އޭ ދިވެހި ލޭގެ  ދަރީންނޭ  އަސަރެއް  ނުކުރޭހޭ؟

މޭ ތެރޭން ހިތް ނެރެ ވިއްކާލާ   އިރު ނޭނގޭހޭ؟

އަހުރެމެންނަށް މި ތިބީ ކީއްހެ ވެފައި ހިއްސުތަކަށް؟

ވަހުމު ފަހުމަށްވެ، ޒަޚުމު ރަޙުމުކަމަށް ވެސް ވޭ ހޭ؟

ދިވެހި ދިރުމާ  ކެރުމާ  ރޯފިލުމާ   ޖޯޝު  ކޮބާ؟

ދިވެހި މުޅި ހަށިގަނޑު ސަންދޯކު އަޅާ ނިމުނީހޭ؟

ހެޔޮ ނުވާނޭ މި ބިމަށް ދުވަހަކު ވެސް ދެރަޔެއް ދޭން!

ބިޔަ ޝަހީދީ އެކި ލޭ ކޯރު ހަނދާން ނެތުނީހޭ؟

ކީއްވެހޭ މިއަދު މިތާ  ލަވަކިޔަމުން  ތިޔަ  ނެށެނީ؟

މީގެ ފުން މާނަ ހިތަށް ދޭހަވުމުން   ނުރޮވޭހޭ؟

އޭ  އުތީމީ   ހުރަވީ ލޭގެ   ދިވެހި  ފަރުދުންނޭ!

މޭ އުފުއްލާށެ އެ ވާޖިބު   ނޫނީ  އެބަ އޮތް ހޭ؟

މި ތިބަ އެންމެން އަދި އަންނަން އޮތް ޖީލެއް ހުރިހާ،

ވަކި ތަފާތެއް ނެތި ހިމެނޭ  މީ ޙައްޤެއް ނޫންހޭ؟

ދިވެހި މި ވަޠަންގެ ކަނޑާ، ވައި، ކީއްތޯ ވެލިފުކަކަސް،

މި ވެހި ލޭ ނެތް ނަމަ، ދިނުމީ ހުޅުޖެހުމެއް ނޫންހޭ؟

 —————-

23.07.2020