މިހާރު ދުނިޔޭގެ މައްޗަށް ގަދަ ދައްކަމުންދާ ކޯވިޑް 19 އަކީ ދުނިޔޭގެ މޫނުގައި މާސްކު އެޅުވި ބައްޔެކެވެ. ރޯގާއެކެވެ. ވައިރަހުގެ ނުރައްކާ ބޮޑުކަމުންނެވެ. ފެތުރޭލެއް ފަސޭހަކަމުންނެވެ. އެތުރޭލެއް ފުޅާ ކަމުންނެވެ. އެ ވައިރަހުގެ ކުރިމަތީގައި އިންސާނާ ފުރޭންޏެއް ފަދައެވެ. ކޮންމެ ލޯވަޅަކުން ދެމިގަނެއެވެ. ލޯވެސް ހުޅުވައިލެވޭކަށް ނެތެވެ. ލޮލަކީ ވެސް ކޯވިޑު 19 ހަށިގަނޑަށް އެތެރެވާ މާ ސިންގާ ދެ ދޮރާށްޓަށްވާތީއެވެ.
މި ފަދަ ނުސިޔާނުކަމެއް ހުރި މި ވައިރަހަކީ އިންސާނުންނަށް ވަރަށް ނުރައްކާތެރި އެއްޗެއްކަމަށް ޑަކްޓަރުންނާއި ކަމާބެހޭ މާހިރުން އެ ގެންދަވަނީ ކެނޑިނޭޅި ވިދާޅުވެދެއްވަމުންނެވެ. ކަށުނަމާދުތައް އިތުރުވަމުން ދާތީ އެންމެ އާދައިގެ މީހާޔަށް އެ ގޮތުން އެކަން އެނގެއެވެ. ޔަގީންވެއެވެ.
ކަން މިހެން އޮތް އިރު މި ނުރައްކަލުން ސަލާމަތްތެރިކަން ހޯދާން އަމިއްލަޔަށް ކުރާންވީ ކަންތައްތަކެއް ބުނެދެވެމުން އެބަ ދެއެވެ. ގިނަ ގިނައިން އަތް ދޮވުމެވެ. ދޭދޭ ދުރުކަން ބެހެއްޓުމެވެ. މާސްކުއެޅުމެވެ.
މާސްކު އެޅުމުގެ އަމުވެރުވެރި އިރުޝާދާއެކު ދެން ފެންނަން ފެށީ އެންމެންހެން މާސްކު އަޅައިގެން އުޅޭތީއެވެ. ދޭސީންނާއި ބިދޭސީންނެވެ. ބޮޑެތި މީހުންނާއި ކުޑަކުދީންނެވެ. މަސައްކަަތްތެރީންނާއި އެ ނޫން މީހުންނެވެ.
މި ދަނޑިވަޅުގައި އަދި ވަރަށް ބޮޑު އެހެންކަމެއް ވެސް ހިނގައިފިއެވެ. ސިނގިރޭޓުގެ އަގު އިންތިހާޔަށް ބޮޑުވުމެވެ. އަޅުގަނޑަށް ރަނގަޅީ ސިނގިރޭޓު ރާއްޖެއަށް އެތެރެ ވެސް ނުކުރިއްޔާއެވެ. ނަމަވެސް އޭގެ އަގަށް އައި ބަދަލުގެ ސަބަބުން ވެސް ކޯވިޑް 19 އުފާވާ ކަަހަލަކަމެއް ވަމުންދާހެން އެބަ ހީވެއެވެ.
މީގެ ދެތިން ދުވަހެއް ކުރިން އެއްޗެއް ގަންނެލަން ބާޒާރަށް ނިކުމެއްޖައިމެވެ. މާސްކެއް އަޅައިގެނެވެ. މިހާރު ފިހާރަފިހާރަޔަށް ވަދެވެނީ ވެސް ވަކި ނިސްބަތަކުން ދޮގެއްތޯއެވެ. އަޅުގަނޑާ ޖެހެންދެން ދޮރުމަތީގައި މަޑުކޮށްލައިގެން ހުރީމެވެ. އެތެރޭން މީހަކު ނިކުތީމާ އެތެރޭން އިޝާރާތެއްވަންދެނެވެ.
ޖެހިގެން ހުރީ އިމާރާތްކުރުމުގެ މަސައްތަކެއް ހިނގާ ގެޔެކެވެ. އެ ކަމުގައި އުޅޭތީ ފެންނަނީ ދިވެހީން ނޫން އެހެން ކޮންމެ ވެސް ނަސްލެއްގެ ބަޔެކެވެ. ހީވާ ގޮތުން އެމީހުންގެ މުޅި ދިރިއުޅުން ވިއްކާލާފައި އެމީހުންގެ މައިންބަފައިންނާއި އަނބިދަރީންނަށް ޓަކައި އަމިއްލަ ގައުމު ދޫކޮށް އައިސް ގުލާނުކުރާ ހިންމަތްތެރީތަކެކެވެ. ބަނޑަށް މަރުނުވާން ވެގެން ކަށިން ހިތްވަރު ނެރޭ މުރާލި ހީވާގި ބައެެކެވެ. އެ ގައުމުގެ ހާލަތު ހުރި ގޮތުން މި މީހުންނަކީ ތައުލީމުގެ ނަސީބެއް ވެސް ލިބިފައިވާ ބައެއްކަމަކަށް ނުފެނެއެވެ. މި ގައުމުން ލިބޭ މުސާރަޔާއި ރަށަށް ފޮނުވަން ޖެހޭ އަދަދުގެ ފަރަގު ބޮޑުކަމުން އޭގެ ތެރެއިން ބައެއް މީހުންނަށް ހަމަ ގައިމު ވެސް އަތްމަތި ދަތިކަން އޭގެ އިންތިހާޔަށް ފޯރާފައިވެއެވެ. ހޭލުންތެރިކަން ސުމެއްގައި އޮއްވައެވެ.
ކޮންމެޔަކަސް ދެން ފެނުނީ މަސައްކަތު ވަރުބަލި ފިލުވާލަން ދެ މީހަކު ތިރިޔަށް ފައިބައި އިށީނދެލިތަނެވެ. ދެ މީހުން ވެސް ތިބީ ރަނގަޅަށް މާސްކު އަޅައިގެންނެވެ. އަނގަމަތި ފޮރުވައިގެންނެވެ. އިށީނދެ ތިބުމުގައި ދޭދޭ ދުރުކަން ނެތުން ފިޔަވައި އެޗްޕީއޭގެ ގަވާއިދަށް ފެތެއެވެ.
ކުއްލިޔަށް އެތަނުން އެކަކު ފައިކޭޓަށް އަތް ކޮއްޕާލާފައި އެ ނެގީ ސިނގިރޭޓެކެވެ. އަޅުގަނޑަށް ވަރަށް އުނދަގޫ ވެއްޖެއެވެ. ކައިރީގައި ހުރެވުނީމައެވެ. ވަސް ވެސް ޖެހެން ބޭނުން ނުވާތީއެވެ. ދުންފަތުގެ ދުމުގެ ނުރައްކާ ކޮންމެ ވެސް ވަރަށް އެނގޭތީ ވެސް މެއެވެ. ލޯބިން އޮޅުކޮށްގެން ކާންދީގެން ހަރުފަ ގެންގުޅޭ ކިތައް މީހުން ހަމަ އެ ހަރުފަ ކަރުގައި އޮޅައިލައިގެން މަރުވެފައި އެބަ ވޭތޯއެވެ؟ އެ މަންޒަރު ބަލަން ވެސް ބައެއް ފަހަރު ބައެއް މީހުންނަށް ތިބެން ޖެހެއެވެ. ހަމަ އެ ގޮތަށް މި މީހަކު އޭނާގެ މަރުގެ ފަޓާހުގެ ފުކުގައި ރޯކޮށްލައި ތުން ޖެހި އިރު އަޅުގަނޑަށް މި ޖެހުނީ ބަލަހައްޓައިގެން ހުންނާށެވެ.
މިހާރު މާސްކު ވެސް އޮތީ ދަތްދޮޅީގައެވެ. ޖެހިގެން އިން މީހާއާ ވާހަކަ ދައްކަމުން އަވަސް އަވަހަށް އޭނާ އެ ސިނގިރޭޓު ދަމަމުން ދެއެވެ. ބަލިން ސަލާމްވުމަށް ޓަކައި އަނެކާ އަދިވެސް އޭނީ މާސްކު އަޅައިގެންނެވެ. މެދަކާ ހަމަޔަށް އެ ސިނގިރޭޓު އަންދާލެވުނުތަނާ ދެން ފެނުނީ އަދި މާ އާދަޔާ ޚިލާފު ކަމެކެވެ. ޖެހިގެން އިން މީހާގެ އަތަށް ދިއްކޮށްލައިފިއެވެ. އޭނާ ވަގުތުން އަމިއްލަ މާސްކު ތިރިކޮށްލިއެވެ. ފިސާރިި އަވަސް ހަރަކާތެކެވެ. ސިނގިރޭޓު މިހާރު އެ އޮތީ އޭނާގެ ތުނބުގައެވެ. ހީވީ ހެނދުނު ހައިބަނޑާ ވިނަމައްޗަށް ޖެއްސި މާކަަނައެއް އޮޅަކުން އުނިޔައެއް ތުނބަށް ހެޔޮވަރު ކޮށްލިހެނެވެ. ކުރިން ސިނގިރޭޓު ބުއި މީހާ މިހާރު އޭނީ މާސްކު އަޅައިގެންނެވެ. ހިތަށް އެރިއެވެ. މިއީ ހާދަ ކަމަކުން ހާދަ ގޮތަކަށް ރައްކާތެރިކޮށްދޭ މާސްކެއްތާއެވެ!
މިހާރު ތިބާ ހިނިފުޅު އަތުވެއްޖެ ދޮގެއްތޯއެވެ. މި ނުކުތާގެ ބޭރުފުށުގައި ހިނިއައުން އެބަ އޮތެވެ. އެތެރެފުށުގައި އޮތީ ވަރަށް ވޭނީ ސުވާލެކެވެ. ހޭލުންތެރިކަމާއި ބަނޑުފުރާނަ މުއްތިކުރުމުން މަޙްރޫމުވެފައިވާ އެތައް މިލިޔަން މި ފަދަ ނިކަމެތި އިންސާނުންނެއް ދުނިޔޭގައި އުޅެން ޖެހެނީ ކީއްވެބާވައެވެ؟ އެމީހުންގެ ބިންތަކުގައި ލައްވާފައިވާ ޤުދުރަތީ ވަސީލަތްތަކާއި މުއްސަނދިކަމާއި އެ މައްޗަށް ބާރުވެރިވެފައިވާ މަސްއޫލުވެރީން ކޮބައިބާވައެވެ؟ މި ޙާލަތުގައި އެ މީހުންގެ ކިބައިން ފެންނަ މި ފަދަ ކަންކަމާ ހިނިއާދެވޭ ނަމަ އަހަރެމެންގެ އިންސާނީކަން ކޮބައިބާވައެވެ؟
12.09.2020