ދިވެހިބަހުގައި  [އޭނާ] އަކީ އެހެން މީހެއްގެ ވާހަކަ ބުނާ އިރު، އެ މީހަކުގެ އަސްލު ނަމުގެ ބަދަލުގައި ބޭނުންކުރާ ބަދަލުނަމެކެވެ. ދިވެހީން ވާހަކަދައްކައިއުޅޭ އާދައިގެ ދަރަޖައާއި މާތް ދަރަޖައާއި އެންމެ މާތް ދަރަޖައިގައި ވެސް މި ނަން ބޭނުންކުރެވެއެވެ. ނަމަވެސް މިހާރަކަށް އައިސް އަނެކުންނަށް މާތްކޮށް ހިތައިގެން ވާހަކަދެއްކޭ ޙާލަތުގައި އެންމެ މަތީ ދަރަޖައިން ވާހަކަ ދައްކާއިރު، މި ބަދަލުނަން ބޭނުންކުރެވޭތީ ވަރަށް ނުފެނެއެވެ. އެއީ އެ ހާލަތުގައި [އޭނާ] އޭ ބުނެވިއްޖެ ނަމަ، އާދައިގެ ދަރަޖައިގެ ލަފުޒެއް ބޭނުންކުރެވުނީކަމަށް ބައެއް މީހުންނަށް ހީވާތީ ކަމަށް ފެނެއެވެ. އަދި އެންމެ މާތް ދަރަޖައިން ވާހަކަދެއްކުމުގެ ގަވާއިދާ ތިމާއަށް ޚިލާފުވެވެނީކަމަށް އެ ފަދަ މީހުންގެ ހިތަށް ވިސްނެނީކަން ނޭނގެއެވެ. ހަގީގަތުގައި އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ދިވެހިބަހުގެ ތިން ދަރަޖައިގައި ވެސް ބަދަލުނަމެއްގެ ގޮތުގައި އޭނާ ބޭނުންކުރެވެއެވެ. އެހެންކަމުން މި  ލިޔުމުގައި އަޅުގަނޑު ބަލައިލާނީ  [އޭނާ]  ބޭނުންކުރުމުގައި މި އަރާ އޮޅުމުގެ މައްޗަށެވެ.

ދިވެހީން ވާހަކަދެއްކުމުގައި ބޭނުންކުރާ މައިގަނޑު ތިން ދަރަޖައެއް ވެއެވެ. އެއީ؛

ހޫނ +  އާދޭ     =    އާދައިގެ ދަރަޖަ

ލައްބަ + ދުރުވޭ    =    މާތް ދަރަޖަ

އާދެ  + ވަޑައިގަނޭ  =    އެންމެ މާތް ދަރަޖަ

ހޫނ އާދޭ އެއީ އާދައިގެ ދަރަޖައެވެ. ލައްބަ ދުރުވުން އެއީ މާތް ދަރަޖައެވެ. އާދެ ވަޑައިގަތުން އެއީ އެންމެ މާތް ދަރަޖައެވެ. އެއީ މި ޒަމާނުގެ އޮފީސް ބަހުރުވައެވެ.

ދިވެހިބަހުގެ ތިން ދަރަޖައިގައި ވެސް ބަދަލުނަމެއްގެ ގޮތުގައި އޭނާ ބޭނުންކުރުމަކީ ބަހުގެ ހަމަ އެކަމަށް ބާރު އަޅާ، އެ ކަމަށް ތަންދޭ ކަމެކެވެ. މި ކަމަށް ހެކި ދޭ އެއް އަސްލަކީ ބަހުގެ އިސް އުސްތާޛުންގެ ލިޔުއްވުންތަކާއި ތަޤުރީރުތަކެވެ. މުޙަންމަދު އަމީން (2002) ވިދާޅުވަނީ …ޢަބްދުﷲ ފަހުމީ ދީދީ ޝާޢިރަކަށް ވީކަން އެއީ ކުޑަކޮށް ވެސް ޢަޖާއިބުވާންވީ ކަމެއް ނޫނެވެ. އަޅުގަނޑުމެން ހައިރާންވާން ޖެހުނީހީ އޭނާ ޅެންވެރިޔަކަށް ނުވިނަމައެވެ(ޞ.9). ހަމަ އެހެންމެ މުޙަންމަދު އިސްމާޢީލު ދީދީ (1961) ބަޔާންކުރައްވަނީ އެއްރެޔަކު ދޮންމަނިކު ކަރައިން ދުރުވި އިރު، އޭނާގެ ތުއްޕުޅު ދަރިކަލުން…(ޞ.10) މި ގޮތަށެވެ. މި ޖުމުލައިގައި ’ދޮންމަނިކު ކައިރިން ދުރުވިއިރު‘ މި ހެން އޮތުމުން އެނގެނީ މިއީ މާތް ދަރަޖައިގައި އޮތް ޖުމުލައެއްކަމެވެ. އެ ކަން ޔަޤީންވާ އަނެއް ގޮތަކީ އެ ޒަމާނުގައި މަނިކުންނާ ވާހަކަދައްކަނީ ލައްބަދުރުވުމުގެ ދަރަޖަ (މާތް ދަރަޖަ) އިން ކަމަށް ވެފައި،  [ދުރުވުން] އެއީ އައުމުގެ މާނައިގައި މާތް ދަރަޖައިގައި ބޭނުންކުރާ ލަފުޒެއްކަމަށް ވާތީއެވެ. އެންމެ މާތް ދަރަޖައިގައި އައުމަށް ނުވަތަ ދުރުވުމަށް ކިޔަނީ ވަޑައިގަތުމެވެ. ދެން އެހެން އަދީބެއްގެ ލިޔުއްވުންކޮޅެކެވެ.  ތަޢުލީމު ޙާޞިލުކުރެއްވުމަށް ޓަކައި އެންމެ ހަތަރު އަހަރު ނޫނީ ]ޗާލްސް ޑިކެންސް[ ސްކޫލަކަށް ވަޑައިނުގަންނަވާކަން އެއީ އަޖާއިބުވާންޖެހޭ ކަމެކެވެ. އެހެންކަމާއިއެކު ވެސް ދުނިޔެ ފާހަގަކޮށްފައިވާ ވިއްސަކަށް ވާހަކަ އޭނާ ލިޔުއްވައިފައިވެއެވެ(މުޙަންމަދު ޖަމީލު، 1993، ޞ. 163). މި ޖުމުލައިގައި ވަޑައިގަތުން ބޭނުންކުރައްވައިފައިވުމުން މިއީ އެންމެ މާތް ދަރަޖައިން އިބާރާތްކުރައްވައިފައިވާ ޖުމުލައެއްކަން އެނގެއެވެ. އެކަމަކު މި ޖުމުލައިގައި ވެސް ބަދަލުނަމެއްގެ ގޮތުގައި ބޭނުންކުރައްވައިފައި އޮތީ އޭނާއެވެ. އެހެންކަމުން މިއިން ޔަޤީން ވަނީ، އެންމެ މާތް ދަރަޖައާއި މާތް ދަރަޖައިގައި ވެސް ބަދަލުނަމެއްގެ ގޮތުގައި ދިވެހި އިސް އަދީބުން ބޭނުންކުރައްވައިފައިވަނީ [އޭނާ] ކަމެވެ. ވީމާ، އެންމެ މާތް ދަރަޖައިން ވާހަކަދައްކާއިރު، އޭނާ އޭ ބުނާންވާ ތާނގައި އެބޭފުޅާއޭ ބުނާކަށް ކިޔާން ޖެހޭ ސަބަބެއް ނުފެނެއެވެ.

ބޭފުޅާއަކީ ވަކި މާނައެއް ހިމެނޭ ލަފުޒެކެވެ. އެއް މާނައަކީ ކުއްޖާއެވެ. އަނެއް މާނައަކީ މީހާއެވެ. މި ދެ ނަން ގިނަނަމަށް ބަދަލުވާ ޙާލަތުގައި ބޭފުޅާ ވެސް ގިނަނަމަށް ބަދަލުވެ،  ބޭފުޅުންނަށް ވާނެއެވެ. ތިރީގައި ވާ ތާވަލުން އިތުރު ތަފުޞީލާއި މިސާލު ބައްލަވައިލައްވާށެވެ.

މީހުންނާއި ކުދީންގެ ބަދަލުގައި އެންމެ މާތް ދަރަޖައިގައި ބޭފުޅުން ބޭނުންކުރެވޭ ގޮތުގެ މިސާލީ ތާވަލު.

ދިޔާނާ  (އާދައިގެ ދަރަޖަ) ޑަޔާނާ (އެންމެ މާތް ދަރަޖަ)
ހ ދިޔާނާއަށް ދެ ކުދީން ލިބުނެވެ. ޑަޔާނާއަށް ދެ ބޭފުޅުން ލިބިވަޑައިގަތެވެ.
ށ ދެ ކުދީން ވެސް ދުނިޔޭގައި އެބަ ތިއްބެވެ. ދެ ބޭފުޅުން ވެސް ދުނިޔޭގައި އެބަ ތިއްބެވިއެވެ.
ނ ދެ ކުދީންނަކީ ވެސް ދެ ފިރިހެން ކުދީންނެވެ. ދެ ބޭފުޅުންނަކީ ވެސް ދެ ފިރިހެން ބޭފުޅުންނެވެ.
ރ އެކަމާ އާއިލާގެ މީހުން ވަރަށް އުފާކުރެއެވެ. އެ ކަމާ އާއިލާގެ ބޭފުޅުން ވަރަށް އުފާފުޅުކުރައްވައެވެ.

މިސާލުން  ތިޔަ ފެނިވަޑައިގަތީ ކުއްޖާ މި ލަފުޒު އެންމެ މާތް ދަރަޖައިން ބުނާން ބޭފުޅުން ބޭނުންކުރެވޭ ގޮތެވެ. ރ އިން ތިޔަ ދެކެވަޑައިގަންނަވަނީ، ’މީހުން‘ މި ލަފުޒު އެންމެ މާތް ދަރަޖައިން ބޭނުންކުރާ އިރު، ބޭފުޅުންނަށް ބަދަލުވެފައިވާ ގޮތެވެ.

މަނިކުފާނަކީ ނުވަތަ އެމަނިކުފާނަކީ ނުވަތަ މަނިއްޕުޅު ފަދަ ނަންނަމަކީ ވެސް ސީދާ ބަހުގެ ދަރަޖައިގެ ތެރޭގައި ބަދަލުނަމުގެ ގޮތުގައި ބޭނުންކުރާން ޚާއްޞަ ނަންނަމެއް ނޫނެވެ. އެއީ މާތްކޮށް ހިތުމުގެ ގޮތުންނާއި ހައިބަތު އުފުލުމުގެ ގޮތުން ބޭނުންކުރެވޭ ނަންނަމެވެ. ބައެއް ފަހަރަށް އެ ނަމެއް އެ ނިސްބަތްކުރެވޭ މީހަކު އެ ހިނދަކަށް ދައުލަތުގައި ހިމެނޭ މަޤާމުގެ ގޮތުން އެރުވޭ ޢިއްޒަތެއްގެ ގޮތުގައެވެ.  ބައެއް ފަހަރަށް  މަތިފުށުގެ ހައިސިއްޔަތުން ވާރުތަވާ ނަމެއްގެ ގޮތުގައެވެ. މުޙަންމަދު އިސްމާޢީލު ދީދީ (1947) ހާމަކުރައްވާ ގޮތުގައި …ޙުސައިން ޞަލާޙުއްދީނުގެ ސިޓީއެއް އަޅުގަނޑުގެ ނަމުގައި ނަވުގައި އޮތެވެ. އެމަނިކުފާނުން އަޅުގަނޑާ ބައްދަލުކުރައްވަން ނަވަށް ވަޑައިގެން ދިމާ ނުވީމައެވެ(ޞ.19). ޙުސައިން ޞަލާޙުއްދީނަކީ ދަރަވަންދޫގެ ޙުސައިންދީދީއެވެ. އޭނާއަށް މި ތާނގައި ބޭނުންކުރައްވައިފައި މި އޮތީ އެމަނިކުފާނެވެ. ނަމަވެސް ޢަބްދުﷲ ފަހުމީ ދީދީއަށް މުޙަންމަދު އަމީން ބޭނުންކުރައްވައިފައި އޮތީ އޭނާއެވެ. ފާހަގަކުރެވޭ މުހިންމު ނުކުތާއަކީ މި ދެބޭފުޅުންނަކީ ވެސް ދެ ދީދީން ކަމުގައިވެފައި، ދެ ބޭފުޅުންނަކީ ވެސް އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޤާމު ފުރުއްވައިފައިވާ ދެބޭފުޅުންކަމުގައިވުމެވެ. ނަމަވެސް އެއް ބޭފުޅަކަށް އެއް ހާލަތެއްގައި ބޭނުންކުރައްވައިފައި އެ އޮތީ އޭނާއެވެ. އަނެއް ބޭފުޅަކަށް މި އޮތީ އެމަނިކުފާނެވެ. މި ތަފާތު އައި ގޮތް ދެނެގަތުމަށް ޓަކައި މި ފަދަ އެހެން ނަމަކާމެދު ވިސްނައިލަމާތޯއެވެ. އެ ނަމަކީ މަނިއްޕުޅެވެ.

މަނިއްޕުޅަކީ  ލޯބިން ކިޔި އެ ގޮތަށް ހަރުލައިފައިވާ ނަމެކެވެ. ރަސްމަތިފުށަށް  ޚާއްޞަ ނަމެކެވެ. އެކަން ދިވެހި އިސް އަދީބުންގެ ލިޔުއްވުންތަކުންންނާއި ދިވެހި ބަސްފޮތުން ސާބިތުވެއެވެ. މާލޭގައި ޤާނޫނު އަސާސީ ފާސްވުމާއިއެކު މަދަރުސާގެ ނާޡިރުކަން އަލްފާޟިލް މުޙަންމަދު މޫސާ ދީދީއާއި ޙަވާލުކުރައްވައިފޫއެވެ. މި ދުވަހުން ފަށައިގެން އަދި މިހައިތަނަށް މި މަދަރުސާ އަދި މުޅިން ނުހުއްޓި ވެއްޓުނަ ނުދެއްވައި މި މަނިއްޕުޅު ހިންގަވާކަމީ މި މަނިއްޕުޅަށް ވަރަށް ތާރީފު ހުރި ކަމެކެވެ (ޙުސައިން ޞަލާޙުއްދީން، 2015، ޞ. 194-195).  މަނިއްޕުޅު މި ލަފުޒުގެ އަސްލަކީ [މަނިކު+ފުޅު = މަނިއްޕުޅު މިއެވެ. މަނިކަކީ އަލިމަސް އެވެ. މަނިއްޕުޅާއޭ ބުނުމުން އެ ބުނެވެނީ މަނިކުފުޅާއޭ ނުވަތަ އަލިމަސްފުޅާއޭ މި ގޮތަށެވެ. މި ނަން ބޭނުންކުރެވެނީ ރަސްމަތިފުށުގެ ފިރިހެން ބޭފުޅުންނަށެވެ. އެ ބޭފުޅުންގެ ޤަދަރާއި ޢިއްޒަތުގެ މަތިވެރިކަމަށް ޓަކައެވެ. މި ނަން ކިޔާން ފެށެނީ އެ ބޭފުޅުން ތުއްޕުޅު (ތުއްތު+ފުޅު = ތުއްޕުޅު) އިރު ލޯބިން ކިޔާ ނަމެއްގެ ގޮތުގައެވެ. އާންމު ބަހުރުވައިގައި ކޮއި+ފުޅު= ކޮއިފުޅު ކިޔާ ގޮތަށެވެ. ކޮޔަކީ ލޮލުގެ ކޮޔެވެ. ކޮއިފުޅާއޭ ބުނެވެނީ ލޯތްބާއި އަހަންމިއްޔަތު ރަމްޒުކޮށްދިނުމަށެވެ. މަނިއްޕުޅާއޭ ބުނެވެނީ ލޯތްބާއި އަގުގެ މަތިވެރިކަން ރަމްޒުކޮށްދިނުމަށެވެ. މި ބީދައިން ބަލާއިރު، މި ޖުމުލައިގައި ލިޔުންތެރިޔާ [މަނިއްޕުޅު] ތަކުރާރު ކުރައްވައިފައި އެ ވާ ގޮތް ވަރަށް ރަނގަޅަށް އެނގެއެވެ. އެއީ އެ ދީދީގެ ޤަދަރާއި ހައިބަތު މަތިވެރިކުރުމަށް ޓަކައެވެ.

ދެން އާންމު ބަހުރުވައިވައިގެ މި ފަދަ އިބާރާތްތަކަކަށް ވިސްނާލަމާތޯއެވެ.  …ކޮއިފުޅަކީ މިނިވަނެއްތަ ނޫނީ އަޅެއްތަ؟ …ކޮއިފުޅަކީ އަރަބީންގެ ކުއްޖަކީމުތަ ނުވަތަ އަޖަމީންގެ ކުއްޖަކީމުތަ؟.. ކޮއިފުޅު ހައްޔަރުވީ ކޮންތަނަކުންތަ؟ (ޙުސައިން ޞަލާޙުއްދީން، 1937، ޞ.50،51). މި އިބާރާތްތަކުގައި ކޮއިފުޅު ވެސް ތަކުރާރުވެފައި މި ވަނީ ހަމަ އެ އުސޫލުންނެވެ. އެކަމަކު ލޯތްބާއި އިޙްސާންތެރިކަމުގެ ބޮޑުކަން އުފެއްދެވުމުގެ މާނައިގައެވެ. އެހެންވީމާ މިއިން ކަށަވަރުވަނީ ކޮއިފުޅަކީ އާންމު ދަރަޖައިގެ ބަދަލުނަމަކަށް ނުވާ ފަދައިން މަނިއްޕުޅަކީ ވެސް އެންމެ މާތް ދަރަޖައިގެ ބަދަލުނަމެއް ނޫނެވެ. އެހެންވީމާ ތިން ދަރަޖައިގައި ވެސް ބަދަލު ނަމަކީ ހަމަ އޭނާއެވެ. އަދި މި ޒަމާނުގައި ވަޒީރުންގެ ދަރަޖައިގެ ބޭފުޅުންނާ ހަމައިން ފެށިގެން ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް ފިރިހެނަކު ނަމަ އެމަނިކުފާނު، އަދި އަންހެނަކު ނަމަ އެކަމަނާ ކިޔާ ކިޔުމަކީ މާތްކޮށް ހިތުމާއި ހައިބަތު މަތިވެރިކުރުމަށް ޓަކައި އަދަބުވެރިކަމުގެ ގޮތުން ކިޔޭކިޔުމެއްކަން ވެސް މި ކަމުން އެބަ ދޭހަވެއެވެ.

ނިންމުން

ދިވެހީން އާންމު ދަރަޖައިގައި އޭނާއޭ ބުނެއުޅޭ އެއްވެސް ތަނެއްގައި އެންމެ މާތް ދަރަޖައިން ވާހަކަ ދައްކާއިރު، އެ މާނައިގައި އެބޭފުޅާއޭ ކިޔާކަށް ނުޖެހެއެވެ. މި ހޯދައިލުމުން އެނގުނު ގޮތުގައި އެންމެ މާތް ދަރަޖައިގައި އަނެކުންގެ ހައިބަތު އުފުލުމާއި ޢިއްޒަތްމަތިވެރިކުރުމަށް ޓަކައި ބައެއް ފަހަރަށް އާންމު ބަދަލު ނަން ދޫކޮށްލައެވެ. ޚާއްޞަކޮށް ވަޒީރުންގެ ދަރަޖައިގެ ބޭފުޅުންނާ ހަމައިން ފެށިގެން މައްޗަށެވެ. މިޒަމާނުގައި ނަމަ ރައީސުލްޖުމްހޫރިއްޔާއާ ހަމައަށެވެ. އެބޭބޭފުޅުންނަށް ބޭނުންކުރަނީ އެމަނިކުފާނު ނުވަތަ އެކަމަނާއެވެ. އެ ނޫން ފަރާތްތަކަށް ނަމަ އެންމެ މާތް ދަރަޖައިގައި ބޭނުންކުރުން ރަނގަޅީ ހަމަ އޭނާއެވެ.

———————————–

ހަވާލާ ލިސްޓު

މިޚައިލް ލީޑޮން. (2012). ދި ޕަވަރ އޮފް އެސޮނަންސް. ނެގީ މާރިޗު 30، 2018، https://www.visualthesaurus.com/cm/wc/the-power-of-assonance/ން

މުޙަންމަދު އިސްމާޢީލް ދީދީ. (1947). ދޮން ތުއްކަލާގެ އައްޑޫ ދަތުރު، މާލެ: ނޮވެލްޓީ ޕްރެސް

މުޙަންމަދު އިސްމާޢީލް ދީދީ. (1961) ދޮން ތުއްކަލާގެ ބައްޕަގެ ހަނދާން، މާލެ:  ނޮވެލްޓީ ޕްރެސް

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.(1993). ޖަމީލުގެ މަޒުމޫނުތައް 2، މާލެ: މުޞައްނިފް

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.(2002). ޢަބްދުﷲ ފަހުމީދީދީގެ ޅެންތައް، ދިވެހިޅެންވެރިކަމުގެ ބަގީޗާގެ

ޝާޢިރުލްޢުމޫމީ ޢަބްދުﷲ ފަހުމީދީ، މާލެ: މުޞައްނިފް

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (2002). ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ޝާޢިރުލްއުމޫމީ ޢަބްދުﷲ ފަހުމީ

ދީދީ،  މުޙަންމަދު އަމީން،  ޢަބްދުﷲ ފަހުމީ ދީދީގެ ޅެންތައް (ޞ. 09-). މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ

ޤައުމީ މަރުކަޒު.

ޙުސައިން ޞަލާޙުއްދީން.(1937) އައްސީރަތުއްނަބަވިއްޔާ (2) މާލެ: ނޮވެލްޓީ ޕްރެސް

ޙުސައިން ޞަލާޙުއްދީން. (2015). ރާއްޖޭގެ ނިޒާމީ ތަޢުލީމުގެ ފުރަތަމަ ހަތާވިސް އަހަރު، މާލެ: ނޮވެލްޓީ ޕްރިންޓް އެންޑް

ޕަބްލިޝަރޒް ޕްރައިވެޓް ލިމިޓެޑް.

———————                           30 މާރިޗު 2018