މުޙަންމަދު ކަލީމަކީ ދިވެހިކުޅިވަރުގެ ތާރީޚުގައި ނަންހުރި އެއް ޝަޚްޞިއްޔަތެވެ. މަޝްހޫރު ސޮނީ ވިޔަފާރިގުރޫޕުގެ އެއް ހިއްސާދާރެވެ. ކަލީމު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 1 ޖޫން 1965ގައި މާލޭގައެވެ. ބައްޕައަކީ ހެންވޭރު އެނބޫގަސްދޮށުގޭ އިސްމާޢީލް އިބްރާހީމެވެ. މަންމައަކީ ޙައްވާ މަނިކެއެވެ. ޢާއިލާގައި ހިމެނިވަޑައިގަންނަވާ 9 ބޭފުޅުންކުރެ އެންމެ ދޮށީ ފިރިހެން ބޭފުޅަކީ މުޙަންމަދު ކަލީމެވެ. ދިވެހި ފުޓުބޯޅައިގެ މާޒީގެ ކުލަގަދަ ޞަފުޙާތަކުގައި އޭނާގެ ނަންފުޅު އެތައް ހައިސިއްޔަތަކުން ފެވިގެންވެއެވެ.
ކަލީމުގެ ތަޢުލީމީ ޙަޔާތްޕުޅު ފަށްޓަވައިފައިވަނީ 1970ގެ އަހަރުތަކުގެ ތެރޭގައެވެ. އެންމެ ފުރަތަމަ ވަޑައިގަތީ ނާޞިރިއްޔާ މޮންޓަސޫރީ ސްކޫލަށެވެ. އެއީ މިހާރުގެ އިސްކަންދަރު ސްކޫލެވެ. އެއަށް ފަހު މަޖީދިއްޔާ ސްކޫލުން ތަޢުލީމު ޙާޞިލުކުރައްވަން ފެށްޓެވިއެވެ. ދެން ފުޓުބޯޅައާއި ވޮލީއާއި ކްރިކެޓު ފަދަ ކުޅިވަރުތަކާއި އެހެނިހެން އިތުރު ޙަރަކާތްތަކުގައި ”ކަލީމު“ މި ނަމަކީ އެ ސްކޫލަށް ވަރަށް ފަރިތަ އެހައިމެ ޝައުޤުވެރި ނަމަކަށް ވެއްޖެއެވެ. 1983ވަނަ އަހަރު ކަލީމު ޖީސީއީ އޯލެވެލް ފުރިހަމަކުރެއްވިއެވެ. މިއާއެކު މެ އޭނާ ދުނިޔޭގެ ހަލަބޮލިކަމަށް ލޯހުވައިލުމުގެ އެންމެ އިސްއެދުރަކީ އެކަމުގެ މުދައްރިބަކީ އޭނާ ވިދާޅުވާގޮތުގައި އޭނާގެ ލޮބުވެތި ބައްޕައެވެ. އެ ގޮތުން ގޭގައި ބައްޕަކުރައްވާ ވިޔަފާރީގެ ތަފާތު އެކި މަސައްކަތުގައި ޢަމަލީ ގޮތުން އޭނާ ބައިވެރިކުރުއްވައެވެ. ކަންކުރައްވާ ގޮތުންނާއި ދެއްވާ އިރުޝާދުން ދިރިއުޅުމުގެ ޙަޔާތަށް ހާނުއްވައި ތަމްރީނުކުރުއްވައެވެ. ދުވަސްވަރަކީ ސޮނީގެ ވިޔާފާރި ފެށުނު ދުވަސްވަރެވެ. ވަރަށް އާދައިގެ ގޮތެއްގައެވެ. އޭރު ފިހާރައިން ވިއްކައި އުޅުނުތަކެތި ކަމުގައިވާ އަނބުފަނި ފޭރުފަނި ފަދަ އެއްޗެހި އަމިއްލައަށް ގިރުއްވައެވެ. ރިހާކުރާ ދިޔާހަކުރު މިިނެވިއްކުން ފަދަ އާދައިގެ އެތައް މަސައްކަތެއް ކަލީމު ކުރައްވައިފައިވެއެވެ.
”ﷲގެ އިމްތިޙާނުން އަހަރެން ވަކި އިސްތިސްނާވާކަށް ނުޖެހެއެވެ“ ކަލީމް.
ކަލީމަކީ ތަފާތު އެތައް ކުޅިވަރަކަށް ކުޅަދާނަ ކުޅުންތެރިއެކެވެ. ޤައުމީ ފެންވަރުގައި އޭނާވަނީ ފުޓުބޯޅަ، ވޮލީ، ކްރިކެޓް ފަދަ ކުޅިވަރުތައް ކުޅުއްވައި މަތީ ވަނަތައް ޙާޞިލުކުރައްވައިފައެވެ. އޭނާގެ މަޝްހޫރުކަމުގެ ތަރި އެންމެ ބޮޑަށް ފިޔަޖަހަން ފެށީ 1980 ގެ އަހަރުތަކުގައެވެ. 1987ވަނަ އަހަރުން ފެށިގެން 1998 އާ ހަމައަށް އޭނާ ވަނީ ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ރަން މަޤާމުތަކެއް ފުރުއްވައިފައެވެ. ނިއުރޭޑިއަންޓް ކްލަބުގެ ކެޕްޓަނުކަން އެތައް އަހަރަކު ކުރެއްވިއެވެ. އޭނާގެ މޭސްތިރިކަމުގެ ދަށުގައި ނިއުރޭޑިއަންޓް ޤައުމީ ފުޓުބޯޅަ މުބާރާތުގެ ޗެންޕިއަންކަމާއި ރަނަރަޕްކަން އެތައް ފަހަރަކު ހޯދައިފައިވެއެވެ. ފުރަތަމަ ސާފު ގޭމްސްގައި ފުޓުބޯޅައިން ރާއްޖެއަށް ލޯ މެޑެލް، އަދި ފަސްވަނަ ސާފުގޭމްސްގައި ރާއްޖެއަށް ރިހިމެޑަލް ލިބުނު އިރު، މި ދެ ފަހަރު ވެސް ކަލީމުގެ ކުޅުންތެރިކަން މުހިންމުދައުރެއް އަދާކުރިއެވެ. ވަކިން ޚާއްޞަކޮށް ފަސްވަނަ ސާފުގޭމްސްއިގައި ކަލީމަކީ ރާއްޖޭގެ ޤައުމީ ޓީމުގެ ކެޕްޓަން ވެސްމެއެވެ. ކޯޗެއްގެ ހައިސިއްޔަތުން ވެސް އޭނާ ދިވެހި ފުޓުބޯޅައަށް އަގުހުރި އެތައް ޚިދުމަތެއް ކުރެއްވިއެވެ.
މުޙަންމަދު ކަލީމު ފާހަގަކުރެއްވި ގޮތުގައި އޭނާގެ ޙަޔާތުގައި ވެސް ހިތްދަތި އިމްތިޙާނުތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. ފުރަތަމަ ފެށްޓެވި ޒަވާޖީ ޙަޔާތް ނާކާމިިޔާބުވި ގޮތެވެ. ބައްޕަ އަވަހާރަވުމެވެ. އަދި 2013 ވަނަ އަހަރު ދިފާޢީ ނިޒާމުގެ ކެންސަރުގެ އާލާސްކަންފުޅެއް ޖެހުމެވެ. ކެންސަރުގެ ބަލިން ސަލާމަތްވާން ދޭންޖެހޭ ފަރުވާތަކަކީ ވޭންހުރި ފަރުވާތަކެކެވެ. އޭގެ އިތުރަށް ކޭންބުއިމަށް ގެންނަން ޖެހޭ ބަދަލުތައް ވެސް އެހާ ތަފާތެވެ. ކާ ހިތްވާ އެތައް އެއްޗެއް ކެއުން ހުއްޓާލަން ޖެހުނެވެ. އެ ހުރިހައި ކަމެއް ބަރާބަރަށް ކަލީމު ކުރެއްވިއެވެ. މިހާރު ޙާލުކޮޅު ރަނގަޅެވެ. ކަލީމުގެ އިތުބާރަކީ އީމާނަކީ ﷲ ތިމަންނައަށް ރައްކާތެރިކަން ދެއްވާނެއެވެ. އެއީ އޯގާވަންތަ ޙިކްމަތްވަންތަ ރަސްކަލާނގެއެވެ.
ކަލީމު ދެ ކާވަނިފުޅެއް ބައްލަވައިގަތެވެ. 1995ވަނަ އަހަރު ފުރަތަމަ ކާވަނިފުޅެވެ. ނަސީބު ތަންނުދިނީތީ، އެ ގުޅުމަށް ނިމުމެއް ގެންނަވައި، 2002 ވަަނަ އަހަރު ދެވަނަ ކާވަނިފުޅެއް ބައްލަވައިގަތެވެ. ދެވަނަ ކާވަނިފުޅަށް ބޭފުޅަކު ލިބިވަޑައިގަތެވެ. މާލީގޮތުންނާއި ޞިއްޙީގޮތުން ފާގަތިކަމާއި ދުޅަހެޔޮކަން މިންވަރު ކުރައްވައިފައިވާތީ، ކަލީމުގެ ”މިއަދުގެ އުންމީދަކީ ދަރިފުޅުގެ މުސްތަޤުބަލު އުޖާލާވުން“ ކަން ވަރަށް އަސަރާއެކު އޭނާ ފާހަގަކުރެއްވިއެވެ.
ފޮޓޯ: މިހާރު ނޫސް.