ޒަމާނުންކުރެ ޒަމާނެއްގައި ބޭސްފުށްޓޭ ކިޔުނު ރަށެއް މާ ކަނޑުން ހިއްކަވައިގެންފައި އޮތެވެ. އަންޒަމާނާއި ނާގަބާޑިއާއި މިނިކާރާއްޖެހެން މާކަނޑަށް ހުޅުވި ވީއްލިފައި އޮންނަ ރަށެކެވެ. އެ ރަށްރަށުގެ މީހުންނާއި ބޭސްފުށީގެ އަހުލުންނާ ދެމެދު މާ ބޮޑު ފަރަގެއް ހުންނަ ހެނެއް ބައެއް ފަހަރު ހީއެއް ނުވެއެވެ. އެއީ ބޭސްފުށީ މީހުން ވެސް ފަހަކަށް އައިސް ކަންކަން ގަބޫލުކުރާ ގޮތާއި ފައިސަލާކޮށް ނިންމާ ގޮތުގެ މައްޗަށް ބަލާ އިރުއެވެ.
އެންތުރޮޕޮލޮޖިސްޓުންގެ ވަރަށް ބޮޑު ދިރާސާއެއް ކުރެވުނު އެއް ކަމަކީ މި ރަށަކަށް ބޭސްފުށްޓޭ ކިޔުނު ގޮޮތެއް ހޯދުމެވެ. އެކަމުގައި މުސްކުޅި ލިޔުންތަކާއި މުސްކުޅިންގެ ވާހަކަތަކާއި މި ބޭސްފުށީ މީހުން މޮށެއުޅޭ ބަހުގެ ފުރޮޅުންތަކާއި މި ފަދަ އެތަށް ގޮތަކަށް ބެލުނެވެ.
ބައެއް މީހުން ހީކުރާ ގޮތުގައި އެ ރަށަށް ބޭސްފުށްޓޭ ކިޔުނީ ބޭހެއް ކައިގެން ނޫނީ ނިދިފިޔައެއް ޖަހާލެވޭ ހަމަ އެކަކު ވެސް އެ ރަށުގައި ނެތީތީއެވެ. އެކި ކަހަލަ ކަންބޮޑުވުންތަކާ ހުރެއެވެ. ނާއިންސާފެވެ. އަނިޔާއެވެ. ޚިޔާނާތެވެ. ޓެކުމެވެ. ފޭރުމެވެ. މެރުމެވެ. ހައިހޫނުކަމެވެ.
އަނެއް ބަޔަކު ދެކޭ ގޮތުގައި އެ ރަށަށް ބޭސްފުށްޓޭ ކިޔުނީ ޒަމާނުއްސުރެ އެ ރަށުގައި ބޭސްވެރި ޙަކީމުން ގިނަކަމުންނެވެ. އެ މީހުންގެ ބުއްދީގެ ހަރުދަނާކަމާއި ދިރިއުޅުން ރަނގަޅުކަމާއި ދުރުފެންނަލެއް ސާފުކަމާއި ކޮންމެ ބައްޔަކަށް ވެސް އެ ޙަކީމުންގެ ކިބައިގައި ބޭހާއި ފަރުވާ ހުރުމެވެ.
އަނެއް ބަޔަކު ބުނާ ގޮތް އަދި މާ ތަފާތެވެ. އެމީހުން ބުނަނީ އެ ރަށަށް ބޭސްފުށްޓޭ ކިޔުނީ ތިޔައިން އެއްކަމެއް ވެސް ވެގެނެއްް ނޫނެވެ. އެ ރަށަށް ބޭސްފުށްޓޭ ކިޔުނީ އެ ރަށުގައި ކޮންމެ ގޮތަކަށް ކޮންމެ މީހަކު ކޮންމެ ކަމެއް ކުރިޔަސް ހަމަ [ހަބޭސް] ވާތީއެވެ. އެއީ ފަހަކަށް އައިސް އެ ރަށުގެ އަހުލުންގެ ކަށީގެ މަދުގައި ހަރުލާފައިވާ ކަމެކެވެ. ހަމަ ހަބޭހަށެވެ.
ކޮންމެޔަކަސް މި ފަދަ ތަފާތު ފިކުރުތައް މި ކަމުގައި އޮވެއެވެ. ހުރިހައި ފިކުރެއް އެއްތަން ކޮށްލައި ޚުލާޞާ ކޮށްލައިފި ނަމަ އެއް ލަފުޒުން އެ ވާހަކަ ބުނެވޭނެ ގޮތަކީ [މައްސަލަ] އެވެ. ހުސް މައްސަލައެވެ. އިންސާނުންތެރޭ އޮންނާންވީ އެއްވެސް ހެޔޮ ރީތި ސިފައެއް އެ ބައެއްގެ ތެރޭގައި ނެތް ބައެކެވެ. އަދުލެއް އިންސާފެއް އަގަލެއް ކުލުނެއް ރަޙުމެއް ހަމްދަރުދީއެއް ފިކުރެއް ޚިޔާލެއްގެ ޒައްރެއްގެ މިންވަރު ވެސް ނެތީއެވެ. މި ހިސާބަށް މި ރަށެއްގެ އެންމެން މި ދިޔައީ ކީއްވެގެން ބާވައެވެ؟
ހަކީމު ކަލޭގެފާނު ބުނުއްވާ ގޮތުގައި އެ ކަމުގައި އެތައް ސަބަބެއް ހިމެނެއެވެ. އެތައް ޒަމާނެއް ވަންދެން އެ މީހުންގެ ހާކިމުން އެ މީހުންނަށް ޚިޔާނަތްތެރިވުމެވެ. އެ މީހުންނަށް ދެވުނު ތައުލީމެވެ. ތަރުބިއްޔަތެވެ. އޭގެ ސަބަބުން އަބަދު ވެސް އޮންނަ މަރުނުވާނެކަމުގެ ޔަގީންކަމެވެ. ޙަކީމް ބުނުއްވާ ގޮތުގައި ދުނިޔޭގައި ވެރިކަން ކުރުމުގެ ނިޒާމު ހަރުދަނާވެގެން އައުމުގައި އިސް ބައެއްގެ ގޮތުން ޔޫނާނީން ގުނެއެވެ. އެމީހުން ވެރިކަމުގެ ބާވަތްތަކާއި ރައްޔިތުންގެ ހައްގުތަކާއި އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ދެމި އޮންނާނެ ހަމަތައް ތައާރަފުކުރިއެވެ. އެކަމަކު އެ މީހުންނަށް ނުކުރެވުނު ކަމަކީ އެއްކައުވަންތަކަމުގެ ޙަޤީޤަތުގެ މައްޗަށް ވެރިކަމުގެ އިމާރާތް ބިނާ ކުރުމެވެ. އެހެންކަމުން އެ އުސޫލުތަކުގައި ހަގީގީ ފުރާނައެއް ނެތެވެ.
ހަކީމު ކަލޭގެފާނު ހައިރާންވެލައްވާ އެހެންކަމެއް އޮތެވެ. ޔޫނާނުންނަކީ ލޮލަށް ނުފެންނަ ބާޠިލު އެތައް ކަލާނގެތަކަކަށް އީމާންވި ބައެކެވެ. ވާރޭއަށް ކަލާނގެއެކެވެ. ވިދަައި ގުގުރުމަށް ކަލާނގެއެކެވެ. ލޯތްބަށް ކަލާނގެއެވެ. މިހެން ގޮސް ފައިގެ ކުޑަވާ އިނގިލީގެ ނިޔަފަތި ދިގުކުރަން ވެސް ވަކި ކަލާނގެއެއް ނެތްކަމެއް ނޭނގެއެވެ. މި ހުރިހާ ޚުރާފާތަކާ އެކީގައި ވެސް އެ މީހުންގެ ތެރޭގައި ޢިލްމާއި ފަލްސަފާއޮތެވެ. ފަންނާއި ސަގާފަތު އޮތެވެ. އަމްނާއި އަމާންކަން އޮތެވެ.
ބޭސްފުށީ މީސްތަކުންނަށް ބަލާއިރު އެމީހުން އުފުލަނީ ހައްގު އިލާހަށް އީމާންވާކަމުގެ ދަޢުވާއެވެ. ނަމަވެސް ހަކީމު ކަލޭގެފާނު ބުނުއްވާ ގޮތުން މިހާރު އެކަމަށް ވެސް ޝައްކެވެ. ކީއްވެހެއްޔެވެ؟ މިހާރު އެ މީހުން އުޅެނީ އެކަމުގައި ޔޫނާނުންނަށް ވުރެ ވެސް މާ ކުރީގައެވެ. އެހެނީ ބޭސްފުށީ ރައްޔިތުން މިހާރު އީމާންވަނީ އެމީހުންގެ ތެރޭގައި އުޅޭ ހަމަ އެމީހުންހެން ކައިބޮއި ނިދައި ދޮރުން ދޮރަށް ހިނގައިބިނގައިވެ އުޅޭ ކަލާނގެތަކަކަށެވެ. ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ކުއްތަންވެވެއެވެ. އެއީ އެމީހުންގެ އަރަފާތު ދުވަހަށް ޓަކައެވެ. އެއީ ބުދުޖެހި ކަރުދާސް ވެއްސަވާ މޫސުމެކެވެ. ކިހައި ދަރުމަވެރި ހެއްޔެވެ؟ މި ބައި މީހުން މި އެއްޗެއް ހޯދަނީ ހަމަ އެ ރައްޔިތުންގެ ދިރިދިރި ހުރި ގުނަވަންތަކާއި ލޭ ވިއްކާފައި ކަމެއް މި ރައްޔިތުންނަކު ނުދެނެތެވެ. އެންމެ ބޮޑު އަޖާބަކީ އެކި އަޅުންނަށް އެކި ކަލާނގެއެވެ. އެއް އަޅަކު އީމާންވާ ކަލާނގެ އަނެއް އަޅެއްގެ ވިސްނުމުގައި ކޮށާވަޅިޔަކަށް ވެސް ވެދެއެވެ.
ކޮންމެޔަކަސް މި ފަދަ އެތައް ކަމަކާ ކަންބޮޑުވެގެން ހަކީމު ކަލޭގެފާނު އެއްދުވަހަކު ވަރަށް ފިކުރުވެރިވެ އިންނަވައިފިއެވެ. އަޖަލާއި އުުރުމު ހަނދާން ކުރައްވަމުންނެވެ. ރަށާއި ރަށުގެ އަހުލުންގެ ލޯބީގައެވެ. ދެން ބޭސްފުށީގައި އުޅުއްވަންޏާ އުޅުއްވާހާ ހަކީމަކަށް ދަޢުވަތު ދެއްވައިގެން ހަވީރުގެ ސަޔަކަށް ގެޔަށް ގެންނަވައިފިއެވެ. ރަށު އެންމެންނަށް ކަހަލަ ގޮތަކަށް ޖެހިފައި މިވާ އާފާތުން އެމީހުން ސަލާމަތްކުރެވޭތޯއެވެ. ކުޑަ ކުދީންގެ ރުއިމުގެ އަޑާއި ކިރުމައިންގެ ކޯތާފަތްމަތީގައިވާ ކަރުނަޔާއި ބަފައިންގެ ނިތުގައި ހުރި ރޫތަކަށް ލުޔެއް ލިބޭނެ ދުވަހެއް ހޯދައިދެވޭތޯއެވެ. ފޮޅުލައި ފޮޅުކަނޑައިގެން ދާ ބީދައިން ބޭރުފުށަށް ބަލީގެ އަލާމާތްތަކެއް ފެންނާން ނެތަސް، މި ކަންކަމާ ގުޅިގެން އިންތިހާޔަށް އެތެރެ ހަޑިވެ، ރަޙުމު ކުލުނުގެ އަސަރު މުޅީންހެން ކެނޑި ދަހިވެތިކަމާއި މަކަރުވެރިކަމާއި ހީލަތްތެރިކަން މި ބައިމީހުންގެ ނަފުސުތަކުގައި ދަނީ ގަދަބިންފާޅަ ހެދޭހެން ހެދި ދާމޫތައް ފެތުރި ހަކި ހިއްޕަމުންނެވެ. ހުރިހައި އަވަށެއްގެ ރައްޔިތުންހެން ވަނީ ވީ ނުވީއެއް ނޭނގި މި ނޭއްގާނީކަމުގައި އަވަދިވެފައެވެ.
ހަކީމު ކަލޭގެފާނު ބުނުއްވި ގަޑިޔަށް ހުރިހައި ހަކީމުން ވެސް އެ ގެޔަށް ޒިޔާރަތްކުރައްވައިފިއެވެ. އެހެން ނަމަވެސް ފެނުނީ ވަރަށް އާދަޔާ ޚިލާފު މަންޒަރެކެވެ. އެންމެންހެން ތިބީ ވަރަށް ގަދަޔަށް ހުން އައިސްފައެވެ. ތުރުތުރު އަޅައަޅައެވެ. ގައިގައި ރަޖާގަނޑެއްލައިގެން މުޅީންހެން ފޮރުވިގެންނެވެ. އަޑެއް ނުނިކުމެއެވެ. ދެލޯ ހުރީ ބޮޑުވެ ބޭރަށް ނިކުމެފައެވެ.
ހަކީމު ކަލޭގެފާނު ވަރަށް ޙިކުމަތްތެރިކަމާއެކު މި ހުރިހައި ޙަކީމުންނާ ވާހަކަ ދެއްކެވޭތޯ ބައްލަވައިފިއެވެ. އެ މީހުންގެ ޙާލާމެދު ވެސް އަންތަރީސްވެލައްވަމުންނެވެ. އެ މީހުންގެ ޖަވާބު ލިބެއެވެ. ނަމަވެސް ކާޅު ގެންގޮސްފައިވާ އަޑަކުންނެވެ. ބިންތެޅިއެއްހެން ގުޑުުގުޑުއަޅަމުންނެވެ. އެމީހުން ބުނެއެވެ. އޭ މާތްވެގެންވާ ކަލޭގެފާނޫއެވެ. ތިބާއީ މި ރަށުގެ އަޝްރާފުންކުރެ އެކަކީމުއެވެ. މި ރަށުގެ ރައްޔިތުންނަށް ޖެހިފައި އެ ވާ ބަލީގެ ނުރައްކާތެރިކަން ކަލޭގެފާނު ވެސް ހަމަ ރަނގަޅަށް ދެނެލައްވާނޫއެވެ. އެ މީހުންވަނީ އެމީހުންގެ ހެއްލުންތެރި ކަލާނގެތަކަށް ޖާނާ މާލު ހިބަކޮށްފައެވެ. ބުއްދިއާއި ޟަމީރު ވެސް ވިއްކާލައިފައެވެ. އެމީހުން ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް ވަރިހަމައެވެ. ލޯދެއްވީމާ އެ ލޮލުން ރަނގަޅު އެއްޗެއް ނުބަލައެވެ. ކަންފަތް ދެއްވީމާ އެ ކަންފަތުން ރަނގަޅު އެއްޗެއް ނާހައެވެ. ދޫ ދެއްވީމާ އެ ދުލުން ހެޔޮ އެއްޗެއް ނުކިޔައި ތެދެއް ނުބުނެ އެތިބަ އުޅޭ ޒާތެއް ކަލޭގެފާނަކަށް ފެނިއެއް ނުލައްވާތޯއެވެ؟ އެމީހުންގެ ބުއްދީގެ ލަގަން އެ މީހުންގެ އަތަކު ނެތެއް ނޫންތޯއެވެ؟ މިހެން ތިބި ބަޔަކަށް މަގުދައްކާން އަޅުގަނޑުމެން އެއްޗެއް ބުނެ ވާހަކައެއް ދައްކާން ނުކުމެ އުޅެން ފަށައިފިއްޔާ އަޅުގަނޑުމެންގެ ޙާލަކީ ކޮބައިތޯއެވެ؟ އެ ކަހަލަ ކަމެއް އަޅުގަނޑުމެން ފަށައިފިއްޔާ އެ ކަންވެސް އެ މީހުންނަށް ވުރެ މާ ކުރިން އެ މީހުންގެ ކަލާނގެތަކަށް އެނގޭނެއެވެ. މާކުރީގެ ފޮތެއްގައި އޮންނަ ކަމަށް ވެއެވެ. ފަހުޒަމާނުގައި ދުނިޔޭގެ ކޮންމެ ވެސް ހިސާބަކަށް މާ ބޮޑު ރާޅެއް އަރާނެއެވެ. އެއީ ބިންގަނޑު ގުޑައިގެން ގޮސް ކަނޑައިގެން ދިޔައިމާ ވާ ކަމެކެވެ. އެ ޒަމާނަކު ދުނިޔޭގައި ތިބޭ ބަޔަކު އެޔަށް ކިޔާނީ ސުނާމީ ޔޯލައެވެ. މި ސުނާމީގައި މޮޅުމޮޅު އެތައް އިލްވެރީންނެއް (ސައިންވެރިންނެއް) މަރުވާނެއެވެ. އެއީ އެ ރާޅު އަރާކަން ނޭނގިއެވެ. އެކަމަކު އެ ބިންހެލުމުގެ އަަސަރު މާ ކުރިން އިޙްސާސްވެގެން ކުއްތާތައް މާ ދުރާލައި އުސް ފަރުބަދަތަކުގެ މަތިން ރައްކާތެރިކަން ހޯދާނެއެވެ.
ކަންވާނެ ގޮތަކީ އަޅުގަނޑުމެންގެ ވާހަކަތަކުން މި ރަށު ހަމަ އެންމެ ފަރުދަކަށް ވެސް ތެދު މަގެއް ފެނި ހެޔޮ އެއްޗެއް ކިޔައިފާނެތީ، އެކަމުގެ ބިރަށް ޓަކައި މި މީހުން ލައްވައި އަޅުގަނޑުމެންގެ އަބުރުކަތިލައި ގަބުރު ވަޅުލާނީއެވެ. އޭރުން އެ ކުރެވުނީ ކީއްތޯއެވެ؟ ރަށު ރައްޔިތުންގެ ޙާލާމެދު ހަމްދަރުދީވެގެން ނިކުތް މީހާ އެ ރައްޔިތުން ލައްވައި ރަޖަމު ކޮށްލީއެވެ. މި ބައްދަލުވުމަށް މި ގެއަށް އަންނާން ކަލޭގެފާނު ދަޢުވަތު ދެއްވީމާ މި ގެއަށް އައި އިރު މި ވަރަށް ހުން އައިސް ތުރުތުރު މި އަޅަނީ މި ބިރަށް ޓަކައެވެ.
ހަކީމު ކަލޭގެފާނު ފުން ނޭވާއެއް ދޫކޮށްލެއްވިއެވެ. އެކަމަކު މިއީ ކޮންމެ ވެސް ޒަމާނެއްގައި ހާދަހާ ވާ މާތް އިންސާނުންތަކެއް ދިރިއުޅުނު ތަނެކެވެ. ޙުރުމަތްތެރި ބިމެކެވެ. ކުދީންނޭވޭ އުންމީދު ކަނޑާ ނުލާށެވެ. ޖާހިލުކަމުގެ ފަރުވާ އޮތީ އިލްމުގައެވެ. ރަށު ރައްޔިތުން ހޭލުންތެރި ކުރުވޭތޯ ބަލާށެވެ. ކަންކަން އަމިއްލަ ސިކުނޑިން ކިރައި ވަޒަންކުރާ ބަޔަކަށްވޭތޯ ގަދަ އަޅައި މަސައްކަތް ކުރާށެވެ. ރަށު ރައްޔިތުންގެ މައުސޫމުކަމުގެ ނާޖާއިޒު ފައިދާ ނަގާ މަދު ބަޔަކު ދެކެ ގަންނާކުރައްވާ ބިރަށް ޓަކައި ރަށުގެ ހަރުދަނާ އިސް ސަފުތައް ބިރުން ހުން އައިމާ ސަލާމަތަކީ ކޮބައިހެއްޔެވެ؟ ފުރޭތަ ދެކެ ބިރުނުގަންނާށެވެ. އެއީކީ ބައްތި ދިއްލީމާ ފެންނަން ހުންނަ އެއްޗެއް ނޫނެވެ. ބައްތީގެ އަލި ގަދަކޮށްލެވުނު ވަރަކަށް ފުރޭތައަށް ގަންނަ ބިރު ކުޑަވެ އިސާހިތަކު އަމާންކަމުން ހިތަށް ފަސޭހަކަން ލިބިދާހުއްޓެވެ. ހަމަ އެންމެނަށެވެ.
06.09.2020