އަނެކާއާ މުޢާމަލާތުކުރުމަކީ ވަރަށް ފަރުވާތެރިވާން ޖެހޭކަމެކެވެ.  އެހެން ނޫނީ ވަރަށް ގިނަ ފަހަރު ތިމާ ގަސްތުކުރާ ނަތީޖާ ފިޔަވައި އެހެން ނަތީޖާއެއް ނިކުމެދާނެއެވެ. ވަރަށް ހެޔޮ ނިޔަތުގައި ވަރަށް ރަނގަޅަށް ކަމަށް ހީކޮށް ކުރެވޭ ކަންކަން ބޮޑު ގޯހަކަށް ވެގެން ނިމިދާނެއެވެ.  މިހެން ދިމާވާ ބައެއް ޙާލަތުގައި މި ފަދަ ކަންކަން ދިމާވަނީ އަނެކާގެ ވިސްނުމާއި އޭނާގެ ސަގާފަތާއި މިޒާޖު ތިބާއަށް އެނގެންވާ ވަރަށް އެނގެންވާ ގޮތަށް ނޭނގޭތީއެވެ.  އަދި މި ކަންކަން ދެނެގަތުމަކީ އެހައި ފަސޭހަކަމެއް ވެސް ނޫނެވެ.

ހިނގައި ދިޔަ ޙަޤީޤީ ހާދިސާއެކެވެ. ދިވެހި އާއިލާއަކާ ނުވަތަ ދެ އާއިލާއަކާ ބައްދަލުކުރި ވަރަށް އުފާވެރި ރެޔެކެވެ. ކޮން ރެޔެއްތޯ އެވެ؟ އާ ކާވަންޏެއްގެ ރެޔެވެ.

ކާވަނިވާ ދެ އަރޫސުންކުރެ އެއް ކުއްޖެއްގެ ބައްޕަގެ 7 ކުދީން ތިބެއެވެ. އެ ބައްޕަ އެ ކުދީން ބަލައި ބޮޑުކުރީ ފަގީރުކަމާއި ދަތިކަމުގެ ތެރޭގައެވެ.  ހިންމަތާ ޤުރުބާނީއާ އެކުގައެވެ.  ވޭނާ އުދާސްކަމުގެ ތެރޭގައެވެ. ފުން ލޯބީގައެވެ.

7 ކުދީންގެ ބައްޕަ ހަސަންފުޅަކީ މަސްވެރިއެކެވެ. ކެޔޮޅެކެވެ. މުރާލި ކެރޭ މައް ދިވެއްސެކެވެ. ބުނެވިއްޖެ ބަހެއްގައި ކޮލުދަތުން ހިފަހައްޓައެވެ. ބޮޑެތި މާ ގޮދަޔަށް އޭނާގެ ދޮށި ލަންބައިލެވުނަސް އޭނާ ލަންބައިލުމީ އެއްވެސް ހާލެއްގައި ކުރެވޭނެކަމެއް ނޫނެވެ.  އޭނާ ހުންނާނީ އެނާގެ ގޮތުގައެވެ. ސީދާޔަށް ތެދަށެވެ. ދިވެހިވަންތަކަމުގެ ލޯބީގައި ވެސް މަރެކެވެ.

ހަތް ކުދީންކުރެ އެންމެ ހަގު ކުއްޖާއަކީ ހަސަންފުޅުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އެހެންވީމާ އެއީ އެ ބައްޕައާއި މަންމަގެ ވެސް ލޮލުގެ ކޮޔެވެ. ހިތުގެ ވިންދެވެ. ފުރާނައެވެ.

ތަދު ދުވަސްވަރު އެ ބައްޕައާއި މަންމަ އުފުލީ ހާދަހާ ބުރަޔެކެވެ. ކުދީންގެ މާދަމާޔަށް ޓަކައެވެ. ޚާއްޞަކޮށް އެންމެ ހަގަށް ހުރި އަންހެން ދަރިފުޅަށް ޓަކައެވެ. އެ ދަރިފުޅަށް  ޒަމާނާ އެކަށޭނަ ތަޢުލީމު ލިބުން، އެ ދަރިފުޅަށް ޚުލްޤުހުރި ފިރިޔަކު ލިބުން، އެ ދަރިފުޅަށް ބާއްޖަވެރި ޙަޔާތެއް ލިބުން އެއީ ހަސަންފުޅުބޭގެ ދެ މަފިރިންގެ ހިތުގެ ދުޢާއެވެ.

ކާވަނީގެ ވަލީމާ އޮތީ ރޭގަނޑެއްގައެވެ. މިހާރުހެން ކާވަނިކުރުމާއި ވަލީމާއާ އެއް ރަސްމިއްޔާތެއްގައި ނޫނެވެ. ވަކިންނެވެ. ވަލީމާގެ އިންތިޒާމުތައް ކުރިޔަށް ގެންދިޔައީ ފިރިހެން ކުއްޖާގެ ބެލުމުގެ ދަށުން އެގެއިންނެވެ.

އަސުރު ނަމާދުން ފައިބައިގެން އައިސް ހަސަންފުޅުބެ ގެޔަށް ވަންތަނާ ކުއްޖަކު އައިސް ދިއްކޮލީ އެރޭގެ ޕާޓީއަށް ދާން އޮތް ދަޢުވަތު ކާޑެވެ. ރަތް ކުރެހުމެއް އަޅައިފައިވާ ރީތި ކާޑެކެވެ.  ހަސަންފުޅު އެ ކާޑަށް ކަޅިއެއް އެއްލިއެވެ. ކުއްލިޔަކަށް މޫނުގައި ކޭތަ ހިފައިފިއެވެ. އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައި ބުންޏެވެ. ތިޔައީ އަހަންނަށް އޮތް އެއްޗެއް ނޫނެވެ.

ހަސަންފުޅު އެ ބުނި އެއްޗެއް އެ ކާޑު ހިފައިގެން އައި ކުއްޖާއަށް އެނގުނު ހެނެއް ހީއެއް ނުވެއެވެ.  ހީނލައިފައި އެތާ ހުރި މޭޒެއްގެ މަތީ އެ ކާޑު ބާއްވާފައި އެ ކުއްޖަކު ހިނގައްޖެއެވެ.

ނަށަނަށާ ހުރި ނެށުންތެރިޔަކު ޤުދުރަތުގެ އަތުން ބުދަކަށް ބަދަލުކުރެއްވި ފަދައެވެ. ހަސަންފުޅުގެ މޫނު ގަނޑުވެއްޖެއެވެ. އަޑު ހިމޭން ވެއްޖެއެވެ. ހަރަކާތް ހުއްޓިއްޖެއެވެ. ހިނދުކޮޅަކަށް ފަހު، މަޑު މަޑުން ހިރެންފެށީ އަތިރިމަތީ ހުރި ހޮޅުއަށްޓާ ދިމާޔަށެވެ.

ޕާޓީގެ ގަޑި ޖެހިއްޖެއެވެ. ހަދިޔާތައް ހިފައިގެން މީހުން އައިސް ތަހުނިޔާ ކިޔަން ފަށައިފިއެވެ. އުފާކުރުންތައް ފޯރި ގަދައެވެ. ހަސަންފުޅެއް އެ ތާކުން ނުފެނުނެވެ. ހިލަމެއް ބިލަމެއް ނުވިއެވެ.  އެންމެ ފަހުން އޭނާ ހޯދަން ނިކުންނަން ޖެހިއްޖެއެވެ. ޚަބަރު ލިބިގެން ބައެއް ކުދިން ނިކުމެ އޭނާ ހޯދައިފިއެވެ. ހަމަ އެއް ގޮތަކަށް ވެސް މިރޭގެ ވަލީމާއަށް އޭނާ ގެންދެވޭ ގޮތެއް ނުވިއެވެ. ޠަބީޢަތުގައި ހުންނަ އާދަޔާ ޚިލާފު ބަސް ހަރުކަމެކެވެ. އެހެން އިބާރާތަކުން ލިޔާ ނަމަ،  ހަރުދަނާކަމެކެވެ.

ދިމާވި މައްސަލަޔަކީ ކޮބައިތޯއެވެ؟ ހަސަންފުޅަށް ފޮނުވި ކާޑުގައި އޭނާގެ ނަން ލިޔެފައި އޮތީ އިނގިރޭސި ބަހުންނެވެ. ނުވަތަ ލެޓިން އަކުރުންނެވެ. ހަސަންފުޅަކީ އިނގިރޭސި ބަސް ދަންނަ މީހެއް ނޫނެވެ. އޭނާގެ ޅަދުވަހުގެ ދަތި ޙާލަތު ނިޔާކުރި ގޮތުން އެ ފަދަ ތަޢުލީމެއް އޭނާޔަކަށް ނުލިބުނެވެ. އެހެންކަމުން އޭނާ ދުށީ އެއީ އޭނާޔަށް ކުރި ފުރައްސާރަޔެއްކަމުގައެވެ. އޭނާ އެ ތަނަށް ވަނަ ނުދޭން ދެއްކި ރަތްކާޑެއް ކަމުގައެވެ.