މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުނު މުނާސަބަތާ ގުޅިގެން ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ދުރަށް ފޮނުވުނު ހުށަހެޅެމެކެވެ. ރިޕޯޓުގެ ބަސްމަގު މުޅިން ޅެންވަޒަނަށް ނުވާ ގޮތަށް ނަމަވެސް ކުޑަކޮށް ޅެންފާޑު ހުންނަ ގޮތަށް އެކުލަވައިލުމަށް ލަފާދެއްވި ކަމަށް ވަނީ އޭރުގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އަޅުގަނޑާ ހަމަޔަށް އެ އިރުޝާދު ގެނެސްދެއްވީ އޭރު ރައީސް އޮފީހުގެ ވަޒީރަކަށް ހުންނެވި އޮނަރަބްލް ޙުސައިން މުޙަންމަދު ޝަރީފެވެ. ކޮންމެޔަކަސް ލިބުނު އިރުޝާދާ އެއްގޮތަށް އެ މަޢުލޫމާތުތައް އެކުލަވައިލެވޭތޯ އަޅުގަނޑު މި ވަނީ މަސައްކަތްކޮށްފައެވެ. ރިޕޯޓު ވިދާޅުވެފައިވަނީ އަލްއުސްތާޛާ ޢާއިޝާތު ބިޝާމެވެ. ތާރީޚީ ކަންކަން ކަށަވަރުކޮށްލަދެއްވީ އަލްއަޚް މުޙަންމަދު ޝާޠިރެވެ. ހަތަރު ބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ރާއްޖޭގެ މިނިވަންކަމަށް ޓަކައި ރައީސް ނާޞިރު ވަރަށް ބޮޑު ޤުރުބާނީއެއް ވެވަޑައިގަތެވެ. ޤައުމީ ލޯތްބާއި ޢަޒުމާއި ހިތްވަރު ކުރިޔަށް ނެރުއްވިއެވެ. ވެރިކަމުގެ ހުވާގެ މައްޗަށް އަމާނާތްތެރިވެވަޑައިގަތެވެ. އަންނާން އޮތް ޖީލަށް އަމާން މިނިވަން ރާއްޖެއެއް ކަށަވަރުކޮށްދެއްވިއެވެ. ބާރުދެއްކި ބޭރުގެ ބާރު އާރުލާ ގޮތެއްގައި ރޭރުކޮށްލައި ހާރުވާލައިގެންނެވެ.
އޯގާވަންތަ ﷲ އެމަނިކުފާނަށް ހެޔޮ ޖަޒާދެއްވާށިއެވެ. ދިވެހީންނަށް ހެޔޮ ވިސްނުން ދެއްވައި، ދިވެހި ޤައުމަށް އަމިއްލަވަންތަކަމާއި ކެރިފޯރުން މިންވަރުކުރައްވާށިއެވެ.