ލޯތްބާއި ޙިމާޔަތުގާ  މި ދެ ލޯފުޅު  ލައްވާނދޭ!

އުފަލާ ހިނިތުންވުމުގައި  އުމުރެއް  ހެޔޮ  ދެއްވާނދޭ!

ރައްބީގެ ރިޢާޔަތުގާ ރަޙްމަތުގެ ހިމޭން  ހިޔަލުން

ޙައްޤާއި ރަނގަޅު މަގުގާ ނިޔަތާއި ބަހާ ޢަމަލުން

ދައްކާނެ   ނަމޫނާ މާތް  ސިފަތައް  ހަރުލައްވާނދޭ!

ތަޢުލީމުގެ ފުން ކަނޑުގާ އަގުހުރި ރަން މުތަކަށްވުން

ތަހުޒީބުގެ މެދު އުޑުގާ   ތަރިއެއްކަމުގައި ބެބުޅުން

މަތިވެރި މި ނަސީބު ލިބުން   މިންވަރުކޮށްދެއްވާނދޭ!

ތިޔައީ މަންމަގެ ދެލޮލާ، ލޮލުގައި ލެއްވެވި އަލި ނޫރް

ތިޔައީ  ބައްޕަގެ ހުރިހާ  އުންމީދުތަކާއި  ޝުޢޫރް

ވިޔަވަތި ފާގަތިކަމުގާ   މުޅި  އުމުރު  މެ ލައްވާނދޭ!

މީ ދުނިޔެ – މިއީ މާތައް،  ކުލަ ރީތި ބަގީޗާއެއް

ވީމާ ކަށިތައް ހެރުމީ  މި ޙަޔާތުގެ  ސަފުޙާއެއް

ވޭނާ އުފަލާ   އުފުލާން   ކެތްތެރިކަން ދެއްވާނދޭ!

ޚައިރީން – މަންމަގެ ދޫންޏާ!   ލޯބިން ފެންކަޅި މިވަނީ

ޚައިރީންގެ ދުޢާ މާދަން  އެދެމުންނެ މި ހިތް ހިނގަނީ

ޚައިރުލްބަދަލުން ދެ ޙަޔާތް ރޯޝަން ކޮށްދެއްވާނދޭ!

——————-

25.05.2020

ނޯޓު: މިއީ ވަކި ފަރާތެއްގެ އެދިވަޑައިގަތުމަށް ހެދިފައިވާ ޅެމެކެވެ.