނެގޮތް ތަރުތީބުން ކިޔައިދިނުމެވެ. މީގެ އާއްމު ވައްތަރުތަކަކީ ރެސިޕީ، އިންސްޓްރަކްޝަންސް (ކަމެއްކުރާނެގޮތް ކިޔައިދިނުން)، ރޫލްސް ފޮރ ގޭމްސް، މެނުއަލްސް، އެޖެންޑާ އެވެ. ހަމަ ގަސްތުގައި އިނގިރޭސިބަސް ބޭނުންކުރީ ސަބަބެއް އޮވެގެންނެވެ. މި ވައްތަރުގެ މައުޟޫއުތައް ހުންނަނީ މިފަދައަކުންނެވެ. ބުޅަލެއް ފެންވަރުވާނެ ގޮތް، އަމިއްލައަށް ބޯކޮށާނީ ކިހިނެއް؟ ޕާޓީއަކަށް ޕްލޭންކުރާނީ ކިހިނެއް؟ ބަގީޗާގެ ވިނަކޮށާނީ ކިހިނެއް؟ މިފަދަ ގޮތަކަށެވެ. ކިލާހުގައި ނުވަތަ އިމްތިޙާނުގައި ދޭ ސުވާލުގައި ”އިރުޝާދު ދިނުމަށް ލިޔާ ލިޔުމެއް ލިޔާށެވެ. މިހެނެއް ނުބުނެވޭނެއެވެ. އިރުޝާދުދޭން ލިޔަނީ ކޯޗެއްހެއްޔެވެ؟ ރެސިޕީއެއް ހެއްޔެވެ؟ ކުޅިވަރެއްގެ ގަވައިދެއް ހެއްޔެވެ؟ އާއްމު ގޮތެއްގައި އިރުޝާދުދޭ ލިޔުމުގެ ސުރުޚީއަކީ އެލިޔުމުގެ މަޤްޞަދެވެ. އެހެންކަމުން އިރުޝާދުދޭ ލިޔުން މިހެން ނުކިޔައި ސުރުޚީގައި ބޭނުންއަންނަގޮތަށް ”ފުރަބަންދުގައި އަމިއްލައަށް ބޯކޮށާނެގޮތް“ މިހެން ސުވާލު ބައްޓަން ކުރެއެވެ.
ކުރިންވެސް އަދި މިހާރުވެސް ލިޔުންތެރިކަމުގެ ތަފާތު ވައްތަރުތައް ”އުފަން“ވެއެވެ. އިމޭޭޖިނޭޓިވް ރައިޓިންގ، ކްރިއޭޓިވް ރައިޓިންގ، ނެރޭޓިވް ރައިޓިން، ޓްރާންސެކްޝަންލް ރައިޓިންގ، ރައިޓިން ޓު އެންޓަރޓެއިން، ރައިޓިންގ ޓު އެނަލައިޒް، ރައިޓިންގ ޓު ރިފްލެކްޓް، ރައިޓިންގ ޓު ކްރިޓީކް، ރައިޓިންގ ޓު ކޮމެންޓް، ރައިޓިންގ ޓު ރިވިއު، ރައިޓިންގ ޓު ރިފްލެކްޓް، އެކްސްޕޮސިޓަރީ ރައިޓިންގ ފަދަ ވައްތަރު ނުވަތަ ބާވަތްތަކެވެ. އިމްތިޙާނުކުރާ އިދާރާ (ބޮޑީ) އެއްގެ ގޮތުން ނަންތަކަށް ބަދަލު ގެނެސްފައި ހުރެއެވެ. އެހެންނަމަވެސް ވަރަށްގިނަ އިދާރާތަކުން ދޭ އިމްތިހާނުތަކުގައި މިހާރުގެ ބާވަތްތައްކަމުގައި ބަޔާންކޮށްފައިވާ ހަތް ބާވަތުގެ ތެރެއިން ޑިސްކަރސިވް ރައިޓިންގ ނޫން އެހެން ބާވަތްތައް ހުރެއެވެ. މި ހަ ބާވަތުން، ލިޔާ ވަރަށް ގިނަ ބޭނުންތައް ކަވަރުކުރެއެވެ. މިސާލަކަށް ރައިޓިން ޓު އެންޓަރޓެއިން، އިމޭޖިނޭޓިވް ރައިޓިންގ، ކްރިއޭޓިވް ރައިޓިންގ، ނެރޭޓިވް ރައިޓިން މިއީ ހައްތާ ވެސް ސިފަކުރުމަށް ލިޔުން (ރައިޓިންގ ޓު ޑިސްކްރައިބް ނުވަތަ ޑިސްކްރިޕްޓިވް ރައިޓިންގ) އާ ދާދި އެއްބޭނުމެއްގައި ލިޔެވޭ ބާވަތްތަކެވެ. ހުރިހައި ބާވަތެއްގައިހެން ކިޔައިދެނީ ޒާތީ/ ޚިޔާލީ ވާހަކަތަކެވެ. ނުވަތަ ސިފަކޮށްދެނީއެވެ. އާއެކެވެ. އެކައްޗަކަށް އެތައް ނަމެއްވެސް ކިޔާފައި ހުރެއެވެ.
މިއަހަރު ނުކުތް އެސް.އެސް.ސީ ނަމޫނާ ކަރުދާހުގައި ދެކޭގޮތް ހާމަކުރާ ލިޔުމެއް ލިޔަން އެބައޮތެވެ. އިންޓަރނެޓްގައި OPENION WRITING ޖަހާލުމުން ވަރަށް ބައިވަރު އެއްޗެހި އަތުވެއްޖެއެވެ. އެކަމަކު އެއީ އަޅުގަނޑު ބޭނުންވާ ލެވެލް ކަމުގައިވާ ސެކްނަޑަރީ ފެންވަރަށް ކިޔަވައިދޭން ލިޔެފައި ހުރި ލިޔުންތަކެއް ނޫނެވެ. އަދި އަޅުގަނޑުމެން ނަމޫނާއަކަށް ބަލާ އިނގިރޭސި ވިލާތުގެ އެއްޗިއްސެއްވެސް ނުމެ ނޫންމެއެވެ. ކޭމްބްރިޖާއި އެޑެކްސެލް ގެ އިމްތިހާނުތަކަކު މިބާވަތެއް ނެތެވެ. އެކަމަކު ލަންޑަނުގައި އޯލެވޭލާއި، އޭލެވެލް އިމްތިހާނުދޭ އެހެން އިދާރާ (ބޮޑީ) އެއްކަމުގައިވާ އޭ.ކިޔޫ.އޭ ގެ އޯލެވެލްގެ ކަރުދާސް 2 ގައި މި ވައްތަރު އެބައޮތެވެ. ކުރިން ހީކުރީ ދެކޭގޮތް ހާމަކުރުން ވީމާ، ތިމާ ބޭނުންކޮޅަކަށް ބަހުސްކުރުން ނުވަތަ ޤަބޫލުކުރުވުމަށް ލިޔުން ކަމަށެވެ. ނަމަވެސް ތިރީގައި އެވާ ސްލައިޑް ބަލައިލުމުން އެލަފާކުރުން ރަނގަޅު ނޫންކަން އެނގިއްޖެއެވެ.
SECTION B; Question 5
This question asks you to produce a piece of opinion writing, expressing your point of view on a subject or idea, in a particular form
You could be asked to explain, instruct, argue or persuade in the question
You may be asked to write a letter, article, text for a leaflet, or text of a speech and you need to follow the conventions and style of the text type in the question
އޭ.ކިޔޫ.އޭ އިމްތިޙާނަށް ކިޔަވައިދޭ ސްކޫލަކުން އިމްތިހާނަށް ފަރިތަކުރަންހެދި ޕްރެޒެންޓޭޝަނަކުން ނަގާފައި.
ސްލައިޑުން ދައްކާގޮތުގައި ދެކޭގޮތް ހާމަކުރާލިޔުން އޮޅުންފިލުވައިދިނުމަށް، އަންގައިދިނުމަށް، ލަފާދިނުމަށް، ބަހުސްކުރުމަށް، ގަބޫލުކުރުވުމަށް ލިޔެވިދާނެއެވެ. މި އިމްތިހާނުގެ ސުވާލުތައް ބަލައިލުމުން ފެންނަނީ އެކި އަހަރު އެކި ބޭނުމަށް ލިޔަންދީފައި ވާތަނެވެ. ސުވާލުގައި ވެސް އޮންނަނީ ލަފާދޭން، އޮޅުންފިލުވައިދޭން، ބަހުސްކުރަން މިހެންނެވެ. އެހެންކަމުން މި ލިޔުންތައް ވެސް އެ ހުރީ ހަމަ މި ލިޔުމުގައި މަޝްވަރާކުރަމުން މި އަންނަ ބާވަތްތަކަށް ފަތޭގޮތަށް ކަމުގައި ބުނެވިދާނެއެވެ. އެކަމަކު މި ބޭނުންތައް ފުއްދަނީ ދެކޭގޮތް ހާމަކުރަމުން ކަމަށް ވާތީ އޮޕީނިއަން ރައިޓިންއޭ ކިޔަނީއެވެ.
ތިރީގައި މި ވަނީ އޭ.ކިޔޫ.އޭ ގެ ޕޭޕަރުތަކުން ނަގާފައިވާ ރާއްޖެއާވެސް ގުޅޭ މިސާލުތަކެކެވެ.
- ”ކާރަކީ އަޑުގަދަ، މާޙައުލުގެ ވަސްނުބައިކޮށް ތަންހަޑިކުރާ ވަރަށް ނުރައްކާ އެއްޗެކެވެ. އެހެންކަމުން، މީހުންގިނަ ސިޓީތަކުގައި ކާރުދުއްވުން މަނާކުރަންވީއެވެ. އޭރުން ދަތި އުދަގޫކަމެއް ނެތި މީހުންނަށް ހިނގާބިނގާވެ ބައިސްކަލްދުއްވައި ހަދަންވެސް ފަސޭހަވާނެއެވެ.“
މި ބުނުންކިޔައި ތިބާދެކޭގޮތާމެދު ބަހުސްކޮށް ޓްރާންސްޕޯޓް މިނިސްޓަރަށް ސިޓީއެއް ލިޔެދޭށެވެ. [40]
(AQA, GCSE, English Language, Paper 2, November, 2018)
- ”ތަޢުލީމަކީ ހަމައެކަނި ތިބާދާ ސްކޫލަކުން ނުވަތަ ހާސިލުކުރާ ސަނަދަކުން ލިބިދޭ އެއްޗެއް ނޫނެވެ. މަދަރުސާއިން ބޭރުގައި ޙާޞިލުކުރާ ތަޖުރިބާއިންވެސް ޢިލްމު ލިބެމުންދާނެއެވެ.“
ތިބާ ދެކޭގޮތުގައި ރަނގަޅުތައުލީމެއް ލިއްބައިދެނީ ކޮންގޮތަކުން ރަނގަޅަށް އޮޅުންފިލުވައިދީ، ގްރޭޑް 10 ނިންމާ ދަރިވަރުންނަށް ބާއްވާ ވަދާޢީ ޖަލްސާގައި ދޭނެ ތަޤްރީރެއް ލިޔެދޭށެވެ. [40]
(AQA, GCSE, English Language, Paper 2, November, 2017)
ދެ ސުވާލުވެސް ދީފައިވަނީ ދެކޭގޮތް ހާމަކުރުމަށެވެ. އެއްސުވާލުގައި ވަނީ ބަހުސްކޮށް ސިޓީއެއް ލިޔުމަށެވެ. އަނެއް ސުވާލުގައިވަނީ އޮޅުންފިލުވައިދީ ތަޤުރީރެއް ލިޔުމަށެވެ. ދެސުވާލުވެސް ބައްޓަން ކުރެވިފައިވަނީ، ލިޔުންތެރިކަމުގެ ބާވަތްތަކުގެ ތެރެއިން އެ ބާވަތުގެ ދަށުން ލިޔެވޭ ލިޔުމެއް ލިޔުމަށެވެ. ބަހުސްކުރުމަށް ލިޔުމުގެ ދަށުން ސިޓީ އަކާއި، އޮޅުންފިލުވައިދިނުމަށް ލިޔުމުގެ ދަށުން ތަޤުރީރެކެވެ.
މިއަހަރު ނުކުތް އެސް.އެސް.ސީ ނަމޫނާ ކަރުދާހުގައި ދެކޭގޮތް ހާމަކުރާ ލިޔުމުގެ ސުވާލު އޮތީ އަންނަނިވި ފަދައިންނެވެ.
”ލޯކަލް ޓުއަރިޒަމް ވިޔަފާރިން ސީދާ ރައްޔިތުމީހާގެ ޖީބަށް ޑޮލަރުވަންކަމުގައި ވިޔަސް، ރަށްރަށުގައި ޒަމާނުއްސުރެ އޮތް ސުލްހަމަސަލަސްކަމާއި، އިޖުތިމާޢީ ޢަދާލަތަށް އަންނަނީ ބުރޫއަރަމުންނެވެ.“ މިބުނުމަށް ތިޔަދަރިވަރު ދެކޭގޮތް ހާމަކުރާ ލިޔުމެއް ލިޔާށެވެ.
(އެސް.އެސް.ސީ އިމްތިޙާނު، 2020، ދިވެހިބަސް، ނަމޫނާ ކަރުދާސް 1)
މި ސުވާލަށް ބަލާއިރު ސުވާލުގެ މައުޟޫޢު ރަނގަޅުކަމުގައި ދަންނަވަންޖެހެއެވެ. މިއީ ދަރިވަރުންނަށް ލިޔެވިދާނެ ރާއްޖެއާގުޅުންހުރި މައުޟޫއެކެވެ. އަނެއްކޮޅުން އެކުދީންގެ ކުރިމަތީގައި ކޮންމެ ދުވަހަކުހެން ހިނގާ ކަމެކެވެ. އެހެންނަމަވެސް ދެކޭގޮތް ހާމަކުރަންވީ ބަހުސްކޮށްގެންކަމެއް، އޮޅުންފިލުވައިދީގެން ކަމެއް ބަޔާންވެގެންނެއް ނުވެއެވެ. މިސުވާލުން ޓީޗަރުންނަށް އެންމެބޮޑަށް އޮޅޭކަމަށް އަޅުގަނޑަށް އެނގިފައިވަނީ ދެކޭގޮތް ހާމަކުރާ ލިޔުމެއް ލިޔާނެ ގޮތެވެ. އަޅުގަނޑަށް އެނގޭ ހަމައިން ބުއްދިކުރާއިރު މި ސުވާލެއް މިހެންނެއް ނުދެވޭނެއެވެ. ކުރިންވެސް ބަޔާންވެދިޔަފަދައިން، ލިޔަންވީ ވައްތަރެއް އެބަ އެނގެން ޖެހެއެވެ. ސިޓީއެއް ހެއްޔެވެ؟ ތަޤުރީރެއް ހެއްޔެވެ؟ އަނެއްކޮޅުން ދެކޭގޮތް ހާމަކުރަންވީ ބަހުސްކޮށްގެން ހެއްޔެވެ؟ ނޫނީ އޮޅުންފިލުވައިދީގެން ހެއްޔެވެ؟ ނޫނީ ޕަރސުއޭޑްކޮށްގެން ހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބު ނޭނގޭހައި ހިނދަކު ޓީޗަރުންނަށް މިސުވާލަށް ޖަވާބުދޭކަށް ފަސޭހައެއް ނުވާނެއެވެ.
އަޅުގަނޑު އެން.އައި.އީ އާގުޅިގެން އުފެއްދި އެސް.އެސް.ސީ ނަމޫނާ ޕޭޕަރާއި ސްޕެސިފިކޭޝަން ކޮންމެވެސް ސަބަބުތަކާހުރެ 2020ގައި ނަމޫނާއެއްގެ ގޮތުގައި ނުދިނުމަށް ކަނޑައަޅައި ސީދާ ޑީ.ޕީ.އީ އިން އައު ސްޕެސިފިކޭޝަނެއް ހެދުމުން އޭގެ މައްޗަށް ބިނާކޮށް ނަމޫނާ ކަރުދާސް ހަދައިގެން ޑީ.ޕީ.އީގެ ވެރިޔާއާ ބައްދަލުކުރީމެވެ. ވަރަށް ހިތްހެޔޮކަމާއެކު އަޅުގނަޑާ ބައްދަލުކުރެއްވިއެވެ. މިހާރު ސްޕެސިފިކޭޝަނާއި ނަމޫނާ ޕޭޕަރުތައް ހަދައި ސްކޫލްތަކުގެ އެޗް.އޯ.ޑީ އިންނާއި، އެގްޒަމިނަރުންނާ ޙިއްޞާކުރައްވައި އެބޭފުޅުންގެ އިރުޝާދާ އެއްގޮތަށް ނިންމަވާފައިވާތީ ދެން އިތުރު ބަދަލެއް ގެންނެވެން ނެތްކަމުގައި ވިދާޅުވިއެވެ. އެއީ ތެދުފުޅެކެވެ. ނަމޫނާ ޕޭޕަރު ނުކުންނަން އެއިރު އޮތީ ދެދުވަހެވެ. ޕޭޕަރު ނުކުތުމުން އަޅުގަނޑު ވަރަށް އުފާވިއެވެ. އެއީ އަޅުގަނޑުގެ ޕޭޕަރުތަކުގައި ހުރި ލިޔުންތެރިކަމުގެ 6 ސުވާލެއް ކުދިކުދި ބަދަލުތަކާއެކު ހިމަނުއްވާފައި ވާތީއެވެ. ތިރީގައި އެވަނީ އޭގެތެރެއިން އެއް ސުވާލު އަޅުގަނޑު ހުށައެޅިގޮތާއި ޑީ.ޕީ.އީގެ ނަމޫނާ ޕޭޕަރުގައި އޮތްގޮތެވެ.
އަޅުގަނޑު ހުށައެޅި ގޮތް
ތިޔަދަރިވަރު ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިހާނުގައި ހަދާ ކޮންމެވެސް އެއް މާއްދާއެއް ގައި ހިމެނޭ މަޢުލޫމާތާއި، އެމާއްދާގައި ސަމާލުކަން ދޭންވީ ކަންތައްތައް އަންގައިދިނުމުގެ ގޮތުން އަންނައަހަރު ގްރޭޑް 10 އަށް ދާ ކުދިންނަށް މައުލޫމާތު ދީ ސްކޫލްގައި ނެރޭ މަޖައްލާއަކަށް، އަންގައިދިނުމަށް ލިޔާލިޔުމެއް (ރިޕޯޓެއް/ އާޓިކަލެއް) ލިޔާށެވެ.
ނަމޫނާ ޕޭޕަރުގައި އޮތްގޮތް
ތިޔަދަރިވަރު ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިހާނުގައި ހަދާ ކޮންމެވެސް އެއް މާއްދާއެއް ގައި ހިމެނޭ މަޢުލޫމާތާއި، އެމާއްދާގައި ސަމާލުކަން ދޭންވީ ކަންތައްތައް އަންގައިދިނުމުގެ ގޮތުން އަންނައަހަރު ގްރޭޑް 10 އަށް ދާ ކުދިންނަށް އަންގައިދިނުމުގެގޮތުން، އެކުދިން އަމަލުކުރަންވީގޮތުގެ އިރުޝާދުދޭ ލިޔުމެއް ލިޔާށެވެ.
މިސުވާލުތަކުގައި ފަވާފައިވާ ލަފުޒުތަކަށް ބައްލަވާށެވެ. މީހަމަ ކުރިން މަޝްވަރާކުރި ކަންތައްތަކެވެ. ކޮންބާވަތެއްގެ ލިޔުމެއް ހެއްޔެވެ؟ ލިޔަންވީ ކޮންވައްތަރެއްހެއްޔެވެ؟ އެހެންކަމުން ތަފުސީލަކަށް ދާކަށް ނެތީމެވެ. ތަފުސީލު އިސްވެ ހިނގައްޖެއެވެ. ލިޔުންތެރިކަމުގެ ބާވަތްތަކާއި ވައްތަރުތައް ދަރިވަރުންނަށް އެނގުމުގެ މުހިންމުކަން މިހާރު އެނގިވަޑައިގަންނަވާނެއެވެ. އަޅުގަނޑުގެ އެދުމަކީ ކިޔަވައިދިނުމުގައްޔާއި، އިމްތިހާނުދިނުމުގައި އެލިޔުމުގެ ބޭނުމާއި، ބާވަތާއި، ވައްތަރާއި، އޯޑިއެންސް އެނގޭނެހެން ދަރިވަރުންނަށް އެނގޭނެހެން ސުވާލުތައް ތައްޔާރުކުރުމެވެ.
————————–
08.09.2020
