އަނެކާއަށް މާތްކޮށް ހިތައިގެން ވާހަކަދައްކާން ވެއްޖެ ނަމަ ދިވެހި ބަހުގައި އިޚްތިޔާރުކުރާ ބަސްމަގަކީ މާތް ބަސްމަގެވެ. މި ބަސްމަގުން އަނެކުންނާ ވާހަކަދެއްކުމުގައި ދެ ދަރަޖައެއް އޮވެއެވެ. އެއީ ލައްބަދުރުވުމުގެ ދަރަޖައާއި އާދެ ވަޑައިގަތުމުގެ ދަރަޖައެވެ. މި ދެ ދަރަޖައިގެ ވެސް ބޭނުމަކީ އަނެކުންނަށް މާތްކޮށް ވާހަކަދެއްކުމެވެ. މީގެ ތެރެއިން މިހާރު ބޮޑަށް ބޭނުންކުރެވެނީ އާދެވަޑައިގަތުމުގެ ދަރަޖައެވެ. ލައްބަ ދުރުވުމުގެ ދަރަޖަ ވަރަށް ފަނޑުވެއްޖެއެވެ. ދެން އޮތީ އާންމުކޮށް ވާހަކަދައްކާ ހޫނ އާދޭގެ ދަރަޖައެވެ. އެއީ މާތްކޮށް ވާހަކަދައްކާން ބޭނުންކުރާ ބަސްމަގެއް ނޫނެވެ.

މި މަޒުމޫނުގެ ބޭނުމަކީ އެންމެ މާތް ދަރަޖައިން ވާހަކަދައްކާ އިރު، ފުރަތަމަ މީހާގެ ނަޒަރުން ބޭނުންކުރާ ލަފުޒުތަކުގެ ތެރެއިން ދަރަޖަ ބަދަލުވާ ލަފުޒުތައް އޮޅުން ފިލުވައިދިނުމެވެ.

ފުރަތަމަ މީހާގެ ނަޒަރަކީ ކޮބާ؟

ތިބާ ވާހަކަދައްކާ އިރު އަމިއްލަ ނަފުސު ބައިވެރިކޮށްގެން ވާހަކަދައްކަމުއެވެ. މިސާލަކަށް ’އަހަރެން އެންމެ ފުރަތަމަ މާތް ބަހުން ވާހަކަދެއްކީ މަދަރުސާގައެވެ.‘ މި ޖުމުލައިގައި އެ ދެކެވެނީ އަމިއްލަ މީހާގެ ވާހަކައެވެ. އިޝާރާތް އެ ކުރެވެނީ އަމިއްލަ ނަފުސަށެވެ. މި ގޮތަށް ’އަހަރެން‘ ނުވަތަ މަ ނުވަތަ އަޅުގަނޑު މި ފަދަ ލަފުޒެއް ބޭނުންކޮށްގެން ވާހަކަދެއްކޭ ނަމަ އެ ވާހަކަ ދެއްކެނީ ފުރަތަމަ މީހާގެ ނަޒަރުންނެވެ. ދެވަނަ ނަޒަރަކީ ކުރިމަތީގައިވާ މީހާއާ މުޚާޠަބުކޮށް ވާހަކަދެއްކުމެވެ. ’ތިޔަ ބޭފުޅާ އެންމެ ފުރަތަމަ މާތް ބަހުން ވާހަކަފުޅު ދެއްކެވީ ކޮންތާކު ތޯއެވެ؟’މި ތާނގައި އިޝާރާތް ކުރެވެނީ ކުރިމަތީ ހުރި ދެވަނަ މީހާއަށެވެ. އެހެންކަމުން ތިޔަބޭފުޅާ، ތިބާ، ކަލޭ، ކަލާ މި ފަދަ ކޮންމެ ލަފުޒެއް ބޭނުންކޮށްގެން ވާހަކަ ދެކެވުނަސް  އެއީ ދެވަނަ މީހާގެ ނަޒަރެވެ. ހަމަ އެހެންމެ ’އޭނާ އެންމެ ފުރަތަމަ މާތް ބަހުން ވާހަކަފުޅުދެއްކެވީ ކޮންތާކު ބާވައެވެ؟‘ މި ޖުމުލައިގައި އިޝާރާތްކުރެވެނީ ދުރުގައިވާ ތިން ވަނަ މީހަކަށެވެ. އެހެންކަމުން އޭނާ، އެބޭފުޅާ، އެކަމަނާ، އަދި ވާހަކަދައްކާ މިހާއާ ގާތުގައި  ހުންނަ މީހަކަށް އިޝާރާތްކޮށް ބޭނުންކުރެވޭ މީނާ، މި ފަދަ ކޮންމެ ލަފުޒެއް ބޭނުންކުރެވުނަސް އެ ވާހަކައެއްގެ ނަޒަރަކީ ތިންވަނަ މީހާގެ ނަޒަރެކެވެ.

ލަފުޒު ބަދަލުވުން

ތިބާ އެހެން މީހަކާ ކުރިމަތިކޮށް ވާހަކަ ދައްކާ އިރު، ތިބާ އެއީ ވާހަކަ ދައްކާ މީހާއެވެ. އަނެކާ އެއީ ވާހަކަ ދެކެވޭ މީހާއެވެ. ތިބާ ވާހަކަ ދައްކާ ހާލަތުގައި ތިބާ އެ ވަނީ ފުރަތަމަ މީހާގެ ނަޒަރުގައެވެ. ލަފުޒު ބަދަލުވުން ކަމަށް މި އިޝާރާތް ކުރަނީ ތިބާ އަނެކާއާ މާތްކޮށް ވާހަކަ ދައްކާއިރު އަނެކާއަށް  މާތްކޮށް ހިތުމަށްޓަކައި ތިބާގެ އަމިއްލަ ނަފުސަށް ނިސްބަތްވާ ބައެއް ލަފުޒަށް ގެންނާން ޖެހޭ ބަދަލަށެވެ. މިސާލަކަށް /އަހަރެން/ ގެ ބަދަލުގައި /އަޅުގަނޑު/ މި ލަފުޒެވެ. /ހޫނ/ ގެ ބަދަލުގައި /އާދެ/ މި ލަފުޒެވެ. މިހެން ބަދަލުވާ ލަފުޒުތަކެއް ހުރެވެ. އެކަމަކު އެއީ ދެ އަތުގެ އިނގިލިތަކުން ގުނައިލެވޭހައި މަދު ލަފުޒުތަކެކެވެ.

ބަދަލުވާ ލަފުޒު އެނގުމުގެ ފައިދާއަކީ ކޮބާ؟

ބަދަލުވާ ލަފުޒު އެނގުމުން މާތްކޮށް ވާހަކަ ދެކެވޭ އިރު އަމިއްލަ ނަފުސުގެ މައްޗަށް އިތުބާރު ބޮޑުވާނެއެވެ. އެހެނީ އަމިއްލަ ނަފުސަށް ނިސްބަތްވާ ވަހަކަ ތަކުގެ ތެރެއިން ބަދަލުކުރަން ޖެހޭނީ މިވެނި އެވެނި ލަފުޒުކަން އޭރުން ޔަޤީންކަމާއެކު އެނގޭނެއެވެ. އެ ލަފުޒުތައް ބަދަލުކުރުމުން ތިބާ ދައްކާ ވާހަކަ އެ ޙާލަތްތަކުގައި ބަހުގެ ގަވައިދުން ނެއްޓިގެން ނުގޮސް ބަހުގެ ހަމައިގައި ހުންނާނެއެވެ.  އޭގެ ސަބަބުން މުޅި ވާހަކައިގެ ކުށް މަދުވާނެއެވެ. މާތްކޮށް ވާހަކަދެއްކޭ މީހާއަކީ މާތް ބަސްމަގު ދެނެވަޑައިގަންނަވާ ބޭފުޅެއް ނަމަ އެ ބޭފުޅެއްގެ ކުރިފުޅުމަތީގައި ތިބާގެ ޤަދަރު އުފުލިގެންދާނެއެވެ. އެހެންކަމުން ފުރަތަމަ މީހާގެ ނަޒަރުން ވާހަކަ ދައްކާ އިރު، ބަދަލުވާ ލަފުޒުތަކާ އޭގެ ހަމަތައް އެނގުން ކިހާ މުހިންމު ވާނެހެއްޔެވެ؟ ތިރީގައި އެވާ ތަވަލާއި އޭގެ ތަފުޞީލު ބަލައިލަމާ ހެއްޔެވެ؟

# އާންމު ލަފުޒު ބަދަލުގައި ބޭނުންކުރެވޭ ލަފުޒު
1 އަހަރެން އަޅުގަނޑު
2 ހޫނ އާދެ
3 ބުނުން ދެންނެވުން
4 ގޮވައިލަންދިޔުން ދަންނަވައިލަންދިޔުން
5 ދިނުން އެރުވުން
6 ސަލާންބުނުން ވެދުން ދެންނެވުން
7 ހަދިޔާ ވެދުން
8 ހަދިޔާކުރުން ވެދުންކުރުން
  1. އާދެވަޑައިގަތުމުގެ ދަރަޖައިން މީހަކާ ވާހަކަ ދައްކާއިރު ތިމާގެ އަމިއްލަ ނަފުސުގެ ވާހަކަ ބުނާން އަބަދުވެސް ބުނާނީ /އަޅުގަނޑު/ މި ގޮތަށެވެ. ނަމަވެސް /އަހަރެން/ މި ލަފުޒު ބޭނުންކުރާން ޖެހޭ ޙާލަތެއް ވެސް އަތުވެދާނެއެވެ. އެ ޙާލަތަކީ ތިބާ މާތްކޮށް ވާހަކަ ނުދައްކާ މީހެއްގެ ވާހަކަ ގެންނަ ހާލަތެވެ. އޭނާއާ ދެކެވިފައިވާ ވާހަކައެއްގެ ޚަބަރު ދޭ ޙާލަތެވެ. މިސާލަކަށް ’އަދި އަޅުގަނޑު ދަންނަވަންތޯ އެއްދުވަހަކު ދިމާވި ކަމެއް. އަޅުގަނޑުގެ ދަނބިދަރިފުޅު އައިސް ބުނެފި ބައްޕާއޭ މަސްދޯނީގެ ހޭވަތަކީ ކޮންތަނެއްހޭ؟ އަޅުގަނޑު ބުނެފިން އަހަރެން ވެސް ނުދަންނަމޭ‘ މި ތާނގައި މި ވީ ގޮތަކީ މުޚާޠަބު ކުރެވޭ ފަރާތް ބަދަލުވީއެވެ. އެ ތާނގައި އަހަރެންނޭ އެ ބުނެވެނީ އާދައިގެ ދަރަޖައިން ވާހަކަ ދައްކައި އުޅޭ ދެމީހަކުގެ ތެރެއިން އެކަކު އަނެކަކަށެވެ. އެހެންކަމުން އެ ޚަބަރު އެހެން ފަރާތަކަށް ރައްދުކުރާއިރު އެ ތާނގައި އަޅުގަނޑޭ ބުނާކަށް ނުޖެހެއެވެ.
  1. /އާދެ/ މިއީ ވެސް އެންމެ މާތް ދަރަޖައިން ވާހަކަދައްކާ އިރު އާނއެކޭ ބުނަން ޖެހޭ ކޮންމެ ތަނެއްގައި އެ ލަފުޒުގެ ބަދަލުގައި ބޭނުންކުރާ ލަފުޒެކެވެ. ތިބާ އަނެކާއަށް މާތްކޮށް ވާހަކަ ދައްކާ ނަމަ ހޫނ އެކޭ ބުނަންވާ ކޮންމެ ތާކު ދަންނަވާނީ /އާދެ/ މި ގޮތަށެވެ. ނަމަވެސް ނަންބަރު 1 ގައި އިޝާރާތްކޮށްލި ފަދައިން އެހެން މީހަކާ ދެކެވިފައިވާ ވާހަކައެއްގެ ޚަބަރު ގެންނަ އިރު އެ ވާހަކައެއް އޮތް ގޮތެއްގެ މައްޗަށް އެ ވާހަކައެއްގެ ތެރޭގައި ހޫނ ނުވަތަ އާނ މި ލަފުޒު ބޭނުން ކުރަންވާނެއެވެ. މިސާލަކަށް މިނިސްޓަރު ވިދާޅުވި ވާހަކަ އަޅުގަނޑު ބުނިން އަޖުވަދު ގާތުގައި. ބުނީ އާނއެކޭ. މި ގޮތަށެވެ.
  1. އެންމެ މާތް ބަހުރުވައިން ވާހަކަދައްކާ އިރު ކުރިމަތީ ހުރި މީހާއަށް އެއްޗެއް ބުނާ ނަމަ /ބުނުން/ މި ލަފުޒުގެ ބަދަލުގައި ބޭނުންކުރާނީ /ދެންނެވުން/ އެވެ. މިސާލަކަށް އަޅުގަނޑު އެއްޗެއް ދަންނަވާލަންތޯ؟ އެހެން ނަމަވެސް ނަންބަރު 1 ގައި އެ ވާ ޙާލަތުގައި ނަމަ އެ ފަރާތަށް ނިސްބަތްކުރާ އިރު މި ލަފުޒު ވެސް ބަދަލުވާނެއެވެ. މި ސާލަކަށް އަޅުގަނޑު ދެންނެވީ ކުރިން ދުވަހު އަޅުގަނޑަށް ފޯނުކުރައްވައިފައި ވިދާޅުވި ވާހަކަ އަޅުގަނޑުގެ ދަނބިދަރިފުޅުގާތުގައި ބުނެފީމޭ. މި ބުނުމުގައި /ބުނެފީމޭ/ މި އޮތް ހަމައިންނެވެ.
  1. ގޮވައިލަން ދިޔުމަކީ މީހަކު ބަލިވެގެން ޙާލު ބަލައިލަން ދިޔުމެވެ. ތިބާ ޒިޔާރަތް ކުރަނީ މާތްކޮށް ވާހަކަދެއްކޭ ޝަޚްޞިއްޔަތެއްގެ އާލާސްކަންފުޅު ހުރި ގޮތުން އެ ފަދަ ބޭފުޅެއްގެ އަރިހަށް ނަމަ، ބުނާނީ މި އައީ މި ވެނި ބޭފުޅަކު އާލާސްކަންފުޅެއްގައި ހޮސްޕިޓަލުގައި އޮންނެވީތީ ދަންނަވާލަން ގޮސްފައެވެ. އެ ގޮތަށް ބުނާ ނަމަ އެ ބުނެވެނީ މި އައީ ގޮވާލަން ގޮސްފައެވެ. މި ހެނެވެ. ނަމަވެސް މި އައި އެވެނި ބޭފުޅެއްގެ ޙާލުކޮޅު ބަލައިލަން ގޮސްފައޭ ވެސް ބުނެވިދާނެއެވެ. އޭރުން އެ ބުނެވެނީ ހާލު ބަލައިލަން ދިޔަވާހަކައެވެ.
  1. ތިބާގެ އަތުގައި އޮތް އެއްޗެއް އަނެކާއަށް ރައްދުކުރުމަށް ދިނުމޭ ކިޔިދާނެއެވެ. މާތް ބަސްމަގުން ވާހަކަދައްކާ އިރު، އެ ރައްދުކުރެވޭ ފަރާތަކީ ތިބާ މާތްކޮށް ވާހަކަދައްކާ ފަރާތް ނަމަ، /ދިނުން/ މި ލަފުޒުގެ ބަދަލުގައި ބޭނުންކުރެވޭނީ /އެރުވުން/ މި ލަފުޒެވެ. މިސާލަކަށް ފެންތަށްޓެއް ދެންހެއްޔެވެ؟ މި ސުވާލު ބަދަލުވެގެންދާނީ ފެންތަށިކޮޅެއް އަރުވަން ތޯއެވެ؟ މި ގޮތަށެވެ. ޚިޔާލެއް ދެން ހެއްޔެވެ؟ ބަދަލުވެގެން ދާނީ ޚިޔާލެއް އަރުވަން ހެއްޔެވެ؟ މި ގޮތަށެވެ. އެހެން ކަމަށް ވާ ނަމަ، އަޅުގަނޑު ދެ ބޭފުޅަކަށް ކިޔަވައިދިނީމެވެ. މި ޖުމުލަ ބަދަލުވާނީ ކޮން ގޮތަކަށް ހެއްޔެވެ؟
  1. މި މަޒުމޫނުގައި /ސަލާން ބުނުން/ މި އިބާރާތުން ގަސްތުކުރެވެނީ ފަހަރެއްގައި ވެސް އޮފީހަށް ސަލާން ބުނާ ވާހަކައެއް ނޫނެވެ. ސަލާން ބުނުމޭ މި ދަންނަވަނީ އެކެއް އަނެކަކަށް ހެޔޮ އެދުން ފޮނުވަން ފާޅުކުރާ ސަލާމުގެ ޝުޢޫރުގެ ގޮތުގައެވެ. މި ބަސް ބޭނުންކުރާ ގޮތަކީ މިސާލަކަށް ތިބާ ބޭނުންވީ ވަކި ބޭފުޅަކަށް ސަލާން ރައްދުކުރާށެވެ. އެ ވާހަކަ ބުނަނީ ސާދާ އާދައިގެ ބަސްމަގުން ވާހަކަދައްކާ ރައްޓެއްސެއްގެ ގާތުގައެވެ. އެހެން ވެއްޖެއްޔާ ބުނާނީ މިވެނި ބޭފުޅަކަށް އަހަރެންގެ ވެދުން ދަންނަވައިދެއްޗެވެ. އެއާ ޚިލާފަށް އެ ވާހަކަ ދަންނަވަނީ އެންމެ މާތް ދަރަޖައިން ތިބާ ތިޔަ ވާހަކަ ދައްކާ ބޭފުޅެއްގެ އަރިހުގައެވެ. އެހެން ވެއްޖެއްޔާ ދަންނަވާނީ އެވެނި ބޭފުޅަކަށް އަޅުގަނޑުގެ ވެދުން ވިދާޅުވެދެއްވުން އެދެމެވެ. ނުވަތަ ތިބާ ބޭނުންފުޅު ވަނީ ތިބާ މާތްކޮށް ތިޔަ ވާހަކަ ދައްކަވާ ބޭފުޅަކާ ފޯނުން ވަކި ވަމުން ވަރަށް ސަލާމޭ ބުނާށެވެ. އެހެން ވެއްޖެއްޔާ ވަރަށް ވެދުން އިނގޭތޯއޭ ދަންނަވާލީމާ ފުދޭނެއެވެ. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ ބައެއް ލިޔުއްވުންތަކުގައި ވެދުން ސަލާން ރައްދުކޮށްދޭށެވެ. މި ފަދަ އިބާރާތް ވެސް އެބަ ހުއްޓެވެ. އެހެނީ ވެދުމާއި ސަލާމާ މި ދެ ލަފުޒު ވިދިވިދިގެން ގެންނަވައިފައެވެ.
  1. ހަދިޔާއަކީ އަގެއް ބަދަލެއް އޭގެ މައްޗަށް ޝަރުތު ނުވާ ގޮތުން ހެޔޮ ހިތުން އަނެކުންނަށް ދޭ އެއްޗެކެވެ. މި ގޮތުން ދެވޭ އެއްޗަކަށް އެންމެ މާތް ދަރަޖައިގައި ކިޔައި އުޅެނީ ވެދުމެވެ.
  1. ތިބާ މާތްކޮށް ވާހަކަ ދައްކާ ފަރާތަށް ހަދިޔާއެއްގެ ގޮތުގައި އެއްޗެއް ދޭން އުޅެވޭ ނަމަ އެ އުޅެވެނީ ވެދުމެއްކުރާށެވެ. އެއްޗެއް ހަދިޔާ ކުރުމަކީ އެ އެއްޗެއް ވެދުން ކުރުމެވެ. މިއީ އަޅުގަނޑުގެ ފަރާތުން ދިން ހަދިޔާއެކޭ ބުނާންވާ ތާނގައި  މިއީ އަޅުގަނޑުގެ ފަރާތުން ކުރި ވެދުމެކޭ ބުނެއުޅެއެވެ.  މާތުރަ: ރަސްރަސްކަލުންގެ ދަރަޖައިގައި ވާހަކަދައްކާ އިރު، ވެދުމަށް އެރުވުން ވެސް ކިޔައެވެ. މިސާލަކަށް ތައިލެންޑުގެ ރަސްގެފާނު ފުރަބަންދަށް ވަޑައިގަތީ އެ ރަދުންނަށް ވެދުމަށް އަރުވާފައިވާ ގިނަ އަދަދެއްގެ ޖާރިޔާއިންނާއެކުގައެވެ.  ހަމަ އެހެންމެ މި ވެނި ގެޔަކީ އެވެނި ބޭފުޅަކު މިވެނި ބޭފުޅަކަށް ވެދުމަކަށް ދެއްވައިފައި ހުރި ގެޔެކޭ ވެސް ބުނެއުޅެއެވެ. ކޮންމެޔަކަސް މި ނުކުތާގެ ޚުލާޞާއަކީ ހަދިޔާއަކީ ވެދުމެވެ. ހަދިޔާ ކުރުމަކީ ވެދުންކުރުމެވެ. ހަދިޔާއެއް ދިނުމަކީ އެއްޗެއް ވެދުމެއްގެ ގޮތުގައި އެރުވުމެވެ.

ނިންމުން:

އެންމެ މާތް ދަރަޖައިން ވާހަކަދައްކާ އިރު، މި 8 ލަފުޒު ނުވަތަ އިބާރާތް ނޫން އެހެން އެއްވެސް ތަނެއް އެންމެ އާދައިގެ ދަރަޖައާ ތަފާތުވާ ކަމަކަށް ފާހަގަކުރެވިފައެއް ނެތެވެ. އޭގެ މާނައަކީ މި އިން ލަފުޒެއް ބޭނުންކުރަން ޖެހޭ ޙާލަތު ފިޔަވައި އެހެން ހުރިހައި ހިނދެއްގައި ތިބާ ދައްކާ ވާހަކަ ހުންނާންވީ ތިބާގެ އަމިއްލަ ނަފުސަށް ނިސްބަތް ނަމަ، އާދައިގެ ދަރަޖައިންނެވެ. ތިބާ މާތް ދަރަޖަ ދެނީ އަނެއް ފަރާތަށެވެ. ގިނަ ލަފުޒުތަކެއް ބަދަލުވަނީ އެ ފަރާތަށް ނިސްބަތްވާ ބުނުންތަކުގައެވެ. ތިބާގެ އަމިއްލަ ނަފުސަށް ނިސްބަތްވާ ހާލަތުގައި މި 8 އިބާރާތް ނޫނީ ދެން ހުންނާނީ ހަމަ މުޅިން އަބަދު ވެސް ވާހަކަ ދައްކާ އާދައިގެ ސާދާ ބަހުރުވައިންނެވެ. އެހެންކަމުން މި 8 ލަފުޒު ބޭނުން ކުރާނެ ހަމަ ދަސްވެއްޖެ ނަމަ ބަހުގެ ދަރަޖައިން ވާހަކަދެއްކުމުގައި އަޅުގަނޑު ވަޑައިގަންނަވާނަން، އަޅުގަނޑު ދެކެއެއް ނުލަވަން ފަދަ ބަހުގެ ހަމައާ މުޅިން ޚިލާފު، އެހެން މީހުންގެ މަލާމާތް ލިބޭނެ ބުނުންތަކުން ތިބާ ސަލާމަތްވީއެވެ.

————————-

27.06.2020

ނޯޓު: މި މަޒުމޫނުގައި ވާ ލިސްޓަށް އިތުރުވާ އެއްވެސް ލަފުޒެއް އިބާރާތެއް އެއްވެސް ބޭފުޅަކަށް ފާހަގަކުރެއްވިއްޖެ ނަމަ ކޮމެންޓެއްގެ ޒަރިއްޔާއިން ނަމަވެސް އަޅުގަނޑަށް އަންގަވާލަދެއްވުން އެދެމެވެ.