ނޯޓު: މިއީ “މީ މަގޭ ޙާލަތޭ މަންމަ އަޑު އައްސަވާ“ މި ލަވައިގެ ވަޒަނަށް ހަދައިފައިވާ ލަވައެކެވެ.

މީ މަގޭ ގައުމަކީ،  ހާލު އަޑު އައްސަވާ!

މިތުރުނޭ ފުން މި ވޭނާ ގިލަން  އައްސަވާ!

މީ އެ މާތް ފަސްގަނޑޭ ރޫޙުދިން ކާބަފައިން،

އަދު މި އުންމަތުގެ ޒާތާއި ސިފަ ބައްލަވާ!

މީ މަގޭ ގައުމަކީ ހާލު އަޑު އައްސަވާ!

ކޮންތަނެއް މީ އިހަށް؟ ޖަންނަތޭ ދުނިޔަވީ،

ކޮންމެ ދުލަކުން މެ އޮހިފައި އެ އެތާރީފުވީ

ސަޖިދަޔަށް ފަސްވަގުތު ކޮންމެ ހިތަކާ ނިތެއް

ތިރިވެލުން  ކިޔަމަނުން  އުފަލަކަށް އޭރުވީ

މިއަދު އެކިފުށްފުށަށް، އެނބުރި އެކި ކުށްކުށަށް

ދިޔަ ގޮތެއް  ޖީލު ވިސްނާ ފިކުރު ހިންގަވާ!

ޤުދުރަތުން  ދެއްވެވީ  ޢިއްޒަތާ ޙުރްމަތޭ

މެދު ނުކެނޑި ވެއްސެވީ  ނިޢުމަތާ ރަޙްމަތޭ

މަޑުހިމޭން ރޯޅި ޞުލްޙައިގެ އައިސް ބީހިލައި،

ކަނޑުފަޅުން ދަނޑުފަނގުން ފަރިކުރީ ބަރަކަތޭ

ޝުކުރުކުރުމެއް ނެތޭ، ޒިކުރުކުރުމެއް ނެތޭ

ބަދަލަކީ  ކަރުނައޭ  ތިޔަ ލޮލުން ފޮއްސަވާ

ފެމުނު، ރާބޮނދި ޙިމާޔަތް ވެޔޭ އެބަ މިތާ

ތަނުގެ ޤާނޫނު ކުރަހާލަދިން  އޭ ރޮނގޭ!

އެމުނެމުން  ތޫނު ހަތިޔާރު ކަރަށާ މެޔަށް

ނިމިދަނީއޭ ދަރީންކޮޅު މި އެހެނަސް އިނގޭ!

ކަރުނައިން ގޯތިތައް، ރަތްލެއިން ގޯޅިތައް

ފުރި އުތުރިދާ މި ކޯރަށް  ނަޒަރުދެއްވަވާ!

ކޯޓުލައިގެން އޮފީހާއި ޕާޓީއަށޭ!

ސޯޓުލައިގެން ނަމާދާ ޖަނާޒާއަށޭ!

ބޯކޮށާ ކަތުރު، ނިޔަފަތިކަނޑާދަތި، ފުނާ

ހޯދުމީ ވެސް މި ޖީލުގެ ކުދީންނަށް ކުށޭ!

އަދަބު ސަދަބެއް ނެތޭ، ޤަދަރު އަމުދުން ނެތޭ

ޖަދު އެކީ ނިމިދަނީޔޭ   ނިވޭހެން ހަވާ!

މުސްލިމުންނޭ މިއީ  ބުނެވެނީ   ބާރަށޭ!

އިސްޖަހާލަން ޖެހޭ،    އޭގެ    އިތުބާރަށޭ!

މިސްކިތަށް ގޮސް ވުޟޫކޮށްލިޔަސް ވާންވަނީ،

އިސްކުރުން އަންނަ ފެން ވެސް އެ ބަނގުރާއަށޭ!

އުރެދުމޭ އުފަލަކީ،  ފުރެދުމޭ މަޖަލަކީ

މަރުވެ ދާއިރު ވަޠަން ލޯމަތީގައި ހުވާ!

ކޮންމެ މީހަކު އެމީހެއްގެ ނަފުސަށްޓަކާ

ކޮންމެ މީހަކު އެ މީހެއްގެ ޖީބަށް ޓަކާ

ކޮންމެ މީހަކު އެމީހެއްގެ ޖާހަށްޓަކާ

ކޮންމެ މީހަކު އެމީހެއްގެ ގޮނޑިޔަށްޓަކާ

ހާދަ އަގަލެއް ނެތޭ، ރަޙްމު ކުލުނެއް ނެތޭ

މި ހަނގުރާމައިން މި ބިން މިންޖުކޮށްދެއްވަވާ!

———————

05.01.2020