މި ޅެމަކީ މަޝްހޫރު ޒުވާން ފަންނާނު ޝަލަބީ އިބްރާހީމުގެ “ހިދާއީ ނޫރު“ މި އަލްބަމަށް އަޅުގަނޑު ހެދި ޅެންޅެމުގެ ތެރެއިން ޅެމެކެވެ. ހިދާއީ ނޫރަކީ މަދަޙަ ޘަނާއާއި ދީނީޅެމުގެ އަލްބަމެކެވެ. އަލްބަމުގެ ހުރިހައި ޅެމެއް ޝަލަބީގެ ސައުންޑް ކްލައުޑް އެކައުންޓުން އަޑުއައްސަވާލެއްވޭނެއެވެ.
މި ވެބްސައިޓުގައި އަޅުގަނޑުގެ ޅެންތައް ހިމަނާލަމުން މި ދަނީ އަޅުގަނޑު އަމިއްލަޔަށް ތައްޔާރުކުރާ ބާވަތެއްގެ ވީޑިޔޯ ލަވައެއްގެ ގޮތުގައެވެ. އެއަށް އަޅުގަނޑު މި ކިޔަނީ ފިޠުރަތުގެ ވީޑިޔޯއެވެ. ދުނިޔޭގައި ލައްވާފައިވާ ތަފާތު މަޚްލޫޤާތުތަކުގެ ދިރިއުޅުމާއި ގުޅުންތައް ފެންނަ ގޮތަށެވެ. މަޤުޞަދަކީ އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލުގައި ޙިކްމަތްވަންތަ ﷲ ލައްވާފައިވާ އަޖާބުކުރުވަނިވި ރީތިކަމާއި ފުރިހަމަކަމަށް ވިސްނައި އެ ކަންކަމުން މާނަތަކެއް ލިބިގަތުމަށް ޒުވާނުންނަށް ހިތްވަރު ދިނުމެވެ. ފިޠުރަތު ދެކެ ލޯބިވާ ބަޔަކަށް ފިތުރަތާ މެދު ފިކުރުކުރާ ބަޔަކަށް އަޅުގަނޑުމެންގެ ދަރިވަރުން ހެދުމެވެ. މާކަނައެއް ފެންނަ އިރަށް ގާއުކާން، ފިނދަަނައެއް ފެންނަ އިރަށް މަޅިފައްޗެއް ހަދާން ޝައުޤުވެރިވާ މީހަކު ކަމުގައި އަޅުގަނޑުމެންކުރެ ހަމަ އެކަކު ވެސް ނުވުމެވެ. ގަސްގަހާގެއްސާއި މަސްމަހާމެއްސާއި ދޫނިސޫފާސޫފި ދެކެ ވެސް ލޯބިވާންވީ އެވެ. ކަމޭ ހިތާންވީއެވެ. އިންސާނުންގެ ޤަދަރު އަދި މާ މަތިވެރިއެވެ. ޤުދުރަތުގެ ފިލާވަޅުތަކުގެ ފުންކަމާއި މާތްކަން ބޮޑުކަމާއެވެ!