1990ގެ އަހަރުތަކުގެ މެދަކާ ހިސާބަށް އައި އިރު ލަވަ ރޯލު ނެރުމަކީ ރާއްޖޭގައި ވަރަށް ފޯރި ހުރި ވިޔަފާރިއެކެވެ. ފަހުން ލަވަ ސީޑީޔަށް ވެއްޖެއެވެ. ދެން ސީޑީގެ ތުނިކަން ހައި އެ ވިޔަފާރި ތުނިވެ ހުލިވެއްޖެއެވެ.

އަޅުގަނޑު ކިޔަވަން އައިސް މާލޭގައި ހުރި ގެއިން މަގު މައްޗަށް ނިކުމެވެނީ  ލަވަރޯލު ވިއްކާ ދެ ފިހާރައެއްގެ ދޮށަށެވެ. އެ ކޮށީގެ ދެ ފަރާތުން އޮންނަ ދެ މަގުގައި ވެސް ލަވަރޯލުވިއްކާ ދެ ފިހާރައެއް ހުރެއެވެ. އާ ލަވަރޯލެއްގެ އިންތިޒާރުގައި ފަތިދަމާލައިފައި އޮންނަ މީހުންތައް ދެކެމެވެ. އާ ލަވަރޯލެއް ނިކުންނަ ރޭރޭ ފިހާރައިގެ އެތެރެޔާއި ބޭރު އޮންނަނީ ރަކަރަކަލައިފައެވެ. ދޭތެރެ ދޭތެރޭން ރާއްޖޭގެ މޮޅުމޮޅު ފަންނާނުން އަންނާނެއެވެ. އޭރު އެއީ ވަރަށް ބޮޑެތި ބައެކެވެ. އެ މީހުންނަކީ ލޯބީގެ ލަވަތަކުގެ އިތުރަށް ޤައުމީ ލަވަތަކާއި އިޖުތިމާޢީ ލަވަތަކާއި މަދަޙަތައް ވެސް ކިޔާ ހުނަރުވެރީންކަމަށް ވެފައި އޭރުގެ މުޖުތަމަޢު އޮތް ގޮތުން ކަމަށް ވެދާނެއެވެ. ނުވަތަ އޭގެ ތެރެއިން ބައެއް ފަންނާނުންނީ އުޅުންތެރި އަޚުލާޤު ހުރި ހަރުދަނާ ސިފަތަކެއް ދައްކާ ބަޔަކަށްވާތީ ކަންނޭނގެއެވެ. އެއީ ވަރަށް ކަމޭ ހިތެވޭ ޤަދަރު ކުރެވުނު ބައެކެވެ. އެ މީހުންގެ ލަވަތައް ގައުމީ ޓީވީން ދެތިން ޕްރޮގްރާމެއްގައި ދައްކައެވެ.  ހަފުތާގެ އެންމެ މަގުބޫލު ލަވަ ހޮވައެވެ.  އާންމުންގެ ހޮވުމަކުންނެވެ.

މީގެ އިތުރަށް ލަވައިގެ ޅެންވެރިކަން ރަނގަޅުކުރަން ޖެހޭކަމަށް ބުނެ ވަކާލާތުކުރާ ޕްރޮގްރާމެއް ޓީވީން ކުރިޔަށް ގެންދަވަން ފައްޓަވައިފިއެވެ. މަޝްހޫރު ޕްރެޒެންޓަރ އިބްރާހީމް ރަޝީދު (ޓީވީ އިއްބެ) ގެ ބެއްލެވުމުގެ ދަށުން ކުރިޔަށް ދިޔަ “ދަރުބާރު“ ޕްރޮގްރާމުގައި އޮންނަ ޝާޢިރުގެ ގަލަމޭ ކިޔޭ ވަގުތުކޮޅެއްގައެވެ. ފެށިގެން އައިރު ލަވަޔަށް ފާޑު ވިދާޅުވީ މިހާރުގެ ޑރ. އަޝްރަފު ޢަބްދުއްރަޙީމާއި މުޙަންމަދު އިކްރާމު ޢަބްދުއްލަޠީފއެވެ. ކޮންމެ ވެސް ހިސާބެއްގައި މިހާރުގެ ޑރ. މުޙަންމަދު ޤުބާދު އަބޫ ބަކުރު ވެސް ފާޑުވިދާޅުވިއެވެ. ދެ އަހަރެއްހައި ދުވަހު ކުރިޔަށް ދިޔަ އެ ޕްރޮގްރާމުގައި ޅެމަށް ފާޑު ކީ މީހުންކުރެ އެކަކަށް ފަހުން އައިސް ލައްކަ ދުވަހު އެކަނިމާއެކަނި އެ ކަން ކުރަން ޖެހުނެވެ. ދެން އެ މީހާ  މަގުމަތީން ފެނުނީމާ، އަދި ވަދެ ނިކުމެވާ އޮފީސްތަކާއި މަދަރުސާތަކުން ޒުވާނުންނާއި ކިޔަވާކުދިންގެ ލޯމަތީން ހިނގާލީމާ  އޭނާޔާ ދިމާޔަށް ގޮވައި އުޅުނީ ވެސް ޝާޢިރުގެ ގަލަމެވެ.  ނަސީބު ރަނގަޅުކަމުން މި މަޒުމޫނު ތިބާޔަށް މި ލިޔެދެނީ އެ ގަލަމުންނެވެ.

ލަވަޔަށް ފާޑުކިޔުމުގެ ހެޔޮ އަސަރު ދިވެހި ލަވައިގެ މައިދާނަށް ކޮށްފިއެވެ. ލަވަ ކިޔާ މީހުން  ރަނގަޅު ޅެންވެރިކަމުގެ ލަވަޔަށް އިސްކަން ދޭން ފަށައިފިއެވެ. ލަވަރޯލު ވިއްކާ ބޮޑު ދެ ފިހާރައެއް އޭރު މާލޭގައި ހިންގަވަމުން ގެންދެވި ޢަލީ ރަޝީދު (ސްޓެޕިންގ ޢަލީ ރަޝީދު) އަޅުގަނޑަށް ދެއްވައިފައިވާ ލިޔުމެއްގައި އޮންނަ ގޮތުން ލަވަޔަށް ފާޑު ކިޔުމުގެ ޕްރޮގްރާމުގެ ކުރިން ލަވަރޯލު ގަންނަ މީހުން ކޮށް އުޅޭ އާންމު ސުވާލަކީ ލަވަ ކިޔާފައިވަނީ ކޮންބައެއްތޯއެވެ؟ ނަމަވެސް ފަހުން އެހެން ސުވާލެއް އިތުރުވިއެވެ. ޅެން ހަދައިފައިވަނީ ކޮންބައެއްތޯއެވެ؟ އިސާހިތަކު ހަމަ މި ސުވާލު ލަވަ ކިޔާ މީހުން ވެސް ކުރަންފެށީއެވެ.  އަލްބަމަކަށް ލަވައެއް ކިޔައިދެވި ދާނެތޯ އަހާލާ ވަގުތުއެވެ. ބައެއް ލަވަތައް ނުކިޔާ ދޫކޮށްލަނީއެވެ. ބައެއް ލަވަތައް އިސްލާހުކުރަނީއެވެ. މި ދަންނަވާ ދުވަސްވަރު ރާއްޖޭގައި ގިނަ ޓީވީ ޗެނަލްތަކެއް ގިނަ ފިކުރީ ބައިބައިވުންތަކެއް ނެތީމާ ގައުމީ ޓީވީން ދުރަށް ފޮނުވާ ޕްރޮގްރާމުތައް މުޅި ރާއްޖޭގެ ހުރިހައި ގެޔަކަށްހެން ފޯރައެވެ. ކިޔަވާ ކުދީންނާއި މުދައްރިސުންނަށް ވެސް ފިލާވަޅަކަށްވެއެވެ.

ކޮންމެޔަކަސް އޭރު މަޝްހޫރުވި އަދަބީ ގޮތުން ފޭރާން ހެޔޮ ރީތި ލަވަތައް ހައްދަވައިފައިވާ ބައެއް ބޭފުޅުންނަކީ ޢީސާ ޝަރީފު، އާދަމް ޙަލީމު ޢަދުނާނު، ކޮޕީ މުޙަންމަދު ރަޝީދު ފަދަ ބޭފުޅުންނެވެ.

ވޭލާވަރުގެ ފޯރި ހުރިހައި ފަންނާނުންގެ ކިބައިގައި ވެސް އޮތެވެ. މިޔުޒިކު އުފައްދާ މީހުންނެވެ. ލަވަ ކިޔާ މީހުންނެވެ. ރޯލު ވިއްކާ މީހުންނެވެ. ފިލްމު ކުޅުވާ މީހުންނެވެ. މި ފޯރީގެ ތެރޭގައި ޅެންވެރީންގެ މައިގަނޑު ކަމެއްގެ ގޮތުގައި ފާހަގަ ކުރެވުނު އެއް ކަމަކީ ތަފާތު އާ ޚިޔާލާއި އާ އުސްލޫބުތައް ބޭނުން ކުރުމެވެ. ކޮޕީ މުޙަންމަދު ރަޝީދުގެ “ކާއިނާތޭ އެކީ އަންތަރީސްވީ“ “ކެތް ނުވާނޭ މި ދެމޭ އޮއިގެ ތެރޭ“ އަދި އާދަމް ޙަލީމު ޢަދުނާނުގެ “ނަޔާ ފަރިވެ ޒީނަތްވީ ފިޔާތޮށި ފޮޅޭ މަލާ“ “ދަތުރު ފެށީމޭ ކަމަނަ ލިބޭތޯ“ “ހިތް ރޯތީ ކެތް ނުވޭ“ (ލޯބީގެ ސިޓީއެއް) މި ފަދަ ލަވަތަކެވެ. ޢީސާ ޝަރީފުގެ “އަންނަނީ ފެންވަރުވަން ލޯބީގެ ވާރޭވިލާ“ “ހެޔޮ ހާލުގައި ކަލާ ތިހެން ހިނިތުންވެފައި ހުރޭ“ މި ފަދަ ލަވަތަކެވެ. ހަމަ އެހެންމެ އުރުދޫ ޚިޔާލު ދިވެހި ބަހަށް ފުރޮޅާލައިގެން ވެސް އޭރު ބައެއް ލަވަތައް ނެރެފައި އެބަ ހުއްޓެވެ.  ޢީސާ ޝަރީފުގެ “ކަލާ ދުށްފަހުންނޭ ތެދޭ އެނގުނީ މަށަށް ހަމަ ހިލާ“ މި ފަދަ އެތައް ލަވައެކެވެ. އާދަމް ޙަލީމުގެ “ލޯބީގެ ކުރަނީ ދުޢާއޭ“ މި ފަދަ ލަވަތަކެވެ.

ލަވަރޯލުތަކަށް ލަވަ ހަދަން އަޅުގަނޑަށް ފުރުޞަތު ލިބުނީ މި ދަނޑިވަޅުގައެވެ. އެންމެ ފުރަތަމަ އެ ފަދަ ފުރުޞަތެއް ދެއްވީ ސްޓެޕިން ޢަލީ ރަޝީދެވެ. އޭނާއަށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. އޭނާ ދެއްވި ފުރުޞަތަށް ފަހު ދެން އަޅުގަނޑު ވެސް އުޅެން ޖެހުނީ ދޮށި އަތުން ދޫކޮށް ނުލައެވެ.

“ރޭ ނިދީގައި އެ ފެނުނު ހުވަފެނެއް ހަނދާންވީތީ“ މިއީ އިސްވެ ދެންނެވި އޮއިވަރުގެ ތެރޭގައި އަޅުގަނޑަށް ކުރަހާލެވިފައިވާ ރޮނގުތަކެކެވެ. އާ ގޮތަކަށް އާ ޚިޔާލަކަށް އެއްޗެއް ބުނެވޭތޯ އަޅުގަނޑު ވެސް ހިންމަތް ކުރީއެވެ.

ހުވަފެނެއް

ރޭ ނިދީގައި އެ ފެނުނު ހުވަފެނެއް ހަނދާންވީތީ

ވޭމެޔޭ ކިޔާދޭ ހިތް ނިކަން ގަޔާވީތީ

ވައިފެން ހެޔޮ ރާއްޖޭގެ ރަށަކަށް ފޭބުނޭ

އައި ފަތްމިންޏެއް ރީތި މަށަކަށް ނޭނގުނޭ

އައި ގޮތަށް އެހެރަ ފަރިފަރި ލޮލުން ބަލައިލީތީ

ވޭމެޔޭ ކިޔާދޭ ހިތް ނިކަން ގަޔާވީތީ

ތިޔައީ ކޮން ދަތުރެއްހެ އެ ހިނދު އަހާލިޔޭ

ނިޔަނެތި އަޑަކުން ނަން އޮޅުން ފިލުވާލިޔޭ

ހެޔޮ އެދި އެ ވަގުތު ހާލު ވެސް އަހާލީތީ

ވޭމެޔޭ ކިޔާދޭ ހިތް ނިކަން ގަޔާވީތީ

ދަތުރުގެ މެހުމާނާގެ ފަޅުފިލުވައިދިނޭ

މިތުރެކެ މީ ބުނެ ހިތް ހިތާ ގުޅުވައިދިނޭ

އެކަމަކު ހޭލެވުމުން އެކަނިވެރި މަ ވީތީ

ވޭމެޔޭ ކިޔާދޭ ހިތް ނިކަން ގަޔާވީތީ


ނޯޓު:

މިއަދު އަޅުގަނޑު މި ލަވަ ޝާއިޢު ކުރާ އިރު ވަރަށް ހިތް ދަތި ހަނދާނެއް އާވެއެވެ. އެއީ މުޅި ރާއްޖެއަށް މަޝްހޫރު “ބުނާށޭ އާނއޭ!“ މި ލަވަ ހެއްދެވި މުޙަންމަދު މޫސާގެ ހަނދާނެވެ. އަޅުގަނޑު ރަށަށް ދާ ކޮންމެ ފަހަރަކު އޭނާ މި ލަވައިގެ ވާހަކަދައްކަވައެވެ. އޭނާއަށް މި ލަވަ ކަމުދިޔަ ގޮތްތައް ކިޔާދެއްވައެވެ. މިއަދު އޭނާވަނީ އަޅުގަނޑުމެން މި ތިބަ ދުނިޔެއަކު ނޫނެވެ. ﷲ އޭނާޔަށް ހެޔޮ ޖަޒާ ދެއްވާށިއެވެ.

މި ވާހަކަކޮޅު ނިންމާލާނީ  ހާޒިރު ޖަވާބަށް މޮޅު މި އާދަޔާ ޚިލާފު ޝަޚްޞިއްޔަތުގެ ބުނުންތަކުން ހިތުގައި ހަރުލައިފައި އޮންނަ އެއް ބުނުމަކުންނެވެ. އޭނާއަށް ބަލައިނުގަނެވޭ މީހަކު ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރި ދުވަހެވެ. މުޙަންމަދު މޫސާ ބުނުއްވިއެވެ. “ކޮންމެ މީހަކަށް ވެސް އެތެއްގެ ބޯކަނޑާލެވިދާނެއެވެ. ރާއެއް ނުނެރެވޭނެއެވެ.“