އަނެކާ ތިމާއާ މެދު ކަންކުރި ގޮތް ހަނދާން ބެހެއްޓުމަކީ އިންސާނީ ޠަބީޢަތުގައިވާ ސިފައެކެވެ. ވަކިން ޚާއްޞަކޮށް ތިމާ ހިތް ނޭދޭކަމެއް ހިނގައިފި ނަމަ ބައެއް މީހުންގެ ހިތުގައި އެ ހަނދާން ލިޔެވެނީ ހިލައިގައި ކަނޑައިނެގޭ ގޮތަށެވެ. އެހެންވުމުން އަބަދުހެން ހިތުގައި އުފުލޭ ވޭނަކީ އެ މީހެއްގެ މައްޗަށް ބަދަލު ހިފުމުގެ ތަންވަޅެއް ލިބޭނެ ހިނދުކޮޅަކަށް ޓަކައި ކުރެވޭ ޚިޔާލުތަކެވެ. މި ކަމުގައި ހިމެނޭ ހިތާމަވެރި އަނެއް ޙަޤީޤަތަކީ މި ގޮތުން ރައްދުގައި ކަމެއް ކުރެވޭ އިރު، ހަމައާއި އަދުލާއި އިންސާފަކީ އޮންނަން ޖެހޭ އެއްޗަކަށް ނުވެއެވެ. އަދި ކިއެއްތަ ބުއްދީގެ ހަމައިން ބަލާއިރު އޭގެ ގެއްލުން ސީދާ ގޮތެއްގައި ލިބެނީ ޚޮދު ތިމާޔަށް ކަމަށް ވިޔަސް ހެވެވެ. ވަރިހަމައެވެ. ސަބަބަކީ ވަގުތީ ގޮތުން ނަމަވެސް އަނެކާއަށް ކުޑަ ނުތަނަވަސްކަމެއް ތިމާގެ ފުށުން އެބަ ދެވޭ ތާ އެވެ.

މި ލިޔުމުގައި އަޅުގަނޑު މި ހިމަނާލަނީ މި ދެންނެވި ފަދަ ވަރަށް ރީތި މިސާލެކެވެ.

ދުވަސް ވަރަކީ ރާއްޖޭގައި ސާޅީސް ހަމަ ވާ ޖަމާޢަތެއްގައި ނޫނީ ހުކުރު ނަމާދު ކުރުން ހުއްދަ ނެތް ދުވަސްވަރެވެ. އެއްވެސް ރަށެއްގައި ހުކުރު ނަމާދު ކުރެވޭނީ ބާލިޣުވެފައިވާ  40 ފިރިހެނުން މިސްކިތުގެ ޖަމާޢަތުގައި ތިބި ނަމައެވެ. ރާއްޖޭގެ އާބާދީ އޭރު ވަރަށް ކުޑައެވެ. ކުދި ރަށްރަށުގައި ހުކުރު ނަމާދު ކުރެވެނީ ވަރަށް ބޮޑަށް އެ ކަމަށް އިސްކަން ދެވިގެން ރައްޔިތުން ހުކުރު ދުވަހު ރަށުގައި ބައިތިއްބައިގެންނެވެ. މި ކަންކަން ބަލަހައްޓަވަނީ ނައިބުގެއިން ނުވަތަ ފަހުން ރަށު އޮފީހުގެ ފަރާތުންނެވެ. ކަތީބާއި މުދިންބެ އިސްކޮށް ތިއްބަވައިގެންނެވެ.  މި ޙާލަތު އޮންނަ ރަށްރަށަށް ހުކުރު ހަމަ ނުވާ ރަށްރަށޭ ދިވެހީން ކިޔާ އުޅުނެވެ. މާލޭ ކައިރީގައި މި އޮތް ގިރާވަރާއި ހުޅުލެއާއި ވިލިނގިއްޔަކީ ހުކުރު ހަމަ ނުވާތީ އެ ރަށްރަށުގެ ރައްޔިތުން މާލެއަށް ބަދަލުކުރެވުނު ރަށްރަށެވެ.

ކޮންމެޔަކަސް ރަށަކީ ކިރިޔަކިރިޔާ ހުކުރު ހަމަވާ ރަށެކެވެ. ރަށު މުދިންބެއަކީ މުދިންކަމުގެ އިތުރަށް ވަޑާމުގެ މަސައްކަތް ވެސް ކުރައްވާ ބޭކަލެކެވެ. އެހެންކަމުން ވަޑާމުގެ އެކި ސާމާނު ގޭގައި ހުރެއެވެ. ޚާއްޞަކޮށް ތެދުއިވަޑާމުގެ ސާމާނެވެ.

އެއް ދުވަހަކު ރަށުގެ ތަންކޮޅެއް ބަސް ހަރު ކެޔޮޅަކު މުދިންބެމެންގެޔަށް އަތުވެއްޖެއެވެ.

ކެޔޮޅު: މުދިންބޭ! މި އުޅެނީ ގޭގައި ކުޑަ މަސައްކަތެއް ކުރާތީ ކީހެއް

ބޭނުން ވެގެން. ނެތް ތަ ކީހެއް؟

މުދިންބެ: ކީ… (ކުޑަކޮށް ދަމާލާފައި ލަސްލަހުން) ހެއް އެބަ އޮތް.

ކެޔޮޅު:  އެހެންތަ؟ އެހެންވީމާ ރަނގަޅުތާ! ގޯތިތެރޭ އޮތް ހިރުނދު އާރުގަނޑެއް ބުރިކޮށްލައިފައި އެބަ ގެނެސްދެން.  ދީބަލަ!

މުދިންބެ: ބުނަންތާ ވާހަކައެއް! މި ގެޔަކީ ކީހާއި ވަޑާންކަށްޓާއި ރޮންދާއާ މި ހެން ގޮސް ވަޑާމަށް ބޭނުންވާ ނަންކުރެއްވިހައި އެއްޗެއް ހުރި ގެޔެއް. އެކަމަކު އެކި ފަހަރު މަތިން އެކި މީހުން ގެންގޮސް ގެންގޮސް މިހާރު މި އޮތީ ވަޑިފަތިގަނޑަކާ ރަހަފަތިގަނެއް ތޯއްޗެއް!

ކެޔޮޅު: މި ގެންނަނީ ހަމަ. ހަމަ ގޮސް ކީހާލާފައި ހިފައިގެން އަންނާނަން.

ހުސްބުޅީގައި ކަޅުބިލަ މަސް ބާނާން ކެޔޮޅު ކިތަންމެ ކުޅަދާނަޔަސް މުދިންބެ “ބާނާލެވޭވަރު“ އެމެއް ކެޔޮޅަކަށް ނޫކުނެވެ. ހުރިހައި ވާހަކައެއް ދެއްކީ މާ ވެސް މުދިންބެގެ ޖަވާބަކީ އެހެން ވިޔަސް

މިހާރު ދެން އެކަކަށް ވެސް ވަޑާމު ސާމާނު ދޫނުކުރާން ނިންމާފައިވާކަމަށެވެ. އިންސާނެއް ވިއްޔާ ހަރުދަނާކަމެއް ހުންނާން ވާނެއެވެ. އެހެންވީމާ ކެޔޮޅަށް އިތުބާރު  ކުރެވުނަސް އެ ނިންމުން ބަދަލުކުރެވޭކަށް ނެތެވެ.

ކެޔޮޅު ގާތަށް އައީ އަލިފާން ކަހަލަ ރުޅިއެވެ. ކަނިބުރަބުރާ ހުރި މޫނަކާއެކު،  އެގެއިން ނިކުމެގެން ދަމުން މުދިންބެގެ ނޯއްމައްޗަށް ޝަހާދަތް އިނގިލިން ހުރި ތެދަށް ދޮށި އަޅާލާފައި ބުންޏެވެ.

ކެޔޮޅު:  ހަނދާންކުރާތި! މަށަން ވެސް ދުވަހެއް އަންނާނެ.

މަހެއްހައި ދުވަސް ފަހުން އައި ހުކުރު ދުވަހެކެވެ. ހުކުރު ބަންގިޔަށް ގޮވަން ވެގެން މުދިންބެ މިސްކިތްތެރެއަށް ކަޅި ހިންގާލިއެވެ. މިސްކިތުގައި ސާޅިސް ހަމަވެއްޖެތޯ ބަލަން ކަންކުރާ އުސޫލެއް ވެސް އޮވެއެވެ. އެއީ މިސްކިތު ދާލަމަތީ ބޮލި ވަށްޓެއް ބެހެއްޓުމެވެ. އޭގައި އޮންނާނީ 40 ބޮއްޔެވެ. ކޮންމެ ބޮޑު މީހަކު މިސްކިތަށް އަރާނީ އެ ތަނުން ބޮއްޔެއް ނަގައިފައެވެ. މުދިންބެ އެ ވަށިގަނޑު ބަލައިލި އިރު 1 ބޮލި އެބަ އޮތެވެ. އޭގެ މާނައަކީ މިސްކިތުގައި ތިބީ 39 މީހުންނެވެ. އަދި އެކަކު މިސްކިތަށް އަރަނިކޮށް އެ ދުވަހުގެ ހުކުރު ނަމާދު ކުރެވޭނެއެވެ. އެ މާތް ދުވަހުގެ ސަވާބާއި ނަމާދުގެ ދަރުމަ އެ ޖަމާޢަތަށް ލިބުނީއެވެ. އެހެންވީމާ އެކަން ދޫކޮށްލެވޭކަށް ނެތެވެ. އާދައިގެ މަތިން މުދިންބެ ދެން ކަންކުރައްވާނެ ގޮތަކީ ރަށުތެރޭގައި ހިންގެވުމެވެ. ހޮޅު އަށިތަކާއި އެ ފަދަ ބައެއް ތަންތައް ބެއްލެވުމެވެ. އެކި ގޭގެޔަށް ބޯ ދިއްކުރެއްވުމެވެ.

އަތިރިމަގުން ހޮޅުއަށިކައިރީ ބޮޑު ދިއްގާ ގަސްދަށުން އެބަ މީހެއްގެ ލިސާން ފެނެއެވެ. އިށީންދެގެން ކޮންމެ ވެސް މަސައްކަތެއް ކުރަން އިން މީހެކެވެ. ފެންނަނީ ފަހަތުން ކަމުގައި ވިޔަސް ފިރިހެނެއްކަން ވެސް އެނގެއެވެ. މުދިންބެއަށް އުންމީދު އާ ވެއްޖެއެވެ. ހުކުރު ނަމާދުގެ ޖަމާޢަތާއި ސަވާބު ލިބުނީއެވެ. އެ ހެން ރަށަކުން އެ ރަށަށް އައިސް އިން މީހަކު ހުކުރު މިސްކިތުގައި އިންނަ ނަމަ ވެސް، މި ވެނި ރަށެއްގައި ހުކުރުވެސް ހަމަ ނުވިޔޭ ނަމާދަށް ގޮސްގެން ވީ އެވެނި މިވެނިހެންނޭ ކިޔައި ފަތުރާން އޮތް ވާހަކަތަކަށް އެ ފުރުސަތު ވެސް ގެއްލުނީއެވެ. ހަމަ އެހެންމެ މުދިންބެ ބުނީމާ ފަހަށް ޖެހުނު، އިދިކޮޅު ހަދައި ބޯހަރުކަން ދެއްކި ހަމަ އެކަކު ވެސް މުދިންގެ މުޅި ޙަޔާތުގައި ވެސް ދެކެފައެއް ނުވެއެވެ.

މުދިންބެއަށް ބޮޑު ދިއްގާ ގަހާ ހަމަޔަށް އާދެވިއްޖެއެވެ. ނަސީބު ރަނގަޅެވެ. މަސައްކަތުގައި މި އިނީ ހަމަ ފިރިހެނެކެވެ. އަޙްމަދު ކެޔޮޅެވެ. އެއްކަލަ ކެޔޮޅެވެ. މުދިންބެގެ ވިސްނުމުގައި އެ ދުވަހުގެ ހަނދާން ހުރިހެއްނެއް ހީއެއް ނުވެއެވެ. އެކަމަކު ކެޔޮޅުގެ ހަނދާންތައް ތަފާތުވާނެ ދޮގެއްތޯއެވެ؟

މުދިންބެ: އަހާނ! އަހަންމަދުފުޅާ! ކޮބައި މިސްކިތައް ނުދަނީ ތަ؟ މިހާރު ހުކުރު ވަގުތު ވަދެއްޖެއްނު.

ކެޔޮޅު: ހޫނ!

މުދިންބެ:  މި އުޅެނީ ޖަމާއަތުގައި 40 ހަމަ ނުވެގެން. ހިނގައި  ގޮސްލައިދޭން. ހަމަ އެންމެ މީހަކު މަދުވަނީ. ހުކުރު ވަގުތަކީ ވަދު  ބަންނާން އިންނާންވީ ވަގުތެއް ނޫނެއްނު.

ކެޔޮޅު: ކޮބާ؟ ލަހެއްވި؟ ލަހެއްވި؟ މަ ބުނީ މެއްނު މަށަށް ވެސް ދުވަހެއް އަންނާނެޔޭ. ލަހެއްވި؟

މުދިންބެ: ހިނގާ ގޮސްލަން!

ކެޔޮޅު: ހީވޭ ކަމެއްހެން؟ މަގޭ ގާތު ވެސް ކަމަކު ކިޔަން ޖެހިއްޖެއްނު.  މަ ކިތަންމެ ނިކަމެއްޗަސް. ނުދާނަން. މުދިންބެ ބުނީތީ ވެސް ނުދާނަން.

ކޮންމެޔަކަސް މުދިންބެ މިސްކިތާ ދިމާޔަށް ހިންގަވައިގަންނާން  ޖެހުނީ އެކަނިމާ އެކަންޏެވެ. ކެޔޮޅުބޭގެ ނިންމުމަކީ މުދިންބެ ގާތު ކަމަކު ކީ ދުވަހު މުދިންބެ އެކަން ކޮށް ނުދެއްވީތީ، ކެޔޮޅުބެ ގާތު މުދިންބެ ކަމަކު ކިޔުއްވި ދުވަހު މުދިންބެއަށް ކެޔޮޅުބެ އެ ކަން ކޮށްނުދިނުމެވެ.  ހަމަހަމަކޮށް ކަންތައް ކުރުމަށް ޓަކައެވެ.


24.06.2020