ފަތިހުގެ މާމެލާމެއްޔާ އަހަރެން ސުވާލުކުރީމެވެ.

ތިޔަ ހިނިތުންވުމުގެ ސިއްރަކީ ކޮބައިހެއްޔެވެ؟

ފަތިސް އައިސް ތިޔަ ތުންފަތުގައި ބޮސްދޭ ހިނދެވެ.

ވައިރޯޅި އައިސް ތިޔަ ކޯތާފަތުގައި ފިރުމާލާ ވަގުތެވެ.

ނުފޮޅޭ މަލެއް ހިނިތުންވެލައެވެ.

ދެން އެހެން މަލެކެވެ.

ދެން އެތައް މަލެކެވެ.

ހުރިހައި މަލެވެ.

ތިޔަ ހިނިތުންވުމުގެ ސިއްރަކީ ކޮބައިހެއްޔެވެ؟

އެއް މަލަށް ހިނިތުންވުމެއް ލިބުމުން އެ ކަމުގެ އުފަލުގައި އެހެން މާތައް ހިނިތުންވަނީ ހެއްޔެވެ؟

އެހެން ވެއްޖެއްޔާ ތިޔައީ އަޚްވަންތަކަމުގެ ނަމޫނާއެކެވެ.

އެއް މާ ހިނިތުންވީތީ އެ ކަމާ ވާދަޔަށް އެހެން މާތައް ހިނިތުންވަނީ ހެއްޔެވެ؟

އެހެން ވެއްޖެއްޔާ ތިޔައީ ހަސަދަވެރިކަމުގެ ނަމޫނާއެކެވެ.

ނޫނީ ކޮންމެ މަލެއް އޭގެ އަމިއްލަ ޒާތުގައި ހިނިތުންވަނީ ހެއްޔެވެ؟

އެހެން ވެއްޖެއްޔާ ތިޔައީ ހިތްވަރު ގަދަކަމުގެ ނަމޫނާއެކެވެ.

މާތައް ޖަވާބުދިނެވެ.

ތިޔައިން އެއްކަމެއް ވެސް ނޫނެވެ.

އާ ދުވަހަކުން ޙަޔާތެއް ދެއްވީތީ ޚާލިޤުވަންތަ ﷲއަށް ތަސްބީޙަދެންނެވުމަށްޓަކައި ތުންފަތް ހުޅުވައިލަނީއެވެ.

———————————-