މިއީ މެލޭޝިޔާގައި ހުންނަ ދިވެހި ސަފާރާގެ މޯލްޑިވްސް ސެންޓަރުން އެކުލަވައިލެއްވި [އުސްލޫބު] މި ފޮތުގައި ޝާއިޢުކުރެވިފައިވާ ޅެމެކެވެ. އެ މަޖައްލާގައި ޅެމެއް ހިމަނާން ފުރުޞަތު ލިބުމުން އަޅުގަނޑު އިޚްތިޔާރު ކުރީ މި މައުޟޫޢެވެ. ތާރައެއްގެ ޝަކުވާއެވެ. [އުސްލޫބު]އަކީ ރާއްޖޭގެ 55ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ނެރެވުނު ފޮތެކެވެ. ފޮތް ނެރެވުނީ މެލޭޝިޔާގެ ކުއާލަލަންޕޫރުގައެވެ. 26 ޖުލައި 2020ގައެވެ. ޅެމާ ބެހޭ ތާރީޚީ އިތުރު ތަފުޞީލެއް ޅެން ނިމުމަށް ފަހު އޭގެ ތިރީގައި ބަޔާންކޮށްފައިވާނެއެވެ. މި ފުރުޞަތު ދެއްވީތީ ދިވެހި ރާއްޖޭން މެލޭޝިއާއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ވިސާމު ޢަލީއަށާއި މޯލްޑިވްސް ސެންޓަރުގެ ޑިރެކްޓަރ އަޙްމަދު ފަޞީޙަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުދަންނަވަމެވެ.
————–
ތާރައެއް އަހަރެންނަކީ ތާރައިގެ ތެރެއިން ޝަރަފުވެރި
އާރަކާ ބާރެއް އިހަށް އޮތް، ޙާލު މި ވަގުތު އެކަނިވެރި
ހިތް އެދޭ މި ހިތާމަތައް މިއަދުގެ ދަރީންނަށް ބުނެލަދޭން އިންތިހާއީ ޚިދުމަތާއި ފިދާތަކެއް އޭ ފަޚްރުވެރި
ކިހިނަކުންބާ ތިޔަ ކުދީންނަށް ވިސްނި މޭރުން ވާ ގޮތަށް
އިހުގެ ރިހިރަން ފެހި ހަނދާންތައް ހުށަހަޅާނީ މާނަހުރި
ދިވެހި ކީރިތި ރަސްކަމުގެ މޫރިތި އެ ޝާހީ ގަނޑުވަރަށް،
ރިވެތި ފުނަތައް، މާނަތައް، އިއްވައި ދިނިން ގޮސް ފޯރިހުރި
އަރިހުގައި ލޮބުވެތި ފަރީދުގެ ހޭދަކުރި އެތަކެއް ރެޔެއް،
ކަރުނަޔަށް ފޫދުން ގެނޭ ހަމަ މިހިނދު ވެސް ފުން ލޯބިހުރި
ދެން އަރިހުގައި ނާޞިރީ އިއްވާ ލެވުނު ބުން ޒީލަތައް
ގެންނަމޭ މި ހިތަށް، އެއީ ދުވަހެއް ދަރީންނޭ ހައިބަ ހުރި
އޭގެ ފަހުގައި ފެނިލި މައުމޫނީ ހިމޭން އިސްޓޭޖުތައް
ލޭގެ ހިނގުމާ ކުޅެލުމުން މުޅިތަން ކުދީންނޭ އުތުރި އެރި
އަދި އެނގޭހެ މެލޭޝިޔާ ފަރިވާ، މަހާތީރަށް ޓަކައި
ވެދުމުގައި ހަރުބީ ޖެހިން، ތާރީޚަކީ މީ އަސަރު ހުރި
މީ ވަރަށް ކުޑަ މިންވަރެއް، މީ ހިންމަތެއް ބޮޑު ހިތްވަރެއް
މީ ސަގާފީ ކުޅިވަރަށް ފަސްލެއް ޙަޔާތުން ހޭދަކުރި
ކާކުތޯ ކޮން އިރަކުތޯ އެކަމަކު މަތިން މަދަދެއް ދިނީ؟
އާކުރަން އާލާކުރަން ދިރުވަން ޙަޔާތު މި ޖޯޝު ހުރި
ދަޢުވަތެއް ދެއްވައިފި ނަމަ އެހެނަސް އެ ދުވަހަށް މާލެއަށް
ދައުލަތަށް ކިޔަމަންވެ ހާޒިރުވިން އެއީ ގޮތް އަދަބުވެރި
މާ ބަގީޗާތައް ނިކަން ފަޅުވާނެ ފިނިފެންމާ ނެތަމަ
ތާރަ ވެސް މި ދިވެހި ސަގާފީ ކުޅިވަރަށް ހަމަ އެ ފަދަ ހުރި
އެންމެހާ އުޚުތުން އަޚުން ހުސް ވެއްޖެ މަރުވެ ފަނާވެ ގޮސް،
ދެން އެހެން ނިމިދާންހެވީ ވާރިސަކު ވެސް ނެތި ބަދަލުވެރި؟
—————————
10.07.2020
ނޯޓު:
ފޮޓޯއިން އެ ފެންނަ ތާރައަކީ ތޮއްޑޫ ބްރައިޓް ކުލަބުގެ ތާރައިގެ މުރީދެއްކަމުގައިވާ އަލްމަރްޙޫމު މޫސާ ޢަލީ ޖެއްސެވި ތާރައެވެ. އޭނާއަށް ފަހު މި ތާރަ ޖެއްސެވި އަނެއް ބޭފުޅަކީ ކުޅަދާނަ ފަންނާނެއްކަމުގައިވާ އަލްމަރުޙޫމް އާދަމް އިބްރާހީމެވެ. މި ތާރަ އައްސުލްޠާނު މުޙަންމަދު ފަރީދުލް އައްވަލްގެއަރިހުގައި ރަސްމީ ގަނޑުވަރުގައި ޖެހުނެވެ. ރައީސް ނާޞިރާއި އެމަނިކުފާނުގެ ކެބިނެޓުގެ ހާޒިރުގައި ޖެހުނެވެ. ރައީސް މައުމޫނާއި އެމަނިކުފާނުގެ ކެބިނެޓުގެ ހާޒިރުގައި ޖެހުނެވެ. މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސިރީ ޑރ. މަހާތީރު މުޙަންމަދު ފުރަމާނަ ދަތުރުފުޅެއްގައި މާލެ ވަޑައިގަތުމުން އޭނާގެ އަރިހުގައި ޖެހުނެވެ. އެ ނޫން އެތައް އިޙްތިފާލެއްގައި އެތައް އަހަރެއްގައި ރާއްޖޭގެ އެތައް ރަށެއްގައި ބޭނުން ކުރެވުނެވެ. ތާރައަކީ ދިވެހި ސަގާފީ ކުޅިވަރުގެ މުހިންމު އެއް ބަހާއެވެ. ނަމަވެސް މިއަދު ފަންނުވެރިގޮތުގައި ތާރައިގެ ފުނަތައް ޖަހަން، ލަވަތައް ކިޔަން އެނގޭ މީހުން އެބަ ތިބިބާވައެވެ؟ އެ ކަން ދިރުވުމަށް ޓަކައި އުނގަންނާދިނުމަށް ޓަކައި އެއްވެސް ޒަމާނެއްގައި ރަސްމީ މަސައްކަތެއް ކުރެވުނު ބާވައެވެ؟ ޅެމުގައި އެ ވަނީ އެ ގޮތުން އެ މައްސަލައިގައި މި ތާރަ ފާޅު ކުރާ މޮޅިވެރި ޝުޢޫރެވެ.