ނޯޓު:  މިއީ ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު އުރުދޫބަހުން ތަރުޖަމާ ކުރައްވައިފައިވާ ލަވައެއްގެ ހިޔަނީގައި އުފަންވި ލަފުޒުކޮޅެކެވެ.

ސީނުކަރަ ވެސް އަހަރެމެންނަށް، ހިންދުކަރަ ވެސް އަހަރެމެންނަށް

ބޯހިޔާވެލެވޭނެ އެކަމަކު ޖިފުޓިއެއް ނެތް އަހަރެމެންނަށް

އަރަބިކަރަޔާ އިއްތިހާދާ މުޅި ދުނިޔެ ވެސް އަހަރެމެންނަށް

ތިބި ހޮރުން ފައްސާލެވިއްޖޭ!  މަގުތަކަށް ގިނަކޮށްލެވިއްޖޭ!

ޖީބުތައް ހުސްކޮށް ހުރީމާ،  މީހުނަށް ނުވެ ބަނޑުޖެހިއްޖޭ!

ދޭ ޙިމާޔަތް އަދު ކޮބައިހޭ؟  އޭ ސިފައިން ފުލުހުން ކޮބައިހޭ؟

އޭ  ވެރީން، ފުލުހުން، ސިފައިން ޒިންމާ ވަނީ  ވެސް އަހަރެމެންނަށް

އުސް ބިނާ ބިލްޑިންތަކާއެކު  ހުސް ބިމާ ގެދޮރާ ވަޅާއެކު

މުއްސަނދީން އަތުލައިފި ނޫންހޭ ވެރިރަށާ މުޅި ރާއްޖެޔާއެކު

ނިކަމެތީންގެ ހިޔާ ކޮބައިހޭ؟  އެކިމަގާ  ގޯޅިން ފެނޭހޭ؟

ކުރަނގިހެން އެކި މޫސުމަށް އެކި ދިހަ  އޮތީ ވެސް އަހަރެމެންނަށް

ހުއްޓިފައި މި ވަނީ އުނގެނުމޭ  ގުއްޓަކީ އެޅި، ލާރި ނެތުމޭ

ހިތްތަކެއް ވޭހޭ މި ކަންކަން ދަންނަ،  ގާތީ ހަމަ ނުދަތުމޭ

މި ފަދަ ކެކުޅުން ބުނެދެވޭހޭ؟ ޒަޚްމުނެތް ހިތަކަށް  އެނގޭހޭ؟

ޒަޚްމުތައް ވެސް ކަރުނަތައް ވެސް ބާރުތައް  ވެސް އަހަރެމެންނަށް

މަންމަ އެ ރޮނީ ސިއްރުސިރުން،  މާމަ އެ ރޮނީ އޭގެ އަސަރުން.

ބައްޕަޔަށް ކުއްޔެއް ނުދެއްކޭ   ކާފަ ހިނގަނީ    ބޭރުބޭރުން.

ހައިބަނޑާ ތިބުމީ އުފާހޭ؟  ޙާލަކީ ކުލުނާ ވަފާހޭ؟

ހާހަލާ  ގިރިޔާ    ފަޅާ   ފަޅުރަށްތަކާ  ވެސް   އަހަރެމެންނަށް

އަލަފަތެއް ވެސް ބޯހިޔާވާން ނުލިބި  އާމުން ތިރިވެ  ވަންނާން

މަލަމަތީން ބޮޑެތީންގެ ކިއްލާތައް  އުޑަށް ފޯރައިފި އަތްލާން

މީ ތަރައްޤީ އޭ ކިޔޭހޭ؟  މީ އަދުލުކަމުގައި ފެނޭހޭ؟

މާލެ ވެސް ހުޅުމާލެ ވެސް ގުޅިފަޅުއެކީ ވެސް އަހަރެމެންނަށް

އަހަރެމެންނީ ތިބި ބައެއްކަން ވެސް އެކަކު ވެސް ނުދަނެދާނޭ

ހަށިގަނޑުން އެކަމަކު ހިނގާލޭ  އޮލަ، މިޔަކު ޝައްކެއް ނުވާނޭ

ހަކަތަ އޭން އުފެދޭނެ ނޫންހޭ؟   އެކަތަ ޅަޒުވާނީ އެނގޭ ހޭ؟

އަޒުމުތައް ވެސް ޖޯޝުތައް ވެސް ބުއްދިތައް ވެސް އަހަރެމެންނަށް

އަހަރެމެން އެންމެން ވެގެން މި ވަޠަން އަލުން ފަރުމާކުރާނަން

ސިހުމުގައި މުޅި ދުނިޔެ ހައިރާން ވާނެހައި  ފުރިހަމަ  ކުރާނަން

އަދުލު މާތް ހޯދޭނެ ނޫންހޭ؟ ޤަދަރު ދެން އުފުލޭނެ ނޫންހޭ؟

ޢަދުލު ހޯދުން  ޤަދަރުވެރިވުން  ބަދަލުތައް  ވެސް އަހަރެމެންނަށް


31.08.2020