ސަގާފަތަކީ އިންސާނީ ދޭދޭ ބާގަތަކުގެ ދިރިއުޅުމުގައި ހުރި ތަފާތުތައް ރަމްޒުކޮށްދޭ ޚާއްޞަ ކަންތައްތަކަކާއި ގޮތްތަކަކަށް، ޖުމުލަކޮށް ކިޔާނަމެކެވެ. މައިގަނޑުގޮތެއްގައި ޢިލްމުވެރީން މީގެ ތެރޭގައި ހިމަނުއްވަނީ އެ ބަޔަކު ދުނިޔެ ތަރުޖަމާކުރާ ގޮތާއި، ދީނާއި ޢަޤީދާއެވެ. ހެޔޮ ނުބައިކަނޑައަޅާ ގޮތާއި އިޖުތިމާޢީ އަގުތަކެވެ. ބަހާއި ޢިލްމުވެރިކަމާއި ފަންނާއި މިޔުޒިކާއި މަސައްކަތްތެރިކަންވެސް މެއެވެ. ދިވެހީން އިންސާނީ ވަކި ބާގަޔަކަށް ނުވަތަ ވަކި ޤައުމަކަށް ސިއްކަޖެހިގެންވަނީ މި ސަބަބުތަކާއެކީގައެވެ. ނަމަވެސް، އޮޅުމެއް ނެތް ޙަޤީޤަތަކީ ދިވެހީން ދިވެހީންނަށްވީ، ހަމައެކަނި މި ކަންކަން ދިވެހީންގެ ކިބައިގައި ހުރީތީ ނޫންކަމެވެ. އަދި ކިޔެއްތަ؟ ދިވެހީން ދިވެހީންނަށްވީ، އަދި ދިވެހި ސަގާފަތް ވަކި ސަގާފަތަކަށްވީ، މި ދެންނެވި ކަންކަމުގައި ދިވެހީންގެ އަމިއްލަކަން ރަމްޒުކޮށްދޭ ހަރުދަނާ ވަކި ސިފަތަކަކާއި ވަކި ގޮތްތަކެއް ހުރީތީއެވެ. ސުވާލަކީ މި ދެންނެވި ހަރުދަނާ ވަކި ސިފަތައް، ވަކި ގޮތްތައް މިއަދު ރޯވެ އާވެ ކުރިލައި ދިރެމުން އެބަ އާދޭ ހެއްޔެވެ؟ އެހެނީ ދިވެހި ޤައުމީ މާ ކަމުގައި ވާ، ފިނިފެންމާ ފަރިވެ ފޮޅުމަށް ޓަކައި، އެ ހިފަހައްޓާން ގޮފިގަނޑަށް ބޭނުންވާ ފަދައިން، ދިވެހި އުންމަތުގެ ވުޖޫދު ދުނިޔޭގައި އޮތުމަށްޓަކައި، އެ ނަގަހައްޓާން ދިވެހި ސަގާފަތަށް ބޭނުންޖެހިގެންވެއެވެ.
މި ކުރު މަޒުމޫނު ތިބާގެ ސަމާލުކަން އަނބުރައިލާނީ، ދިވެހި ސަގާފަތް މިހާރު ދިރެމުންދާ ގޮތުގެ މައްޗަށެވެ.
ދިވެހީންގެ ދީނަކީ އެއްކައުވަންތަކަމާއި އެއްއުންމަތްވަންތަކަމުގެ މާތް، އިސްލާމްދީނެވެ. ދިވެހީންނަށް ދީން ދަސްކޮށް ދެއްވާން އިހުގެ އެދުރުން ލިޔުއްވައިފައި ހުރި ހުރިހައި ފޮތަކުންހެން ފެންނަނީ މި އެއްގޮތްވަންތަކަން ހިފެހެއްޓުމަށް ދެއްވައިފައިވާ އިސްކަމެވެ. ބޮޑުތާހީދާއި، ބޮޑު ތަރުތީބާއި، ތަޢުލީމުއްދިޔާނާގެ ފޮތްބަޔާއި މިހެން ގޮސް، ރޭޑިއޯ ޓީވީ ޕްރޮގްރާމުތަކަށް ދަންދެނެވެ. އެހެންވީމާ ދީނީ ވަޙްދަތުގެ ލަނބުރާންތައް ފިސާރިޔަކަށް ހިފެހެއްޓިގެންވުމަކީ ދިވެހި ސަޤާފަތުގެ ބައެކެވެ. މާތުރަ، އިސްލާމުންގެ ދީނީ ވަޙްދަތު ނަގައިލުމަކީ ހުޅަނގުގެ މޭސްތިރިކަމުގެ ދަށުން މުޅި ދުނިޔޭގައި ކުރިޔަށްދާ ސިޔާސީ ޙަރަކާތެއްކަމުގައި ވެސް މި ފުރުޞަތުގައި ދަންނަވައިލަމެވެ. ކޮންމެޔަކަސް ދެން މިއަދު އަޅުގަނޑުމެންގެ ފިކުރުތައް ބައިބައިވެ، މުރަނަ ޚިޔާލުތަކުގެ މައްޗަށް ވާދަވެރިކަމާއެކު ބެހިފައިވާ މިންވަރާ މެދު ފިކުރުފުޅުކޮށްލައްވާށެވެ. އެއް ރަށެއްގައި ފަތިސް ނަމާދު ބަންގި ގޮވާން މުދިންބޭ މިސްކިތަށް ދިޔައިރު ހުރީ، މިސްކިތު ދޮރަށް ކަންޏާއެކު، މޮހޮރުޖަހައި މަލަރުކޮށްފައެވެ. ޤުނޫތު ކިޔާތީއެވެ. ދެން އޮތީ އިޖުތިމާޢީ އަގުތަކެވެ. އެއް މިސްކިތެއްގައި، އެއް ސަފެއްގައި، އެއް އިލާހަކަށް ސަޖިދަ ޖަހައިފައި ފައިބާ މުސްލިމު ދެ އަޚުންނަށް އެކަކު އަނެކަކާ ހަތަރުކަޅި ހަމަ ކޮށްނުލެވެއެވެ. ސަލާން ގަލާން ކޮށްނުލެވެއެވެ. ކީއްވެތޯއެވެ؟ ކޮންމެ މީހަކަށް އަނެކަކު، ހަރުބީ ކާފަރެއްގެ ސިފައިގައި ފެންނާތީއެވެ. މި ފަދަ ޙާލަތެއްގައި ދެން ދީނާއި އަޚުލާޤު އޮންނާނީ ކޮން ކަށްވަޅެއްގައި ތޯއެވެ؟ ލޯތްބާއި ކުލުނާއި ރަޙުމު ނެތްތަނެއްގައި އޮންނާނީ ކޮން ދީނެއްތޯއެވެ؟ ހަމަބުއްދިއަށް ގަބޫލުނުކުރެވޭ މަޒުހަބީ އަރާރުންތަކާއި ލޭއޮހޮރުވުންތައް އުފަންކުރި ނަޞާރާދީނުގެ ދަންނަބޭކަލުންނަށް އެ މަސައްކަތުން ކަނޑާން ލިބުނުހައި ވެސް ގޮވާމަކީ މިހާރު އެމީހުން އެދެކޭ އެއްވެސް ދީނެއް ގަބޫލުނުކުރާ ޒުވާން ޖީލުތަކެވެ.
ބަހަކީ ސަގާފަތުގެ ހިތެވެ. ބަސް ފަސާދަ ވެއްޖެ ނަމަ ސަގާފަތް ފަސާދަވާނެއެވެ. ބަސް ދިރުވައި އާލާކުރުމަށްޓަކައި އަޅުގަނޑުމެން ކުރާ އެއްކަމަކީ އަދަބީ ޙަރަކާތްތައް ބޭއްވުމެވެ. ވާހަކަދެއްކުމުގެ މުބާރާތްތަކެވެ. ޅެން ހެއްދުމެވެ. ބަނދި ހައްދައި ކިޔުއްވުމާއި ރައިވަރު ކިޔުއްވުމެވެ. ނަމަވެސް އަޅުގަނޑުމެންގެ ކުދީން މިއަދު މިކަންކަން ކުރާ ގޮތާއި ޙާލާމެދު ވިސްނައިލަމާތޯއެވެ. ރައިވަރަށް ބަލާނަމަ، ރައިވަރުގައި ބުނާ އެއްޗެއް އެކުދީންނަށް އަންގައިދީ މޭރުންކޮށްދެވިފައެއް ނޯވެއެވެ. ލަފުޒީ ތިލަ މާނައެއް ކިޔައި ނުދެވެޔެކޭ ނޫނެވެ. ނަމަވެސް މި ދެންނެވީ ވަކިވަކި ލަފުޒުތަކުގައި ވާ މަފުހޫމުތަކާއި އޭގެ ތަސްވީރު ކުދީންގެ ހިތްތަކަށް ފުނަށް ފޯރުކޮށްދެވިފައި ނުހުންނަ ވާހަކައެވެ. އެހެންކަމުން ކުދީން ކިޔާ ރައިވަރުގެ އިޙްސާސެއް އެ ކުދީންގެ ހިތަކު ނުހިނގައެވެ. ދެން އޮތީ ރައިވަރު ކިޔާ ރާގެވެ. އިހު ދިވެހީން ރައިވަރު ކިޔައި އުޅުނު ވަކި ރާގުތަކެއް، އޭގައި ހިފަހައްޓާ ވަކި ހަމަތަކެއް ހުއްޓެވެ. އުނދޯލި ރާގު، އިރުވައިތޮށީ ރާގު ފަދަ ރާގުތަކަކީ ވަރަށް އޭގެ އިޙްސާސް ފުން، ރާގުވަންތަކަން މޮޅު، މައް ދިވެހި ރާގުތަކެވެ. ނަމަވެސް 12 ވަރަކަށް އަހަރު މަދުރަސީ ފެންވަރުގެ އަދި ޤައުމީ ފެންވަރުގެ އަދަބީ އެތައް މުބާރާތަކަށް އިންސާފުކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ދަންނަވަން އެނގެނީ، ދިވެހިރައިވަރުގެ އަސްލުރާގު މިއަދުގެ ކިޔަވާ ކުދީންނާ ހަމައަށް ފޯރާފައި ނެތްކަމެވެ. އެކުދީނަން ފޯރުކޮށްދެވިފައި ވަނީ ރައިވަރުގެ ދެލިގަނޑެވެ. އޭގެ މާނަވިއްޔަތު ވީތަނެއްގައި ވެއްޖެއެވެ. ފަންނީ އަގު ހުދުކާފޫރަށްވެ ހިނގައްޖެއެވެ.
ކުދީންގެ ކިބައިގައި ބަހުގެ ހުނަރު އަށަގަންނަވާން ކުރެވޭ އަނެއްކަމަކީ ވާހަކަ ދެއްކުމުގެ މުބާރާތްތައް ބޭއްވުމެވެ. އެ މުބާރާތަށްޓަކައި ކުދީން އެތައް ވަގުތެއް ހޭދަކުރެއެވެ. މައިންބަފައިން ވެސް ހޭދަތަކެއް ކުރެއެވެ. ވާހަކަ ދެއްކުމުގެ ފަންނާބެހޭ ގޮތުން ލިޔެވިފައި ހުންނަ ފޮތްފޮތް ބުނާ ގޮތުން، މޮޅު ވާހަކަދެއްކުންތެރިކަމެއްގެ އެއް ސިފަޔަކީ، ވާހަކަ ދެއްކުންތެރިޔާ ބުނާ ވާހަކަ އަނެކާއަށް ބަލައިގަންނާން، ގަބޫލުކުރާން ޖެހުމެވެ. އެކަން އެ ގޮތުގައި ހިނގުމެވެ. މި ކަމަށްޓަކައި އެކަށޭނަ ޢިލްމާއި މަޢުލޫމާތު ހުންނަން ޖެހެއެވެ. ބަސް އެނގޭން ޖެހެއެވެ. އަދި ވާހަކަދެއްކުމުގެ ފަންނުގައި ބޭނުންކުރާ އުކުޅުތައް އަމިއްލަ އިޚްތިޔާރުގައި ބޭނުންކުރާން ދަތުމުގެ ޤާބިލުކަން ހުންނާން ޖެހެއެވެ. މި ފަދަ ވާހަކަދެއްކުންތެރީންތަކެއް އަޅުގަނޑުމެންނަށް ފެނޭބާވައެވެ؟ ތަމްރީނުކުރެވޭ ބާވައެވެ؟ ވާހަކަދެއްކިޔަސް، ޅެންކިޔުއްވިޔަސް، ލަވަކިޔުއްވިޔަސް، އަދަބާއި ފަންނުގައި ކުޅަދާނަ އަވަށްޓެރި އިންޑިޔާއިން ފެންނަ މަންޒަރެއް ދަންނަވައިލާނަމެވެ. އެމީހުން ފުރަތަމަ ބާއްވަނީ މުބާރާތެއް ނޫނެވެ. އަދި މުބާރާތަށް ފަރިތަކުރުމެއް ވެސް ނޫނެވެ. އެމީހުން ފުރަތަމަ ބާއްވަނީ އެކަމެއް އެކަމެއްގެ ގޮތުގައި އުނގެނުމެވެ. އުނގަންނައިދިނުމެވެ. މިންނަތާއި ހިންމަތާއި ޤުރުބާނީގައި އެތައް ދުވަހެއް ވޭތުކުރުމެވެ. ދަރިވަރުންނާއި ބެލެނިވެރީންނާއި ދަސްކޮށްދޭ މީހުންގެ ގުޅުންތެރިކަމާއި ދޭދޭ ކަމޭހިތުމާއި، އަދި ކޮންމެ ފަރާތަކުން މެ އެ ފަރާތެއްގެ ޒިންމާ ފުރިހަމައަށް އަދާކުރުމެވެ. އިމްތިޙާނުތަކާއި ވަޒަންކުރުންތަކާ ކުރިމަތިލައި، ފޭލިވެ، ފާސްވުމެވެ. ރުއިމާއި ހިނިތުންވުމެވެ. ކެތްތެރިވުމާއި ޝުކުރުވެރިވުމެވެ. މި ގޮތުން އުފެދޭ ފަންނުވެރީން ބޮޑު ޢީދަށް ތިޔަ ބޭފުޅުން ތިޔަ ގެންނަވަނީ ވަރަށް ބޮޑު އަގުދެއްވައިފައެވެ.
ދިވެހީންގެ ޒަމާންވީ ކުޅިވަރުތަކަކީ ނުވަތަ އެ ކުޅިވަރުތައް ކުޅެމުން އައި ގޮތަކީ ދިވެހި ސަގާފަތުގެ ވަރަށް މުހިންމު އެއްބައެވެ. އެ ކުޅިވަރުތަކަށް ހެދުން އެޅުމާއި ނަލަހެދޭ ގޮތެވެ. އެ ކުޅިވަރުތައް ކުޅޭގޮތެވެ. އޭގައި ވާ އަމިއްލަ ދިވެހި ފަންނުވެރި މީޒާއެވެ. ހަނދާނަށް އަންނަނީ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުޙަންމަދު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނަށް ދިވެހި ސަގާފީކުޅިވަރު ދައްކައިލުމުގެ ގޮތުން ތާރާޖަހާން އަންނާން ޖެހިގެން، އަޅުގަނޑުގެ ބައްޕައާއި ތޮއްޑޫ އުތުރުއަވަށު އެތައް ބަޔަކު އެކަމަށް ތައްޔާރުވި ގޮތެވެ. ތާރަ ތުންތައްޔާރުކުރުމާއި ހަންއެޅުމާއި ދަނޑީމާލުމާއި މިއިން ކޮންމެ ކަމެއްގައި ހުރި އޮމާންކަމެވެ. ހެދުން އަޅައި ނަލަހެދުމުގައި ވަކި ހަމަތަކަކަށް އެންމެން ފެތެން ޖެހުނެވެ. ލިޔެވިފައި އޮތް ޤާނޫނެއްގެ މާއްދާއަކަށް އަމަލުކުރާން ޖެހިގެނެއް ނޫނެވެ. ދޮށީންގެ ގަބޫލުކުރުމުގައި ނުވަތަ ސަގާފަތުގައި އެ ކަން އޮތްގޮތެވެ. ނިޔަފަތި ކަނޑާން ޖެހުނެވެ. ރީތިކޮށް ބޯކޮށައި ތުނބުޅި މަތިމަސް ހަދާން ޖެހުނެވެ. ބޮލުރުމާ ތާންޖެހުމާއި ތެޔޮ ރުމާފަޅިތައްޔާރުކުރުމާއި މި ފަދަ އެތައް ކަމެއް، ހޭލައި ދަމަށް ތިބެ ރަނުން ރަނަށް ކުރިއެވެ. ހަމަ އޭގެ ފަހުން ކ. މާފުށްޓަށް ބޮޑުފާތިޙާޔަށް (ތާރަޖަހާން ދާ ދިޔުމެއް) ދިޔަ ދަތުރެއްގައި ސީދާ އަޅުގަނޑު ބައިވެރިވީމެވެ. ކޮންމެ ނަމާދުވަގުތަކު އެންމެން އެކީގައި މިސްކިތަށް ނަމާދަށް ވެސް ދާން ޖެހެއެވެ. ނުވަތަ ދެއެވެ. ދެން މިއަދު ސަގާފީ ކުޅިވަރުތައް ކުޅޭ މީހުންގެ އަޚްލާޤާއި، އެމީހުން ތިބޭ ސިފަ ހިތްޕުޅަށް ގެންނަވާށެވެ. ރާއްޖެ ތަމްސީލުކުރާން އެކި ކަރަކަރަޔަށް، އެކި ވިލާތްވިލާތައް އަޅުގަނޑުމެން އެބަ، ބަގަތައް ފޮނުވަމުއެވެ. ދިވެހި ސަގާފީ ކުޅިވަރު ކުޅޭން މައްދިވެހީން ތިބި އަދަބުވެރި ސާދާ ތާހިރު ނިޔަނެތި ގޮތާއި އަދު މި ފެންނަ ގޮތާ ……. އިތުރަށް ތަފުޞީލު ކުރާނެތޯއެވެ؟
ކުޅިވަރު އޭގެ ގޮތުގައި ކުޅުމަކީ އަދި އެހައިމެ މުހިންމުކަމެކެވެ. އެއީ ތާރަކަމަށް ވިޔަސް ނުވަތަ ބޮޑުބެރުކަމަށް ވިޔަސް ނުވަތަ އެ ނޫން އެއްޗެއްކަމަށް ވިޔަސްމެއެވެ. އެހެނީ ދިވެހީންގެ އަމިއްލަކަން ވަނީ، ބެރަކު ތާރަޔަކު މުންޑަކު ނޫނެވެ. އަދި ކިޔެއްތަ؟ އެ އަމިއްލަކަން ވަނީ، ބެރުތާރަ ޖަހާގޮތާއި މުންޑާއި ފޭލި އަންނަ ވައްޓަފާޅީގައެވެ. ދިވެހީންގެ ކޮންމެ ކުޅިވަރެއްގައި އަދަބުވެރި އެތައް ހަމަތަކަކާއި ފަންނުވެރި އެތައް ހުނަރުތަކެއް ހުރެއެވެ. ބެރުޖެހުމާއި ތާރަޖެހުން ވެސް އެ ފަދައެވެ. ބެރުގައި ޖަހާޖެހުމެވެ. މާނަ ޖަހާ މީހުންގެ ދައުރެވެ. ފުނަ ޖަހާމީހާގެ އެމުނުންތަކެވެ. ކުޅިޔަށް ލަވަ ބަދަލުވާ ގޮތެވެ. އޭގެ ދަނޑިވަޅުތަކެވެ. ތޮއި އަޑާއި ބުންއަޑުގެ ގުޅުންތަކެވެ. ޖެހޭ ލަވައިގެ ބާވަތެވެ. ލަސްލަވައިން އަވަސްލަވައަށް ނަގުލުވާ އޮމާންކަމެވެ. ނަށާނެށުމުގައި ހަށިގަނޑަށް ގެންނަ ހަރަކާތްތަކާއި އެ ހަމަކުރާ ދަނޑިވަޅުތަކެވެ. މިއިން ކޮންމެ ކަމެއްގައި ހުންނަ ތަފާތު އަމިއްލަ ގޮތެވެ. މި ކަންކަން މިހާރު ފެނޭތޯއެވެ. އެންމެ ރީތިކޮށް މިހާރު ފެންނަނީ ބެރުގެ އޮނިގަނޑެވެ.
ބަލަ ސަގާފަތަކީ ވެސް، ދުނިޔޭގެ ކޮންމެ ކަމަކީ ވެސް ބަދަލުވާނެ އެއްޗެކޭ ފަހަރެއްގައި މީހަކު ބުނެފާނެ ދޮގެއްތޯއެވެ؟ އެއަށް އެންމެ ފުރަތަމަ އާނއެކޭ ޝައްކެއް ވެސް ނެތޭ ބުނާނީ އަޅުގަނޑެވެ. އެކަމަކު އެއާއެކު ކޮށްލަން ޖެހޭ ސުވާލެއް އެބަ އޮތެވެ. އެ ބަދަލު އަންނާން ވަކި ގޮތެއް ނޯވޭ ހެއްޔެވެ؟ ޖަވާބަކީ އޮވެއެވެ. އެއީ އޭގެ ޠަބީޢަތުގައި އަންނަ ބަދަލެވެ. ނުރަނގަޅު އާދަތައް ދޫވަމުން، ފަނޑުވަމުން ހެޔޮ ގޮތްތަކަށް ހޭނެމުން ތަހުޒީބުވެ އިންސާނީ މީސްވަންތަކަން ކުރިއަރައިދިޔުމެވެ. ފަހަރެއްގައި ވެސް ސަގާފަތަށް ބަދަލުއައުމަކީ، އިޖުތިމާޢީ އަޚްލާޤިއްޔާތާއި، ފިކުރީ މަޢުނަވިއްޔާތާއި، ފަންނާއި ހުނަރުތައް ޖާހިލުކަމުގެ އުޑީގައި މުގުރައި ފުށަށް ހަދައިލުމެއް ނޫނެވެ. މި ކަމަށް ތާއީދުކޮށް ވަކާލާތުކުރައްވާ އެއްބޭފުޅަކީ، އިޖުތިމާޢީ ޢިލްމުގެ މާހިރެއްކަމުގައިވާ އެންޓަނީ ގިޑެންސްއެވެ. އޭނާ ބަޔާންކުރައްވާ ގޮތުގައި ސަގާފަތަކީ ބައެއްގެ އަމިއްލަވަންތަކަން ދެމި އޮތުމުގެ އަސްލެވެ. މުޖުތަމަޢެއްގެ އިސް ރަށްވެހީންގެ ތެރޭން ނަގުލުވެގެން އެއްޖީލުން އަނެއް ޖީލަށް ވާރުތަވެ، އެންމެން ބަލައިގަންނަ އުސޫލުތަކަކާއި ހަމަތަކެއްގެ ގޮތުގައި ހުންނަ އާދަކާދަތައް ސަގާފަތެއްގައި ވެއެވެ. އޭގެ ޒާތުގައި އެ ތަރައްޤީވެއެވެ. ނަމަވެސް މި ޠަބިޢީ ހަމަ ފިޔަވައި، ދުނިޔޭގެ ވަކި ވަކި ޤައުމުތަކުގެ ސަގާފަތްތަކަށް މިއަދު ވަރަށް ބޮޑު ބިރެއް އެބަ އޮތެވެ. އެއީ ގުލޯބަލައިޒޭޝަންގެ ބިރެވެ. މިއީ ދުނިޔޭގައި އެއްއާދަކާދަތަކަކާއި އެއް ގަބޫލުކުންތަކެއް އިންދައިދޭ ބާރުގަދަ ސިޔާސީ އަދި ވިޔާފާރީގެ ޙަރަކާތެކެވެ. މި ކަމުގެ ނުރައްކަލުގެ ބޮކި މިހާރު ވެސް ހުރީ ދިއްލި ރަތްވެފައެވެ.
އާދެ! ފުނޑުފުނޑުވަމުންދާ ސަގާފީ ބަހާތައް ހިމުންވަމުން، ފުރެއްދެ ނުފޫޒުތަކާއެކު ގެށެމުން މި ދަނީ މި ދެންނެވި މާސިންގާ ޙަރަކާތުގެ އޮއިވަރުގެތެރޭގައެވެ. ޙާލަތު މިހެން އޮތް އިރު، މި މަޒުމޫނު ލިޔާންވެގެން ތިން މަދަރުސާއަކާއި ޔުނިވަރސިޓީއެއްގެ ބައެއް ދަރިވަރުންނާއި މުދައްރިސުން ލައްވައި ސާޅީހަކަށް ސަރވޭ ފޯމު ފުރުވީމެވެ. ފޯމު ފަރުމާކުރެވިފައިވާ ގޮތުގެ ތަފުޞީލަށް ނުދަމާތޯއެވެ. ދެނެގަންނާން ބޭނުންވީ ’ދިވެހި ސަގާފަތު‘ މިހެން ބުނީމާ އެންމެ ފުރަތަމަ އެއިން ހިތަށް ލިބިދޭ މާނައަކީ ނުވަތަ ސިކުނޑީގައި ކުރެހޭ ތަސްވީރަކީ ކޮބައިތޯއެވެ. ބޭނުމަކީ އެ ދެ ލަފުޒުގައި ވާ ފުން މާނަތަކަށް އަޅުގަނޑުމެންގެ ބުއްދިޔާއި ލޯ ދިލިފައިވާ މިންވަރު ދެނެގަތުމެވެ. ސަރވޭގެ ބައިވެރީންކުރެ %83 މީހުން ގެ ޖަވާބަކީ ’ދިވެހި ސަގާފަތް‘ މިހެން ބުނީމާ އެންމެ ފުރަތަމަ ހިތަށް ސިފަވަނީ ރަތް ލިބާހަކާއި މުންޑެއްކަމަށެވެ. ނުވަތަ ބޮޑުއީދުގެ ބޮޑުމާއްޔެވެ. ދެން ތިޔަ ބޭފުޅުން ވިސްނައިވަޑައިގަންނަވާށެވެ!
މި މަޒުމޫނުގެ މައުޟޫޢަކަށް އަޅުގަނޑު ލިޔެގެން މި އުޅެނީ ދިރެމުންދާ ދިވެހި ސަގާފަތެވެ. ދިރުމުގެ މައިގަނޑު ދެ މާނައެއް ދިވެހިބަސް ފޮތުގައި އޮވެއެވެ. ދަނޑެއްގައި ގަސްތަކެއް ރުވީމާ އެ ގަސްތައް މޫލައި ހެދޭން ފެށުމަކީ އެ ދަނޑު ދިރެމުންދިޔުމެވެ. އަނގަޔަށް އެއްޗެއްލައި ހަފައިލައިފައި އެތެރެއަށް ހިފީމާ އެ އެއްޗެއް ވެސް ދެން ދާނީ ދިރެމުންނެވެ. އެހެންކަމަށް ވާ ނަމަ، ދިވެހި ސަގާފަތް މި ދަނީ ”ދިވެހީންގެ މުބާރަކް ފެހި ދަނޑުގައި“ ދިރެމުން ބާވައެވެ؟ ނޫނީ ދިވެހި ސަގާފަތް މި ދަނީ ހުޅަނގުގެ ގުލޯބަލައިޒޭޝަނޭ ކިޔުނު، ކަޅު ދެޔޯގެ އަރުތެރެއިން ދިރެމުން، ނޫން ބާވައެވެ؟
——————————————
މިއީ ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ނެރުއްވާ އައްޑަނަ މަޖައްލާގެ އަދަދެއްގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.