ހިންދުކަނޑު ބުނަނީ މުޙަންމަދުތަކުރުފާނުގެ ނަންފުޅަށް

ކޮންމެ ރާޅެއް  ލެނބިލައޭ  ކުރުނީސްކުރަން ހިތްވަރުފުޅަށް

ކަނޑުގެ ބާޒުގެ ވަކިތަކުން ސުވަރުގެ އެކީ ލޫޓުވަނިކޮށް

ބަނޑުވަތަށް ވައްޓައި   އެ ދުއްވައިލެއްވިޔޭ  ނޭވައިކޮޅަށް

ވިދުވަރެއްހައި ހަލުވިކޮށް ޖެއްސެވި ޖިހާދީ ރޭހުގައި

ތެދުވެ ދަގަނޑުކެނޑުއްވިޔޭދަގަނޑުން އެދަގަނޑު ހަދައިހޮޅަށް

އޮއިވަރަށް އިވުމުން މި އަޑު ބުންޏޭ   އެއީ ވާ ނެއްވެކޭ

މޮއި ނަގައިފައި  އިދިވަޔާ  ފަހިވައިތެރޭ  ދުއްވެވި  މޮޅަށް

މާ ނަކަތު  ވިއްސާރަޔާ    ކޮޅިކޮޅިގަނޑާއި   ތެމާތެރޭ

ހާނަމުން އޮޑި ދުއްވިއޭ ވަދެ ނިކުމެ ކަނޑު ވިލު ފަޅުފަޅަށް

ތަރިތަކާ ހަނދު ބުނެލިއޭ ތިޔައީ ތެދޭ  ޝައްކެއް  ނެތޭ

ކުރިނުރައްކާ  ދަތުރުތައް  އެ،   ދުށީމެ    ބޭދާޅީކޮޅަށް

ރޫޙުފުޅު މިނިވަންކަމާ ލާމެހި  ޢަޒުމު   ސާބިތުކަމުން

ދޫކުރެއްވިޔެ  ދާންކޮޅާ  އަވަހާރަފުޅު  ވެސް   ލޮލުކޮޅަށް

ދުޝްމަނުން ފައްސާލުމާ  ދީނާ  ވަޠަންގެ  ދިފާޢުގައި

ފިސްވެ ޗިސްވެ ހަފުސްވިޔަސް އޭ އުފަލެކޭ  ވިސްނުންފުޅަށް

ރޫޅެމުން ދިޔަ ފުސްބުޑެއް އެ ވަގުތު ގޮވާލިޔެ ހަރުއަޑުން

ރޫރުލުން، ފަހަތަށް ޖެހުން، އަމުދުން ހަރާމޭ   ހިތްޕުޅަށް

ޖަންނަތުން ދިވެހީންގެ ދެން އައި ގަދަ ނިދާއެއް ބުނެލިއޭ

ދިން އެ ޤުރުބާނީންނެ އަޅުވެތިކަން އެ  ނިމުނީ  ކަށްވަޅަށް

ފަރި ނަޔާ  ފިނިފެންމަލުން ބަނދެގެން ރިވެތި އިކުލީލުތައް

އަރިހުގައި ހުއްޓޭށެ ގޮސް ލޯބިން އެ އުފުލާން   އަތުކޮޅަށް


3 މާރިޗު 2018

ފޮޓޯ:ފްރީލާރންސަސް ތުރީޑީ ޑޮޓްކޮމް.

ފޮޓޯގެ ކުރެހުން: ޙުސައިން ނިޔާޒު