އޭ މަގޭ އުމުރާ! ތިބާއީ ކާކުހޭ މި ޙަޔާތުގާ
ނޭނގުނޭ އޮތް މާނައެއް މި ގުޅުމުގެ ސީދާ ޒާތުގާ
އެންމެ ގާތް މިތުރާހެ ތިޔައީ އިންތިހާޔަށް ހެޔޮ އެދޭ
އެއް ސިކުންތު ހިލައި ނުދެވެޔޭ ދޭން އެދޭ ޙާލާތުގާ
ދުޝްމަނެއްހެއްޔޭ އަނެއްކާ ހިޔަނިހެން އެކުގައި އުޅޭ
އިސްވެ މަ ގޮވައިގެން ދަނީ ތިޔަހަރަ އަވަސް ހަރަކާތުގާ
އަސްލަކީ ޖާސޫސަކީހޭ ސިއްރު ސިއްރުން ކަންބަލާ،
ފަސްގަނޑާ އަހަރެން ހަވާލުކުރަން އުޅޭ މާ ގާތުގާ
އެންމެ ފުރަތަމަ ބުނެދިނީ ކުޑަ އިރު ބިމުގެ ވެއްޔާކުޅެން
ފެންނަނީ ލޯތްބާ ރަޙުމް އެދުވަހު އޮހޭ ބަރަކާތުގާ
ދެން ދިނީ ޅަފުރާވަރެއް ފަރިވާ މަލެއްފަދައިން ފޮޅެން
އެންމެހާ ލޯތައް އަމާޒުވެލީ ހިލޭ ޖަޒުބާތުގާ
ވިހި ތިރީހަށް ފަހު، ތިބާ ދެން ބަދަލުވީ ތިޔަ ކިހިނަކުން؟
މިހިރަދޭ ހީނަރުކަމެއް…! މުޅި ދުނިޔެ ވީ އާފާތުގާ
———————