މިއީ 1999ވަނަ އަހަރު އަޅުގަނޑަށް ހެދުނު ޅެމެކެވެ. ހޮޓަލަކުން ސައިބޮއިގެން އޮފީހަށް ދިޔަ މަގުމަތީގައި ހަމަ ކުއްލިޔަކަށް ހިތަށް އައީ މި ޅެމުގެ ފުރަތަމަ ބައިތެވެ. އޭރަކު އެ ބައިތު ވަކި ލަވައެއްގެ ރާގަށް ފެތޭކަމުގެ ޚިޔާލެއް ނެތެވެ. ނަމަވެސް ފަހުން ވަކި ރާގަކަށް ލަވައެއް ގޮތަށް ކިޔިދާނެކަމުގެ ވިސްނުމެއް އައެވެ.
ރައްޓެއްސަކު ނެރޭ ލަވަ އަލްބަމެއްގައި އަޅުގަނޑުގެ ޅެމެއް ހިމަނަން ބޭނުން ކަމަށް އޭނާ ބުނުމުން މި ޅެމުގެ ވާހަކަ ބުނީމެވެ. ކިޔިދާނެކަމަށް ލަފާކުރެވޭ ރާގު ވެސް ބުނީމެވެ. އޭނާ މި ޅެން ޢަލީ ރަމީޒަށް ފޮނުވިއެވެ. އޭގެ އަނެއް ދުވަހު ޢަލީ ރަމީޒު ގުޅުއްވިއެވެ. ޅެން އެ ރާގަށް ފެތުމުގައި ބައެއް މައްސަލަ އުޅޭކަން ފާހަގަ ކުރެއްވިއެވެ. އަސްލު ރާގުގައި ހިމެނޭ ބައެއް ބައިބައި މި ޅެމުގައި ނުވެސް ނެތީއެވެ.
ޢަލީ ރަމީޒު އެދިވަޑައިގެން އަޅުގަނޑު އޭނާއާ ބައްދަލުކޮށްލަން އެ ގެޔަށް ދިޔައިމެވެ. އޭރު އޭނާ ހުންނެވީ ލަވަ ފަރިތަކުރައްވާށެވެ. އަސްލު ހިންދީ ލަވަ އަޑު އައްސަވަމުންނެވެ. ދެން އެ ތާ އިނދެ އެ މަދުވާ ބައިބައި ހިމަނާލައި އެ ބައިތައް ޢަލީ ވެސް ރަނގަޅުތޯ ބައްލަވައި، ހިންދީ ރާގުގެ ވަޒަނަށް ކިޔާލެވޭވަރު ކޮށްލީމެވެ. އަޅުގަނޑަށް ގަބޫލުކުރެވިފައި އޮންނަ ގޮތުގައި ރާގަކަށް ޅެމެއް ހެދުމާއި ވަޒަނަކަށް ޅެމެއް ހެދުމާ އެއީ މުޅިން ތަފާތު ދެ ކަމެކެވެ.
13.09.2020