ދިރިއުޅުން ކާމިޔާބުކަމަށް ބުނުމަކީ ބައެއް މީހުންނަށް އެހައި ފަސޭހަކަމެއް ނޫނެވެ. އަދި އެޔަށް ވުރެ އުނދަގޫ ކަމަކީ ދިރިއުޅުމެއް ކާމިޔާބުވުމުގެ މައިގަނޑު ސަބަބު ފަޚްރުވެރިކަމާއެކު ބުނެދިނުމެވެ. ކުޑަ އިރު ކުރަން މަޖުބޫރުވި އުމުރާ ނުގުޅޭ ބުރަ މަސައްކަތުގެ އިޙްސާސާއި ޒުވާން އުމުރުގެ އަޑިގުޑަންތަކާއި ކާވަނީގެ ޙަޔާތުގެ ތަޖުރިބާއާއި މިއަދުގެ އުފާވެރި ދިރިއުޅުމާއި މި ފަދަ އެތައް ސަފުޙާތަކެއް މުޙަންމަދު މަނިކު އޭނާގެ ޙަޔާތުގެ ފޮތުން އުކާލަދެއްވި އިރު އެންމެ ފަހު ޞަފުޙާގައި ވެސް އަދި އެންމެ ފުރަތަމަ ޞަފުޙާގައި ވެސް ބޮޑު އަކުރުން ފަވާލެވިފައި އޮތީ ލޯބިވާ މަންމައެވެ.
މުޙަންމަދު މަނިކު ދުނިޔޭގެ އަލިކަން ދެކެލެއްވީ 18 މެއި 1962ގައެވެ. ބައްޕައަކީ ބ. ކުޑަރިކިލު ޢަލީ މުޙަންމަދު މަނިކެވެ. މަންމައަކީ ބ. ތުޅާދޫ މަޖީދާ ޙުސައިނެވެ.
މި ލިޔުމުން ތިބާއަށް ދަސްވާނެ މައިގަނޑު ދެ ކަމަކީ މުޙަންމަދު މަނިކުގެ ދިރިއުޅުގެ އާދަޔާ ޚިލާފު ކާމިޔާބީއާއި އޭގެ މައިގަނޑު ސަބަބެވެ.
މުޙަންމަދު މަނިކު ކިޔައިދެއްވާ ގޮތުގައި އޭނާގެ ބައްޕައަކީ ސުމުއްވުލްއަމީރު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ކިޔަވައިދެއްވާން ރަށްފުށުން މާލެއަށް ކުދިން ގެންނެވި އިރު ބ. ކުޑަރިކިލުން ގެންނެވި ކުއްޖެކެވެ. މަޖީދިއްޔާގެ ފުރަތަމަ ބެޗުގެ ދަރިވަރެކެވެ. ކިޔެވުން ވަކި ހިސާބަކަށް ދިޔަތަނާ މުޙަންމަދު އަމީނުގެ ވެރިކަމުގެ ކިއްލާގައި ބަދުނަސީބުގެ މުގުރުން މަރުއެތިފަހަރެއް އަޅައިފި ދޮގެއްތޯއެވެ؟ 1953ގައި އެ ވެރިކަމަށް ނިމުމެއް އަތުވެއްޖެއެވެ. އޭގެ ނަތީޖާއަކަށްވީ އެހެން ތިބި ކުދީންނަށް މާލޭގައި ތިބެން ދަތިވުމެވެ. ދެން އޭނާ ދުރުވީ ބ. ތުޅާދުއަށެވެ. މުދައްރިސެއްގެ ގޮތުގައި އެ ރަށުގައި ހުންނެވިއެވެ. އަދި ދިރިއުޅުމެއް ފެށްޓެވިއެވެ. މުދިމުކަމާއި ބައެއް ރަށްރަށުގެ ނައިބުކަމާއި ކަތީބުކަން ވެސް ކުރެއްވިއެވެ. ދިވެހި ބޭސްވެރިކަން ވެސް ދެނެލައްވައެވެ. މީހުން ވިއްސުމާއި ތޫނު ބޭސް ޖެހުމުގެ ހުއްދަ ވެސް އޮވެއެވެ. ބ. އަތޮޅުން އެންމެ ފުރަތަމަ އާންމު ޚިދުމަތުގެ އިނާމު ލިބިލައްވާފައިވަނީ ވެސް މުޙަންމަދު މަނިކުގެ ބައްޕަޔަށެވެ.
މުޙަންމަދު މަނިކު ކިޔައިދެއްވި ގޮތުގައި ބައްޕަގެ ސިޔާސީ ޙަޔާތާއި އިޖުތިމާޢީ ޚިދުމަތުގެ ސަބަބުން އާއިލާ އުޅެމުން އައީ ވަރަށް ހަމަޖެހިގެންނެވެ. އުފަލުގައެވެ. ޚާއްޞަކޮށް ބައްޕަގެ ހަރުދަނާކަމާއި ތަޢުލީމީ ބޭފުޅަކަށް ވާތީ އެ ޒަމާނުގައި އެންމެންހެން ދޭ ޤަދަރާއި އިއްޒަތް ވަރަށް ބޮޑެވެ. މިހެން ތިއްބާ ރައީސް ނާޞިރުގެ ދައުރުގައި ކުއްލިޔަކަށް ބައްޕަ ވަރަށް ބޮޑަށް ކުށްވެރިވެއްޖެއެވެ. އެއީ ނެގުނު ކޮންމެ ވެސް ވޯޓެއްގެ މައްސަލައިގައެވެ. އެ ފަދަ ވޯޓެއްގައި ކަތީބެއްގެ [ގައުމީ ވާޖިބު] އަދާނުކުރެވުނީކަމަށްވެދާނެއެވެ. ކޮންމެޔަކަސް ބ. އަތޮޅު ކުޑަރިކިލުގައި އޭރު ދިރިއުޅެމުން އައި މި އާއިލާގެ އެންމެ އިސް އެއް މެންބަރު ފޮނުވާލެވުނީ (އަރުވާލެވުނީ) ލ. އަތޮޅު މާވަށަށެވެ. ދަތުރު ފަތުރު ދަތި މުވާޞަލާތި ޚިދުމަތް ނެތް އެ ފަދަ ޒަމާނެއްގައި ދެން ޖެހޭނެ ޙާލު ހިތްޕުޅަށް ގެންނަވާށެވެ.
މުޙަންމަދު މަނިކަށް ޖެހުނީ މާކަނޑަށް މަސްވެރިކަމަށް ނިކުންނާށެވެ. ބޮޑެތި މަސްކެޔޮޅުންނާއެކު އޮޑިޔަށް އަރާށެވެ. އުމުރު ކިހާވަރެއްތޯ ނާހަމާ ހިންގަވާށެވެ. ފުރަތަމަ މަހަށް ދިޔަ ދުވަހު ލިބުނު ގޮދާ ގެޔަށް ގެނައި ކޮނޑަށްލައިގެން ބައެއް ފަހަރަށް ކުރިމައްޗަށް ގެނެސް ބަގުޑި ބައްދައިގެން އެތައް ތަނެއްގައި ކޮށްޅަށް ބަހައްޓައި ވިއްދައިގެން ތޫލުލައިގެންނެވެ. އެ ހިސާބަކުން އަދި ނުނިމެއެވެ. އޭގައި ލައިގެންކާނެ އެއްޗެއް މަންމަޔަށް ތައްޔާރުކޮށްލަދެވޭނީ އެ ކަނޑާލީމާތާއެވެ. ވަޅީގައި އަތްލާން ހުއްދަ ނޯންނަ އުމުރުގައި މާ ސިންގާ ގޮދައެއް ކެނޑުމުގެ ހުނަރު އެ ފަދަ ކުއްޖެއްގައި ހުންނާނީ ކޮން މިންވަރަކަށްތޯއެވެ. މުޙަންމަދު މަނިކު ބުނާ ގޮތުގައި މަސްކަނޑަން އިށީނދެއްޖައިމެވެ. ވަޅި ޖައްސައިފައި ހިންގާލަންވީ ގޮތެއް ނޭނގި ގޮދައިގެ ބަރުކަމާއި ތިމާގެ ކުޑަކަމާއި ނިކަމެތިކަމުގެ ބޮޑުކަން އިޙްސާސްވެ ހަމަ ހޯސްލައިފައި ދެލޮލުން ކަރުނަ އޮހިގެންފިއެވެ. ލައްޓިއެއް ކަނޑާން ވެސް އަދި ނޭނގެއެވެ. އެ ވަގުތު ބުރަކަށީގައި ލުއިލުއި ފިރުމެއް ހިންގާލީތީ ބަލައިލެވުނު އިރު ޖެހިގެން މި ހުރީ މަންމައެވެ. [ދަރިފުޅާ! ހިތްވަރުކުރަންވާނެ! މިއަދަކު މިނޫން ގޮތެއް ނެތެއްނު] ބުނި އިބާރާތަކީ މިއީއެވެ. ނަމަވެސް މި ވާހަކަ ބަޔާން ކުރުމުގައި މަންމަގެ ނަމާއެކު މުޙަންމަދު މަނިކުގެ އަޑަށް ބަލިކަށިކަމެއް ހުއްޓުމެއް އައިކަން ފާހަގަކުރެވުނެވެ. ދެލޯ ފެންކަޅިވެއްޖެއެވެ. އިރުކޮޅަކުން ހިތްވަރު ހޯއްދަވައިގެން ދިރިއުޅުމުގެ މުޅި ޝިޢާރަކީ މަންމަގެ މި ބަސްކަމަށް އޭނާ ބުނުއްވިއެވެ.
ކޮންމެޔަކަސް މުޙަންމަދު މަނިކުގެ ވަރަށް ޒުވާން އިރު އޭނާ ކިޔަވަން މާލެ ފޮނުއްވިއެވެ. ހުންނެވި ގޭގައި ކުރަން ޖެހުނު ޚިދުމަތާއި ޙާލަތު ނިޔާކުރި ގޮތުން ތަޢުލީމު އުނގެނެން ފުރުޞަތު ލިބުނީ އޭރު އާމުލީގޭގައި ހިންގަމުން ގެންދިޔަ މަދަރުސަތުލް ހަނިއްޔާއިންނާއި އަދި މާޔާ މުޙަންމަދު ޔޫސުފު ހިންގެވި ވުޑްވިލާ ޓިއުޝަން ކިލާހުންނެވެ. މީގެ އިތުރަށް މާލޭގައި ހުންނެވި ގެޔަކީ މަތީފެންވަރުގެ ގެޔަކަށްވީތީ ބަސްމޮށުންތެރިކަމާއި ރިވެތި ތަރުބިއްޔަތު ލިބިލެއްވިކަން މުޙަންމަދު މަނިކު ފާހަގަ ކުރެއްވިއެވެ.
ލޯބިވާ މަންމަގެ ނަސޭހަތުގެ ނަތީޖާއެވެ. ބުރަ މަސައްކަތްކުރުމާއި ހިތްވަރު ކުރުމަކީ މުޙަންމަދު މަނިކުގެ ރޫޙާ ގުޅިފައިވާ ކަމަކަށްވެއްޖެއެވެ. އެހެންކަމުން ކިޔަވަން ދަމުން ގޭގެޔަށް ތަށިބަރި އުފުލައިދެމުން ވަޒީފާއެއް އަދާކުރަން ފެށިއެވެ. އެއީ ގަމީހު ގޮށްވަޅު ހެދުމެވެ. މަޝްހޫރު ޤާނޫނީ ވަކީލު އަދި އަދީބު އަލްއުސްތާޛު ކެލާ ޢަލި މަނިކުގެ އަރިހުންނެވެ. ދުވާލަކަށް 200 ނުވަތަ 300 އެއް ހައި ގަމީހުގެ ގޮށްވަޅު ހަދައެވެ. ދުވަސްކޮޅަކުން ގަމީސް ފަހަން ދަސްކޮށްފިއެވެ. ދެން ބައެއް ވަޒީރުންގެ ގަމީސްކޮޅު ވެސް މުޙަންމަދު މަނިކު ފެއްސެވިއެވެ. އޭގެ ތެރޭގައި އޮނަރަބްލް އިލްޔާސް އިބްރާހީމްގެ ނަންފުޅު ފާހަގަ ކުރެއްވިއެވެ.
މުޙަންމަދު މަނިކުގެ ކުޅިވަރުގެ ޙަޔާތަކީ ވެސް ފަޚްރުވެރި ކާމިޔާބު ޙަޔާތެކެވެ. ވިކްޓްރީ ސްޕޯޓްސް ކްލަބްގެ އެތުލެޓިކްސް ޓީމުގެ ކެޕްޓަންކަން 2 އަހަރު ކުރެއްވިއެވެ. ރާއްޖޭގައި ދުވާ އެންމެ ދިގު ދުވުމުގައި 26 މެއިލު 327 ޔާޑު ކަޑައްތު ކުރައްވައި އެ ދުވުމުން 1 ވަނަ އަދި 2 ވަނަ ހާސިލުކުރައްވާފައިވެއެވެ. އެއީ 3 ގަޑި އިރާއި 26 މިނިޓުގެ ދުވުމެވެ. މުޙަންމަދު މަނިކު ބުނުއްވާ ގޮތުގައި އެ ވެސް ހިތްވަރު ނެރެންޖެހޭ ކަމަކަށް ވާތީ ހަމަ ކުރާހިތްވީއެވެ.
ރަށުގައި ދިރިއުޅުއްވުމަކީ މުޙަންމަދު މަނިކުގެ ވަރަށް ބޮޑު ހުވަފެނެކެވެ. އެހެންކަމުން އުމުރުން 22 އަހަރުގައި މާލެ ދޫކުރައްވައި ރިޒޯޓު ވަޒީފާއަށް ބަދަލުވެލެއްވިއެވެ. ފުރަތަމަ ކުރެއްވީ ގަންޖުފަރާހުގައި ތައްގަނޑު ޖެހުމުގެ މަސައްކަތެވެ. ދެން މަޑު މަޑުން ދަސްކުރަމުން ގެންދިޔައީއެވެ. ކުރެހުންތައް އަމިއްލަޔަށް ކުރަހަން ފެށީއެވެ. ދެން ބަސް ދަސްކުރަން ފެށީއެވެ. އިޓަލީބަސް އޭގެ ގަވާއިދާ އެކު ލިޔެކިޔާން ވަރަށް ފަރިތައެވެ. ޖަޕާނު ބަހުން ކޮންމެ ވެސް ވަރަކަށް ލިޔެކިޔާން އެނގުމާއެކު ފަރިތަކޮށް ވާހަކަ ދެއްކެއެވެ. ޖަރުމަނު ބަސްވެސް ކުޑަކޮށް އެނގެއެވެ. މާލޭގައި ފޭރާން ފަހާ ފިހާރައެއްގައި މަސައްކަތް ކުރެއްވި އިރު ވެސް އަދި ވަރަށް ކުޑަ އިރު ބައްޕައާއެކު އޭދަ ފުށީގައި އުޅުއްވި އިރު ވެސް އިނގިރޭސި ބަސް އުނގެނެވިފައިވާތީ އެ ވެސް ބީރައްޓެހި ބަހެއް ނޫނެވެ. މީގެ މިހާރު މުޙަންމަދު މަނިކު ވަނީ ދިވެހި ބަހުން ވާހަކަ ދެއްކުމުގެ މަތީފެންވަރުގެ ކޯހެއް ވެސް ފުރިހަމަކުރައްވައިފައެވެ. ދިވެހި ބަހުން ޅެން ހެދުމުގެ މަތީފެންވަރުގެ 2 ކޯހެއް މި ފުރަބަންދުތެރޭގައި ފުރިހަމަ ކުރައްވައިފިއެވެ. މިހާރު ހައްދަވަނީ އިމާމު ކޯހެވެ.
ކޮންމެޔަކަސް މުޙަންމަދު މަނިކު ބުނުއްވާ ގޮތުގައި ރިސޯޓަކީ ވެސް ކޮލެޖެކެވެ. ކިޔަވަން ބޭނުން މީހަކަށް ކިޔެވޭނެއެވެ. ތިމަންގެ އެއް ކޮލެޖަކީ ރިޒޯޓެވެ. ނިކަހޮޓެލް، އަލިމަތާ، ދިއްގިރި، ބަނޑޮސް މި ހެން ގޮސް އެތައް ރިޒޯޓެއްގައި ޚިދުމަތްކުރެވުނެވެ. ތިމަންގެ މުދައްރިސަކީ ފޮތެވެ. ފޮތެއް ނިކުމެއް ޖެއްޔާ ތިމަންގެ ފޮތް އަލަމާރިޔަށް އެ ލެވޭތޯ ބަލަމެވެ. ވަރަށް ފޮތް ކިޔަމެވެ.
މުޙަންމަދު މަނިކުގެ ރަށު ދިރިއުޅުމުގެ ހުވަފެން އޭނާ ސީދާ ކުރައްވައިފިއެވެ. ކާވަނި ކުރެއްވީ ރަށުންނެވެ. އެ ކާވަނީގެ ބިންގާ ހަރުދަނާއެވެ. އިމާރާތް ވަރުގަދައެވެ. ތިން ކުދިން ލިބިލެއްވިއެވެ. ކޮންމެ ދެކުއްޖެގެ ދެމެދުގައި 7 އަހަރުގެ ފަރަގާއެކީގައެވެ. ޤުދުރަތުގެ އިންތިޒާމެކެވެ. މިހާރު އެންމެ ހަގު ދަރިފުޅު އުޅެނީ ގުރޭޑު 10 ގައެވެ. އަނެއް ދެ ކުދިން މަތީ ތަޢުލީމު ހާސިލުކޮށްގެން ރެޒޯޓު ދާއިރާގައެވެ. މުޅި އާއިލާގެ ގެޔަކީ އެއް ގެޔެކެވެ. އުފަންދަރީންނާއި ޅީ ދަރީންނާއި އަދި ވަރަށް ފަހުން ލިބި ލެއްވި ކާފަދަރިފުޅު ވެސް ހިމެނޭ ގޮތުންނެވެ.
މުޙަންމަދު މަނިކު އުފާކުރައްވަނީ ބުރަ މަސައްކަތުގެ ހިތްދަތި ވަގުތުގައި މަންމަ ދެއްވި ނަސޭހަތަށް ޓަކައެވެ. އެއީ އޭނާގެ ދިރިއުޅުމުގެ ކާމިޔާބީގެ ފުރާނައެވެ. އަބަދު ވެސް ބަރޯސާވަނީ އަމިއްލަ މަސައްކަތަށެވެ. އަމިއްލަ އާއިލާއަށެވެ. ޝައުޤުވެރިވަނީ އަމިއްލަގެޔެއްގައި އަނބިދަރީންނާއެކު ވަގުތު ހޭދަކުރުމަށެވެ. އެކަމަށް ޓަކައި ދުރާލައި އޭނާ އައީ ދަތުރަށް ތައްޔާރު ކުރައްވަމުންނެވެ. ރައީސް މައުމޫނުގެ ދައުރުގައި ތުޅާދޫގައި ހިންގެވި ލިޔެލާޖެހުމުގެ ޕްރޮގްރާމެއް ފުރިހަމަކުރެއްވިއެވެ. ބޮޑު މުސާރާގައި ރިޒޯޓުގައި ހުންނަވައިފައި ވަޒީފާއިން ކެނޑިގެންނެވެ. މިހާރު އަމިއްލަ ގޭގައި ލިޔާހަރެއް ބަހައްޓާލައްވައިގެން އިންނަވާ އިރު މީހުން ހީކޮށް އުޅެނީ އެއީ ލިޔެލާޖަހާ މެޝިނެއް ކަމަށެވެ. އެކަމަކު ހަގީގަތުގައި އެއީ ޑޮލަރު ޖަހާ މެޝިނެކެވެ. [އަޅުގަނޑު ހިތަށް އަރާ މިހާ ދުވަހު ރިޒޯޓުގައި މި އުޅެވުނީ ކީއްވެ ބާވައޭ] ލިޔެލާ ޖެހުމުން ލިބޭ އާމްދަނީއަށް އިޝާރާތް ކުރައްވައި މުޙަންމަދު މަނިކު ބުނުއްވިއެވެ. ލޯބި ލޯބި ކާފަ ދަރިފުޅު ނިދާފައި އޮތް ތަންމަތި ފެންނަ ފަށުގައި އިނދެގެންނެވެ.
—————————–
05.09.2020