ދިވެހި ގައުމިއްޔަތާއި ކިރުޅިޔަމާއި އޮރިމަހާ ވަރަށް ބޮޑު ގުޅުމެއް ވާހެން ހީވެއްޖެއެވެ. ވީ ގޮތެއް ބަލައިލަމާ ތޯއެވެ. ކިރުޅިޔަ މަހަކީ ފަރުމަހެކެވެ. ފަރުމައްޗާއި ފަޅުތެރޭގައި އައިން އައިނަށް އުޅޭ މަހެކެވެ. މި މަހުގެ އާންމު ދިގު މިނަކީ 45 ސެންޓި މީޓަރުކަމަށްވެއެވެ. އަޅުގަނޑުމެން ކުޑަ އިރު އުއިދަލާ ގޮސްގެން،  ލާންދާ އުކައިގެން  މަސްހިފުން މަނައެއް ނޫނެވެ. އެހެންވީމާ ހިކިދިޔައިގައި ނޫނީ މެދުދިޔައިގައި  ދާ ޖަހައިގެން މަސް ހިފުމަކީ އޭރުގެ ވަަރަށް ބޮޑު މަޖަލެކެވެ. އުފަލެކެވެ. ރޯއްޖެކެވެ. އެހެނީ ކުޅި ލޮނުމިރުހުގައި ނާށި އަނގުރުގައި އޫޖަހާލައިގެން ފިހެލައިގެން ކާލަން މިއީ ހަމަ މަރެކެވެ. މާފުކުރައްވާށެވެ! ފިހެވެމުންދާ އިރު ލުނބޯ ހުތް ކިބައެއް ދެ ކިބަ ވަރު ވެސް ފެލައިލަންވާނެއެވެ. މި މަހަކީ ވަރަށް ތެޔޮ ގިނަ މަހެއް ވެސްމެއެވެ. ފިހެވެމުން ހަންތައް ރަތްވަމުން މުރަނަވަމުން ކެނޑެމުން އަންނަ އިރު އަނގުރުގަނޑު މައްޗަށް ތެޔޮތައް އޮހެމުން ދެއެވެ. ހުދު މަސްގަނޑެއް އޮންނަ މި މަސް އެހައި މީރީ އެހެންވެގެން ބާވައެވެ؟އިބުރާހީމްބޭއެއް ކިޔޭ ސަމާސާ ގޮތް ހުންނަ ރަށުގެ މުސްކުޅިޔަކު  ބުނެ އުޅޭ ގޮތުން ކިރުޅިޔަމަހަކީ ފަރުމަހުގެ ފިނިފެންމަލެވެ.

ކޮންމެޔަކަސް މިއީ އެމުގައި ބުޅީގައި ވެސް ހަމަ ކަކޫތާފެނުން ފަސޭހައިން ބޭވޭ މަހެކެވެ.

އަޅުގަނޑުމެން ތުއްތުކުދީންގެ އުމުރުން ނެއްޓި ކުޑަ ކުދީންގެ އުމުރަށް އެޅިގެން އައި އިރު ތޮއްޑޫގެ އެންމެ މަޝްހޫރު ކެޔޮޅަކީ ރަށުގައި ދިރިއުޅޭ އުކުޅަހު މީހެކެވެ. މަޝްހޫރު ނަމަކީ އުކުޅަހު ތުއްތުއެވެ. ކަނޑުމަތީގެ ކަންކަމާއި މޫސުމީ ކަންކަމުގައި އިތުބާރު ބޮޑު ތަޖުރިބާކާރެކެވެ. ދިވެހި ބޭހުގެ ހަކީމެކެވެ.

މިހާރު އަޅުގަނޑަށް މަސައްކަތްމި ކުރެވެނީ ތަޢުލީމީ ދާއިރާގައެވެ. އަދަަބީ ޤައުމީ ޚިދުމަތުގެ ދާއިރާގައި ކަމަށް ވެސް ހީކުރަމެވެ. އެއާއެކު މި ދުވަސްވަރަކީ  އަޅުގަނޑު ތުއްތުއާ އެކީގައި ކިރުޅިޔަ މަސް ބާނަން ދިޔަ ބައެއް ރޭރޭ ދިމާވާ ވަރަށް އާދާޔާ ޚިލާފުކަމެއް ހަނދާނަށް އަންނަ ދުވަސްވަރެކެވެ.

އަޅުގަނޑަކީ އޭރު ދޮށިއެޅޭ ހައި ދޮށީ މީހަކީމެއް ނޫނީމެވެ. މިހެން ދެންނެވިޔަސް ކޮރަކަލި ދޮށްޓެއް ގެންގުޅެމެވެ. އެއީ އޭރު އަޅުގަނޑުގެ ޅަ އުމުރުގެ ތަރުޖަމާއެއް ކަމަށް ބައްލަވާށެވެ!

ކުޑަކުދިން ދިރިއުޅުން ދަސްކުރުން އޭރު ހުއްދައެވެ. އެހެންވީމާ އަޅުގަނޑުމެން ބޮޑުވީ މަސައްކަތްކޮށްގެނެވެ. އަމިއްލަ އިޚްތިޔާރުގައެވެ. ހަވީރު މަސްއޮޑިފަހަރު މަހުން ލަފައި މަސްކެނޑީމާ އަޅުގަނޑު ކަރު ގޮހޮރު ނަގަމެވެ. އެއީ ކިރުޅިޔަމަހަށް ފިލިކުރާށެވެ. ދެން އިރު އޮއްސުނީމާ އެވީ އެ ގޮހޮރުފަތި ތުއްތު ބުނާ ދިމާއެއްގައި މޫދު އަޅާށެވެ. އާންމުކޮށް ބާއްވަނީ ތުއްތުމެން ގެޔާ ދިމާ އަތިރީން މޫދުގައެވެ. އެ އަތިރިޔަށް ކިޔަނީ ވެސް ތުއްތުމަގު އަތިރިއެވެ. އޮޔާ ނުދާނޭހެން އެ ދިމާއިން މޫދުގައި މި ގޮހޮރުފަތި ހައްޔަރުކޮށްލަމެވެ.

މަޣުރިބު ނަމާދުން ފައިބައިގެން ތުއްތު އޭނާގެ ކިރުޅިޔަމަހު ދޮށި ހިފައިގެން އަތިރިމައްޗަށް ދާނެއެވެ. އަޅުގަނޑު އޭނާގެ ފަހަތުން ދަމެވެ. އޭނާ އަޅުގަނޑު އަތަށް ދިއްކޮށްލާ އެންމަސްކޮތަޅު ހިފައިގެންނެވެ. އަޅުގަނޑަށް އޮންނަނީ އެ އެންމަހުގެ ކަންކަން ހަމަޖެއްސުމެވެ.  ބެލެހެއްޓުމެވެ. ސަަބަބަކީ އަނދިރިވެ ކަކުނިތައް ހޮރުހޮރުން ނުކުމެގަތީމާ އިރުކޮޅަކުން އޮންނާނީ ވީނުވީއެއް ނޭނގި އެންމަހަށް ގެންދިޔަ ގޮހޮރުކޮޅު ގެއްލިފައެވެ.  އެހެންވީމާ އެންމަސްކޮޅުގެ ސަލާމަތީ ފާރަވެރިޔަކަށް އަޅުގަނޑު ހުންނަ އިރު ތުއްތު ދޮށިއުކައި މަސްބާނައެވެ.  ނަމަވެސް ބައެއް ރޭރޭ ކަން ދިމާވަނީ ވަރަށް ދެރަކޮށެވެ. އެއީ ކިރުޅިޔަ މަސްބައިގަނޑަށްވުރެ ބާރުގަދަ ނުފޫޒުގަދަ ބައިގަނޑެއް މޫދުގައި އޮތް ގޮހޮރު ފަތި ހިސާރުކޮށްލަނީއެވެ. އެއީ އޮރިއެވެ. މިއީ ވަރަށް ދިލަނަގާ ކަށްޓެއް ހުންނަ މަހެކެވެ. ކައްކައިގެން ކެޔަސް ފިހެގެން ކެޔަސް ނުބައި ވަހެއް ހުންނަ މަހެކެވެ. އޭގެ މަސްފަށް ވަރަށް ވަރަށް ތުނިވެފައި އެހައި ވަކަ ތަތްކަމެއް ވެސް ހުރެއެވެ. އެހެންކަމުން އެއީ ދިވެހީންގެ ތެރޭ މާ މަގުބޫލު އެއްޗެއް ނޫނެވެ. އޮރި އައިން އަރައިގެންފި ރެޔެއްގައި  ދެން ހަމަ ހުސް އޮރި ބޭވޭން ފަށައިފާނެއެވެ. ތުއްތު ފަކީރު އަތަށް ދެ ފަހަރަކު ކަށި ހެރޭ އިރަށް ބުނާނެއެވެ. އެ ބުނާ އެއްޗެއް ދެން ނުބަލަމާ ހިންގަވާށެވެ. އޯގާވަންތަ ﷲ ތުއްތުއަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ. ކޮންމެޔަކަސް އެ ހިސާބަށް އެ ރޭގެ ކެޔޮޅުކަން ނިމިދެއެވެ. ކިރުޅިޔަމަސްތައް ކޮބައިހެއްޔެވެ؟

ދެން މި ވާހަކައާ ދިވެހި ގައުމިއްޔަތާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އެ ގުޅޭ ގޮތް އަޅުގަނޑު ހިތަށް ވިސްނެނީ މިހެނެވެ. 2008 ވަނަ އަހަރު އަޅުގަނޑުގެ ރައްޓެއްސަކު ދިވެހި ބަހަށް ޚިދުމަތްކުރަން ވެބްސައިޓެއް އުފެއްދިއެވެ. fanvai.info އެވެ. އެ ކަމުގައި އަޅުގަނޑުގެ އެހީތެރިކަމަކަށް އެދުމުން އަޅުގަނޑާއި އަދި ބައެއް އެހެން ދެތިން ހަަތަރު މީހަކު އެ ކަމުގައި ވަރަށް ބުރަކޮށް ރެޔާއި ދުވާލު މަސައްކަތް ކުރީމެވެ. އެންމެން ވެސް ހިލޭ ސާބަަހަށެވެ. ކޮންމެ ރެޔަކު ދޭއް ތިނެއް ޖަހަންދެން އަޅުގަނޑު ހޭލާ އިންނަމެވެ. އެޑިޓަރެއްގެ ހައިސިްޔަތުންނެވެ. އެކި ބޭފުޅުން ފޮނުއްވާ ލިޔުއްވުންތައް އެޑިޓުކޮށް ގުޅޭ ފޮޓޯ ހޯދައި އެ ކަމަށް ސަރޗުކޮށް އެ ލިޔުންތައް ޝާއިޢުކުރުމުގެ މަސައްކަތުގައެވެ. މި އަދުވެސް އެ ސައިޓު އެބަ ކުރިޔަށް ދެޔެވެ.

އަޅުގަނޑުމެން ކުރާ މަސައްކަތް  ހިލޭކުރިޔަސް ބައެއް ފަހަރަށް ބައްދަލުވެ ކަންކަމާ މެދު މަޝްވަރާކޮށްލަން ޖެހެއެވެ. ސައިޓު ހިންގަންޏާ ކޮންމެ އަހަރަކު ދައްކަންޖެހޭ ފީއެއް ވެސް އޮވޭ ނޫންތޯއެވެ.

އިއްތިފާގުން އަޅުގަނޑުމެން ހަތަރު މީހުންގެ ވެސް ގޭގެ ބޮޑު ކޮޓަރިޔަކީ ހަމަ އެއް ކޮޓަރިއެކެވެ. އަދި ބައްދަލުވުން ނިންމާލާފައި ސައިބޯންދާން ބަލާއިރު ހަތަރު މީހުންގެ ވެސް ގޭގެ ބަދިގެޔަކީ ކާގެޔަކީ އެއް ގެޔެކެވެ. އެއް ބަދިގެޔެކެވެ. އެހެންވީމާ ހަތަރު މީހުން ވެސް ބައްދަލުވަނީ އެ ތާނގައެވެ. މަޝްހޫރު ޖުވޭސްކެފޭގައެވެ. ހާލުހުރި ގޮތެވެ.

އަޅުގަނޑުމެންގެ މެދުގައި ވާހަކަ ދެކެވުނެވެ. މި ކަހަލަ ޚަރަދުތައް ހަމަޖައްސާލެވޭނެ އެހީއެއް ކޮންމެ ވެސް ދިމާޔަކުން ލިބިއްޖެއްޔާ ހާދަ ރަނގަޅެވެ. އިސްޕޮންސަރަށް ހުޅުވައިލައިފިއްޔާ ބައެއް ޝަރުޠުތަކާއެކު ސިޔާސީ ބާޒެއްގެ ވަރަފުޅުދަށުން ހިޔާކޮޅެއް ލިބިދާނެ ތޯއްޗެކެވެ. އެކަމަކު އަޅުގަނޑުމެންގެ މަޤުޞަދާއި ނިޔަތާއި އުސޫލުތައް އެ ކަމަށް ތަނެއް ނުދެއެވެ.  އެހެންކަމުން އެ ކަން ކުރާކަށް ބޭނުމެއް ނުވިއެވެ. ސައިޓަށް އެހީތެރިވެދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުން ކިހިނެއް ވާނެހެއްޔެވެ؟ ދެން އެ ފުރުޞަތު ހުޅުވާލެވިއްޖެއެވެ. 2008ވަނަ އަހަރުން 2020ވަނަ އަހަރަށް ކިތައް އަހަރުތޯއެވެ؟ ބަރާބަރު 12 އަހަރުވީއެވެ. މި މުއްދަތުގައި އެ ވެބްސައިޓަށް އެހީގެ ގޮތުގައި ލިބުނީ 1 ޑޮލަރެވެ. އެ ޑޮލަރު ހަދިޔާކޮށްފައި ވަނީ މަލިކު މީހެކެވެ. އެ ތާނގެ ބެންކެއްގެ މެނޭޖަރެވެ. ދެން 2020ވަނަ އަހަރުގެ ވާހަކައެކެވެ. މީގެ ދެތިން ދުވަސް ކުރިން އަޅުގަނޑުގެ ވެބްސައިޓުގައި ހިމެނި ދިވެހި ޤައުމީ ލަވައެއް އެފްބީގައި ހިމެނީމެވެ.  އަތުން ޚަރަދެއްކޮށްގެން އެ ލަވަ ނެޓުތެރޭ “ފަތުރާލީމެވެ“ ދެން ކުއްލިޔަކަށް ފެންނަންފެށީ ރޫޙުލް އިސްލާމް، ކަރަމުލްޅާ، ހޮސެން ޣޯނީ، ޖޫދީ ފަރީދު، އެމްޑީ ޝަންކަރު، ގުޕްތާ ޕާންޑިނީ ކަހަލަ ނަންނަމުގައި އެ ލަވަޔަށް ލައިކުތައް އޮހިގަތްތަނެވެ. ހަގީގަތުގައި ވެސް އަޅުގަނޑު ގަތީ ބިރެވެ. ހިތަށް އެރިއެވެ. ކިހިނެއް ވީބާވައެވެ. ދިވެހި ގައުމީ ލަވަޔަކަށް ދިވެހީންގެ ފަރާތުން ލިބޭ ތަރުޙީބަށް ވުރެ ބޭރު މީހުންގެ ފަރާތުން ލިބޭ ތަރުޙީބު އިތުރުވާހެން މި ހީވަނީ އަނެއްކާ ކިހިނެއްވީ ބާވައެވެ؟  ކިރުޅިޔަމަސްތައް ކޮބައިހޭ ތުއްތު ވެސް ބައެއް ރޭރޭ ސުވާލުކޮށްލި ނޫންތޯއެވެ؟

އޭޑީބީގެ މަޝްރޫޢެއްގައި ރާއްޖޭގައި އުޅުނު ކެނެޑާގެ އިޖުތިމާޢީ ޢިލްމުވެރިޔަކު ޑރ ޙަސަން ޙަމީދަށް ދެންނެވި ކަމަށް އޭނާ ލިޔުއްވައެވެ. ދިވެހީންނެއް ދިވެހީންގެ އަމިއްލަ ގޮތްތަކަށް އިޙްތިރާމެއް ނުކުރެއެވެ. އެ ގޮތްތައް ކުރިޔަށް ނެރެ އެކަންކަން އިހުތިފާލުކޮށް އެކަންކަމުން އުފާ ހާސިލެއް ނުކުރެއެވެ. މި ވާހަކައިގެ މައްޗަށް ޑރ. ޙަސަން ހަމީދު ދެއްވި އަަސަރު ގަދަ މާނަހުރި އިތުރު ތަފުޞީލު ނިންމަވާ ލައްވަމުން އޭނާ ވިދާޅުވެފައިވެއެވެ. ކެނެޑާގެ އިޖުތިމާޢީ ޢާލިމަށް ފެނިވަޑައިގަތް ތަންތަން ދިވެހިރާއްޖޭގެ ދީނާ ޤައުމަށްޓަކައި ހަނގުރާމަކުރައްވައި ޝަހީދުވެފައިވާ ރަސްރަސްކަލުންނާއި ރައްޔިތުންނަށް ފެންނާނެ ނަމަ، އެ ބޭފުޅުން ކަށްވަޅުގައި ކީރިތި ކުރައްވާނެކަން ކަށަވަރެވެ.

14.09.2020