ޢިޝާނަމާދުން ފައިބައިގެން ގެޔަށް ދިޔަ ގޮތަށް އަބޫ ބަކުރު އިށީނީ ބޮޑުކޮޓަރީގައި ހުރި ސޯފާ ގޮނޑީގައެވެ. މަޑު މަޑުން ލެނގިލި އިރު މޫނުމަތީގައި  ޅިޔަޖެހިލައިފައި އެހެރީ ހަމަ އެކަނި މުސްކުޅިކަމުގެ ރުލެއް ނޫނެވެ. ނިތްކުރިމަތީގައި  އުފުލިފައި އެ ހެރީ ނުތަވަސްކަމުގެ ރާޅުތަކެކެވެ. ބަކުރުގެ ފަހަތުން އައިސް އެ ގެއަށް ވަދެ އަދަރާދަ ގޮނޑިއެއްގައި އެ ފޫ ޖައްސައިލީ އަވަށްޓެރިއެކެވެ.  ކުރީގައި ސިފައިންގެ އިސް މަޤާމުތައް ފުރުއްވައިފައި ވާ، ނަމަވެސް މިހާރު ޤައުމުގެ އިސް ރަށްވެއްސެއްގެ ގޮތުގައި ހުންނެވި ޢަބްދުއްރައްޒާޤެވެ. އޭނާ މި ވަޑައިގަތް ވަޑައިގަތުމާއި  ބަކުރުގެ މިޒާޖުން މި ރޭ މި ފެންނަ ފެނުމާ ގުޅުމެއް އޮތް ކަމަށް ވެދާނެއެވެ. މިސްކިތުންފެށިގެން މިހައިތަނަށް އާދެވުނު އިރު ވެސް ބަކުރުގެ ކިބައިން ފެންނަނީ ހިމޭންކަން ވިއްޔާއެވެ! ބަސްމަދުކަން ވިއްޔާއެވެ! ކަންބޮޑުވުމާއި ހާސްވުމާއި ފިކުރުބޮޑުވު ވެސް މެވެ.

[އާ ބަކުރާ! މިރޭ ހާދަ ރަނގަޅު ނޫންހެން ހީވެޔޭ. ކިހިނެއް ވެގެން ތިޔަ އުޅެނީ؟ ކަމެއް ގޯސް ވީ ތަ؟] އާ ބަކުރަކީ، އަބޫ ބަކުރު މި ނަން ދުލަށް ފަސޭހަޔަށް ރައްޓެހީން ކިޔައި އުޅޭ ގޮތެވެ. ރައްޒާޤު ސުވާލު ކޮށްލެއްވީ އެ ނަމުންނެވެ.

[ކޮން ކަމެއް ރަނގަޅީ؟ ދުނިޔެ އުޅެ މުސްކުޅިވެއްޖެ. ލިބުނު ހަ ދަރީން އެތިބީ ތިބި ހާލު. ދޮށްޓަށް ހުރި މުވާތިނު ނޫނީ މީހެއް ކަހަލަ މީހަކު ނެތް. އެ ސޮރު ވާ ދެން ރަނގަޅު. އެކަމަކު ދެން ތިބި ކޮންމެ ދަރިއެއްގެ ފުށުން މި ވަނީ އުނދަގޫ. ގެއްލުން. އެއީ ހަމަ ބަލިމާނުންތަކެއް.] ޝަކުވާގެ ރާގެއްގައި ބަކުރު އުދާސްތައް އޮއްސައިގަތެވެ.

[މީހެއް ކަހަލަ މީހަކު ނެތޭ؟ އެ ކިހިނެއް ދަރީން ތަރުބިއްޔަތު ކުރެވިގެން؟ ދޮށީ ކުއްޖާ ބަކުރުގެ ދިރިއުޅުމަށް ހެޔޮ ފޯރުވާ މީހަކަށް ވެފައި. އަނެއް ކޮންމެ ކުއްޖަކު ދިރިއުޅުން ހަލާކު ކުރާ ކީހަކަށް ވީ ސަބަބު އޮންނާނެތާ! ތިޔަ ދެ މަފިރީންގެ ކާވަނީގެ ގުޅުން ވެސް ރަނގަޅު. ބަކުރު ކުރީން އެހެން މީހަކާ އިނދެފައި ވިޔަސް، އެހެން ބަނޑަކަށް ބަފަޔަކަށް ދެމީހުންނަށް ވެސް ލިބުނު ކުއްޖަކު ހުރީއެއް ނޫން.] ގިނަ ތަފުސީލުތަކެއް ބޭނުން ވެގެން ސުވާލު ކުރާ ޒާތަށް، ވަރަށް ޝައުޤުވެރިކަމާއެކު ރައްޒާޤު ސުވާލުތައް ކުރެއްވިއެވެ.

[ކޮބައިތަ އެހެން ކުދީންގެ މައްސަލައަކީ؟ ބައްޔަކީ؟ ނޫނީ ދޮށީ ދަރިފުޅު މާ ރަނގަޅު ވީ ސަބަބަކީ؟]

އާ ބަކުރަށް އެރީ ކުއްލި ހުއްޓުމެކެވެ. އޭނާ އިސްދަށަށް ޖަހައިލިއެވެ. އެ ސުވާލު ކުރި މީހާގެ ގޮތުން ކަމަށް ވެސް ވެދާނެއެވެ. ހިނދުކޮޅަކަށް ފަހު އަންހެނުންނަށް ގޮވައި ގެނެސް މި ތާނގައި ބޭނދިއެވެ. ދަރީންގެ ބަލިހާލި ނިއުޅައިގަތީ ދެނެވެ.

އެ ދެމަފިރީންގެ ދަރީން ކުރެ މުވާޠިނު ފިޔަވައި ދެން ތިބި ހުރިހައި ކުދީންތިބީ، ބަކުރު ބުނާ ގޮތުގައި  ބޮޑު ބަލިމަޑު ކަމެއްގެ ތެރޭގައެވެ. އެކި ކުދީންގައި އެކި ބަލި އެކި ވަރަށް އެބަ ހުއްޓެވެ. ހިތާމަޔަކީ ބޭސްފަރުވާ ކުރި އަރައިފައި ވާ މި އޮތް ފަދަ ޒަމާނުގައި އެއިން  ބައްޔަކަށް ފަރުވާ ލިބޭނެ ހަސްފަތާލެއް އަދި ދުނިޔޭގައި އަޅައިފައި ވެސް ނެތް ކަމެވެ.

އާބަކުރުގެ ދަރީންނަށް ޖެހިފައި ވާ އެއް ބައްޔަކީ ލޮލަށް ޖެހިފައި ހުންނަ ބައްޔެކެވެ. މި ބަލި ޖެހުމުން ނިދި ފިޔައެއް ޖަހައިލެވެނީ މެންދަމުން އަލިވެ ދޭއް ތިނެއް ޖަހާ ފަހުންނެވެ. ޅިނދުމަތީގައި ވެސް މައްސަލައެއް ނެތް ކަމެއް ނޭނގެއެވެ. ލައިގެން އުޅޭ ފަޓުލޫނެއް ޖީންސެއް ޅިނދުގައި ހަރުނުލާތާނގައި އެނދެއްގައި އޮށޯވެވެނީ އެހައި ދަން ވާ ފަހުންކަމަށް ވާތީއެވެ. އޮށޯވެ ނިދިއްޖެ ނަމަ އެއީ މަރު ނިންޖެވެ. ދެން ހޭވެރިކަމެއް ވަނީ، މެންދުރު އެގާރަ ބާރަ ޖަހާފަހުންނެވެ. އިރުގެ ހޫނު ދޯދިތައް އައިސް ގައިހަމުން ތެޔޮ ހިލުވައި ލީމައެވެ. މި ކަން ހައްލު ކުރެވޭނެ ހަމަ އެއް މަގެއް ވެސް އާ ބަކުރުގެ ދެމަފިރީންނަކަށް ނުހޯދުނެވެ.

ގަޑި ނޭނގުމުގެ ނުކުޅެދުންތެރިކަމަކީ އަނެއް މުސީބާތެވެ. އަތުގައި އަގު ބޮޑު ފޯނުތައް ހުރެއެވެ. އެ ފޯނުތަކުގައި ވަގުތު ބެލޭނެ ގޮތާއި ވަގުތު ރާވާނެ ގޮތުގެ ޕުރޮގުރާމުތައް ހުރެއެވެ. ކޮންމެ މީހެއްގެ އަތުކުރީގައި ވެސް މޮޅު ގަޑިއެއް އޮވެއެވެ. މީގެ އިތުރަށް ސައިކަލެއް ދީފައި ހުރެއެވެ. އެކަމަކު ގަޑިޔަކަށް ތަނަކަށް ދާން ވެއްޖެ ނަމަ، ބައިގަޑި އިރު ފަހުން ނޫނީ ފޯރާ ކަމަކަށް ނުވެއެވެ. ގަޑި ނުބަލާތީއެއް ނޫނެވެ. ވީމާ މީވެސް ތަހުލީލު ކުރާން ވެފައި ވާ ބައްޔެކެވެ.

ތިންވަނަ ބައްޔަކީ މަސައްކަތަށް އެލާޖިކު ވުމެވެ. މިއީ ވެސް މި ފަސްކުދީންގައި ވެސް ހުރި މައްސަލައެކެވެ. އަތުން ފައިން ކަމެއް ކޮށް ބުރައެއް އުފުލުމަކީ ދިރިއުޅުމުގައި ނެތް ކަމެކެވެ. މި ބަލި ޖެހުމުން ކަންކަމަށް ހުންނަ ޝައުޤުވެރިކަން މަރުވެދެއެވެ. މަސްއޫލިއްޔަތު އުފުލުން ހުއްޓިދެއެވެ. ކޮންމެ ގޮތެއް ވަރިހަމަވެދެއެވެ. އެހެން މީހުން ކެއްކީމާ ހިހޫތަނުން ކައިލައިގެން އުޅެ އުޅެ އެ ތިބެނީ ފުރާނަ ހިއްޕަވާން މަލަކުލްމައުތު ވަޑައިގަންނަވާންދެން ތޯއްޗެކެވެ.

ހަތަރުވަނަ ބައްޔަކީ މީރު ކެއުންތަކާ ދުނިޔެވީ ޝަހުވަތްތަކަށް ހެސްގަތުމެވެ. މި ކަމުގައި މި ކުދީން ވަނީ ހައްދުފަހަނައަޅައިފައެވެ. ކެއުމަކަށް މިނެއް އިމެއް އިރެއް ބިރެއް ނެތެވެ. ކަނީ ކާނެ އެއްޗެކެވެ. ބޮނީ ބޯނެ އެއްޗެކެވެ. ބޭނުން ވަރަކަށެވެ. ހަށިގަނޑުގެ އެ ނޫން ގޮވައިލުންތަކަށް އިޖާބަ ދިނުމުގެ ހަމަ އެކަނި މިންގަނޑަކީ ހަވާ ނަފުސު އެއީ އަރާމެކޭ ބުނެ އިޢުލާނު ކުރުމެވެ. ހަރާން، މަނާ، ގަވާއިދު، ޤާނޫނު، މި ފަދަ ލަފުޒުލަފުޒަކީ އެ ކުދީންގެ ބަސްފޮތުގައި ހުންނަ ލަފުޒުލަފުޒެއް ނޫނެވެ.

ފަސްވަނަކަމަކީ އަތުގެ ހުދުހަމަށް ޖެހިފައި ވާ ބައްޔެއް ކަމަށް ފެނެއެވެ. މި ބަލީގައި ވާ ގޮތަކީ މުށުތެރޭގައި ފައިސާ ހަރު ނުލަނީއެވެ. ލާރިއެއް މުށަށް ލައިފި ނަމަ ޒާތެއްގެ ކަރަންޓެއް އަންނަ ކަހަލައެވެ. އަބަދު ވެސް ބަލަނީ ކޮންމެ ވެސް ގޮތަކުން އެ ދުއްވައި ލެވޭތޯއެވެ. މި ސަބަބަށްޓަކައި އެހެން އެތައް ބަޔަކަށް ދަރައި ވިކިފައި ވެއެވެ.

ހަވަނަ ބައްޔަށް ބަކުރުބޭ ކިޔައި އުޅެނީ ތުންގަނޑު ހިބަރު ބައްޔެވެ. ހިބަރަކީ ފަސްރޮނގުމަސްހެން އައިން ހަދައިގެން ބައިބަޔަށް އުޅެވޭ އެއްޗަކަށް ނުވެފައި، އެއީ އައިނުގެ ތެރެއަށް ވަދެގަންނަ ނުރައްކަލަކަށް ވާތީއެވެ. އެހެނީ މީގެ ތެރޭގައި މީހަކާ ގުޅިގެން އުޅެވޭ، އުޅޭން ދަންނަ ހަމަ އެކަކު ނެތެވެ. މިއިން ކުއްޖަކު ތަނަކަށް ހިނގައްޖެއްޔާ އަރާރުމެއް ޒުވާބެއް ތަޅައި ފޮޅުމެއް ނޫނީ އުފަންވެފައެއް ނެތެވެ. ހަވާލުވެވިއްޖެ ކަމެއް ބޮއްސުންލުން ފިޔަވައި ތަޖުރިބާ ކުރެވިފައެއް ނެތެވެ.  ރީތިކޮށް ވާހަކަ ދައްކާކަށް ނުދަނެތެވެ. ވިސްނައިގެން މައްސަލައެއް ހައްލުކުރުމުގެ ކެތްތެރިކަން އަމުދުން ނެތެވެ.

ނަތީޖާއަކީ މި ފަސްކުދީންނަކީ މުޖުތަމަޢަށް ހުރި ބިރަކަށް ބުރަޔަކަށް ވުމެވެ. އެއީ މޭވާ ނާޅާ އާރުނުލާ، ހަމަ އެކަނި ފަތްވެރޭން ހުރި، އޭގެ ބާވަތް ނޭނގޭ ކަށި ގަސްތަކެކެވެ. އޭގައި ކާޅު ހާލި ހެދުމަށްޓަކައެވެ. ހުވަނި އެޅުމަށްޓަކައެވެ. ވިއްސާރައެއްގައި މަޑު ރޯޅިއެއް އަޔަސް، އެއްމެ ފުރަތަމަ ފުރާޅުމައްޗަށް ބިނދިގެން ވެއްޓޭނީ އޭގެ ގޮފިގަނޑުގަނޑެވެ.

މި ހުރިހައި ރިހުމެއް މިހާރު ޖަމާވެފައި ހުރީ މުސްކުޅިވެ ސެލްތައް މަރުވަމުން ދާތީ ބޯ ނުރަވެ ތަލަވަމުން ދާ އާ ބަކުރުބޭގެ ދެމަފިރީންގެ ބޮލުގައެވެ. އެމީހުންނަށް ނުނިދިގެން، މީހަކާ ރަނގަޅަށް ވާހަކަ ދައްކައި ނުލެވިގެން އެ އުޅެނީ މި ކަންކަމާ ހުރެއެވެ.

[ފަސްކުދީންގެ ބަލިތަކާއި މައްސަލަ އެނގިއްޖެ. އެކަމަކު މަ ކުރި ސުވާލުގެ އަނެއް ބައި ކޮބައި؟ މަ މި އަހަނީ ދޮށީ ކުއްޖާ އެހައި ތަފާތު ވީ، އޭނާ އެވަރުގެ ރަނގަޅެއް ވީ ކިޔެއްވެ ހޭ؟]  ބަކުރުބޭގެ ދެމަފިރީން ދެއްކި ވާހަކަތައް އަޑު އައްސަވައިފައި ރައްޒާޤު އަނެއްކާ ވެސް ކުރެއްވީ ހަމަ ކުރިން އޭނާ ކުރެއްވި ސުވާލެވެ. އޭނާގެ ސަމާލުކަން އޮތީ މުވާޠިނާ މެދުގައެވެ. ހީވަނީ ގަދަކަމުން ބަކުރުބޭ ލައްވައި ވަކި ވާހަކައެއް ބުނުއްވާން އުޅުއްވާ ހެނެވެ. މާޒީގެ ތެރެއިން ކޮންމެވެސް ކަމެއް ހަނދުމަފުޅަށް އައިސްފައި ވާ ފާޑު ރައްޒާޤުގެ މޫނުފުޅުމަތިން އެބަ ޖަހައެވެ.

[ތިޔަ ކަމުގައި އަހަންނަށް މިހާރު ވިސްނޭ އެއްޗެއް ރައްޒާގު ގާތުގައި ހަމަ ބުނާން ވީ ތަ؟]  ހުއްޓުން އަރާ ޒާތަކަށް ލަދުވެތި މޫނެއް ދައްކަމުން ބަކުރުބޭ މަޑުމަޑުން ބުނެލިއެވެ.

[އަޖާބު! ބުނީމައިތާ އެނގޭނީ! މަށަށް އެނގޭ ސުވާލު މި ކުރެވެނީ ނިއުކުލިއަރު ބޮމެއް ހަދާން ދަސް ކުރާކަށް ނޫން. އެހެން ނަމަތާ ދުނިޔޭގެ ބާރުތަކަށް އެނގިގެން އަހަރެމެން ހައްޔަރުކޮށް، ބުރީ ހަން ނަގައި، ދަންޖައްސައިފާނެތީ ޖެހިލުން ވާންވީ. މަ ބޭނުން ވަނީ ވެގެން އުޅޭ ގޮތެއް ސާފު ވާން] ތަންކޮޅެއް ނުރުހުމުގެ ރާގަކަށް އަޑަށް ބާރު ލައްވައިފައި ރައްޒާޤު ސުވާލު ކޮށްލެއްވިއެވެ.

[މި ވާހަކަ ރައްޒާގާ ދައްކާނެ ގޮތެއް ވެސް އަހަންނަކަށް ނޭނގެ. އަހަރެންގެ ހަނދާނަށް އެބަ އާދޭ. އެ ސޮރު ގުރޭޑު 12 ނިންމި އަހަރު ސިފައިންގެޔަށް ވެއްދިޔަ ނުދޭން މަ ކުރި މަސައްކަތް. އެކަމުގައި އެ ދުވަހު ރައްޒާގު ދެއްކި ވާހަކަ. އޭރު އެއީ މަޖުބޫރުކަމެއް. ފަހުން  މަ ކަހަލަ ދަރީން ދެކެ ކަނު ލޯބި ވީ އެތައް މައިން ބަފައިންނެއްގެ އުނދަގުލާ ހުރެ ކަމަށް ވެސް ވެދާނެ. ސަރުކާރުން އެކަން ހުއްޓަވައިލައްވައިފި. އެހެން ވީމާ މަގޭ ދޮށީ ސޮރު ފިޔަވައި ދެން ތިބި ފަސް ކުދީން އެ ތިބީ މިނިވަންކަމުގެ ޖަންގައްޔެއްގައި ބޮޑު ވާ މަޚުލޫޤުންނާ އެއް ގޮތެއްގައި ބޮޑުވެފާ] ބަކުރު ވަރަށް ފުން އަސަރާއެކު ހާމަ ކުރީ އޭނާގެ ފުރަތަމަ ދަރިފުޅުގެ ދިރިއުޅުމުގެ ކާމިޔާބީގެ ސިއްރެވެ. އަނެއް ފަސްކުދީން ހަލާކުވި ކަމަށް އޭނާއަށް މިހާރު ވިސްނޭ އެއް ސަބަބެވެ.

[މަ އޭރު ވެސް ބުނީމެއްނު. އެ ތަނުގައި ދުވަސްކޮޅަކު ތަޅުވައިލީމާ ހުންނާނީ މީހަކަށް ވެފަޔޭ. ތުއްތުކަމާއި ޅަކަން ކެނޑި އަމިއްލަ މައިކަށީގެ ބާރުގައި އަމިއްލަ ފައިމައްޗަށް ތެދުވެ ހިނގައި ބިނގައި، ބޭނުން ނަމަ ދުވެވޭ ވަރު ވެސް ވެފައި ހުންނާނީ.. ކޮބާ އެހެން ވީމާ މިހާރު އާބުކުރުގެ ވިސްނުމަކީ]  ރައްޒާޤު މި ފަހަރު ކުރެއްވީ ފިސާރި ވަރު ހުރި ސުވާލެކެވެ.

[މަގޭ ފަސް ދަރީން މި އުޅޭ ހާލުގައި މި ގައުމުގައި އުޅެނީ އެ ފަސް ކުދީން އެކަންޏެއް ނޫން ދޯ! އެތައް އާއިލާއެއް މި ވަނީ މި ހަލާކުގެ ތެރޭގައި. ނަތީޖާއަކީ މުޅި މުޖުތަމަޢު ’ހުސް ކުނިން ފުރުން‘. އެހެން ވީމާ އަހަންނަށް ކުއްލިއަކަށް މި އައި ޚިޔާލަކީ، ކުރިން ވެސް އޮތް ގޮތަށް، ނޫނީ އެއަށް ވުރެ ވެސް ހަރުދަނާ އުސޫލަކުން މި ކަން އޮންނާނެ ގޮތެއް ހެދުން. އެ ގޮތަކީ ކިޔަވާ ކުދީން ސިފައިންގެ ޚިދުމަތަށް ނެރުމަށް ބާރު އަޅާ ގާނޫނެއް ފާސް ކުރުން. ބޭނުން ވަނީ އެ ތަނުން އެ ދޭ ތަމްރީނުތައް. އެކަމަށްޓަކައި ޕެޓިޝަނެއް ހުށަހަޅަން ފެނޭ. މި ކަން ކުރެވޭނީ ވެސް ހަމަ ރައްޒާގަށް]  ބަކުރު ހުށައެޅީ ވަރަށް ޒަމާނީ ޚިޔާލެކެވެ.

ދެ ރައްޓެހީންގެ ވާހަކައިން ނިންމުނީ  އާ ބަކުރުބޭގެ ނަމުގައި މި މައްސަލައިގައި ޕެޓިޝަނެއް ލިޔާށެވެ. ބަކުރު ބުނެއެވެ. މި ލިޔާން ވާނީ ރައްޒާގެވެ.  ސިފައިންގެއިން އެ ކުދީންނަށް ދެވޭ ތަމްރީނާއި ލިބިދޭ ހުނަރުތަކުގެ މަޢުލޫމާތު  ބޮޑަށް އެނގޭނީ ރައްޒާގަށެވެ. މި ޕެޓިޝަނުގައި ދިވެހި ކޮންމެ ބެލެނިވެރިޔަކު ސޮއި ކުރާން ވާނެއެވެ. ޒިންމާދާރު ގުޅުންތެރި އުޅުންހުރި މުޖުތަމަޢެއް ބިނާ ކުރުމަށްޓަކައެވެ. އެ ފަދަ މަސްއޫލުވެރި ޖީލަކާ ނޫނީ މި ދިވެހި ޤައުމު މާދަމާ ހަވާލު ނުކުރުމަށްޓަކައެވެ.

ވިދިގެން އައިރޭ ޢިޝާ ނަމާދަށް ރައްޒާޤު ވަޑައިގަތީ އެ ޕެޓިޝަން ހިއްޕަވައިގެނެވެ. ނަމާދަށް ފަހު  ހަލުއި ހިންގެވުމެއްގައި އެ ވަޑައިގަތީ ބަކުރުބޭމެން ގެޔަށެވެ. ބަކުރާ ވެސް އެކީގައެވެ.

[މަ އިނގޭ ފުރަތަމަ ވެސް ސޮއި ކުރާނީ. މަގޭ ނަމުގައި ތިޔަ އޮންނާން ވާނީ ވެސް. ކޮންމެހެން ވެސް، މި ކަން ކުރާން ޖެހޭ ސަބަބު ވަރަށް ރަނގަޅަށް ލިޔެވިފައި އޮންނާން ވާނެ އިނގޭ!]   ބަކުރު ވަހާކަ ދައްކަނީ ވަރަށް ފޯރީގައެވެ. މި ކަމާ ރައްޒާޤު ހުންނެވީ ހައިރާންފުޅުވެފައެވެ. މީގެ އަހަރުތަކެއް ކުރީން ހަމަ މި ބަކުރުގެ ދޮށީ ދަރިފުޅު ސިފައިންގެއަށް ވައްދާން ޖެހިގެން އެކަން ނުކުރާން އެހައި ގަދަފައި ވިއްދި ބަކުރެއް މި އަދު މިހަރަ އުޅޭ ގޮތެއް ނިކަން ދެކި ބަލާށެވެ!

ރަނގަޅަށް ގޮނޑީގައި ހަމަ ޖެހިލެވުމާއެކު ރައްޒާޤު ހުދު ކުލައިގެ ސިޓީ އުރައެއްގެ ތެރޭން، ފަށްޖަހައިލައިފައި ވާ ކަރުދާސްގަނޑެއް ނަންގަވައި ދިއްކޮށް ލެއްވިއެވެ. އާ ބަކުރު އޭގައި ހިފައި ދަމައިގަތް އިރު ހީވީ ހައިވެފައި ވާ  ވެނެއް އިން ހަރެއްގެ އަނގަމަތިން އޮޔާ ދިޔަ މަސްފޮއްޗެއް އެ ވެން ނިކުމެ ކުއްލިއަކަށް ދަމައިގަތް ހެނެވެ. އެއަށްފަހު އަންހެނުން ލައްވައި، ފޮތް ބަލާ އައިނު ގެނެސްގެން، ލޮލުގައި އައިނު އަޅައިލުމާއެކު އެ ގަނޑު ނިއުޅައިލިއެވެ. ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ، ޕެޓިޝަން ހުށަހަޅާނެ ސަރުކާރުގެ ރަސްމީ ވަކި އިދާރާއެއް ކަނޑައެޅުމުގައި ބަކުރުގެ ލަފާ ބޭނުންފުޅު ވާތީ، ފެށޭ ފޮޅުވަތުގައި ފަންސުރަކުން ރައްޒާޤު ލިޔުއްވައިފައި އޮތް  [ކަމާ ބެހޭ ފަރާތަށް] މި ޖުމުލައެވެ.  ދެން ފުންކޮށް ވިސްނައިލީ ޕެޓިޝަނަށް ދެވިފައި ވާ ނަމަށެވެ. އެ ނަމުގައި ހިމެނޭ މާނަތަކަށެވެ. […..ތަރުބަވީ ޕެޓިޝަން]. އިރުކޮޅަކު ކަޅި ހުއްޓައިލައިގެން ވިސްނައިލާން އިނުމަށްފަހު،  ޒާތަކަށް ދެ ފަހަރަކު ހިކި ކެއްސުމެއް ކެއްސައިލައި ކަރު ކެހިލައިފައި ހަރު އަޑުން އެއްކަލަ ޕެޓިޝަން އެބަހަރަ ކިޔާން ފެށިއެވެ.  ނަސީބަކުން މާލޫދުބުރިއެއް ބުނާ ރާގަކަށް ނޫނެވެ.

ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

މިއީ ދިވެހިރާއްޖޭގެ މުސްތަޤުބަލު ބިނާ ކުރުމުގެ ޕެޓިޝަނެވެ. ދިވެހިރާއްޖޭގެ ކުރިމަގު އުޖާލާ ކުރުމުގެ ޕެޓިޝަނެވެ. ދިވެހީންގެ އަންނާން އޮތް ޖީލުތައް މި ގައުމަށް ލާބަހުރި ބަޔަކަށް ހެދުމުގެ ޕެޓިޝަނެވެ. މި ބިމުގައި އެ މީހުންގެ ޙަޤީޤީ ވަޒީފާ އަދާކުރާނެ ބަޔަކަށް އެ ޖީލުތައް ހެދުމަށްޓަކައި ކޮށައިލެވޭ ކާމިޔާބުގެ މަގެވެ. މި ކަމުގައި ދިވެހި އެންމެހައި ބެލެނިވެރީން ހިތާއި ރޫޙުން ބައިވެރިވަމުއެވެ.

ދިވެހިރާއްޖެއަކީ މިނިވަން ރާއްޖެއެކެވެ. ދިވެހި ކާބަފައިންނަކީ މިނިވަންކަމަށް ލޯބި ކުރި، އެ މިނިވަންކަން ދެމެހެއްޓި ފަޚުރުވެރި ބަޠަލުންނެވެ. މިނިވަންކަމުގެ ޙަޤީޤީ މާނަ ދެނެ ތިބެގެން މެއެވެ. ހިމުން ދޮންވެލީގެ  ފިނޮޅުތަކަކުން އުފެދުނު މި ޖަޒީރާތައް އެ ކާބަފައިން ބިނާ ކުރީ އަގު ނުކުރެވޭނެ ހިއްމަތުންނެވެ. ވަޒަން ނުކުރެވޭނެ ޤުރުބާނީންނެވެ. ދުނިޔެއާއި ދުނިޔޭގެ ތާރީޚު ހައިރާން ކުރި ޙިކްމަތެރިކަމުންނެވެ. އެ ޢިއްޒަތްތެރި ކާބަފައިންގެ ވިސްނުން ތޫނެވެ. އަތްތައް އުފެއްދުންތެރިއެވެ. މަސައްކަތުގައި މުރާލި މެއެވެ. ހިތްވަރާއި ޢަޒުމު ވަރުގަދައެވެ. ރަނގަޅު ހެޔޮ އަމަލެއް ކުރުމުގައި ޖެހިލުންވުމެއް ސިހުމެއް ނެތެވެ. ހީވާގިކަމާއި ހުނަރުވެރިކަމުގައި ލާމަސީލު ނަމޫނާތަކެކެވެ. ދީންވެރިކަމާއި ކުލުނުވެރިކަމާއި ދޭދޭ އަޚުވަންތަކަމަކީ އެ އައުދާނަ އަޖުދާދުންގެ އިޖުތިމާޢީ ޙަޔާތުގެ ފޭރާމެވެ. އިންސާނީވަންތަކަމުގެ ޒީނަތްތެރިކަމެވެ. އަދާ ހަމައަށް މި ޤައުމު ދުށް އަމަން އަމާންކަމާއި ފާގަތިކަމާއި ބާއްޖަވެރިކަމުގެ އަސްލަކީ މިއެވެ.

މި އަދު ދިވެހިރާއްޖޭގެ  ބެލެނިވެރީން ޤައުމީ ތަރުބަވީ ޕެޓީޝަނެއް ހުށަހެޅުމުގެ ބޭނުމަކީ، އަޅުގަނޑުމެންގެ ޝަރަފުވެރި ކާބަފައިން ފަދައިން ލޯ ހުޅުވިފައި ވާ، އުޅުން ހުރި ގޮތް ހުރި ޖީލުތަކެއް މި ބިމުގައި ބިނާ ކުރުމެވެ. ދިވެހި އުއްމަތުގެ މުސްތަޤުބަލު އެ ކުދީންގެ އަތްމަތީގައި އާރާސްތު ކުރުމެވެ. މި ޕެޓިޝަން ގޮވައިލަނީ، ނިޒާމީ ތަޢުލީމު ފުރިހަމަ ކުރާ ކޮންމެ ދަރިވަރަކު ދިވެހި ޤައުމީ ދިފާޢީ ބާރުގައި ދެ އަހަރު ދުވަހުގެ މުއްދަތަށް ޚިދުމަތް ކުރުމަށެވެ. އެކަން އެ ކުދީންގެ މައްޗަށް ލާޒިމު ކުރާ ޤާނޫނެއް ފާސްކޮށް ދިނުމަށެވެ. މަޤުޞަދަކީ، އެ ދެ އަހަރު ދުވަހުގެ ތެރޭގައި އޭނާ ފުރިހަމަ ކުރާ އަސާސީ ތަމްރީނުތަކަކީ މިހާރު މި ޤައުމުގެ ޒުވާނުންނަށް ދިމާވެފައި ވާ ހުރިހައި ބާވަތެއްގެ އިޖުތިމާޢީ ބަލިމަޑުކަމެއްގެ ފަރުވާ ކަމަށް ވުމެވެ.

ސިފައިންގެ އަސާސީ ތަމްރީނު އެ ތަމްރީނު ފުރިހަމަ ކުރާ މީހާ ވަގުތަށް ފަރުވާތެރި ކުރުވައެވެ. ކަންކަން ރާވައި ހިންގާން އަހުލުވެރި ކުރުވައެވެ. މީހުންނާ ގުޅިގެން މައްސަލަތައް ހައްލު ކުރުމުގެ ހުނަރުވެރިއަކަށް ހަދައިދެއެވެ. ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ވިސްނައި ފިކުރު ކުރުމުގެ ހަމަތައް އޭނާގައި އަށަގަންނަވައެވެ. ދޮވެ އިސްތިރި ކުރުމުން ފެށިގެން އަމިއްލައަށް ހެދުން އެޅުމާއި، ކާން ބޯން ތަށީގައި، އޫ ސަމުސަލުގައި ހިފާނެ ގޮތަށް ދާންދެން މި ތަމްރީނުގައި ދަސްކޮށް ދެވެއެވެ. މީގެ އިތުރަށް އަމުރަށް ކިޔަމަން ގަތުމާއި ޤާނޫނާއި ގަވާއިދުތަކަށް އުފަލުގައި ރުހުމުގައި ބޯ ލެނބުމަކީ މި ތަމްރީނު ދަސްކޮށް ދޭ އެއްމެ މުހިންމު އެއް ފިލާވަޅެވެ. ދީނީ ހަރާން ހަލާލާއި އާއްމު އަދަބު ސަދަބު ހިމެނޭ ގޮތުގައެވެ.

ޤައުމުގެ ކޮންމެ ޒުވާނަކު ޢަސްކަރީ ދާއިރާގައި ޚިދުމަތް ކުރުން މަޖުބޫރު ކުރުމަކީ އަޅުގަނޑުމެން އަލަށް ކުރާ ކަމެއް ނޫނެވެ. ޕޮލެންޑްގައި މި ޤާނޫނު އޮވެއެވެ. ޖަރުމަނާއި އޮސްޓްރޭލިޔާގެ ތަޖުރިބާއަށް ބައްލަވާށެވެ. ތަހުޒީބުގެ ނަމޫނާގެ ގޮތުގައި އެއްމެން ބަލާ މަޝްހޫރު ސިންގަޕޫރުގައި ވެސް މި އަދު ވެސް މިކަމަށް ޤާނޫނުތައް ހެދިފައި އެހެރީއެވެ. ބޭނުމަކީ ކުޑަ ކުއްޖާ މަންމަގެ ރަޙިމުތެރެއިން ގޭތެރެއިން ރަށުތެރެއިން ޤައުމުތެރެއިން  ދުނިޔެތެރެއަށް ނިކުންނަ އިރު އޭނާއަށް މި ތަންތާނގެ ތަފާތު އަންގައި ދެވިފައި އޮތުމެވެ. އެ ތަފާތާ އެކީގައި އޭނާގެ އުޅުން ބުޅުމަށް ގެންނާން ވީ ތަފާތު ދަސްކޮށް ދެވިފައި އޮތުމެވެ. ހުރިހައި ތަނެއްގައި ހުރިހައި ހިނދެއްގައި ފެނަށް ދިރޭ ގޮތް ހަދައިދިނުމެވެ. އޭގެ މަންފާ ކުރަނީ، ކުރާނީ ހަމަ އޭނާއަށެވެ. އޭނާގެ އާއިލާއާއި މުޖުތަމަޢާއި ޤައުމަށް ވެސް މެއެވެ.

[މީ ވަރަށް ބޮޑު ތެދެއް ރައްޒާގާ! މަގޭ މުވާތިނު ނުދަންނަ މަސައްކަތެއް ވެސް ނޯވޭ. ކައްކަން ދަނޭ. ކަރަންޓު މައްސަލައެއް ދިމާ ވިޔަސް އޭނަ އެކަމެއްގައި އުޅޭނެ. އެހައި ސާފު ތާހިރު ވެސް ވާނެ. ] ބަކުރަށް ވަރަށް ބޮޑަށް މި ވާހަކަތަކާ އެއްބަސް ވެވި ބައިވެރި ވެވިއްޖެއެވެ.   ސިފައިންގެ ތަމްރީނަކީ ހަމަ އެކަނި ވާލަށް ބަޑި ޖެހުމާއި މީދަލަށް ކޮކަޑިލާން ދަސްކޮށް ދިނުން ކަމަށް ކުރީގައި އޭނާއަށް ހީވެފައިއޮތް އޮތުމަކީ ކިހައިވަރެއްގެ ބޮޑު ކުށް ހީއެއްކަން މިހާރު އޭނާއަށް އިޙްސާސް ކުރެވިއްޖެކަން ކަށަވަރެވެ.  ބުމައިގެ އިޝާރާތަކުން ރައްޒާޤު އަނެއްކާ ވެސް އެންގީ ދެން އޮތް ޕެރެގުރާފު  ފެށުމަށެވެ.

އަސްކަރީ އަސާސީ ތަމްރީނު ނިންމުމުން ދެން  ފުރުޞަތު ލިބެނީ ސްޕެޝަލް ޓާސްކްފޯސްގެ ތަމްރީނުތަކަށެވެ. އެއަށްފަހު، ސްޕެޝަލްފޯސަސްގެ ތަމްރީނުތަކެވެ. ދެން އެން.ސީ.އޯ ކޭޑާއެވެ. އޭރު އެނާ ހުންނާނީ ޕްރައިވެޓް ރޭންކުން ނަން ކޮމިޝަންޑް އޮފިރަކަށް މަގާމު އުފުލިގެންދާ ފެންވަރުގައެވެ. މިހައި ހިސާބުން އަމިއްލަ ޒިންމާއާ ބެލެހެއްޓުންތެރިކަމުގެ ދަށުން އެތައް ބަޔަކު ބަލަހައްޓައި ގެންގުޅެވޭނެ ހުނަރުތައް ދަސްކޮށް ދެވެއެވެ. މި ކަމަށްޓަކައި އިތުރު ތަމްރީނުތައް ދެވެއެވެ. ޑްރިލިންގ އިންސްޓްރަކްޓަރ ކޯހެވެ. ސްވިމިންގ އިންސްޓްރަކްޓަރ ކޯހެވެ. ޕީޓީ އިންސްޓްރަކްޓަރ ކޯހެވެ. ވެޕަން އިންސްޓްރަކްޓަރ ކޯހެވެ. އަދި ޓެކްޓިކްސް އިންސްޓްރަކްޓަރ ކޯހެވެ. މި ފަދަ އެތައް ތަމްރީނެއް ލިބި ނިމޭ އިރު އޭނާ ހުންނާނީ އެތައް ބަޔަކު ގޮވައިގެން އުޅޭން، ކަންކަން ރަވައިގެން ކުރާން ފިރާސި ރަނގަޅަށް ދަންނަ މީހަކަށްވެފައެވެ. އަމިއްލަ ނަފުސުގެމައްޗަށް އިތުބާރު އުފެދި  ހަޔާތުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ފުރިހަމަ ޤާބިލުކަން ލިބިފައެވެ.

[އޭ ރައްޒާގާ! މިވަރު ކަމެއްކަން އެނގުނު ނަމަ މަވެސް މި ކޯސްތައް ހެދީމުސް. އޭރުން އަރާރުން ވިޔަ ނުދީ ދެ  އަނބިން ގެންގުޅުމުގެ ހުނަރު ވެސް ހުންނާނެ ދޯ!] ހިތް ހަމަ ޖެހުނުލެއް ބޮޑުކަމުން ކަންނޭނގެއެވެ. މިހައި ހިސާބަށް ކިޔައިފައި އާ ބަކުރު ފެށީ ސަމާސާ ކުރާށެވެ.

[ހެހެހެހެ! އެހެން ދޯ! އާނ! ނިންމައިލާ! ދެން އޮންނާނީ ފަހު ޕެރެގްރާފު] ރައްޒާޤު އިނީ ރާގު ހަދާ މީހަކު އޭނާހެދި ރާގު އެހެން މީހަކު ކިޔާ އަޑު އަހާން އިންނަހެން ރައްޒާޤުގެ އިބާރާތްތަކަށް ކަނުލައި އަހާށެވެ!

ވީމާ ދަންނަވަމެވެ. ދަރިވަރުންގެ މައްޗަށް ޢަސްކަރީ ޚިދުމަތާއި އެ ތަމްރީނު ލާޒިމު ކުރުމަކީ އެ ކުދީން ގާނައިލުމެއް ނޫނެވެ. އަދި ކިޔެއްތަ؟ އެއީ އެކުދީން ހާނައިލުމެވެ. އޭގެ ސަބަބުން އޭނާ މީހަކަށްވެދެއެވެ. މީހުންތެރޭ އުޅޭން އެނގެއެވެ. އެހެނީ އިސްވެ ދަންނަވައިލި ތަމްރީނުތައް ފުރިހަމަ ކޮށްފައި ވާ މީހެއްގައި ތިރީގައި މި ދަންނަވާ ސިފަތައް  ފުރިހަމައަށް އަށަގަނެ ހަރުލައިފައި ވާނެތީއެވެ.  އެ ސިފަތަކަކީ؛

އަމިއްލަ ނަފުސުގެ މައްޗަށް ފުރިހަމައަށް އިތުބާރު ލިބިފައިވުމެވެ.
ދީނާއި ޤައުމު ދެކެ ލޯބިވުމެވެ.
އަދަބު އަޚުލާޤާއި ގޮތް ހުރުމެވެ.
ކަންކަމާ މެދު ދެކޭ ގޮތް ރަނގަޅުވާނެއެވެ.
ގަޔާވެގެން ޝައުޤުވެރިކަމާއެކު ކަންކަން ކުރުމެވެ.

މި ފަސް ސިފަ ހުރެއްޖެ ކޮންމެ ދަރިޔަކީ  ދިވެހި ޤައުމަށް ފައިދާ ހުރި އަގުހުރި މުވާޠިނަކަށް ވާނެއެވެ. އޭނާގެ ހަކަތަ މި ޤައުމަށްޓަކައި ހޭދަ ކުރާނެއެވެ. އޭނާގެ ފުރާނަ މި ދީނަށްޓަކައި ހިބަ ކުރާނެއެވެ. އޭނާގެ ފިކުރު މި އުއްމަތުގެ ބާއްޖަވެރި މުސްތަޤުބަލަށްޓަކައި އިޚުލާޞްތެރިކަމާ އެކީ ދަމަހައްޓާނެއެވެ. އާއިލާގައި ލޮބުވެތި، މުޖުތަމަޢުގައި ނިޔަނެތި، ޤައުމުގައި ވިޔަވެތި ދަރިޔަކަށް އެ ޒުވާނާ ވާނެއެވެ. މި ސަބަބުތަކަށްޓަކައި ނިޒާމީ ތަޢުލީމު ފުރިހަމަ ކުރާ ކޮންމެ ދަރިވަރަކު އަސްކަރިއްޔާގައި ދެ އަހަރު ޚިދުމަތް ކުރުން ލާޒިމު ކުރާ ބިލެއް ހުށަހަޅައި ދެއްވުން އެދި މި ޕެޓިޝަނުގައި އަޅުގަނޑުމެން މި ލިޔުން ކީ ކޮންމެ ބެލެނިވެރިޔަކު ސޮއިކޮށް ހުށަހެޅީމުއެވެ.

އަބޫބަކުރު އިބުރާހީމް

(ސޮއި)

—————————–

ނިމުނީ

ނޯޓު: މިއީ ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ނެރުއްވާ އައްޑަނަ މަޖައްލާގައި ޝާއިޢުކުރެވިފައިވާ މަޒުމޫނެކެވެ.