މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަޙްމަދު ތައްޔާރުވަމުންދަނީ ވަރަށް މުހިންމު ބައްދަލުވުމަކަށެވެ. ޚާއްޞަ ބޭފުޅަކާ ދިމާވެލާށެވެ. މަދަރުސާއެއްގައި ކިޔަވައި ދިނުމުގެ އިތުރަށް އޭނާ ދިވެހި ޤައުމަށް ކުރާ ޚިދުމަތަކީ އަދަބީ ޚިދުމަތެކެވެ. ވާހަކަ ލިޔުމެވެ. ތަފާތު އެކި ނޫސްތަކުގައިވާ އޭނާގެ ވާހަކަތައް ގިނަގުނައެވެ. ނޫސްތަކުން އެދުނީމާ ލިޔެދޭ ވާހަކައެވެ. އެކަމުން އޭނާއަށް ލިބިފައިވާ އަގުވަޒަންކުރުމުގެ އިނާމު ކޮންމެ ހޮނިހިރު ދުވަހު ހިރަފުސް ފޮޅާލައި ސާފުކޮށްލަން ޖެހުމަކީ އެ ވެސް ލިޔެލަންވެފައި އޮތް ވާހަކައެއް ކަންނޭނގެއެވެ.
ބައްދަލުވުން އޮތީ ކެފޭއެއްގެ ސައިމޭޒު ދޮށުގައެވެ. ބައްދަލުކުރެއްވި ބޭފުޅަކު ކިޔައިދެއްވީ ހިތްދަތި ޙަޤީޤަތްތަކެކެވެ. އިންސާނީ ޙަޔާތުގެ ވޭންހުރި ތަޖުރިބާތަކެކެވެ. އެ ވާހަކަތައް އޭނާ ކުރިޔަށް ގެންދިޔައީ މި އިބާރާތުންނެވެ.
އެއީ މީގެ ސާޅީހަކަށް އަހަރު ކުރިޔެއެވެ. ލިބި ހުރި ތަޢުލީމަކާއެކު ދައުލަތަށް ޚިދުމަތްކުރަން ފެށީ ކިރިޔާ އުމުރުން 18 އަހަރު ފުރުނުތަނާއެވެ. އެ ދުވަސްވަރަކީ އަވަހަށް ކާވަނިކޮށް އުޅުނު ދުވަސްވަރެވެ. އަހަރެންގެ ވެސް ހުރީ އަވަހަށް މީހަކާ އިނުމުގެ ވިސްނުމެވެ. އިންނާނެ ކުއްޖަކު ވެސް ހޯދިއްޖެއެވެ. ދެ މީހުންގެ ދެމެދުގައި ވާހަކަ ސިޓީބިޓީ ބަދަލުވަމުންދެއެވެ. އޮމާން ރައްކާތެރި ގުޅުމެކެވެ.
ދިމާވި ކަމަކާ ހެދި ކުއްލިޔަކަށް ހަނގުރާމައިގެ މައިދާނަކަށް ފައިބަން ޖެހިއްޖެއެވެ. ބޮޑު ބޭފުޅެއްގެ ނަޒަރުފުޅު ވަކި ދިމާޔަކަށް އަމާޒުވީއެވެ. ތިމަން ކާވަނި ކުރަން ވިސްނައިގެންހުރި ތިމަންގެ ވާންހުރި އަނބި މީހާއާ ދިމާޔަށެވެ. ތިމަން މިއީ ރަށްފުށުން އައިސް މާލެ ފައިބައި ހުރި ނިކަމެއްޗަކީމެވެ. ވަޒީފާ އަދާކުރަމުން މި ދަނީ ކޮން ތާކު ހެއްޔެވެ؟ ކޮންމެޔަކަސް މި ކަމެއް ހިނގިތާ ދެތިން ދުވަހަށް ފަހު އަޅުގަނޑަކީ ބޮޑު ވަގެކެވެ. އޮފީހުން ވައްކަން ކޮށްގެން އަޅުގަނޑު ގޭގައި ބަންދުކޮށްފިއެވެ. ވައްކަންކޮށްފައިވަނީ ވަރަށް ސިއްރުންނެވެ. އެހެނީ އެ ކުރި ވައްކަމެއް ތަޙުޤީޤަށް ނޭނގުނުތާނގައި އަޅުގަނޑަށް ވެސް ނޭނގެއެވެ.
ދެން އޮތީ ކުޑަ ގޮޅިއެވެ. ޖަލެވެ. އަރުވާލުމެވެ.
ވާހަކަ ލިޔުންތެރިޔާ އަހައިލިޔެވެ. ޖަލުގައި ކަންކަންވީ ކިހިނެއް ހެއްޔެވެ؟ ކުރުކޮށް އޭނާ ބުނީ ޖަހަންނަމަ ނޫނިއްޔާ ދެން އެ ތަނުން އެ ކޮށްލިވަރު ކޮށްނުލެވޭނެކަމަށެވެ.
އެއަށް ފަހު އަނެއްކާ ވެސް ވާހަކަ ކުރިޔަށް ގެންދިޔައެވެ. ކޮންމެޔަކަސް ދެން ތިމަން އަރުވާލެވުނެވެ. އެ ދުވަސްވަރު އަރުވާލުމަކީ ވަރަށް ބޮޑުކަމެކެވެ. އެއްވެސް މީހަކު އަނގަޔަކުން ނުބުނެއެވެ. އަރުވާލެވޭ ރަށެއްގައި އެ މީހަކީ އެއީ ވަރަށް ބޮޑު އެކަނިވެރިޔެކެވެ. ނިކަމެއްޗެކެވެ. ނަންކިޔާ އިރުވެސް ކިޔާނީ ’އަރުވާލި އަހަންމަދު‘ އެހެރަ ’އަރުވާލި ޖަލީލު‘ މި ގޮތްގޮތަށެވެ.
ތިމަން ހައިހޫނުކަމުގައި ރުއިމެވެ. އަނބުރައިގަނެގެން ދެންމެ ދެންމެ ވެއްޓިދާނެ ކަމުގެ އިޙްސާސްކުރީމެވެ. ބަހައްޓާނެ ގެޔެއް ނެތިގެން ރަށުތެރޭ ހޭޅިފަށުުގައި މައިރަށުގައި ދަތުރު ފޮށި ބޯމައްޗަށް ލައިގެން ހޫރުނީމެވެ. ލަދުވެތިކަމާއި ނިކަމެތިކަމުގެ އިންތިހާގައެވެ.
މިޔަށްވުރެ އަސަރުގަދަ ވާހަކައަކީ ތިމަންގެ ހިތުން ދުވަހަކު ވެސް ފިލައިގެން ނުދާނެ އެހެން ޙަޤީޤަތެކެވެ. އެއީ ތިމަންނައަށް ގެޔެއްގައި ހުރެވޭނެ ގޮތް ހަމަ ޖެހިގެން ދެންވީ ގޮތެވެ. ދުވާލުދާ ހަތަރު ދަމު އަހަރެން މަސައްކަތް ކުރަމެވެ. ރާނާ އުވަޖެހުމެވެ. ވަޑާންކުރުމެވެ. ބައެއް ދުވަސްވަރު މަހަށް ދިޔުމެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ ﷲ ގަންދީ ބުނާ ތެދެވެ. އަހަންނަށް އޮތީ ހަމަ އެކަނި މަސައްކަތްކުރުމެވެ. މުސާރަ ނަގަނީ ހުންނަ ގޭގެ ވެރިފަރާތުންނެވެ. ތިމަން އަތަށް ހަމަ ލޯ ލާރިއެއް ވެސް ނާރައެވެ. ހާދަހައި ހިތްދައްޗެވެ.
މިއީ މީގެ 40 އަހަރު ކުރިން މި ރާއްޖޭގައި ކަންކަން ހުރި ގޮތެވެ. އެހެންވީމާ އަހުމަދު ކޮށްދޭންވީ ކަމަކީ މި ހިތި ޙަޤީޤަތުގެ މައްޗަށް ވާހަކައެއް ލިޔެދޭންވީއެވެ. ފިލްމެއް ކުޅެލަން ވެސް ރަނގަޅު ނޫންހެއްޔެވެ؟
ވާހަކަ ނިމުމު އިރު އަޙްމަދަށް ވަނީ ވަރަށް ފުން އަސަރެއް ކޮށްފައެވެ. ވާހަކަ ކިޔައިދިން މީހާއަށް މި ކަން ފާހަގަ ކުރެވުނެވެ. އެހެންކަމުން އޭނާ އިނީ ވަރަށް ހިތް ހަމަ ޖެހިފައެވެ. އުފަންވާނެ ރީތި ވާހަކައިގެ މައްޗަށް ލިބުނު ބޮޑު އިތުބާރެއްގެ ސަބަބުންނެވެ.
ރޭގަނޑުގެ ދޭއްޖެހި އިރު އަޙްމަދު އޭނާގެ ލިޔާ ފޮތްގަނޑު ހިފައިގެން އެބަ އެނބުރެއެވެ. އަށެއްކަ ފޫޓުގެ މެދުގެތެރެޔެއްގައެވެ. ކާމޭޒުން ނެއްޓިލީމާ ދަރިއެއްގެ ފޮތް ހަރުގަނޑެވެ. ޖެހިގެން ހުރީ ދޮންނަ މެޝިނެވެ. ވާތް ފަރާތުން ހުރި ދިގު ގޮނޑީގައި އޭނާގެ ކާފަ ނިދައިފައި އެބަ އޮތެވެ.
ތަންކޮޅެއް ހާވާލައިފައި އެ ތާހުރި ވަށްގޮނޑިއެއް ކާމޭޒު ދޮށަށްލަފައިގެން އިނދީންދެއްޖެއެވެ. އެ ކުޑަ ގޮޅީގެ ވައިގެ ތެރޭގައިވާ ނިދި ސޮނިވަހާއި އެކި ރާގަށް އިވެމުންދާ ނިދިގުގުރީގެ އަޑުތަކުން ހިތަށް ހާއުފާ ހޯދަމުންނެވެ.
އިރުކޮޅަކު އިނދެފައި އަޙްމަދު ގަލަމު ދޯރި ލުއްސާލިއެވެ. އެއާ އެކު ލިޔަން ފެށިއެވެ.
މީގެ 40 އަހަރު ކުރިން ދިވެއްސަކު އޭނާ ދިރިއުޅެން ކުރިހާ މަސައްކަތް އެ ނޫން މީހަކަށް ދޭން ޖެހުނެވެ. އެއީ ކޮންމެ ދުވަހަކު އެވެ. އެ 40 އަހަރުގެ ފަހުން މިއަދު އަހަރެން ރެޔާ ދުވާލު ޓިއުޝަންދީގެންނާއި މަދަރުސާތަކުގައި ކިޔަވައިދީގެން އަހަރެންގެ އަނބިދަރީންނަށް ޓަކައި މި ހޯދާހައި އާމްދަނީއެއް ވެސް ދެނީ އެހެން މީހަކަށެވެ. މުޅީން އެހެން ބަޔަކަށެވެ. އެކަމަކު ކޮންމެ މަހަކު އެވެ. ޒަމާނާއެކު އިންސާނީ ޙަޔާތަށް އަންނާން ޖެހޭ ތަފާތަކީ އިޞްލާޙަކީ މިއީ ބާވައެވެ؟
މި ހިސާބުން ކުއްލިޔަކަށް ގަލަމުން ދެލި ހިކިއްޖެއެވެ. އިތުރަށް ފޮޅުވަތެއް އެޅޭތޯ އުޅެއުޅެ ހަމަ އެންމެ ދެލި ކޮޅެއް ވެސް ނައެވެ.
ކުޑަ ހިނދުކޮޅަކަށް ފަހު ދެން އެ ފޮތުގެ މައްޗަށް އައި ތެތްކަމަކީ އިސްޖަހާލައިގެން އިން ލިޔުންތެރިޔާގެ ދެ ލޮލުން ހޯސްލައިފައި އޮހިގަތް ކަރުނައެވެ.
————————–