މި ވަގުތު ތިބާގެ ހިތުގެ ޖަޒުބާތާ ކުޅެމުން އެ ދަނީ [ތިޔަ ކަޅިރަވައިން ޒަޚްމު ނުވި ނަމައީ އެއީ ދުނިޔޭން ވަރަށް ބަދުނަސީބު ހިތެކޭ] މި ލަވައިގެ ހަނދާންތަކެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ މުމްތާޒު މޫސާގެ އަޑުން ލަވަ އަޑު އައްސަވާލައްވާށެވެ. ފިތުރަތުގެ ވީޑިޔޯއާ އެކީގައި ބައްލަވާލައްވާށެވެ. ލަވައިގެ ޅެން ވެސް ހަމަ މި ސަފުޙާގައި ޝާއިޤުކުރެވިފައި އެ ވަނީއެވެ.
މި ލަވަ އެކި އިސްޓޭޖުތަކުން އިވެއެވެ. މީސް މީޑިޔާގެ އެކި މަންސަތަކުން ފެނެއެވެ. ލިޔުމާއި ކިޔުމުގައި ކުށް ވަރަށް ގިނަކަން ފާހަގަކުރެވެއެވެ. އެހެންކަމުން ވީޑިޔޯގެ އިތުރަށް ލަވައިގެ ރަނގަޅު ނަކަލެއް ވެސް ތިރީގައި ހިމަނާލީއެވެ.
ލަވަ އުފެދުނީ ކިހިނެއް؟
ލަވަ އުފަންވީ އަޅުގަނޑުގެ ދެކެފަރިތަ ރައްޓެއްސަކު އެދުނު އެދުމެއްގެ މައްޗަށެވެ. އޭނާ އެދުނީ ފަރިހިވައްތަރަށް ލަވައެއް ހަދައިދޭށެވެ. ރާގަކީ މި ރާގެވެ. ލަވަ ކިޔާނީ މުމްތާޒު ކަމަށް ބުންޏެވެ. އާނއެކޭ ބުނެ މަސައްކަތާ ހަވާލުވީމެވެ. ޅެން ހަދަން އިށީނދެ ރާގު ދެ ފަހަރަކު ހިތަށް ގެނެސް ދެ ފަހަރަކު [ހޫނ]އަޅުވާލީމެވެ. ފަރިއްސެއް ހަނދަން ގުޅޭ ރާގެއްކަމަކަށް ހިތް އެއްބަހެއްނުވިއެވެ. ދެން ވިސްނާލީމެވެ. ރައްޓެހި މީހާގެ މިޖާޒު ވެސް ކޮންމެވެސް ވަރަކަށް އެނގޭތީ ހިތްވަރެއް ލިބުނެވެ. އަޅުގަނޑުގެ ވިސްނުމަށް ނިންމާ ގޮތެއް ކަމުހިނގައިދާނެއެވެ. އެންމެ ފަހުން ނިންމީ ފަރިހީގެ ޚިޔާލު ދޫކޮށްލާށެވެ. އެކަމަކު ޗަމަންތަކާއި ބަހާރުތަކާއި ބުލްބުލްތަކާ ހަމަޔަށް ވެސް ނުދާނީއެވެ. އޭގެ ބަދަލުގައި ތަންކޮޅެއް ދިވެހި ގޮތް ހުރި ފޭރާމެއް ލަވައިގެ ޚިޔާލުގައި އަޅުވާނީއެވެ. ބަސްމަގު މުސްކުޅިކޮށްލާނީއެވެ. ދުނިޔެ ދަންނަ ހަރު ދިވެއްސެއްގެ ބަސްމަގަށް ބުނުންތައް ބަހައްޓާނީއެވެ. ކުރަފަތާއި ހަވީރުގެ މީރާގެ ވާހަކަ އައީ އެހެންވެގެންނެވެ. ހީރާއާއި ހިލަޔާއި ޚަންޖަރަކީ ވެސް މި ޒަމާނުގެ ކުދީންނަށް އެ ތަކެއްޗާއި އޭގެ ނަން ބީރައްޓެއްސެއްކަމަކު ޒަމާނެއްގައި އެއީ ވެސް ދިވެހީންނަށް އާ ނަންނަމެއް ނޫނެވެ. އެހެންވީމާ މައިގަނޑު މި ވިސްނުމުގައި ލަވައިގެ ޚިޔާލަށް ބުނުންތައް ހޮވައި އެކުލަވައިލީމެވެ.
ލަވައިގެ ޅެން
ތިޔަކަޅިރަވައިން ޒަޚްމުނުވިހިތަކީ އެއީ ދުނިޔޭން ވަރަށް ބަދުނަސީބު ހިތެކޭ
ތިޔަ އަސަރުގައި މަސްތުނުވިނަމައީ އެ ވެސް ދެން ހާދަ ނާކާމިޔާބު އަޅެކޭ
ތީރާ ޚަންޖަރު ވެސް ހުރެޔޭ ފީރާ ކުރަފަތް ވެސް އެނގެޔޭ
ހީރާޔާ ހިލަޔާ އަގުގައި އޭ ހާދަ ތަފާތެއް ހުރެޔޭ
މީރާގެ ރާޙަތުވި ހީނލުމަކީ މި ދެ ލޯ ވެސް އަލަށް ދުށް އަޖާބުކަމެކޭ
ތިޔަ ތޫނު ނަޒަރު ގުޅުނީމާ މި ހިތާއި އަމާޒުވެލީމާ
ނިޔަތާއި ޚިޔާލު އެހިނދުގައި ކިޔަމަންކަން ދޫކޮށްލީމާ
ތިޔަ އުފަލުގައި ހިތުގެ ވިންދު އަވަސްވުމަކީ ވެސް އެއީ ވާ އަރާމުކަމެކޭ
ލޯބީގެ ޙަޔާތަށް ނިދިފައި އޭގައިވި އުފާތައް އޮޅިފާ
މޭގައިވި މަގޭ ނަފުސާ ހިތް ހޭވެރިވެ މި ޖާދޫ ޖެހިފާ
ލޭގައި މި އިޙްސާސް ހިނގައިލި ގޮތަކީ މި ފުރާނައިގެ އުންމީދު އާވިކަމެކޭ
19.09.2020