ފަސާދައިގެ ފޮއިދަށުވެ މަޞްލަޙަތު ފުނޑިފުނޑި

މިސާހިތު ވެދާނޭ ދިވެހި ގައުމު   ކުނޑިކުނޑި

ޢަދާވާތްތެރީން،  މާތްވި ދީނާ،  މި ވަޠަނުގެ،

މަދާއެކުބަލައި ކޮނެފި ގޮސް އެންމެ އަޑިއަޑި

އެމީހުންގެ ނިޔަތާއި   އަޞްލާއި  މަޤުޞަދު،

ގަމީހާއެކީ   އެތެރެއިން  ވާނެ   ހަޑިހަޑި

ދުރާލާ ބަލާނޭ  ބިމަށް     ވެރިވެގަންނާން!

ކުރާނޭ ކަމާ  ސާޢަތާ ރަނގަޅު  ގަޑިގަޑި

ވަނީ މި އަދު  އާސާރުގައި   އިހުޒަމާނުގެ،

ޣަނީމާތަކުން ލިބުނު ކަނޑި، ލޮންސި ބަޑިބަޑި

އަނދޮޅުކަންމަތީ    ގައުމު އޮއްވައި ނިދާފައި،

ޅަނދޮޅުސިކުނޑިތައް ކޮށްލަނީ އެތިބަ، ބަނޑިބަނޑި

ގުޑުންތައް  އަރައި،  މިފަދަ ޖާދޫގެ   ބާރުން،

ބުޑުން ވެއްޓިދޭ  އުންމަތުގެ   ހަރޮށި މުޑިމުޑި

މިހެން ކަންވުމުން   ރޫޅި ގައުމީ   ޢިމާރާތް

ބެހޭ ޓިނުކޮޅާ ތަނބުތަކާ   އޭގެ  ދަނޑިދަނޑި

މުޅިން ވަކިކުރެވި ހަރުމުދާ،   ގެވެހިކަންވާރު،

ވަޅިން ފަޅިކުރެވި މޭޒު ގޮނޑި، އެނދުގެ ފަޑިފަޑި

އުދުހި އަންނަހެން ދިވެހި ރުއްރުކުގެ ކޮޅިޔަށް،

އެދުހު އަންނަހުށި އުންމަތަށް  ބޭރު  މަޑިމަޑި

އަލުންގައުމު “އާރާސްތު   ކޮށްދޭނެ ހިތް ހެޔޮ“

ކަލުންނާއި ކަނބަލުން މަސައްކަތުގެ   ވަޑިވަޑި

އެހައިރުން ބަދަލުވާނެ   އަންބާ ފަރިހި  ލަވަ،

މިހައި ދުވަހު ކީ،   މައިގަނޑާ އޭގެ  ކަޑިކަޑި

ފަހާލާ   ދިވެހިވަންތަ   ހުރިހާ   އަސަރުތައް

ޖަހާނޭ ބަނދަރު ހުޅަނގު ކިއްސަރުގެ އޮޑިއޮޑި

ގެނެސްދޭނެ   މިނިވަންކަމުގެ    ނަންމަތީގައި

މިނެތް އޭގެ ނެތް ބޮޑެތި ބާޠިލުގެ  ބޮނޑިބޮނޑި

މި ސާލުން، އަސޭ، އަދި،  ޢިރާޤުން އެދައްކާ،

މިސާހިތު ވެދާނޭ ދިވެހި ގައުމު    ކުނޑިކުނޑި
———————–
28 މޭ 2008

ފޮޓޯ: ބިންގ. ކޮމް

ފޮޓޯނެގި ފަރާތް: ނޭނގޭ.