އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން ފާހަގަ ކުރެވެނީ އިސްލާމީ ތާރީޚު ދިވެހީންނަށް ގެނެސްދެއްވުމުގެ އާދަޔާ ޚިލާފު މުތަރުޖިމެއްގެ ގޮތުގައެވެ. އެއީ ހިނގާ ގަލަންކޮޅެކެވެ. ތަރުތީބު މާނަވީ ޢިބާރާތްކުރުންތެރިއެކެވެ. މި ފަންނުވެރިކަމުގެ ތެރެއިން އަޅުގަނޑުގެ ވިސްނުމާއި ފިކުރު އަނެއްކާ ވެސް ޚާއްޞަ ފޮތަކާ ދިމާޔަށް އަނބުރައިލައިފިއެވެ. އެއީ ދާދި ފަހުން އޭނާ ތަޞްނީފު ކުރައްވައިފައިވާ ފޮތެކެވެ. ފޮތުގެ ނަމަކީ “ނަބަވީ ސީރަތާއި މި ޒަމާނުގެ މައްސަލަތައް“ އެވެ. ބަވަނަވަމުން ދާ އަދުގެ ދުނިޔޭގައި ފުނިޖެހިފައިވާ ހުރިހައި މައްސަލައެއްގެ ހައްލު މި އޮތީޔޭ، މި އިބާރާތްކޮޅު ބުނާ ފަދައެވެ.
ކީރިތި މާތް ނަބިއްޔާގެ ވަސްމީރު ސީރަތު ތަޙުލީލީ ނަޒަރަކުން ބަލައި، އެއީ އިންސާނީ ބަލިމަޑުކަމުގެ މުސީބާތްތަކުގެ ފަރުވާކަން، ޙަޔާތުގެ މައްސަލަތަކުގެ ހައްލުކަން، ބުނެދޭ ފޮތެއް މީގެ ކުރިން ދިވެހި ބަހުން ލިޔެ ޝާއިޢު ކުރެވިފައި އެބަ އޮތް ތޯއެވެ؟
ރަނގަޅު ޖަވާބަކީ “ނޫނެކޭ“ އެވެ. އެހެން ކަމަށް ވާ ނަމަ، 387 ޞަފުޙާގެ މައްޗަށް އެކުލަވައި އޮފު ކާރުދާހުގައި ޗާޕު ކުރެވިފައި ވާ މި ފޮތުގައި ހިމެނޭ 20 މަޒުމޫނު ވިދާޅުވެލައްވާށެވެ. ކޮންމެ މަޒުމޫނެއް ފަސް ހަ އަރިމަތީ ސުރުޚީއަށް ބަހައިލެވިފައި ވާ އިރު، ތާރީޚީ ގޮތުންނާއި ޢިލްމީ ގޮތުންނާއި މަންތިޤީ ގޮތުން ދައްކަވައިފައި އެހެރަ ހެކިތަކާއި ބުރުހާނުތައް ހާދަހައި ވާ ފުރިހަމައެވެ.
މުޞައްނިފުގެ މައިގަނޑު ޒުވާބަކީ ކައު އިތުރު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޙަޔާތްޕުޅުން ދުނިޔެއަށް އުނގަންނައިދެއްވި ނަމޫނާ ތަޢުލީމަކީ، ހުރިހައި އިންސާނުން އެ ތަޢުލީމަށް ޢަމަލުކޮށްފި ނަމަ، ދުނިޔޭގެ ހަމަނުޖެހުންތަކާއި އަރައިރުންތަކާއި ނުފުދުމުގެ ޙައްލެއް ކަމަށް ވާނެކަމެވެ. މި ސަބަބަށްޓަކައި ފޮތުގެ އެންމެ ފުރަތަމަ މަޒުމޫނުގައި ބަޔާންކޮށް ދެއްވަނީ އިތުރު މާތް ނަބިއްޔާގެ މަތިވެރި ޝަޚުޞިއްޔަތުގެ ފުރިހަމަކަމެވެ. ހުށަހަޅުއްވަނީ އެ ކަމާ މެދު ދިރާސާ ކުރެއްވި އިސްލާމީ އަދި ޣައިރު އިސްލާމީ މުހައްލިލުންނާއި މުފައްކިރުން ވެވަޑައިގެންފައި ވާ އިޢުތިރާފުތަކެވެ. އެމެރިކާގެ މަޝްހޫރު ލިޔުންތެރިއެއްކަމުގައިވާ މިސްޓަރ މައިކަލް އެޗް. ހާޓް (1978) ތަޞްނީފު ކުރެއްވި “ދި ހަންޑްރެޑް“ އިން ހެކި ދައްކަވައި ލިޔުއްވައެވެ. އޭނާ ކަށަވަރުކޮށްދެއްވައެވެ.
“ތާރީޚު ދެކެފައިވާ އެންމެ މުހިންމު ޝަޚުޞިއްޔަތެއްގެ ގޮތުން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އިންތިޚާބު ކުރުމަކީ ބައެއް ކިޔުންތެރީން އަޖާއިބު ވާނެ ކަމެއްކަން ނޭނގެއެވެ. ބައެއް މީހުން އެކަމާ ދެކޮޅު ހަދާނެކަން ވެސް ނޭނގެއެވެ. ނަމަވެސް ޙަޤީޤަތަކީ މުޅި އިންސާނީ ތާރީޚުގައި ވެސް، އެކަލޭގެފާނަކީ ދީނީ ގޮތުންނާއި ދުނިޔެވީ ގޮތުން މިސާލެއް ނެތް ފަދަ ކާމިޔާބީއެއް ހޯއްދެވި ހަމަ އެކަނި ޝަޚުޞިއްޔަތެވެ“ (ޞ، 29).
ލިޔުންތެރިޔާ މި ފޮތް ބައިކޮށްލައްވައި ވާ ގޮތް ވެސް މުހިންމެވެ. މައުޟޫޢުތައް އިޚުތިޔާރު ކުރައްވައިފައި ވާ ދާއިރާތައް ވެސް ބޭނުންތެރިއެވެ. އިލާހީ ވަޙްދާނިއްޔަތުގެ މައުޟޫޢެވެ. އިންސާނީ ހަމަހަމަކަމުގެ ބަހުސެވެ. ޢާއިލީ ތަރުބިއްޔަތުގެ މައިދާނެވެ. އިޤުތިޞާދީ ތިލަފަތް ހަމަ ނުވުމުގެ ހައިޖާނެވެ. ޢަސްކަރީ ސުންނާފަތި ކުރުމުގެ އާފާތެވެ. ޤާނޫނީ ފުށުއެރުންތަކުގެ އަރައިރުންތަކެވެ. އަންހެނުންނަށް ބޭ އިޙްތިރާމު ކުރުމުގެ ވާހަކައާއި، މުސްލިމުންގެ ބޮލުގައި އަޅުވަމުން ދާ ދޮގު ތުހުމަތުތަކަށް ދެއްވައިފައިވާ ފިސާރި ބުރަދަން ހުރި ރައްދުތަކެވެ.
ކޮންމެ ދާއިރާއެއްގެ މަޒުމޫނުތަކުގައި ވެސް ހިމަނުއްވައިފައި ވާ ތަދު ފުން މަޢުލޫމާތު ވަރަށް ޝައުޤުވެރިއެވެ. އަޅައިބެއްލެވުމާއި ނަތީޖާ ނެރުއްވުން އެހައިމެ ފުރިހަމައެވެ. ދިރާސާގެ ދާއިރާ ނުހަނު ތަނަވަހެވެ. ހުށަހަޅުއްވައިފައި ވާ ޢިލްމީ ޒުވާބުތައް ކިތަންމެހައި ވެސް ހިތްގައިމެވެ. އެއް ނުކުތާއެއްގައި ލަންޑަނުގެ ހަފުތާ މަޖައްލާ “އިކޮނޮމިސްޓް“ ގެ ދިރާސާއަކުން ނަކަލު ކުރައްވައި މުޞައްނިފު ލިޔުއްވައެވެ.
“ދުނިޔޭގެ ލީޑަރޝިޕް ހޯދުމަށް ހުޅަނގުގެ ތަހުޒީބާ ވާދަ ކުރެވޭނެ އޮތީ އެންމެ ތަހުޒީބެކެވެ. އެއީ އިސްލާމްދީނެވެ. އެހެންކަމުން އެ ތަހުޒީބާއި ހުޅަނގުގެ ތަހުޒީބާ ދެމެދު ކުރިމަތިލުމެއް ހިނގުމަކީނުވެ ނުދާނެކަމެކެވެ. އެހެނީ އިސްލާމް ދީނަކީ އައިޑިޔާއެކެވެ. މި އަދުގެ ދުނިޔޭގައި ހުޅަނގާ ވާދަ ކުރެވިދާނެ ބާރެކެވެ. އެ ދީނުގައި ޙައްޤު އެބަ އޮތެވެ“ (ޞ، 63).
އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން ލިޔުއްވައި ޝާއިޢު ކުރައްވައިފައި ވާ ޢިލްމީ ފޮތްތަކުގެ ޢަދަދު ގިނަގުނައެވެ. “އަހަރެމެން އިޚްތިޔާރު ކުރީ އެންމެ މާތް ދީން“ “އިސްލާމް ދީނާއި އިންސާނީ ޚިދުމަތް“ “އިސްލާމް ދީން – ރަށްވެހި ދުނިޔޭގެ މޭސްތިރި“ ފަދަ އެތަށް ފޮތެއް ތިޔަ ބޭފުޅުން ދެނެވަޑައިގެން ވާނެއެވެ. މިއިން އެނގެނީ މި ދާއިރާގައި ލިޔުންތެރިޔާގެ ތަޖުރިބާގެ ޚަޒާނާ ތަނަވަސްވާނެ މިންވަރާއި، މި ފަންނަށް ހުރި ދޮށިފުޅުކަމެވެ.
އެކަމަކު ދަންނަވަމެވެ. ތިބާ އުފާ ކުރައްވާށެވެ. “ނަބަވީ ސީރަތާއި މި ޒަމާނުގެ މައްސަލަތައް“ މި ނަން އެ އިޝާރާތް ކުރާ ފަދައިން، މުޞައްނިފުގެ ވިސްނުންފުޅާއި ދިރާސާ އެންމެ މި ޒަމާނުގެ ސައިންސާއި އިޤުތިޞާއި، އިންސާނީ މައްސަލަތަކުގެ ތެރޭގައި ތިބާއަށް ވުރެ މާ ޒުވާންކަންމަތީ ޙަރަކާތްތެރިވެފައި ވާތީއެވެ. ޢިލްމީ ރޮނގުން ލިޔުންތެރިޔާގެ ޒައުޤާއި ހުނަރު ފަންނާއި ފިކުރު ތިބާއަށް ވުރެ މާ ޒަމާނީކަމަށް ހަމަ އެކަނި މި ފޮތް ވެސް ހެކި ދެއެވެ.
ވަކިވެލުމުގެ ކުރިން މިހާރު ތިބާ ތިޔަ ކުރައްވާ ސުވާލުގެ ޖަވާބު ވެސް އަރުވާނަމެވެ. ފޮތް ބައްލަވައިގަންނަވާން ލިބިވަޑައިގަންނަވާނީ މާލޭގެ ފޮތް ފިހާރަތަކުންނެވެ. ހަމަ ގައިމު ވެސް އަޅުގަނޑު ފޮތެއް ގަތީ ސޯސަން މަގުގައި ހުންނަ ރާދަ ބުކްޝޮޕުން ނެވެ.
========================