މިއީ ދިވެހި ރާއްޖޭގެ އަޑުން އުފައްދަވާ  “ވެހިވަންތަ“ މި ޕްރޮގްރާމަށް އަޅުގަނޑު ދީފައިވާ ބަސްދީގަތުމެކެވެ. [ފަތިހު ފަރިވި މާތައް] މި ޅެމާ ބެހޭ ގޮތުންނެވެ. އިއްތިފާޤުން އެ ޕްރޮގްރާމުގައި މި ޅެމާ ބެހޭ ގޮތުން އެއްޗެއް ދަންނަވާލަން އެބޭފުޅުން އަޅުގަނޑަށް އިޝާރާތެއް ކޮށްލެއްވީ އަޅުގަނޑުގެ ޒުވާންކަން [ކުއްލިޔަކަށް މުސްކުޅިވި] ދަނޑިވަޅެއްގައެވެ. ލޮލުގައި ނަންބަރު އައިނެއް އަޅަން ޖެހުނީއެވެ. މީގެ  ކުރިން އަޅުގަނޑު ދަންނަނީ މަސް އައިނެވެ.  އެކަމަކު ޙާލަތު ބަދަލުވީއެވެ.  ކޮންމެޔަކަސް އުފާވެރި ޚަބަރެއް ވެސް ލިބުނެވެ. ޑރ. ވިދާޅުވީ އުމުރުން 40 އަހަރު ފުރުނުކަމުގެ އަލާމާތެއް ކަމަށެވެ. ކުޑައިރު މީހުން ބުނެދީފައި އޮންނަނީ 40 އަހަރު ވީމާ ބޮޑު މީހަކަށް ވާހަކަމަށެވެ. ބުއްދި ފުރިހަމަ ވާކަމަށެވެ. އެހެންވީމާ ދެރައެއް ނެތް ދޮގެއް ތޯއެވެ؟

މި ޅެމުގެ ލިޔުން އިންޓަނެޓުން ލިބެއެވެ. އެކަމަކު ޓައިޕުކުރުމުގައި ކުށް އެބަ ހުއްޓެވެ. އޭގެ ނަތީޖާ އުފާވެރިއެއް ނޫނެވެ.  އަޅުގަނޑު ފަނޑިޔާރުކަން ކުރި ދެ މުބާރާތެއްގައި ދެ ކުއްޖަކަށް މި ލަވައިން ކުށް ކިޔުނު ގޮތެއް ދަންނަވާލާހިތްވެއެވެ. އެ ކުދީންނަށް އިންތިހާ އިޙްތިރާމު ކުރަމުންނެވެ. ހަމައެކަނި މައްސަލަައިގެ ޒާތަށް ޓަކައެވެ.  މި ދެންނެވި ކުށް އިވުނީ  ފުރަތަމަ ކަޑީގެ ތިންވަނަ މިސްރާގައި އެ އޮތް “ ކޮބައިހޭ އެ ހުވަފެން ފިރާލާ ނިމިއްޖޭ] މި އިބާރާތުންނެވެ. ފިރާލުމުގެ މާނައަކީ ބީވުމެވެ. ވަކިވެ ގެއްލުމެވެ. ނަމަވެސް އެއް ކުއްޖަކު ކީ [ކޮބައިހޭ އެ ހުވަފެން ގިރާލާ ނިމިއްޖޭ] މި ހެންނެވެ. އަނެއް ކުއްޖަކު ކީ [ކޮބައިހޭ އެ ހުވަފެން އިރާލާ ނިމިއްޖޭ] މިހެންނެވެ.

ކޮންމެޔަކަސް އަޅުގަނޑު މި ޅެން ސަލާމަތުން ބާއްވަން ބޭނުންވެއެވެ. އެ ސަބަބަށް ޓަކައި ތިރީގައި އެ ވަނީ އަޅުގަނޑު މި ޅެން ހެދިގޮތަށް ބަސްތައް ނަކަލުކޮށްފައެވެ.

ފަތިހު ފަރިވި މާތައް

ފަތިހު ފަރިވި މާތައް ހަވީރަށް މިލާހެން ޒުވާންކަން މިލާ މޯޅިވާތަން ދެކޭށޭ!

ފަހުން ހެޔޮ އަމަލުތައް ކުރުން ހިތު އަޅައިގެން ވަހުމުގައި ޒުވާންކަން އޮޔާާދިޔަ ނުދޭށޭ!

އިތުރު ވަގުތު ނުމެދީ ޚަރީފުގެ ނިރެއްހެން ޒުވާންކަން މިލާ މޯޅިވާތަން ދެކޭށޭ!

ޅަފަތުގައި ހަނދާންވޭހެ ވެއްޔާ ކުޅުނުކަން ހިޔަންޏާ ތޮޅެން ރަތް އަވީގައި އުޅުނުކަން (2)

އެއީ ވެސް ޙަޔާތޭ ލޮލަށް ފެނުނު ވަގުތޭ

ކޮބައިހޭ އެ ހުވަފެން ފިރާލާ ނިމިއްޖޭ

ފިކުރު ހިންގި ހިތަކަށް ދަރެސްތައް ލިބޭހެން ޒުވާންކަން މިލާ މޯޅިވާތަން ދެކޭށޭ!

ގެޔަށް އަންނަ މެހުމާނު މިތުރާ ދެކޭނޭ ދެތިންެ ދުވަހު މަޑުކޮށްލުމަށް ފަހު ފުރާނޭ (2)

ޒުވާންކަން އެ ފަދައޭ، އެ ހިނދުކޮޅު އެ ފަދައޭ ވުމާއެކު ވެހޭ ވަގުތު ފެންފޮދު ނަގާށޭ

ޒަމާން ދައުރުވާ ބާރުމިން ދޭހަވާހެން ޒުވާންކަން މިލާ މޯޅިވާތަން ދެކޭށޭ!

ނަމާދާ ޒަކާތާއި ރޯދައިގެ އަޅުކަން އިތުރު މާތްވި ޙައްޖާ ތަޠައްވުޢުގެ ކަންކަން (2)

ޒުވާން ރޫޙު ދިރިގެން، ޒުވާން ބާރު ހުރެގެން ކިހާ ފަހި ގޮތެއްގައި އަދާވާނެތޯއޭ

ފަހުން ނުކުޅެދޭ ޙާލު ވާކަން އެނގޭހެން ޒުވާންކަން މިލާ މޯޅިވާތަން ދޭކޭށޭ!

އުމުރު އޭގެ އަޖަލާއި ބައްދަލުކުރާނޭ، އަމުރުފުޅު އިލާހިއްޔަ ތަންފީޒުވާނޭ (2)

ހިސާބާ ކިތާބާ، ސުވާލާ ޖަވާބާ، މި ކަންކަން އަޚުންނޭ ލަހެއްނުވެ ފެށޭ

އަޒަލުގައި ޙުކުމްތައް ފަރަޤުނުވެ ހިނގާހެން ޒުވާންކަން މިލާ މޯޅިވާތަން ދެކޭށޭ!